ނޫޙުގެ ހަގީގަތް އެނގުމުން، ޒޯހާ ފުރަގަސް ދީފަ ދިޔަތަން ފެނުނު ނޫޙު ހުރީ ފެންކަޅިވެފައެވެ. ދެން ހަދާނެ ގޮތެއް ނޭގި ހުއްޓިފައިހުރި ނޫޙުގެ ހިތްފަޅައިގެން ދާން އުޅޭ ކަހަލައެވެ. ކުއްލިއަކަށް ފަހަތުން ވައިކަފާފައި އަންނަ އެއްޗެއްގެ އަޑު ނޫޙުއަށް އިވެން ފެށިއެވެ. ދިގުކޮށް އަޅާލެވިފައިވާ ޝާހީ ހުދު ހެދުމާއި ލިބިފައިވާ ވަރުގަދަ ވަރަގަނޑު ތިރިކޮއްލަމުން އެމީހެއް ހުއްޓުނީ އައިސް ނޫޙު ކައިރީގައެވެ. އަލި މުށި ކުލައެއްގައިވާ ޤުދުރަތީ އިސްތަށިގަނޑުވެސް ވަނީ ބޮލުގައި އަޅާލެވިފައިވާ ހުދުރަނުގެ ގަހަނާއަކުން ރީތިކޮށް ޖަރީ ކޮށްލެވިފައެވެ.
“އާމާލް، މިތާގަ؟” ވަގުތުން ލޮލުން އަންނަން ހުރި ކަރުނުތަށް ފުހެލަމުން ނޫޙު ބުނެލިއެވެ.
“އާނ އަހަރެންގެ ކޮއްކޮ އުޅޭ ނޫޅޭ ގޮތް ބެލުން އެއީ އަހަރެންގެ ޒިންމާއެއް، ކީއްވެ ތި ރޮނީ؟ ޒޯހާ ކައިރީގައި ބުނީތަ؟” ނޫޙުގެ ކޮނޑުގައި އަތް ޖައްސާލަމުން އާމާލް އަހާލިއެވެ. ނޫޙުގެ ހުރިހާ ކަމެއް އެންމެ ގާތުން ބަލާނީ އާމާލްއެވެ. އާމާލްގެ ޖަވާބަށް ބޯޖަހާލަމުން އުދާސް ވެފައިވާ މޫނަކާއިއެކު ނޫޙު ބުނެލިއެވެ.
“ޒޯހާ އަށް ހަޤީޤަތް ބުނެދިނުމުން އޭނަ ހުރީ ބިރުގެންފައި، ދައްތާ، ދެނެއް އަހަރެންނަށް އަހަރެންގެ ޒޯހާއެއް ނުލިބޭނެ” އާދޭހާއި އެކު އާމާލްއަށް ބަލާލަމުން ނޫޙު ބުނެލިއެވެ.
“ނޫޙު، އަހަރެންގެ އެންމެ ލޯބިވާ ކޮއްކޯ! ކޮން އިރަކުތަ ތިހާ ފިނޑިވީ؟ ތިއައީ ޝާހީ ދަރިފަސްކޮޅެއްގެ ހުރި އެންމެ ފިރިހެން ކުއްޖެއް، އަހަރުމެންގެ ތެރޭގައި ހުރި އެންމެ ބާރުގަދަ އެއް ޖިންނި. ތިހާ އަވަހަށް ހިތްވަރު އެލުވާލީތަ؟ ނޫޙު ދޭބަ ޒޯހާ ކައިރިއަށް، ގޮއްސަ ވާހަކަ ދައްކަން މަސައްކަތް ކޮށްބަލަ” ހިތްވަރު ދެމުން އާމާލް ބުނެލިއެވެ. އާމާލް ދުވަހަކުވެސް ނޫޙު ކުރަން ބޭނުން ކަންތަކަށް ހުރަހެއް ނާޅައެވެ. އިންސާނުންނާއި މަސްހުނިވެ އުޅުމަކީ މޫމިނު ޖިންނިންގެ ތެރޭގައި މުޅިން މަނާ ކަމެއްކަން އެނގި ހުރެވެސް އޭނާގެ ކޮއްކޮ، ޒޯހާއާއި ވަކިވާކަށް ނޭދެނީއެވެ. ސަބަބަކީ ނޫޙު ލޯބިޖެހިއްޖެ ކަމެއް މަރުވެގެންވެސް އެކަމެއް ދޫނުކޮށް ނުލާނެކަން އިނގޭތީއެވެ. ބައްޕަމެންނަށް ހުރިހާ ކަމެއް ސިއްރު ކޮއްދެނީވެސް އާމާލްއެވެ. އާމާލް ދިން ހިއްވަރާއިއެކު ނޫޙު އުދުއްސައިގަތީ ޒޯހާ ކައިރިއަށް ދިޔުމަށެވެ.
