އާނިމްގެ އުމުރުން ފަންސަވީސް އަހަރުފުރުނުތަނާ އާނިމްގެ ބައްޕަ ކުއްލިގޮތަކަށް ނިޔާވިއެވެ.އަބޫބަކުރުގެ ކުއްލި ވަކިވުން ވެގެންދިޔައީ ޚަދީޖާއަށް ލިބުނު ފުން ހިތާމައަކަށެވެ.ޚަދީޖާ މުޅިން އެކަނިވިއެވެ.ދުނިޔޭގައި އާނިމް ފިޔަވައި އޭނާގެ އެކަކުވެސް ނެތުނީއެވެ.އެހެންކަމުން އާނިމަށްޓަކާ ޚަދީޖާ ހިތްވަރާއެކު ދިރިއުޅެން މަސައްކަތްކުރިއެވެ.
ބައްޕަ މަރުވިތާ ކުރީކޮޅު، އާނިމް ގެއިންބޭރަށް ދިއުން މުޅިންހެން ހުއްޓާލިއެވެ.ޚަދީޖާއާއެކު ހޭދަކުރާ ވަގުތު އިތުރުވިއެވެ.އާނިމަށް އައި އެހެޔޮ ބަދަލާމެދު ޚަދީޖާ ވަރަށް ހިތްހަމަޖެހުނެވެ.ބައްޕަ ނިޔާވުމާއެކު އާނިމަށް ވިސްނުނީ ކަމަށް ޚަދީޖާއަށް ހީކުރެވުނެވެ.އެހެންނަމަވެސް ދެހަފްތާ ފާއިތުވިފަހުން މަޑުމަޑުން ކުރީގެ ދިރިއުޅުމަށް އާނިމް ރުޖޫއަވާން ފެށިއެވެ.ބޭރުގައި ހޭދަކުރާ ވަގުތުތައް އަނެއްކާވެސް އިތުރުވާން ފެށިއެވެ.
އެހެންކަމުން އާނިމް ގާތުގައި ބައިންދައިގެން ޚަދީޖާ އޭނާއަށް ވަރަށް ނަސޭހަތްތެރިވިއެވެ.އަބަދު ބޭރުގައި އުޅެންވެއްޖެނަމަ ގޯސްމަގަކުން އެޅިދާނެކަމަށް އަންގައިދިނެވެ.ނަމާދު އެޅުމަކީ ކިހާވަރެއްގެ ކަމެއްކަމާއި، ނަމާދުގެ މުހިންމުކަން ހަނދާންކޮށްދިނެވެ.ނަމަވެސް ޚަދީޖާގެ އެއޯގާތެރި ނަސޭހަތުގެ ބަސްތައް، އާނިމްގެ އެއްކަންފަތުން ވަދެ އަނެއްކަންފަތުން ނިކުމުގެން ދިޔަފަދައެވެ.އޭނާގެ އުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ.އާނިމްގެ އުޅުމާމެދު ޚަދީޖާު އެއްޗެކޭ ބުނާއިރަށް، އާނިމްގެ ގާތަށް އަންނަނީ ރުޅިއެވެ.އޭނާ ބުނާހާވެސް އެއްޗަކީ ގޯސްކޮށް ނޫޅޭކަމަށެވެ.އޭނާއަކީ ބޮޑުވެފައިވާ މީހެއްކަމުން އޭނާގެ ހަޔާތުގައިވެސް އަމިއްލަ މިނިވަންކަން އޮންނަންވާނެ ކަމަށެވެ.
އާނިމްގެ އުޅުމާމެދު ޚަދީޖާއަށް ފިކުރުކުރެވެން ފެށިއެވެ.އޭނާގެ ދަރިފުޅު ގޯސްމަގަކުން ހިނގައިފާނެކަމުގެ ބިރު ހީވާންފެށިއެވެ.އެހެންވެއްޖެއްނަމަ އޭނާގެ އިތުރުން އަބޫބަކުރުވެސް ވަރަށް ދެރަވާނެކަން ޚަދީޖާއަށް އެނގެއެވެ.އާނިމް ގޯސްމަގުން ދިއުމުގެ ކުރިން އޭނާ ހެޔޮމަގަށް އެޅުވޭތޯ ޚަދީޖާ ކިތަންމެހާވެސް ބޭނުމެވެ.އެއީ އާނިމަކީ މިހާރު ޚަދީޖާގެ ހުރި ހަމައެކަނި މީހާއަށް ވެފައި، އެއީ އަބޫބަކުރު ޚަދީޖާއާ ހަވާލުކޮށްފައި ދިޔަ އަމާނާތަކަށްވެސް ވާތީއާއެކުގައެވެ.
