ވަފްދާ އުފާކުރިއެވެ. އެ ޒުވާން ހަށިގަނޑާއި އަލިދޮންމޫނާއި ފަން ބޮލާއި ލުއި ހިނިތުން ވަފްދާގެ ހިތް ލަންބުވައިލައިފިއެވެ.
” އަލްތާފް” ޝިހާމް އާއި ނާހިދާ އެމީހުން ގާތަށް އައެވެ.
” ލައްބަ. ވަރުދާގެ ބައްޕަ ކިހިނެތް؟” އަލްތާފް އެހިއެވެ. “ރަގަޅު. އަލްތާފް މިތާ…
” އަޅުގަނޑު ބުނެގެން އައީ” ބައްޕަގެ ވާހަކަ ފުރިހަމަނުކުރެވެނީސް ވަރުދާ ބުނެލިއެވެ. ވަރުދާ ވަރުދާގެ މައިންބަފައިންނަށް އަފާފް އާއި އާމިނާ އާއި އަނަސް ތަޢާރަފްކޮށްދިނެވެ. ” މި އެންމެން އައީ ވަރުދާ ބުނެގެންތަ؟” ނާހިދާ އެހިއެވެ. ” އެއީ ވާހަކައެއް ބުނަންވެގެން” ވަރުދާ މިހެންބުނުމުން ވަރުދާ މިއުޅެނީ ކޮންމެވެސް ބޮޑުވާހަކައެއް ބޮޑު ސިއްރެއް ބުނަންކަން ނާހިދާ އަށާއި ޝިހާމްއަށް އަދި އާމިނާ އިޙްސާސްވިއެވެ. ” ކޮންވާހަކައެއް؟ އަލްތާފް ދަންނަނީ ކިހިނެތް؟” އާމިނާ އެހިއެވެ. ” އަހަރެން .. އަހަރެމެން …އަހަރެމެން މިއުޅެނީ…”ވަރުދާއަކަށް އިތުރަކަށް ނުބުނެވުނެވެ. ބުނާކަށް ނުކެރުނެވެ. އެކަމަކު އެ ހިސާބުން އެމީނުންނަށް ބުނަން އުޅުނީ ކީކޭކަން އެނގިއްޖެއެވެ. ” ރައްޓެހިވެގެންތަ؟ ނާހިދާ އެހިއެވެ. ވަރުދާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ. އާމިނާ ހުރީ ހައިރާންވެފައެވެ. އެހައި ބޮޑުވާހަކައެއް އަލްތާފް މިހައި ދުވަހު ސިއްރުކުރީމައެވެ. އަލްތާފްގެ ބައްޕަ ޝިހާމްވެސް ހަމަ އެފަދައެވެ. އެކަމަކު ނާހިދާހުރީކީޔެއް ހައިރާންވެފައެއްނޫނެވެ.
ނާހިދާ ހުރީ ހިނިތުންވެ ހިތްހަމަޖެހިގެންނެވެ. ހީވާގޮތުން ކުރިންވެސް ހުރީ އަލްތާފް އާއި ވަރުދާގެ ގުޅުމަށް ޝައްކުވެފައެވެ. ” މަންމައަށް ކުރިންވެސް ވަރުދާ ކުއްޖަކާއި ރައްޓެހިވެގެން އުޅޭހެން. އެކަމަކު ހިއެއް ނުކުރަން އަލްތާފް ކަމަކަށް. މަންމަމެންނަށް އަލްތާފް ވަރަށް ކަމުދޭ” ނާހިދާ ބުނެލިއެވެ. ވަރުދާ އާއި އަލްތާފް އުފަލުން ފޮޅުނެވެ.