ފެންވަރައިގެން ނިކުމެ، ޒޯހާ އިނީ ސޯފާގޮނޑީގައި އިށީނދެލައިގެންނެވެ. ވާރޭވެހެމުން ދިޔަ މަންޒަރު ބަލަން ހުރެފައި އައި ހިޔާލަކުން ޒޯހާއަށް ހީލެވުނެވެ. ކުޑަދޮރު ހުޅުވާލާފައި ޒޯހާ ކުރިން ދުވަހު ކުރެހި ކޭންވަސް ނަގާ ކައިރީގައި ބަހައްޓާލިއެވެ. ކޮޓަރީގައި ހުރި ސްޕީކަރުން ލޯބީގެ ލަވައެއް ޖަހާލުމަށްފަހު ޒޯހާއިނީ ކޭންވަސް ހިފައިގެން ކުޑަދޮރުކައިރީގައި އެއަށް ބަލަހައްޓައިގެންނެވެ. ލޯބިވެތިކަމާއިއެކު އޭގައިވާ ނޫޙޫގެ ސޫރައިގައި ޒޯހާ އަތުން ފިރުމަމުން ގެންދިޔައެވެ. ބޭރުން ވަންނަމުން ދިޔަ ފިނި ވައިރޯޅިތައްވެސް މިރޭގައި ހީވަނީ ޒޯހާ ޖަހަމުން ގެންދިޔަ ލަވަޔާއި އެއްވަރަށް ނަށަމުން ގެންދިޔަ ހެނެވެ. ޒޯހާ ބޭނުންވާ ގޮތް އޭނާއަށް ސާފުވެއްޖެއެވެ. އެ ރީތި ދެލޮލާއި ވަކިވަން ޒޯހާގެ ހިތެއް ނޭދެއެވެ. ކޮންމެ ކަހަލަ މީހަކަށް ވިޔަސް ޒޯހާގެ ފަރުވާލެއް ނެތެވެ.
“އާނއޭ މިއީ ލޯބިހޭ، ވިންދާ ލެޔާ ހޫނުވޭ….
އެދެނީ ކަލާ ދެކިލުމަށް، އެދެނީ ކަލާ ހޯދުމަށް..
ހޫނު ނޭވާއިން ހިމާޔަތް ލިބެން…
ލޯވެސް މެރޭހާ ބާރެއް ވެޔޭ ދެން…”
ޒޯހާ ޖަހާފައިވާ ލަވައިން ކިޔާލިއެވެ. ހިތަށް ކުރުވި އަސަރުން ޒޯހާއަށް ދެލޯ މަރާލެވުނެވެ. ހިތް އެދެމުން ދިޔައީ ނޫޙުގެ ސޫރަ ފެނުމަށެވެ.
“ނޫޙު…” މަޑުމަޑުން ޒޯހާއަށް ކިޔާލެވުނެވެ. އެހިނދު އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކިވެސް ހަމައެކަނި އޭނާއަށް ވެވިފައިވާ ލޯބި އަންގައިދެޔެވެ.
