ނޫޙުގެ ފިނި އަތްތިލަ އައިސް ބީހިލީ ޒޯހާގެ ހާމަވެފައިވާ ކޮނޑުގައެވެ. ވަގުތުން ގައިގައިވާ ލޯލިތަށް ކޮޅަށް ޖެހުނުހެން ޒޯހާއަށް ހީވިއެވެ. ދެލޯ މަރާލެވުނީ ކުރެވެމުން ދިޔަ އިހުސާސަކުންނެވެ. ނޫޙު އޭނާ ގައިގާ އެންމެ ފުރަތަމަ ފަހަރަށް ބީހިލުމުން ހިތަށް ބުނެދެން ނޭގޭ ގޮތް ތަކެއް ވަނީއެވެ. މަޑު މަޑުން ވާރޭ އޭރު ވެހެމުން ދިޔައެވެ. ފަހަތަށް އެނބުރިލި ޒޯހާގެ ލޮލުގެ ވިދުން އިތުރުވެގެން ދިޔައެވެ. ހިސާބަކަށް ތެމިފައިވާ ކަޅުކުލައިގެ ތުނި ގަމީހުން ނޫޙުގެ ތަނަވަސް މޭމަތި ފާޅުވަމުން ދިޔައެވެ. އަލި މޫނުގައިވާ ނޫދެލޯ ވިދާ ބަބުޅަމުން ދިޔައެވެ. ހީވަނީ ދެ ލޮލުގައި ރެދަން ލާފައިވާހެނެވެ. ޒޯހާގެ އުނަގަނޑުގައި ހިފާ ކައިރިކޮއްލަމުން ނޫޙު ސީދާ ބަލަން ހުރީ ޒޯހާގެ ދެލޮލަށެވެ. އަޖައިބުން ފުރިގެންވާ ދެލޮލެވެ. ޒޯހާ ހުރީ ގުޑިލަންވެސް ނުކެރިފައެވެ. ދުވަހަކުވެސް އެ ޒުވާނާއާއި ދުރަށް ދާން ބޭނުންނުވެފާ ހުރި ފަދައެވެ.
ނޫޙު، ޒޯހާގެނެސް ނޭވާ ނުލެވޭހާ ކައިރިކޮއްލިއެވެ. ވާރޭތެރޭގައި ތެމެމުން ދިޔަ އެ ޒުވާން ޖޯޑަށް ދުނިޔެ ވަށައިގެން ވާ ކަމެއްގެ ހިލަމެއްވެސް ނުވާ ކަހަލައެވެ. ދެން ނޫޙުގެ އަނގައިން ނިކުތީ ޒޯހާ އެންމެ އަޑުއަހަން ބޭނުންވެފައި ހުރި ޖުމްލައެކެވެ.
“އަހަންނަށް ޒޯހާ ދެކެ ލޯބިވެވިއްޖެ، ދުވަހަކުވެސް ދުރުވާކަށް ބޭނުމެއްނޫން” މަސްތީ ގޮތަކަށް ނޫޙު ބުނެލިއެވެ. ނޫޙުގެ ދެލޮލުން އެކަނިވެސް ޒޯހާއަށްޓަކާއި ވާ ލޯބި ހުށައަޅަމުން ގެންދިޔައެވެ.
“ނޫޙު ދެކެ އަހަންނަށްވެސް ވަރަށް ލޯބި ވެވިއްޖެ، މިހާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ނޫޙު ތި ޖެއްސީ ކޮންކަހަލަ ޖާދޫއެއްކަން ވެސް އަހަންނަކަށް ނޭގެ. އެކަމު ތި ނޫން ހިޔާލެއް އަހަންނަށް ނުކުރެވޭ، އިނގޭހާވެސް އެއްޗަކީ ވަރަށް ބޮޑަށް ލޯބިވެވިއްޖެކަން.” ލޯބިން ފުރިގެންވާ ގޮތަކަށް ޒޯހާ ބުނެލިއެވެ. ނޫޙުގެ ހިތް އުފަލުން ނަށަން ފެށިކަހަލައެވެ. ހަށިގަނޑުގައި އޮބި އަޅަމުން ދިޔަ އިހުސާސްތަށް ބަންޑުން ކޮށްލަން ބޭނުންވިއެވެ.
