Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް ތިޔޭ – ފުރަތަމަ ބައި

Azkii Level 110 Stories
May 14, 2022 6 Mins Read
2 Comments

ސާދަ ވިލޭރޭގެ ފުރިހަމަ ހަނދުން ދުނިޔެމައްޗަށް ވަނީ ތަފާތު ރީތި އަލިކަމެއް ވެރިވެފައެވެ. ކޮޓަރިން ބެލްކަންނަށް ނިކުމެވެން ހުންނަ ބޮޑު ދޮރު ދެފަރާތަށް ކަހައިލުމަށްފަހު ރާނީ ނިކުތެވެ. ބުރުހަމަ ހަނދަށް ނަޒަރު ދަތުރުކޮށްލުމާއެކު އޭނާގެ ތުނި ތުނި ދެތުންފަތަށް ވެރިވީ ހިތްތައް ކަތިލާފަދަ ރީތި ހިނިތުންވުމެކެވެ. ރެއިލިންގް ދެއަތް އަޅުވައިލުމަށްފަހު ފަސްވަނަ ބުރިން ތިރިއަށް ރާނީ ބަލައިލިއެވެ. އަބަދުވެސް ހަލަބޮލިވެފައި އޮންނަ މަގުމަތި މިރޭވެސް ވަނީ ހަލަބޮލިވެފައެވެ. ދުރުން ފެންނަމުން ދިޔައީ ދުބާއީގެ ޖުމެއިރާ ބީޗް ރެސިޑެންސްގެ ހިތްގައިމު މާހައުލެވެ. މޫދުގެ ލޮނުގަނޑަށް އެޅިފައިވާ ހަނދުވަރު ރިހި އަލިން ތަނަށް ވެރިވެފައިވާ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. އުމުރުން އަށާވީސް އަހަރު ވީއިރު އެއީ ކޮންމެ ދުވަހަކުހެން ރާނީއަށް ފެންނަ މަންޒަރެކެވެ.

މުޅި އުމުރު ދުބާއީގައި ހޭދަކޮށްފައިވާ ރާނީ މިހާރު ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެނަކީ މައިންބަފައިންގެ އުފަން ވަޒަން ކަމަށްވާ ދިވެހިރާއްޖެއަށް ދިއުމެވެ. އޭނާގެ މަންޒިލަށް ވާސިލްވެވެން އޮތީ އެތަނަށް ގޮސްގެން ކަމުގައި ވާތީއެވެ. ކުރިން އެތަނަށް ދާން އެހާ ބޮޑަށް ބޭނުން ނުވިޔަސް މިހާރު އޭނާގެ އެންމެ މަޤްސަދަކަށް ވެފައިވަނީ އެތަނަށް ދިއުމެވެ. ނަމަވެސް ރާނީގެ މަންމަ ހާޖަރު އޭނާ ރާއްޖެ ދިއުމަށް ނުރުހެއެވެ. ސަބަބެއް ނޭނގެއެވެ. ރާއްޖެއާ މެދު ހާޖަރުގެ ހިތުގައި އުފެދިފައިވަނީ ކޮންކަހަލަ ނަފްރަތެއް ކަމެއް ނޭނގެއެވެ. އެތައް ފަހަރެއްގެ މަތިން ހާޖަރު ކައިރީގައި އަހަންވެސް އެހިއްޖެއެވެ. ނަމަވެސް ހާޖަރުގެ ފަރާތުން އެދެވޭ ކަހަލަ ޖަވާބެއް ނުލިބެއެވެ.

