” ކޮބާ ޒުހޭރުބެ؟ ” މާޔާ މަލީހާގެ މޫނަށް ބަލާލީ ސީރިޔަސްކަމާއެކުގައެވެ. މާޔާގެ ސުވާލުން މަލީހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ކުއްލިއަކަށް މާޔާ އެ ކުރީ ކޮންކަހަލަ ސުވާލެއް ހެއްޔެވެ.
” ޒު..ޒު… ޒުހޭ.. ޒުހޭރުބެ އުޅޭނެ އެއްނު. ދުވަސްކޮޅެއް ވެއްޖެ މަންމައާ ދިމާނުވާތާ ” ތުރު ތުރު އަޅަމުން މަލީހާ ޖަވާބު ދިންއިރު މާޔާގެ މޫނަށް ބަލާވެސްނުލާ ދާންވެގެން އެބުރިލިއެވެ.
” ކިހާ ދުވަހެއް ވަންދެން އަހަންނަށް ދޮގު ހަދާނީ މަންމާ؟ އަހަންނަށް އެނގޭ ޒުހޭރުބެ މަރުވެއްޖެކަން.. ހެޔޮނުވާނެ މަންމާ އިތުރަށް ދޮގު ނަހަދާ.. އަހަންނަށް ކެތް ކުރެވިދާނެޔޭ.. މި ހުރިހާ ދުވަހުވެސް އަހަރެން ކެތްކުރީ ނުން. ކިތަންމެ އޮޅުވާލިޔަސް ހަގީގަތެއް ބަދަލެއް ނުވާނެޔޭ މަންމާ… ” މާޔާ މަންމަ އަތުގައި ހިފާލަމުން އެ މޫނަށް ބަލާލީ ޖަވާބަކަށް އެދޭ ފަދައިންނެވެ.
” ޒުހޭރުބެ ކޯމާއެއްގަ އޮންނަތާ ތިން އަހަރުފަހުން މަރުވީ.. އޭރު މާޔާ ހުރީ ކިޔަވަން މެލޭޝިޔާގަ.. މަންމަމެން ބޭނުންނުވީ ދަރިފުޅަށް އަންގަން. ދަރިފުޅު އަނެއްކާ އެހެން ކަމެއްގެ ޒިންމާ އަމިއްލަ ބޮލުގައި އަޅުވާތަން ދެކެން މަންމަމެން ބޭނުންނުވީ. މަންމަމެންނަށް އެގޭ މި ހަބަރު ދަރިފުޅަށް ލިބިއްޖެއްޔާ މި ކަންތައްވެސް ދަރިފުޅު އަމިއްލަ ބޮލުގައި އަޅުވާނެކަން.. ދަރިފުޅާ.. ވެދިޔަ ކަމެއްވީ. ހުރިހާ ކަމެއް ހަދާންނައްތާލާ.. ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯ މަސައްކަތްކުރޭ ދަރިފުޅާ.. ” މަލީހާ މާޔާގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި އިށީދެ އިދެ ކިޔާދިނެވެ.
” މިއީ އޭ އަހަރެންގެ ދިރިއުޅުމުގެ ހަގީގަތަކީ.. ހަގީގަތަކީ މިއަދު ޒުހޭރުބެ މި ދުނިޔޭގައި ނެތުމުގެ އަސްލަކީ އަހަރެންކަން. އަހަރެން ކިތަންމެ މަސައްކަތެއް ކުރިޔަސް އަހަރެންނަށް މި ހަގީގަތާއި ދެކޮޅުނުވެވޭނެ.” މާޔާ ތެދުވެގެން ހިނގައިގަތީ ކޮޓަރިއަށް ދިއުމަށެވެ. ސިޑިން އަރައިގެން ދިޔައިރު މަރުވެފައިވާ މައްޔިތަކޭ މާޔާއާ ތަފާތެއް ނެތެވެ. މަލީހާ މާޔާ ހުއްޓުވަން އުޅެފަވެސް ނުހުއްޓުވީ މާޔާ އެކަނި ވާން ވަގުތު ދިނުމަށެވެ. މި ވަގުތު މަލީހާ ކިޔާ އެއްވެސް އެއްޗެއް މާޔާ އަޑު ނައަހާނެއެވެ. ކުއްވެރިއަކު ފަދައިން މަލީހާ އިސްޖަހާލައިގެން އިނދެފައި ގުޅާލީ ފާއިޒުއަށެވެ. ދެންމެ ހިނގާދިޔަ ކަންތައް މަލީހާ ފާއިޒުއަށް ކިޔައިދިނީ ދެރަވެފައިދެއެވެ.
މާޔާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލަމުން ދޮރު ތަޅުލާލައިފައި އިށީދެލީ ދޮރު ކައިރީ ތިރީގައެވެ. މި އޮތްހާ އިރުވަންދެން ކޮންޓްރޯލް ކޮށްލައިގެން އިން ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބަގަތެވެ. ދެ ކަކޫ މޭގައި ޖައްސާލައިގެން އިދެ މާޔާ އަޑުންއަޑުނަގާ ރޯންފެށިއެވެ. އޭނައަށް ކުރެވުނު ކުށްތައް މަދީ ހެއްޔެވެ؟ ވިސްނަންޖެހޭ ކަންތައް މަދީ ހެއްޔެވެ؟ އަނެއްކާ އިތުރު ކަމެއް އިތުރުވީއެވެ. ދުވަހަކުވެސް އޭނައަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެވިދާނެހެއްޔެވެ؟ “ނޫން… ނޫން.. ” ސިކުނޑީގައި އެބުރިގަތް ހިޔާލުތަކުން މާޔާ މަޑުމަޑުން ކިޔާލިއެވެ.
ރޮއެ ރޮއެ ވަރުބަލިވުމުން އެންމެ ފަހުން މާޔާ ދޮރުކައިރީ އަރިއަކަށް އޮށޯވެލިއެވެ. އޭރުވެސް ކަރުނަތައް ހުސްވާކަށް ނޫޅުނެވެ. މާޔާ ކަރުނަތައް ފޮހޭކަށްވެސް ބޭނުމެއް ނުވެއެވެ. އިރުކޮޅަކުން މާޔާ ތެދުވެގެން ގޮސް ފާހަނައަށް ވަދެ ފެންމާގަޑު ދަށުގައި އެ ހުރި ގޮތަށް ހުރެ ފެން ދޫކޮށްލީ އެގޮތުންވެސް ހިތަށް ލުޔެއް ލިބޭތޯއެވެ. ހިތްފުރޭވަރު ވުމުން މާޔާ ގޮސް ތެތް ހެދުންތައް ބާލާފައި ތުވާލި އަދެލައިގެން ބޭރަށް ނުކުތެވެ. ގަޔަށްދޫ ޓީޝާޓަކާއި އެކު، ދިގު ހަރުވާޅެއް ލައިގެން މާޔާގޮސް އެނދުގައި އިށީދެލިތަނާ މެންދުރު ނަމާދުގެ ބަންގި ގޮވާ އަޑަށް މާޔާ އަވަސްވެގަތީ ނަމާދު ކުރާށެވެ. ނަމާދުކޮށްލާ ޤްރްއާން ކިޔަވާލުމުން މާޔާގެ ހިތައް ހަމަޖެހުން ލިބިގެންދިޔައެވެ. އެ ވަރުންވެސް މާޔާ ބޭރަށް ނުކުންނަ ހިޔާލެއް ނުކުރެއެވެ. އޭރު ދެފަހަރަކު މަތިން މަލީހާ އައިސް މާޔާއަށް ގޮވާލައިފިއެވެ. މާޔާ އަޅާވެސްނުލާ އިނީ މި ވަގުތު މަންމައާ ވާހަކަ ދައްކަން ބޭނުންނުވާތީއެވެ. ސެޓުން ބާރަށް ލަވަ ޖަހާލައިގެން ގޮސް މާޔާ އޮށޯވެލީ އެނދުގައެވެ. އެހެން އޮއްވާ ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭގެއެވެ.