“ޒޯ…..” ކޮޓަރީގެ އެތެރެއިން ބުނެލި އަޑު އިވުނެވެ. ހައިރާން ކަމާއި އެކު ދެލޯ ހުޅުވާލި ޒޯހާއަށް ކުރިމަތީގައި ހުއްޓިގެން ހުރި ނޫޙު ފެނުނެވެ. އަލިވެގެންވާ މުތީ ތަކެއް ފަދައިން އެ ރީތި މޫނު މަތިން ފެންތިއްކެއް ހިނގާލިއެވެ. ހިސާބަކަށް ތެމިފައިވާ އިސްތަށިގަނޑާއި އެކުވެސް އެހާމެ ރީތިކަމަށް ދައްކައެވެ.
“ޒޯ އަހަރެ—” ނޫޙު އަނގައިން އިތުރަށް އެއްޗެއް ބުނުމުގެ ކުރިން ޒޯހާ ގޮސް ނޫޙުގެ ތުންފަތް މަތީގައި އިނގިލި ޖައްސާލިއެވެ.
“ޝްޝްޝް… ނޫޙު އެއްވެސް އެއްޗެއް ބުނާނެ ކަމެއް ނެތް، އަހަރެންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދީ. ނޫޙޫގެ ކުށެއް ނެތް، އަހަރެންގެ ކުށް އެއީ ނޫޙުގެ ހަޤީޤަތް އެނގުމުން ފުރަގަސް ދީފަ އެނބުރި ދިޔަކަން. އަހަރެންނަށް އެކަނި ވިސްނާލަން ވަގުތު ކޮޅެއް ބޭނުންވީ” ކުރަކި ވެފައިވާ އަޑަކުން ޒޯހާ ބުނެލިއެވެ.
“އަހަރެން ނޫޙު ދޫކޮއްލާކަށެއް ބޭނުމެއްނޫން، ނޫޙު ދެކެ އަހަރެންނަށް ވެވުނީ ސާފު ތެދުވެރި ލޯބި. މިހިތުގައިވާ ހަމައެކަނި ފަރާތަކީ ތީ. ދެން ކިހިނެއް އަހަރެން ނޫޙު ދޫކޮއްލާނީ؟ ނޫޙު ތީ ޖިންނިއަކަށް ވިއަސް އަހަރެންގެ ހިތުގައި ނޫޙުއަށް ދެވިފައިވާ މަޤާމަށް ކުޑަވެސް ބަދަލެއް ނާދޭ” ކުރިއަށް ގެންދަމުން ޒޯހާ ބުނެލިއެވެ. ނޫޙުއަށް ޒޯހާގެ ފަރާތުން އިވެމުން ދިޔަ ބަސްތަކަކީ ދުވަހަކުވެސް އިވޭނޭ ކަމަށް ހީކުރި ބަސްތަކެއް ނޫނޭ. ކަންފަތަށް އެ ބަސްތަށް ވެރިވެގެންގަތީ މާމުއިގެ ފައްވާރާއެއްހެނެވެ. ނޫޙުގެ އުދާސްވެފައިވާ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
“އޯހ ޒޯހާ… އަހަރެން މިއަދު ވަރަށް އުފާވެއްޖެ.. ތިޔައީ އަހަރެން އެންމެ ލޯބިވާ އަހަރެންގެ ޒޯހާ، މިއަދުން ފެށިގެން ޒޯހާގެ ހަޔާތަށް އަހަރެންނަށް ގެނެވެން އޮތްހާ އުފާތަކެއް އަހަރެން ގެނެސްދޭނަން” ޒޯހާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ހިނިތުންވެލާފައި ނޫޙު ބުނެލިއެވެ. ފެން ކަޅި ވެލާފައިވާ ހާލު ހީލަމުން ޒޯހާވެސް ބޯޖަހާލިއެވެ. ނޫޙު ލޯބިވެތި ކަމާއިއެކު ޒޯހާ ގެނެސް ކައިރި ކޮށްލަމުން ނިތްކުރިއަށް ބޮސް ދިނެވެ.
