“އާތިފް؟ ކިހިނެއްވެފަ؟” އެންމެންތައް ނިކުންނަން ތެދުވިއިރުވެސް އާތިފް ނުތެދުވެ އިނުމުން ފަރީޝާ އަހާލިއެވެ.ފަރީޝާ އެހެންއެހުމުން އާތިފް ސިހިގެންގޮސް އަވަހަށް އެތަނުން ތެދުވިއެވެ. “ފަރީމެން މިދަނީ ޕާޓީއަށް…ރޭގަވެސް ބުނީމެއްނު ކޯޓުން ނިކުންނަ ގޮތަށް ކައިވެނި ޕާޓީ ބާއްވަން ހަމަޖެހިފައިވާ ނަސަންދުރާއަށޭ ދާނީ” ފަރީޝާ ބުނެލިއެވެ.
“އާތިފް ނުލައިދިނަސް ހެޔޮ އެހެން ކާރެއްގަ އަހަރެެމެން މިދަނީ އައިލީންވެސް ގޮވައިގެން” ފަރީޝާ ބުނެލިއެވެ.ފަރީޝާ އެހެންބުނުމުން އައިލީން ގޮވައިގެން އެމީހުން ދިއުމަށާއި އާތިފް އިރުކޮޅަކުން އެތަނަށް ދާނަން ކަމަށްބުނެ ކޯޓުން ނިކުންނަން އޭނާ ތެދުވިއެވެ.
*******
ކޯޓުން ނިކުމެ ކާރަށްއެރި އާތިފަށް، ފަރީޝާމެން ޕާޓީއަށްދާން ނިކުތްތަން ފެނުނެވެ.އެމީހުންނާ ދިމާލަށް އާތިފް ބަލަން އިންދާ، އެމީހުން ކާރެއް ހުއްޓުވުމަށްފަހު އެރިއެވެ.ފަރީޝާމެން ދާމަންޒަރު ބަލަންއިން އާތިފްގެ ދެލޮލުން ހޫނުކަރުނަތައް އޮހޮރިގެންދިޔައެވެ.ހުރިހާ ވަގުތަކު ފަރީޝާގެ ކުރިމަތީގައި ބޭރުނުކޮށް ހިފަހައްޓާލި ވޭނީ ކަރުނަތައް ބަންޑުންކުރަމުން އާތިފް ދިޔައީ، ކެކުޅުން ލިބިފައިވާ އޭނާގެ ހިތަށް ކެތްނުކުރެވެމުންނެވެ.އެހިތުގައި ފަރީޝާއަށް ލޯބިއުފެދި، އެލޯބި ހާމަނުކުރެވި އުޅެނިކޮށް އެހެންމީހެއްގެ އަތްބަކަށް މިއަދު ފަރީޝާވުމުން، އޭނާއަށް މުޅިއުމުރަށް ފަރީޝާ ގެއްލުނީ ކަހަލަ އިހުސާސެއް ކުރެވުނެވެ.
ހިތުގެ އުދާސްތައް ކަރުނަައިގެ ސިފައިގައި ވަގުތުކޮޅަކު ބަންޑުންކޮށްލުމަށްފަހު، ލޯފުހެލާ އާތިފް ކާރު ސްޓާޓް ކުރިއެވެ.ކާރު ދުއްވާލަމުން އޭނާގެ ކައިރީގައި އޮތް ފޯމަށް ބަލައިލިއެވެ.އެއީ ފަރީޝާއަށް އޭނާގެ ގެއިން އެއްފުލޯ ހިބަކޮށްދިނުމަށްއެދި ތައްޔާރުކުރި ފޯމެވެ.ކައިވެނީގެ ހަދިޔާއަކަށް އެމީހުންނަށްދޭން އާތިފް ނިންމީ އެފޯމެވެ.އެހެންކަމުން އޭތި ޕާރުސަލްކުރަން ފިހާރައަކާ ދިމާލަށް އާތިފް ދުއްވާލިއެވެ.