ބައްޕަ އަމާންއަކި ދުބާއީއަށް ނިސްބަތްވާ މީހަކަށް ވާތީ އެ އާއިލާ އުޅެމުން އަންނަނީ ދުބާއީގައި ހުންނަ އަމާންގެ ގޭގައެވެ. އަމާންއަކީ އޭނާގެ މައިންބަފައިންގެ ހަމައެކަނި ދަރިއަށްވުމާއެކު އެގޭގެ ހަމައެކަނި މިލްކުވެރިއަކީ އަމާންއެވެ. ހަތް ބުރިއަށް ނަގާފައި ހުންނަ އެގޭގައި އެމީހުން ދިރިއުޅެނީ ފަސްވަނަ ފަންގިފިލާގައެވެ. ބާކީ ފަންގިފިލާތައް ހުންނަނީ ކުއްޔަށް ދޫކޮށްފައެވެ. އަމާންގެ ދެމަފިރިންގެ އިތުރުން ދެން އެގޭގައި ދިރިއުޅެނީ ރާނީއާއި އޭނާ އެއްބަނޑު އެއްބަފާ ކޮއްކޮ ރަޔަންއެވެ. ހަތަރު މީހުން އެކުލެވޭ އެކުޑަ ކުޑަ އާއިލާއަކީ ނުހަނު ލޯބިންއުޅޭ އުފާވެރި އާއިލާއެކެވެ. ދުބާއީގެ ރަށްވެހިކަން އޮންނަ އެދެމަފިރިންނަކީ ދެޑޮކްޓަރުންނެވެ. ދިރިއުޅުމުގައި އަވަދިނެތި އުޅެމުންވެސް ދެދަރިންނަށް އެދެމީހުން ދީފައިވަނީ ރަނގަޅު ތަރުބިއްޔަތެކެވެ. މައިންބަފައިންނެކޭ އެއްގޮތަށް ރާނީވެސް ބޭނުންވަނީ ޑޮކްޓަރީ ދާއިރާއިން ކުރިއަށް ދިއުމަށެވެ. ނަމަވެސް ރަޔަން ބޭނުންވީ ބިޒްނަސްގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ. ރަޔަންގެ ހުވަފެނަކީ ކޮންމެވެސް ދުވަހަކުން އަމިއްލަ ވިޔަފާރިއެއް ފެށުމެވެ.

*************

މާ ގިނައިރު ބެލްކަނީގައި ހުންނާކަށް ރާނީ ނޫޅުނެވެ. އެތެރެއަށް ވަދެ ދޮރު ލައްޕައިލުމަށްފަހު ފަރުދާވެސް ކަހައިލިއެވެ. ނިދާ ހެދުމަށް ބަދަލުކުރުމަށްފަހު ކޮޓަރީގެ ލައިޓްވެސް ނިއްވައިލިއެވެ. އަރާމު ތަންމަތީގައި ހަށިގަނޑު ޖެހުމާއެކު ރާނީއަށް ދެލޯ މަރައިލެވުނީ ވީ އަރާމަކުންނެވެ. އޭސީގެ ފިނިން ސަލާމަތްވުމަށް އެނދުގައި އޮތް ބޯ ކުއިލްޓް އެހީ ހޯދިއެވެ. އެއަށްފަހު ކައިރީގައި އޮތް މަޑުކަފަކޮޅެއް ކަހަލަ މަޑު ބާލީހުގައި ބައްދައިލުމަށްފަހު ދެލޯ މަރައިލިއެވެ. އެހިނދު ހިތަށް ސިފަވެގެން ދިޔަ ސޫރައެއްގެ ސަބަބުން ރާނީގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

” ވެއަރ އާރް ޔޫ ލޫކީ… ” ރާނީއަށް ވައި އަޑުން ބުނެވުނެވެ.

************

ކާކޮޓަރީގައި ހުރި ތަނަވަސް ބޮޑު މޭޒު ކައިރީގައިން އިން ބަދޫރާ އިންތިޒާރު ކުރަމުން ދިޔައީ އެނާގެ ދަރިން އެތަނަށް ޖަމާވާނެ އިރަކަށެވެ. ރޭގަނޑުގެ ކެއުމަށް އަށެއް ޖެހުމުގެ ކުރިން އަންނަންވާނެކަން ހުރިހާ ކުދިން ކައިރީގައިވެސް ބަދޫރާ އޮންނާނީ ބުނެފައެވެ. އަށެއް ޖެހިއިރުވެސް އެއްވެސް މީހެއްގެ ހަބަރެއް ނުވާތީ އޭނާ އިނީ އިންތިހާއަށް ހިތްހަމަނުޖެހިފައެވެ.

