Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް ތިޔޭ – ހަވަނަ ބައި

Azkii Level 110 Stories
May 15, 2022 6 Mins Read
1 Comment

” ނޭނގޭ ދޯ.. އޭނަ އަހަރެންނަށް ވަރަށް ކެއާރ ކުރާކަން އެނގޭ.. ހިތް އޮތްގޮތް ބުނާކަށް ހަމަ އެއްގޮތަކަށްވެސް ނޭނގޭ…” ހިޔާލަކަށް ގެއްލިފައި އިނދެ ރަފާ ބުންޏެވެ. އެމަންޒަރު ފެނި ސާރާ އަށް ހީނލެވުނެވެ.

*****************

ފެންވަރައިގެން ނިކުތް ނީޒާ ފާރުގައިވާ ގަޑިއަށް ބަލައިލިއެވެ. ދިހައެއް ޖެހިއިރުވެސް ހާރޫން ގެއަށް ނާންނާތީވެ ފޯނު ނަގާ ހާރޫނަށް ގުޅައިލިއެވެ.

” ކޮންއިރަކުތަ ގެއަށް އަންނަނީ… ލަސްވިއްޔާ ހާރުންގެ މަންމަ ހުރިހާ ސުވާލެއް ކުރިމަތި ކުރާނީ އަހަރެންނަށް.. ޔަގީންތަ އޮފީހުގައިކަން ތިއިނީ.. އެހެން ރޭރޭވެސް މިހާއިރުވާއިރު ގެއަށް އަންނަމެއްނު…” ހާރޫނަށް ވާހަކަ ދައްކާނެ ފުރުސަތު ނުދީ ނީޒާ ކިޔައިލިއެވެ.

” ރައްޓެއްސަކާއެކު ކޮފީއަކަށް ދިޔައީ… މިދަނީ އިރުކޮޅަކުން…… އަހަރެންނަށް ހީވަނީ މަންމައަށްވުރެ ނީޒާ ކަންބޮޑުވާހެން އަހަރެން ލަސްވީމަ.. އަހަރެން އެހެން އަންހެނެއް ކައިރީގައި އޮތްކަމަށްތަ ހީކުރީ….”

” ހޫން ދެން ބޭކާރުވާހަކަ ނުދައްކާ އަވަހަށް އާދޭ… ” މިހެންބުނުމަށްފަހު ނީޒާ ފޯނު ކަނޑައިލިއެވެ. އިސްތަށިގަނޑު ހިއްކަން ހުއްޓާ ދޮރު ހުޅުވާލާފައި ވަނީ ހާރޫނާއި ނީޒާގެ ހަގު ދަރިފުޅު އަނޫޝާއެވެ. އުމުރުން އަށާރަ އަހަރުގެ އަނޫޝާ ތުންފިއްތައިގެން ހުރިތަން ފެނި ކިހިނެއްވީތޯ ނީޒާ ސުވާލު ކުރިއެވެ.

” މިގޭގަ ހަމަޖެހިލައިގެން ނިދޭވަރުތަ؟ …” ރުޅި އައިސްފައި ހުރެ އަނޫޝާ އައިސް އެނދަށް ވެއްޓިގަތެވެ.

” ކިހިނެއްހޭ ވީ؟؟ މަންމަ އެއްޗެކޭ ބުނީތަ؟ ” ނީޒާ އެހިއެވެ.

” އެ ރަފާ ދޮންތަ ވަގަށް ބޭރަށް ނިކުންނަން އުޅެނިކޮށް މާމައަށް ބަސްޓްވީ.. އެކަމުގެ ރުޅީގައި އަހަރެން ފޯނުން ފިލްމެއް ބަލަން އޮއްވައި އައިސް ފޯނު އަތުލައިފި.. ނުނިދާ އަބަދު ފިލްމް ބަލާތީޔޯ.. އަދި ގަޑިން ދިހަ ގަޑި ބައި ނުވޭ.. މަންމަ ގޮސް މާމަ އަތުން އަހަރެންގެ ފޯނު ގެނެސްދީބަލަ…” އަނޫޝާ ހިތްހަމަނުޖެހިފައި ބުންޏެވެ.

