ވިޔާމާ ވަކިވުމަށްފަހު ފަރީޝާ ދިރިއުޅުން ކުރިއަށް ގެންދިޔަގޮތުގެ ވާހަކަ ވިޔާމަށް ހިއްސާކުރިއެވެ.އައިލީންނާ ދިމާވިގޮތުން ފެށިގެން އައިލީންގެ ގޭގައި ވަޒަންވެރިވެ ދިރިއުޅެމުންދިޔަ ގޮތުގެ ވާހަކަވެސް މެއެވެ. “ވަރަށް ލޯބި ކުއްޖެއް އެއީ…ވިޔާމް ވާނެ އައިލީންނާ ބައްދަލުކޮށްލަން…ފަރީއަށް މަންމަ ކިޔާ ވަރަށް ލޯބިވޭ ފަރީދެކެ އައިލީން” ފަރީޝާއަށް އެހިސާބަށް ބުނެވުނުތަނާ ވިޔާމަށް ރޮވުނެވެ. ވިޔާމްވެސް ފަރީޝާއާ ވަކިވެގެން އުޅުނުގޮތުގެ ވާހަކައާއި ފަރީޝާއަށް އޭނަ ކުޅުނު ކުޅިވަރުތަކާ، ޓެސްޓުގެ ނަތީޖާ ބަދަލުކުރިގޮތުގެ އިތުރުން އޭނާއަށް ދަރިން ނުލިބޭކަން މިފަހުން އެނގުނުގޮތުގެ ވާހަކަވެސް ވިޔާމް ކިޔައިދިނެވެ.
“ވިޔާމް ކުރި ހުރިހާ ކަމަކަށް ފަރީގެ ކިބައިން މާފަށް އެދެން…ފަރީ ކުޑަކުއްޖަކު ބޭނުންވެގެން އުޅުނުއިރު އަހަންނަށް އެކަންވެސް ނުކޮށްދެވުނު” ވިޔާމް ރޮމުން ބުނެލިއެވެ. “ވިޔާމަށް މާފުކޮށްފީމޭ…ވިޔާމަށް ދަރިން ނުލިބުން އެއީ ވިޔާމް ކުރާނެކަމެއް ނޫން…ދަރިން ނުލިބޭތީ ފަރީ ވިޔާމްދެކެ ފޫހިވެދާނެކަމަށްތަ ހީކުރަނީ؟….ތީ ފަރީދެކެ ހަގީގީ ލޯބިވި މީހެއް..ފަރީވެސް ނުަހަނު ލޯބިވޭ…ދެން ދުވަހަކުވެސް ވިޔާމާ ވަތްކެއް ނުވާނަން…ވިޔާމް ފަރީ ދުރަށް ފޮނުވާލަން އުޅުނަސް ދެން ނުދާނަން” ވިޔާމްގެ ލޮލުގައިވާ ކަރުނަ ފުހެލަމުން ފަރީޝާ ބުނެލިއެވެ.ވިޔާމް ރޯތީ ފަރީޝާގެ ހިތަށް ވަރަށް އަސަރުކުރިއެވެ.އޭނާ ހަމައަކަށް އެޅުވޭތޯ އެކިގޮތްގޮތުން ފަރީޝާ މަސައްކަތް ކުރިއެވެ.
“ވިޔާމް…ލޯބި ރަނގަޅުވާނެ…ވިޔާމް ރަނގަޅުކުރަން ފަރީ މިހުރީ ކޮންމެ ކަމެއްކުރަން ތައްޔާރަށް…ވިޔާމް ފަރީއަށްޓަކާ ރަނގަޅުވާނަންތަ؟” ފަރީޝާ އަހާލިއެެވެ. “އާނ…ރަނގަޅުވާން ވަރަށް ބޮޑަށް ބޭނުންވޭ..އެއީ ވިޔާމްގެ އުންމީދަކީ މިހާރު..ބަލިން ޝިފާ ލިބި ފަރީއާ އެކު ލޯބިން ދިރިއުޅުނު ދިރިއުޅުން އަލުން އާރާސްތުކުރަން” ވިޔާމް ދެރަވެލާފައި ބުނެލިއެވެ. “އަދި އެލޯބި ދިރިއުޅުން އުޅެވޭނެ އިންޝާﷲ ވިޔާމަށް ޝިފާވެސް ލިބޭނެ” ފަރީޝާ ބުނެލިއެވެ.
“ވަރަށް ބޭނުންވޭ ރަނގަޅުވާން…. އެކަމަކު ނެތޭ ވިޔާމަށް ދެވޭނެ ފަރުވާއެއް..އޮތީ ހަމައެކަނި އޮޕޮރޭޝަނެއް…އެއީވެސް ފިފްޓީ ފިފްޓީގެ އެއްޗެއް ޔަގީނެއްނޫން” ވިޔާމް ދެރަވެލާފައި ބުނެލިއެވެ. “އިރާދަކުރެވިއްޔާ ވިޔާމް ރަނގަޅުވާނެ” ފަރީޝާ ބުނެލިއެވެ.
