މަންޒިލް ތިޔޭ – ތިންވަނަ ބައި
އެގޭގައި އެހުރިހާ ދުވަހު ހުރިއިރުވެސް ބަދަލުގައި އެއްވެސް އެއްޗެއް ދޭކަށް ރިޒާ ނުބުނެއެވެ. އެހެންނަމަވެސް އޭނާގެ ބަލި ހާލަތު ބޮޑުވާން ފެށުމުން ހަޔާތުގައި ފުރަތަމަ ފަހަރަށް ލޫކަން ކައިރީގައި ރިޒާ ކަމަކު ބުންޏެވެ. އެއީ ދުއާ އާ ކައިވެނިކުރުމެވެ. ލޫކަން އެކައިވެންޏަށް އެއްބަސްވީ ހިތްމަތީގައި ހިލަގަނޑެއް ބޭއްވުމަށްފަހުގައި ކަން އެނގެނީ ދުންޔާއަށް އެކަންޏެވެ. ދުއާވެސް ލޫކަންއާ ގަޔާވާކަން ލޫކަންއަށް އެނގުނީ އެހިސާބުންނެވެ. ދުއާގެ ހިތްހަލާކު ކޮށްލާނެ ހިތްވަރުވެސް ލޫކަންއަށް ނުލިބުނީއެވެ. ދުއާ އަކީ އެންމެ ކުޑައިރުއްސުރެން ފެށިގެންވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ހަޔާތުގައި ދިމާވި ކޮންމެ އަޑިގުޑަން ތަކެއްގައިވެސް އެންމެ ކައިރީގައި ހުރެ އޭނައަށް އެއްބާރުލުން ދިން މީހަކީ ދުއާއެވެ. ރިޒާ އާއި ދުއާގެ އިޙްސާންތެރިކަމަކީ އޭނާ ދުވަހަކުވެސް ހަނދާން ނެތޭނެ ކަމެއް ނޫނެވެ. އޭގެ އަގު އޭނާ އުމުރު ދުވަހު މަސައްކަތް ކުރިނަމަވެސް އަދާކޮށް ނުދެވޭނެއެވެ. ވީއިރު ދުއާ އާއި ކައިވެނި ކުރުމަކީ އަދި ކުޑަކުޑަ ކަމެކެވެ. ދުއާ ދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. އެހެންނަމަވެސް އެއީ ހަމައެކަނި ރަޙުމަތްތެރިއެއް ގޮތުންނެވެ.
” ދެން ކީއްވެތަ ލޫކް ކައިވެނިކުރުން ލަސް ތިކުރަނީ؟ ރިޒާބެ ނުލާހިކު ބަލި.. ” ދުންޔާ ބުންޏެވެ.
” އަހަރެންނެއް ނޫން ލަސްކުރަނީ މަންމާ.. ދުއާ ބޭނުންވަނި އަދި ދުވަސްކޮޅަކު މަޑުކޮށްލަން.. ކާފަ ރަނގަޅު ވަންދެން.. ” ލޫކަން ބުންޏެވެ.
” ދުއާ އަށް ނުވިސްނޭތީ އެހެން އެބުނަނީ.. ހުރޭ މަންމަ ދުއާ އާ ވާހަކަ ދައްކާނަން..” ދުންޔާ ބުނެލިއެވެ. ލޫކަން ވަކި އެއްޗެއް ނުބުނެ ބޯޖަހައިލިއެވެ.
