Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް ތިޔޭ – ދެވަނަ ބައި

Azkii Level 110 Stories
May 14, 2022 5 Mins Read
0 Comments

” ދެން ބުނެބަލަ.. އަދިވެސް މެރީ ކުރާ ދުވަހެއް ހަމަނުޖައްސަންތަ؟ އައި ކާންޓް ވެއިޓް ޓުބީ އަ ބްރައިޑްސްމެއިޑް..” ހުވަފެނީ ގޮތަކަށް ތާރާ ބުންޏެވެ. އެހިނދު ދުއާ ހީނލިނަމަވެސް މޫނުމަތި މިލައިގެން ދިޔަތަން ތާރާ ދުއްޓެވެ.

” ލޫކް ހުރީ މާދަންވެސް މެރީ ކުރަން ތައްޔާރަށް.. އެކަމަކު ކާފަ އެޙާލުގައި އޮއްވައި އަހަރެން ކިހިނެއް މެރީ ކުރާނީ.. ކައިވެންޏަކީ އަންހެނެއްގެ ހަޔާތަށް އަންނަ އެންމެ އުފާވެރި އެއް ދުވަސް.. އެފަދަ ދުވަހެއްގައި އަހަރެން ބޭނުންވޭ ކާފަ އަހަރެން ކައިރީގައި ހުންނަން… އަހަރެންގެ ހުރިހާވެސް މީހަކީ ކާފަ..” ދުއާ ދެރަވެފައި ބުންޏެވެ.

” އެކަމަކު ދުއާވެސް ވިސްނަބަލަ.. ކާފަގެ ހާލަތު އެހާ ރަނގަޅެއް ނޫން.. ކާފަ ބޭނުންވަނީ އަބަދަށް ލޯ މަރައިލުމުގެ ކުރިން ދުއާ އާއި ލޫކް ކައިވެނިކޮށް ޒަވާޖީ ހަޔާތެއް ފަށާތަން ދެކެން.. ” ދުއާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން ތާރާ ބުންޏެވެ.

” ކުރިން އަޖަލު އައިސް ޖެހޭނީ ކާކުގެ ކަމެއް ބުނަން އެބަ އެނގޭތަ؟ ﷲ އިރާދަކުރެއްވިއްޔާ ކާފަގެ ހާލު ރަނގަޅުވާނެ ކަމަށް އަހަރެން އުއްމީދު ކުރަނީ.. އަހަރެން ކައިވެނި ކުރާނީވެސް އެދުވަހަކުން..” ދުއާ ބުންޏެވެ.

” ލޫކް ވާ ކެތްގަދަ.. ބުނީމެއްނު ރާއްޖެތެރެއަށް ފުރަން އުޅޭ ވާހަކަ.. ކޮންއިރަކު ފުރަނީ؟” ތާރާ އެ އަހައިލީ ލޫކަންގެ ވާހަކައެވެ.

” މިއަދު ފުރާނެ…އޭ އިނދެވޭކަށް ނެތޭ… ހުރިހާ ޕޭޝަންޓުން ބަލާ ނިންމާފައި އަދި އެބަހުރި ސްކޭން އެޕޮއިންޓްމެންޓް ތަކެއްވެސް.. ރައުންޑްސްއަށް ވޯޑްތަކަށްވެސް ދާން އެބަޖެހޭ.. ތާރާ ނިންމާފަ ގުޅާ އެނގޭ..” މިހެން ބުނެ ދުއާ އެތަނުން ދާން ހިނގައިގަތެވެ.

 

އުފާ ކެއާރ ހޮސްޕިޓަލަކީ މާލޭގެ ނަން މަޝްހޫރު ހޮސްޕިޓަލްތަކުގެ ތެރެއިން ހޮސްޕިޓަލެކެވެ. ނަވާރަސަތޭކަ ނުވަދިހައިގެ ކުރީކޮޅުން ފެށިގެން ހިންގަމުން އަންނަ އެ ހޮސްޕިޓަލްގެ ވެރިޔާ އަކީ ދުއާގެ ކާފަ އަހުމަދު ރިޒާއެވެ. ސްޓްރޯކެއް ޖެހި މިވަގުތު ރިޒާ އޮތީ އެނދުމަތިވެފައެވެ. ރިޒާއަށް ފަހު މިވަގުތު ހޮސްޕިޓަލާ ހަވާލުވެ ހުރީ ރިޒާގެ ހުރި ހަމައެކަނި ދަރި ކަމަށްވާ ޑޮކްޓަރު އާދަމް ޒިލާލްއެވެ. ޒިލާލްއަކީ ދުއާގެ ބައްޕަވެސް މެއެވެ.