ފަރީޝާ ވިޔާމަށް ހިތްވަރުދިނީ އެއޮޕޮރޭޝަން ކުރުމަށެވެ.އިރާދަކުރެވިއްޔާ ދެރަގޮތެއް ނުވާނެ ކަމަށާއި ވިޔާމާއެކު އޭނާގެ ކައިރީގައި ފަރީޝާ ހުންނާނަން ކަމަށާއި އިންޑިއާއަށްވެސް އެކުގައި ދާނަންކަމަށް ފަރީޝާ ބުނެލިއެވެ.ފަރީޝާގެ ބަހަށް، ކުރަން ފަސްޖެހި ނުކޮށް އައި އެއޮޕޮރޭޝަން ކުރަން ވިޔާމް އެއްބަސްވިއެވެ.
ވަރަށް އިރު ވިޔާމާއެކު ފަރީޝާއަށް ހޭދަކުރެވުނުއިރުވެސް ވިޔާމް ދޫކޮށްލާފައި ދާން އޭނާގެ ހިތް ބޭނުމެއްނުވިއެވެ.ނަމަވެސް އައިލީން ހުންނާނީ އޭނާގެ އިންތިޒާރުގައި ކަން އެނގޭތީ ދާން އެތަނުން ނިކުތެވެ.ފަރީޝާ ދަމުންދިޔައީ އޭނާގެ ނަންބަރުވެސް ވިޔާމާ ހިއްސާކޮށްފައެވެ.
*********
ބެލްކަނީތެރޭ އާތިފް ހުރީ ފަރީޝާ ގެއަށް އަންނާނެ ވަގުތެއްގެ އިންތިޒާރުގައެެވެ. ފަރީޝާގެ ގާތުން ކައިވެންޏަށް އެދި ހުށަހަޅަން ގަތް އަނގޮޓި އަތުތެރެއަށް ލައިގެން އެއަށް ބަލަހައްޓައިގެނެވެ.
އާތިފް އެގޮތުގައި ހުއްޓާ ފަރީޝާ ގެއަށް ވަތް އަޑު އިވުނެވެ.ފަރީޝާ އައުމުން އާތިފްގެ ހިތް އަވަސްވިއެވެ.އެހެންނަމަވެސް މިއަދު އޭނާ އެހުރީ ކަށީގައި ނެތް ހިތްވަރު ނެރިގެންވިޔަސް، ފަރީޝާދެކެ ވާލޯބީ ހާމަކޮށް ކައިވެންޏަށް އެދި ހުށަހަޅާށެވެ.އެއީ އައިލީންނަށްވެސް އެއަށްވުރެ ރަނގަޅު ދޮންމަންމައެއް އާތިފަށް ނުހޯދޭނެތީއާ އެކުވެސް މެއެވެ.
ގޭތެރެއަށް ވަދެގެން އައި ފަރީޝާއަށް ސިޓިންރޫމުގައި އެއްވެސް މީހަކު ހުރިތަން ނުފެނުމުން ވަށައިގެން ނަޒަރު ހިންގާލިއެެވެ.އެވަގުތު ކުޑަކޮށް ހުޅުވިފައިވާ ބެލްކަނީގެ ދޮރު ފެނުނެވެ.އެއާއެކު އާތިފް އެތާ ތެރޭގައި ހުރިތަން ފެނުމުން އެދިމާލަށް އޭނާ ދިޔައެވެ.
ހުރިހާ ވާހަކައެއްހެން ހިއްސާކުރާ ބީދައިން ވިޔާމްގެ ހަގީގަތާ ވިޔާމާ ދިމާވި ވާހަކަ އާތިފާ ހިއްސާކުރަން ފަރީޝާ ބޭނުންވިއެވެ.އެހެންކަމުން އޭނާ ބެލްނަކިތެރެއަށް ވަނެވެ.ބެލްކަނިތެރެއަށް ފަރީޝާ ވަތްއިރު އޭނާއާ ދިމާލަށް ހެވިލާފައި ބަލަން އާތިފް ހުއްޓެވެ.ފަރީޝާގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ.
“ކީއްވެ މިތާ ތިހުރީ؟…ކޮބާ އައިލީން؟” ބެލްކަނިތެރެއަށް ވަންނަމުން ފަރީޝާ އަހާލިއެވެ. “އައިލީން ނިދި އައިސްގެން އުޅޭތީ އެއްޗެއްދީފަ ނިންދަވައިފިން…މީ ހަމަ ހުރެލީ” އާތިފް ބުނެލިއެވެ. “ވާހަކައެއް ބުނަންވެފަ އެބައޮތް” ދެމީހުންނަށްވެސް އެހެން ބުނެވުނީ އެކުއެކީގައެވެ.