” މާމަ ރުޅިއައިސްފައި ހުރީމަ އެކަމުގެ ރުޅި އަނޫއަށްވެސް އެ ބޭލީ.. ރަފާވެސް ނުޖެހޭ ދޯ މަންމަ ރުޅި އަންނަ ކަމެއްކަން އެނގިހުރެ މިގަޑީ ގެއިން ބޭރަށް ދާކަށް.. އަނޫގެ ދޮންބެ އެބައުޅޭތަ ގޭގަ.. ”

” ދޮންބެ އައިއްސި އިރުކޮޅެއް ކުރިން… ދެން ވަރަށް ފޫހި.. ނޫޅެން އެއްވެސް މީހަކާ ވާހަކަ ދައްކާކަށް.. މިރޭ ދެން މިޖެހުނީ ފޯނާ ނުލާ ނިދަން.. މަންމަމެންނަކަށް އަންޑަސްޓޭންޑެއް ނުވާނެ ފޯނު ނެތީމަ ވާ ފޫއްސެއް..” މިހެން ބުނެ ގުންފައި ޖަހަމުން ވައިސޫރިއެއްހެން އެކޮޓަރިން ނިކުމެގެން ދިޔައެވެ. ދަތްކުޑިވިކައިލި ނީޒާ އަނޫޝާއާ ދިމާލަށް އެއްޗެކޭ ބުނަން ބޭނުންވިޔަސް ކެތްތެރިވިއެވެ. އަނޫޝާގެ ހުންނަ އެސިފައަކީ ޙުދު އޭނާގެ ފަރާތުން ވާރުތަވި ސިފައެއްކަން އެނގޭތީއެވެ.

*************

ރާނީއަށް އެނބުރި ބްލޫ މޫން ހޮޓެލްއަށް އާދެވުނުއިރު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. ސިމެއް ނަގަން ގޮސް ކިޔޫގައި އެތައް އިރަކު އިންނަން ޖެހުމުން ރާނީ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައެވެ. އަނެއްކޮޅުން އެނބުރި އައިސް އަނެއްކާވެސް ހާޖަރަށް ގުޅަން އޭނާ ހުރީ ކެތްމަދުވެފައެވެ. ވައިބާ މެދުވެރިކޮށް ހާޖަރު ގުޅަން ފެށީ ރާނީ ގުޅަން އުޅެނިކޮށެވެ.

” ދަރިފުޅު ކިހިނެއް ތިހެދީ..؟؟ ކީއްވެ ތިވަރުގެ ބޮޑު ފިޔަވަޅެއް ތިނެގީ؟؟ އެންމެ ފަހަރަކުވެސް މަންމަ ކައިރީގައި ބުނެލިނަމަ!!! ” ރާނީއަށް ބަހެއް ބުނެވުމުގެ ކުރިން ހާޖަރު ޝަކުވާ ކުރަން ފެށިއެވެ.

” މާފުކުރޭ މަންމާ!! ހިތުގެ އެދުމުގައި ކޮޅުފައިން ޖަހާނެ ހިތްވަރެއް ނެތުނީ.. ” ދެރަވެފައި ރާނީ ބުންޏެވެ.

” އެކަމަކު ރާނީ!! ދެން ކިހިނެއް މަންމަ މިތާ ހަމަޖެހިގެން ހުންނާނީ.. ރާނީ ތިކުރިކަމަކުން ހިތާއި ސިކުނޑީގެ ހަމަޖެހުން ގެއްލިއްޖެ.. ހެޔޮނުވާނެ ދަރިފުޅާ އެނބުރި އާދޭ.. ތިތަނުގައި ދަރިފުޅު ކިހިނެއް އެކަނި އުޅޭނީ؟؟ ބައްޕަ ފޮނުވާނަން ދަރިފުޅު ބަލާ…” އާދޭހުގެ ރާގެއްގައި ހާޖަރު ބުންޏެވެ. ރާނީ އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ދެން އިވުނީ އަމާން ވާހަކަ ދައްކަން ފެށި އަޑެވެ.

” ތެދެއް ދަރިފުޅާ ބައްޕަ ދަންތަ ދަރިފުޅު ބަލާ…؟” އަމާން އަހައިލިއެވެ.

