ކައިވެނީގެ ފޯމު ނެގުމަށްފަހު، އެދެމީހުން ކައިވެނިވާން އުޅޭކަމުގެ ޚަބަރު އެންމެނަށް ދޭން ނިންމިއެވެ.ވިޔާމް ބޭނުންވަނީ ވަރަށް ކުލަގަދަކޮށް މިފަހަރުވެސް ކައިވެނީގެ ހަފްލާ ބާއްވާށެވެ.ކައިވެނީގެ ޚަބަރު ވިޔާމް އޭނާގެ މަންމައަށް ދިނުމާއެކު، މަންމަ ވަގުތުން ދައްތައަށާއި ބައްޕައަށް އެޚަބަރު ދިނެވެ.އެއާއެކު އެންމެންވެސް ފަރީޝާމެނަށް ވަރަށް ހޫނު މަރުހަބާއެއް ކިއެވެ.
ފަރީޝާމެން ކައިވެނިކޮށްގެން ދިރިއުޅެން ބޭނުންވަނީ މާލޭގައިކަމާއި، އެގޮތަށް ނިންމީ އައިލީން މާލޭގައި އުޅޭތީކަމަށްވެސް އެމީހުން ވިޔާމްގެ މަންމައަށް ބުންޏެވެ.އެހެންނަމަވެސް ދޭތެރެއަކުން ރަށަށް ވެސް ދާނަން ކަމަށް ބުންޏެވެ.ފަރީޝާމެން މާލޭގައި އުޅުނަސް އެމީހުންގެ އެއްވެސް މައްސަލައެއް ނެތްކަމަށާއި، ކޮންމެތާނކު އުޅުނަސް، ދެމީހުން އެކުގައި ވުމުން ފުދޭކަމަށް އެވާހަކަތައް އަޑުއަހަން ހުރުމަށްފަހު ވިޔާމްގެ މަންމަ ބުނެލިއެވެ.
*********
ވިޔާމާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ފަރީޝާ އެނބުރި އައިލީންގެ ގެއަށްދާން ވިޔާމްމެން ދިރިއުޅޭ ގެސްޓްހައުސްއިން ނިކުތެވެ.އެގެއަށް ދެވުމާއެކު ސޯފާގައި އިން އާތިފަށް ކައިވެނީގެ ޚަބަރު ފަރީޝާ ދިނެވެ.އެޚަބަރު ލިބުމާއެކު އާތިފްގެ ހިތަށް ލިބިގެންދިޔައީ ފުން ހިތާމައެކެވެ.އެޚަބަރަކީ ކޮންމެވެސް ދުވަހަކުން ޔަގީނުންވެސް އޭނާއަށް އިވޭނެ ޚަބަރެއްކަން އިނގޭއިރުވެސްމެއެެވެ.ކިތަންމެ ދެރަވިނަމަވެސް ފަރީޝާމެނަށް އާތިފްވެސް މަރުހަބާކިއެވެ.އަދި އެމީހުން ކައިވެނިކުރަނީ ކޮންއިރަކުތޯ އެހިއެވެ.
“ވަރަށް އަވަހަށް…ފޯމުވެސް ނަގައިފިން…ވިޔާމާ ފަރީޝާއާ ދެމީހުން ޕްލޭންކޮށްގެން މިތިބީ ތަނެއް ކުއްޔަށް ހިފައިގެން މާލެއަށް ދިރިއުޅުން ބަދަލުކުރަން…އައިލީން ދޫކޮށްފަ ދާކަށް އެއްގޮތަކަށްވެސް ހިތެއްނުރުހޭ…ކައިވެނިކުރިއަސް އައިލީންނާއެކު ހަމަ މިހާރުވެސް މިއުޅޭގޮތަށް އުޅޭނީ..ރޭގަނޑު އައިލީން ނިދީމަ ވިޔާމާއެކު ކުއްޔަށް އުޅޭނެތަނަށް ދާނީ” ފަރީޝާ އޭނާގެ ޕްލޭން އާތިފާ ހިއްސާކުރިއެވެ.
