ފޯމުގައި ސޮއިކޮށް، އޮޕޮރޭޝަން ކުރުމުގެ ކުރިން ފުރަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ފުރާ ނިމުނެވެ.އެއޮޕޮރޭޝަނަކީ ވަކި ތައްޔާރީތަކެއްވެގެން ކުރާ އޮޕޮރޭޝަނެއްކަމުން، ވިޔާމް އޮޕޮރޭޝަން ކުރަން ހަމަޖެހުނީ މާދަމާއަށެވެ.އެހެންކަމުން އެމީހުން މާދަމާ ހޮސްޕިޓަލަށް އަންނަގޮތަށް އެތަނުންދާން ނިކުތެވެ.
***********
ފަރީޝާ ދިއުމުން މުޅިގޭތެރެއަށް ފަޅުކަން އިހުސާސްކުރެވުނެވެެ.އެންމެ ބޮޑަށް ފަޅުކަން އިހުސާސްވީ އާތިފްގެ ހިތަށެވެ.ފަރީޝާ ދިއުމުން އޭނާގެ ހަށިގަނޑުން ބައެއް އުނިވެގެންދިޔަހެން، ބެލްކަނިތެރޭގައި ނެގިމަޑުވެފައި އިން އާތިފަށް އިހުސާސްކުރެވެމުންދިޔައެވެ.ފަރީޝާ ދިއުމުން ވަޒީފާއިން ދެހަފްތާގެ ޗުއްޓީއެއް ނަގައިގެން އައިލީން ބަލަން އާތިފް ގޭގައި މަޑުކުރިއެވެ.ނަމަވެސް އޭނާގެ ހިތުގައި އުފެދޭ ސުވާލަކީ ފަރީޝާ އެނބުރި އެގެއަށް އަންނާނެބާވައެވެ.ނާންނާނެ ވާހަކަ ފަރީޝާ ބުނެފައިނުވާތީ ދެހަފްތާއަށް އޭނާއަށް މަޑުކުރުމަށްފަހު އެހެން މީހަކު އައިލީން ބަލަން ހޯދާނީ ކަމުގައި އާތިފް ނިންމިއެވެ.
އެކި ހިޔާލުގައި އިން އާތިފްގެ ފޯނަށް ވައިބަރ ކޯލެއް އައެވެ.ގުޅަނީ ފަރީޝާ ކަމުން ކުއްލިއަކަށް އޭނާގެ ހިތް ތެޅިލިއެވެ.އަވަހަށް އެކޯލު އޭނާ ނެގިއެވެ.ފަރީޝާ ގުޅީ އައިލީން ކޮބައިތޯ ބަލާށާއި، ވިޔާމްގެ އޮޕޮރޭޝަން މާދަމާ ކުރެވޭނެ ވާހަކަ ބުނަންވެގެނެވެ.އަދި ފަރީޝާއެކޭ އެއްވަރަށް ވިޔާމްވެސް އައިލީން ހަނދާންވާ ކަމަށް ފަރީޝާ އާތިފް ގާތު ބުންޏެވެ.
“އައިލީން އޮތީ ނިދާފަ” އާތިފް ޖަވާބުގައި ބުނެލިއެެވެ.އާތިފާއި ކުޑަކޮށް ވާހަކަދައްކާލުމަށްފަހު ފަރީޝާ ފޯނު ބޭއްވީ އަދި އައިލީންނާ ވާހަކަދައްކާލަން ގުޅާނަން ކަމަށް ބުނުމަށްފަހުއެވެ.ފަރީޝާއާ ވާހަކަދެއްކުމަށްފަހު ފޯނުބޭއްވިތަނާ އައިލީން ހޭލިއަޑު އާތިފަށް އިވިގެން އަވަހަށް އެކޮޓަރިއާ ދިމާލަށް ދިޔައެވެ.
