ހިނިތުންވެލާށޭ ކަލާ 11
“މިޔޯ؟” ކަޔާން ގޮސް ހުއްޓުނު ދެ ބުރިއަށް ނަގައިފައިހުރި ގެ ފެނުމާއިއެކު ބޭއިޚްތިޔާރުގައި އެހުނެވެ.
“މި ދެކުދިން ލައިފައެއްނު ގެއަށް ދެވޭނީ؟” ކަޔާން އެހެން ބުނަމުން އިޒްހާ ކައިރީގައި އޭނާ އާއިއެކު އައުމަށް އިޝާރާތްކޮށްލިއެވެ.
“ޕިސް ޕިސް މިހާރު ކިހާ އިރެއްތަ އެ؟ ހުވާ މި ބުނީ ދެން..” ގޭތެރެއަށް ވަނުމާއިއެކު ސޯފާގައި އިށީނދެއިން ތިރީސް ވަރަކަށް އަހަރުގެ އަންހެން މީހާ ކިޔަން ފެށި އެއްޗެހި ހުއްޓައިލި ކަޔާންގެ ފަހަތުން ވަތް އިޒްހާ ފެނުމުންނެވެ.
“މީ ކާކު؟ ޔާންގެ ލޯބިވެރިޔާތަ؟” ކައިލީ އާއި ކަހިލް ދުވެފައިގޮސް ކޮޓަރިއަކަށް ވަނުމާއިއެކު އެ އަންހެން މީހާ ތެދުވެ އަހައިލިއެވެ.
“އެހ.. ނު.. ނޫން! އެއީ އާންގެ ކޮއްކޮ ، އިޒްހާ..” ކަޔާން ކުޑަކޮށް ނުތަނަވަސްވެހުރެ ބުންޏެވެ.
“އިޒްހާ؟” އެ އަންހެން މީހާ ޝައްކުގެ ނަޒަރަކުން އިޒްހާއަށް ބަލައިލުމުން ކަޔާންއަށް ހިންދިރުވައިލެވުނެވެ.
*****
“ކޮޅަށް ނުހުރެ އަވަހަށް އާދޭ އިށީންނަން..” އެ އަންހެން މީހާ ދެވަނަ ސިކުންތުގައި ހިނިތުންވެލައިފައި ބުންޏެވެ.
“މީ ކަޔާންގެ ބައްޕަ ފަރާތު ބޭބެއެއްގެ ދަރިއެއް. ނަމަކީ ކައިއާ. އޯކޭ ކަޔާން ކިޔާހެން ކުޑާ ކިޔަސް.” ކައިކާ އިޒްހާމެން ސޯފާގައި އިށީނުމާއިއެކު ތައާރަފްވެލިއެވެ.
“މިގެއަށް އައިމަ ސައިވެސް ބޮއިލައިގެނެއްނު ދާންވާނީ؟” ކައިއާ ލާނެތް ގޮތަކަށް ކަޔާންއަށް ބަލައިލަމުން ބަދިގެއަށް މިސްރާބުޖެހިއެވެ.
“ސޮރީ ލަސްވަންޏާ.” ކަޔާން އިޒްހާއަށް ބުނެލިއެވެ.
އިޒްހާ ބޯޖެހުމަކުން ފުއްދައިލީއެވެ. ފަސްވަރަކަށް މިނެޓު ފަހުން ކައިއާ ކަޔާންއަށާއި އިޒްހާއަށް ކާން އައުމަށް އިޝާރާތްކުރިއެވެ. ކަޔާންގެ ފަހަތުން އިޒްހާވެސް ގޮސް ކާމޭޒު ކައިރީގައި ކަޔާން އިށީން ގޮނޑިއާއި ޖެހިގެންއިން ގޮނޑީގައި އިށީނެވެ. މޭޒު މަތީގައި ތެލުލި ބަބުކޭލާއި ތަރަފަނައާއި ކުދި ބަޖިޔާ ފަދަ މީރު ހެދިކާ އަތުރައިލައިފައި ހުއްޓެވެ. އިޒްހާ ލަދުން އިނދެފައި ނަމަވެސް ނުކައި ހުންނަން ނުކެރުމުން ތެލުލި ބަބުކެޔޮކޮޅެއް ނަގައި ކާން ފެށިއެވެ.