**********
ކައިގެން އައިސް ކޮޓަރިއަށް ވަންގޮތަށް ލޫކަން އެނދުމައްޗަށް އުއްޑުން ވެއްޓިގަތެވެ. ދުންޔާ މިރޭ ދެއްކި ވާހަކައެއްގެ ސަބަބުން ހިތުގައި ފޮރުވިފައިވާ ޒަޙަމްތައް އަލުން ތާޒާވެއްޖެއެވެ. ހިތުގައި ކުރެހުނު ސޫރަ ލޮލަށް ސިފަވުމާއެކު ހިތިގޮތަކަށް ހިނިތުންވެވުނެވެ. ދެލޯ މަރައިލެވުނު ހިނދު ލޮލުގެ ކަނަކުން ފޭދިގެން އައި ކަރުނަ ތިއްކެއް ވެއްޓުނެވެ. އެހިނދު އެހިތަށް ކުޑަވެސް ހަމަޖެހުމެއް ގެނެސްދިނީ ހިތުގައި ކުރެހުނު އެއަންހެންކުއްޖާގެ ހިނިތުންވުން ލޮލަށް ސިފަވުމުންނެވެ. އެ ޖާދޫގެ ހިނިތުންވުމަކީ ބަލިކަށިވެފައިވާ އެތައް ހިތަކަށް އުފާވެރިކަން ގެނެސްދޭނެ ހިނިތުންވުމެއްކަން ކަށަވަރެވެ. މިހާރު އޭނާ ކޮބައިބާވައޭ ހިތަށް އެރިއެވެ. ދުވަހަކުވެސް އޭނާ ލޫކަންއަށް މައާފުކޮށްފާނެ ބާއެވެ؟ މިހާރު އޭގެ ފަހުން ދެއަހަރު ދުވަސް ފާއިތުވީއެވެ. އޭނާ އަދިވެސް ހުރީ ހުސްކޮށް ބާއެވެ؟ އެންމެ ފަހަރަކު ނަމަވެސް އެރީތި ސޫރަ ދެކިލަން ލޫކަން ބޭނުންވެއެވެ. އެހެންނަމަވެސް އޭނާގެ ކުރިމައްޗަށް ދާނެހާ ހިތްވަރެއް ލޫކަން ނެތެވެ. އޭނާއަށް ކަންތައް ކުރެވުނުގޮތުންނެވެ. އެގޮތަށް ކަންތައް ކުރުން ނޫން ގޮތެއްވެސް އޭނާއަށް ނެތީއެވެ. އޭނާގެ ދުޢާ އަކީ އެއަންހެންކުއްޖާ ކޮންމެ ތަނެއްގައި ހުރި ނަމަވެސް އުފަލުގައި ހުރުމެވެ.
***********
ރާނީގެ ދަސްވެނިވުމުގެ އުފަލުގައި ގޭގައި ކުޑަ ޕާޓީއެއް ބޭއްވުނެވެ. ގޭގެ ޓެރޭސްގައި ބޭއްވުނު އެޕާޓީގައި ބައިވެރިވީ ހާޖަރާއި އަމާންގެ ބައެއް ރައްޓެހިންނާއި ގާތްތިމާގެ މީހުންގެ އިތުރުން ރަޔަންގެ ލޯބިވެރިޔާ ޔައުލާއެވެ. ރާނީގެ އެކުވެރި ޒޯއީގެ ގޭގައި ވެސް ޕާޓީއެއް އޮތުމުން ޒޯއީއަށް އެ ޕާޓީއަށް ނާދެވުނެވެ.
ޓެރޭސްގެ ކަނެއްގައި ރަޔަންއާއި ޔައުލާ އެމީހުންގެ އަމިއްލަ ދުނިޔެއަށް ގެއްލިފައި ތިއްބެވެ. ބޮޑު ވައްމޭޒުގެ ވަށައިގެން އެންމެން ތިބިއިރު ތަފާތު އެކި ވާހަކަ ދައްކަމުން ދިޔައެވެ. ހުރިހާ ބޮޑެތި މީހުންގެ ތެރޭގައި ރާނީ އިންނަން ޖެހުނީ ފޫހިވެފައެވެ. ވާހަކަ ދައްކާލާނެ އޭނާއާ އެއް އުމުރެއްގެ ކުއްޖަކުވެސް ނެތެވެ.
” މާޝާﷲ!! މިހާ ޅައުމުރުގައި ރާނީ އެހޯދީ ވަރަށް ބޮޑު ކާމިޔާބީއެއް.. ” އަމާން ރައްޓެހި ރަޒާޤް ބުނެލިއެވެ. އެމީހުން ވާހަކަ ދައްކަމުން ދިޔައީ އިނގެރޭސި ބަހުންނެވެ. ކައިރީގައި އިން ރާނީއަށް އަމާން ބަލައިލީ ފަޙުރުވެރި ވެފައެވެ. ރާނީ ގަޔާ ކައިރިކޮށްލުމަށްފަހު އަމާން ރާނީގެ ނިތުގައި ބޮސްދިނެވެ.