************
ނަސަންދުރާއަށް ދެވުމާއެކު ޕާޓީއަށް ޒީނަތްތެރިކޮށްލާފައިވާ އެތަން ފަރީޝާމެނަށް ފެނުނެވެ.އެއާއެކު އެންމެންގެ ތުންފަތްމައްޗަށް ވެރިވީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ.ޕާޓީއަށް އައުމަށް ދައުވަތުދިން ވަގުތުޖެހެން ކައިރިވެފައިވާތީ، އެމީހުން ތައްޔާރުވާން އުޅުނެވެ.ކުޑަކުޑަ އެހަފްލާއަށް ފަރީޝާމެން ދައުވަތުދިނީ އާތިފާއި، ފަރީޝާ ކުރިންއުޅުނު ވަޒީފާގައި ދިމާވި އެކުވެރިންގެ އިތުރުން، މާލޭގައި ދިރިއުޅޭ ވިޔާމްގެ ރަށުމީހުންނަށެވެ.
**********
ވަގުތު ހިނގަމުންގޮސް ޕާޓީއަށް މީހުންތައް އަންނަން ފެށިއެވެ.ޕާޓީއަށް އައި އެންމެންވެސް ވިޔާމްގެ ދެމަފިރިންނާ ސަލާމްކޮށް އެމީހުންގެ ކައިވެންޏަށް މަރުހަބާ ކިއެވެ.
އުފާވެރި ކައިވެނީގެ ހަފްލާފެށ،ި ވިޔާމާ ފަރީޝާގެ ހިތުގައި އަނެއްކާވެސް އުފާވެރިކަމުގެ ހުޅުކޮޅު ރޯވިއެވެ.އަންނަ މީހުންނާ ސަލާމްކުރަން ކޮޅަށް ފަރީޝާއާ ވިޔާމް ތިބިއިރު، ވިޔާމްގެ މަންމަ ހުރީ އައިލީންނާއެކު އެކުއްޖާއަށް މުނިފޫހި ފިލުވައިދޭށެވެެ.
އެންމެންތައް އައިސް ކާތަށިތަކަށް އެއްޗެހިތައް އަޅާ ކާން އިށިންއިރުވެސް އާތިފް އެތަނަކަށް ނާދެއެެވެ.އެހެންކަމުން ވަގުތުކޮޅަކު ބަލާލުމަށްފަހު، އާތިފް ނައުމުން ފަރީޝާ އޭނާއަށް ގުޅިއެެވެ.ފޯމު ޕާރުސަލްކޮށް ނިމި ބޯ ހަމަޖައްސާލުމުގެ ނިޔަތުގައި އާތިފް ގެއަށް އައިސް އިށީންތަނާ ފަރީޝާ ގުޅަންފެށިއެވެ.ފަރީޝާ ގުޅުމުން އެކޯލަށް އާތިފް ޖަވާބުދިނެވެ.
ފޯނު ނެގުމާއެކު ފަރީޝާ އަހާލީ އާތިފް ހުރީ ކޮންތާކުތޯއެވެ.އެވަގުތު އާތިފްހުރީ މަގުމަތީގައި ކަމަށްބުނެ ފަރީޝާއަށް އޮޅުވާލިއެވެ.ގޭގައި ހުރިއްޔޭ ބުނެފިނަމަ ފަރީޝާގެ ސުވާލުތަކާ ކުރިމަތިލާން ޖެހޭނެކަން އިނގޭތީއެވެ. “ޕާޓީ ނިމޭއިރުވެސް ނާންނާތީ މިގުޅާލީ” ފަރީޝާ ބުނެލިއެވެ. “މިދަނީ ޓްރެފިކްގަ ޖެހިގެން ލަސްވީ” އާތިފް ބުނެލިއެވެ.ފަރީޝާގެ ކޯލު ބޭއްވުމާއެކު އާތިފް ސޯފާގައި ލެނގިލީ ބޮލުގައި އަތް އުނގުޅާލަމުންނެވެ.އަދިވެސް އޭނާ މުޅިއަކުން ހަމައަކަށް ނޭޅޭތީ ވަގުތުކޮޅަކު އަރާމުކޮށްލުމަށްފަހު ޕާޓީއަށްދާން ގެއިން ނިކުތެވެ.