ނޫޙު ކުރިއަށްވުރެންވެސް ޒޯހާއާއި ކައިރިވެލުމަށްފަހު ޒޯހާގެ ދަތްދޮޅީގައި ހިފާ މައްޗަށް ނަޒަރު އުފުލާލިއެވެ. ހޫނު ނޭވައިގެ އަސަރު ކައިރިވެ އެ މަޑު ފިޔާތޮށި ތުންފަތާއި ލޯބި ކޮއްލިއެވެ. ޒޯހާގެ ހިތް އަވަސްވާން ފެށިއެވެ. ދެއަތުން ނޫޙުގައިގާ ހިފަހައްޓާލެވުނީ ފައިގާ ބާރު ދޫވަން އުޅޭހެން ހީވާތީއެވެ. ދެ މީހުންނަށްވެސް އިޙުސާސް ކުރެވެމުން ދިޔައީ ފިނީގެ ތެރޭގައިވެސް ހަށިގަނޑުން ރޯވަމުން ދިޔަ އަލިފާނުގެ ހޫނުކަމެވެ. މަޑު ޖެހިލުމައްފަހު ޒޯހާ ލެގިލައިގެންހުރި ރުކުގައި އެއް އަތް އަޅުވާލުމައްފަހު ނޫޙުގެ މަސްތީކަން އެކުލެވިފައިވާ ދެލޯ ހުޅުވާލިއެވެ. ޒޯހާ ހުރީ އޭރުވެސް ދެލޯ މަރާލައިގެނެވެ. ތުންފަތަށް ވެރިވެފައިވާ ރަތް ކުލައިން ހީވަނީ ހަށިގަނޑުގައިވާ ހުރިހާ ލޭތަކެއް ތުންފަތަށް ޖަމާ ވެފައިވާހެނެވެ. ލޯބިވެތިކަމާއިއެކު ނޫޙުގެ އަތުން ޒޯހާގެ މޫނުގައި ފިރުމާލީ ނާޒުކު ފިނިފެން މަލެއްގައިވެސް ފިރުމާ ނުލާނޭހާ ލޯބިކޮށެވެ.
“އަހަރެންގެ އެންމެ ލޯބި ޒޯ، ލޯ ހުޅުވާލަބަލަ” ނޫޙު އޭނާގެ ފިރިހެންވަންތަ އަޑުން ބުނެލިއެވެ. އަޑުގައިވެސްވަނީ މަސްތީ ކަމެވެ. ވާރޭ ބޯކޮށް އޭރުގައިވެސް ވެހެމުން ދިޔައެވެ، ކުޑަވެސް ހިޔާ ކަމެއް ލިބިގެން ދިޔައީ ހުއްޓިގެން ހުރި ރުކުގެ ހިޔަލުންނެވެ.
ޒޯހާ ދެލޯ ހުޅުވާލާ ބަލާލީ ކައިރީގައި ހުއްޓިގެންހުރި ނޫޙުއަށެވެ. ލަދުވެތި ކަމާއިއެކު އިސް ޖަހާލެވުނީ ދެންމެ ހިނގާ ދިޔަ ކަންތަކުންނެވެ. އިސް ޖަހާލުމާއިއެކު ނޫޙު، ޒޯހާގެ ދަތްދޮޅިގައި ހިފާ މޫނު މައްޗަށް ނަގާލިއެވެ.
“ހެހެހެހެ، ޒޯ ލަދުގަތީމަ އަދި ވަކިން ލޯބި” ހީގަނެލާފައި ނޫޙު ބުނެލިއެވެ.
“އަހަރެން ޒޯހާއަށް އަންގަން ޖެހޭ ވަރަށް ބޮޑު ވާހަކައެއް އެބަ އޮތް” އެހެން ބުނެލުމާއިއެކު ނޫޙުގެ ތަބީއަތް ބަދަލު ވެއްޖެއެވެ. މީހާ ސީރިއަސްވެ މޫނުގެ ކުލަވަރު ބަދަލު ވިހެން ޒޯހާއަށް ހީވިއެވެ.