“އެކަމަކު ފަރީޝާމެންނަށް އަބަދަކު އެހެނެއްވެސް ނޫޅެވޭނެއެއްނު…އައިލީން ބަލަން އެހެންމީހަކު ހޯދާނީ…އެކަމަކު ފަރީޝާއަށް ހަމަކޮންމެވަގުތަކުވެސް އައިލީން ދެކެލުމަށް މިގެއަށް އާދެވޭނެ” އައިލީންނަށްޓަކާ ފަރީޝާމެންގެ ޒަވާޖީ ހަޔާތުގެ މިނިވަންކަމަށް ހުރަސްއެޅޭތީ އާތިފް ބުނެލިއެވެ. “ނޫނޭ ވިޔާމްވެސް ބޭނުންވަނީ މިގޮތް…އަހަރެމެންގެ މިހާރު އޮތް އެންމެބޮޑު ހިތްހަމަޖެހުމަކީ އައިލީން” ފަރީޝާ ބުނެލިއެވެ.
***********
ދުވަސްތައް ހިނގަމުންގޮސް ފަރީޝާމެން ކައިވެނިވާ ދުވަސް ޖެހުނެވެ.ކައިވެނީގެ ހެދުންފަހާ ނިމި، އެކަމަށް އެމީހުން ތައްޔާރުވިއެެވެ.އައިލީންނަށްވެސް އެމީހުންގެ އަންނައުނުތަކާ ގުޅޭގޮތަށް ޕާޓީ ހެދުމެއް ފަރީޝާމެން ފެހިއެވެ.
ނަލަހެދިލައިގެން ކައިވެނިކުރަން ކޯޓަށްދާން ފަރީޝާއާ އައިލީން ގެއިން ނިކުތްއިރު، އާތިފްވެސް އުޅެނީ އެމީހުންގެ ހެކިވެރިއެއްގެ ގޮތުގައި ދިއުމަށް ތައްޔާރުވާށެވެ.ފަރީޝާ އޭނާ ގާތު ހެކިވެރިއެކަށް ވެދިނުމަށް އެދުމުން އެކަމާ ދެކޮޅުހަދަން އާތިފަށް ނުކެރުނީއެވެ.ހަގީގަތުގައި އެދެމީހުން ކައިވެނިވާ މަންޒިލުގައި ބައިވެރިވާކަށް އާތިފް އެއްގޮތަކަށްވެސް ބޭނުމެއްނުވެއެވެެ.އެއީ އޭނާގެ އިހުސާސްތައް ކޮންޓްރޯލް ނުކުރެވިދާނެތީއެވެ.އެމީހުން ކުރިމަތީގައި ދެރަވެ ރޮވިދާނެތީއެވ.ެ
ކޮންމެގޮތެއްވިއަސް ފަރީޝާމެންގެ ކައިވެނީގެ ހަފްލާއަށް އާތިފްވެސް ކޮންމެވެސް ކަމެއް ކޮށްދޭން ބޭނުންވިއެވެ.އެހެންނަމަވެސް ހުރިހާ ޚަރަަދެއްކުރާނީ ވިޔާމްކަމުގައި ފަރީޝާބުނެ، އާތިފްގެ ފަރާތުން އެއްވެސް އެހީއެއް އޭނާ ބޭނުމެއްނުވިއެވެ.ކަން މިހެންއޮތަސް، އެއްޗެއް ނުދީ ހުސްއަތާ ހުންނާކަށް އާތިފް ބޭނުމެއްނުވިއެވެ.ފަރީޝާއަށް ކައިވެނީގެ ހަދިޔާއެއް ތައްޔާރުކުރާތާ އާތިފް ދުވަސްކޮޅެއްވެއްޖެއެެވެ.އެއީ އޭނާގެ އަމިއްލަ ގެއިން ފަރީޝާއަށް އެއްފުލޯ ހިބަކޮށް ދިނުމެވެ.
