“މަންމާ. އަހަރެން ބޭނުމެއް ނޫން އާއިޒުއާ ގުޅޭކަށް. އަހަރެން އޭނަ ދެކެ ކުޑަމިންވަރަަކަށްވެސް ލޯތްބެއް ނުވަން. އެއީ ތިހީކުރާކަހަލަ ރަނގަޅުމީހެއް ނޫން. އޭނަ އެހުރީ މަންމަމެންގެ ލޮލުގައި އަނދުން އަޅުވާފަ. މަންމާ. ހެެޔޮނުވާނެ. މިކައިވެނި ހުއްޓުވައިދީ.” ޔާނާ ރޮމުން ވާހަކަ ދައްކަމުން ދިޔައިރު ހާމިޒާއަށް ހުރެވުނީ ދެލޯބޮޑުކޮށްލައިގެންނެވެ. އޭނޭގެ ފުރާނަފަދައިން ލޯބިވާ ދަރިފުޅުގެ ހިތަށް ކޮށްފައިވާ އަސަރު އިހްސާސްކުރެވި ބުނާނެ އެއްޗެއް ނޭނގިފައެވެ. ޔާނާ ހުރިހާ ވާހަކަތަކެއް ކިޔައިދޭން ފެށިއެވެ. އާއިޒު ކަންކުރާ ގޮތުގެ ވާހަކައެވެ. މަންމަމެންގެ އެދުމާ ދެކޮޅު ނަހަދަން ކުރެވުނު ހިތްވަރުގެ ވާހަކައެވެ.
ހުރިހާ ވާހަކަތަކެއް ކިޔައިދެމުންގޮސް އެންމެ ފަހުން އެހެން ކުއްޖެއް ދެކެ ލޯބިވާ ވާހަކަވެސް ބުންޏެވެ. ކުޑައިރުއްސުރެވެސް ލޯބިވާކަމާއި ނަމަވެސް މިހާރު އޭނާ ވީތަނެއް ނޭނގޭކަމުގެ ވާހަކައެވެ. ޔާނާ ހުރިހާ ވާހަކަތަކެއް ކިޔައިދީ ނިމުނު އިރު ގިސްލެވެއެވެ. ހާމިޒާ މަޑުމަޑުން ޔާނާ ގަޔާ ދުރުކޮށްލިއެވެ.
“ދަރިފުޅާ. އެއީ ކޮން ނަމެއް ކިޔާ ކުއްޖެއް؟” ހާމިޒާ ސުވާލުކުރީ އީމަންއާ ބެހޭގޮތުންނެވެ.
“އީމަން. އޭނައަށް ކިޔަނީ އީމަން. އެކަމަކު އޭނަ ވީ ތަނެއް އެއްވެސް ގޮތަކަށް ނޭނގޭ. މަންމާ. އަހަރެންނަށް އީމަން ނޫން އެހެން މީހަކާ ދުވަހަކުވެސް ކައިވެންޏެއް ނުކުރެވޭނެ. އެކަމަކު މަންމަމެން ބޭނުމިއްޔާ އަދިވެސް މަންމަމެންގެ އެދުމާ އެއްވެސް ވަރަކަށް ދެކޮޅެއް ނަހަދާނަން.” ޔާނާ ބުނެލިއެވެ.
“ނޫނޭ. އީމަން ފެނުނަސް ނުފެނުނަސް މަންމަދެން ތިޔަ އާއިޒުއާ ދަރިފުޅުގެ ކައިވެނި ވާކަށް ބޭނުމެއްނޫން. މަންމަމެން ހީކުރީ ދަރިފުޅު ޤަބޫލުކަމެއްކަމަށް އެއީ. އެހެންވެ އޭނަ އުޅޭ ގޮތްތާ އަޅާނުލަނީ. ބައްޕަވެސް އެހާ ހިތްހަމަ އެއް ނުޖެހޭ އޭނަ އެގޮތަށް އައިސް ދަރިފުޅުގެ ކޮޓަރިތެރެއަށް ވަދެ އުޅޭކަށް. ނަމަވެސް އެކުވެރިކަމަށްބަލާފަ.. ދެން އެހެންވިޔަސް ހެޔޮ. މަންމަ ބައްޕައާ ވާހަކަ ދައްކާނަން. ދެން ދަރިފުޅުދޭ އަރާމުކޮށްލަން. މަންމަ އެބަދަން ކިރުތައްޓެއް ހަދާލައިގެން.” ހާމިޒާ އޯގާތެރިކަމާއެކު ޔާނާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.
ޔާނާ މޫނު ފޮހެލުމަށްފަހު ތެދުވެގެން ކޮޓަރިއާދިމާއަށް ދާންހިނގައިގަތް އިރު ހާމިޒާވެސް ތެދުވެގެން ހިނގައިގަނެއްޖެވެ. ދެމައިންވެސް ސިހިގެން ދިޔައީ ބޭރުން ބާރު އަޑެއްކިޔައިގެންނެވެ. ބާރަށް ހިނގާފައިގޮސް ގޭދޮރުން ބޯދިއްކޮށްލިއެވެ.