ދެ ޒުވާނުންވެސް އެކީގައި ވާރޭތެރޭގައި ހުއްޓިގެން ހުރިއިރު ހީވަނީ އެދެމީހުންނަށްޓަކާއި ވަގުތުވެސް މަޑު ޖެހިފައިވާހެނެވެ.
“ކޮން ކަމެއް ނޫޙު؟” ހިތްއަވަސް ވެފައި ހުރެ ޒޯޙާ އަހާލިއެވެ.
“ޒޯހާ ދެކެ އަހަރެން ވަރަށް ލޯބިވޭ، ނަމަވެސް އަހަރެންގެ ތަޤުދީރުގައި މާތް ﷲ ލިޔުއްވާފައިވާ ކަމެއް ބަދަލެއް ނުކުރެވޭނެ. އަހަރެންނަށް ޒޯހާ އެންމެ ފުރަތަމަ ފެނުނީ މީގެ ދެމަސް ކުރިން، އޭގެ ފަހުން އަހަރެން މި އަންނަނީ ޒޯހާއާއި ދިމާވާ އެކި ނުރައްކަލުން ޒޯހާ ސަލާމަތް ކުރަމުން. އަހަރެން ޒޯހާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ދޭން ބޭނުން، އެކަމަކު ޒޯހާ ބޭނުންވާކަހަލަ އާދައިގެ ދިރިއުޅުމެއް ދެވެން އަހަރެންނަކަށް ނެތް” ވާރޭއާއި އެކުވެގެން ލޮލުން އައި ކަރުނުތިކި ފުހެލަމުން ނޫޙު ބުނެލިއެވެ.
“ދެ މަސް ކުރިންނޭ؟ ނޫޙު ކީކޭ ބުނަން މަސައްކަތް ތިކުރަނީ؟” ނޫޙު ދެއްކި ވާހަކަތަށް ރަނގަޅަށް ފަހުމު ނުވެ ޒޯހާ ބުނެލިއެވެ.
“ޒ-ޒޯހާގެ މި ނޫޙުއަކީ އިންސާނެއްނޫން. އަހަރެންނަކީ ޖިންނިއެއް، އެހެންނަމަވެސް އަހަރެންގެ ބާރުގެ ބޭނުން ދުވަހަކުވެސް ޒޯހާއަށް ބޭނުން ނުކުރަން، އަހަރެން ޒޯހާދެކެ ވަނީ ހަޤީޤީ ލޯބި” ޒޯހާގެ މޫނަށް ބަލަން ނުކެރިގެން ނޫޙު އެނބުރިލީ ފަހަތަށެވެ. ނޫޙު ބުނި އެއްޗެއް ގަބޫލު ކުރަން ދަތިވެފައިހުރި ޒޯހާ ހުރީ ހުއްޓުން އަރާފައެވެ. އެއީ ކިހިނެއްވާނެ ކަމެއްހެއްޔެވެ. ނޫޙުއަކީ އޭނާ ކަހަލަ އިންސާނެއް ނޫން ހެއްޔެވެ.
“ނޫޙު ކޮން ކަހަލަ ސަމާސާއެއްތަ ތިކުރަނީ؟ އަހަރެންގެ އިހުސާސްތަކާ ކުޅެން ނޫޙު މަސައްކަތް ކުރަނީތަ؟” ފަހަތަށް އެނބުރިގެންހުރި ނޫޙުގެ ކޮނޑުގައި އަތް ބާއްވާލަމުން ތުރުތުރުލެވިފައިވާ އަޑަކުން ޒޯހާ ބުނެލިއެވެ. އެހިނދު ޖެހި ވަރުގަދަ ގުގުރިއާއިއެކު ނޫޙު ޒޯހާގެ ކުރިމައްޗަށް އެނބުރިލިއެވެ. ރޭގަނޑުގެ ކަޅު އަނދިރިކަމުގެ ތެރޭގައި ވާރޭގެ ކޮޅިގަނޑާއި ދިއްލާލި އަލިގަނޑުވެސް ހީވަނީ ކަމެއް ސާބިތު ކޮއްދެން މަސައްކަތް ކުރާހެނެވެ. ނޫޙުގެ ދެލޯ ހުރީ އަލި ނޫކުލައަކުން ދިއްލިފައެވެ. އެރީތި އަލި މޫނުގައި އެއްވެސް އައިބެއް ނުވާފަދައެވެ. ފަހަތުން ހުޅުވާލެވިފައިވާ ހުދާއި ނޫ ކުލައިގެ ބޮޑު ދެވަރަގަނޑު ފެނި ޒޯހާއަށް ޖެހެވުނީ ފަހަތަށެވެ.