” ރަނގަޅަށް ތިބުނީ.. ރާނީއަކީ އަހަރެމެންގެ ފަޙުރު… މިފަދަ ދަރިން އެންމެންނަށްވެސް ދެއްވާށި..” ރާނީއަށް ބަލަހައްޓައިގެން އިނދެ އަމާން ބުނެލިއެވެ. ރާނީ ހިނިތުންވެލިއެވެ. އަނެއްފަރާތުގައި އިން ހާޖަރުވެސް އަމާންގެ ވާހަކައާ އެއްބަސްވުމުން ރާނީގެ ކޮލުގައި ބޮސްދިނެވެ.
” ހުރިހާ ލޯތްބެއް ރާނީއަށް ތަ ދެނީ!! އަހަރެންވެސް ދުވަސްކޮޅަކުން ރާނީ ލިކަހަލަ ގައުންއަކާ ކެޕެއް އަޅައިގެން ހުންނާނީ…” ޔައުލާގެ އަތުގައި ހިފައިގެން އެތަނަށް އައިސް ހުއްޓުނު ރަޔަން ބުނެލިއެވެ.
” ރަޔަންއަކަށް ނުވާނެ އެއްކަމެއްވެސް.. ފޮނިކަނޑަން އެކަނި ރަޔަން އަށް އެނގޭނީ..” ރާނީ ބުނެލިއެވެ.
” ވަޓްއެވަރ..!! ތަންކޮޅެއް ދީބަލަ ފެޓްސޯ…” ރާނީގެ ބޮލުގައި ޖަހައިލަމުން ރަޔަން ބުނެލިއެވެ. އެހިނދު ކައިރީގައި ހުރި ޔައުލާ ރަޔަން ގައިގައި ޖަހައިލުމަށްފަހު އެހެން ނުހެދުމަށް ބުންޏެވެ.
” ޑޯންޓް ޑޫ ދެޓް ޓު ޔޯ ސިސްޓަރ ރަޔަން.. މިހާރު އެތައް ފަހަރަކު ބުނެފިން އިޙްތިރާމް ކުރާށޭ.. ރާނީއަށް ނަމުން ނުގޮވާ ދޮންތަ ކިޔާށޭވެސް އެހާ ވަރަށް ބުނެފިން.. ކަމް ސިޓް ހިއަރ….” ރާނީ ކައިރިން ދުރަށް ޖެހިލުމަށްފަހު ރަޔަންއާއި ޔައުލާ އިށީންނަން ތަން ދައްކަމުން ހާޖަރު ބުންޏެވެ.
” އަދިވެސް އަހަރެންތަ ފަލައީ.. މިހާރުވެސް ބަލާބަލަ ކާކުގެ ބަނޑުތޯ ބޮޑީ…” ރަޔަންއަށް މަލާމާތް ކޮށްލުމުގެ ގޮތުން ރާނީ ބުންޏެވެ.