އެއްވެސް އެއްޗެއް ފެންނާކަށްނެތެވެ.
“އެއީ ކޮން އަޑެއްތަ؟ ހީވަނީ ދޮރާށި ބާރަށް ޖެހުނު އަޑުހެން. އެކަމަކު ކިހިނެއް؟” ހާމިޒާ ހައިރާންވެަފއި ހުރި ރާގެއްގައި ހުރިހާ ވާހާކަތަކެއް ދައްކަމުން ދިޔައެވެ. އިތުރު ހިލަމެއް ނުވުމުން ދެމީހުންވެސް އެނބުރި އެތެރެއަށް ވަދެއްޖެއެވެ.
ޔާނާ ކޮޓަރިއަށްވަދެ އެނދުގައި އޮށޯއްވެލައި ހަމަ ޖެހިލިއެވެ. އިސާހިތަކު ހާމިޒާވެސް ކިރުތައްޓެއް ހިފައިގެން އައިސް ޔާނާއަށް ދިއްކޮށްލުމުން، ޔާނާ ތެދުވެ ކިރުތަށި ބޯންފެށިއެވެ. ފޯނަށް މެސެޖެއްއައި ކަމުގެ ސިގްނަލް އިވިގެން ދިޔައި ޔާނާކިރުތަށިގެ އެންމެ ފަހު ކޯވަރު ބޯލިވަގުތުއެވެ. ބާލިސްކައިރީ އޮތް ފޯނު ނަގަން އަތް ދިއްކޮށްލީ ހާމިޒާއަށް ހުސްތަށި ދިއްކޮށްލުމަށްފަހުއެވެ. ފޯނުގެ މެސެޖް އޮންކޮށްލުމުން ޔާނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އުފަލުން ހާމިޒާއަށް ބަލައިލިއިރު ލޮލުގައި އުފާވެރިކަމުގެ ކަރުނަތައްވަނީ ނީރާލާފައެވެ.
ލޯބިންގޮސް ހާމިޒާގައިގައި އޮޅުލައިގަނެވުނެވެ.
“މަންމާ، އަޅުގަނޑުގެ ދުޢާ އިޖާބަކުރައްވައިފި. އީމަންގެ ހަބަރުވެއްޖެ.” ވާނުވާނޭނގިފައި ހުރި ހާމިޒާއަށް ޔާނާ އޮޅުންފިލުވައި ދިނެވެ.
ގިނަ ދުވަސްތަކަކަސްފަހު ލޯބިވާ ދަރިފުޅުގެ މޫނުމަތިން އުފާވެރިކަން ފެނުމުން ހާމިޒާވެސް އުފަލުންގޮސް ހިތްފުރުނު ފަދައެވެ. “ކީކޭ އޮތީ؟”
ހާމިޒާ ސުވާލުކޮށްލިއެވެ.
“ޖާތުގެ މެސެޖެއް. އީމަން ހުރިތަން އެނގިއްޖެޔޯ. އަވަހަށް ތައްޔާރުވެލައިގެން ތިރިއަށް އަންނާށޯ.. މަންމާ އަޅެ އަހަރެން ގޮސްލަންތަ؟” ޔާނާ އާދޭހުގެ ރާގެއްގައި ހާމިޒާކައިރިން އެދުނެވެ. ޔާނާގެ އެދުމާ ދެކޮޅުހަދާކަށް ހާމިޒާވެސް ބޭނުމެއް ނުވިއެވެ. އޭނާގެ އުންމީދަކީ ޔާނާއަށް އުފާވެރި ދިރިއުޅުމެއް ލިބުމެވެ. އެހެންކަމަށްވާނަމަ އެހިސާބަށް ދިޔުމަށް ޚުދު އޭނާވެސް ޔާނާއަށް އެއްބާރުލުން ދޭން ބޭނުންވިއެވެ. އަދި ހުއްދަ ދިން ކަމުގެ އިޝާރާތެއްގެ ގޮތުން ބޯ ޖަހާލި އިރު އެދެލޮލުންވެސް އުންމީދުގެ ކުލަވަރު ޔާނާއަށް ފެނުނެވެ.