” މަންމާ ” މަންމަ ރުޅިއައިސްފައިތަ؟” އަލްތާފް އޭނަގެ މަންމަ އާމިނާކުރެން އެހިއެވެ. ” ދަރިފުޅަށް ލިބޭ ކޮންމެ އުފަލަކީ މަންމައަށްވެސް ލިބޭ އުފަލެއް” އާމިނާ ބުނެލިއެވެ. މިހެން އާމިނާ ބުނިކަމަކު އާމިނާ އަޑުން ހީވަނީ ދެރަވެފައި ހުރިހެންނެވެ. އާމިނާ އެހެން ބުނުމުން އަލްތާފް ނުހަނު އުފާވިއެވެ. ވަފްދާ ތުން އަނބުރައިލިއެވެ. ވަފްދާ ހުރީ މިކަމާއިހެދި އުދަނގޫވެފައެވެ. މަންމަމެންނަށް އަލްތާފް އާއި ވަރުދާގެ ޖޯޑު ކަމުދިޔައީތީ ރުޅިއައެވެ. އަދި ވަރުދާއަށް އެފަދަ ރީތި ޒުވާން ލޯބިވެރިޔަކު ލިބުނީތީ ވަރުދާއަށްޓަކައި ވަފްދާގެ ހިތުތެރޭގައި ހަސަދައިގެ ހުޅުރޯވިއެވެ. ” އަލްތާފް. އަހަރެންގެ މަޅީގައި އަލްތާފް ޖައްސާނަން” ވަފްދާ ހިތާހިތުން ބުނެލިއެވެ.
” އާމިނާ ކޮބާ އާމިނާ ފިރިމީހާ؟” ޝިހާމް އެހިއެވެ. އާމިނާ އިސްދަށަށް ޖެހިއެވެ. ” ބައްޕާ. އަލްތާފްގެ ބައްޕަވީ ނިޔާވެފައި” ވަރުދާ ބުނެދިނެވެ. ” މަޢާފްކުރޭ އާމިނާ” ޝިހާމް މަޢާފަށްއެދުނެވެ.އާމިނާ މަޢާފްވެސްކުރިއެވެ. ވަރުދާގެ މައިންބަފައިން އާމިނާއަށާއި އަފާފްއަށް ވަރަށް ކަމޭހިތިއެވެ. އަނަސްއާއި އަލްތާފް އާއި އަފާފް އަދި އާމިނާވެސް ޕާރޓިގެ އެހެން މެހެމާނުންފަދައިން ހެދިކާ ތަށްޓަކަށް އަޅައިގެން ސައިބޯންފެށިއެވެ.
” މަރުޙަބާ އަލްތާފް ” ސައުދާ އެމީހުންގާތަށް އައިސް ހުއްޓިފައި ބުނެލިއެވެ. ” ކޮންކަމަކަށް؟” އަލްތާފް އެހިއެވެ. ” ވަރުދާގެ މަންމަމެންވެސް ޤަބޫލްވީނު” ސައުދާ ހިނިތުންވެ ބުނެލިއެވެ. ” މަރުޙަބާ ކިޔާ ވަރުދާ އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށްވާ ދުވަހަކުން” އަލްތާފް ބުނެލިއެވެ.
” ތި ދުވަހަކަށް އިންތިޒާރުކުރާނަން” ސައުދާ ބުނެލިއެވެ.
” ވަރުދާއަކީ ސައުދާގެ އެކުވެރިއެއްތަ؟” އަލްތާފްގެ މަންމާ އާމިނާ އެހިއެވެ. ” އާނ އާމިނައްތަ އަހަރެން މިދެމީހުން ގުޅުވަން ވަރަށް މަސައްކަތްކުރިން ” ސައުދާ ބުނެލިއެވެ.
ސައުދާ އަލްތާފްގެ މަންމަގާތު އިށީނނެވެ. އަދި ސައުދާ ވާހަކަތައް ކިޔައިދޭންފެށިއެވެ.