އޮފީހުގައި މާ ބިޒިވެގެން ފާއިޒު އަށް އާދެވުނީ ދޭއް ޖެހި ފަހުންނެވެ. ފާއިޒު ގެއަށް އައި އިރު މަލީހާ ސިޓިންރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ހާސްވެފައެވެ. ” މަލީހާ. ކޮބާ މާޔާ؟ ” ފާއިޒު ހާސްވެފައި ހުރެ ސުވާލުކުރިއެވެ.
” އޭރުއްސުރެން ކޮޓަރީގަ. އަހަރެން މިހާރު އެތައް ފަހަރަކު ގޮވައިފިން. އެއްވެސް ހަބަރެއް ނުވޭ.. ލަވަޖަހާ އަޑު އިވެނީ.. ” މަލީހާ ދެރަވެފައި ފާއިޒުއަށް ކިޔައިދިނެވެ. ފާއިޒުވެސް ދެރަވެފައި ވަކި ކުރާނެ ކަމެއް ނެތުމުން ގޮސް އިށީނީ ގޮނޑީގައެވެ. މަލީހާވެސް ގޮސް ފާއިޒުއާ ޖެހިގެން އިށީދެ ފާއިޒު ކޮނޑުގައި ބޯ އަޅާލިއެވެ. ” އަހަންނަށް ނޭގެނީ މާޔާއަށް ހަގީގަތް އެގުނީ ކިހިނެއްކަމާ މެދު” ފާއިޒު ވިސްނުމަކަށް ގެއްލިފައި އިނދެ ބުނެލިއެވެ.
” ކޮން ހަގީގަތެއް އެނގުނީ ދޮންތައަށް؟ ” ބޮޑު ދޮރުން ވަދެގެން އައި މާއިޝާއަށް ބައްޕަ ބުނި ޖުމުލަ އަޑުއިވިގެން ސުވާލުކޮށްލިއެވެ. މަލީހާ މާއިޝާއަށް ވެގެން އުޅޭ ގޮތް ކިޔައިދިނުމުން ދެލޯ ބޮޑުކޮށްލިއެވެ. ” އޭރުވެސް އަހަރެން ބުނިން ދޮންތައަށް ކިޔާދޭށޭ. އެކަމަކު މަންމަމެން ވެއްޖެ ވިއްޔާ ސިއްރުކުރަން. ” މާއިޝާ ނުރުހިފައި ހުރެ ހިނގައިގަތީ މާޔާގެ ކޮޓަރިއަށް ދިޔުމަށެވެ.
“ތަޅުލާފައި ހުރީ” މަލީހާ މާއިޝާދިޔަ ދިމާލަށް ބަލަން ހުރެ ބުނެލިއެވެ. “އަހަރެން އަތުގަ އޮވޭ އެ ކޮޓަރީގެ ޑަބަލް ތަޅުދަނޑިއެއް” މާއިޝާ ބަލާވެސްނުލާ ދިޔައީ މައްޗަށް އަރާށެވެ. މާއިޝާގެ ޖަވާބުން ފާއިޒުއާއި މަލީހާއާ ދެމީހުންވެސް ދުވެފައި ކަހަލަ ގޮތަކަށް މާއިޝާގެ ފަހަތުން ދިޔައެވެ. މާއިޝާ މަޑުމަޑުން މާޔާގެ ކޮޓަރީގެ ދޮރު ހުޅުވާލި އިރު އަރާމު ނިންޖަކުން ނިދާލާފައި އޮތް މާޔާ ފެނުމުން އިހްތިޔާރެއްނެތި ހިނިތުންވެލެވުނެވެ. މަލީހާ ގޮސް މަޑުމަޑުން މާޔާގެ އިސްތަށިގަނޑުގައި ފިރުމާލާފައި އެ ނިތްކުރީގައި ބޮސްދިނެވެ. މާޔާ ހޭލަފާނެތީ އަޑެއް ނުލައްވާ ތިންމީހިން އެކީ ބޭރަށް ނުކުމެ ތަޅުލާފައި ދިޔައީ ތިރިއަށެވެ.