“ހިހިހި…ފަރީޝާ ފުރަތަމަ” އާތިފް ބުނެލިއެވެ. “ނޫން އާތިފް ފުރަތަމަ” ފަރީޝާވެސް ބުނެލިއެވެ. “ނޫނޭ…ލޭޑީސް ފަސްޓް” ހިނިތުންވެލަމުން ފަރީޝާއަށް އާތިފް ބުނެލިއެވެ. “ހިހި އޯކޭ” އެހެންބުނެ މިއަދު ކަންތައްވީ ގޮތުގެ ވާހަކަ ފަރީޝާ އާތިފާ ހިއްސާކުރިއެވެ.ވިޔާމާ ބައްދަލުވެ އޭނާގެ ހަގީގަތް ފަރީޝާއަށް މިއަދު އެނގުނުގޮތާއި އެހަގީގަތް އާތިފަށް ފަރީޝާ ކިޔައިދެމުން ދިޔައެވެ.ހެވިލާފައި ފަރީޝާ އެވާހަކަތައް ހިއްސާކުރަމުން ދިޔަޔަސް އާތިފްގެ ހިތުގައި ކޫރުން އެޅެމުންދިޔަ ކަހަލައެވެ.އޭނާ ކުރަން އުޅުނު ކަންތަކަށް ނެރުނު ހިތްވަރު މުޅިން ކެނޑި މާޔޫސްވިއެވެ.އެހެންނަމަވެސް އެތެރެހަށީގައި ލެވިފައިވާ މޮޅީގެ ސާލު ވަންހަނާކޮށް، ފަރީޝާ ކުރިމަތީގައި ކެތްތެރިކަމާއެކު ހިނިތުންވެ ހުރެ އޭނާ ދައްކަމުންދާ ވާހަކަ އަޑުއަހަން އާތިފް ހުއްޓެވެ.
“އަސްލު ވިޔާމް ފަރީޝާ ދެކެ ވަރަށް ލޯބިވޭ..އޭނައަަށް ކެންސަރުޖެހިފަ ހުރިކަން އެނގުނު ހިސާބުން އޭނަ މަތިން ފަރީޝާ ފޫހިކުރުވަން ކުޅުނު ކުޅުވަރެއް އެއީ…ފަރީޝާ މިއުޅެނީ ވިޔާމާއެކު އިންޑިއާއަށް ފުރަން ވަރަށް އަވަހަށް…އޭނައަށް ފަރުވާ ހޯދަން އެހެންވެ އެވާހަކަ ބުނެލީ” ފަރީޝާ ބުނެލިއެވެ. “އެހެންތަ؟” ފަރީޝާގެ ވާހަކަ އަޑުއަހަން ހުރުމަށްފަހު އާތިފް ބުނެލިއެވެ.
“ދެން އާތިފް ކިޔައިދީ” ފަރީޝާ ބުނެލިއެވެ.ފަރީޝާ އެހެންބުނުމުން ކޯއްޗެއްތޯ އާތިފް އަހާލިއެވެ. “ބުނީމެއްނު ވާހަކައެއް ބުނަންވެފަ އެބައިނޭ” ފަރީޝާ ބުނެލިއެވެ. “އާނ އެއީ އައިލީން ގޮވައިގެން މާދަން ޕާކަށް ދާ ވާހަކަ ބުނަންވެގެން” މުށުތެރޭގައިވާ އަނގޮޓި ފޮރުވުމަށް މުށް ލައްޕާ ބާރުކޮށްލަމުން އާތިފް ބުނެލިއެވެ.
ފަރީޝާ ދިއުމުން ބެލްކަނިތެރޭގައި ހުރި އާތިފް ފެން ކަޅިވިއެވެ. އޭނާއަށް މާ ލަސްކުރެވުނީ ކަމަށް އެވަގުތު ހިތަށް އަރަމުންދިޔައެވެ.ރޭގައި އެވާހަކަ ދެކެވުނު ނަމައޭވެސް ހިތަށްއެރިއެވެ.
ކޮންމެ ގޮތެއްވިއަސް ލޯބިވާ ދެލޯބިވެރިއެއްގެ ދޭތެރެއަށް ވަންނާކަށް އާތިފް ބޭނުމެއް ނުވިއެވެ.އެހެންކަމުން ފަރީޝާއާ މެދު ދެކެމުން އަންނަ އިހުސާސް ހުއްޓާލުމަށް އޭނާގެ ހިތަށް މަޖުބޫރުކުރަން އާތިފަށް ޖެހުނެވެ.
ޒަމާންތަކަކަށް ފަހު ވީރާނާވެފައިވާ އޭނާގެ ހިތަށް ދިރުމެއް ލިބެން އުޅުނު ނަމަވެސް އަނެއްކާވެސް މިއަދު އެވަނީ އެދިރުން ކަފުންކޮށް ވަޅުލާށެވެ.
ހިތުގައި އުފެދިފައިވާ ވޭނީ ރިހުމާއެކު ފަހު ފަހަރަށް އަތުގައިވާ އަނގޮޓިއަށް ކަރުނައިން ފުރިފައިވާ ދެލޮލުން އާތިފް ބަަލައިލިއެވެ.
ފަރީޝާދެކެ އޭނާވީ ލޯބި ހާމަނުކުރެވިގެން އުޅެނިކޮށް އެލޯބި ހިތުގައި ކަފުންކުރަން ޖެހުމުން އޭނާގެ ހިތަށް އިންތިހާއަށް އަސަރު ކުރަމުންދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Varah reethi
dhen in bayah inthizaar kuraanan
thanks dear?