ޔާނާ އަވަސްއަވަހަށް ލޯގަނޑު ކުރި މައްޗަށް ހުއްޓި ސޫރައަށް ބަލައިލަމުން ޝޯލް ރީތިކޮށްލި ހިނދު އެމޫނުމަތިން އުފާވެރިކަން އޭގެ އިންތިހާއަށް ހާމަވާން ހުއްޓެވެ. އަވަސް ފިޔަވަޅުތަކެއްގައި ގެއިން ނުކުންނަމުން ޖާހަތު ފޯނަށް ޑަޔަލް ކޮށްލި އެވެ. ފޯނު ނުނެގުމުން ބޭރަށް ނުކުމެ ދެކޮޅު ހޯދާލިއެވެ. ޖާހަތުގެ މެސެޖް ފެނުނު ހިނދުންފެށިގެން އެންމެ ސިކުންތު ކޮޅަކަށްވެސް ޔާނާގެ މޫނުމަތިން އުފާވެރިކަން ގެއްލިގެން ނުދެއެވެ. އެވަގުތު ލޮލުގައި އަޅައިގަތީ މަގުގެ އެއްފަރާތެއްގައި ޕާރކް ކޮށްފައި އޮތްކާރެވެ. ޔާނާ އެ ދިމާލަށް ބަލައިލުމުން ހަނާ އަޅާފަދަ ގޮތަކަށް ސައިޑް ލައިޓް ނިވި ދިއްލާލިއެވެ. އެވަގުތު ފޯނަށް އައި ޖާހަތުގެ މެސެޖް ގައި ކާރަށް އެރުމަށް ބުނެލާފަ އޮތުމުން ހިނިތުންވުމަކާއެކީ ހިނގާލާފައި ގޮސް ކާރާ އަރާ ހަމަކޮށްފައި ފަހަތު ސީޓު ދޮރު ހުޅުވާލިއެވެ. އަދި ވާހަކަ ދައްކަމުން އެތެރެއަށް ވަދެ އިށީންނިއެވެ.
“ހާދަ އޮރގަނައިޒްޑް އޭ ދޯ؟ އީމަން ހުރީ ކޮން..” ކާރުގެ ފަހަތު ސީޓުގައި އިށީންދެވުމާއެކު ކާރުތެރެއަށް ނަޒަރު ހިންގާލެވި ހައިރާންކަން ލިބި ޔާނާ ދައްކަ ދައްކާ ހުރި ވާހަކަ ހުއްޓުމަކަށް އައެވެ.
“ޖާތު! ކޮބާ ޖާހަތު؟ ” ކާރުގެ ކުރީ ސީޓުގައި އިށީނދެލަިއގެން އިން ދެޒުވާނުން ތޮފި އަޅަިއގެން ތިބުމުން އެމީހުންގެ މޫނު ފެންނަވަރު ނުވިނަމަވެސް ޔާނާ ހައިރާންކަމާއެކީ ސުވާލުކޮށްލިއެވެ.
ޖަވާބަކަށް އިންތިޒާރުކޮށްގެން އިން ޔާނާ ސިހިގެން ދިޔައީ ފަހަތު ސީޓު މައްޗަށް އައިސް ޖެހުނު ފޯނު ފެނުމުންނެވެ. އެއީ ޖާހަތުގެ ފޯނެވެ. އެހެންވެއްޖެނަމަ ޖާހަތު ކޮބައި ބާވައެވެ. ޔަޤީނުންވެސް އެނގޭ ކަމަކީ އެފޯނު ފަހަތު ސީޓަށް ހޫރާލީ ޑްރައިވަރުގެ ސީޓުގައި އިން މީހާ ކޮށްލި ކުޑަ ހަރަކާތާއެކީގައި ކަމެވެ.
ޔާނާއަށް ގޯހެއް އުޅޭކަމުގެ ސިގްނަލް ލިބުމާއެކު ވަގުތުން ކާރުން ފޭބުމަށް ތެޅިގަތް ވަގުތަކީ ކުއްލިއަކަށް ކާރު ކުރިއަށް ދުއްވާލި ވަގުތެވެ.
“މި ކޮންކަމެއް؟ ކާރު މަޑުކުރޭ. އަހަރެން މީގެން ފޭބުނަދީ.” ޔާނާ ހަޅޭއްލަވައިގަންނަމުން ވާހަކަ ދެއްކިއިރު ރޮވޭގޮތްވެފައި ހުރިނަމަވެސް އެއަޑުގައި ތުރުތުރެއްވެސް އެކުލެވިގެން ވިއެވެ. މިވަނީ ކީއްކަން އެއް ގޮތަކަށްވެސް ދެނެގަންނާކަށް ނޭނގުނެވެ. ޖަވާބެއް ނޭނގޭ ސުވާލު ފުންޏެއް ސިކުނޑިގައި އުފެދި ގަތުމުން މީހާ ހާސްވެ ނޭވާ ކުރުވާގޮތްވިއެވެ. މުޅި މީހާ ގައިން އޮށްދާ ހިއްލާލިއެވެ.