****
މާޔާއަށް ހޭލެވުނީ ގައިދަށުން ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. ކަންނެތް ގޮތަކަށް ލޯ ހުޅުވާލައިފައި ފޯނު ބެލިއިރު ގުޅަނީ އޮފީސް ކުއްޖެކެވެ. މާޔާގެ ހާލު ބަލާލަން ގުޅީއެވެ. މާޔާ ބޮލުގަ ރިއްސަނީއޭ ކިޔާފަ ދޮގެއް ހަދާލާއިއެވެ. އަވަސް ޝިފާ އަކަށް އެދެމުން އެކޮޅުން ފޯނު ބޭއްވުމުން މާޔާ ގަޑިންވީ އިރެއް ބަލާލިއެވެ. އޭރު ހަވީރު ފަސްގަޑި ބައިވަނީއެވެ. ” އޯހ ޝިޓް ” މާޔާ ތެދުވެގެން ގޮސް ފެންވަރާލައިގެން އައިސް އަސްރު ނަމާދު ކުރެވުނީ ކިރިޔާއެވެ. މަޢްރިބް ނަމާދައް ގޮވުމުން ނަމާދު ކޮށްލައިގެން މާޔާ ނުކުތީ ބޭރަށެވެ. މާ ބޮޑަށް ބަނޑުހައިވީއެވެ. އާދައިގެ ހިނގުމެއްގައި ގޮސް ތިރިއަށް ފޭބިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މާޔާ ކާގެއަށް ވަންއިރު މޭޒުމަތީގައި ކާން ހަދާފަ ހުއްޓެވެ. ކޮންމެ ތައްޓެއްގައިވެސް ހުރީ މާޔާއަށް އެންމެ މީރު އެއްޗެއްސެވެ. މަންމަ އޭނަ ހޭލަންވާއިރަށް މިހުރީ ކާން ތައްޔާރުކޮށްފައެވެ. މާޔާ ތައްޓަކަށް ކާ އެއްޗެހި އަޅައިގެން ގޮސް އިށީދެލީ ސިޓިންރޫމުގެ ސޯފާގައި ޓީވީ ބަލާށެވެ. އިރުކޮޅަކުން މަލީހާ ބޭރަށް ނުކުމެލިއިރު މާޔާ ފެނިގެން އައިސް އަދި އަޅައިދެންހޭ އަހާލިއިއެވެ. މާޔާ ބޯ ހޫރާލީ ނޫނެކޭ ބުނަމުންނެވެ. އިރުކޮޅަކުން މާއިޝާވެސް ނިކުމެ މާޔާއާ އެކި އެކި ވާހަކަ ދައްކާ މަޖާކުރިއިރުވެސް މިއަދުގެ އެއްވެސް ވާހަކައެއް ދައްކާކަށް ނޫޅެއެވެ. މާޔާވެސް މާއިޝާގެ ސަކަރާތުގައި އިރުކޮޅެއްވަންދެން ބައިވެރިވެފައި ދިޔައީ ކޮޓަރިއަށެވެ.