“ނޫޙު، ޒޯ ދޫކޮއްފަ ދުވަހަކުވެސް ނުދައްޗޭ” ނޫޙުގެ ދެލޮލަށް ބަލާލަމުން ޒޯހާ ބުނެލިއެވެ. ނޫޙުއަށް މަޑު މަޑުން ހީލެވުނެވެ. މިއީ ކޮންކަހަލަ ކުއްޖެއް ބާއެވެ. ނޫޙުގެ ހިތުގައި ޒޯހާއަށްޓަކާ ދެވިފައިވާ ލޯއްބާއި ދަރަޖަ ކުޑަކޮށްވެސް އިނގޭނަމަ އެހެން ނުބުނާނެކަން ޔަގީނެވެ. ހީލާފާ ބޯ ޖަހާލަމުން ޒޯހާގެނެސް އެ މެޔާލާ ކައިރިކޮށްލިއެވެ. އަދި އެ އިސްތަށިގަނޑުގައި ފިރުމަމުން ބޮސް ދެމުން ގެންދިޔައެވެ.
ނޫޙުގެ ފިނިވެފައިވާ ހަށިގަނޑު ޒޯހާގައިގާ ޖެހުމުން ފިނި ތުރުތުރެއް އަޅާލިއެވެ. އެހެނަސް ކުރިއަށްވުރެން ވެސް ބާރަށް ބައްދާލެވުނީއެވެ. ކޮޓަރީގައި ޖަހާފައިވާ ރީތި ހިތްގައިމު ލަވަޔާ އެއްވަރަށް ނޫޙު، ޒޯހާގެ އަތުގައި ހިފާ އަނބުރާލީ ޒޯހާ ހެއްވާލުމަށެވެ. އަތުގައި ހިފާ އަނެއްކާވެސް ކައިރިކޮއްލުމަށް ފަހު ބައްދާލައިގެންހުރެ ދެމީހުން އެކީގައި ޖަހާފައިވާ ލަވަޔާ އެއްވަރަށް ނަށަމުން ގެންދިޔައެވެ. މާގިނަ އިރެއްނުވެ މަޑުމަޑު ހީލުމުގެ އަޑު ކޮޓަރިއެތެރެއަށް ފެތުރިގެން ދިޔައެވެ. ނޫޙުގެ އަތް ދަނޑި މައްޗަށް އެއްވެސް ބުރަކަމެއް ނެތި ޒޯހާ އުފުއްލާލައިގެން ގެންގޮސް ބާއްވާލީ އެނދު މަތީގައެވެ. ފިނި ފިނި އެ ރޭގައި މަސްތުކަމެއްވެރިވެ ގަތެވެ. ނޫޙު، ޒޯހާ އެނދުމަތީގައި ބާއްވާލުމަށްފަހު ނޭވައި އެޅޭހާ މޫނު ކައިރިކޮއްލިއެވެ. އަދި އެ ދެމެދުގައިވާ ހުސްކަން ނައްތާލީ ޒޯހާގެ އެ ނާޒުކު މަލެއްފަދަ ތުންފަތުގައި ލޯބި ކޮއްލަމުންނެވެ. ދެ ލޯ ހުޅުވާލި އިރު ނޫޙުގެ ދެލޯ ވަނީ ދިއްލިފައެވެ. ލޮލުގައި ހީވަނީ ރެދަން ތަކެއް ވެރިވެފައި ވާހެނެވެ. ޒޯހާ ކައިރީގައި ނޫޙު އޮށޯވެލިއެވެ. ދެ މީހުން ދެމީހުންގެ މޫނު ފެންނާނެ ގޮތަށެވެ.