އާނިމް އުޅެނީ ކޮންބަޔަކާ އެކުގައި ކަމާއި ކުރަނީ ކީއްކަން ހޯދަން ޚަދީޖާ ބޭނުންވިއެވެ.ކުރިން އާނިމް ގެންގުޅޭ، ގެއަށްވެސް ގެންނަ އޭނާގެ އަހުލާގު ރަނގަޅު ރަހުމަތްތެރިން އައުން މުޅިންހެން ހުއްޓުނެވެ.އެހެންކަމުން އެސުވާލު އެއްދުވަހަކު ޚަދީޖާކުރިއެވެ.އާނިމްގެ ޖަވާބު ވަރަށް ކުރެވެ.އޭނާ ބުނިހާވެސް އެއްޗަކީ ރަހުމަތްތެރިކަމުގެ ގުޅުން ބާއްވަން ބޭނުންނުވާ ބަޔަކާއެކު އެގުޅުމެއް ނުބޭއްވޭނެކަމަށެވެ.އާނިމްގެ އެޖަވާބުން އެމީހުންގެ ތެރޭގައި މައްސަލައެއް ޖެހުނީ ކީއްވެތޯ ޚަދީޖާ އެހިއެވެ.ނަމަވެސް އެސުވާލަށް އާނިމްގެ ޖަވާބެއް ޚަދީޖާއަކަށް ނުލިބުނެވެ.
***********
ފަހަކަށް އައިސް އާނިމްގެ ފޯނަން އަންނަ ކޯލުތައް އިތުރުވާން ފެށިއެވެ.އޭނާ ހޯދަން ގެއަށް އަންނަ ރަހުމަތްތެރިންވެސް އިތުރުވާން ފެށިއެވެ.އެއީ މީގެ ކުރިން ޚަދީޖާ ނުދެކޭ މޫނުތަކެކެވެ.ފާޑުފާޑަށް އިސްތަށިގަނޑު ހަދާފައި ތިބޭ ކުދިންތަކެކެވެ.ތަންތަނުން ވިދާފައި ހުންނަ އަންނައުނު ލައިފައި ތިބޭ ކުދިންނެވެ.އެމީހުން ލައިގެން ހުންނަ ޖިންސުތައް ހުންނަނީ ފޫކޮޅުމަތިން ސޮއްސާލަފައެވެ.ކުރިން ހަމައެކަނި އާނިމް ހޯދަން ފިރިހެންކުދިން އައިނަމަވެސް، ފަހުން އަންހެންކުދިންވެސް އަންނަންފެށިއެވެ.
***********
( މިހާރު )
ޚިޔާލަށް ގެއްލިފައި އިން ޚަދީޖާއަށް ސިހުންވެގެންދިޔައީ އެއްޗެއް ވެއްޓުނު އަޑަށެވެ.ކަރުނުން ފުރިފައިވާ ދެލޯ ފުހެލުމަށްފަހު، ސޯފާއިން ތެދުވެ މަޑު ހިނގުމުގައި ހިނގައިގަތެވެ.ޖެހުނު ވަޔާއެކު ވެއްޓުނު ފެންފުޅިނަގާ މޭޒުމަތީގައި ބަހައްޓާލުމަށްފަހު، އޭނާގެ އާދައިގެމަތިން ހެނދުނުގެ ނާސްތާއަށް އޯޓްސް ތައްޔާރުކުރަން އުޅުނެވެ.