މާޔާގޮސް ކަކުލާ ހަމައަށް ހުންނަ ވަރުގެ މަޑުފިޔާތޮށިކުލައިގެ ކުރުތާއަކާ ކަޅު ޓައިޓެއް ލައިގެން ކުޑަކޮށް ރީތިވެލިއެވެ. ކާރުގެ ތަޅުދަނޑި ނަގައިގެން މާޔާ ތިރިއަށް ފޭބިއިރު ތިންމީހުން ޓީވީ ބަލަން ތިއްބެވެ. ފާއިޒުއަށް މާޔާ ފެނުމުން ތަނަކަށް ދަނީހޭ އަހާލުމުން މާޔާ ހަމައެކަނި ބޯ ޖަހާލީއެވެ. މަލީހާވެސް ބަލާފައި ކޮންތާކަށް ހޭ އަހާލުމުން މާޔާ ހަމައެކަނި އެބަ އަންނަމޭ ބުނެލާފައި ބޭރަށް ނުކުމެގޮސް ކާރަށް އަރާ ދުއްވާލިއެވެ. މާޔާ ގޮސް ކާރު މަޑުކޮށްލީ ރީތިކޮށް ހަދާފައިވާ ދެ ބުރީގެ ގެއެއްގެ ކައިރިއަށެވެ. ކާރު ޕާކްކޮށްލާފައި މާޔާ މަޑުމަޑުން ހިނގާލާފައިގޮސް ހުއްޓުނީ އެގޭ ގޭޓް ކުރިމައްޗަށެވެ. ދެފައި ތުރުތުރު އަޅަމުންދިޔައީ މިހެނަކުން ނޫނެވެ. ހިތްވެސް ފުންމާލަން އުޅޭ ފަދައެވެ. މާޔާ ފުންނޭވައެއް ދޫކޮށްލަމުން މޭގައި ފިރުމާލީ ހަމަޖެހިލަންވެގެނެވެ. މާޔާ ކުރިއަށް އަޅަން އުޅުނު ފިޔަވަޅު ހުއްޓުނީ ގޭގެ މައިދޮރު ހުޅުވާލައިފައި ނުކުތް މެދުއުމުރުގެ އަންހެންމީހާ ފެނިގެންނެވެ. ބުރުގާ އަޅާލައިގެން ހުރި އަންހެންމީހާ ބަލާ ބެލުމަށް ހީވަނީ 45 އަހަރުގެ އަންހެނެއް ހެނެވެ. އެ އަންހެންމީހާ ބޭރުގައި ހުރި ޓައްޕެއް ކަހަލަ އެއްޗެއް ނަގަމުން ގޭޓާ ދިމާލަށް ބަލާލި ގަޑީ މާޔާ ފެނިގެން ހުއްޓުން އަރާފައި މާޔާއަށް ބަލާލިއެވެ. މާޔާވެސް އެ އަންހެންމީހާއަށް ބަލަން ހުރެ ކުޑަކޮށް ހިނިތުންވެލިއެވެ.
” މާޔާ! ” އަންހެންމީހާ ގޭޓް ކައިރިއަށް އައިސް މާޔާގެ މޫނަށް ބަލަން ހުރެ ގޮވާލިއިވެ. ” ސަމީރާއްތާ! ” މާޔާ އަންހެންމީހާއަށް ބަލާލަމުން ކިޔާލިއިރު އެ ދެލޮލުގައި ކަރުނައިގެ މުތީތައް ވިދާލިއެވެ. ” އާދޭ އެތެރެއަށް. ދައްތަ ކޮން ދުވަހެއް މާޔާ ނުފެނިގެން އުޅޭތާ.. ވަރަށް އުފާވެއްޖެ މާޔާ ފެނުނީމަ..” ސަމީރާ މާޔާގެ އަތުގައި ހިފައިގެން ހިނގައިގަތީ ގޭ ތެރެއަށެވެ. މާޔާ ހިނިތުންވެލަމުން ސަމީރާއާ އެކީ ދިޔައެވެ. ސަމީރާ މާޔާ ގޮވައިގެން ގޮސް އިށީދެލީ ސިޓިންރޫމުގެ ހުރި އުނދޯލީގައެވެ. ޒަމާނީ ފަރްނިޗަރގައި މުޅިގެ ޑިޒައިން ކޮށްލާފައި ވަނީ ނިކަން ހިތްގައިމު ގޮތަކަށެވެ. “އެއްވެސް މީހަކު ނޫޅެނީތަ ގޭގަ؟ ” ގޭތެރެ އޮތް ހަމަހިމޭންކަމުން މާޔާ ސުވާލުކޮށްލިއެވެ. ” ނޫން. ޝާނިމްއާއި ޝާޔަން އެބައުޅޭ ކޮޓަރީގަ. ޝަހާ ވީ ބޭރަށް ގޮއްސަ ” ސަމީރާ މާޔާ ގާތުގައި ކާންވީނުންހޭ އަހާލިއެވެ. މާޔާ ދެންމެ މިއައީ ކައިގެންނޭ ބުނެލިއެވެ. ވެދިޔަ ހުރިހާ ކަމަކަށް ފަހުވެސް ސަމީރާއްތަ މާޔާއާ އެހާ ރީތިކޮށް ވާހަކަ ދައްކާތީ މާޔާ އިނީ ހިސާބަކަށް އުދަގޫވެފައެވެ. ސަމީރާއްތަގެ މޫނަށް މާޔާ ބަލާލީ ދެރަވެފަ އިދެއެވެ.
