Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް ތިޔޭ – ހަތްވަނަ ބައި

Azkii Level 110 Stories
May 19, 2022 5 Mins Read
0 Comments

އެއަށްފަހު ކުޑަދޮރު ކައިރިއަށް ގޮސް ދަމާފައިވާ ދޮރުފޮތި އެއްފަރާތް ކޮށްލިއެވެ. ދޮރު ހުޅުވައިލުމަށްފަހު ތިރިއަށް ބަލައިލިއިރު ފެންނަނީ މާލޭގެ ހަލަބޮލި މަގެކެވެ. ދޮރުގައި ޓަކި ދިން އަޑުއިވުމާއެކު ރާނީގޮސް ދޮރު ހުޅުވައިލިއެވެ. ފޮށި ހިފައިގެން ހުރި ޖަވާދު އެތެރެއަށް ވަދެ ފޮށި ބެހެއްޓިއެވެ.

” ސައި ހެދިފަ ހުރީ.. ހިނގާ އިހަށް ސައިބޯން ދާން..” ނިކުތުމުގެ ކުރިން ޖަވާދު އެދުނެވެ. ރާނީވެސް ބޯޖަހައިލުމަށްފަހު ޖަވާދާއެކު ކޮޓަރިން ނިކުތެވެ.

**********

އިރުއެރުމާއެކު ޔާނިޝް ރަފާއާ ބައްދަލު ކުރިއެވެ. ކަންތައްވީ ގޮތް އޭނާއަށް އޮތީ ސާރާގެ ފަރާތުން އެނގިފައެވެ. އޭނާގެ ސަބަބުން ބަދޫރާގެ ހިތްހަމަނުޖެހުޖުގެ ބަސްތަކާ ރަފާ ކުރިމަތިލާން ޖެހުނީތީ އޭނާ ދެރަވިއެވެ.

” ޔާން އަބަދުވެސް ކުރާނީ އެކަހަލަ ކަންތައް.. ދެން އޯކޭއޭ އަހަރެން ރުޅިއެއް ނޫނޭ.. ” ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިނދެ ރަފާ ބުންޏެވެ. އަލަމާރީގައި ލެގިލައިގެން ޖީބަށް އަތްޖަހައިގެން ހުރި ޔާނިޝް ހިނިތުންވެލިއެވެ.

” އަހަރެންނަށް އެނގޭ ރަފް ދުވަހަކުވެސް އަހަރެން ދެކެ ރުޅިއެއް ނާންނާނެކަން.. ” ރަފާ އިށީނދެ އިން ގޮނޑީގެ ފަހަތުގައި ހުއްޓި އޭނާގެ ދެކޮނޑުގައި އަތް ބާއްވައިލަމުން ޔާނިޝް ބުންޏެވެ.

” ހޫމް ދެން ދޭބަލަ!! އަހަރެން އެބަޖެހޭ މިރޭ ބާރައިގެ ކުރިން މި އެސައިމެންޓް ފޮނުވަން…” ލުއި ހިނިތުންވުމަކާއެކު ރަފާ ބުންޏެވެ.

” ތި އެސައިމެންޓް އަހަރެން ނިންމާލަދީފާނަން ހިނގާބަލަ އިހަށް އަހަރެންނާއެކު.. ” ރަފާގެ އަތުގައި ހިފަމުން ޔާނިޝް ބުންޏެވެ.