***********
ވަގުތުތައް ހިނގަމުންގޮސް ހަވީރުވީއެވެ.މެންދުރަށް ކެއްކުމަށްފަހު ވަރުބަލި ފިލުވައިލުމަށް ޚަދީޖާ އެނދުގައި ޖައްސާލިތަނާ އޭނާއަށް ނިދުނެވެ.ހޭލެވުނީ އަސުރު ނަމާދަށް ބަންގި ގޮވުމުން ކަމުން، އަވަހަށް ތެދުވެ ފެންވަރައިގެން ނަމާދުކޮށްލިއެެވެ.އަބޫބަކުރު ވަކިވިތާ ފަސް އަހަރު ވެގެންދިޔައިރުވެސް، އަަބޫބަކުރުގެ ހަނދާން ޚަދީޖާގެ ހިތަކުން ޒައްރެެއްގެ މިންވަރަށްވެސް ފިލައިގެނެއް ނުދެއެވެ.އަބަދުވެސް އެހަނދާން އޭނާއަށް ކުރެވެއެވެ.އެކުގައި އުޅުނު ލޯބި ދުވަސްތަކާއި، އަބޫބަކުރު ދިން ލޯތްބާއި އަޅާލުންތަކެވެ.
ކޮންމެ ދުވަހަކުވެސް ކޮންމެ ނަމާދަކަށްފަހު ޚަދީޖާ ﷲގެ ހަޟްރަތުގައި ދުއާ ދަންނަވައެވެ.އަބޫބަކުރަށް ފާފަ ފުއްސަވައިދެއްވާތޯއެވެ.އަދި ހުރި ހަމައެކަނި ދަރި އާނިމްގެ އުޅުން އިސްލާހުވޭތޯވެސް މެއެވެ.ކޮންމެ ދުވަހަކުވެސް ރޮއެފާ އޭނާ ދުއާކުރާވަރު މޮޅަށް ދެނެވެޑިގެންވާނީ ﷲ ސުބުހާނަހޫ ވަތައާލާއެވެ.
ޚަދީޖާ އާނިމަށްކުރި އިތުބާރުކުރިއެވެ.ގޯސްމަގަކުން ދިއުމަށް ވުރެ އާނިމަށް ވިސްނޭނެ ކަމަށް ހީކުރެވުނެވެ.ނަމަވެސް އާނިމްވީ އޭނާ އުންމީދުކުރި ފަދަ ކުއްޖަކަށް ނޫނެވެ.މަސްތުގެ ވަބާގައި އާނިމް ޖެހުނީއެވެ.ބަނގުރަލާ އެނޫންވެސް މަސްތުވާ ބާވަތްތައް ބޭނުންކުރުމަކީ އޭނާގެ އާދައަކަށް ހެދިއެވެެ.ޒިނޭކުރުމަކީ އޭނާގެ ހިތްހަމަޖެހުން ކަމުގައި ހެދިއެވެ.
************
ނަމާދުން ފާބައިގެން އާނިމް ހޭލަންވާއިރަށް އޭނާއަށް ކާން ތައްޔާރުކުރަން ޚަދީޖާ އުޅުނެވެ. ސުފުރާމަތި ތައްޔާރުކުރުމަށްފަހު، ހަވީރުގެ ޒިކުރުކުރަން ސޯފާގައި ޚަދީޖާ އިށީނެވެ.ޒިކުރުކޮށް ނިމި ސޯފާއިން ތެދުވަން ޚަދީޖާ އުޅެނިކޮށް އާނިމް ކޮޓަރިން ނިކުތެވެ.އާނިމް ނިކުތުމާއެކު އޭނާއާ ދިމާލަށް ޚަދީޖާ ބަލަން އިނީ މޮޅިވެރިކަމާއެކުގައެވެ.ކުރިމަތީގައި އެހުރީ އޭނާގެ ދެލޯފަދައިން ލޯބިވި އާނިމްބާވައޭ ހިތަށްއަރާ ހާލުގައެވެ.
ހިތުގައިވާ ހިތާމަ ފޮރުވާލުމަށްފަހު އާނިމްގާތު ކާން އައުމަށް އޯގާތެރިކަމާއެކު ޚަދީޖާ ބުނެލިއެވެ.އާނިމް މޭޒުދޮށުގައި އިށީނުމުން، ޚަދީޖާ އޭނާއަށް ކާންއަޅައިދިނެވެ.ބަތާއެކު ރިހަފޮދެއް އާނިމް ކުރިމަތީގައިވާ ތައްޓައް އެޅުމާއެކު އޭނާ ކާން ފެށިއެވެ. “ދަރިފުޅު އަތްދޮވެގެންތަ ތިކަނީ؟” ކޮޓަރިން ނިކުތްގޮތަށް އަތްވެސް ނުދޮވެ ބަތްތައްޓައް އަތްލުމުން ޚަދީޖާ އަހާލިއެވެ.
