މަންޒިލް ތިޔޭ – ފަސްވަނަ ބައި
” އަހަރެން މިއަންނަނީ ލޫކް…. ހޯދަން ވަރަށް އުނދަގޫވާނެކަން އެނގޭ.. އެކަމަކު ފަރުވާލެއް ނެތް.. ލޫކް ހޯދަން ކޮންމެ ފަދަ މަސައްކަތެއް ކުރަން ޖެހުނަސް އަހަރެން މިހިރީ ތައްޔާރަށް.. ” އެފޮޓޮއަށް ބަލަހައްޓައިގެން އިނދެ ރާނީ އޭނާގެ އަމިއްލަ ނަފްސަށް އިވޭވަރަށް ކިޔައިލިއެވެ.
ފްލައިޓުން ފޭބުމާއެކު ރާނީ ހަށިފުރާ ނޭވައެއް ލިއެވެ. އަމިއްލަ ވަޒަނަށް އާދެވިއްޖެކަމުގެ އިހުސާސް ކުރެވުމާއެކު ތުންފަތަށް ވެރިވީ ތަފާތު ހިނިތުންވުމެކެވެ. ހަތަރު ފަރާތަށް ނަޒަރު ހިންގައިލެވުނު ހިނދު އެދެލޯ ވިދައިގަތީ ލިބިފައިވާ އުފަލެއްގެ ސަބަބުންނެވެ. މަޑުމަޑުން ހިނގާފައި ކުރިއަށް ދިޔައިރު ކުރެވެމުން ދިޔައީ އަމިއްލަވަންތަ ކަމުގެ އިހުސާސެވެ.
ޓްރޯލީ ދަމަމުން އައިސް ޓެކްސީ ވެއިޓިންގް އޭރިއާގައި ރާނީ މަޑުކޮށްލިއެވެ. މާގިނައިރުތަކެއްނުވެ ޓެކްސީއެއް ލިބިއްޖެއެވެ. ދާންވީ ތަނުގެ ނަން ބުނެލުމާއެކު ޑްރައިވަރު ކާރު ދުއްވައިލިއެވެ. ކާރޫބާރު ބޮޑު މަގުތަކަށް ރާނީ ބަލަހައްޓައިގެން އިނެވެ. މާލޭގެ މަގުތަކުގައި އެވާ ހަލަބޮލިކަމަށް އޭނާ އިނީ ގެއްލިފައެވެ. ދުބާއީ އާ ހިލާފަށް މަގުތައް ހަނިކަން ފާހަގަ ކުރެވުނެވެ. އެހާ ދުއްވާއެއްޗެހި ގިނައިރުވެސް ބައެއް މީހުން ވިސްނާނުލާ ބާރު ދުވެލީގައި ދުއްވާތީ ރާނީ އިނީ ހައިރާންވެފައެވެ. ބައެއް ފަހަރު އެކަހަލަ ދުވެލީގެ އަޑަށް ސިހެންވެސް ސިހެއެވެ.
ބްލޫ މޫން ހޮޓެލްއަށް ކާރު މަޑުކޮށްލުމާއެކު ރާނީ ކާރުން ނިކުތެވެ. އަތުގައި ދިވެހި ފައިސާ ނެތުމުން ރާނީ ދިއްކޮށްލީ ދެޑޮލަރެވެ. ޑްރައިވަރު އޭގައި ހިފީ ހިނިތުންވަމުންނެވެ. އެއަށްފަހު ފައިބައިގެން ގޮސް ޑިކީއިން ރާނީގެ ފޮށި ނަގައިދިނެވެ. ޝުކުރުއަދާ ކުރުމަށްފަހު ފޮށި ދަމަމުން އެތެރެއަށް ވަނެވެ.