” ކޮންތާކަށް.. ޔާން… ދޫކޮށްބަލަ…” ރަފާ ދައްކާ ވާހަކައަކަށް ނުބަލާ ޔާނިޝް ރަފާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އޭނާގެ މިސްރާބު ހުރީ ގެއިން ނިކުންނާށެވެ. ސޯފާގައި ފޮތެއް ކިޔަން އިން ބަދޫރާ އެމީހުންގެ ލޮލުގައި އަޅައެއް ނުގަތެވެ. އެމީހުންގެ ހަރަކާތްތަކަށް ބަލަން އިން ބަދޫރާ އޭނާގެ ލޮލުގައިވާ ނަމްބަރު އައިނު ނެގުމަށްފަހު އުނގުގައި ބާއްވައިލިއެވެ. ޔާނިޝްގެ ނަމުން ގޮވާލުމާއެކު އެދެމީހުންގެ ފައިގައި ތަޅެއް ލެވުނު ކަހަލައެވެ. ރަފާ ފަސް އެނބުރި ބަލައިލީ ޖެހިލުންވެފައި ހުރެއެވެ. ޔާނިޝްގެ މޫނުމަތިންވެސް ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް ފެންނަން ހުއްޓެވެ.

” އާދެބަލަ މިތާ އިށީންނަން.. ވާހަކަ އެއް ދައްކާލަން އެބަޖެހޭ..” ބަދޫރާ ބުންޏެވެ. ރަފާއާއި ޔާނިޝް އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ. ސޯފާއާ ދިމާލަށް ހިނގައިގަތީ ރަފާއާއި ޔާނިޝް އެކު އެކީގައެވެ. އެހެންނަމަވެސް ބަދޫރާ ރަފާ ގާތުގައި އެނބުރި އޭނާގެ ކޮޓަރިއަށް ދިއުމަށް އެދުނެވެ. ވާހަކަ ދައްކާލަން ބޭނުންވަނީ ހަމައެކަނި ޔާނިޝްއާ ކަމަށް ބުނަމުންނެވެ.

” ރަފާ ގޮވައިގެން ކޮންތާކަށް ދާން ތިއުޅުނީ..” އަތުގައި އޮތް އައިނާއި ފޮތް ކުރިމަތީގައި ހުރި ކޮފީ މޭޒުމަތީގައި ބާއްވަމުން ބަދޫރާ އަހައިލިއެވެ.

” މީ.. އައިސް ކްރީމް ބޯހިތުން…..” ޔާނިޝް ބުންޏެވެ.

” މިގޭގަ އައިސްކްރީމް ނެތީތަ.. ހްމްމް ދެން މައްސަލައެއް ނެތޭ.. އެކަމަކު ތިކަހަލަ ކަމަކަށް ރަފާ އަށް ވުރެ ރަނގަޅީ ޔާނިޝްގެ އެކުވެރިންނާއެކު ދިޔުން.. ރަފާ އެއީ ޔާނިޝްގެ ދެބެންގެ ދެދަރި ކުއްޖަކަށްވިޔަސް ތިދެމީހުންގެ ކައިވެނި ސައްޚަ ވާނެކަމެއް ނޭނގޭތަ.. އަހަރެމެންގެ އާއިލާއަކީ ނުލާހިކު ޤަދަރުވެރި އާއިލާއެއް.. ތިގޮތަށް ރަފާއާއެކު ތަންތަނަށް ގޮސް އުޅޭތަން ފެނުމުން މީހުން ފާޑު ފާޑުގެ ވާހަކަ ދައްކާނެ.. އެގޮތް އަހަރެންނަށް ބަލައެއް ނުގަނެވޭނެ.. ޔާނިޝްވެސް ވެއްޖެ މިހާރު ތަންކޮޅެއް ޒިންމާދާރުވާން ދަސްކުރަން.. ތީ އަހަރެންގެ ހާރޫންގެ ދަރިއެކޭ ބުނާހާވެސް ނުވޭ.. އާއިލީ ވިޔަފާރި ތެރެއަށް ވަންނަން ބޭނުންނުވަންޏާ ކޮންމެވެސް އެހެން ވަޒީފާއެއްވެސް ހޯދަން ވެއްޖެއްނު.. ގައިމުން ޔާނިޝް ތިހިރީ ނުލާހިކު ރަނގަޅަށް ކިޔަވައިގެން.. ތިހެން އެގޮތް މިގޮތަށް އުޅެންޏާ ޔާނިޝްއާ އިންނާނެ ރަނގަޅު ކުއްޖަކުވެސް ނުވާނެ.. މިހާރު ތިހިރީ އުމުރުން ތިރީސް އަހަރުވާން ގާތްވެފައި.. މިއާއިލާ ކުރިއަށް އޮތްތަނުގައި ދަމަހައްޓަން ހުރި ހަމައެކަނި މީހަކީ ތީ.. ދެން ތިބީ ދެ އަންހެންކުދިން.. އެމީހުން މާދަން ކަންނޭނގެ މީހުންނާ އިނދެގެން ދާނީ.. ” ނުރުހުންވެ އިނދެ ބަދޫރާ ކިޔައިލިއެވެ.