މައެއްގެ ލޯތްބާއި ނުލާ ބޮޑުވި ދުއާގެ ހުރިހާވެސް މީހަކީ އޭނާގެ ކާފަ ރިޒާއެވެ. ބޮޑުވަމުން އައިއިރު ބައްޕަގެ ޒިލާލްގެ ފަރާތުން މާބޮޑު އަޅާލުމަކާއި ލޯތްބެއް ނުލިބެއެވެ. ދުއާއަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއްވެސް ކޮށްދިނީ ރިޒާއެވެ. ހޮސްޕިޓަލުގައި އަވަދިނެތި އުޅެމުންވެސް ދުއާއަށް ކިޔަވައިދީ ކާންދީ ބޯންދީ ހެދީވެސް ރިޒާއެވެ. މައިންބަފައިންގެ ލޯތްބަށް ފެންބޮވައިގެންފައިވީނަމަވެސް ރިޒާ ދިން ލޯތްބާއި އަޅައިލުމުގެ ސަބަބުން ދުއާ ހުރީ އުފަލުންނެވެ. މިއަދު ދުއާ ދެކޭގޮތުގައި އޭނާގެ މަންމަ އަދި ބައްޕައަކީވެސް ރިޒާއެވެ. ބައްޕައަށް ވީތީ ޒިލާލްއަށް ދޭން ޖެހޭ އިޙްތިރާމާއި ޤަދަރު އޭނާ ދެއެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި ޒިލާލްއާ މެދު އެތައް ޝަކުވާއެއް ވެއެވެ. އެޝަކުވާތައް އޭނާ ފާޅު ނުކުރަނީ އާއިލާގެ މަސްލަހަތާއި ރިޒާގެ ސިއްޙަތަށް ބަލާފައެވެ.

**********

ފަހާފޮށި ކައިރީގައި އިނދެފައި ހާޖަރު ތެދުވިއެވެ. އަތު ތެރޭގައި އޮތް ރަތްކުލައިގެ ހެދުމުގެ ދެފަރާތުގައި ހިފަހައްޓައިލަމުން ބަލައިލިއެވެ. ފުން ނޭވައެއް ދޫކޮށްލީ އޭނާއަށް ހެދުން ފެހިފައިވާ ގޮތާމެދު ހިތްހަމަޖެހިގެންނެވެ. އެހެދުމަކީ ރާނީގެ ދަސްވެނިވުމުގެ ހަފްލާއަށް ހާޖަރު ފެހި ހެދުމެކެވެ. އިރުކޮޅެއް ވަންދެން އެކި ގޮތްގޮތަށް ހެދުމަށް ބެލުމަށްފަހު ތަންކޮޅެއް ބާރަށް ރާނީއަށް ހާޖަރު ގޮވައިލިއެވެ. މާގިނައިރުތަކެއްނުވެ ރާނީ އޭނާގެ ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު ނިކުތެވެ. ހެޑްފޯނު ޖަހައިގެން ހުރެ ކޮންމެވެސް މިހަކާ ވާހަކަ ދައްކަމުން ރާނީ އައިސް ހާޖަރު ކައިރިއަށް ހުއްޓުނެވެ.

” ޒޯއީ ތަ؟ ” ހަމައެކަނި ރާނީއަށް އިވޭވަރަށް ހާޖަރު އަހައިލިއެވެ. ޒޯއީއަކީ ރާނީގެ އެންމެ ގާތް އެކުވެރިޔާއެވެ. ޖަވާބުގައި ރާނީ ނިތްއަރުވައިލިއެވެ. ރާނީ ޒޯއީ އާ ވާހަކަ ދައްކާ ނިމެންދެން ހާޖަރު މަޑުކޮށްގެން ހުއްޓެވެ. އެމީހުން ވާހަކަ ދައްކަމުން ދިޔައީ ދަސްވެނިވުމުގެ ހަފްލާއާ ބެހޭގޮތުންނެވެ. ޒޯއީ ފޯނު ބޭއްވުމުން ރާނީ ހާޖަރު ކައިރީގައި ގޮވި ސަބަބެއް އަހައިލިއެވެ. ހާޖަރު އޭނާ ފެހި ހެދުން ރާނީއަށް ދައްކައިލިއެވެ. ހެދުން ރީތިކަމުން ރާނީއަށް ހެވުނެވެ. ހާޖަރު އަތުން ހެދުން އަތުލުމަށްފަހު އެކި ގޮތްގޮތަށް ހެދުމަށް ބަލަން ފެށިއެވެ.