” އަހަރެން މިއަދު މިވަނީ ސަމީރާއްތަ ކުރެން މާފަށް އެދުމުގެ ހައްގު ވެސް ގެއްލިފައި. އެކަމަކުވެސް ސަމީރާއްތައަށް ވަންޏާ ކޮންމެވެސް ދުވަހަކުން އަހަންނަށް މާފު ކޮށްދޭތި. އަހަންނަށް މިއަދު އެގުނީ ޒާހިރުބެ މަރުވި ވާހަކަ. އަހަންނާ ހެދި ސަމީރާއްތަ މިއަދު ފިރިއަކާ ނުލާ ތިއުޅެނީ. ސަމީރާއްތަގެ ކުދިން ބައްޕައަކާ ނުލާ އުޅެނީ. ހަގީގަތަކީ އަހަންނަށް ސަމީރާއްތަގެ މައާފު ހައްގުވެސް ނުވާކަން. ” މާޔާ ދެރަވެފައި އިނދެ ވާހަކަ ދެއްކީ އިސްޖަހައިގެން އިދެއެވެ. ދެލޮލުގައި ފުރިފައި ހުރި ކަރުންތައް ފޭބިޔަ ނުދިނުމަށް މާޔާ ތުންފަތުގައި ދަތްއަޅާލިއެވެ. ސަމީރާ މާޔާގެ ދަތްދޮޅީގައި ހިފާ އިސްއުފުލާލަމުން ނޫނެކޭ ބުނެލީ ކުޑަކޮށް ބޯހޫރާލަމުންނެވެ
” ދަރިފުޅާ ވެދިޔަ ކަމެއްވީ. އެހެންނޫނަސް ދައްތަ ދުވަހަކުވެސް މާޔާ ކުއްވެރިއެއް ނުކުރަން. ދައްތައަށް އެގޭ މާޔާގެ އެއްވެސް ކުށެއް ނެތްކަން. ” ސަމީރާ ހިނިތުންވެލާފައި މާޔާގެ ބުރަކަށީގައި ފިރުމާލީ އޯގާތެރިކަމާއެކުއެވެ. މާޔާ ސަމީރާއްތަގެ މޫނަށް ބަލާލީ ޔަގީންނުވެ އިދެއެވެ. މީހެއްގެ ހިތް މިހާ މަޑު ވާނީ ކިހިނެއްހެއްޔެވެ. ކުޑައިރުއްސުރެން ސަމީރާއްތަ އަބަދުވެސް މާޔާދެކެ ވަކިން ބޮޑަށް ލޯބިވެއެވެ. ފާއިޒުއާއި މަލީހާއާ ދެމީހުންކުރެ މީހަކުވެސް މާޔާއަށް ބާރަށް އެއްޗެއް ބުނެފިއްޔާ ސަމީރާ މާޔާ ދިފާއުކުރެއެވެ. އަމިއްލަ ދަރިންދެކެ ނުވާ ލޯބި ސަމީރާ މާޔާދެކެ ވެއެވެ. އެކަމާހެދި މާއިޝާ ރުޅިއައިސްގެން އެއްޗެހިވެސް ކިޔައެވެ.