” ނޫން ބައްޕާ.. މަންމާ އިހަށް އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ..!! އެނގޭ މަންމަމެން ކައިރީގައި ނުބުނެ މިފަދަ ބޮޑުކަމެއް ކުރުމަކީ ވަރަށް ގޯސްކަމެއްކަން.. ނުބުނީވެސް މަންމަ ހުއްދަ ނުދޭނެކަން އެނގޭތީ.. އަހަރެންނަކީ މިހާރު ބޮޑުވެ ތަސައްރަފު ފުދިފައި ހުރި މީހެއް.. ހެވާ ނުބައި ވަކި ކުރާން އަހަރެންނަށް އެނގޭ.. މަންމައާއި ބައްޕަ އެންމެ ފަހަރަކުވެސް އަހަރެންނަށް އިތުބާރުކޮށްބަލަ.. މިކުރެވެނީ ކީއްކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ.. ޕްލީޒް.. މިތާ ހުއްޓަސް އަހަރެން ބަރާބަރަށް މަންމަމެންނަށް ހަބަރުވާނަން.. ޕްރޮމިސް.. އަޅެ އެންމެ ފުރުސަތެއް ދީބަލަ..” އާދޭސް އެކުލެވިފައިވާ ރާގެއްގައި ރާނީ ބުންޏެވެ. އަމާން ފުންނޭވައެއް ދޫކޮށްލި ހިނދު ހާޖަރު ދެލޯ މަރައިލިއެވެ. ރާނީވެސް އެބުނީ ގޯސްވާހަކައެއް ނޫނެވެ. މިހާރު ރާނީގެ އުމުރުން އަށާވީސް އަހަރު ވެއްޖެއެވެ.  ރާނީއަށް އޭނާ ބޭނުންވާ މިނިވަންކަން ލިބެން ޖެހެއެވެ. އެހެނަސް އެއްވެސް މަޔަކަށް އޭނާގެ ދަރިންނަށް ގެއްލުމެއް ލިބޭތަން ބަލާކަށް ނުހުރެވޭނެއެވެ.

” އެންމެ ރަނގަޅު ދަރިފުޅާ.. ދަރިފުޅަށް ފުރިހަމަ އިތުބާރުކުރަން ބައްޕަމެން.. އެކަމަކު ހަނދާން ކުރާތި ތިތަނުގައި ރާނީގެ އެއްވެސް މީހަކު ނެތްކަން.. ވަރަށް ބަލައިގެން އުޅެންވާނީ.. ނުދަންނަ މީހުންނާ ގުޅުން ބަދަހި ކުރާއިރު އެއީ ކިހާވަރެއްގެ ބައެއް ތޯ ބަލަންވާނެ.. ދަރިފުޅު ގޯސް މަގަކުން ނުދާނެކަން ބައްޕަމެންނަށް އެނގޭ.. އެކަމަކު ޝައިޠާނާއަކީ ވަރަށް ނުބައި އެއްޗެއް. ބޮލަށް ސަވާރުވާނީ ނުވެސް އެނގި ހުއްޓަ.. އެހެންވީމަ ބަރާބަރަށް ނަމާދުކޮށް ޤުރުއާން ކިޔަވާ ހެނދުނާއި ހަވީރުގެ ޒިކުރުތައްވެސް ކިޔާތި.. ” އަމާން ބުންޏެވެ. ރާނީގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވީ ލިބުނު އުފަލަކުންނެވެ.

” ލައްބަ!! މަންމާ ޕްލީޒް ދެން ނުރޮއެބަލަ.. މަންމަ ރޯކަން އެނގޭއިރު އަހަރެންނަށް ހިތްހަމަޖެހުމެއް ނުލިބޭނެ..” ރާނީ ބުންޏެވެ.

” ދަރިފުޅު ތިހާ ދުރުގަ ހުއްޓާ މަންމަގެ ހިތަށް ހަމަޖެހުމެއް ލިބޭނީ ކިހިނެއް..؟ އެކަމަކުވެސް ދަރިފުޅުގެ އުފަލަށް ހުރަސް އަޅާކަށް މަންމަ ނެތިން.. ދަރިފުޅުވާނެ މަންމައަށް ގުޅަން ކޮންމެ ދުވަހަކުވެސް.. މަންމަ ގުޅާއިރު ފޯނު ނުނަގަންޏާ މަންމަ ވަރަށް ކަންބޮޑުވާނެ.. ދަރިފުޅު ކޮންތާކު ހުންނަނީ؟” ދެލޯ ފޮހެލަމުން ހާޖަރު އަހައިލިއެވެ.

” އަދި މިހިރީ ހޮޓެލްއެއްގައި.. ކުދިން ބަހައްޓައިދޭ ގެއަކަށް ދާން މިވިސްނަނީ..؟” ރާނީ ބުންޏެވެ.