” މޫމިނާ ގޮސް އެންމެންނަށް ގޮވާބަލަ.. ބުނޭ ކުރިއަށް އޮތް ފަނަރަ މިނިޓް ތެރޭގައި އެއްވެސް މީހަކު ނައިއްޔާ މިރޭ ދެން މިގެއަކުން ކާކަށް ނުލިބޭނެއޭ.. ” ހަރުކަށި ކަމާއެކު ބަދޫރާ އެހެން ބުނެލީ ކެއްކުމާ ހަވާލުވެ ހުންނަ ނޯކަރު މޫމިނާ މޭޒު ކައިރިއަށް އައިސް ހުއްޓުނު ވަގުތުއެވެ. ބަދޫރާގެ ރުޅި އިހުސާސްވެ މޫމިނާ ގައިގައި ތުރުތުރު އަޅައިގަތެވެ. ބަދޫރާ ރުޅިއައިސްފިނަމަ މިއީ އޭނާގެ ޙާލެވެ. ރުޅި އައިސްފިނަމަ ކޮންމެފަދަ ކަމެއްވެސް ބަދޫރާ ކޮށްފާނެކަން އެނގޭތީއެވެ. އަވަސް އަވަހަކަށް ބޯޖަހައިލުމަށްފަހު މޫމިނާ އަވަހަށް އެތަނުން ހިނގައިގަތެވެ. ނަމަވެސް މޫމިނާއަށް ކާކޮޓަރިން ނުނިކުމެވެނިސް ބަދޫރާގެ ދޮށީ ފިރިހެން ދަރި ހާރޫން އެތެރެއަށް ވަދެގެން އައެވެ.

ބަދޫރާ ހާރޫންއަށް ބަލައިލީ އަލިފާނުގެ ބެލުމަކުންނެވެ. ބަދޫރާގެ ރުޅިވެރި ދެލޯ ފެނި ހާރޫންވެސް ޖެހިލުންވިއެވެ.

” މައާފު ކުރޭ މަންމާ.. ކުއްލިއަކަށް ފާހާނާއަކަށް ދާންޖެހުނީ..” ބަދޫރާއާ އެންމެ ކައިރިން ހުރި ގޮނޑި ދަމާލާފައި އިށީންނަމުން ހާރޫން ބުންޏެވެ.

” ކޮބާ ނީޒާ އާ ކުދިން.. ” ހަރުކަށިކަމާއެކު ބަދޫރާ އެހިއެވެ.

” ޔާނިޝްއާއި އަނޫޝާ ވީ އެމީހުންގެ މާމަމެން ގެއަށް ގޮސްފައި.. ނީޒާ އެބައާދޭ..” ހާރޫން ޖަވާބު ދިނެވެ.

” ތަނަކަށް ދާއިރު އަހަރެން ކައިރީގައި ބުނެލިއްޔާ ގޯހަކަށް ވަނީތަ؟ އަހަރެންމީ އެއްވެސް މީހެއް ނޫން ދޯ ކަލޭމެންގެ ކުރިމަތީގައި..؟ ” ބަދޫރާގެ އަޑު ބާރުވެގެން ދިޔައެވެ.

” މަންމާ!! ތިހާ ރުޅި ނާދެބަލަ.. މިއައީއެއްނޫންތަ އަހަރެމެން؟ ” ކާކޮޓަރިއަށް ވަން ސާރާ ބުންޏެވެ. ސާރާގެ ފަހަތުން ނީޒާއާއި ރަފާވެސް ވަނެވެ. ހާރޫން ކައިރީގައި ހުރި ގޮނޑި ދަމާލާފައި ނީޒާ އިށީނެވެ. އަނެއްފަރާތުން ގޮސް ސާރާ އިށީނީ ހާރޫންގެ ކުރިމައްޗަށްވާ ގޮތަށެވެ. ފޯނަށް ގެއްލިފައި ހުރި ރަފާވެސް ސާރާ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.