އައިލީންނަށް އޯގާތެރިވެ، އަނެއްކޮޅުން ފަރީޝާގެ އަމިއްލަ އުފާވެރި ހަޔާތަށްވުރެ އައިލީންްނާއެކު ވުމަށް އޭނާ އިސްކުރުމުންު، އާތިފް ފަރީޝާއަށް ކުރި އިތުބާރު އެތައް ގުނައަކަށް އުފުލިގެންދިޔައެވެ.އެއް ފުލޯއަކީ ފަރީޝާ އޭނާއަށާއި އައިލީންނަށް ކޮށްދިން އަދި ކޮށްދެމުންދާ ކަންތަކާ ބަލާފަ އެއްވެސް އެއްޗެއް ނޫންކަން އާތިފަށް އެނގެއެވެ.އެހެންނަމަވެސް މާލެއަށް ފަރީޝާމެން ދިރިއުޅުން އެއްކޮށް ބަދަލުކުރާ ވާހަކައާއި، އައިލީންނާއެކު ވުމަށް އެމީހުން އެދޭތީ، އެއަށްވުރެ ރަނގަޅު ހަދިޔާއެއް އާތިފަށް އެމީހުންނަށް ދެވެން ނޯންނާނެއެވެ.އާތިފްގެ ގާތް ލޯޔަރަކާ ވާހަކަދައްކައިގެން ފަރީޝާގެ ނަން މައްޗަށް ގެއިން އެއްފުލޯ ބަދަލުކުރުމުގެ މަސައްކަތް ކޮށް އޭގެ އެންމެ ފަހުގެ މަރުހަލާއަށް ވަނީ ވާސިލްވެފައެވެ.ފަރީޝާގެ ނަމަށް ތަން ބަދަލުކުރަން މިހާރު ހަމައެކަނި ބޭނުންވަނީ ފަރީޝާގެ ސޮޔާ އޭނާގެ އިނގިލީގެ ނިޝާނެވެ.
**********
ލޯގަނޑު ކުރިމަތީގައި ހުރެ ކޯޓަށްދާން އާތިފް ތައްޔާރުވަމުންދިޔައެެެވެ.އެވަގުތު ލޯޔަރު އޭނާއަށް ގުޅިއެވެ.ލޯޔަރު ގުޅީ ފަރީޝާގެ ނަންމައްޗަށް ގެއިން އެއްފުލޯ ބަދަލުކުރާކަމުގެ ފޯމު ނިމިއްޖެކަމަށާާއި އެބަލާއައުމަށް ބުނުމަށެވެ.އެހެންކަމުން ކޯޓަށް ދިއުމުގެ ކުރިއަށް އާތިފް އެފޯމު ނަގަންދިޔައެވެ.
*******
އެންމެންތައް ކައިވެނިވާ މަންޒިލަށް ޖަމާވިއިރުވެސް އާތިފް އެތަނަކަށް ނާދެއެެވެ.އެވަގުތު އާތިފްހުރީ ކޯޓާ ކައިރި ސަރަހައްދެއްގައި ކާރު ޕާކަށްޖަހައިގެން ކާރު ތެރޭގައެވެ.އޭނާ ދިޔައީ އެތަނަށް ވަންނަން ހިތްވަރު އެއްކުރަމުންނެވެ.އާތިފް އައުން ލަސްވުމުން ކައިވެނި ކޮށްދިނުން ނުފެށިފައިވާތީ ފަރީޝާ އާތިފްގެ ނަންބަރަށް ގުޅާލިއެވެ.ފަރީޝާ ގުޅިވަގުތު އާތިފް އިނީ ކާރު ސީޓުގައި ބޯއަޅާލައިގެން ދެލޯފިއްތާ ބާރުކޮށްގެނެވެ.
ފަރީޝާ ގުޅުމުން އެކޯލަށް ވަގުތުކޮޅަކު ބަލަންއިނުމަށްފަހު އާތިފް ޖަވާބުދިނެވެ. “އާތިފް ކިހާ ހިސާބެއްގަ؟” ފަރީޝާ މަޑުމައިތިރިކަމާއެކު އަހާލިއެވެ. “ސޮރީ ކުޑަކަމެއްކުރަންވެގެން ލަސްވީ މިގާތްކުރަނީ” އާތިފް ހަގީގަތް އޮޅުވާލަމުން ބުނެލިއެވެ.ފަރީޝާގެ ކޯލު ބޭއްވުމާއެކު ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އާތިފް ކޯޓުގެ ތެރެއަށް ވަންނަން ހިނގައިގަތެވެ.