” އުނހު.. އޭރުން ކަމަކުނުދާނެ.. ރާނީ ހުންނަން ބައްޕަމެން އެޕާޓްމެންޓެއް ކުއްޔަށް ނަގާނީ.. ” އަމާން ބުންޏެވެ.

” ނޫނޭ ބައްޕާ.. އަހަރެން ބޭނުންވަނީ އަމިއްލަ ފައިމައްޗަށް ތެދުވަން.. މީހުން އުޅޭ ގެއަކުން ކޮޓަރިއެއް ކުއްޔަށް ނަގާނީ.. ” ރާނީ އެދުނެވެ. އަމާން ފޯނު ބޭއްވީ ރާނީގެ އެދުމާ އެއްބަސްވެގެން ވިޔަސް ރާނީ ހުންނާނެ ތަނެއް ހޯދުމާއި އޭނާ ހަވާލުވިއެވެ. ކޮންމެކޮންމެ ތާކު ރާނީ ހުރުމަކީ އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ބައެއް ފަހަރު އުޅޭ ގެއެއްގެ ސަބަބުންވެސް މީހާގެ އުޅުމަށް އޭގެ އަސަރުކުރާތަން އާދެއެވެ. އެހެންކަމުން އަމާން ބޭނުންވަނީ އުޅުން ރަނގަޅު ހެޔޮ އާއިލާއެއްގެ ގާތުގައި ރާނީ ބެހެއްޓުމަށެވެ.

އަމާން ގުޅީ ރާއްޖޭގައި ހުރި އޭނާގެ އެކުވެރިއެއްކަމަށްވާ ޖަވާދަށެވެ. މީގެ ހަތަރުވަރަކަށް އަހަރު ކުރިން ޖަވާދާއި އޭނާގެ އާއިލާ ޗުއްޓީއަށް ގޮސްގެން އުޅެނިކޮށް އަމާންއާ ބައްދަލުވެ އެކުވެރިކަން އުފެދުނީއެވެ. ޖަވާދު ދުބާއީގައި ހޭދަކުރި މަދު ދުވަސްކޮޅުގައި އެދެމެދުގައިވަނީ ވަރަށް ގާތް އެކުވެރިކަމެއް އުފެދިފައެވެ. ޖަވާދާއި އޭނާގެ އާއިލާއަކީ ރަނގަޅު ހެޔޮލަފާ އާއިލާއެއްކަން ފުރަތަމަ ބައްދަލުވުމުންވެސް އަމާންއަށް އެނގުނެވެ. އަމާންގެ އެދުމަށް ވަގުތުން ޖަވާދު އެއްބަސްވިއެވެ. ބަދަލުގައި އެއްވެސް އެއްޗެއް ނުދިނަސް ރާނީ ބަހައްޓައިދޭނެ ކަމުގައި ބުންޏެވެ. އެހެނަސް އަމާން އެގޮތާ އެއްބަހެއް ނުވިއެވެ. ރާނީވެސް އެގޮތް ބޭނުންނުވާނެކަން އެނގޭތީއެވެ.

ހަމަ އެރޭ އަމާން ރާނީއަށް ގުޅާފައި އަނެއް ދުވަހު އެގެއަށް ދާން ތައްޔާރުވެގެން ހުރުމަށް ބުންޏެވެ. ރާނި އެތައް ފަހަރަކު މަނާ ކުރުމުންވެސް އަމާން އޭނާގެ ނިންމުން ބަދަލެއް ނުކުރިއެވެ. ރާނީވެސް އެންމެ ފަހުން އެގެއަށް ދާން އެއްބަސްވީ ކުލި ދައްކާނީ ރާނީ ކަމުގައި ބުނަމުންނެވެ.