ކޭކްފެޅުމުގެ ވަގުތުޖެހުނީއްޔެވެ. ވަރުދާ ވަފްދާއާއިއެކު ވަޅީގައި ހިފައި ކޭކްފަޅަންފެށިއެވެ. ވަފްދާ ހުރީ އެއްގޮތަކަށްވެސް އެކަންކުރާހިތަކުންނެތްނޫނެވެ. އެންމެން ހެޕީ ބާތްޑޭއޭ ކިޔައި އަތްޖަހަންފެށިއެވެ. ފުރަތަމަފެޅި ކޭކްފޮތި ލެވީ ދައްތަ ވަފްދާއަށެވެ. އެއަށްފަހު އަލްތާފްއަށެވެ. ވަރުދާ މިހެންހެދުމުން އަދިވެސް ވަރުދާ އެންމެ ލޯބިވަނީ ކުރިންވެސް އެންމެލޯބިވި އޭނަގެ ދައްތަ ވަފްދާދެކެކަމަށް ވަފްދާއަށް އިޙްސާސްކުރެވުނެވެ. އަލްތާފްދެކެ ލޯބިވިޔަސް އެންމެ ލޯބިވަނީ ދައްތަ ވަފްދާދެކެއެވެ. އެހެންނަމަވެސް ވަފްދާ މިހާރު އެވަނީ ބަދަލުވެފައެވެ. މިހާރު ވަފްދާ އޭނަގެ ކޮއްކޮ ވަރުދާދެކެ ލޯތްބެއްނުވެއެވެ. މިހާރު ވަފްދާ އެހެރީ ވަރުދާދެކެ ހަސަދަވެރިވެ ރުޅިއަރައިފައެވެ.
” އޭ ވަރަށް ގުޅޭ ދެޖޯޑުދޯ ” ޕާރޓީއިން ކޮންމެވެސް އަންހެންކުއްޖަކު ބުނިއަޑު ވަފްދާއަށް އިވުނެވެ. މިއަޑުއިވިފައި ވަފްދާގެ ރުޅި އިތުރަށް ގަދަވިއެވެ. އެކަމު އެކަމެއް ހާމައެއްނުކުރެއެވެ.
ޕާރޓީ ނިމި ގެޔަށް އައިސް އާމިނާ އިނީ ބޭރުޖޯލިފަތީގައެވެ. އިންގޮތުން ހީވަނީ ކޮންމެވެސް ކަމަކާއި ފިކުރުކުރަން އިންހެނެވެ. އެއިނީ ހަމަ ޔަގީނުން ކޮންމެވެސް ކަމަކާއި މޮޅިންނެވެ. ޕާރޓިގައިވެސް އިނީ އެފާޑަކަށެވެ.
“މަންމާ ކިހިނެތްވެފައި ތިއިނީ؟” އަފާފް އައިސް އާމިނާގާތުގައި އިށީނދެ އެހިއެވެ. ” މާބޮޑުކަމެއްވީކީ ނޫން. މަންމައަށް މިއޮއްހާދުވަހު ހީކުރެވިފައިއޮތީ ދަރިފުޅުގެ ބޭބެއަށް ސައުދާ ކަމުދާކަމަށް” އާމިނާ ބުނެދިނެވެ. ” ކީކޭ ސައުދާއޭ؟ މަންމާ އެއީ ބޭބެ ރައްޓެއްސެކޭ” އަފާފް ހައިރާންވެފައި ބުނެލިއެވެ.
” އާނ މަންމައަށް ކުށްހީއެއް ކުރެވުނީ” އާމިނާ ދެރަވެފައިވާ ފާޑަކަށް ބުނެލިއެވެ. ” މަންމާ މަންމަ ބުނީމެއްނު ބޭބެއަށް ލިބޭ އުފަލަކީ މަންމައަށްވެސް ލިބޭއުފަލެކޭ” އަފާފް ބުނެލިއެވެ.
“މަންމަ ހެދީކީ ދޮގެއްނޫނޭ. މަންމަ އުފާކުރަން ސައުދާގެ އެކުވެރިއަކަށް ވަރުދާވުމުން. މަންމައަށް އެނގޭ ސައުދާގެ އެކުވެރިއެއް ގޯސް ކުއްޖަކަށް ނުވާނެކަން. ދެރައީ މަންމަޔަށް އަލްތާފް ނޭނގުނީމައި” އާމިނާ ބުނެލިއެވެ. މިވާހަކަތައް އަހައިފައި އަފާފް ވަރަށް ދެރަވިއެވެ. މަންމައަށް ކޮށްފައިވައި އަސަރު އެނގުނެވެ.