” އެންމެ ދުވަހަކު އެއް ނޫން ކަލޭމެން ކައިރީގައި ބުނީ ވަކި ގަޑިއަކަށް ކާކޮޓަރިއަށް ޖަމާވާން.. ނާދެވޭ ސަބަބެއް އޮތަސް އަހަރެން ކައިރީގައި ބުނެލިއްޔާ ކީއްތަވާނީ..؟ ” އަދިވެސް ބަދޫރާ ކައިރިއަށް އައިސްފައިވާ ރުޅިގަނޑު ފިނިވާ ގޮތެއް ނުވެއެވެ.

” ރިލޭކްސް މާމާ.. އަދި އެހާ ލަހެއް ނުވެއެއްނު.. ކޮންމެ ކަމަކާ ތިހާ ރުޅި އިސް ނުކޮށްބަލަ.. އިޝާ ނަމާދަށް ބަންގި ގޮވަނީ އެހާ ލަހުން.. ނަމާދު ކޮށް ނިމިގެން އާދެވޭ ގަޑި މީ….” ފޯނު އެއްފަރާތެއްގައި ބާއްވަމުން ރަފާ ބުންޏެވެ.

” އެއީ ތެދެއް މަންމާ.. ނަމާދު ކުރަންވެގެން ލަސްވީ…” ނީޒާވެސް އަވަހަށް ބުނެލިއެވެ. އެހިނދު ކައިރީގައި އިން ހާރޫން ލޮލުގެ ކަނަކުން ނީޒާއަށް ބަލައިލިއެވެ. އެހެދީ ބޮޑު ދޮގެއްކަން އެނގޭނީ އޭނާއަށް އެކަންޏެވެ. ނީޒާ އެއައީ އޭނާގެ ރައްޓެހިންނާއެކު ވީޑިއޯ ކޯލެއްގައި އިނދެފައެވެ.

” ކަލޭމެން ހީކުރަނީ އަހަރެން މިތަނަށް އަންނަނީ ނަމާދު ނުކޮށްކަމަށްތަ؟ ލަސްވީމަ ދެން ކޮންމެވެސް ބަހަނާއެއް ދައްކާނެތާ… ދެންވެސް ބޭކާރު ބަހަނާތައް ނުދައްކާ ކާންފަށާ.. ގަޑިން ގަޑިއަށް ކެއުމުގެ މުހިންމުކަން ވިސްނޭނީ ކޮންދުވަހަކުން ބާއޭ އަހަރެންގެ ހިތަށް އަރާ.. ” ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް ބަލައިލުމަށްފަހު ބަދޫރާ ބުންޏެވެ. އެއަށްފަހު މޫމިނާއަށް އޭނާގެ ތައްޓަށް ކާއެއްޗެހި އެޅުމަށް އަމުރު ކުރިއެވެ. އެއްޗެއް ބުނަންވެގެން ރަފާ އަނގަ ހުޅުވައިލި ވަގުތު ކައިރީގައި އިން އޭނާގެ މަންމަ ސާރާ މަނާ ކުރިއެވެ.

ހިމޭންކަމާއެކު އެންމެން ކަމުން ދިޔައެވެ. ކާގަޑީގައި ބޭކާރު ވާހަކަތައް ދެއްކުމަކީ ބަދޫރާ އެގޭ މީހުންނަށް މަނާ ކޮށްފައި އޮންނަ ކަމެކެވެ. އެގޭ މީހުންގެ ދިރިއުޅުމުގެ ކޮންޓްރޯލް އޮންނަނީ ބަދޫރާގެ އަތްމަތިގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގޭގެ ހަތަރު ފާރުން އެތެރޭގައި ހިނގަނީ ބަދޫރާގެ އަމުރެވެ. ބަދޫރާއަކީ ރުޅިގަދަ އަދި އެހާމެ ޒީލަގަދަ އަންހެނެކެވެ. އެގޭގެ އެންމެންވެސް ތިބެނީ ބަދޫރާ ދެކެ ޖެހިލުންވެފައެވެ. ބަދޫރާއަށް ލިބުނު ތިން ދަރިންގެ ތެރެއިން އެއް ކުއްޖަކު ޒުވާން އުމުރުގައި ނިޔާވެފައި ވާއިރު ލިބުނު ހަމައެކަނި އަންހެން ދަރި މީގެ އެތައް އަހަރެއް ކުރިން ވަނީ އެގެއިން ނެރެލާފައެވެ. ޖެހުނު މައްސަލަ ގަނޑެއްގައި ބަދޫރާ އޭނާގެ ހަމައެކަނި އަންހެން ދަރި ގެއިން ނެރެލީއެވެ. މިހާރު އެގޭގައި ދިރިއުޅެނީ ބަދޫރާގެ ދޮށީ ފިރިހެން ދަރި ހާރޫންއާއި އޭނާގެ އަންހެނުން ނީޒާއެވެ. ޒުވާން އުމުރުގައި ނިޔާވި ބިލާލްގެ އަންހެނުން ސާރާއާއި އެމީހުންގެ ހަމައެކަނި ދަރި ރަފާވެސް ދިރިއުޅެނީ އެގޭގައެވެ. އެމީހުންގެ އިތުރުން ދެން އެގޭގައި ދިރިއުޅެނީ ހާރޫންއާއި ނީޒާގެ ދެދަރިން ކަމަށްވާ ޔާނިޝް އަދި އަނޫޝާއެވެ.