” ވަޒީފާއެއް ލިބޭތޯ މަސައްކަތް އެބަކުރަމޭ މާމާ.. ” ބޯކަހައިލަމުން ޔާނިޝް ބުންޏެވެ.

” ތިހެން ބުނެފި މިހާރު ހާސްފަހަރު.. ދެން ޔާނިޝް ބޭނުން ގޮތަކަށް ކަންތައް ކުރަން ދޫކޮށްލައިގެންނެއް ނުހުރެވޭނެ.. މާދަމާ ހާރޫނާއެކު އޮފީހަށް ދާން ތައްޔާރުވެގެން ހުންނާތި..”

” ދެން މާމާ ޕްލީޒް.. ގަދަކަމުން ކުރުވަން ނޫޅެބަލަ…” ޔާނިޝް ހިތްހަމަނުޖެހޭގޮތް ވިއެވެ.

” ކޮން ޕުލީޒެއް ކިޔާކަށް.. ބުނީމަ ބުނާގޮތް ހެދީމަ ނިމުނީ.. އަހަރެން ބޭނުމެއް ނޫން އިތުރު އެއްވެސް ވާހަކައެއް އަޑުއަހާކަށް…” ބަދޫރާ އޭނާގެ ފަހު ބަސް އިއްވާލުމަށްފަހު އަލުން އުނގުމަތީގައި އޮތް އައިނު ނަގާ ލޮލަށް ހެޔޮވަރު ކޮށްލިއެވެ. އެއަށްފަހު ފޮތް ނަގައިގެން ކިޔަން ފެށިއެވެ. އިތުރަށް ވާހަކަ ދެއްކިޔަސް ދެން ބަދޫރާ އަޑެއް ނާހާނެކަން ޔާނިޝްއަށް އެނގުނެވެ. ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނީ ލިބުނު ފޫހިކަމުގައެވެ.

***********

ތާރާއާއި ރާނީ ވާހަކަ ދައްކަން ތިބީ ތާރާގެ ކޮޓަރީގައެވެ. ރާނީގެ ފަރާތުން އޭނާއަކީ ޑޮކްޓަރެއްކަން ތާރާއަށް އެނގުނެވެ. އަދި ރާނީ އައީ އުފާ ކެއަރ ހޮސްޕިޓަލުން ވަޒީފާ ލިބިގެންކަންވެސް އެނގުނެވެ. އޭނާއަކީ އެތަނުގެ ނަރުހެއް ކަމުގައި ތާރާ ބުންޏެވެ. އަދި އޭނާގެ އެންމެ ގާތް އެކުވެރިޔާ ދުއާ އަކީ އެތަނުގެ ޑޮކްޓަރެއް ކަމާއި ވެރިޔާގެ ކާފައެއް ދަރިއެއް ކަމުގައި ބުންޏެވެ.