” އަޅެ ތެންކްސް މަންމާ.. ހާދަ ރިއްޗޭ މިހެދުން.. މީ މިހާތަނަށް މަންމަ ފެހި އެންމެ ރީތި ހެދުން.. ” ހެވިފައި ހުރެ ރާނީ ބުންޏެވެ.

” ދޭބަލަ ކޮޓަރިއަށް ގޮސް ޓްރައި ކޮށްލައިގެން އަންނަން..” ހާޖަރު އެދުނެވެ. ރާނީ ބޯޖަހައިލުމަށްފަހު ހެދުން ހިގފައިގެން ގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރު ލައްޕައިލިއެވެ.

 

އުމުރުން ސާޅީހުގެ ކުރީ އަހަރުތައް ގުނަމުންދާ ހާޖަރަކީ ލޫޅާފަތި ހަށިގަނޑެއްގެ ވެރި ރީތި އަންހެނެކެވެ. ރާނީއާ އެކު ހާޖަރު ފެނުމުން ގިނަ މީހުންނަށް ހީވެފައި އޮންނަނީ ހާޖަރަކީ ރާނީގެ ދައްތައެއް ކަމަށެވެ. އެކަންވަނީ ހާޖަރަށްވެސް އަދި ރާނީއަށްވެސް މަޖާ ކަމަކަށެވެ. ރާނީއަކީ ހާޖަރުގެ ކާބަން ކޮޕީއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހާވެސް އެދެމައިން ވައްތަރެވެ.

ހެވިފައި ރާނީގެ ކޮޓަރިއާ ދިމާލަށް ބަލަހައްޓައިގެން ހުރި ހާޖަރުގެ ދެލޯ ފުރިގެން އައެވެ. އެތަކެއް ޒަމާނުއްސުރެން އޭނާ ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ވާން އުޅޭތީއެވެ. ހާޖަރު ބޭނުންވީ އޭނާ ފަދައިން ރާނީވެސް ޑޮކްޓަރަކަށް ވުމަށެވެ. މާދަމައަކީ އެތައް ދުވަހުއްސުރެން އޭނާ ދެކެމުން އައި ހުވަފެނުގައި ހަޤީޤީ  ކުލަ ޖެހޭނެ ދުވަހެވެ. ހާޖަރު ސިހުނީ މަންމާއޭ ކިޔާ ރަޔަން ގޮވައިލި އަޑަށެވެ. ދެލޯ ފޮހެލުމަށްފަހު ހާޖަރު ގޮސް ރަޔަންގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެނދުމަތީގައި ޗިޕްސް ޕެކެޓެއް ހިފައިގެން އޮތް ރަޔަން ހާޖަރު ފެނުމާއެކު ހީނލިއެވެ.  ޓީވީގެ އަޑު ގަދަކޮށްލައިގެން ރަޔަން އޮތީ ނެޓްފްލިކްސް އަޅުވައިގެން ކޮންމެވެސް ފިލްމެއް ބަލާށެވެ.

” ކިހިނެއްވީތަ ރަޔަން.. މަންމަ ބުނީމެއްނު އެހާ ބާރަށް ނުގޮވާށޭ.. ކިތައް ފަހަރު ބުނަންވީ އޮށޯވެގެންއޮވެ ނުކާނެއޭ.. ތި ޓީވީގެ ތަންކޮޅެއް އަޑުމަޑުކޮށްބަލަ.. ” ކޮޓަރީގެ ދޮރުފަތުގެ ތަޅުގައި ހިފާލައިގެން ހުރެ ހާޖަރު ބުންޏެވެ. ރަޔަން ކައިރީގައި އޮތް ރިމޯޓު ނަގާފައި ޓީވީގެ އަޑުމަޑުކޮށްލިއެވެ.

