ހަޔާތުން ދުވަހަކާއި ދުނިޔެއިން ދުވަހެއް ނިމި ދިޔަވަރަކަށް، ތުއްތު އާނިމްވެސް މަޑުމަޑުން ހެދިބޮޑުވަމުން ދިޔައެވެ.އާނިމް އުފަންވުމަށްފަހު، އެއުފާވެރި އާއިލާއަށް އިތުރު އުފާވެރިކަމެއް ލިބުނުކަހަލައެވެ.އެތުއްތު ޅަފުރާނަވީ އެމީހުންގެ ދެލޮލުގެ ނޫރަށެވެ.ހިތުގެ ފިނިކަމަށެވެ.ޚަދީޖާގެ ދެމަފިރިންނެކޭ އެއްފަދައިން، އަބޫބަކުރުގެ މައިންބަފައިންވެސް އާނިމްދެކެ އިންތިހާއަށް ލޯބިވެއެވެ.ވާ ލޯތްބެއްގެ ބޮޑުކަމުން އޭނާ ބުނިހާ އެއްޗެއް ހޯދައިދީގެން، ބުނިހާ ކަމެއްކޮށްދީގެން އެންމެންވެސް އުޅުނެވެ.އާނިމްގެ ކަންކަމަކީ އެމީހުން އެންމެ އިސްކަންދީގެން ކުރާ އެންމެ މުހިންމު ކަމަށް ހަދައިގެންނެވެ.
އާނިމް ބޮޑުވަމުން އައިއިރު އޭނާއަށް މަދުވާނެ ހަމަ އެއްވެސް އެއްޗެއް ނެތެވެ.އޭނާ ބޭނުންވާކަމެއް ކޮށްދެވޭތޯ ޚަދީޖާގެ ދެމަފިރިންގެ އިތުރުން، އާނިމްގެ މާމައާއި ކާފަވެސް އަބަދުވެސް ބަލައެވެ.އެހެންކަމުން އާނިމް އުޅުނީ އެއުމުރުގެ އެހެންކުދިން ނޫޅޭނެހާ އުފާވެރިކޮށެވެ..އޭނާއަށް ކަމެއްނުވެގެން ދުވަހަކުވެސް ހާސްވާކަށް ނުޖެހެއެވެ.ކަމަކު ބޭނުންވެއްޖެނަމަ، އޭނާގެ މައިންބަފައިންގެ އިތުރުން މާމައާ ކާފަ އެކަމެއް ކޮށްދެން ތިބޭނެކަން އާނިމަށް އެނގޭތީއެވެ.
***********
ދިރިއުޅުން އާދައިގެމަތިން އުފާވެރިކަމާއެކު ޚަދީޖާމެން ކުރިއަށް ގެންދިޔައެވެ.ނަމަވެސް އެމީހުންގެ އެއުފާވެރިކަމަށް އަނދިރިކަމެއް ކުއްލިއަކަށް ވެރިވެގަތީ، ރާއްޖެއިން ބޭރަށް ފުރަން އަބޫބަކުރުގެ މައިންބަފައިން ދިޔަދުވަހުއެވެ.ކަނޑުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެމީހުން ދުނިޔެއިން ވަކިވީއެވެ.ޚަދީޖާގެ އާއިލާ މީހުން ނިޔާވި ފަދައިން، އަބޫބަކުރުގެ މައިންބަފައިންވެސް ދުނިޔެ ދޫކުރީއެވެ.އެކަމާ އެމީހުން ވަރަށް ދެރަވިއެވެ.އެދެމީހުންގެ އިތުރުން އާނިމްވެސް އެކަމާ ވަަރަށް ހިތާމަކުރިއެވެ.