*************

ދުއާ އޭނާއަށް ޙާއްސަ ކުރެވިފައިވާ ބަލި މީހުން ބަލާ ކޮޓަރީގައި ވިސްނުމަކަށް ގެއްލިފައި އިނެވެ. އޭނާގެ ވިސްނުމާ ގުޅިފައިވަނީ އާރަވްއެވެ. އިއްޔެ އާރާވްއާ ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނުމުންވެސް އާރާވް ނައެވެ. ކަމުގެ ބޮޑުކަން އާރަވްއަށް ނޭނގެނީއެވެ. އޭނާގެ ފަރުވާކުޑަކަމުގެ ވާހަކަ މިހާރުވަނީ ޒިލާލްއާ ހަމައަށް ގޮސްފައެވެ. އެކަމާ ޒިލާލް ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އާރަވްއަށް ފޮނުވަން ލިޔެފައި އޮތް އިންޒާރުގެ ސިޓީ ދުއާއަށްވަނީ ޒިލާލްގެ ކޮޓަރިން ފެނިފައެވެ. އެފަދަ ތިންވަނަ އިންޒާރެއް އާރާވްއަށް ލިބޭނެ ދުވަހަކީ އޭނާ ވަޒީފާއިން ވަކި ކުރެވޭނެ ދުވަހެވެ. އެހެންވާކަށް ދުއާ ނޭދެއެވެ. އާރަވްއާ ބައްދަލުކޮށް ވާހަކަ ދައްކާލަން ބޭނުންވީ އެހެންވެއެވެ. އޭނާ ކޮންމެ ގޮތަކަށް ދުއާ މެދު ދެކުނު ނަމަވެސް ދުއާގެ ހިތް އާރަވްއަށްޓަކައި ސާފެވެ. އާރާވްއަށް ދެރަގޮތެއްވާކަށް އޭނާ ނޭދެއެވެ. ވަރަށް ވިސްނުމަށްފަހު ދުއާ އިންތަނުން ތެދުވިއެވެ. އަތުކުރީ އޮތް ގަޑިއަށް ބަލައިލިއެވެ. ފުރަތަމަ ޕޭޝަންޓު އަދި އަންނާނީ ފަނަރަ މިނިޓް ފަހުންނެވެ.

ލިފްޓަށް އެރުމަށްފަހު ހަތްވަނަ ފަންގިފިލާއަށް ދިއުމަށް ފިތައިލިއެވެ. އާރާވް ގަޑިއަށް ވަޒީފާއަށް އައި ކަމެއްވެސް އަދި ނޭނގެއެވެ. ލިފްޓު ހުޅުވުމާއެކު ދުއާ ނިކުތެވެ. ރިސެޕްޝަނުގައި އިން ކުއްޖާ ކައިރީގައި ޑޮކްޓަރ އާރާވް ދުރުވެއްޖެތޯ ސުވާލު ކުރިއެވެ. އެކުއްޖާ ލައްބައޭ ބުނުމާއެކު ޝުކުރުއަދާކުރުމަށްފަހު އާރަވްގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެކޮޓަރިއަށް ވަނުމުގެ ކުރިން ހުއްދަ ހޯދާކަށް ދުއާ ބޭނުމެއްނުވިއެވެ. ގަދަވެވޭނީ ހަމައެކަނި އާރަވްއަށް ނޫންކަން އަންގާލަން ބޭނުންވިއެވެ. ދުއާ ވަންއިރު ގޮނޑީގައި ހަމަޖެހިލައިގެން ފޯނާ ކުޅެން އާރަވް އިނެވެ. ދުއާ ފެނުމާއެކު ހަށިގަނޑު ސީދާ ކޮށްލުމަށްފަހު މޭޒުމަތީގައި ފޯނު ބޭއްވިއެވެ.

” ބޮޑުމީހާ ވީމަ ހުއްދަ ހޯދާކަށްވެސް ނުޖެހޭ ދޯ.. މިތަނުގެ މުވައްޒަފުންނަށް އެހާ ވަރުގެ މިނިވަންކަމެއްވެސް ނޯންނަނީތަ..؟ ” ދުއާގެ މޫނުން ނަޒަރު ވަކިކޮށްލަމުން އާރަވް ބުންޏެވެ. އާރަވް ކިޔާ އެއްޗަކަށް ނުބަލާ އާރަވްގެ ކުރިމަތީގައި އިން ގޮނޑި ދަމާލާފައި އިށީނެވެ.

” އަހަރެންނަށް އެނގޭ އާރަވް އަހަރެންދެކެ ވަރަށް ރުޅިއަންނަކަން.. އެކަމަކު އޭގެ މާނައެއް ނޫނެއްނު އާރަވް ވަޒީފާއަށް ފަރުވާކުޑަ ކުރާށޭ.. މައުލޫމާތަކަށްޓަކައި ބުނެލަން އަހަރެންނަކީ އާރަވް ފަދައިން މިހޮސްޕިޓަލުގެ ޑޮކްޓަރެއް.. ވެރިޔަކީ އަހަރެންގެ ކާފަ އަދި ބައްޕަ.. އެހެންވީމަ ކޮންމެފަހަރަކު ވެރިޔާއޭ ކިޔާފަ ތިގޮތަށް ވާހަކަ ދައްކާކަށް ނުޖެހޭނެ.. ” ދުއާ ބުންޏެވެ. އެއިން ގޮތަށް އިނދެ އާރަވް މަލާމާތުގެ ގޮތަކަށް ހީނލިއެވެ.