“މޯނިން ދަރިފުޅޫ” އައިލީން އުރާލަމުން އާތިފް ބުނެލިއެވެ. “މޯނިން ބައްޕީ” އައިލީންވެސް ބުނެލިއެވެ.އބިންމައްޗަށް ފޭބި އައިލީން އުފަލުން ސިޓިންރޫމަށް ނިކުތެވެ.ހަލުވިމިނުގައި ސިޓިންރޫމަށް ނިކުތް އައިލީން ހުއްޓިލިއެވެ.އަދި ދެފަރާތަށް އެނބުރި ބަލާލުމަށްފަހު ފަހަރަކު ތަނެއް ހޯދަން ފެށިއެވެ.ބެލްކަނިތެރެއާ ބަދިގޭގެ އިތުރުން ކާޑުގެ ބާވަތްތައް ބަހައްޓާފައި ހުރި ގުދަންތެރެވެސް ބެލިއެވެ.އެކުއްޖާ އުޅޭގޮތުން އޭނާ އެހޯދަނީ ފަރީޝާކަން އާތިފަށް ޔަގީންވިއެވެ.އެހެންނަމަވެސް އެއްޗެކޭ ނުބުނެ އައިލީންގެ ހަރަކާތްތައް ބަލަން އާތިފް ދެރަވެފައި ހުއްޓެވެ.އާތިފް ބޮޑުމީހާއަށްވެސް ފަރީޝާއާ ނުލާ އުޅެން ދަތިވާއިރު، އައިލީން ކަހަލަ ކުޑަކުއްޖަކަށް އަމުދުން ކުރާނެ އަސަރު އޭނާއަށް ރަނގަަޅަށް އެނގެއެވެ.
“ކޮބާ މަންމި؟” ތަންތަން ހޯދުމަށްފަހު ފަރީޝާ ނުފެނުމުން އައިލީން ދެރަވެލާފައި އާތިފް ގާތު އަހާލިއެވެ.އެއާއެކު އާތިފްގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. “މަންމި …މަންމި…މަންމި ވީ އެހެން ރަށަކަށް ގޮސް” ނުހަނު އުދަނގުލާއެކު އެހެންނަމަވެސް ހަގީގަތަށް އާތިފް ބުނެލިއެވެ.އެއީ ކޮންމެދުވަހަކު އައިލީން ކައިރި ދޮގުހެދުމަކީ އޭނާއަށް ފަސޭހަކަމަކަށް ނުވާނެތީއެވެ. “ކޮން ރަށަކަށް ދިޔައީ؟…ހިނގާ ދާން މަންމި ކައިރިއަށް” އާތިފްގެ އަތުގައި ހިފާލަމުން ދޮރާ ދިމާލަށްދާން އައިލީން އުޅުނެވެ. “ދަރިފުޅޫ މަންމި ވީ ވަރަށް ދުރު ރަށަކަށް ގޮސްފަ….މަންމި އަންނާނީ ވަރަށް ގިނަ ދުވަސް ފަހުން” ކުޑަކުޑަ އައިލީންނަށް ވިސްނައިދެވޭތޯ އާތިފް މަސައްކަތްކޮށްލިއެވެ.އާތިފް އެހެންބުނުމުން އައިލީން ރޯންފެށިއެވެ.އަދި ފަރީޝާ ގާތަށް ދާން ބޭނުންވާ ކަމަށްބުނެ ދޮރާ ދިމާލަށް އާތިފް ގެންދަން އެކުއްޖާ ގަދަހެދިއެވެ.
**********
އޮފޮރޭޝަން ކުރަންޖެހޭތީ ވިޔާމް ހުރީ ކުޑަކޮށް ނުތަނަވަސްވެފައެވެ.އޭނާއަށް ބަލައިފިމީހަކަށް ނަމަ އެމޫނުމަތީގައިވާ ހާސްކަން ފަސޭހަކަމާއެކު ދެނެގަނެވޭނެކަން ގަައިމެވެ.އެހެންނަމަވެސް އޭނާދެކެ ލޯބިވާ މީހުންނަށްޓަކާ ގަނެފައިވާ ބިރަށް ބެލުމެއްނެތި އެއޮޕޮރޭޝަން ކުރަން ވިޔާމް ހުރީ ތައްޔާރަށެވެ.