“އިޒްހާ ކޮން ޖޮބްއެއްގަ އުޅެނީ؟” އިޒްހާއާއި ކުރިމަތިވާގޮތަށް އިން ކައިއާ އެއްސެވެ.
“ޓީޗާރަކަށް މި ރަށު ސްކޫލްގަ އުޅެނީ.” އިޒްހާ ބުނެލިއެވެ.
“އަސްލު ކައިއަށާއި ކަހިލްއަށް އިނގޭނެ އިޒްހާ. ކުރިން ދުވަހަކު ރިލީފް ގަޑިއަކަށް އިޒްހާ ދިޔައީ އެ ކްލާހަށް. އެހެންވެ. ކޮބާ މާއިންބެ؟” ކަޔާން ކައިއާއަށް ބަލައިލަމުން އަހައިލިއެވެ.
“މާއިން ދޯ؟ މާއިންބެ މާދަން އުޅޭނެ މިރަށަށް އަންނަން. މަންމަގެ ހާލު މިހާރު ރަނގަޅުކަމުން ވަޒީފާއަށް ނިކުންނަން.” ކައިއާ ޖަވާބުދިނެވެ.
މި ކަހަލަ ގޮތަކަށް ކަޔާން އާއި އިޒްހާ ކައި ނިމުމާއިއެކު ދަނީކަމަށް ބުނެ އެގެއިން ނިކުމެ ހިނގައިގަތެވެ. ދެނަމާދު ދޭތެރެކަމުން ގިނަ ގޭގޭގައި ޤުރުއާންގެ މޫރިތި ކަލިމަތަކުގެ އަޑުވަނީ ގުގުމައިލައިފައެވެ. އެއްވެސް މީހަކުވެސް ފެންނަ ހިސާބަކު ނެތެވެ. އިޒްހާ އާއި ކަޔާން ހިމޭންކަމާއިއެކު ހިނގަމުން ދިޔައިރު އެކަކުވެސް އަނގައިން ބުނާ ޚިޔާލެއް ނުކުރެއެވެ.
“ކަޔާން…” އިޒްހާއަށް ނުހުރެވިގެން އެންމެ ފަހުން ކަޔާންއަށް ގޮވައިލެވުނެވެ.
“އެހް؟” ކަޔާންއަށް ސިހިފައި އިޒްހާއަށް ބަލައިލެވުނެވެ.
“މީ.. ލެޓްސް ސްޓާޓް އޯލް އޯވަރ. މި ބުނީ.. އެންމެ ފަހަރަކުވެސް ރީތިކޮށް ދެމީހުނަކަށް ވާހަކައެއް ނުދެއްކެއެއްނު. ނޮ.. މި ބުނީ ރީތިކޮށްވެސް ވާހަކަދެއްކި އެކަމުވެސް….” “ވިލް ޔޫ ބީ މައި ފްރެންޑް؟” އިޒްހާ ދޫ އޮޅެމުން ބުނަން އުޅުނު ޖުމުލަ ފުރިހަމަކޮށްދިނީ ކަޔާންއެވެ.
މިވަގުތު ދެ މީހުންނަށްވެސް ތިބެވުނީ އަނދިރި ގޯޅިގަނޑެއްގައެވެ. އުޑުގައި ރަސްކަންކުރަމުންދާ ފުރިހަމަ ހަނދުގެ ފަނޑު އަލިކަމުން ކަޔާންގެ ސޫރަ ފެންނަލެއް ނުހަނު ހިތްގައިމެވެ. ފުރަތަމަ ފަހަރަށް ކަޔާންގެ ތުންފަތުގައިވީ ހިނިތުންވުމުގެ ފުރިހަމަކަމަށް އިޒްހާއަށް ހިތާހިތުން ތައުރީފުކުރެވުނީ ކިތަށް ފަހަރުކަމެއްވެސް ނޭނގުނެވެ. އެ ހިތަށް މިރޭ ކަޔާންގެ ސަބަބުން ގޮތެއްވެއްޖެކަން ޔަޤީނެވެ. ކަޔާންގެ ފުން ކަނޑެއްފަދަ އެ ގަދަ މުށި ކުލައިގެ ކަޅިއަށް ގެއްލިފައި އޭނާއަށް އިނދެވުނެވެ.