**********************
އަތުކުރީގައި އޮތް ގަޑިއަށް ބަލަމުން އާރާވްގޮސް ލިފްޓް ކައިރިއަށް ހުއްޓުނެވެ. މިއަދުވެސް އޭނާއަށް އެއާދެވުނީ ގަޑިޖެހިގެންނެވެ. ލިފްޓް ހުޅުވުމާއެކު އާރާވް އަވަހަށް ލިފްޓަށް އެރިއެވެ. އެވަގުތުވީ މަޑުދުވުމެއްގައި އައިސް ދުއާވެސް ލިފްޓަށް ވަން ވަގުތަށެވެ. ދުއާ ފެނުމާއެކު އާރާވްގެ މޫނުމަތި ބަނަވެގެން ދިޔަތަށް ދުއާއަށް ފެނުނެވެ. މާބޮޑު ކަމަކަށް ނުހަދާ ދުއާ ފަސްވަނަ ފަންގިފިލާއަށް ދިއުމަށް ފިތައިލިއެވެ. އާރާވް ފިތައިލީ އޭނާ މަސައްކަތް ކުރާ އީ އެންޓީ ޑިޕާންޓްމެންޓް ހުންނަ ހަތްވަނަ ފަންގިފިލާއަށް ދިއުމަށެވެ. ލިފްޓް ތެރެއަށް ވެރިވެފައިވަނި މަރުފަދަ ހިމޭންކަމެކެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ބަލައިނުލަން ހުވާކޮށްގެން ތިބި ފަދައެވެ. ފަސްވަނަ ފަންގިފިލާއަށް ލިފްޓްގެ ދޮރު ހުޅުވުމާއެކު ދުއާ ނިކުންނަން ގޮސްފައިވެސް ހުއްޓުނެވެ. ހޮސްޕިޓަލުގެ ސީނިއަރ މީހެއްގެ ހައިސިއްޔަތުން ކޮންމެހެން ބުނަންޖެހޭ ވާހަކައެއް އޮތުމުންނެވެ.
” އާރާވް! ޑިއުޓީ ނިންމާލުމަށްފަހު އަހަރެންގެ ކެބިންއަށް ޖައްސާލަދޭތި.. މުހިންމު ވާހަކައެއް ދައްކަންވެފަ އެބައޮތް.. ” ފަހަތް ބަލައިނުލާ ހުރެ މިހެން ބުނުމަށްފަހު ދުއާ ނިކުތީ އާރާވްއަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީއެވެ. ލިފްޓް ތެރޭގައި ހުރި އާރާވްއަށް ދަތްކުޑި ވިކައިލެވުނެވެ. ނަމަވެސް ދެވަނަ ހިނދުގައި ފުންނޭވާތަކެއް ލާން ފެށީ އޭނާގެ ޕޭޝަންޓުންނާ ބައްދަލުކުރުމުގެ ކުރިން މޫޑު ހަރާބުވިޔަ ނުދިނުމަށެވެ.
****************
ނިދާފައި ރާނީއަށް ހޭލެވުނިއިރު ގަޑިން މެންދުރުފަހު ތިނެއް ޖަހައިފިއެވެ. ފެންވަރައިގެން ނިކުމެ ނަމާދުކޮށްލުމަށްފަހު ޗާޖަރަށް ޖަހާފައި އޮތް ފޯނު ނެގިއެވެ. ރިސެޕްޝަނަށް ގުޅައިގެން ފޯނު ވައިފައި އާ ގުޅާލުމަށްފަހު ވައިބާއަށް ވަދެލިއެވެ. މަންމަ ޖަހާފައި އޮތް ނަމްބަރަށް ފިތާލުމާއެކު ހާޖަރު އޮންލައިންގައި އިންކަން އެނގުނެވެ. އެހެންނަމަވެސް ހާޖަރަށް ގުޅަން ފަސްޖެހުނެވެ. މެސެޖެއް ލިޔެލާފައިވެސް ރާނީ އެމެސެޖް ފޮހެލިއެވެ. މެސެޖެއް ފޮނުވުމަށްވުރެ ގުޅުން ރަނގަޅުކަމުގައި ފެންނާތީއެވެ. ހިތްވަރުކޮށްލާފައި ގުޅާ ފިތަށް ރާނީ ފިތައިލިއެވެ. އެތައް ފަހަރަކު ގުޅުމުންވެސް ހާޖަރު ފޯނެއް ނުނެގިއެވެ. އެހިސާބުން ހާޖަރު ހުރީ އޭނާ ދެކެ ރުޅިއައިސްފައި ކަމުގައި ރާނީއަށް ޔަގީން ކުރެވުނެވެ. މާޔޫސްވެފައި ފޯނު ބާއްވަން އުޅުނު ވަގުތު ރަޔަންގެ މެސެޖެއް އައިސްފައި އޮތްތަން ފެނުނެވެ.