“ނޫން ނޫން ނޫން” އަނގަމަތީގައި އަތް އަޅާލަމުން ދެކޮޅަށް ބޯހޫރުވަމުން ޒޯހާއަށް ބުނެވުނެވެ. ފެންކަޅިވެފައިވާ ހާލު ޒޯހާއަށް މޫނު މަތީގައި އަތް އަޅާލެވުނެވެ. އެއީ ހުވަފެނެއްކަމަށް ގަބޫލުކުރަން ބޭނުންވިއެވެ.
“މީ އަހަރެންގެ ހަގީގަތް، އަހަރެން ދުވަހަކުވެސް ޒޯހާއަށް ގޯނާއެއް ނުކުރަން، އަހަރެންނަށް ޒޯހާ ދެކެ ލޯބިވެވުނީ. އެކަމަކު ތިޔަ ނާޒުކު އަންހެން ކުއްޖާ ދޫކޮއްލާ ހިޔާލެއް އެއްފަހަރުވެސް އަހަރެންގެ ހިތަކަށް ނާދޭ” ކުރިއަށް ޖެހި އަތް ދިއްކޮއްލަމުން ނޫޙު ބުނެލިއެވެ. ނޫޙުގެ ފަރާތުން އެއްވެސް ނުރައްކަލެއް ޒޯހާއަށް އިހުސާސް ނުވެއެވެ. ބިރުވެރިކަމެއްނުވާ އެ މޫނުމަތިން ޒޯހާއަށްޓަކާއިވާ ލޯބި ނޫން އިތުރު އެއްޗެއް ނުފެނެއެވެ. ނަމަވެސް ލިބިފައިވާ ހައިރާންކަމާއިއެކު ޒޯހާ އަށް ބާރަށް ދުއްވައިގަނެވުނެވެ. ވާރޭތެރޭގައި ރަނގަޅަށް ތަނެއް ވަކި ނުވާވަރު ވީއިރުވެސް ޒޯހާގެ މިސްރާބު ހުރީ ގެއާދިމާލަށެވެ. ތެމިފައިވާ ހެދުމާއިއެކު ޒޯހާއައިސް ވަނީ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރުގައި ލައްވެލައިގެން ނޭވައި ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔަ ޒޯހާ އަށް ރޮވިއްޖެއެވެ.
މީ ހުވަފެނަކަށް ވާނެ ނަމައެވެ. އޭނާގެ ނޫޙު އިންސާނަކަށް ވާނެނަމައެވެ. ކޮޓަރީގައި މަޑު ގިސްލުމެއްގެ އަޑު ހަރުލާފައިވެއެވެ. ދޮރުކައިރީގައި އިށީނދެލައިގެން ހުރެ ޒޯހާއިނީ ހުއްޓުން އަރާފައިހެނެވެ. އޭނާ ކަންކަމާއި ވިސްނަނީއެވެ. ނޫޙު އެދައްކަނީ އޭނާ ކޮން ނުރައްކަލަކުން ސަލާމަތް ކުރާ ވާހަކަ ހެއްޔެވެ. ނޫޙު އަކީ އިންސާނަކަށް ނުވިއަސް އޭނާދެކެ ވަނީ ހަޤީޤީ ލޯބިއެވެ. އަދި ޒޯހާއަށް ވެސް ނޫޙުދެކެ ވެވިފައިވަނީ ހަޤީޤީ ލޯބިއެވެ. އޭނާ ނޫޙު ޖިންނިއަކަށް ވުމުގެ ސަބަބުން ދޫކޮށެއްނުލާނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