” މީގެ ފަހުން ހުރިހާ އެންމެންވެސް ބަލަންވާނެ ގަޑިއަށް ހާޒިރުވެވޭތޯ.. އާއިލާ މީހުން އެކީގައި އެއް ސުފުރާމަތިން ކެއުމަކީ ކިހާ ރަނގަޅުކަމެއްކަން އަހަރެން އަބަދުވެސް ބުނެދެމެއްނު.. އަދި އަބަދުވެސް އެއްވަގުތެއްގައި ކެއުމަށް އާދަކުރުމަކީ ސިއްޙަތަށްވެސް ފައިދާ ކުރާނެ ކަމެއް.. ” ކައި ނިންމައިލުމަށްފަހު ޓިޝޫއަކުން އަނގަކައިރި ފޮހެލުމަށްފަހު ބަދޫރާ ބުންޏެވެ.

” މާފުކުރޭ މަންމާ.. ދެން އެހެނެއްނުވާނެ…” ހާރޫން ބުންޏެވެ. އެހިނދު ނީޒާ ތުން އަނބުރައިލަމުން ލޮލުގެ ކަޅި މައްޗަށް އަރުވައިލިއެވެ. އެމަންޒަރު ފެނުނީ އޭނާގެ ކުރިމަތީގައި އިން ރަފާއަށެވެ. އެހެނަސް އޭނާ ހިމޭނުން އިނެވެ. ނީޒާގެ ހަޤީޤަތް އޭނާއަށް އެނގުނުތާ ކިތަންމެ ދުވަހެކެވެ.

” ޔާނުއާއި އަނޫ ކައިރީގައި ބުނާތި ދިހައެއް ޖެހުމުގެ ކުރިން ގެއަށް ވަންނަން.. އަހަރެން މިދަނީ އަރާމު ކޮށްލަން.. މޫމިނާ މިރޭ އަހަރެންގެ ކިރުތަށި ތަންކޮޅެއް އަވަހަށް ގެނެސްދޭތި..” ތެދުވެގެން ދަމުން އަމުރުވެރި ރާގެއްގައި މިހެން ބުނުމަށްފަހު އޭނާގެ ކޮޓަރިއަށް ދިއުމަށް ބަދޫރާ ހިނގައިގަތެވެ.

ސާރާވެސް ކައިނިމި ދާން ވެގެން ތެދުވިއެވެ. ރަފާ ކައި ނިމުނުތާ ކިތަންމެ އިރެކެވެ. އޭނާ އިނީ ސާރާ ނިމެންދެކަށެވެ. ރޭގަނޑުގެ ސަލާމް ކުރުމަށްފަހު ސާރާއާއި ރަފާވެސް އެތަނުން ދިއުމުން މޭޒު ކައިރީގައި ހާރޫންއާއި ނީޒާ އެކަނިވިއެވެ.

” ކީއްވެ ދޮގުހެދީ..؟ ” ނަމާދާ އަޅާ ދޮގުހެދުމުން ހާރޫން އިނީ ހިތްހަމަނުޖެހިފައެވެ.