ލޫކަން ކިޔާ މީހަކު ދަންނަންތޯ ތާރާއާ ސުވާލުކޮށްލަން ރާނީ ބޭނުންވިއެވެ. ލޫކަންވެސް އެއީ ޑޮކްޓަރެކެވެ. އެހެންކަމުން ފަހަރެއްގައި ތާރާއަށް އެނގިދާނެއެވެ. އެހެންނަމަވެސް އެސުވާލު ކުރާކަށް ރާނީއަށް ނުކެރުނެވެ. އޭރުން ހަމަ ޔަގީނުންވެސް އޭނާ ލޫކަން ދަންނަނީ ކިހިނެއްތޯ ތާރާ ސުވާލު ކުރާނެއެވެ. ތާރާއާ ވާހަކަ ދައްކައިލެވުމުން އޭނާއަކީ ވަރަށް ސުވާލުކުރަން ފޯރި ހުންނަ ކުއްޖެއްކަން ރާނީ އަށް އެނގުނެވެ.

” ރާނީ ޖެހޭނެ ދުއާ އާ މީޓް ކޮށްލަން.. ކޮންއިރަކުން ވަޒީފާއަށް ނިކުންނަން ފަށަނީ..؟ ” ތާރާ އަހައިލިއެވެ.

” މާދަން ޖެހޭ އޮރިއެންޓޭޝަންއަށް ދާން.. ތާރާ ކޮންއިރަކު ޑިއުޓީ އިނީ..” ރާނީ އެހިއެވެ.

” ހެނދުނު.. އަހަރެންނާ އެކީގައި ދޯ ދާނީ.. މާދަން އުޅޭނެ ދުއާވެސް.. ”

ރާނީ ހުރީ ދުއާ އާ ބައްދަލުކޮށްލަން ކެތްމަދުވެފައެވެ. އެވަރަށް އޭނާގެ ވާހަކަތައް ތާރާ ދައްކައިފިއެވެ. ތާރާގެ ވާހަކަތަކުން ދުއާ އަކީ އަހުލާޤު ރަނގަޅު ހިތްހެޔޮ ކުއްޖެއްކަން އެނގުނެވެ. ހޮސްޕިޓަލުގެ ވެރިޔާގެ ހަމައެކަނި ކާފަ ދަރިއަށް ވިއިރުވެސް އެއްވެސް ކަހަލަ ކިބުރުވެރިކަމެއް ދުއާގެ ކިބައިގާ ނުވެއޭ ބުނުމުން ދުއާއާ ބައްދަލުކުރުމުގެ ޝައުޤު އިތުރުވިއެވެ. ހެވިފައި ތާރާގެ ވާހަކަތައް އަޑުއަހަން ރާނީ އިނީ އަންނަން އުޅޭ ކޮޅިގަނޑުގެ ބާރުގަދަކަން ރޭކާވެސް ނުލާ ފަދައަކުންނެވެ.

