މަންޒިލް ތިޔޭ – ހަތަރުވަނަ ބައި
” އަހަރެން ދަނީ ރަޔަން.. ވަރަށް މިސްވާނެ.. އެކޮޅަށް ގޮސް ގުޅާނަން އިރާދަކުރެއްވިއްޔާ..” އަމިއްލަ ނަފްސަށް އިވޭ ވަރަށް ރާނީ ބުނެލިއެވެ. އެއަށްފަހު ގޮސް ގެއިން ނިކުމެ ދޮރު ލައްޕައިލިއެވެ.
************
ދުއާ އަށް ގެއަށް އާދެވުނި ރޭގަނޑު ވަރަށް ލަސްވެފައި ހުއްޓައެވެ. އެންމެ ފުރަތަމަވެސް ދުއާ ގޮސް ވަނީ ރިޒާ ބާއްވާފައި އޮންނަ ކޮޓަރިއަށެވެ. އެ ކޮޓަރިއެކޭ ކުޑަވަރެއްގެ ހޮސްޕިޓަލެކޭ އެއްގޮތެވެ. އެކި ދިމާލުން ފެންނަނީ މެޑިކަލް ސާމާނުތަކެވެ. ވެންޓިލޭޓަރުގެ އެހީގައި އޮތް ރިޒާގެ ބޮލުގައި ދުއާ ފިރުމައިލިއެވެ.
” ޑޮކްޓަރު ދުރުވިތަ މިއަދު..؟ ” އެނދުގެ އަނެއްފަރާތުގައި ހުރި ނަރުސް ކުއްޖާ ކައިރީގައި ދުއާ އަހައިލިއެވެ.
” ލައްބަ ދުރުވި.. އިއްޔަގަ ހެދި ޓެސްޓް ތަކުގެ ނަތީޖާ ބައްލާވަފައި ބުނުއްވީ އިތުރަށް ގޯސް ނުވާކަމަށް.. ” ނަރުސް ކުއްޖާ ބުނެދިނެވެ. ދުއާ ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ.ކުރިއަށް އޮތްތަނުގައިވެސް އިތުރަށް ގޯސްނުވެ ރިޒާ އެއްކޮށް ރަނގަޅުވާނެ ކަމުގެ ފުރިހަމަ އުއްމީދު ދުއާ އަށް އޮތެވެ.
ކޮޓަރިއަށް ގޮސް ފެންވަރައި ތާޒާ ވެލުމަށްފަހު އަނެއްކާވެސް ދުއާ އައީ ރިޒާގެ ކޮޓަރިއަށެވެ. ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން ރިޒާއާއެކު ވަގުތު ހޭދަކޮށްލުމަކީ ދުއާގެ އާދައެކެވެ. ވާހަކަ ފޮތެއް ނަގައިގެން ރިޒާ ކައިރީގައި އިށީނދެ ހަރުއަޑުން ވާހަކަ ކިޔަން ފެށިއެވެ. ރިޒާއަށް އަޑު ނީވޭނެކަން އެނގޭއިރުވެސް އެގޮތަށް ކަންތައް ކުރުމުން ދުއާ ހިތްހަމަޖެހެއެވެ. ދެލޮލަށް ބަރުވާން ފެށުމުން ފޮތް ލައްޕާލާފައި އަލުން ހަރުގަނޑަށްލިއެވެ. ރިޒާ ކައިރިއަށް ގުދުވެލާ ނިތުގައި ބޮސްދިނުމަށްފަހު އިރާދަކުރެއްވިއްޔާ މާދަން އަންނާނަން ކަމުގައި ބުނެލިއެވެ. ގަޑިއަށް އިންޖެކްޝަން ދިނުމަށް ނަރުސް ކުއްޖާ ކައިރީގައި ބުނުމަށްފަހު ދުއާ އޭނާގެ ކޮޓަރިއަށް އައެވެ.