“އާނ… ތިހެން އަހަން އުޅުނީ..” އިރުކޮޅަކު އެހެން ހުރެފައި އެންމެ ފަހުން އިޒްހާވެސް ބުނެލީ ހިނިތުންވަމުންނެވެ.
“އަހަރެންނަކަށްވެސް މައްސަލައެއް ނެތް.” ކަޔާން ކުރިއަށް ހިނގައިގަންނަމުން ބުނެލިއެވެ.
އިޒްހާ ނޭނގޭ ސަބަބަކާއިހެދި އުފާވެފައިހުރެ ކަޔާންގެ ފަހަތުން އެ ގޯޅިގަނޑުން ނިކުތް ތަނުން ޖެހުނީ ފިރިހެނެއްގެ ގައިގައެވެ. ރަނގަޅަށް ބަލައިލުމާއިއެކު ފެނުނީ ރުކައިންއެވެ. ކަޔާން އެއިރު އެ ދެމީހުންނަށް ބަލަން ހުރިއިރު ރުކައިން ދެކެ އިޒްހާގެ ގައިގައި ޖެހުމުން ހުރެވުނީ ކުޑަކޮށް ނުރުހުންވެފައެވެ.
“ރުކް..! ދެ ދުވަސްވެއްޖެ ދޯ މިހާރު ނުފެންނަތާ؟” އިޒްހާ ހީލަމުން ބުނެލިއެވެ.
“އާނ! އަހަރެން ހީކުރީ އިޒޫ ބަލީކަމަށް.” ރުކައިން ބުނެލިއެވެ.
“ސޮރީ. އަސްލު ދޮންބެ ބަލިކަމުން ހޮސްޕިޓަލުގަ އުޅެން ޖެހުނީ. އެހެންވެ. ފޯނަކަށްވެސް ނުގުޅަމެއްނު؟ ފޯނު ނަންބަރުވެސް ދީފަ އޮންނާނީ. ނޫންތަ؟” އިޒްހާ ބުނެލިއެވެ.
“ހެހެހެ.. އާނ..” ރުކައިން ހިނިގަނޑެއް ޖަހައިލިއެވެ.
“އާނ ، ރުކް.. މީ ކަޔާން…” އިޒްހާ ކަޔާން ކައިރިއަށްގޮސް ހުއްޓެމުން ބުނެލިއެވެ.
“ދެން ކަޔާން ، މީ ރުކައިން… ދުވަސްކޮޅެއް ކުރިން ދިމާވި ރައްޓެއްސެއް.” އިޒްހާ ކަޔާންއަށް ބަލައިލަމުން ބުންޏެވެ.
ދެމީހުންވެސް ދެމީހުނަށް ލޯ އަޅައިލަމުން ސަލާމްކޮށްލިއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އިޒްހާއަށް ރޭކާވެސް ނުލިއެވެ. ރުކައިންގެ ގާތުގައި މާދަމާ ބައްދަލުވާނޭކަމަށް ބުނެ ހަނާ އަޅައިލުމަށްފަހު ކަޔާން އާއިއެކު ގެއަށް ދާން ހިނގައިގަތެވެ. ގެއަށް ދިޔައިރު ގޭގެ ދޮރު ހުޅުވައިލައިފައި ހުރުމުން ދެމީހުނަށްވެސް ގޭގައި މީހަކު އުޅޭކަން ޔަގީންވިއެވެ. ލަސްލަހުން އެތެރެއަށް ވަތްއިރު ފެނުނީ ޒާކިން ކޮޓަރި ސޯފާގައި އިށީނދެއިން ތަނެވެ.
“ކިން؟؟ ކޮންއިރަކު އައީ؟” އިޒްހާއަށް ލިބުނު ހައިރާންކަމާއިއެކު ބުނެވުނެވެ.
“ހަވީރު އައީ.. ތި މީހުން ގޭގަ ނޫޅޭތީ އަދި މި އިންނަނީ..” ޒާކިން ހިނިތުންވެލަމުން ބުނެލިއެވެ.