**********

ހެނދުނު ހޮސްޕިޓަލަށް ދިއުމުގެ ކުރިން ލާނެ ހެދުމެއް އިސްތިރިކޮށްފައި ކޮނޑުގައި އަޅުވައިލުމަށްފަހު ރާނީ ވަނީ ފެންވަރާށެވެ. ތާޒާ ވެލައިގެން ނިކުމެ ނިދަން ތައްޔާރުވެލިއެވެ. އެނދުމަތީގައި ދެފައި ވަށްކޮށްގެން އިށީނުމަށްފަހު ހާޖަރަށް ގުޅައިލިއެވެ. ޒޯއީ މަތިން ހަނދާންވީ ހާޖަރު އެވާހަކަ ދެއްކުމުންނެވެ. އޭނާގެ ހަބަރެއް ނުވެގެން ޒޯއީ އެގެއަށް އައީއެވެ. ހާޖަރު ފޯނު ބޭއްވުމުން ރާނީ ދެން ގުޅީ ޒޯއީ އަށެވެ. އެންމެ ފުރަތަމަ ޒޯއީ ރުޅި އައިސްގެން ވާހަކަ ދެއްކިނަމަވެސް ރާނީ އެތައް ފަހަރަކު މައާފަށް އެދުމުން ޒޯއީ ހަމައަކަށް އެޅުނެވެ. އެތައް އިރެއް ވަންދެން ޒޯއީ އާ ވާހަކަ ދައްކަން އިންއިރު ގަޑިން ވީ ވަރެއްވެސް ރާނީއަށް ރޭކާނުލައެވެ. ޒޯއީ ފޯނު ބޭއްވީ ބާރަ ގަޑި ބައިވާން ގާތްވެފައި ހުއްޓައެވެ. ކޮޓަރީގައި ހުރި ޖަގުގައި ފެން ނެތްކަން އެނގުނީ އޮށޯންނަން އުޅެނިކޮށެވެ. ހުސް ޖަގު ހިފައިގެން ރާނީ ކޮޓަރިން ނިކުތެވެ. ތަނަށް ވެރިވެފައިވީ ކަނު އަނދިރި ކަމަކާއި މަރުފަދަ ހިމޭންކަމެކެވެ. ލައިޓް ދިއްލަން ނޫޅެ ބަދިގެއާ ދިމާލަށް ރާނީ މިސްރާބު ޖެހިއެވެ. ފްރިޖުން ނެގި ފެންފުޅި ޖަގަށް އޮއްސާލުމަށްފަހު ހުސްފުޅިއަށް ފެންއަޅާފައި ފުރިޖަށް ލިއެވެ. ޖަގު ހިފައިފެން އެނބުރި ކޮޓަރިއާ ދިމާލަށް ހިނގައިގަތް ވަގުތު ހުއްޓުން އެރީ ކޮންމެވެސް މީހަކު ލައިޓް ދިއްލައިލުމުންނެވެ.

” ތީ ކާކު؟..” ފަހަތުން އިވުނީ ބަރުހެލި ފިރިހެން އަޑެކެވެ. ޖަވާދު އަޑެއް ނޫންކަން ރާނީއަށް ޔަގީންވިއެވެ. ޖެހިލުންވެފައި ހުރެ ރާނީ އަނެއް ފަރާތަށް އެނބުރުނެވެ. އެހިނދު ރާނީ އާ ދިމާލަށް އައި ފިރިހެނެއް ފެނި އޭނާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ހަމައެކަނި ސޯޓެއްގައި ހުރި އެފިރިހެންމީހާ ފެނި ރާނީ ލަދުވެސް ގަތެވެ. އެފިރިހެން މީހާ އައިސް ހިފީ ރާނީގެ އަތުގައެވެ. އެވަގުތު ސިހުނުވަރުން އަނެއް އަތުގައި ހުރި ފެން ޖަގުވެސް ނުވެއްޓުނީ ކިރިޔާއެވެ.

” ތީކާކު؟ މިއޮއް ދަންވަރު މިގެއަށް ވަދެ ތިއުޅެނީ ކީއްކުރަން…” ހަރުކަށި ކަމާއެކު އެމީހަކު އަހައިލިއެވެ.

” އަހަރެން.. މި.. ރާނީ.. މިގޭގ…” ބިރުގަނެއްފައި ހުރި ރާނީއަށް ވާހަކަ އެއް ނުދެއްކުނެވެ.

” ކޮން މިމިއެއް ކިޔާކަށް.. ތީ މިގޭ ޖަގެއް ދޯ.. ތީ ދޯ އަތު ޖެހުނު އެއްޗަކީ.. ލާހިކެއް ނޫން މިރޭ ސަލާމަތް ވާކަށް.. ތިކަހަލަ އަންހެނުން އަހަރެން ވަރަށް ރަނގަޅަށް ދަންނަން.. ބޮޑުބޭ… ދައްތާ.. އަވަހަށް ނިކުމެބަލަ.. މިގެއަށް ވަގެއް ވަދެއްޖެ..” އާރަވް ހަޅޭއްލަވައިގަތެވެ. ކަންސާއާއި ޖަވާދު ނިކުތީ އާރަވް ގޮވާތާ އިރުކޮޅެއް ފަހުންނެވެ. އެވަގުތު ތާރާވެސް އޭނާގެ ކޮޓަރިން ހާސްވެފައި ހުރެ ނިކުތެވެ. އޭރު ބިރުންގޮސް ރާނީއަށް ރޮވެނީއެވެ.