ރިޒާގެ ކޮޓަރިން އައީ ވަރަށް ބޮޑަށް ނިދިއައިސްގެން ކަމުގައިވިޔަސް އޮށޯވެގެން އޮވެ އެތައް އިރެއްވީއިރުވެސް ދުއާއަށް ނުނިދުނެވެ. މިހާރު ނިދި ވަނީ އޭނާގެ ދެލޮލާ އެތައް މޭލެއް ދުރުގައި ފަދައެވެ. އޭނާއަށް ނުނިދިގެން އުޅުނީ ހިތާއި ސިކުނޑިއަށް އުނދަގޫކުރަމުން ދިޔަ ކަންތައްތަކެއްގެ ސަބަބުންނެވެ. މިއަދު މެންދުރު ކާން އައުމަށް ބުނެ ދުއާ ފޯނަށް ތާރާ މެސެޖު ކުރީ ދުއާ އެގެއަށް ވަން ވަގުތުއެވެ. ބެލް އަޅައިލަން ދިމާކޮށްލި ވަގުތު އިވުނު އަޑެއްގެ ސަބަބުން އެދައްކާ ވާހަކައެއް އަޑު އަހައިލުމުގެ މަޤްސަދުގައި ދުއާ މަޑުކޮށްލިއެވެ. އާރާވްއާއި ތާރާގެ ކުރި ޒުވާބު ވަރަށް ރަނގަޅަށް ދުއާއަށް އަޑު އިވުނެވެ. އާރާވްގެ އެނަފްރަތުގެ ބަސްތައް އިވިފައި ދުއާގެ ހިތަށް އިންތިހާއށް އަސަރުކުރިއެވެ. އެނބުރި ގެއިން ނިކުމެގެން އައީ ވީދެރައިންނެވެ. އަދި އެވާހަކަތައް ދުއާ އަށް އަޑުއިވުނުކަން އެނގުނިއްޔާ ތާރާ ދެރަވާނެ ވަރު ހިތަށް އަރާފައެވެ.
އާރާވް އެހާވަރަށް ދުއާއަށް ނަފްރަތު ކުރަންވީ ސަބަބެއް ވިސްނަ ވިސްނާވެސް ދުއާއަކަށް ނޭނގުނެވެ. އާރާވްއަށް އައި ބަދަލެއް އައީ މީގެ ދެއަހަރެއްހާ ދުވަސް ކުރިންނެވެ. އޭގެ ކުރިން އެމީހުންނަކީ ގާތް ރަހުމަތްތެރިންނެވެ. ދުއާ، ތާރާ، ލޫކަން އަދި އާރާވްއަކީ އެންމެ ކުޑައިރުންސުރެން ގާތް އެކުވެރިންނެވެ. ކިޔެވީވެސް އެއް ސުކޫލަކުންނެވެ. ހަތަރު މީހުންގެވެސް ހުވަފެނަކަށްވީ މެޑިކަލް ދާއިރާއިން ކުރިއަށް ދިއުމެވެ. އެކަމަށްޓަކައި ގަދައަޅާ މަސައްކަތްކުރީވެސް ހަތަރު މީހުން އެކީގައެވެ. ކުއްލިއަކަށް އާރާވްއަށް އައި ބަދަލާ ގުޅިގެން ތާރާ ބުނީ އެއީ އާރަވްގެ މައިންބަފައިންނާ އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ ނުރައްކާތެރި ހާދިސާއެއްގައި މަރުވުމާ ގުޅިގެން އައި ބަދަލެއް ކަމަށެވެ. ނަމަވެސް އެކަމުގައި ދުއާގެ އޮތީ ކޮންކުށެއް ހެއްޔެވެ؟ އޭގެ ފަހުންވެސް އާރާވް އޭނާގެ ހުރިހާ ރަޙުމަތްތެރިންނާ ވާހަކަ ދައްކާ ހަދާތަން ދުއާއަށް ފެނެއެވެ. ވީއިރު ދުއާ ބާކީކޮށްލަންވީ ކީއްވެހެއްޔެވެ؟ އާރާވް އެހާ ރުޅިއަންނާނެކަމަކަށް ދުއާ އަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟
*************
ހާޖަރަށް ހޭލެވުނީ ފޯނުން ބަންގިގޮވާ އަޑު އިވިފައެވެ. މޯޅިއަކަށް ދެމިލުމަށްފަހު ތެދުވިއެވެ. ފޯނު ނަގާ ގަޑި ބަލައިލިއެވެ. ގަޑިންވަނީ ފަހެއް ޖަހާން ދިހަ މިނެޓަށް ވެފައެވެ. އަމާން ފާހާނައިން ނިކުތީ ހާޖަރު އެނދުން ތެދުވި ވަގުތުއެވެ. ހެނދުނުގެ ސަލާމް ގޮވައިލަމުން އަމާން ހީނލިއެވެ. ހާޖަރުވެސް ހިނިތުންވެލަމުން ޖަވާބުގައި ހަމަ އެހެން ބުނެލުމަށްފަހު އަލަމާރީގައި ފަތް ޖަހާލާފައި އޮތް ތުވާލި ހިފައިގެން ގޮސް ފާހާނައަށްވަނެވެ. އަމާން މިސްކިތަށް ދާން ތައްޔާރުވެލިއެވެ. އެންމެ ފަހު ކަމަކަށް އަތުގައި އަތަރު ކޮޅެއް ހާކައިލިއެވެ. ހާޖަރު ފެންވަރައިގެން ނިކުތުމުގެ ކުރިން އަމާން ތައްޔާރުވެގެން ކޮޓަރިން ނިކުތެވެ. އާދައިގެ މަތިން މިއަދުވެސް އެންމެ ފުރަތަމަ ކަމަކަށް ރާނީގެ ކޮޓަރީގައި ޓަކި ޖަހައިލުމަށްފަހު ނަމާދަށް ގޮވިއެވެ. ރާނީގެ ޙަބަރެއް ނުވުމުން ނަމާދު ނުކުރެވޭ ދުވަސްކޮޅެއްގައި އަމާންއަށް ހީވިއެވެ. އެހެނީ ރާނީއަކީ އޭނާ ނުގޮވިޔަސް ނަމާދަށް ތެދުވާ ކުއްޖެކެވެ. އަމާން ދެން ޓަކި ޖަހައިލީ ރާނީގެ ކޮޓަރިއާ ތަންކޮޅެއް ދުރުގައި ހުރި ރަޔަން ކޮޓަރީގެ ދޮރުގައެވެ. ރަޔަންގެ ފަރާތުން ޖަވާބެއް ލިބުނީ އަމާން ޓަކި ދޭތާ އިރުކޮޅެއް ފަހުންނެވެ.
ނަމާދުކޮށްގެން ހާޖަރު ގޭތެރެއަށް ނިކުތެވެ. ބަދިގެއަށް ވަދެ ކޮފީއެއް ތައްޔާރު ކުރުމަށްފަހު މޭޒު ކައިރީގައި އިނދެ ކޮފީ ތައްޓަށް އިންސާފުކޮށް ނިންމައިލިއެވެ. ސިންކު ކައިރިއަށް ގޮސް ތަށި ދޮވެފައި ބަންޑުން ޖެހުމަށްފަހު ހެނދުނުގެ ނާޝްތާ ތައްޔާރު ކުރުމަށް ފުރިޖުން އެއްޗެހި ނަގަން ފެށިއެވެ. މިސްކިތުން އެނބުރި އަމާންއައީ އެވަގުތުއެވެ. އަމާން ސޯފާގައި އިށީނުމަށްފަހު ޓީވީ ހުޅުވައިލިއެވެ. ހާޖަރު ކޮފީއެއް ތައްޔާރު ކޮށްގެން އައިސް އަމާންއަށް ދިއްކޮށްލިއެވެ.