” ވެއަރ ދި ހެލް އާރ ޔޫ ރާނީ.. ކީއްވެ ތިކަހަލަ ކަމެއް ތިކުރީ.. އެންމެ ފަހަރަކުވެސް އަހަރެންނާ މަޝްވަރާކޮށްލިނަމަ… މަންމަ ރުއިން ހުއްޓާނުލާ…” ރަޔަންގެ އެމެސެޖް ކިޔާފައި އޭނާވެސް ހުރީ ހިތްހަމަނުޖެހިފައިކަން ރާނީއަށް އެނގުނެވެ.
” ސޮރީ ރަޔަން.. އަހަރެން ގުޅީމަ މަންމަ ފޯނެއް ނުނަގާ…” ޖަވާބުގައި ރާނީ ލިޔެލިއެވެ.
” މަންމައަށް އޮތީ ނިދިފަ.. ޑޯންޓް ބީ އެން އިޑިއަޓް ރާނީ.. ކަމް ބެކް.. ތިތަނުގައި އެކަނި ކިހިނެއް އުޅޭނީ.. ހަމަ ތެދެއް މިބުނީ ރާނީ… އެންމެންވެސް ތިބީ ވަރަށް ކަންބޮޑުވެފައި…” ރަޔަން ޖަވާބުގައި ބުންޏެވެ. މެސެޖް ލިޔަމުން ގޮސް ރާނީ އެނދުގައި އޮށޯތެވެ.
” ނޫން ރަޔަން.. އަހަރެންނަށް މިތަނުގައި އުޅެވޭނެ.. އަހަރެންނާ މެދު ކަންބޮޑުނުވޭ.. ކޮބާ ބައްޕަ؟” ރާނީ އަހައިލިއެވެ.
” ބައްޕަ މިސްކިތަށް ގޮސްފައި ނާދޭ.. ” ރަޔަން ބުނެލިއެވެ.
” އޯކޭ.. އަހަރެން މިދަނީ ސިމްކޮޅެއް ނަގަން.. އައިސްފައި ގުޅާނަން އިންޝާﷲ..” މިހެން ލިޔެ ފޮނުވައިލުމަށްފަހު ރާނީ ތެދުވިއެވެ. ތައްޔާރުވެލުމަށްފަހު ވޮލެޓް ނެގިއެވެ. ވާވަރަށް ފައިސާ ހުރިތޯ ބަލައިލިއެވެ. ކޮންމެވެސް ވަރަކަށް ފައިސާ ހުރުމުން ހިތްހަމަޖެހިފައި ހުރެ ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ.
*************
ސިޓިންގްރޫމާއި އިންވެގެން ހުރި މަރިޔާދުގޭގައި އެލުވާފައި ހުރި އުނދޯލީގައި ކުރުއަތްމައްޗަށް އޮށޯވެލައިގެން ބަދޫރާ އޮތެވެ. ކައިރީގައި ހުޅުވާފައި އޮތް ކުޑަ ރޭޑިއޯއިން ކިޔަމުން ގެންދިޔަ މަދަހައާއި އެއްވަރަށް ތުންތަޅުވަމުން ދިޔައެވެ. ދުވަހުގެ މިވަގުތަކީ އޭނާ އަރާމު ކުރުމަށް ހަމަޖެހިފައިވާ ވަގުތެވެ. އެވަގުތުގައި ގޭގެ އިތުރު މީހަކު އެތަނަށް ވަނުމަށް އޭނާ އޮންނަނީ މަނާ ކޮށްފައެވެ. ކޮންމެ ގަޑިއެއްވިޔަސް މަރިޔާދުގެއަށް އިތުރު މީހަކަށް ވަދެވޭނީ އޭނާގެ ހުއްދައާ އެކުގައެވެ. ބޭރަށް ނިކުންނަން ދިޔަ ރަފާ ބަދޫރާގެ ލޮލުގައި އަޅައިގަތީ ކުޑަކޮށް ހުޅުވިފައި ހުރި މަރިޔާދު ގޭގެ ކުޑަދޮރުންނެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލި ހިނދު ބަދޫރާގެ ނިތަށް ރޫއަރައިގެން ދިޔައެވެ. ގަޑިން ރޭގަނޑު ނުވައެއް ޖަހާ ބޮޑުވީއެވެ. ކައްޓެހެން އޮތްތަނުން ބަދޫރާ ތެދުވިއެވެ. އަޑުގެ ކޮޅަށް ރަފާއަށް ގޮވައިލިއިރު އެއަޑުގައި ހުރި ރުޅިވެރިކަން ކޮންމެ މީހަކަށްވެސް އިހުސާސް ކުރެވޭނެއެވެ. ދޮރާ ދިމާލަށް ގޮސް ގޮސް ހުރި ރަފާ ފަހަތަށް ބަލައިލީ ސިހިފައެވެ. މަރިޔާދުގޭގެ ކުދަދޮރު ހުޅުވިފައި ކަމެއް އޭނާއަށް ރޭކާނުލީއެވެ. އޭނާއާ ދިމާލަށް އަންނަމުން ދިޔަ ބަދޫރާ ފެނި ރަފާގެ ހިތްއަވަސްވިއެވެ. އަވަހަށް ބުނާނެ އެއްޗަކާ މެދު ވިސްނަން ފެށިއެވެ. ހިތާހިތުން ކުށްވެރި ކުރެވުނީ ޔާނިޝްއެވެ. އައިސް-ކްރީމް ބޯން ދާން އޭނާ ނިކުތީ ޔާނިޝް ކިޔާވަރުންނެވެ.