*********
މަޑު ދުވެލީގައި ކާރު ދުއްވަމުންދިޔަ އާތިފް އިނީ ފަރީޝާގެ ހިޔާލުގައި ޖެހިފައެވެ.އެވަގުތު އުރީދޫއިން އޭނާގެ ފޯނަށް މެސެޖެއް އައި އަޑު އިވުމުން އާތިފް ސިހިގެންގޮސް ފޯނަށް ބަލާލިއެވެ.އެއާއެކު ވަގުތު ހިނގާފައިވާ ވަރު އާތިފަށް ފެނުނެވެ.ހައެއް ޖަހަން އިނީ ވިހިވަރަކަށް މިނެޓް ވެފައެވެ.ފަރީޝާގެ ކައިވެނި ހަފްލާ ނިމެނީ ހައެއްޖަހާއިރުކަމުން ޕާޓީ ނިމެންއިނީ ވަރަށް ކުޑަވަގުތުކޮޅެކެވެ.އެހެންކަމުން އާތިފް އޭނާގެ ކާރުގެ ދުވެލި ބާރުކޮށްލީ އަވަހަށް ނަސަންދުރާއާ ހަމައަށް ފޯރުމުގެ ނިޔަތުގައެވެ.
ބާރު ސްޕީޑުގައި ކާރުދުއްވަމުން ދިޔަ އާތިފްގެ ހިތްދިޔައީ އިންތިހާއަށް ތެޅެމުންނެވެ.އެއީ ޕާޓީ ނިމުމުގެ ކުރިއަށް އޭނާއަށް އެތަނަށް ނުދެވިދާނެތީއެވެ.އެހެންކަމުން ހިތް ނުތަނަވަސްވެފައިވާ ވަރުން ރަނގަޅަށް ވިސްނާނުލާ ބާރު ދުވެލީގައި ހަނި ގޯޅިއަކުން ނިކުތް އާތިފްގެ ކާރުގޮސް ޖެހުނީ، މެދުމިނެއްގައި ދުއްވަމުން ދިޔަ ކުޑަ ޕިކަޕެއްގައެވެ.ބާރު ދުވެލީގައި ކާރުގޮސް ޖެހުމާއެކު ކާރުގެ ކުރީ ބިއްލޫރިގަނޑު ތެޅި އާތިފަށް ހީވީ އޭނާ އިން ސީޓުވެސް އޭނައާއެކު ވިއްސައިގެންދިޔަ ހެނެވެ.ކާރު ުޖެހުނުލެއް ބާރުކަމުން އާތިފްގެ ބޯފެޅި ބޮލުން ލޭފައިބައިގަތެވެ.އެއާއެކު މުޅިތަން އަނދިރިވެ މަޑުމަޑުން އާތިފްގެ ހެއަށް ގޮތްވެގެންދިޔައެވެ.
އެކްސިޑެންޓުވި ޕިކަޕުގެ އަރިމަތި ބަނޑިވުން ފިޔަވައި އެމީހާއަށް މާބޮޑު ގެއްލުންތަކެއް ނުވެއެވެ.އެހެންކަމުން އެމީހާ އަވަހަށް އާތިފްގެ ކާރު ކައިރިއަށް ދިއުމަށް އަވަސްވެގަތެވެ.ފިކަޕު ދުއްވަން އިން ޑުރައިވަރު ޕިކަޕުން ފޭބިއިރ،ު މީހުންތައް އެކްސިޑެންޓުވި ސަރަހައްދަށް މަޑުމަޑުން އެއްވަމުން ދިޔައެވެ.ޕިކަޕު ޑުރައިވަރަށް އާތިފްގެ ކާރު އޮތްގޮތް ފެނި ޝަހާދަތް ކިޔާލެވުނެވެ.އޭގެ ކުރި އޮތީ މުޅިން ފުނޑުފުނޑުވެފައެވެ.ކާރުގެ ކައިރިއަށް އެވަގުތު މީހުންތައް އެއްވަމުންދިޔައެވެ.ހޭނެތިފައިވާ އާތިފަށް ގޮވަމުން އެއްބަޔަކު ދިޔައިރު އަނެއްބަޔަކު އުޅުނީ އެމްބިއުލާންސަށް ގުޅޭތޯއެވ.ެ
*************
ޕާޓީ ނިމެން ވިހި މިނެޓަށްވިއިރުވެސް އާތިފް ނައުމުން ފަރީޝާ އަނެއްކާވެސް އޭނާގެ ފޯނަށް ގުޅިއެވެ.އާތިފްގެ ފޯނު ރިންގުވާން ފެށިތަން އެތަނުގައި ހުރި މީހަކަށް ފެނުމުން ވަގުތުން އެކޯލަށް ޖަވާބުދިނެވެ. “ކިހާ ހިސާބެއްގަ؟” ފޯނު ނެގުމާއެކު ފަރީޝާ އަހާލިއެވެ. “ހަލޯ” އެކޮޅުން ވާހަކަދެއްކީ އެހެންމީހެކެވެ.އެއަޑު ޖެހުމާއެކު އެއީ އާތިފެއް ނޫންކަން ފަރީޝާއަށް ވަގުތުން އެނގުނެވެ.