އެ ރީތި ކަޅި ރަވައިގައި އެވަނީ ކޮންކަހަލަ ޖާދުލެއް ބާއޭ ޒޯހާގެ ހިތަށް އެރިއެވެ. ނޫޙު ހިނިތުންވެލުމުން ހިތަށް އެ އިހުސާސްވާ އުފާވެރިކަންވެސް ބަޔާން ކޮއްދެން ދައްޗެވެ. ކަޅި ޖަހާލުމެއްވެސް ނެތި ޒޯހާ އިނީ ނޫޙުއަށް ބަލާށެވެ.
“ނޫޙު ބުނީމެއްނު ޒޯ ފެނުނީ މީގެ ދެމަސް ކުރިންނޭ؟ އެއީ ކޮންތާކުން؟ އޭރުގަ ކީއްވެ ޒޯއަށް ނުފެނުނީ؟” ނޫޙުއަށް ބަލަން އޮވެފައި އެތަށް ސުވާލެއް އެއްފަހަރާ ޒޯހާ ކޮއްލިއެވެ.
“ޒޯހާ އެންމެ ފުރަތަމަ ފެނުނީ ރޭގަނޑު ގަޑީގައި އެކަނި މަގަކުން ހިނގާފަ އަންނަނިކޮށް، އަހަރެންވެސް ދަތުރު ކުރުމަށް ނިކުމެ އުޅުނު ރެޔެއް އެރެއަކީ. އެ ރޭގައި ފިރިހެން ކުދިންގެ ގުރޫޕެއް ޒޯހާއަށް އުނދަގޫ ކުރަން ހެދީމަ އަހަރެން އެމީހުންނަށް ބިރު ދައްކާލީ” ހީލާފާ ނޫޙު ބުނެލިއެވެ. ހީވަނީ ނޫޙު އަށް ވަރަށް މަޖާ ވެފަ އޮތް ހެނެވެ. ޒޯހާ އޮތީ ވަރަށް ކަނުލާ އަޑު އަހާށެވެ. ނޫޙު އެ ބުނި ރެޔެއް ޒޯހާ ހަނދާނުގައި އެބަހުއްޓެވެ. އެ ގުރޫޕުގެ ކުދިންތަށް ޒޯހާއާއި ދިމާކުރަމުން އައިސް ކުއްލިއަކަށް ހަޅޭ ލަވައި ގަނެފައި އެރޭގައި ދުއްވާގަތީއެވެ.
“އެރޭގަ ވެސް ޒޯހާ ފެނުމުން އަހަރެންނަށް ޒޯހާ ވަރަށް ރީތިވި، އޭގެ ފަހުން އައިސް ޒޯހާގެ ފަހަތުން އަހަރެން އަބަދުވެސް އުޅެނީ. ޒޯހާ ރަށަށް އަންނަން އުޅުނު ރޭގައި އެކްސިޑެންޓެއް ވުމުން ސަލާމަތްވެސް ކޮށްދިނިން، އަދި އެރޭގައި ކަންފަތް ކައިރީގަ ޒޯހާއަށް ގޮވާވެސްލިން. ޒޯހާ ހީކުރީ ހީވި ގޮތެއް ކަމަށް ދޯ؟” އެއް ބުމަ ހިއްލާލަމުން މަޖާ ވެލާފައި ނޫޙު އަހާލިއެވެ. ޒޯހާ ހުރީ ބުނާނެ އެއްޗެއް ނޭގިގެން ބަސްހުއްޓިފައެވެ.
“ހެހެހެހެ” ނޫޙުގެ ބަނޑުގައި ޒޯހާ ވިކައިގަތުމުން ނޫޙު ފެށީ ހޭށެވެ. ދެމީހުންގެ އެކި ސަކަރާތުގެ އަޑުވަނީ ހަތަރުފާރުގެ އެތެރޭގައި ހަރުލާފައެވެ.