” ތިއްތިވެލައިގެން ކޮންތާކަށް..؟؟” އުނުގައި ދެއަތް އަޅުވާލައިގެން ރަފާ ކުރިމަތީގައި ހުއްޓެމުން ބަދުރާ އަހައިލިއެވެ.
” މި…މި.. މިދަ…” ހާސްވެފައި ހުރިވަރުން ރަފާއަށް ވާހަކައެއް ނުދެއްކުނެވެ.
” ކޮން މި މި އެއް ކިޔާކަށް.. އަނެއްކާ އެންމެންނަށް ސިއްރުން ގަނޑެއް ގަންނަނީތަ؟ ބުނަން؟ ކޮންމެހެން ފިރިހެނަކާ ރައްޓެހިވެގެން އާއިލާ ބަދުނާމު ކުރާން އުޅޭނެކަމެއް ނެތް… ރަފާވެސް އަދި އަނޫޝާވެސް އިންނާނީ އަހަރެން ދައްކާ މީހަކާ…”
” އަދި ތިހިސާބަށް ދާކަށް ނުވެއެއްނު މާމާ.. އަހަރެން ނުދަމޭ ފިރިހެނަކާ ބައްދަލުކުރާކަށް.. މާމަ އަންގާފަ އޮންނަހެން ދިހައެއްގެ ކުރިން ގެއަށް ވަނީމަ އޯކޭއެއްނު…” ރަފާ އެހެން ބުނީ ހިތްހަމަނުޖެހިފައެވެ. އެކަން ބަދޫރާއަށްވެސް އިހުސާސްވިއެވެ. ނަމަވެސް އެކަމާ އޭނާގެ ފަރުވާލެއް ނެތެވެ.
” އެހެންތަ؟ ދެން އެހެންވިއިރު ބުނެބަލަ ތިދާތަނެއް..؟ ” ބަދޫރާ އަހައިލިއެވެ.
” ކިހިނެއްވީ މަންމާ؟؟ ” ކޮޓަރީގައި އޮވެފައި އަޑަށް ސާރާ ނިކުތެވެ.
” އަހާބަލަ ސާރާގެ ދަރި ކައިރީގައި މިހާ ދަންވީމަ ތިއްތިވެލައިގެން އެދަނީ ކޮންތާކަށްތޯ.. އަދި އަހަރެން އެއްޗެކޭ ބުނާއިރަށް ލަދެއްނެތި ޖަވާބު އެބަދެއެއްނު..”
ސާރާ ރަފާއަށް ބަލައިލިއެވެ. އެހިނދު ރަފާ އެއްޗެއް ބުނަން އުޅޭހެން ހީވެ އަތުގެ އިޝާރާތުން ސާރާ އެކަން މަނާކުރިއެވެ.
” މަންމާ!! ރަފާ އެދަނީ ކައިރީގައި ހުރި ބޭސްފިހާރައަކަށް ބޭސްގުޅައެއް ގަންނަން.. ބޮލުގައި ރިއްސާވަރުން އަހަރެން ބުނެގެން.. ” ސާރާ ދޮގެއް ހަދަން މަޖުބޫރުވިއެވެ. ރަފާއަށް ލިބުނު ހައިރާންކަމުގައި ސާރާއާ ދިމާލަށް ބަލައިލެވުނެވެ. ބަދޫރާ އެއްފަހަރު ސާރާއަށް އަނެއްފަހަރު ރަފާއަށް ބަލައިލިއެވެ.