ވަގުތުތައް ހިނގަމުންދާ ވަރަކަށް އައިލީންގެ މަތިން ފަރީޝާއަށް ހަނދާންވަމުން ދިޔައެވެ.އޭނާއަށް އިހުސާސްކުރެވެނީ އުފަންދަރިއަކާ ދުރުގައި ހުރެވޭހެނެވެ.އެހެންކަމުން އާތިފަށް މިއަދު އޭނާއަށް ގުޅުނު އަދަދެއްވެސް ނޭނގެއެވެ.ވިޔާމްވެސް އައިލީން ހަނދާންވާ ވާހަކަ އިރުއިރުކޮޅާ ފަރީޝާ ގާތު ބުނެއެވެ.
ފަރީޝާއަށް އެހާ ގިނައިން ގުޅުނުއިރުވެސް އާތިފަށް އެކޯލަށް ޖަވާބުދެވުނީ އެންމެ ދެތިންފަހަރަކުއެވެ.ގިނަގުތު ހޭދަވީ އައިލީން ރޯވަރުން އެކުއްޖާ މަސަލަސް ކުރެވޭތޯ ކަމުން، ފަރީޝާގެ ގިނަކޯލުތަކަށް އޭނާއަށް ޖަވާބުނުދެވުނީއެވެ.ރޮއެރޮއެފައި އައިލީންނަށް ނިދޭވަގުތުތަކުގައި ފަރީޝާގެ ކޯލަށް އާތިފް ޖަވާބުދޭއިރު، ފަރީޝާ އެހިއަސް އައިލީން ރަނގަޅުކަމަށްބުނެ އެކުއްޖާ ރޯވާހަކަ އާތިފް ސިއްރުކުރެެއެވެ.އެއީ އައިލީން ރޯވާހަކަ ބުނެފިނަމަ ފަރީޝާ އެކުއްޖާއާ ވާހަކަދައްކަން އުޅެފާނެތީއެވެ.ފަރީޝާ ވާހަކަދައްކައިފިނަމަ އައިލީން އިތުރަށް ގޯސްވެދާނެތީއެވެ.އަނެއްކޮޅުން ފަރީޝާ އައިލީން ހޯދަން ކިތަންމެ ވަރަކަށް ގުޅިއަސް ދެން އެނބުރި އެގެއަށް އޭނާ އައިސްދާނެ ކަމާމެދު އާތިފަށް ޝައްކުވާތީ ފަރީޝާގެ ހަނދާން އައިލީންގެ ހިތުންވެސް ފުހެލަން އާތިފް ބޭނުންވާތީއެވެ.އެއީ އޭނާ ފަރީޝާދެކެ ރުޅިއައިސްގެން ކުރާ ކަމެއްނޫނެވެ.އެތުއްތު އައިލީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.
***********
ވަގުތުތައް ހިނގަމުންގޮސް އިރުއެރި އިރުވެސް ވިޔާމްގެ އިތުރުން ފަރީޝާގެ ލޮލަކަށްވެސް ނިންޖެއް ނައެވެ.ކުރަން އުޅޭ ބޮޑު އޮޕޮރޭޝަންގެ ސަބަބުން ވިޔާމްގެ އިތުރުން ފަރީޝާވެސް ޖެހިލުންވެއެވެ.ވާނެ ގޮތެއް ނޭނގޭތީއެވެ.އަނެއްކޮޅުން އައިލީން ރޯވަރުން އާތިފަށްވެސް ރޭގައި ލޮލުފިޔައެއް ޖެހޭވަރެއް ނުވިއެވެ.ނިދިފައި ހޭލެވޭ ކޮންމެފަހަރަކު އައިލީންގެ ކަމަކީ ރުއިމެވެ.އޭނާއަށް ކާންދޭންވެސް އާތިފް އުޅުނީ ވަރަށް ހާލުގައެވެ.
ރެއިން ފެށިގެން ފަރީޝާގެ ކަމަކީ ވިޔާމްގެ އޮޕޮރޭޝަން ކާމިޔާބުވެ އޭނާއަށް ޝިފާއެއް ދެއްވުމަށްއެދި ހެއްދެވި ފަރާތަށް ދުއާ ކުރުމެވެ.ވިޔާމްގެ ހާލަކީވެސް އެޔެވެ.އަބަދު އޭނާ އިންނަނީ ދުއާ ކޮށްލަކޮށްލައެވެ.އޭނާގެ އަމިއްލަ ނަފްސަށްވުރެ ފަރީޝާއަށާއި ލޯބިވާ އާއިލާ މީހުންނަށްޓަކާ އޭނާ މިހާރު ދުނިޔޭގައި ހުންނަން ކިތަންމެހާވެސް ބޭނުންވެއެވެ.