” ރާނީ އަދިވެސް ނުނިކުންނަނީތަ؟ މިހާރު ގަޑިން ހައި ގަޑި ބައިވެ ބޮޑުވީ.. ނަމާދު ނުކުރެވުނަސް އެއީ އެހާ ލަސްވަންދެން ނިދަން އޮންނަ ކުއްޖެއް ނޫން..” ކޮފީ ތަށީގައި ހިފަމުން އަމާން ބުނެލިއެވެ. އެބުނި އެއްޗަކާމެދު ހާޖަރަށްވެސް ވިސްނައިލެވުނެވެ. އަމުދުން މިދުވަސްކޮޅަކީ ރާނީއަށް ނަމާދަށް ނޭރޭ ދުވަސްކޮޅެއް ނޫންކަން ހާޖަރަށް އެނގެއެވެ. ހިތަށް ވަން ބިރުވެރިކަމާއެކު ހާޖަރަށް ރާނީގެ ކޮޓަރިއާ ދިމާލަށް ހިނގައިގަނެވުނެވެ. ރާނީ ބަލިވީބާއޭ ހިތަށް އެރިއެވެ. އެތައް ފަހަރަކު ޓަކި ޖެހުމުންވެސް ރާނީގެ ޙަބަރެއް ނުވުމުން ހާޖަރަށް ލިބިފައިވާ ކަންބޮޑުވުން އިތުރުވިއެވެ. ތަޅުގައި ހިފާލެވުނު ހިނދު ފަސޭހަކަމާއެކު ދޮރު ހުޅުވިގެން ދިޔައެވެ. އަމާންވެސް ކޮފީތަށި ބެހެއްޓުމަށްފަހު ހާޖަރުގެ ފަހަތުން ކޮޓަރިއަށް ވަނެވެ. އެކޮޓަރި ތެރެއިން ދެމަފިރިންނާ ބައްދަލުކުރީ ހުސްކަމެވެ. މިހާ ހެނދުނާ ރާނީ ދިޔައީ ކޮންތަނަކަށްތޯ އަމާންއަށް ސުވާލުކޮށްލެވުނެވެ. ސްޓަޑީ ޓޭބަލް މަތީގައި އޮތް ގަނޑުކޮޅު ހާޖަރުގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އެގަނޑުކޮޅު ނަގާފައި ކިޔަންފެށުމާއެކު ހާޖަރުގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތެވެ. އެމަންޒަރު ފެނި އަމާން އައިސް ހާޖަރު އަތުން ގަނޑުކޮޅު އަތުލާފައި ކިޔައިލިއެވެ.
” މަންމައާއި ބައްޕަގެ ހުއްދައެއް ނެތި މިފިޔަވަޅު ނެގިކަމަށްޓަކާ މައާފަށް އެދެން.. ހުއްދަ ނުހޯދީ ދިވެހިރާއްޖެއަށް ދިއުމުގެ ހުއްދަ މަންމަ ނުދޭނެކަން އެނގޭތީ.. އަހަރެން ހިތުގައި ރާއްޖެ ދިއުމަށް އޮތް ޝައުޤުވެރިކަން މިފިޔަވަޅު ނެގުމަށް އަހަރެންނަށް މަޖުބޫރުކުރީ.. އަހަރެން އެތަނަށް މިދަނީ އަހަރެންގެ ހިތާއި މަންޒިލް ވަނީ އެތަނުގައި ކަމަށްވާތީ.. ދިވެހިރާއްޖޭގެ ނަން މަޝްހޫރު ހޮސްޕިޓަލަކުން އަހަރެންނަށް ވަޒީފާ ވަނީ ހަމަޖެހިފައި.. އެކޮޅަށް ދެވުނުހާ އަވަހަކަށް ގުޅާނަން.. އުއްމީދު ކުރަން މަންމައަދި ބައްޕަވެސް އަހަރެންނަށް މައާފު ކުރާނެކަމަށް.. ” އެނޯޓު ކިޔައި ނިމުނުއިރު އަމާންގެ ވެސް ދެލޯ ފެންކަޅިވެއްޖެއެވެ. ގިސްލަމުން ދިޔަ ހާޖަރު އެނދުގައި އިށީނެވެ. އަނގަމަތީގައި އަތް އަޅައިލެވުނިއިރު މުޅި މީހާ ތުރުތުރުއަޅައެވެ. ފެންނަމުން މިދަނީ ހުވަފެނަކަށް ވާނެ ނަމައޭ އޭނާގެ ހިތަށް އެރިއެވެ. ރާނީ އޭނާއާ ވަކި އެވީ މުޅި އުމުރުގައިވެސް ފުރަތަމަ ފަހަރަށެވެ. ހާޖަރަށް ވަމުން ދިޔަ ގޮތް ފެނި އަމާން އައިސް ކައިރީގައި އިށީނދެ ހިތްވަރު ދޭން ފެށިއެވެ.