” މަންމާ.. ކޮބާތަ ރާނީ.. އޭނާއަށް ހާދަވަރަކަށް ގޮވައިފީމޭ..” ރަޔަން ބުންޏެވެ.

” ރާނީ އުޅެނީ ކަމެއްކޮށް.. ކިހިނެއްވީ ކަމަކުތަ؟” ހާޖަރު އަހައިލިއެވެ. ރަޔަންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

” ކޮޓަރީގެ ލައިޓް ނިއްވާލަ ދީބަލަ…” ރަޔަން ބުނެލިއެވެ. ހާޖަރު ރަޔަން ބަލަހައްޓައިގެން ހުރެ ދެފަރާތަކަށް ބޯހޫރައިލިއެވެ.

“ސާބަސް ރަޔަންއަށް… ރާނީއަށް ތިގޮވަނީ އެހެންވެ ދޯ.. އޭނަ ކައިރިއަށް ރުޅިއަރުވައިނުލާ ހިތްހަމަނުޖެހެނީ ދޯ..” ހާޖަރު ބުނެލިއެވެ. އެހިނދު ރަޔަން ހިނިގަނޑެއް ޖަހައިލިއެވެ. ހާޖަރު ޕިސްޕިސް ކިޔަމުން ރަޔަންގެ ކޮޓަރިގެ ލައިޓު ނިއްވައިލުމަށްފަހު ދޮރުލައްޕާފައި ނިކުތެވެ. ރަޔަންގެ ސިޔާސަކަމާމެދު ވިސްނާލާފައި ޙުދު ހާޖަރު ކައިރިއަށްވެސް ހިނިއައެވެ.

ދެދަރިންނަކީ އޭނާގެ މުޅި ދިރިއުޅުމެވެ. އެދަރިންގެ އުފަލާ ރައްކާތެރިކަމަށްޓަކައި ކޮންމެފަދަ ކަމެއް ކުރަން ޖެހުނަސް އޭނާ ހުންނަނީ ތައްޔާރަށެވެ. އަމިއްލަ ވަޒަން ދޫކޮށްފައި އައި އެންމެ ބޮޑު ސަބަބކީވެސް އެއީއެވެ. އެތަނުގައި ހުރެފިނަމަ އޭނާގެ ދިރިއުޅުމަށް ދިމާވިފަދަ ދަތި އުނދަގޫތައް އެކުދިންނަ ކުރިމަތިވެދާނެތީއެވެ. އޭނާއާއި ކުދިންގެ މިނިވަންކަމަށް ފެންބޮވައިގެންފައި ތިބި ބަޔަކު އެތަނުގައި ތިބިކަން އެނގޭތީއެވެ. އޭނާއަށް ދިމާވި ފަދަ ހިތްދަތި އުނދަގޫ ދުވަސްތަކެއް އޭނާގެ ދަރިންގެ ހަޔާތަށް އަންނަން ބޭނުންނުވާތީއެވެ. ހާއްސަކޮށް ރާނީއަށެވެ. ޅައުމުރުގައި އޭނާގެ ފިޔަތައް ކޮށާލައި  ކޮށީގައި ބަންދުކުރި ގޮތަށް ރާނީގެ ފިޔަތައް ކޮށާލެވި ކޮއްޓެއްގައި ބަންދުވާކަށް ހާޖަރު ނޭދެއެވެ.

****************

އިޝާ ނަމާދުކޮށްގެން ދުންޔާ ބަދިގެއަށް އައީ ލޫކަން މިސްކިތުން އަންނަންވާއިރަށް މޭޒުމައްޗަށް ކާއެއްޗެހި އެރުވުމަށެވެ. އެހެންނަމަވެސް އޭނާއަށް ހައިރާންކަން ލިބުނީ ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ ލޫކަން ފެނިފައެވެ. އުނދުން ކައިރީގައި ކޮންމެވެސް އެއްޗެއް ކައްކަން ހުރި ލޫކަންއަށް އޭނާގެ މަންމަ ދުންޔާ ފެނުމާއެކު ހިނިތުންވެލިއެވެ.

” ލޫކް ނަމާދަށް ނުދަނީތަ؟ ގެނޭ މަންމަ އަތަށް..” ލޫކަން ކައިރިއަށް ހުއްޓި އޭނާ ކައްކަމުން ދިޔަ އެއްޗަކަށް ބަލައިލަމުން ދުންޔާ ބުންޏެވެ.