“އަތްދޮވެފިން” އާނިމް ބުނެލިއެވެ. “ތިހިރަ ބޮލެއް ބަލާލަބަލަ..ހީވަނީ ފެންނުވަރާ ހުންނަހެން…މިހާރު ތިބޯ ކޮށަންވެސް ބުނެވުނު އަދަދެއް ނޭނގެ” އާނިމް ހުންނަ ގޮތް ޚަދީޖާއަށް ކަމުނުދާތީ އެކަން ރަނގަޅުކުރުމަށް އާނިމް ގާތު އެތައްފަހަރަކު ބުނެފިއެވެ.ނަމަވެސް އެހެންފަހަރުތަކެކޭވެސް އެއްފަދައިން މިފަހަރުވެސް އެވާހަކަ އިވޭކަމަށް ނަހަދާ އާނިމް އިނެވެ.އާނިމާ ދިމާލަށް ވަގުތުކޮޅަކު ބަލަން ހުރުމަށްފަހު، ފުން ނޭވާއެއް ޚަދީޖާ ދޫކޮށްލިއެވެ.
“ދަރިފުޅު ބޭރަށް ދާއިރު މަންމަ ފޯނަށް ރުފިޔާއެއް އަޅާއިދެއްޗެ..މަންމަ ގަޔަށް ތަދުވާތީ މިއުޅެނީ ބޭރަށް ނުދެވިގެން..ހަނޑޫކޮޅެއް ގަންނަން ފިހާރައަށް ގުޅަންވެގެން” ޚަދީޖާ އެހެންބުނުމުން އާނިމް ހޫމް ލައްވާލިއެވެ.އާނިމް ހޫމް ލައްވާލުމުން، ކޮޓަރިއަށްގޮސް ރުފިޔާ ދަަބަސް ހިފައިގެން އައިސް އޭގެން ސަތޭކަ ރުފިޔާ ނަގާ މޭޒުމަތީގައި ޚަދީޖާ ބޭއްވިއެވެ.އެވަގުތު ޚަދީޖާގެ ރުފިޔާ ދަބަހާ ދިމާލަށް އާނިމް ބަލައިލިއެވެ. “ރޯމަސްވެސް ހުސްވަނީ މިހާރު…ދަރިފުޅަށް ނުދެވޭނެދޯ ބާޒާރަށް ރޯމަސްކޮޅެއް ގަނެލަދޭން؟” ޚަދީޖާ އޯގާތެރިކަމާއެކު އަހާލިއެވެ.
“ވަގުތުވެއްޖިޔާ ވާނީ….އަހަންނަށް ތަންތަނަށް ނުދެވޭނެތީއެއްނު މަންމައަށް ގެކައިރި ފިހާރައިގެ ނަންބަރު ހޯދަދިނީވެސް…އެމީހުން ޑެލިވަރީ ކޮށްދޭނެ..އަނެއްކާ ރޯމަސް ޑެލިވަރީ ކޮށްދޭމީހެއްްގެ ނަންބަރުވެސް އެފްބީއިން މަންމައަށް ހޯދަދިނީމެއްނު…ކޮބާތަ އެމީހާގެ ނަންބަރު؟” އާނިމްގެ ރާގުން އޭނާ ކޮންމެވެސް ވަަރަކަށް ހިތްހަމަނުޖެހިފައިވާކަން ދޭހަވެއެވެ.އެއީ އާނިމް ގޮތެވެ.ޚަދީޖާ އޭނާ ގާތު ކަމަކު ކިޔައިފި ފަހަރަކު ނަމަ އާނިމް ހުންނަނީ ހިތްހަމަ ނުޖެހެއެވެ.އެހެންކަމުން އާނިމް ކައިރި ކަމަކު ނުބުނެވޭތޯ ޚަދީޖާ އަބަދުވެސް ބަލައެވެ.ގެއަށް އެއްޗެއް ހޯދަންޖެހުނަސް ފިހާރައަށް ދަނީ ޚަދީޖާއެވެ.އޭނާ ބަލިވެ އުޅޭ ފަހަރަކުނަމަ ފިހާރައަށް ގުޅައިގެން ގެންނަނީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