” އަހަރެން އަރަވްއާ ބައްދަލުކުރަން ބޭނުންވީ މިހޮސްޕިޓަލުގެ ވެރިޔާގެ ހައިއްސިޔަތަކުން ނޫން.. ގާތް އެކުވެރިއެއްގެ ހައިއްސިޔަތުން..”

” ތީ އަހަރެންގެ އެކުވެރިއެއް ނޫން.. ކިތައް ފަހަރު ބުނަންވީ.. ތީ އަހަރެންގެ އެކުވެރިއެއް ނޫން.. ދުވަހަކުވެސް އަހަރެން ތީ އެކުވެރިއެއްކަމަށް ނުދެކެން..” ރުޅި އެކުލެވިފައިވާ ތޫނު ދެލޮލުން ދުއާ އަށް ބަލައިލަމުން އާރަވް ބުނެލިއެވެ. އެބެލުމުގައިވީ ކޮންކަހަލަ އަސަރެއްކަމެއް ދެނެގަންނާކަށް ދުއާއަށް ނޭނގުނެވެ. ނަމަވެސް އެތޫނު ދެލޯ އޭނައަށް އަމާޒުވުމާއެކު އޭނާގެ ހަށީގަނޑުގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. ހިތްއަވަސްވީވެސް ބޭއިޙްތިޔާރުގައެވެ. އަވަހަށް މީހާ ހަމައަކަށް އެޅިލުމަށްޓަކައި ފުންނޭވައެއް ދޫކޮށްލިއެވެ.

” އެކަމަކު އަހަރެން ދެކެނީ އަދިވެސް ތީ އެކުވެރިއެއް ގޮތުގައި.. އެކަމެއް އާރަވްއަށް ބަދަލެއް ނުކުރެވޭނެ.. އަހަރެން މިތަނަށް އައީ ވާހަކައެއް ބުނެލަން.. އާރަވް ވަޒީފާއަށް ފަރުވާކުޑަ ކަމުގެ މައްސަލަ އޮތީ ބައްޕަޔާ ހަމައަށް ގޮސްފައި.. ކުރިން ދުވަހު އާރަވްއަށް ފޮނުވަން ތައްޔާރުކޮށްފައި އޮތް ވޯނިންގް ލެޓާރ ބައްޕަގެ ސްޓަޑީ ތެރެއިން އަހަރެންނަށް ފެނުނު.. އެހެންވެ އެވާހަކަ ބުނެލީ.. އާރަވް ކާމިޔާބު ޑޮކްޓަރަކަށް ވުމަށްޓަކައި ކުރި މިންނެތް މަސައްކަތް އަހަރެންނަށް ފެނިފައި ހުރީ.. އެހެންކަމުން އާރަވް ކެރިއަރ ގައި ކިތަންމެ ކުޑަ ކުނޑިފުކެއްވެސް ޖެހެން ބޭނުންނުވާނެ އަހަރެންނަށް އެނގޭ.. ވަގުތު ފާއިތުވުމުގެ ކުރިން ވިސްނާ އާރަވް.. ތިއުޅުން ދޫކޮށްލާ… އަދިވެސް އެއްފަހަރު ބުނެދެން އަހަރެންނަކީ އާރަވް ފަދައިން މިތަނުގައި މަސައްކަތް ކުރާ ޑޮކްޓަރެއް.. އަހަރެންނަށްވެސް ލިބެނީ އާރަވްމެންނަށް ލިބޭވަރުގެ މުސާރައެއް.. ވެރިޔާގެ ދަރިއެކޭ ކިޔާފަ ވަކި ބޮޑެއް ނުވޭ.. ހީކުރަން ކުރިއަށް އޮތްތަނުގައި އާރަވް މިކަމާ ދޭތެރޭގައި ވިސްނާނެ ކަމަށް..” ފަހު ޖުމްލަ ބުނެލަމުން ދުއާ ތެދުވިއެވެ. އިސްޖަހައިގެން އިން އާރަވްގެ މޫނަށް ވެރިވެފައިވާ ހިތްހަމަނުޖެހުމުގެ ކުލަވަރު ދުއާ ދުއްޓެވެ. ދުއާ ކޮޓަރިން ނިކުތުމާއެކު މޭޒުމަތީގައި އަތުން ޖަހައިލުމަށްފަހު އާރަވް ގޮނޑީގައި ލެގިލިއެވެ. މޫނުމަތިން ފެންނަމުން ދިޔައީ ކޮންކަހަލަ އަސަރެއް ކަމެއް ބުނެދޭކަށް ނޭނގުނެވެ. އިރުކޮޅަކުން ސީލިންގާ ދިމާލަށް ބަލަހައްޓައިގެން އިނުމަށްފަހު ހަށިގަނޑު ސީދާކޮށްލަމުން މޫނުގައި އަތް ހާކައިލިއެވެ. ބޮލުގައި އަތް ފުނާއަޅައިލުމަށްފަހު ގަޑި ބަލައިލިއެވެ. ބަލިމީހުން ބަލާ ގަޑި ޖެހެން ކައިރިވެފައި ހުރުމާއެކު މޭޒުމަތި ތަރުތީބު ކޮށްލިއެވެ. ސްޓެތޯސްކޯޕް ކަރުގައި އަޅުވައިލުމަށްފަހު ފުރަތަމަ ޕޭޝަންޓްގެ ނަމްބަރަށް ފިތައިލިއެވެ. އެއަށްފަހު މޫޑު ރަނގަޅުކޮށްލުމުގެ ގޮތުން ދެތިން ފަހަރަކު ފުންނޭވައެއް ދޫކޮށްލިއެވެ.