“ހެޔޮ ނުވާނެ. އަހަރެން ދޫކޮށްލާ. ކޮންތަނަކަށްތަ ތިގެންދަނީ؟ މިވަނީ ކީއްކަން ބުނެދީފާނަންތަ؟” ޔާނާ އާދޭހުގެ ރާގެއްގައި ސުވާލު ކުރަމުން ދިޔަނަމަވެސް ޖަވާބެއް ނުލިބުނެވެ. އަތުގައި އޮތްފޯނު މަތިން ހަނދާންވީ އެވަގުތުއެވެ. ވަގުތުން ފޯނުން ނަމްބަރަކަށް ގުޅަންފެށިއެވެ. ކުއްލިއަކަށް ކާރު ގޯޅިއަކަށް އަޅާލުމާއެކީ ޔާނާ ވިއްސައިގެންގޮސް ޖެހުނީ ސީޓުގެ އަނެއް ފަރާތުގައެވެ. އަތު އޮތްފޯނު ވީނުވީ ހިސާބެއް ނޭނގުނެވެ. ހުރިހާ ދޮރެެއް ބަންދުވާ ކަމުގެ އިހްސާސްވާން ފެށުމުން ޔާނާ ސަލާމަތްކުރުމަށް އެދި ހަޅޭއްލަވަން ފެށިއެވެ. މާލޭގެ ހަލަބޮލި މަގުތަކުން ބާރު ސްޕީޑްގައި ދުއްވަމުން ދާތަން ފެނި ޔާނާ ބިރުގަނެފައި ވާއިރު، އޭނާގެ އަޑު ބޭރަށް އިވޭނެކަމާމެދު ޝައްކު އުފެދުނެވެ.
ކުއްލިއަކަށް ކާރު ހުއްޓުނެވެ. ކުރީ ސީޓުގައި ތިބި ދެމީހުންގެތެރެއިން ޑްރައިވަރުގެ ސީޓުގައި އިން މީހާ ފަހަތަށް އެނބުރި ބަލައިލަމުން ވާހަކަ ދެއްކިއެވެ.
“އެންމެ ރަނގަޅުވާނީ މައިތިރިވެގެން އިނުން. އީމަންކިޔާ މީހެއްގެ އޯރޑަރު މިއީ. އަހަރުމެންގެ ޒިންމާއަކީ ކަމަނާ އޭނާއާ ހަމައަށް ގެންގޮސް ދިނުން.”
އީމަންގެ ނަން އިވުމުން ޔާނާ ހަމަ ހިމޭން ވިއެވެ. އެމީހާ އެނބުރި އަނެއްކާވެސް ކާރު ދުއްވަން ފެށިއެވެ. ޔާނާގެ ހިތުގައި އުފެދެމުންދާ ސުވާލުތައް ބަންޑުންވެގަތްކަހަލައެވެ. އީމަން މިކަހަލަ ގޮތަކަށް ބައްދަލު ކޮށްފާނެ ހެއްޔެވެ. ނޫނެކެވެ. މިއީ އީމަންގެ ކަމަކަށް ނުވާނެއެވެ. ޔާނާއަށް ބޭ އިޚްތިޔާރުގައި ދެފަރާތަށް ބޯހޫރާލެވުނެވެ. އަދި ދެކޮޅު ހެދުމުގެ ގޮތުން އެއްޗެއް ބުނަން އުޅެފައިވެސް އަނގަ ބަންދުކޮށްލެވުނީ އީމަންއާ ބައްދަލުވެދާނެޔޭ ހީވުމުންނެވެ. މިއީ އީމަންގެ ކަމަކަށްވާނަމަ އޭނާ އީމަންއާ ކޮންމެހެންވެސް ސުވާލުކުރަންބޭނުމެވެ. ބައްދަލުކޮށްލަން ބޭނުމެވެ.
ކާރު ދުއްވަމުންގޮސް މަޑުކޮށްލީ ފެރީޓާރމިނަލަ ކައިރީގައެވެ. ޕާރކްކޮށްލެވުމާއެކުއެކީހެން އެދެމީހުން ކާރުން ފޭބިއެވެ. އަދި އެތަނުން އެކަކު އައިސް ފަހަތު ސީޓުގެ ދޮރު ހުޅުވާލައިފައި ހުއްޓުނު ގޮތުން ކާރުން ފައިބަންވީކަން ޔާނާއަށް އެނގުނެވެ. ޔާނާ ކާރުން ފައިބައިގެން އެމީހާގެ ފަހަތުން ހިނގައިގަތެވެ. އެމީހާ ގޮސް ހުއްޓުނީ ފުރަން ތައްޔާރުވެފައި އޮތް ލޯންޗެއްގެ ކުރިމަތީގައެވެ. އެލޯންޗްގައި އިތުރު އެއްވެސް މީހެއް ނެތަސް، ސްޓާރޓްކޮށްފައި އޮތުމުން އެކަން އެނގެއެވެ. ތޮށިގަނޑުމައް އެރުމާއެކު ޔާޏާ ހައިރާންވެ އެމީހުންގެ މޫނަށް ބަލައިލިއެވެ.