“އެހެންތަ؟ އެއްޗެއް ދޭންވީތަ ކާން؟” ކަޔާން ގޮސް ކޮޓަރިއަށް ވަނުމާއިއެކު އިޒްހާ އެއްސެވެ.
“ނޯ ތެންކްސް. އަހަރެން މި އައީ ކައިގެން ހަވީރު. ދެން މިރޭ ކާނީ..” ޒާކިން އެހެން ބުނުމާއިއެކު އިޒްހާ ބޯ ޖަހައިލުމަށްފަހު ދިޔައީ ކޮޓަރިއަށެވެ.
ރޭގަނޑު އަށެއް ޖަހައިފިއެވެ. އިޒްހާ ތަށިތައް މޭޒު މައްޗަށް އަރުވައިފައި ސޯފާގައި ޓީވީ ބަލަން ތިބި ކަޔާންއަށާއި ޒާކިންއަށާއި އިޒްއާންއަށް ކާން ގޮވިއެވެ. އެ ހުރިހާ އެންމެން ކައިގެން ބޭރަށް ނިކުތުމާއިއެކު އިޒްއާން އިޒްހާ ކައިރީގައި ވާހަކައެއް ބުނަން ބޭނުންވާ ވާހަކަ ބުންޏެވެ. އެހެންކަމުން ދެމީހުން އެކުގައިގޮސް ޖޯލީގައި އިށީނެވެ.
“ކީކޭތަ ބުނަން އުޅުނީ ދޮންބޭ؟” އިޒްހާ އިޒްއާންއަށް ބަލައިލަމުން އެއްސެވެ.
“މީ.. ދޮންބެ މިއުޅެނީ ކިން އާއިއެކު މާދަމާ މާލެ ދާން..!” އިޒްއާން އެހެން ބުނުމާއިއެކު އިޒްހާއަށް ސިހިފައި ކޮޅަށް ތެދުވެވުނެވެ.
“ކީކޭ؟” އިޒްހާ އަދިވެސް ހުރީ އިވުނު ވާހަކަ އާއިއެކު ޝޮކެއްގައެވެ.
“އާނ ، އިޒްހާއަށްވެސް އިނގޭނެ ދޯ އަހަރެން ރަހޫދެކެ ލޯބިވާކަން. ރަހޫއަކީ އަހަރެންގެ ފުރަތަމަ ލޯބި. އަހަރެން ނޭދެން އަހަރެންގެ ފުރަތަމަ ލޯބި ގެއްލޭކަށް.” އިޒްއާން އިސްޖަހައިލަމުން ބުނެލިއެވެ.
“ދޮންބޭ… އަހަރެން ނުބުނާނަން ނުދާށެކޭ.. އެކަމަކު.. ދޮންބެއަށް ޔަގީންތަ ދޮންތަގެ އެ ކައިވެނި ހުއްޓުވޭނެކަން؟” އިޒްހާ އަނެއްކާވެސް އިޒްއާންގެ ކައިރީގައި ޖޯލީގައި އިށީނެވެ.
“ޔަގީނެއް ނޫން.. އެކަމުވެސް ޓްރައި ކުރާނަން. އިޒޫ…” އިޒްއާން އިޒްހާއަށް ބަލައިލީ ހުއްދަދޭށޭ ބުނާ ފަދަ ގޮތަކަށެވެ.
“އޯލް ދަ ބެސްޓް ދޮންބޭ.. ދޮންބެ އާއިއެކު ފަހަރިވެސް އަންނަ ދުވަހަކަށް އިންތިޒާރުކުރާނަން.” އިޒްހާ ހީލަމުން އެހެން ބުނެލުމާއިއެކު އިޒްއާންވެސް ހިނިތުންވެލަމުން އިޒްހާ ގައިގައި ކުޑަކޮށް ބައްދައިލިއެވެ.