***********
އަބޫބަކުރުގެ މައިންބަފައިން ނިޔާވުމުން، އެމީހުން ދިރިއުޅުނު ގެ ލިބުނީ އަބޫބަކުރަށެވެ.އެހެންކަމުން އަބޫބަކުރު އެގެ ޒަމާނީ ފެންވަރަކަށް ހަދަން ނިންމިއެވެ.އަބޫބަކުރަށް އެއްކުރެވުނު ރުފިޔާއިން ގެ ތަޅާލުމަށްފަހު، އެތަނުގައި ތިން ބުރީގެ އިމާރާތެއް އެޅިއެވެ.އެއްފުލޯގައި އެމީހުން އުޅެފައި އަނެއް ދެފުލޯ ކުއްޔަށް ދިނެވެ.ތަނުގެ ކުލިންނާއި، އަބޫބަކުރު ކުރާ މަސައްކަތުން ލިބޭ އާމްދަނީއިން، މަޑުމަޑުން އިތުރު ފުލޯތައް ހަދަމުންދިޔައެވެ.އަބޫބަކުރަށް އެހީވެދިނުމުގެ ގޮތުން ޚަދީޖާވެސް ގޭތެރޭގައި އާމްދަނީ ލިބޭނެ މަސައްކަތެއް ފެށިއެވެ.
*************
ދުވަސްތައް ހިނގަމުންގޮސް އާނިމް އޭނާގެ މަދަރުސީ ހަޔާތް ނިންމާލިއެވެ.ޚަދީޖާމެން އާނިމަށް ކިޔަވައިދެވުނު އެންމެ މައްޗަކަށް ކިޔަވައިދިނެވެ.އާނިމަކީ ކިޔެވުމަށް މޮޅުކުއްޖެއް ކަމުން، އޭނާ ކިޔެވުން ނިންމާލީ، އެމީހުން ބޭނުންވި ފަދައިން ރަނގަޅު ނަތީޖާތަކާއި އެކުގައެވެ.އާނިމް ސުކޫލު ނިމުނުއިރު، ގެވެސް ޒަމާނީ ފެންވަރަކަށް ނުވަބުރިއަށް ހަދާ ނިމުނެވެެ.އެމީހުން ދިރިއުޅެން އެއްފުލޯ ބެހެއްޓުމަށްފަހު، ދެންހުރި ތަންތަން ކުއްޔަށް ދިނެވެ.އާނިމަށްވެސް ވަކިން ފުލޯއެއް ދޭން އެމީހުން ބޭނުންވި ނަމަވެސް، އާނިމް ބޭނުންވީ އޭނާގެެ މައިންބަފައިންނާއެކު އެއް ފުލޯއެއްގައި ދިިރިއުޅޭށެވެ.
އާނިމް ބޮޑުވެ ތަސައްރަފު ފުދެމުން ދިޔައިރު، ޚަދީޖާމެންގެ ޒުވާންކަންވެސްް ނިމި ގައިބާރު ދެރަވާންފެށިއެވެެ.އެހެންކަމުން ކުރަމުންދިޔަ މަސައްކަތް ކުރުން އަބޫބަކުރުގެ އިތުރުން ޚަދީޖާވެސް މުޅިން ހުއްޓާލިއެވެ.އެމީހުން ފަހުން ދިރިއުޅުމެން ދިޔައީ ގެއިން ލިބޭ ކުލިންނެވެ.
************
ސުކޫލު ނިމުނުގޮތަށް އެއްވެސް ކަމެއް ނުކޮށް އާނިމް ހުންނަނީއެވެ.ގެއިން ފުދޭވަރެއްގެ އާމްދަނީއެއް ލިބި، ހަމަޖެހިލައިގެން އުޅެވޭއިރު، އާނިމް ވަޒީފާއަކަށް ފޮނުވުމަކީ ޚުދު ޚަދީޖާމެންވެސް މާގަޔާވާކަމަކަށް ނުވާތީއެވެ.އެހެންކަމުން އާނިމް ގިނަވަގުތު ހޭދަކުރަނީ ރައްޓެހިންނާއެކު، ގެއިން ބޭރުގައެވެ.އާނިމަކީ ބޮޑުކުއްޖަކަށްވާތީ އޭނާ އުޅޭނޫޅޭ ގޮތް ގިނަފަހަރު ޚަދީޖާމެނަށް ބަލައިނުލެވެއެވެ.އޭނާ އުޅެނީ ކޮންބަޔަކާއެކު ކަމާއި، ކުރަނީ ކީއްކަމެއް އެމީހުން ނުބަލައެވެ.އެއަށްވުރެ ބޮޑަށް އެމީހުން އާނިމަށް އިތުބާރުކުރެއެވެ.އެމީހުންގެ ދަރި ގޯސްމަގަކުން ދިއުމަށްވުރެ މާ ވިސްނޭނެއޭ އެމީހުންނަށް ހީކުރެވުނެވެ.