” ބަލާބަލަ މިއޮއް އުޅޭ ވަގެއް.. އަވަހަށް ގުޅާބަލަ ފުލުހުންނަށް…” އާރަވް ބުންޏެވެ.

” ރެވް.. ތީ ކޮންކަމެއް.. ދޫކުރޭ ރާނީ އަތުން…” ތާރާ ހަޅޭއްލަވަމުން އައިސް ރާނީގެ އަތުން އާރަވްގެ އަތް ނައްޓުވައިލިއެވެ. އެވަގުތު ރާނީ ޖެހިލުންވެފައި ހުރެ އަވަހަށް ތާރާގެ ފުރަގަހަށް ވަދެ ނިވައިވެލިއެވެ.

” ރެވް ދަރިފުޅާ ތީ ކޮންކަމެއް؟ ރާނީ ކީއްކުރީތަ؟ ” ޖަވާދުވެސް ހައިރާންވެފައި އަހައިލިއެވެ.

” ރާނީ އޭ.. މީ އެއްވެސް ރާނީއެއް ނޫން.. މިގަޑީގަ ގެއަށް ވަދެގެން އުޅޭ ބޮޑު ވަގެއް… ” އާރަވް ހިތްހަމަނުޖެހިފައި ބުންޏެވެ.

” ސާބަސް ރެވް.. މި ވަގެއް ނޫނޭ.. މީ ރާނީ.. މި ހަމަ އާއިލާ ކުއްޖެއް ކަމަށް ބަލާ… ” ކަންސާ ކުރިއަށް ޖެހިލަމުން ބުންޏެވެ. އާރަވް އެއްފަހަރު ރާނީއަށް އަނެއްފަހަރު ކަންސާއަށް ބަލައިލިއެވެ.

” ރެވް ގެއަށް ނާންނާތީ ނޭނގުނީ.. ރާނީ ދެން ހުންނާނީ މިގޭގައި… ނުވާނެނު ތިހެން ހަދާކަށް.. ބާލަބަލަ އެމަންޖެ ބިރުގަނެފައި ހުރިވަރު..” ތާރާގެ ފުރަގަހުގައި ހުރި ރާނީއަށް ބަލައިލަމުން ކަންސާ ބުންޏެވެ. ތާރާ ރާނީގެ އަތުގައި ހިފާ ކުރިމައްޗަށް ގެންނަމުން ބިރުނުގަތުމަށް އެދުނެވެ.

” ރާނީ މީ ރެވް.. ޑޮކްޓަރ އާރަވް.. އަހަރެންގެ ކަޒިންއެއް.. ރެވް ވެސް މަސައްކަތް ކުރަނީ އުފާ ކެއަރ ހޮސްޕިޓަލުގައި.. ރެވް މީ ރާނީ.. ހޮސްޕިޓަލަށް އަލަށް ޖޮއިންވާން އުޅޭ ޑޮކްޓަރެއް… ދެން ވެސް ރާނީ ކައިރިން މައާފަށް އެދިބަލަ..” ދެމީހުން ތައާރަފް ކޮށްދިނުމަށްފަހު ތާރާ ބުނެލިއެވެ. ރާނީ އާރަވްއަށް ބަލައިލީ ޖެހިލުންވެ ހުރެއެވެ.

” ސޮރީ.. ދެން ދައްތަވެސް މިކަހަލަ ކަމެއް ކުރަންޏާ އަހަރެން ކައިރީގައިވެސް ބުނެލިނަމަ މިކަހަލަ ކަންތައްތަކެއް ނުވާނެއްނު..” އާރަވް އެހެން ބުނީ ހިތްހަމަނުޖެހިފައެވެ. އިތުރަށް މީހަކު ކިޔާ އެއްޗަކަށް ބެލުމެއް ނެތި ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ.