“ހަލޯ ތީ ކާކު ކޮބާ އާތިފް؟” ފަރީޝާ ހައިރާންވެފަ އަހާލިއެވެ.އެވަގުތު ބަޔަކު ވާހަކަދައްކަމުންދާ އަޑުތަކެއްވެސް ފަރީޝާއަށް އިވުނެވެ. “މި ފޯނުގެ ވެރިމީހާ އެކްސިޑެންޓުވެގެން މިއުޅެނީ…އޭނަ އޮތީ ހޭނެތިފަ..މިހާރު އެމްބިއުލާންސް އެބައާދޭ” އެމީހާ ބުނެލިއެވެ.އެމީހާ އެހެންބުނުމުން ފަރީޝާއަށް ހީވީ ފައިދަށުން ބިންގަނޑު ކެނޑުނުހެނެވެ.
“ކީކޭ އާތިފް އެކްސިޑެންޓުވީއޭ ކިހިނެއް؟” ހާސްވެގެންދިޔަ ފަރީޝާއަށް ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ.އެއާއެކު އޭނާ ގާތު ތިބި ވިޔާމާ ވިޔާމްގެ މަންމަ ފަރީޝާއާ ދިމާލަށް ބަލައިލިއެވެ. “އާނ އެކްސިޑެންޓުވެގެން..ކާރު ކުރި އޮތީ މުޅިން ފުނޑިފަ…ބާރު ސްޕީޑުގަ ގޯޅިން ނިކުތްގޮތަށް ޕިކަޕަކަށް އެރީ…ހީވަނީ ކޮންޓްރޯލް ނުވީހެން” އެމީހާ ބުނެލިއެވެ.
އާތިފް އެކްސިޑެންޓުވިކަން އެނގުމާއެކު ފަރީޝާމެން އުޅުނީ އެތަނަށްދާށެވެ.އާތިފްގެ ފޯނުން ފަރީޝާއާ ވާހަކަދެއްކިމީހާއަށް އެމްބިއުލާންސް އައިސް އާތިފްަ އެއަށްް އަރުވާތަން ފެނުމުން އެޚަބަރުދިނެވެ.އަދި އޭތި ދަނީ އައި ޖީ އެމް އެޗަށް ކަންވެސް ބުންޏެވެ.އެމީހާ އެހެންބުނުމާއެކު އައިލީންނާއެކު ވިޔާމްގެ މަންމަ އެމީހުން ދިރިއުޅޭ ގެއަށް ފޮނުވާލުމަށްފަހު، ފަރީޝާއާ ވިޔާމް އަވަސްވެގަތީ އައި ޖީ އެމް އެޗަށް ދާށެވެ.
ފަރީޝާމެނަށް އައި ޖީ އެމް އެޗަށް ފޯރުނު ވަގުތު އެނދެއްގައި އަވަސްފަރުވާދޭ ކޮޓަރިއަށް އާތިފް ވައްދަނީއެވެ.އެމަންޒަރު ފެނުމާއެކު ލައިގެން ހުރި ވެޑިންޑުރެސް އަތަށް ބޮނޑިކޮށްލުމަށްފަހު އެދިމާލަށް ފަރީޝާ ދުއްވައިގަތެވެ.އޭނާގެ ފަހަތުން ވިޔާމްވެސް ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.






Nice… Wainting for the next part… avahah up kurahcheyy??❤️