” ތެދު ބުނިއްޔާ ހާރޫންގެ މަންމަ އަހަރެން ކާލާނެއްނު.. ހިތަށް އަރާ މިނިވަންކަމާއެކު ދިރިއުޅެވޭނީ ކޮންއިރަކުންބާއޭ.. ހާރޫންވެސް ނޫޅުނުވިއްޔާ ގެ ބެހުމުގެ ވާހަކަ މަންމަ ކައިރީގައި ދައްކާކަށް.. ހާރޫންގެ އަންހެން ކޮއްކޮ އައިސް މިގެއަށް ވެރިވެގަންނާނެ ވަގުތެއް އެނގެނީއެއް ނޫން.. އޭގެ ކުރިން މިކިޔަނީ އަހަރެމެންގެ ހައްޤު ހޯދަން އުޅެން ހިނގާށޭ…” ހިތްހަމަނުޖެހިފައި ނީޒާ ބުންޏެވެ.

” އޭނާ އަޔަސް މިގެއަކަށް ނުވައްދާނެ.. އެއީ ޔަގީން ކަމެއް.. މިހުރިހާ އެއްޗެއްގެވެސް ވެރިއަކަށް ހުންނާނީ އަހަރެން.. އެކަމާ އަހަރެން ކަންބޮޑެއްނުވޭ.. މަންމަވެސް މިހާރު އެހެރީ ފަސްދޮޅަހުން މައްޗަށް ގޮސްފަ.. ހުރިހާ މުދަލެއް ލިބެން ދެން މާގިނަ ދުވަހެއް ނުވާނެ.. ” ކައި ނިންމާލުމަށްފަހު ތުން ފޮހެލަމުން ހާރޫން ބުންޏެވެ. ނީޒާ ވަކި އެއްޗެއް ނުބުންޏެވެ. އިތުރަށް އެކަމާ ވާހަކަ ދައްކަން ހަދައިފިއްޔާ ހާރޫން ރުޅި ގަދަވެދާނެތީއެވެ.

********************

ޑިއުޓީ ނިންމާފައި ތާރާއަށް އާދެވުނީ ބާރަ ޖަހަން ގާތްވެފައި ވަނިކޮށެވެ. ވެފައިވާ ވަރުބައްޔާއެކު އެނދަށް ވެއްޓިގަނެވުނެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު ކަންނެތް ގޮތަކަށް ތެދުވިއެވެ. އެހެން އޮވެވެން ނެތީމައެވެ. މާދަން ހެނދުނު ވަޒީފާއަށް ދިއުމުގެ ކުރިން ކުރަން ޖެހޭ ކަންތައްތައް އެބަހުއްޓެވެ. އޭނާ ލައިގެން ހުރި ނަރުހުންގެ ޔުނީފޯމް ބޭލުމަށްފަހު ފާހާނަކައިރީގައި ހުރި ދާއެއްޗެހި އަޅާ ވަށިގަނޑަށް ވައްޓައިލިއެވެ. ހަރުގައި އޮތް ތުވާލި ހިފައިގެން ފާހާނާއަށްވަދެ ފެންވަރައިލިއެވެ. ފެންވަރައިގެން ނިކުމެ ތެތް ތުވާއްޔާއި ދާވެފައި ހުރި ހެދުންތައް ހިފައިގެން ކޮޓަރިން ނިކުތެވެ. ލޯންޑްރީ ހުންނަ ބަޔަށް ދިޔަ މަގުމަތީގައި ބަދިގެއާ ދިމާލަށް ނަޒަރު ހިންގައިލެވުނި ވެފައި ހުރި ބަނޑުހައެއްގެ ސަބަބުންނެވެ. މެޝިނަށް އެއްޗެހި އެޅުމަށްފަހު ބަދިގެއަށް ވަދެ ތައްޓަށް ކާއެއްޗެހި އަޅައިގެން އައިސް މޭޒު ކައިރީގައި އިށީނދެ ކާންފެށިއެވެ. ތާރާގެ މަންމަ ކަންސާ އޭނާގެ ކޮޓަރިން ނިކުތީ ތާރާ ކާން އިންދައެވެ. ކަންސާގެ އަތުގައި ހުރި ޖަގު ފެނުމުން އެނިކުތީ ފެން ބަލައިކަން ތާރާއަށް އެނގުނެވެ.