އެރޭގެ ވަގުތެވެ. ގަޑިން ނުވައެއްޖަހައިކަށްހާއިރެވެ. އަލްތާފް ބެޑްމަތީ ޖައްސައިލައި އޮވެ އޭނަގެ ގާރލްފްރައިންޑް ވަރުދާއަށް ގުޅައިލިއެވެ. ” ހަލޯ މައި ރޯސް”އަލްތާފް ބުނެލިއެވެ.
” ހަލޯ އަލްތާފް” ވަރުދާ ހީނލައިފައި ބުނެލިއެވެ.
” ދާނަންތަ ކޮފީއަކަށް” އަލްތާފް އެހިއެވެ. ވަރުދާ އުފަލާއިއެކު އާއެކޭ ބުނެލިއެވެ. އަދި ތައްޔާރުލަން ވަގުތު ކޮޅެއް އެދުނެވެ. ވަރުދާ އޭރު ހުރީ އަތްކުރު ހެދުމަކާއި ހަރުވާޅެއްގައެވެ. ގޭތެރޭގައިކަމުން ވަރުދާ ހުރީ ބުރުގާ ބާލައިގެންނެވެ. އިސްތަށިގަނޑު ހާވައިލައިގެންނެވެ. ވަރުދާގެ އިސްތަށިގަނޑު ފަނެވެ. އެހައި ދިގެއްނޫނެވެ. ވަރުދާ ގޮސް ނާހިދާ އާއި ޝިހާމްއަށް މި ޙަބަރު ދިނެވެ. ” އަހަރެން ދަންތަ؟” ވަރުދާ ޖެހިލުންވެ ހުރެ އަހައިލިއެވެ. ނާހިދާ އާއި ޝިހާމް އެންމެ ރަގަޅޭ ބުނެ ޖަވާބުދިނެވެ. ވަރުދާ ވަރަށް އުފާވިއެވެ. ވަފްދާއަށް މިވާހަކަ އިވުމުން ވަރަށް ހަސަދަވެރިވިއެވެ. ރުޅިއައެވެ.
” ވަރަށް ފޫހި. މިހާރު މި ތޯތާ މައިނާ ކޮފީއަށްވެސް ދާންފެށީދޯ” ވަފްދާ ހިތުން ބުނެލިއެވެ. ވަރުދާ އަވަހަށް ކޮޓަރިއަށް ގޮސް ހެދުން ބާލައި ތުވާލިޖެހުމަށްފަހު ރީތި ހެދުމެއް އަލަމާރިން ހޯދަންފެށިއެވެ. ވަރުދާއަށް އެންމެ ރީތި ހެދުމަކަށް ފެނުނީ ނޫމަޖެހި ހުދުކުލައިގެ ހެދުމެކެވެ. އަލްތާފް ފުރަތަމަ ވަރުދާ ދުށީ އެ ހެދުމުގައި ހުއްޓައެވެ. ވަރުދާ އެ ހެދުން އަލަމާރިން ނަގައި އެ ހެދުމުގައި ބައްދައިލިއެވެ. އެވަގުތުކޮޅުގައި ވަރުދާ އާއި އަލްތާފްގެ ފުރަތަމަ ބައްދަލުވުން ހަނދާންވިއެވެ. އެ ވަގުތުކޮޅު ލޯކުރިމަތިން ސިފަވަމުން ދިޔަކަހަލައެވެ. ވަރުދާ އެ ހެދުންލައި ގަޔަށް ސެންޓު ބުރުވަންފެށިއެވެ. އެ ހެދުމާއިއެކު އެދުވަހު ލީ ނޫ ބުރުގާވެސް ލިއެވެ. ވަރުދާ ކުރިންވެސް އަލްތާފް އާއި ދިޔައީ ބައްދަލުވަމުންނެވެ. އެކަމަކު އެއީ ސިއްރުންނެވެ. އޭރު އެދެމީހުން ރައްޓެހިވެގެން އުޅޭކަމެއް އެމީހުންގެ ޢާއިލާއެއް ނުދަނެވެ. ދަންނަނީ ހަމައެކަނި ސައުދާ އާއި އަނަސް އަދި އަލްތާފްގެ ކޮއްކޮ އަފާފްއެވެ. މިއަދު ޙާލަތު ތަފާތެވެ. ވަރުދާ ދެކޮލުގައި ފުށްޖަހައިލައި ތުންފަތުގައި ރަތް ލިޕްސްޓިކެއް ޖެއްސިއެވެ. އަދި ލޯ ކައިރީ ފިޔާތޯށި މޭކަޕެއް ޖެއްސިއެވެ.