ޚަދީޖާމެންގެ ގައިން އާރާއި ބާރު ކެނޑުނަސް، އެމީހުން އާނިމަށް ކޮށްދެންޖެހޭ އެއްވެސްކަމެއް އުނިވިއަކަ ނުދެއެވެ.ކިތަންމެ ބަލިކޮށް އުޅުނަސް އާނިމަށް ކޮށްދެންޖެހޭ ކަންތައްތައް، ކެއްކުމާއި، އަންނައުނުތައް ދޮވެ އިސްތިރިކުރުމާއި، އެނޫންވެސް ޚިދުމަތްތައް ޚަދީޖާގެ ފަރާތުން އާނިމަށް ބަރާބަރަށް ލިބެމުންދިޔައެވެ.އަބަދުވެސް ދެމުންގެންދާ ލޯބިވެސް އޭގެ އެންމެ ފުރިހަމަ ދަރަޖައިގައި އާނިމަށް ލިބެއެވެ.އެންމެ ތަންކޮޅެއްވެސް އުނިނުވާ ވަރަށެވެ.
މައިންބަފައިން އޭނާދެކެ ވާލޯތްބާއި، އޭނާ ބޭނުންވާހާ ކަމެއް ކޮށްދޭނެކަން އެނގޭތީ ޚިޔާލެއް ފިކުރެއްނެތި ކުރިންވެސް އުޅުނު އަރާމު ދިރިއުޅުމުގައި އާނިމް އުޅެމުންދިޔައެވެ.މަންމަ ދިނީމަ ކާލައިގެން ބައްޕަ ދިނީމަ ބޯލައިގެންނެވެ.
އާނިމްދެކެ ވާލޯބިން އޭނާ ބުނިޙާ ކަމެއް ކޮށްދެމުން އެދަމަފިރިން ގެންދާއިރު، އެމީހުންނަށް އަސްލުގައި އެމީހުންގެ ދަރި ހަލާކު ކުރެވެނީކަމެއް ރެއަކާނުލައެެވެ.އާނިމް ބޭނުންވާ ކޮންމެ އެއްޗެއް އޭނާއަށް އެމީހުން ހޯދައިދެއެވެ.ފޯނެކޭ ބުނެލާއިރަށް ފޯނެކެވެ.ލެޕްޓޮޕެކޭ ބުނެލާއިރަށް ލެޕްޓޮޕެކެވެ.މިނޫނަސް އަގުބޮޑެތި އެތައް ސާމާނެކެވެ.
ނަތީޖާއަކަށް ވެގެންދިޔައީ ކިބުރުވެރި ކަމުގެ ސިފަ އާނިމްގެ ގައިގައި ހަރުލުމެވެ.ހިތްހަމަނުޖެހޭ ކަމެއްވާއިރަށް މައިންބަފައިންނަކަސް ދިމާލަށް ބަސްބުނުމަކީ އޭނާގެ އާދައަކަށްވުމެވެ.އާނިމް އުޅެނީ އެންމެ ފޮނި މީހުން އުޅޭ ފަދައިންނެވެ.ެބޭނުންވަނީވެސް ވީހާވެސް އަގުބޮޑެތި އެއްޗިއްސެވެ.ލާ އަންނައުނަކަސް އަރާ ފައިވާނަކަސް މެއެވެ.ޚަދީޖާމެން ނިކަން ލޯބިން އޭނާއަށް ލާން އަންނައުނެއް ގަނެދިނަސް، އެއެއްޗެއް އާނިމް ބޭނުމެއް ނުކުރެއެވެ.އެމީހުންނަށް އޭނާއަށް އަންނައުނު ގަންނަން ނޭނގޭކަމަށް އެތައްފަހަރަކު އެމީހުންނާ ދިމާލަށް އާނިމް ބުނެއެވެ.