” ޑިއުޓީއަށް ގޮސް ނުކަނީތަ ތާރާ؟ ” ޖަގަށް ފެން އަޅަމުން ކަންސާ އެހިއެވެ.

” ބިޒީކަމުން ކާނެ ވަގުތެއް ނުލިބުނު.. އާރަވް އައިއްސިތަ؟ ” ތާރާ އަހައިލިއެވެ.

” އުނހު ނާދޭ އަދި..  އާރާވްއަށް ގުޅާފައި އަހާބަލަ ކައިގެންތޯ އަންނަނީ.. ބަލާފައި އޭނާ ނުކަންޏާ އެއްޗިއްސަށް ހޫނުކޮށްފަ އިނގޭ ކޮޓަރިއަށް ދާނީ.. ” މިހެން ބުނުމަށްފަހު ފެންޖަގު ހިފައިގެން ކަންސާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ތާރާ ބޯޖަހައިލިއެވެ. ކައިރީގައި އޮތް ފޯނު ނުގުމަށްފަހު ކާނަންތޯ އަހާފައި އާރާވްއަށް މެސެޖެއް ފޮނުވައިލިއެވެ. ތާރާގެ ލޯބިވެރިޔާ ހަމަދްގެ ފޯނެއް އައީ އެވަގުތުއެވެ. ހިނިތުންވެލަމުން ތާރާ ފޯނު ނެގުމަށްފަހު ކަންފަތުގައި ޖަހައިލިއެވެ. އިރުކޮޅަކު  ވާހަކަ ދައްކައިލަން އިނުމަށްފަހު ފޯނު ބޭއްވިއެވެ. ކޭތަށި ދޮވުމަށްފަހު އެއްޗިއްސަށް ހޫނުކޮށްލިއެވެ. އެއަށްފަހު އާރާވްގެ މެސެޖެއް އައިސްފައިތޯ ފޯނު ބަލައިލިއެވެ. ނުކާނަމޭ ބުނެފައި އޮތް އާރާވްގެ މެސެޖް ފެނުމުން ތާރާ ތުން އަނބުރައިލިއެވެ. ގެއިން ކެއުމަކީ އާރާވް ވަރަށް މަދުން ކުރާކަމެކެވެ. ކާނަންތޯ އަހާފައި މެސެޖް ފޮނުވިއިރުވެސް އާރާވްގެ ޖަވާބު އަންނާނީ އެކަހަލަ ގޮތަކަށްކަން ތާރާއަށް އެނގެއެވެ. މެޝިނުގައި ހުރި އެއްޗެހި ދޮވެވިފައި ހުރުމުން އެއްޗެހި ނަގާ ހިއްކަން އެޅުމަށްފަހު ތާރާ ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ.

*************

އާފުރެމުން ތާރާ ގޮސް ހޮސްޕިޓަލުގައި އޭނާ މަސައްކަތް ކުރާ ބައިގައި ހުންނަ ސައިކޮޓަރިއަށް ވަނެވެ. ރޭގައި ކިތަންމެ ވަރުބަލިވެފައި ހުރި ނަމަވެސް އޭނާއަށް ނިދުނީ އޭނާ ބަލާ ސީރީސް ދެތިން އެޕިސޯޑު ބަލާފައެވެ. ކޮފީ މެޝިނުން ކޮފީއެއް އަޅައިގެން އެނބުރުނު ވަގުތު ކުރިމައްޗަށް އެރި ދުއާ ފެނިފައި ކުޑަކޮށް ސިހުނެވެ.

” ޔަގީނޭ ރޭގަ ނުނިދާ ސީރީސް ބަލަންކަން އޮތީ..” ތާރާގެ މޫނު ފެނިފައި ދުއާ ބުނެލިއެވެ. އަންހެނުންގެ ޑޮކްޓަރެއް ކަމަށްވާ ދުއާ އާއި ތާރާއަކީ ސުކޫލު ދައުރުއްސުރެން އެންމެ ގާތް ދެއެކުވެރިންނެވެ.