***********

ރާނީ ގޮވައިގެން ޖަވާދު އައިސް އޭނާގެ ގެއަށް ވަނެވެ. މޭޒު ކައިރީގައި ސައި ތައްޔާރު ކުރަން ހުރި ކަންސާ ރާނީއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ރާނީވެސް ހިނިތުންވެލަމުން މުޅި ގެއަށް ނަޒަރު ހިންގައިލިއެވެ. އެހާ ބޮޑު އެޕާޓްމެންޓެއް ނޫނަސް ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ސާފުތާހިރު ކަމާއި ތަރުތީބު ކަމެވެ.

” މީ އަހަރެންގެ އަންހެނުން ކަންސާ.. ކަންސާ މީ ރާނީ.. ” ޖަވާދު ތައާރަފްކޮށްދިނެވެ. ކަންސާ ހިނިތުންވެލަމުން އައިސް ރާނީ އަތުގައި ހިފައި ސަލާމް ކޮށްލުމަށްފަހު ބުރަކަށީގައި ފިރުމައިލިއެވެ.

” މާޝާﷲ !! ނަމާ އެއްވަރަށް ސިފަވެސް ރީތި.. ” ކަންސާ ބުނެލިއެވެ. ރާނީ ހިނިތުންވެލިއެވެ. ކަންސާ ތަންކޮޅެއް ބާރަށް ތާރާއަށް ގޮވައިލިއެވެ. މާގިނައިރުތަކެއް ނުވޭ އޭނާގެ ކޮޓަރިން ނިކުމެގެން ތާރާ އައެވެ. ޖަވާދު ކައިރީގައި ހުރި މީގެ ކުރިން  ދެކެފައިނުވާ އަންހެންކުއްޖާ ފެނި ހައިރާންކަމެއް ލިބުނުނަމަވެސް ތާރާ ހިނިތުންވެލިއެވެ.

” މީ އަހަރެމެންގެ ހަމައެކަނި ދަރިފުޅު ތާރާ..!! ތާރާ ދަރިފުޅާ މީ ރާނީ.. ރާނީ ދެން ހުންނާނީ މިގޭގަ.. ” ކަންސާ ބުންޏެވެ. ތާރާގެ ހިނިތުންވެ ހުރެ އައިސް ރާނީއާ ސަލާމް ކޮށްލިއެވެ.

” އަހަރެން ހީކުރީ ބޭރު ކުއްޖެއް ކަމަށް.. އެކަމަކު ދިވެއްސެއް ދޯ..!! ” ތާރާ ބުނެލިއެވެ.