” ކަންބޮޑުނުވޭ ހާޖަރު.. އަހަރެމެންގެ ރާނީ އެއީ ވިސްނުން ތޫނު ކުއްޖެއް.. ކަތި ފިޔަވަޅެއް ނާޅާނެކަން އަހަރެންނަށް ޔަގީން.. ” އަމާން ބުންޏެވެ.
” އަމާން!! އަހަރެންގެ މާޒީއިން ކުޑަވެސް މިންވަރެއް ރާނީއަށް އެނގޭކަށް އަހަރެން ބޭނުމެއް ނޫން.. އެހެންނޫނަސް އެތަނަކީ އަހަރެންގެ ރާނީއަށް މާ ރައްކާތެރި ތަނެއް ނޫން.. އޭނާގެ ލެޔަށް ފެންބޮވައިގެންފައި ތިބި ބަޔަކު އެތާ ތިބިކަން އަހަރެން ހަނދާނެއް ނުނެތޭ.. ” ހާޖަރު ގިސްލަމުން ވާހަކަ ދެއްކިއެވެ.
” ތިހެން ނުބުނޭ ހާޖަރު.. ހަޤީޤަތް އެނގުން އެކުދިންނަށް ހައްޤު.. އެކަމަކު އެހުރިހާ ވާހަކައެއް ކިޔައިދޭން ޖެހޭ މީހަކީ ހާޖަރު.. އަހަރެންވެސް ނޭދެން އެހެން މީހެއްގެ ފުށުން ރާނީއަށް ހަޤީޤަތް އެނގޭކަށް.. އެތަނުގައި ރާނީ ދެކެ ލޯބިވާ ބަޔަކުވެސް ތިބިކަން ހަމަ ޔަގީން.. ” އަމާން ބުންނެވެ.
” ނޫން އަމާން.. އަހަރެންގެ ރާނީދެކެ ލޯބިވާނެ ހުރީ އެންމެ މީހެއް.. އެމީހާ ނޭނގެ މިހާރު ދުނިޔޭގައި ހުރި ކަމެއްވެސް.. ހެޔޮ އެދޭން ދެން ހުރި މީހާއަށް ނުވެސް އެނގޭނެ ހާޖަރު އަދި ރާނީ ކިޔާ މީހަކު އުޅޭކަމެއްވެސް..” މާޒީ ހަނދާންކޮށްލަމުން ހާޖަރު ބުންޏެވެ.
” ކިހިނެއް އެނގެނީ؟؟ އޭނާއަށް އެކަން އަންގަން ހާޖަރުވެސް މަސައްކަތެއް ނުކުރަމެއްނު.. ޔަގީން އޭނާއާ ރާނީއާ ބައްދަލުވެ ހަޤީޤަތް އެނގުނިއްޔާ އުފާވާނެ.. ރާނީއަށް އޭނާގެ ހައްޤު ހޯދަދޭން މަސައްކަތްވެސް ކުރާނެ.. ” ހާޖަރުގެ ބުރަކަށީގައި ފިރުމައިލަމުން އަމާން ބުންޏެވެ.