” ސާރާއަށްވެސް ހާދަ ނުވިސްނެއޭ.. ރޭގަނޑުގެ މިވަގުތު އަންހެން ދަރީން ބޭރަށް ފޮނުވުމަކީ އެހާ ރައްކާތެރިކަމެއް ނޫން.. ތަނަކަށް ފޮނުވަންވިއްޔާ މިގޭ ނޯކަރުން ތިބޭނެ.. ރަފާ ދާނެ ކަމެއް ނެތް! ދޭ ކޮޓަރިއަށް! ” އިނގިލި ރަފާގެ ކޮޓަރިއާ ދިމާލަށް އިޝާރާތް ކުރަމުން ބަދޫރާ ބުންޏެވެ. އެއްޗެއް ބުނަން ބޭނުންވިއެއް ކަމަކު ރަފާ ހިމޭނުން ހުރި ސާރާއަށްޓަކައެވެ. ހަރުހިނގުމެއް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ބަދޫރާ ކައިރީގައި މައާފަށް އެދި ދެން އެހެންނުވާނެ ކަމަށް ބުނުމަށްފަހު ރަފާގެ ފަހަތުން ސާރާ ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ. ތުންއަނބުރާލުމަށްފަހު ހޫނ އަޅުވައިލަމުން ބަދޫރާވެސް އަލުންގޮސް މަރިޔާދުގެއަށް ވަނެވެ.
ކޮޓަރިއަށް ވަންގޮތަށް ރަފާ ކޮނޑުގައި އޮތް އަތްދަބަސް އެނދުމައްޗަށް އެއްލައިލިއެވެ. އައިސްފައި ހުރި ރުޅީގައި ފުންނޭވާތަކެއް އޭނާއަށް ލެވެމުން ދިޔައެވެ. ބޮޑުމީހެއް ކަމަކު ބަދޫރާއާ ދިމާލަށް ހަޅޭއްލަވައިގަންނަން އެތައް ފަހަރަކު ރަފާ ހިތަށް އަރައެވެ. އެހެނަސް ހިމޭންވާން މަޖުބޫރުވަނީ ސާރާ އެކަން މަނާ ކޮށްފައި އޮންނާތީއެވެ. އެގޭގައި ދިރިއުޅޭ މީހުންނަކީ ބަދޫރާ ކުޅެން ގެންގުޅޭ ބުދުތަކެކޭ އެއްފަދައެވެ. ނޭވާލުމުގެ ހުއްދަވެސް ލިބެނީ ބަދޫރާ އެހުއްދަ ދިނިއްޔާއެވެ.
” ކީއްވެތަ އަހަރެމެންނަށް ކުޑަވެސް މިނިވަންކަމެއް ނޯންނަނީ.. އަހަރެމެންގެ ދިރުއުޅުމުގެ ކޮންޓްރޯލް މާމަ އަތުގައި އޮންނަންވީ ކީއްވެ؟ އަހަރެން އިންނާނެ މީހަކު އެނގޭނީ އަހަރެންނަށް!! މާމައަކަށް ނޫން…” ދޮރުން ވަދެގެން އައި ސާރާއާ ދިމާލަށް ރަފާ ބުނެލިއެވެ. ސާރާ ރަފާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދުމަށްފަހު ރުޅި މަޑުކުރުމަށް އެދުނެވެ.
” އަހަރެމެންނަށް މިތާ ހަމަޖެހިގެން އުޅެވެން އޮތީ މާމަ ބުނާގޮތް ހަދައިގެން.. އެހެންނޫނީ އަހަރެމެން ޖެހޭނީ މިގެއިން ނިކުމެގެން ދާން..” މަޑުމައިތިރިކަމާއެކު ސާރާ ބުންޏެވެ.
” ދެން ހިނގާބަލަ ނިކުމެގެން ދާން.. މިކަހަލަ ޖަލެއްގައި އުޅޭކަށް އަހަރެން ބޭނުމެއްނޫން.. ”
” ދަރިފުޅު ގޮވައިގެން ގޮސް މަންމަ ކޮންތާކަށް ވަންނާނީ.. މަންމައަކީ މާލޭގައި ގެދޮރު ހުރި މީހެއް ނޫން… މިތަނުން ނިކުމެގެން މަންމަ ވަންނަން ހުރި ތަނަކީ ޔަތީމުޙާނާއެއް.. މަންމަ އުޅެ ބޮޑުވީ އެތަނުގައި ކަމަށްވީމަ.. އެކަމަކު މިހާރު އެތަނެއްވެސް ނުހުރޭ.. ” ރަފާގެ އަތުގައި ހިފާލައިގެން އިނދެ ހާޖަރު ބުންޏެވެ.