“ހުޅުމާލެއަށް.” ޔާނާއަށް ލިބުނު ހަމައެކަނި ޖަވާބަކީ މިއީއެވެ. ހާސްވެ ކަންބޮޑުވީވަރުން ހިންދިރުވާލެވުނެވެ. ނަމަވެސް އީމަންއާ ބައްދަލުކުރަން ބޭނުމިއްޔާ މިނޫން އެހެން މަގެއް ނެތެވެ. ޔާނާ ލޯންޗަށް އަރައި އިށިންދެލިއެވެ. ކާރު ތެރެއަށް ވެއްޓުނު ފޯނުމަތިން ހަނދާންވީ އެވަގުތުއެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. ލޯންޗް ނައްޓާލައިފިއެވެ. ޔާނާ ހެއްދެވި ފަރާތްމަތިން ހަނދުމަކޮށް މެދުކެނޑުމެއްނެތި ދުޢާކުރަމުން ދިޔައީ އޭނާއަށް ހިމާޔަތްދެއްވުން އެދިއެވެ. އަދި އޭނާ ސަލާމަތްތެރިކަމާއެކީ އީމަންއާ ހަމައަށް ގެންގޮސް ދިނުމަށެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި ލޯންޗް ހުޅުމާލޭ ފެރީ ޓާރމިނަލްގައި މަޑުކޮށްލައިފިއެވެ. އެދެމީހުން ލޯންޗުންފައިބައިގެން، ޔާނާ ގޮވައިގެން ގޮސްއެރީ ކާރަކަށެވެ. އެރުމާއެކު ކާރު ސްޓާރޓްކޮށް ދުއްވާލިއެވެ. ތެޅިތެޅި އޮތް ހިތަކާއެކީ ޔާނާ ހުރީ ދެންވާނީ ކިހިނެއްބާއޭ ހިތަށް އަރައަރައެވެ. މާގިނައިން ހުޅުމާލެއަށް އައިސް ނޫޅޭތީ ޔާނާއަށް އެހާ ރަނގަޅަކަށް މަގުތަކެއް ނޭނގެއެވެ. ދެފަރާޓުން ފެންނަނީ ލައިޓުތަކެކެވެ. ފަނަރަވަރަކަށް މިނެޓްކާރު ދުއްވުމަށްފަހު މަޑުޖެހުނީ ވަރަށް އަނދިރިކޮށް އޮތްތަނަކަށެވެ. ޔާނާ މަޑުމަޑުން ކާރުންފޭބުމާއެކީ ކާރު ދުއްވާލިއެވެ. އެއާއެކު މުޅިތަން އިތުރަށް އަނދިރިވެގެން ދިޔަކަހަލައެވެ. ޔާނާގެލޯ އަނދިރިގަނޑަށް ހޭނެން ސިކުންތުކޮޅެއް ނެގިއެވެ. ދާންވީ ކޮން ދިމާލަކަށް ކަމެއް ނޭނގުނެވެ. ކުރިމަތީގައި ހުރި ހަރުގެއެއްކަހަލަ ތަނަކުން ފުޅިބައްތިއެއްގެ އަލިފަދަ އައްޔެއް ފެންނަން ފެށިހެން ހީވުމުން މަޑު ފިޔަވަޅުތަކެއްގައި އެދިމާއަށް ހިނގައިގަތްއިރު ބާރުބާރަށް މޭގަނޑު ތެޅެމުން ދެއެވެ. ބައްތިއާ އަރާހަމަވުމުން ބައްތިކައިރީގައި ދޮރެއް ހުރިތަން ފެނިގެން ދިޔައެވެ. ދޮރުގެ އެއްފަރާތުގައި ފިނިފެންމަލުގެ ފިޔައިން ހިތެއް ކުރަހާލައިފައިހުރިއިރު ހިތުތެރޭގައި ‘ލަވް ޔޫ ޔާނު’ މިހެން އިނގިރޭސިން ލިޔެފައިވާ ކަރުދާސްގަނޑެއް ތަތްކޮށްފައި ހުއްޓެވެ. ޔާނާގެ މޫނަށް ކުޑަވަރަެއްގެ ހިނިތުންވުމެއްވެރިވެގެން ދިޔައީ އެއީ އީމަންއަށް ވުމަށް އެދެވުނީތީއެވެ.