“އާން އާއި ކިން މާލެ ދަނީ މާދަމާ؟ ހަހަހަ.. މި އޮތީ ބޮޑު ޗާންސްގަނޑެއް. އައިމް ގޮނަ ޑިސްޓްރޯއި ޔޫ އިޒްހާ…!” އެ ދެމީހުންގެ ވާހަކަ ފިލައިގެން އަޑު އަހަން ހުރި ކަޔާންގެ ތުންފަތުގައި ކުޅެލައިފައިވަނީި ކާމިޔާބީގެ ހިނިތުންވުމެކެވެ.
އިރުގެ އަލިކަން އުދެރުހަށް ފާޅުވެއްޖެއެވެ. ކެވެއްޔާއި ކާޅުފަދަ ދޫނިތަކުގެ އަޑުން މުޅި ރަށް ގުގުމަމުން ދިޔައިރު އިސްކޫލުގެ އެކިއެކި އުމުރުފުރާގެ ދަރިވަރުން އިސްކޫލަށް ދިއުމަށް މިސްރާބުޖަހަމުން ދެއެވެ. އެ ވަގުތުގައިވެސް އިޒްހާ އިނީ ގޭގެ ޖޯލިފަތީގައި ކޮފީ މަގެއް ހިފައިގެން ކޮފީ ބޯށެވެ. އެހެން އިންނަތާ ފަސް މިނެޓެއްނުވެ ކަޔާން ގޭތެރެއިން ނިކުތެވެ. ކަޔާންއަށް އިޒްހާ ފެނުމާއިއެކު ހުރި ފިޔަވަޅު މަތީގައި ގަނޑުވެވުނެވެ. މިހާ ހެނދުނާވެސް އެ ދޮން މޫނުގައިވަނީ ތާޒާކަމެވެ. ލައިގެންހުރި އަތްދިގު ޖާރޒީ އާއި ކަޅު ޓައިޓުގައިވެސް އޭނާ ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. އިޒްހާއަށް ކަޔާން ފެނުމާއިއެކު ހީލިއެވެ.
“މޯރނިން ޔާން.. ކޮފީއެއް ހަދައިދެންވީތަ؟” އިޒްހާ ވާހަކަ ދެއްކި އަޑަށް އޭނާ ސިހިފައި ހިނިތުންވެލަމުން އާއެކޭ ބުނެ ޖޯލީގައި އިށީނެވެ.
އިޒްހާ ތެދުވެ ގޭތެރެއަށްވަނެވެ. މާ ގިނައިރުތަކެއް ނުވެ ކޮފީ ތައްޓެއް ހިފައިގެން އައިސް ކަޔާން އަތަށް ތަށި ދިގުކޮށްލިއެވެ. ކަޔާން ތަށީގައި ހިފުމާއިއެކު އިޒްހާ އޭނާގެ ކައިރީގައި އިށީނެވެ.
“މިއަދު ސްކޫލަށް ނުދަނީތަ؟” ކުޑަ ހިމޭންކަމަކަށްފަހު ކަޔާން އެއްސެވެ.
“އާނ ، ދެދުވަހުގެ ލީވްއެއް ނަގައިގެން މީނީ. ދެން އެގާރަ ޖަހާއިރު ދޮންބެ މާލެ ފުރަންވެސް ދާނެއެއްނު. އެހެންވެ.” އިޒްހާ ކޮފީ ކޯވަރެއް ބޮއިލަމުން ބުނެލިއެވެ.
“އެހެން ދޯ.. އިޒޫ ލޯބިވެރިއަކު ހުރޭތަ؟” ކަޔާން ދެން އެހި ސުވާލުން އިޒްހާ ކޮށި ނޭރީ ކިރިޔާއެވެ.
“ނު.. ނޫން. އެކަމަކު.. ލޯބިވާ ކުއްޖަކު ހުރޭ.” އިޒްހާ އެހެން ބުނުމާއިއެޖު ކަޔާންގެ ހިތުގައި އެ މީހަކާއި މެދު ހަސަދައިގެ ހުޅުކޮޅެއް ރޯވިއެވެ.
“އެއީ ކާކު؟” އިޒްހާ ކަޔާންއަށް ބަލައިލީ އެހެން އަހާކަށް ނުޖެޔޭ ބުނާފަދަ ގޮތަކަށެވެ.
“އެއީ….”
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Where is the next part