” މަންމަ ކޮންކަމަކާތަ ތިކަންބޮޑުވަނީ.. އަހަރެންނަށް މަންމަ ބެލޭނެ.. މާލޭގަ ނޫޅެވުނިއްޔާ އެހެން ރަށް ރަށް ހުންނާނެއްނު… ދުނިޔެ ހުރީ ދުވަހަކު ގޮތެއް ހުސްނުވާނެ މަންމާ!! މިތަނުގައި އުޅުމަށްވުރެ އަހަރެންނަށް މާ ރަނގަޅު ދަތި ހާލުގައި އުޅެން އެހެންތާކަށް ދާންވެސް.. މިތަނެކޭ ނަރަކައެކޭ އެއްގޮތް..”
” ތިހަކަލަ ވާހަކަ ނުދައްކާ ރަފާ!! ރަފާއަށް ނޭނގުނަސް ރަފާގެ ބައްޕަ ވަރަށް ލޯބިވާނެ މަންމަ ދެކެ.. ކެންސަރު ބަލީގައި ބިލާލް ނިޔާވުމުގެ ކުރިން އަހަރެންނަށް ވަސިއްޔަތް ކުރި މަންމައަށް ދެރަގޮތެއް ނުހެދުމަށް. އަހަރެން އެހެން މީހަކާ އިންނަމަވެސް މަންމައާ އޮންނަ ގުޅުން ކަނޑާނުލުމަށް.. އަހަރެން މިގެއިން ނިކުމެގެން ގޮއްސިނަމަ މަންމަ އަހަރެންނާ ގުޅުން ކަނޑާލާނެކަން ޔަގީން.. ” ސާރާގެ ދެލޯ ފެންކަޅިވިއެވެ. ސާރާ ދެރަވެއްޖެކަން އެނގުމުން އިތުރަށް އެކަމާ ގުޅިގެން ވާހަކަ ދައްކާކަށް ރަފާވެސް ބޭނުމެއްނުވިއެވެ. އެހެން އިނދެ ސާރާގެ ކޮނޑުގައި ރަފާ ބޯއަޅައިލުމަށްފަހު މައާފަށް އެދުނެވެ. ސާރާ އެއީ ކަމެއް ނޫންކަމަށް ބުނެ ރަފާގެ ބޮލުގައި ބޮސްދިނެވެ.
” ދެން ބުނެބަލަ؟؟ ކޮންތަނަކަށްތަ ދާން އުޅުނީ؟ މާމަ ބުނިހެން ދަރިފުޅު ކުއްޖަކާ ރައްޓެހިވީތަ؟ ” ސަމާސާ އެކުލެވިފައިވާ ރާގެއްގައި ސާރާ އަހައިލިއެވެ.
” ދެން މަންމާ!! އެނގޭނެ ދޯ އަހަރެން އެހެން ކުއްޖަކާ ރައްޓެހި ނުވާނެކަން.. މިހުސް އެޔާނުގެ ކަންތައް.. އޭނާ އެހާ ވަރަށް އައިސް ކްރީމް ބޯން ދާންވެގެން ކިޔާތީ އަހަރެން ނިކުތީ…” ސާރާއާ ދުރުވެލަމުން ރަފާ ބުންޏެވެ. ސާރާ ހިނިތުންވެލިއެވެ.
” އެހެންތަ؟؟ ޔާނިޝް އުޅޭގޮތުން ހީވޭތަ އޭނަ ދަރިފުޅާ ދޭތެރޭގައި ތަފާތު ނަޒަރަކުން ދެކޭހެން..؟” ސާރާ އަހައިލިއެވެ.
” ނޭނގޭ ދޯ.. އޭނަ އަހަރެންނަށް ވަރަށް ކެއާރ ކުރާކަން އެނގޭ.. ހިތް އޮތްގޮތް ބުނާކަށް ހަމަ އެއްގޮތަކަށްވެސް ނޭނގޭ…” ހިޔާލަކަށް ގެއްލިފައި އިނދެ ރަފާ ބުންޏެވެ. އެމަންޒަރު ފެނި ސާރާ އަށް ހީނލެވުނެވެ.
-ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Varah reethi ❤️