ރާނީ ފެންޖަގު ހިފައިގެން ކޮޓަރިއަށް ވަދެ ސައިޑް ކަބަޑު މަތީގައި ޖަގު ބަހައްޓައިލިއެވެ. އަދިވެސް ގައިގެ ތުރުތުރު ނުކެނޑެއެވެ. އާރަވް ހިފެހެއްޓި އަތުގައި އޭނާގެ އިނގިލިތަކުގެ ނިޝާން ހުރިއިރު އެތަނުގައި ރިހުމެއްވެސް ހުއްޓެވެ. ހިތާހިތުން އާރަވްއާ ދިމާލަށް ކުދި ކިޔައިލެވުނެވެ. ފޮނި ފިރިހެނެކޭ ހިތަށް އެރިއެވެ. މައާފަށް އެދުމުގައިވެސް ހަމައެކަނި އެހެން ބުނެލިކަމެވެ. އެބުނުމުގައި އެއްވެސް މާނައެއްނުވާކަން ކަށަވަރެވެ. އަމިއްލަ ކުށް ޤަބޫލުކުރުމުގެ ބަދަލުގައި ކުށްވެރި ކުރީ ގޭމީހުންނެވެ. ވާހަކަ ދެއްކުމުގައި އެއްވެސް ކަހަލަ އިޙްތިރާމެއް ނެތެވެ.

***********

ލޫކަންގެ ފޯނެއް ދުއާއަށް އައީ ވަޒީފާއަށް ދާން ތައްޔާރުވާން ހުއްޓައެވެ. ފޯނު ނަގަމުން އެންމެ ފުރަތަމަ ދުއާ ހެނދުނުގެ ސަލާމް ގޮވައިލިއެވެ.

” ކޮންއިރަކުންތަ އަންނާނީ.. ލޫކް ނެތީމަ ވަރަށް ފޫހި..” ދުއާ ބުނެލިއެވެ.

” މާދަމާ އިންޝާﷲ.. ކޮބާ ކާފައަށް ކުރިއެރުމެއް އެބައާދޭތަ..؟” ލޫކަން އަހައިލިއެވެ.

” ކުރިއެރުމެއް ނާދޭ.. އިތުރަށް ގޯހެއްވެސް ނުވޭ އަލްޙަމްދުލިﷲ… ލޫކް މަންމަ ކައިރިއަށް ދަން ކޮންމެ ދުވަހަކުވެސް.. ބޭސްކައި ބަރާބަރަށް.. މިހާރަކަށް އައިސް ޓީވީ އިން އަންނަ ކޮންމެވެސް ޑްރާމާއެއް ބަލަން އަބަދު އިންނަނީ.. ހެހެހެ…”

” އާނ މަންމަ ބުންޏޭ ކޮންމެ ދުވަހަކުވެސް ދުއާ ދާ ވާހަކަ.. ދެން ބޭއްވި އިނގޭ.. މިއަދު މިރަށުގައި ފަހު ދުވަހަށްވީމަ ވަރަށް ބުރަވާނެ.. ނިންމާފަ ގުޅާނަން… ” ލޫކަން ބުންޏެވެ.

” ހްމްމް އޯކޭ ބައި.. ލަވް ޔޫ..” ދުއާ ހިނިތުންވަމުން ބުންޏެވެ.

” ބައި.. ޓޭކް ކެއަރ..” އެހެން ބުނުމަށްފަހު ލޫކަން ފޯނު ބޭއްވިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Azkii

Level 110 Stories

Other Articles

Previous

މަދަދުވެރިޔާ (1)

Next

ނޭދެން ވަކިވާކަށް

Next
May 19, 2022

ނޭދެން ވަކިވާކަށް

Previews
May 16, 2022

މަދަދުވެރިޔާ (1)



All Right Reserved!