” ތެދެއް ތިބުނީ ދޮންތާ… ހެހެ.. ވަރަށް ނަލަ ބަނޑެއް އޮވޭ ރަޔަން އަތުގައި…” ޔައުލާ ހެމުން ބުންޏެވެ. ރަޔަން ޔައުލާއާއި ރާނީއާ ދިމާލަށް ކަޅިއަޅައިލުމަށްފަހު އޭނާއަކީ ނުލާހިކު ފިޓް މީހެއް ކަމުގައި ބުނެލިއެވެ. މަޖަލާއި ސަކަރާތުގެ ތެރެއަށް ގެއްލިފައ އިން ރާނީ ސިހުނެއް އޭނާގެ ފޯނަށް މެސެޖެއް އައި އަޑުއިވިފައެވެ. މެސެޖެއްގެ ބަދަލުގައި އީމެއިލްއެއް އައިސްފައި އޮތްތަން ފެނި ރާނީގެ ހިތްތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އެބައަންނަމޭ ބުނުމަށްފަހު ރާނީ ތެދުވެގެން އެތަނާ ދުރަށް ހިނގައިގަތެވެ. އީމެއިލް ހުޅުވައިލުމާއެކު ރާނީގެ ދެތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ނަމަވެސް ދެވަނަ ހިނދުގައި އެހިނިތުންވުން ފިލައިގެން ގޮސް މޫނުމަތީގެ ކުލަވަރު އޮއްސުނެވެ. ބަލައިލެވުނީ މޭޒުކައިރީގައި އިން ހާޖަރަށެވެ. ލިބުނީ ކިތަންމެހާވެސް އުފާވެރި ހަބަރެކެވެ. ނޭނގެނީ އެޙަބަރު އިވުމުން ހާޖަރު ބުނާނެ އެއްޗެކެވެ.
******************
އޮފް ދުވަހަށް ވުމާއެކު މެންދުރަށް ވަރަށް ރަނގަޅަށް ތާރާ ކެއްކިއެވެ. މޭޒުމައްޗަށް ތަށިތައް އެރުވުމަށްފަހު ކާން އައުމަށް ބުނެ ދުއާ އަށް މެސެޖް ކޮށްލިއެވެ. މެސެޖްގައި އޭނާ ހެދީ ރިހާކުރުދިޔަ ކަމުގައި ބުނެލީ އެއީ ދުއާއަށް އެންމެ މީރު ކެއުން ކަމުގައިވާތީއެވެ. ކަންސާއަށް ގޮވަން ކޮޓަރިއާ ދިމާލަށް ގޮސް ގޮސް ހުރެފައި އެޕާޓްމެންޓްގެ މައި ދޮރު ހުޅުވައިލި އަޑަށް ފަސް އެނބުރި ތާރާ ބަލައިލިއެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ތާރާގެ ބައްޕަ ޖަވާދެވެ.
” ދަރިފުޅާ ހާދަ މީރުވަހެކޭ އެދުވަނީ.. ކޯންޗެއްތަ ތިކައްކާލީ.. ؟ ” ކާމޭޒާއި ކައިރިވެލަމުން ޖަވާދު ބުނެލިއެވެ.
” ބައްޕައަށް ކިހިނެއް އެނގެނީ އަހަރެން ކަމެއް ކެއްކީ…” ހީނލަމުން ތާރާ އަހައިލިއެވެ.
” ވަހުން ބައްޕައަށް އެނގޭނެ ކެއްކީ ކާކުކަން…” އަތްދޮންނަ ތަށި ކައިރިއަށް ހުއްޓެމުން ޖަވާދު ބުނެލިއެވެ.
” ތިބުނީ އަހަރެން ކައްކާއިރު މީރުވަހެއް ނުދުވައޭތަ؟ ” ކޮޓަރިން ނިކުތް ކަންސާ ބުނެލިއެވެ.
” އެހެނެއް ނުބުނަމެއްނު.. ދެންވެސް އާދެބަލަ އަހަރެންގެ ތައްޓަށް ބަތް އަޅައިދެން.. މިއަދު ކާހިތްވަނީ ކަންސާ އަތުން މޮޑެގެން…” ކަންސާގެ ކޮނޑުގައި އަތް ބާއްވާލައި ގަޔާ ކައިރިކޮށްލަމުން ޖަވާދު ބުންޏެވެ. އެމަންޒަރު ފެނި ތާރާއަށް ހެވުނެވެ. މައިންބަފައިންގެ ފަރާތުން ފެންނަ އެފަދަ މަންޒަރުތަކުގެ ސަބަބުން ލިބެނީ ތަފާތު ހިތްހަމަޖެހުމެކެވެ.
” ތާރާ ދަރިފުޅުގޮސް އާރާވްއަށް ގޮވާބަލަ!! ” ޖަވާދުގެ ތައްޓަށް ބަތް އަޅައިދެމުން ކަންސާ ބުނެލިއެވެ.