” އާނ އޭ… ނިދިއައިސްގެން ހުރެވެނީއެއް ނޫން..” މޭޒުކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީންނަމުން ތާރާ ބުންޏެވެ. ދުއާވެސް ކޮފީ ތައްޓެއް އަޅައިގެން އައިސް ތާރާ ކައިރީގައި އިށީނެވެ.

” އޭ.. އަހަރެން ބުނީ.. ރޭގަ ލޫކްއާ އެއްކޮށް ސައިކަލު ދުއްވާލަން ގޮސް އުޅެނިކޮށް ދުށިން އާރާވް.. އެކަނިމާއެކަނި އިނީ ޕާކެއްގެ ތެރޭގައި ހުރި ޖޯއްޔެއްގައި އިށީނދެގެން.. ލޫކްއަށްވެސް އަހަރެން ދެއްކިން އާރާވް.. ދެން އާރާވްގެ ގޮތް އެނގެއެއްނު.. އަހަރެންދެކެ އޭނަ ނަފްރަތު ކުރާވަރު އެނގެއެއްނު.. އެހެންވެ ނުކެރުނު ކައިރިއަށް ދާކަށް.. އަނެއްކާ ލޫކް ބުނެފި އާރާވްއަށް ޕްރައިވެސީ ދޭށޭ.. އެހެންވެ އަޅާނުލާ އައީ..” ދުއާ ކިޔައިދިނެވެ.

” އާނ.. ފާޑެއްގެ ސިނގު ރުޅިއެއް ހުންނަ އިންސާނެއް އެއީ… ވެދާނެއްނު ބިޓެއް ގޮވައިގެން ގޮސް އިނީ ކަމަށް..” ހީނލަމުން ތާރާ ބުންޏެވެ.

” ބިޓެކޭ… ދުނިޔޭގެ އެންމެންގެ ބިޓުން ހުއްޓަސް އާރާވް ހުންނާނީ ހުސްކޮށް.. އަންހެނުންނޭ ބުންޏަސް އޭނަ ހުންނަނީ މޭބޮޑުކޮށްފަ.. ހިތަށް އަރާ ކިހިނެއްވެފަ ބާއޭ އެހުރީ… ” އަނގަޔަށް ގޮތެއް ހަދައިލަމުން ދުއާ ބުންޏެވެ.

” ދެން ބުނެބަލަ.. އަދިވެސް މެރީ ކުރާ ދުވަހެއް ހަމަނުޖައްސަންތަ؟ އައި ކާންޓް ވެއިޓް ޓުބީ އަ ބްރައިޑްސްމެއިޑް..” ހުވަފެނީ ގޮތަކަށް ތާރާ ބުންޏެވެ. އެހިނދު ދުއާ ހީނލިނަމަވެސް މޫނުމަތި މިލައިގެން ދިޔަތަން ތާރާ ދުއްޓެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Azkii

Level 110 Stories

Other Articles

Previous

ވާތީ މަ ކައިރީގައި 12

Next

މަންޒިލް ތިޔޭ – ދެވަނަ ބައި

Next
May 14, 2022

މަންޒިލް ތިޔޭ – ދެވަނަ ބައި

Previews
May 14, 2022

ވާތީ މަ ކައިރީގައި 12

2 Comments!

  1. Azkii says:
    May 14, 2022 at 1:31 pm

    Assalaam alaikum. mi vaahaka aky kurin alhugandu dhuvas mv ga genesdhemun dhiya vaahaka eh. kuda massala akaa hedhi mi vaahaka vany medhukendifa. ehenas alhuganduge loabuvethi kiyuntherinnattakai dhen mi vaahaka shaaiu kureveyny mi site ga. hurihaa kiyuntherinnahves kamudhaane kamah ummeedhu kuran

  2. Anonymous says:
    May 14, 2022 at 9:28 pm

    Masha Allah…vrh rythi

Comments are closed.

Next Episodeމަންޒިލް ތިޔޭ – ދެވަނަ ބައި←


All Right Reserved!