” މާޔާ.. މިއަދު ދައްތަ ބޭނުން މާޔާ ގާތު މައާފަށް އެދެން.” ސަމީރާ ބުނެލި ޖުމުލައިން މާޔާ ހައިރާންވެފައި ސަމީރާގެ މޫނަށް ބަލާލީ ކޮންކަމަކަށްހޭ ކިޔާލަމުންނެވެ.
” ދައްތައަށް ހުރިހާ ކަމެއް އެގި ހުރެވެސް އެއްޗެކޭ ނުބުނެވުނީތީ. އާނ. ދަރިފުޅާ. ދައްތައަށް އެގޭ އެދުވަހު މާޔާ ދެއްކީ ހަގީގީ ވާހަކަތަކެއްކަން. އެއްވެސް މީހަކު މާޔާގެ ވާހަކަ ގަބޫލުނުކުރީ. ދައްތައަށް މަޖުބޫރުވީ ހުރިހާ އެއްޗެއް އެގި ހުރެވެސް އަނގަމަޑުންލައިން ހުންނަން. އެ ދުވަހު ދައްތަ މާޔާއާ އެއްކޮޅަށް ހުރި ނަމަ ފަހަރެއްގަ މާޔާގެ ދިރިއުޅުން ތިހެނެއް ނުވީސް. އުމުރު ދުވަހު މާޔާ ހިތާމަ ކުރާކަށް ނުޖެހުނީސް ކަންނޭގެ. ދައްތައަކީވެސް ކުއްވެރިއެއް. ” ސަމީރާ ކަރުނުން ފުރިފައިވާ ދެ ލޮލުން މާޔާއަށް ބަލާލިއެވެ. މާޔާ ސަމީރާގެ އަތުގައި ހިފާލަމުން ސަމީރާއްތަ ދުވަހަކުވެސް މާފަށްއެދެން ނުޖެހޭނެ ކަމަށް ބުނެލިއެވެ. މާޔާ އެންމެ ފަހުން ކެތްނުކުރެވިގެން ސަމީރާގެ ގައިގަ ބައްދާލާފައި ބާރަކަށް ރޯންފެއްޓިއެވެ. ސަމީރާ މާޔާގެ ބުރަކަށީގައި ފިރުމަމުން ނުރޯށޭ ބުނަމުންދިޔައެވެ. މާޔާ ހިތްފުރޭވަރު ވަންދެން ސަމީރާ އެ ގޮތުގައި އިނެވެ. އެންމެ ފަހުން މާޔާ ދުރުވެލުމުން ސަމީރާ ތެދުވެގެން ގޮސް ފެންތައްޓެއް ހިފައިގެން އައިސް މާޔާއަށް ދިނެވެ. މާޔާ މޫނުމަތި ރީތިކޮށްލަމުން ފެންތަށި ބޯލިއެވެ.
ސަމީރާއާއި މާޔާ ވާހަކަ ދައްކަން ތިއްބާ ގޭގެ ބޮޑު ދޮރު ހުޅުވާލާފައި ޒުވާން އަންހެން ކުއްޖަކު ވަނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.



Heyyy, me first
Ummm interesting !!! ❤ good luck saarah !! Adhi wes thankolheh dhigu kohli nama ? hama kiyaa hithun … !
Saarah kihineh thi hadhany konme kamehga suruhee thi alhaalany kn irakun thafseel libeyny ekamaku v interesting ingey aslu v salhi kn irakun next
Veh shalhi vahaka…ah bodah dhigu kohlaa eyrun ginaan kiyenre hahaha
ur story is simply amazing. and hope to c the next part soon.. love u..
v reethi bt dhigu kohladhyba plzzzzzzz,,,,,,,,,
V v salhi next partah inthixaar kuran
thank you everyone 🙂
Super work saraah..