” ވަޓް..؟؟ ރެވް މިއަދު ވަޒީފާއަށް ނުދަނީތަ؟ އަނެއްކާވެސް ވަޒީފާއަށް ފަރުވާކުޑަ ކުރަން ފެށީދޯ؟؟ ” އާރާވްގެ ކޮޓަރިއާ ދިމާލަށް ބަލައިލަމުން ތާރާ ބުންޏެވެ. އެވަގުތުވީ އާރާވްވެސް ކޮޓަރިން ނިކުތް ވަގުތަށެވެ. ތާރާ ބުނެލި ބަސް އޭނާއަށް ރަނގަޅަށް އަޑު އިވުނެވެ.
” އަހަރެން ބޮލުގަ ރިއްސާތީވެ ނުދިޔައީ.. އެހެންނޫނަސް ތާރާއަށް ކޮންކަމެއް… ދެން ގުޅާ އަވަހަށް ބެސްޓީއަށް.. ގުޅާފަ ކުޓުވަން ފަށާ.. ވަރެއްގެ ބެސްޓީއެއް ތިއޮތީ ލިބިފަ.. ” ރުންކުރު ރާގެއްގައި އާރާވް ބުނެލިއެވެ. އެއަށްފަހު ތާރާއަށް ބަލައިލުމެއްވެސް ނެތި ގޮސް ކާމޭޒުކައިރީގައި އިށީނެވެ. މައްސަލަ ހޫނުވާން އުޅޭކަން އެނގި ކަންސާއާއި ޖަވާދު އެކަކު އަނެކަކަށް ބަލައިލިއެވެ.
” ރެވްއަށް އަށް ހަމަ ރީތިކޮށް ވާހަކަ ނުދެއްކެނީތަ؟ އަހަރެން މިވާހަކަ މިދައްކަނީ ހަމަ ރެވްއަށް ކެއަރ ކުރާތީ.. ދުއާއާއި ލޫކްގެ ރަނގަޅުކަމުން ރެވް ވަޒީފާއިން ވަކިނުކޮށް ބަހައްޓާފައި ތިހިރީ.. ” ތާރާ ހިތްހަމަނުޖެހިފައި ބުންޏެވެ. ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އާރާވް މުށްބާރުކޮށްލިއެވެ. ” އަސްލު ދުއާ ދެކެ ރެވް ތިއަންނަނީ އަންނަން ހައްޤު ރުޅިއެއް ނޫން.. ރެވް ތި ހީކުރާ ވަރަށް ވުރެ އެތައް ގުނައެއް ރަނގަޅު ކުއްޖެއް ދުއާ އެއީ.. އަހަރެން ހިތަށް އަރާ ރެވްއަށް ދުއާ ކީއްކުރީބާއޭ…؟ ”
” ދެން ހެޔޮ ތާރާ! އިނަފް.. ދުއާ ދެކެ އަހަރެން ރުޅި އަންނަ ސަބަބު ތާރާ ކައިރީގައި ބުނާކަށް ނުޖެހޭނެ.. އަހަރެން ވަޒީފާއަށް ނުގޮސްގެން ތިހާ ރުޅިއަންނަންޏާ ބެސްޓީ ކައިރީ ބުނަންވީނު އަހަރެން ވަޒީފާއިން ކަނޑާލާށޭ..” މިހެން ބުނުމަށްފަހު ތަށިދުރަށް ކޮއްޕައިލަމުން އާރާވް ތެދުވިއެވެ. ތަށީގައި ޖަވާދު ނުހިފެހެއްޓިނަމަ ތަށި ވެއްޓި ތެޅުނީހެވެ. އާރާވް ގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރު ބަންލާފައި ލެއްޕިއެވެ. ތާރާވެސް މޫނު ކުނިކޮށްލަމުން ގޮސް މޭޒު ކައިރީގައި އިށީނެވެ.