” އަހަރެން ބޭނުމެއްނޫނޭ ހައްޤު ހޯދަދޭކަށް.. އަހަރެން ބޭނުމީ އަހަރެންގެ ދަރިން…. ކުރިންވެސް އަހަރެންގެ ދެދަރިން އަހަރެންނާ ވަކިވެއްޖެ.. ރާނީ އަހަރެންނަށް ގެއްލޭކަށް ބޭނުމެއްނޫން..” ކުރިއަށްވުރެ ބޮޑަށް ރޮއެގަންނަމުން ހާޖަރު ބުންޏެވެ. އެހިނދު އަމާން ހާޖަރު އޭނާގެ މޭގައި ޖައްސައިލިއެވެ. ކޮންމެ ވާހަކައެއް ދެއްކިޔަސް ހާޖަރުގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެކަން އޭނާއަށް އެނގެއެވެ. ރޯވަރަކަށް ރޯން ދޫކޮށްލައިގެން އަމާން އިނެވެ.
*****************
ބޯވިލާތަކުގެ ތެރޭގައި ދަތުރުކުރަމުން ދިޔަ މަތިންދާބޯޓުގެ ތެރޭގައި ބޭރަށް ބަލަހައްޓައިގެން ރާނީ އިނެވެ. މޫނުމަތިން މޮޅިވެރިކަމެއް ފެންނަން ހުއްޓެވެ. ހިތާއި ސިކުނޑި ހިޞާރުކޮށްފައިވަނީ މައިންބަފައިންގެ ހަނދާންތަކުންނެވެ. އޭނާވީ ތަން ހާޖަރާއި އަމާންއަށް އެނގުމުން ވަރަށް ދެރަވެ ރޯނެކަން ޔަގީނެވެ. ފަހަރެއްގައި ރުޅިއައުންވެސް އެކަށީގެންވެއެވެ. އެހެނަސް މިފިޔަޅު ނަގަން އޭނާއަށް މަޖުބޫރެވެ. ހޮސްޕިޓަލުން ވަޒީފާ ލިބުނު ވާހަކަ ހާޖަރު ކައިރީގައި ބުނަން ރާނީ އިންތިހާއަށް ބޭނުންވިއެވެ. އެހެންނަމަވެސް އެހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ހާޖަރު ޤަބޫލުނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ވަރަށް އަވަހަށް ލޭންޑްކުރާނެ ކަމުގައި ޕައިލެޓް އިއުލާން ކުރުމާއެކު ރާނީގެ ހިތް އަވަސްވެލިއެވެ. އޭނާގެ މަންޒިލާ ހަމައަށް ދެވޭކަން ދެން މާގިނައިރެއް ނުވާނޭ ހިތް ބުނެލިއެވެ. ފޯނުގެ ސްކްރީނުން ފެންނަމުން ދިޔަ ފޮޓޯއަށް ރާނީ ނަޒަރު ހުއްޓައިލިއެވެ. އެހިނދު އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލިއެވެ.
” އަހަރެން މިއަންނަނީ ލޫކް…. ހޯދަން ވަރަށް އުނދަގޫވާނެކަން އެނގޭ.. އެކަމަކު ފަރުވާލެއް ނެތް.. ލޫކް ހޯދަން ކޮންމެ ފަދަ މަސައްކަތެއް ކުރަން ޖެހުނަސް އަހަރެން މިހިރީ ތައްޔާރަށް.. ” އެފޮޓޮއަށް ބަލަހައްޓައިގެން އިނދެ ރާނީ އޭނާގެ އަމިއްލަ ނަފްސަށް އިވޭވަރަށް ކިޔައިލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