“ދެން ބުނެބަ، ޒޯ އަށް ފެނުނު މިރޭގަ ނޫޙުގެ ފަހަތުން ދެ ވަރަގަނޑު، ނޫޙުއަށް އުދުހެވޭތަ؟” ޝައުޤުވެރިކަމާއިއެކު ޒޯހާ އަހާލިއެވެ. ބޯކިރުކޮޅެއްފަދަ ދަތްތައް ދައްކާލަމުން ނޫޙު ހީލިއެވެ.
“އާނ އަހަރެމެން މީ އުދުހެވޭ ބައެއް، އަދި މޫދު އަޑީގަވެސް ދަތުރު ކުރާބައެއް އަދިވެސް ބައިވަރު އަހަރެމެންގެ މީހުން އުޅޭނެ” ނޫޙު ބުނެލިއެވެ.
“ނޫޙުގެ އަސްލު ސިފަތަ ތީ؟” ޒޯހާ އަނެއްކާވެސް އަހާލިއެވެ.
“މިރޭގަ އަހަރެންގެ އަސްލު ސިފަ ޒޯހާއަށް ފެނިފަވާނެ” ނޫޙު ޒޯހާ ގެނެސް ކައިރި ކޮއްލަމުން ބުނެލިއެވެ.
“އަހަރުމެންގެ ދަރިފަސްކޮޅު އެކި ތަންތާގައި ވަޒަންވެރިވެގެން އުޅޭ، އިންސީންގެ ދިރިއުޅުމާއި އަހަރުމެންގެ ދިރިއުޅުމާއި ވަރަށްވެސް ފަރަޤު ހުރޭ. އަހަރެންގެ ކާފައަކީ މުއުމިނުންގެ ބޮޑަށް ހުންނަ ޖިންނި. ކާފައަށް އަހަރެން އިންސިއެއްގެ ލޯބީގައި ޖެހިއްޖެކަން އިނގިއްޖެނަމަ ވަރަށް ކަންތައް ގޯސް ވާނެ.” ކުރިއަށް ގެންދަމުން ނޫޙު ބުނެލިއެވެ.
ޒޯހާ އޮތީ ވަރަށް ވެސް ޝައުޤުވެރިކަމާއި އެކީގައި އަޑުއަހާށެވެ. އެކި ވާހަކައިގައި އެ އުފާވެރި ރޭ ހޭދަ ކުރަމުން ދިޔަ ޒޯހާގެ ލޮލަށް ނިދި ޖެހުނު އިރުވެސް ނޭގުނެވެ. ފަތިސް ވި އިރު ނޫޙުގެ މޭމަތީގައި ބޯ އަޅައިގެން އަރާމު ކަމާއިއެކު ނިދާލާފާ އޮތް ޒޯހާގެ އިސްތަށިގަނޑަށް ނޫޙު ބޮސް ދިނެވެ. މާ ގިނަ އިރެއް ނުވެ ނަޒީރާ ދޮރުގައި ޓަކި ދޭން ފެށިއެވެ.
“ޒޯ…. ލޯބި ދިޔައީއޭ، ތެދުވޭ ނަމާދު ކޮށްލަން.” ކަންފަތް ދޮށުގައި ނޫޙު ބުނެލިއެވެ. ނޫޙުގެ އަޑަށް ޒޯހާއަށްވެސް ހޭލެވުނީ އަރާމު ނިންޖަކު އޮވެފައެވެ. ނަމަވެސް ޒޯހާއަށް ހޭލެވުނު އިރަކު ނޫޙު ފެންނާކަށް ނެތެވެ. ކުޑަކޮށް ހީލަމުން ޒޯހާ ގޮސް ދޮރު ހުޅުވާލިއިރު ނަޒީރާ ހުރީ ނަމާދުކުރާ ދޮޅީގައެވެ. އަދިވެސް ރޭގައި ހިނގި ހުރިހާ ކަމެއް އެއީ އަސްލުކަން ޤަބޫލުކުރަން ޒޯހާއަށް ހުރީ ދަތިވެފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