” މަންމަ ބުނީމެއްނު ތާރާ ކައިރީގައި އާރަވް ރުޅި އަންނަ ގޮތަށް ވާހަކަ ނުދައްކާށޭ.. އޭނަ ތަޙައްމަލް ކުރި ކަންތައްތަކަށްފަހު ރަނގަޅު ވަޒީފާއަކަށް ގޮސް މީހުން ތެރެއަށް ނިކުމެ އުޅޭތީވެސް މަންމަ ޝުކުރުވެރިވަން.. މިއަދު އޭނާގެ އާއިލާ މީހަކަށް މިތާ ތިބީ އަހަރެމެން.. އެންމެ ފަހަރަކުވެސް ތާރާ އޭނާއާ ކޮއްކޮއެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަން މަސައްކަތް ކޮށްބަލަ.. ރުޅި އައިސްގެން ހަޅޭއްލެވުމަކީ ހައްލެން ނޫން..” ކަންސާ ނަސޭހަތްތެރިވިއެވެ.
” އަހަރެންނަށްވެސް އެނގޭ ރެވްއަށް ވަރަށް ހިތްދަތި ކަންތައްތަކެއް ދިމާވިކަން.. ބޭބެއަކަށްވީތީ އަހަރެން ރެވްއަށް އިޙުތިރާމް ކުރަން.. އެކަމަކު އޭގެ މާނައެއްނޫން ރެވް ދުއާ އޭ ކިޔައިގެން ކޮންމެ އެއްޗެއް ކިޔަސް ހުންނާށޭ.. ޤަބޫލުކުރަން ރެވް އެއީ އަހަރެންގެ ދެބެންގެ ދެދަރި ބޭބެއެއްކަން.. އެކަމަކު ދުއާވެސް އެއީ އަހަރެންގެ ދައްތައެއް ނޫނީ ކޮއްކޮއެއްފަދަ އެކުވެރިއެއް..” ތާރާ ބުނެލިއެވެ. އޭނާގެ ފޯނަށް މަސެޖެއް އައީ އެވަގުތުއެވެ. ދުއާގެ އެމެސެޖްގައިވަނީ ބިޒީކަމުން ދެވެން ނެތް ވާހަކައެވެ.
” ދެން އެކަން ހަނދާން ނައްތާލާފަ ކާންފަށާބަލަ.. ދަރިފުޅާއެއްކޮށް އެއް ސުފުރާ މަތިން ކާލަން ލިބެނީ މަދުދުވަހަކު.. ” ޖަވާދު އެދުނެވެ. ތާރާވެސް ހިނިތުންވާން މަސައްކަތް ކުރަމުން ތައްޓަށް ކާއެއްޗެހި އަޅަން ފެށިއެވެ.
***************
ގޭތެރެއަށް ވެރިވެފައިވަނި ކަނު އަނދިރިކަމެވެ. ބޮޑުކޮޓަރީގައި ދެކޮޅަށް ހިނގަމުން ދިޔަ ރަފާގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ. އިރުއިރުކޮޅާ ފޯނުން ގަޑިއަށް ބަލައިލުމަށްފަހު ގޭގެ ބޮޑު ދޮރާ ދިމާއަށް ބަލައިލައެވެ. ބަލާބެލުމަށް ކޮންމެވެސް މީހަކަށް އިންތިޒާރު ކުރަނީއެވެ. ގަޑިން ބާރަ ޖަހަން ގާތްވެފައި ވަނިކޮށް ގޭގެ ބޭރުން ކާރެއް ޕާކުކޮށްލި އަޑުއިވުނެވެ. އެހިނދު ރަފާ ދުވެފައި ގޮސް ގޭގެ ބޮޑު ދޮރު ހުޅުވައިލިއެވެ. ކާރު ލޮކް ކުރުމަށްފަހު އިނގިލީގައި ތަޅުދަނޑި އަނބުރަމުން އަންނަ ޔާނިޝް ފެނުމުން ރަފާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.
” ޔާން.. ކޮންތާކުން ތިއައީ..؟ ނޭނގޭތަ އަހަރެން ކަންބޮޑުވާނެ ވަރެއް..” ޔާނިޝްގެ އަތުގައި ހިފައި ގޭތެރެއަށް ވެއްދުމަށްފަހު ރަފާ ބުނެލިއެވެ.