ކޯޓުގެ އެތެރެއަށް ވަންނަމުންދާ ވަރަކަށް އާތިފްގެ ހިތް ދިޔައީ އޮބި ނޯންނަވަރަށް ތެޅެމުންނެވެ.ކައިވެނިވާ ހޯލުތެރެއަށް އާތިފަށް ވަދެވުނު ވަގުތު، އެންމެންވެސް އޭނާއާ ދިމާލަށް ނަޒަރު ހުއްޓިފައިވެއެވެ.ކައިވެނިކޮށްދޭ ގާޒީއިން ފެށިގެން ދެވަނަ ހެކިވެރިޔާއ،ާ ވިޔާމާ އޭނާގެ މަންމަގެ އިތުރުން ފަރީޝާއާ އައިލީންވެސް މެއެވެ.ވިޔާމްގެ މަންމަ ގާތު އިން އައިލީންނަށް އާތިފް ފެނުމުން ބައްޕީއޭ ކިޔާ ގޮވާލިއެވެ.
އެތެރެއަށް ވަދެ ހެކިވެރިންގެ ގޮނޑީގައި އާތިފް އިށީނުމާއެކު ގާޒީ ކައިވެނީގެ މަރުހަލާ ކުރިއަށް ގެންދިޔައެވެ.ގޮނޑީގައި އިން އާތިފްގެ ނަޒަރު ހުއްޓިފައިވަނީ ފަރީޝާއަށެވެ.ކައިވެނީގެ ހުދުހެދުމުގައި ފަރީޝާ މިއަދު ވަރަށް ޗާލެވެ.އެތައް އިރެއް ފާއިތުވެގެން ދިޔައިރުވެސް އާތިފަށް އޭނާއާ ދިމާލަށް ބެލުން ނުހުއްޓެއެވެ.ދޭތެރެއަކުން ފަރީޝާއާ ވިޔާމާ އެކަކު އަނެކަކަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލާލާތަންވެސް އާތިފަށް ފެނެއެވެ.
ގާޒީއަށް ލިބިދީފައިވާ ބާރުން އެދެމީހުންގެ ކައިވެނި ކޮށްދެވުނެވެ.ވިޔާމް އަނބި ގަބޫލުކޮށްފީމޭ ބުނި ވަގުތަކީ އާތިފްގެ ހިތަށް ތޫނު ތީރުތަކެއް ހަރާލިހެން ހީވި ހިނދުކޮޅެކެވެ.ހިތަށް އެރި ކުއްލި ތަދުން އޭނާއަށް ވަގުތުކޮޅަކު ނޭވާ ހިފަހައްޓާލަން ޖެހުނެވެ.އެހެންނަމަވެސް ވަރަށް ކެތްތެރިކަމާއެކު ކައިވެނިކޮށްދިނުން ނިމެންދެެން އާތިފް އިނެވެ.
**********
ފަރީޝާއާ ވިޔާމްގެ ކައިވެނިކޮށްދިނުން ނިމުމުން އެންމެންތައް އެތަނުންދާން ތެދުވިއެވެ.މިއަދަކީ ފަރީޝާއާ ވިޔާމްގެ ހަޔާތަށް ޒަމާންގަނޑަކަށްފަހު އުފާވެރިކަން އައި ދުވަހެއް ނަމަވެސް، އާތިފްގެ ހަޔާތަށް ހިތާމަވެރިކަން ކުރިމަތިވި ދުވަހެކެވެ.އެންމެންތައް ދާން ތެދުވިއިރުވެސް އާތިފަށް އިނދެވުނީ ވިޔާމަށާއި ފަރީޝާއާ ދިމާލަށް މޮޅިވެރިކަމާއެކު ބަލާށެވ.ެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Wow!varah reethi engey!??
keep it up☝
Nice.. Dunno oii bayah inthizaaru kuran❤️