” ނަމާދުކޮށްފީމޭ މަންމާ.. މަންމަ ކުރާހާ ދިގުކޮށް އަހަރެންނަކަށް ނަމާދު ނުކުރެވޭ.. ދޭބަލަ މޭޒު ކައިރީގައި އިށީންނަން.. މިރޭ ކައްކާނީ އަހަރެން..” މަސްކޮޅެއް ތެލުލަން ހުރި ލޫކަން ބުންޏެވެ. ލޫކަން ކުރުނުކުރުމުން ދުންޔާއަށް ޖެހުނީ ހަތިޔާރު ބެހެއްޓުމަށްފަހު ގޮސް މޭޒުކައިރީގައި އިށީންނާށެވެ. އުނދުން ކައިރީގައި ހުރި ލޫކަންއަށް ބަލަހައްޓައިގެން އިން ދުންޔާގެ ދެލޯ ފުރިގެން އައެވެ. ލޫކަންއަކީ އޭނާގެ މުޅި ދުނިޔެއެވެ. އާއިލާގެ ހުރި ހަމައެކަނި މެމްބަރެވެ. ފިރިމީހާ ލުޤުމާން މިދުނިޔެއާ ވަކިވީ ދުންޔާ ލޫކަންއަށް ބަނޑުބޮޑުވެފައި ހުއްޓައެވެ. އެކަނިމާއެކަނި އޭނާ ލޫކަން ބަލައިބޮޑުކުރީ އެތައް އަޑިގުޑަންތަކަކާ ކުރިމަތިލަމުންނެވެ. އޭނާގެ ސިހުނީ ލޫކަން އައިސް އޭނާގެ ކުރިމަތީގައި ތައްޓެއް ބެހެއްޓުމުންނެވެ. ލޫކަންވެސް އެތަނުން ގޮނޑިއެއް ދަމައިލުމަށްފަހު އިށީނެވެ. ދުންޔާގެ ތައްޓަށް ބަތްކޮޅެއް އަޅައިދިނުމަށްފަހު އޭނާ ހެދި ތެލުލި މަހުގެ އިތުރުން ސެލްޑްކޮޅެއްވެސް ލައިދިނެވެ.

” ރަނގަޅަށް ކައްޗެ މަންމާ.. މާދަން ފުރަން މިއުޅެނީ.. ދެން އާދެވެނީ މަހެއް ފަހުން.. އަހަރެން ނެތަސް ރަނގަޅަށް ކައިގެން ހުންނާތި.. ގަޑިންގަޑިއަށް ބޭސްކާތި.. ދުއާ ކޮންމެ ދުވަހަކުވެސް އަންނާނެ މަންމަ ކައިރިއަށް.. އޭނަ ބަލާނެ މަންމަ ބޭސްކައިފަތޯ ހުރީ.. ” ލޫކަން ބުންޏެވެ. ދުންޔާ ވަރަށް ފުންނަޒަރަކުން ލޫކަންއަށް ބަލައިލިއެވެ. އޭނާގެ ދަރިފުޅުގެ މޫނުމަތިން ކަމެއް ދެނެގަންނާން މަސައްކަތް ކުރާ ފަދައެވެ.

” ދަރިފުޅު އަދިވެސް ތިހުންނަނީ އެމަންޖެގެ އިންތިޒާރުގައިތަ؟ އެއްވެސް ކަމަކަށް މަންމަ ލޫކްއަށް މަޖުބޫރުކުރާކަށް ނެތިން.. އެކަމަކު ދުއާއަށް އެކަން އެނގުނިއްޔާ އޭނަ ވަރަށް ދެރަވާނެ.. ” ދުންޔާ ބުނެލިއެވެ. ލޫކަންގެ މޫނުމަތި މިލައިގެން ދިޔަތަން އޭނާ ދުއްޓެވެ.

” އަހަރެން ދުއާއަށް ދެރައެއް ނުދޭނަން މަންމާ.. އެކަމާ ނުވިސްނަބަލަ…” އިސްޖަހައިގެން އިނދެ ލޫކަން ބުންޏެވެ.