” ރިލޭކްސް ރަފް.. މާމައަށް އެހާ އަވަހަށް ނުހޭލެވޭނެ…” ރަފާގެ ނޭފަތުގައި ހިފައިލަމުން ޔާނިޝް ބުނެލިއެވެ. އެހިނދު ރަފާ ޔާނިޝްގެ އަތް ދުރަށްލިއެވެ. ޔާނިޝް ހެމުން އޭނާގެ ކޮޓަރިއަސް ދިއުމަށް ހިނގައިގަތެވެ. ރަފާވެސް ޔާނިޝްގެ ފަހަތުން ހިނގައިގަތެވެ.
” ކިހިނެއް އެނގެނީ.. މާމައަށް ހޭލެވިފަ ޔާން ނެތްކަން އެނގުނިއްޔާ މުޅި ގެ ބޮލަށް ލާނެ.. ފާރަވެރިއަކަށްވެގެން އަހަރެން މިތަނުގައި ހުންނަތާ ކޮންއިރެއް..” ޔާނިޝްގެ ފަހަތުން އޭނާގެ ކޮޓަރިއަށް ވަންނަމުން ރަފާ ބުންޏެވެ.
” ފްރެންޑެއްގެ އުފަންދުވަހުގެ ޕާޓީއަކަށް ގޮސްފަ މިއައީ… ތިހާ ހާސްނުވެބަލަ އަހަރެންގެ މޮޔަ ރަފް ގަނޑާ.. އެހެންނޫނަސް އަހަރެންނަށް އެނގޭ މާމަ ހޭލައިފިއްޔާ ކޮންމެވެސް ގޮތަކުން ރަފް އަހަރެން ސަލާމަތް ކުރާނެކަން.. ” ރަފާގެ ކޮނޑަށް އޭނަގެ ދެއަތްލައިގެން ހުރެ ޔާނިޝް ބުންޏެވެ. ޔާނިޝްގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައިވާތަން ފެނި ރަފާގެ ދެކޯތާފަތް ރަތްވެގެން ދިޔައެވެ. އަވަހަށް އިސްޖަހައިލެވުނީ ޔާނިޝްއަށް އެމަންޒަރު ނުދެއްކުމަށެވެ. ދެވަނަ ހިނދުގައި ރަފާ ޔާނިޝްއާ ދުރަށް ޖެހިލިއެވެ.
” ދެންވެސް ތަނަކަށް ދަންޏާ އަހަރެން ކައިރީގައި ބުނެފަ ދާތި..!! އަވަހަށް ނިދަން އުޅޭ ދެން.. މާދަން ހެނދުނުގެ ސަޔަށް ލަސްވިއްޔާ އަނެއްކާ އަނެއް ހަ ކަންތައް…” ޔާނިޝްއަށް ނުބަލަން މަސައްކަތް ކުރަމުން ރަފާ ބުންޏެވެ.
” ރަފް ތި ހުރީނު.. އަހަރެންނަށް ވޭކްއަޕް ކޯލެއް ދޭތި.. ދެން ދޭ ރަފްވެސް ނިދަން.. އަހަރެން ވަރަށް ވަރުބަލި..” އެނދަށް ވެއްޓިގަންނަމުން ޔާނިޝް ބުންޏެވެ.