” ނޫނޭ!! މުޅިއަކުން ދިވެއްސެއް ނޫން.. ބައްޕަ އެއި ދުބާއީ މަންމަ ދިވެހިރާއްޖެ ދޯ..” ރާނީއަށް ދޯ ދެމުން ޖަވާދު ބުންޏެވެ. ރާނީ ވަކި އެއްޗެއް ނުބުނެ ހިނިތުންވެލަމުން ބޯޖަހައިލިއެވެ.

” ދަރިފުޅު ދޭބަލަ ރާނީއަށް އޭނާގެ ކޮޓަރި ދައްކާލަން.. ބައްޕަ އިރުކޮޅަކުން ފޮށި ގެންގޮސް ދޭނަން..” ޖަވާދު ބުންޏެވެ. ތާރާ ބޯޖަހައިލުމަށްފަހު އޭނާއާ އެކު އައުމަށް ރާނީއަށް އިޝާރާތް ކުރިއެވެ.

ތަނަށް ވަދެވުމާއެކު މުޅި ކޮޓަރިއަށް ރާނީ ނަޒަރު ހިންގައިލިއެވެ. ފާރުގައި ޖައްސާފައި އެނދެއް ހުރިއިރު އެނދުގެ ބޯލާ ކޮޅާ ދިމާލުން ތަންކޮޅެއް ދުރުގައި ތިން ދޮރުގެ އަލަމާރިއެއް ހުއްޓެވެ. އަލަމާރި ކައިރީގައި ޑްރެސިންގް ޓޭބަލެއް ހުއްޓެވެ އެނދާ ދިމާލުން ކުޑަދޮރެއް ހުރިއިރު އެކުޑަދޮރު ފޮރުވާލެވިފައިވަނީ ފެހި ކުލައިގެ ދޮރުފޮއްޗަކުންނެވެ. ކުޑަޔަސް އެކޮޓަރިއާ މެދު ރާނީ ހިތްހަމަޖެހުނެވެ.

” ކަމެއް ބޭނުންވިއްޔާ މިކޮޓަރިއާ ޖެހިގެން ތަންކޮޅެއް އެކޮޅަށް އެހުރީ އަހަރެންގެ ކޮޓަރި.. ވާހަކަ ދައްކާލަން ފަހުން އަންނާނަން.. މިވަގުތު ކުޑަ ކަމެއްގައި އުޅޭތީ… ” މިހެން ބުނެ ތާރާ އެތަނުން ނިކުތެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ރާނީ އޭނާގެ ކޮނޑުގައި އޮތް ދަބަސް ނެގުމަށްފަހު އެނދުމަތީގައި ބާއްވައިލިއެވެ. އެއަށްފަހު ކުޑަދޮރު ކައިރިއަށް ގޮސް ދަމާފައިވާ ދޮރުފޮތި އެއްފަރާތް ކޮށްލިއެވެ. ދޮރު ހުޅުވައިލުމަށްފަހު ތިރިއަށް ބަލައިލިއިރު ފެންނަނީ މާލޭގެ ހަލަބޮލި މަގެކެވެ. ދޮރުގައި ޓަކި ދިން އަޑުއިވުމާއެކު ރާނީގޮސް ދޮރު ހުޅުވައިލިއެވެ. ފޮށި ހިފައިގެން ހުރި ޖަވާދު އެތެރެއަށް ވަދެ ފޮށި ބެހެއްޓިއެވެ.

” ސައި ހެދިފަ ހުރީ.. ހިނގާ އިހަށް ސައިބޯން ދާން..” ނިކުތުމުގެ ކުރިން ޖަވާދު އެދުނެވެ. ރާނީވެސް ބޯޖަހައިލުމަށްފަހު ޖަވާދާއެކު ކޮޓަރިން ނިކުތެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Azkii

Level 110 Stories

Other Articles

Previous

މަންޒިލް ތިޔޭ – ފަސްވަނަ ބައި

Next

ވައުދޭ ވެވޭ މީ… 17

Next
May 16, 2022

ވައުދޭ ވެވޭ މީ… 17

Previews
May 14, 2022

މަންޒިލް ތިޔޭ – ފަސްވަނަ ބައި

One Comment

  1. Aishath Amaany says:
    May 15, 2022 at 2:00 pm

    Varah reethi mi part ves ❤️

Comments are closed.

Next Episodeމަންޒިލް ތިޔޭ – ހަތްވަނަ ބައި←


All Right Reserved!