” މަންމައަށްވެސް އެނގޭ ދަރިފުޅު ދުއާ ދެކެ ވަރަށް ލޯބިވާކަން.. ދުއާ އަކީ އެންމެ ޅައިރުއްސުރެން ލޫކްގެ އެންމެ ގާތް އެކުވެރިޔާ.. އެކަމަކު ކައިވެންޏަށްފަހު ލޫކް އަދި ދުއާއަށްވެސް އުފަލެއް ލިބޭނެތަ؟ މިހެން މިބުނީ ކީއްވެގެންކަން އެނގެއެއްނު.. ” ދުންޔާ ބުންޏެވެ.

” މަންމާ!! ލިބެން ނެތް މީހަކަށް އިންތިޒާރު ކުރާކަށް އަހަރެން ބޭނުމެއްނޫން.. އޭނަގެ ވާހަކަ ދުއާއަށް ދުވަހަކުވެސް އެނގުނަ ނުދޭނަން.. އަހަރެންގެ ފަރާތުން ދުއާއަށް ދޭންޖެހޭ ހުރިހާ ލޯތްބަކާއި އުފަލެއް ދޭނަން.. އެއީ އަހަރެން ކާފައަށް ވެފައިވާ ވަރަށް ބޮޑު ވަޢުދެއް.. ތިވާހަކަ ދެން ނުދައްކާ މަންމާ.. ތެލުލި މަސް މީރުތަ؟” ވާހަކައިގެ މިސްރާބު ބަދަލުކޮށްލަން މަސައްކަތް ކުރަމުން ލޫކަން ބުންޏެވެ. ދުންޔާ ހީނލަމުން ބޯޖަހައިލިއެވެ.

 

ލޫކަން ކިތަންމެ އުފާވާކަމަށް ދެއްކިނަމަވެސް އޭނާގެ މޫނުމަތީގެ ހަޤީޤީ ކުލަވަރު ދެނެގަންނާކަށް ދުންޔާއަކަށް އުނދަގުލެއް ނުވިއެވެ. އެއަންހެންކުއްޖާއަށްޓަކައި ލޫކަންގެ ހިތުގައިވާ ލޯބި ދުންޔާއަށް ރަނގަޅަށް އެނގެއެވެ. އެހެންނަމަވެސް އެކަމުގައި އޭނާއަށް ލޫކަންއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތެވެ. އޭނާ އެންމެ ނިކަމެތިވީ ދުވަހު އެހީތެރިކަމުގެ އަތެއް ދިއްކޮށްލި ހަމައެކަނި މީހަކީ ރިޒާއެވެ. ރިޒާ އޭނާގެ ގެއިން އެމީހުންނަށް ބޯހިޔާވަހިކަމެއް ދިނެވެ. ލާނެ އަންނައުނާއި ކާނެ އެއްޗެހި ދިނެވެ. ލޫކަންގެ ކިޔެވުމުގެ ހުރިހާ ކަމެއް ކޮށްދިނީ ރިޒާގެ ހަރަދުގައެވެ. އެގޭގައި އެހުރިހާ ދުވަހު ހުރިއިރުވެސް ބަދަލުގައި އެއްވެސް އެއްޗެއް ދޭކަށް ރިޒާ ނުބުނެއެވެ. އެހެންނަމަވެސް އޭނާގެ ބަލި ހާލަތު ބޮޑުވާން ފެށުމުން ހަޔާތުގައި ފުރަތަމަ ފަހަރަށް ލޫކަން ކައިރީގައި ރިޒާ ކަމަކު ބުންޏެވެ. އެއީ ދުއާ އާ ކައިވެނިކުރުމެވެ. ލޫކަން އެކައިވެންޏަށް އެއްބަސްވީ ހިތްމަތީގައި ހިލަގަނޑެއް ބޭއްވުމަށްފަހުގައި ކަން އެނގެނީ ދުންޔާއަށް އެކަންޏެވެ. ދުއާވެސް ލޫކަންއާ ގަޔާވާކަން ލޫކަންއަށް އެނގުނީ އެހިސާބުންނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Azkii

Level 110 Stories

Other Articles

Previous

މަންޒިލް ތިޔޭ – ފުރަތަމަ ބައި

Next

މަންޒިލް ތިޔޭ – ތިންވަނަ ބައި

Next
May 14, 2022

މަންޒިލް ތިޔޭ – ތިންވަނަ ބައި

Previews
May 14, 2022

މަންޒިލް ތިޔޭ – ފުރަތަމަ ބައި



All Right Reserved!