ދެބެންގެދެދަރި ކަމުގެ ގުޅުމަށްވުރެ ބޮޑަށް ރަފާއާއި ޔާނިޝްގެ މެދުގައި އޮންނަނީ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމެވެ. އެހެންނަމަވެސް ޔާނިޝްއަށްޓަކައި ރަފާގެ ހިތުގައި ވަނީ މުޅިން ތަފާތު އިހުސާސެކެވެ. ލޯތްބަކީ ކޮން އެއްޗެއްކަން އެނގުނު ދުވަހުންފެށިގެން ރަފާގެ ހިތުގައި ރަސްކަން ކުރަމުން އަންނަނީ ޔާނިޝްއެވެ. ރަފާ އެހުންނަނީ އެތައް ދުވަހުއްސުރެން އޭނާއަށް ކުރެވެމުން ދިޔަ އިހުސާސް ޔާނިޝްގެ ކުރިމަތީގައި ފާޅުކުރާން ނުކެރިފައެވެ. އެފަދަ ނަޒަރަކުން ޔާނިޝްއާ މެދު ދެކޭކަން ޔާނިޝްއަށް އެނގޭ ދުވަހަކުން އޭނާ ކަންތައްކުރާނީ ކިހިނެއްކަމެއް ނޭނގޭތީއެވެ. ޔާނިޝް އޭނާއާ މެދު ދެކެނީ ކިހިނެއްކަންވެސް ނޭނގޭތީއެވެ. ރަފާގެ އެބޮޑު ސިއްރު އެނގޭ ހަމައެކަނި މީހަކީ އޭނާގެ މަންމަ ސާރާއެވެ. ސާރާވެސް ދެކޭ ގޮތުގައި ރަފާގެ ހަޔާތުގެ ބައިވެރިއަކަށް ޔާނިޝްއަށްވުރެ ރަނގަޅު މީހަކު ނެތެވެ. ބަދޫރާ އާއި ހާރޫން ކައިރީގައި އެކައިވެނީގެ ވާހަކަ ނުދައްކާ ސާރާ އެހުންނަނީ ރަފާގެ އެދުމުގެ މަތިންނެވެ.
***********
އެނދުގައި އިން ރާނީގެ ބޮޑު ދެލޯ ހުއްޓިފައިވަނީ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށެވެ. ގަޑިން ތިނެއް ޖަހައިފިކަން އިއުލާން ކުރުމާއިއެކު އިންތަނުން ރާނީ ތެދުވިއެވެ. އެނދުމަތީގައި ތައްޔާރުކޮށްފައި އޮތް ދަބަސް ނަގާ އޭނާގެ ކޮނޑުގައި އަޅުވައިލިއެވެ. ލިޔާ މޭޒުކައިރިއަށް ޖެހިލުމަށްފަހު ފޮތެއްގެ ތެރެއިން ނެގި ގަނޑުކޮޅު މީހުންނަށް ފެންނާނެހެން ވަކި ބާއްވައިލިއެވެ. ކޮޓަރިން ނިކުތުމުގެ ކުރިން އަދިވެސް އެއްފަހަރު އެކޮޓަރިތެރެއަށް ރާނީ ނަޒަރު ހިންގައިލިއެވެ. ކޮޓަރިން ނިކުމެ މަޑުމަޑުން އޭނާ ދޮރު ލައްޕައިލިއެވެ. މަޑު ލަސް ފިޔަވަޅު ތަކެއް އަޅަމުން ރާނީ ގޮސް ހުއްޓުނީ އޭނާގެ މައިންބަފައިންގެ ކޮޓަރި ކައިރީގައެވެ. މަޑުމަޑުން ދޮރު ހުޅުވައިލުމަށްފަހު އެތެރެ ބަލައިލިއެވެ. އަރާމު ނިންޖަކުން ނިދާލާފައި ތިބި އޭނާގެ މައިންބަފައިން ފެނުނު ހިނދު އެދެލޮލުން ކަރުނަ ފާއްދައިލިއެވެ. މަޑުމަޑުން ދޮރު ލައްޕައިލުމަށްފަހު ރާނީ ގޭގެ މައި ދޮރާ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް ވަކި ހިސާބަކުން ހުއްޓުނެވެ. މިފަހަރު ރާނީ ބަލައިލީ ރަޔަންގެ ކޮޓަރިއާ ދިމާލަށެވެ.
” އަހަރެން ދަނީ ރަޔަން.. ވަރަށް މިސްވާނެ.. އެކޮޅަށް ގޮސް ގުޅާނަން އިރާދަކުރެއްވިއްޔާ..” އަމިއްލަ ނަފްސަށް އިވޭ ވަރަށް ރާނީ ބުނެލިއެވެ. އެއަށްފަހު ގޮސް ގެއިން ނިކުމެ ދޮރު ލައްޕައިލިއެވެ.
-ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