އެއަށްފަހު ވަރުދާ ފާޙާނާއަކަށް ވަނެވެ. އަލްތާފް އެވަގުތު ފޯނުކުރިއެވެ. ވަފްދާ އައިސް ކޮޓަރިޔަށްވަނެވެ. އޭރު ފޯނު ނިވިއްޖެއެވެ. މެސެޖެއް އައެވެ. ވަފްދާ އޭނަގެ ކޮއްކޮ ފޯނު ބަލައިލައި އެ މެސްޖް ކިޔައިލިއެވެ.
” ރެޑީ ވެގެން ހުންނާތި. މިއަންނަނީ” ވަފްދާގެ ތުންފަތަށް ނުލަފާ މަކަރުވެރި ހިނިތުންވުމެއް ވެރިވިއެވެ. ވަފްދާ އޭރު ހުރީ އަތްދިގުގަމީހަކާއި ސޯޓެއްގައެވެ. ބުރުގާބާލައި ދިގުފަން އިސްތަށިގަނޑު ހާވައިލައިގެންނެވެ. ވަފްދާ ރީތިކޮށް ބެޑްމަތީ ދެފައި ދަމައިލައި ޖައްސައިލިއެވެ.
އަލްތާފް ގޮސް ވަފްދާގެ ގޭދޮރުމައްޗަށް އަރައި ހުއްޓުނެވެ. އަދި ގޭ ބޭރުދޮރުގެ ތަޅު އަނބުރައިލިއެވެ. ތަޅު ހުޅުވުނެވެ . އަލްތާފް ދޮރުން ބޯދިއްކޮށްލައި ސަލާމްގޮވައިލިއެވެ. އެވަގުތު އުނދޯލީގައި ވަރުދާއާއި ވަފްދާގެ މަންމަ ސަލާމްބަލައިގަތެވެ. އިނީ ކޮންމެވެސް އަންހެނަކާއި ވާހަކަދައްކާށެވެ. އަލްތާފް އެގެޔަށް ވަނެވެ. އަދި ނާހިދާ ގާތަށް ގޮސް ހުއްޓުނެވެ.
” ވަރުދާއެކު ކޮފީއަކަށް މިދަނީ” އަލްތާފް ބުނެލިއެވެ.
” ތިކަން އެނގޭ .” ނާހިދާ ބުނެލިއެވެ. ” ރެޑީވެއްޖެތަ އޭނަ” އަލްތާފް އެހިއެވެ. ” ނޭނގެ. އަޅެ ގޮސް ދޮރުގައި ޓަކިދީބަލަ” ނާހިދާ ބުނެލިއެވެ. ” އޭނަގެ ކޮޓަރި ހުންނާނީ ކޮންތާކު؟” އަލްތާފް ސުވާލުކުރިއެވެ. ނާހިދާ ކޮޓަރި ހުންނަތަންބުނެދިނުމުން އަލްތާފް ގޮސް ވަރުދާގެ ކޮޓަރިދޮރުގައި ޓަކިދޭންފެށިއެވެ. ތަޅު އަނބުރައިލިއެވެ. އެވަގުތު ދޮރުހުޅުވުނެވެ. ދޮރު ހުރީ ތަޅުނުލައެވެ. ދޮރު ހުޅުވުމާއެކު އަލްތާފްއަށް އަތްދިގުގަމީހަކާއި ސޯޓެއްލައިގެން ބުރުގައި ބާލައި ފަންދިގު އިސްތަށިގަނޑު ހާވައިލައި ދޮންދޮން ދެފައި ދަމައިލައިގެން ބެޑްމަތީ އޮތް ވަފްދާއަށް ނަޒަރު ހުއްޓުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