10

11 Comments

 1. yumna

  September 19, 2015 at 12:10 am

  mee first dw…vvv reethi..hama kiyaa hithun huhtaa mi nimunee

 2. zee

  September 19, 2015 at 12:10 am

  Reethi, avahah aneh bai ga vaagoi balaalan beynun.

 3. salumaa

  September 19, 2015 at 12:16 am

  Kamaku nudey maa kury

 4. jee

  September 19, 2015 at 12:17 am

  WOW…<3

 5. Nyna

  September 19, 2015 at 12:22 am

  Very
  Varah reethi

 6. maash

  September 19, 2015 at 7:47 am

  Haadha kurey! Next part avahah up kohdhehchey inthizaaruga mihury kehmadhuvefa

 7. ninth

  September 19, 2015 at 8:31 am

  e aaiz ge kanthah dhw….

 8. Ansaa

  September 19, 2015 at 12:06 pm

  Ruthi

 9. kiyuntheriyaa

  September 19, 2015 at 7:19 pm

  mi bai ves v reethi..

 10. Meee

  September 20, 2015 at 3:33 pm

  Alhe when next part up vaanii.. vvvvv kiyaalaa hihvey eba

 11. ANee

  September 20, 2015 at 7:15 pm

  adhi mi kiyan feshy vaahaka.. v reethi hen heevey.. waiting for next part <3

Comments are closed.