ހެނދުނު ޟުހާ ނަމާދުކޮށްލައިގެން ހެނދުނުގެ ޒިކުރުތައް ކޮށްލުމަށްފަހު، އާތިފަށް ފަރީޝާ މެސެޖެއްކޮށްލިއެވެ. “މޯނިން…ކޮބާ ދަރިފުޅު؟ އައި މިސް ހާރ” ފަރީޝާގެ މެސެޖުގައި ވެއެވެ.ވަގުތުކޮޅަކު ފޯނު އަތަށްލައިގެން ފަރީޝާ އިން އިރުވެސް ޖަވާބެއްު ނައުމުން އާތިފް އަދި ނުހޭލަނީކަމަށް ފަރީޝާ ނިންމިއެވެ.
**********
ވަގުތުތައް ހިނގަމުންގޮސް ވިޔާމް ހޮސްޕިޓަލަށް ދާވަގުތު ޖެހުނެެވެ.ޑަކުޓަރުގެ އިރުޝާދުގެ މަތިން ވަކި ބާވަތްތަކެއް ކެއުމަށްވެސް ބޭނުންކުރުމަށްފަހު، ހޮސްޕިޓަލަށްދާން ދުއްވާ އެއްޗަކަށް އެމީހުން އެރިއެވެ.ހޮސްޕިޓަލަށް ދެވެންދެން ވިޔާމް އިނީ ފަރީޝާގެ އަތުގައި ހިފާ ބާރުކޮށްލައިގެނެވެ.މުޅި މީހާ އިނީ ފިނިވެފައިކަން ވިޔާމްގެ އަތުގައި ހިފައިގެން އިން ފަރީޝާއަށް ވިޔާމްގެ އަތުގެ ފިނިކަން އިހުސާސްވުމުން އެނގުނެވެ.
“ބިރުނުގަނޭ…އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ” ވިޔާމްގެ އަތުގައި ބޮހެއް ދެމުން އޯގާތެރިކަމާއެކު ފަރީޝާ ބުނެލިއެވެ.ފަރީޝާ އިނީ އެކަން ކާމިޔާބު ކުރައްވާތޯ ހިތާހިތުން ދުއާކޮށްލަ ކޮށްލައެވެ.އެއްކޮޅުން ފަރީޝާ އަނެއްކޮޅުން ވިޔާމްގެ މަންމަ ވިޔާމަށް، ހޮސްޕިޓަލަށްދިޔަ މަގުމަތީ ވަރަށް ހިތްވަރު ދިނެވެ.
ހޮސްޕިޓަލަށް ދެވުމާއެކު އެމީހުން އަވަސްވެގަތީ ޑަކުޓަރުގެ ގާތަށް ދިއުމަށެވެ.ޑަކުޓަަރަށް ވިޔާމް ފެނުމުން އޮޕޮރޭޝަނަށް އޭނާ ތައްޔާރުކުރުވަން އޮޕޮރޭޝަން ރޫމާ ޖެހިގެން އިން ކޮޓަރިއަށް ވިޔާމް ވެއްދިއިރ،ު ފަރީޝާއާ ވިޔާމްގެ މަންމަ ތިބީ އޮޕޮރޭޝަން ކުރާ ކޮޓަރީގެ ދޮރުމަތީގައެވެ.އިސާހިތަކު އެނދަކަށް ލައިގެން އޮޕޮރޭޝަންކުރާ ކޮޓަރިއަށް ވައްދަން ވިޔާމް ނެރުނެވެ.
އެނދުގައި އޮތް ވިޔާމް ފެނުމާއެކު ފަރީޝާއާ އޭނާގެ މަންމަ އެދިމާލަށް ދުއްވައިގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.






Alhey wiyaam ah dheragotheh nuhadhahchey fareesha maru vx vedhaane
Mi part VX vrh vrh vrh vrh vrh vrh vrh vrh vrh vrh vrh reethi ??
Waiting for the next part
thanks dear hudhakko?