އެމީހުން ގަންނަ އެއްޗެހި އާނިމަށް ކަމުނުދާތީ، އާނިމް އަމިއްލައަށް އެއްޗެހި ގަންނަން އޭނާއަށްް އެމީހުން ރުފިޔާ ދޭންފެށިއެވެ.ކުރިންދޭ ވަރަށްވުރެ އިތުރަށެވެ.ނަތީޖާއަކަށް ވެގެންދިޔައީ ކޮންމެދުވަހަކު ކަހަލަގޮތަކަށް ރުފިޔާ ހޯދަން އެމީހުން ކައިރި އާނިމް ބުނަންފެށުމެވެ.ކޮންމެ ދުވަހަލު ދޭ ދެހާސް ނޫނީ ފަނަރަސަތޭކަ ރުފިޔާ އާނިމަށް އޮންނަނީ މަދުވެފައެވެ.
ދޭ ރުފިޔާތަކަށް އާނިމް ކުރަނީ ކީއްކަމަާއި، ކޮންމެ ދުވަހަކު އެހާ ބައިވަރު ރުފިޔާއެއް އެއީ ކީއްކުރަން ހޯދާ އެއްޗެެއްތޯވެސް ޚަދީޖާމެން ނުބަލައެެވެ.އެއްވެސް ސުވާލެއްނުކޮށް ހުރި ހަމައެކަނި ދަރި ބުނެލާއިރަށް ރުފިޔާ ދެނީ، އެއީ އޭނާއަށް އެމީހުން ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ.
ކަންމިހެން އޮތަސް އާނިމް މާގިނައިން ރުފިޔާ ހޯދާތީއާއި، ބޭރުތެރޭގައި ހޭދަކުރާ ވަގުތު މާގިނަވާތީ ޚަދީޖާމެން އާނިމާ އެސުވާލުކުރިއެވެ.އޭނާގެ ޖަވާބަކަށްވީ ރައްޓެހި ކުދިންނާއެކު އެމީހުންގެ ގޭގައި ކޮންމެވެސް ބާވަތެއްގެ ކެއުމެއް ތައްޔާރުކޮށް ކަނީ ކަމަށެވެ.ނޫނީ މަސްބާނަން މަސްދަތުރަކު ދަނީކަމަށެވެ.ނޫނީ އެނޫންވެސް ކޮންމެވެސް ކަމެއް ކުރާތީކަމަށެެވެ.ކުރިއެކޭވެސް އެއްފަދައިން އާނިމްގެ ބަސް ޚަދީޖާމެން ގަބޫލުކުރިއެވެ.އޭގެ ތެދުދޮގު ބަލާކަށް އެމީހުން ބޭނުމެއްނުވިއެވެ.
އާނިމް ގެއަށް އައުން ލަސްވެ ގިނަވަގުތު ގެއިންބޭރުގައި އުޅޭތީ އެކަމާ ޚަދީޖާމެން ސުވާލުކުރާތީ ފުރަތަމަކޮޅު އާނިމް ގޭގައި މަޑުކުރިއެވެ.ގޭގައި ހުންނައިރު އޭނާގެ ކަަމަކީ ބޮޑު ޓީވިން ޕީއެސް ގޭމުކުޅުމެވެ.ނޫނީ ފޯނުން މީހުންނާ ޗެޓުކުރުމެވެ.ކަންކަމުގައި އާނިމްގެ އެހީއެއް އޭނާގެ މައިންބަފައިންނަކަށް ނުލިބެއެވެ.އެހެންވިއަސް އެކަމާ އެމީހުން ޝަކުވާއެއް ނުކުރެއެވެ.
ފުރަތަމަކޮޅު ޚަދީޖާމެންގެ ބަހަށް ގޭގައި އާނިމް މަޑުކުރިއަސް، ފަހަކަށް އައިސް ޚަދީޖާމެންގެ ބުނުންތަކަށް އޭނާ ބީރުކަންފަތެއް ދޭންފެށިއެވެ.ގެއަށް އައުން ލަސްވެ، އެކަމާ އެމީހުން ސުވާލުކުރާތީ އާނިމް އެމީހުންދެކެ ރުޅިއަންނަން ފެށިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





