“ވަރަށް ބޮޑަށް ޝުކުރިއްޔާ ވަރަށް ރީތި” ހިނިތުންވެ ހުރެ އެފޮށީގައި ހިފުމަށްފަހު، އޭގައިވާ ގަނޑި ބަލާލަމުން ފަރީޝާ ބުނެލިއެވެ. “އުފާކުރަން ކަމުދިޔާމަ” އާތިފް ބުނެލިއެވެ. “މިހާރު އަޅުގަނޑުގެ ކޮޓަރި ފުރިއްޖެ އާތިފްގެ ހަދިޔާތަކުން” ދޭތެރެއަކުން ފަރީޝާއަށް އެކަހަލަ ކޮންމެވެސް ހަދިޔާއެއް އާތިފް ގެނެސްދޭތީ، ފަރީޝާ ސަމާސަވެރި ރާގަކަށް ބުނެލިއެވެ.
“ފަރީޝާއަށް ކިތަންމެ ހަދިޔާއެއް ގަނެދިނަސް ފަރީޝާ ތިކޮށްދޭ ކަންތަކުގެ ބަދަލެއް ނުދެވޭނެ” އާތިފް ބުނެލީ ސީރިއަސްކަމާއެކުގައެވެ.އެވަގުތު އާތިފާ ދިމާލަށް ފަރީޝާ ބަލައިލިއެވެ. “އަސްލު އާތިފް ތިކޮށްދޭ ކަންތަކަށް އަޅުގަނޑު ޝުކުރުވެރިވާން ޖެހޭނީ…އެހާ ބޮޑުމުސާރައަކާއެކު އަނެއްކާ މިގޭގަ އަޅުގަނޑަށް ދަތި އެއްވެސް ކަމެއްނެތް” ފަރީޝާ ބުނެލިއެވެ.
“މިގެއަށް ހަރަދުނުކުރާށޭ އާތިފް ބުންޏަސް، ފަރީޝާގެ މުސާރައިން ގެއަށް ކާއެއްޗިއްސާ، ގެސާފުކުރާ ސާމާނު ގަންނަކަން އާތިފަށް އިނގޭ…އަނެއްކާ އައިލީންނަށްވެސް އަންނައުނާ ކުޅޭ ސާމާނު ފަރީޝާ ގަނެދޭ” އާތިފް ބުނެލިއެވެ. “އެއީ އަޅުގަނޑު ކުރާހިތުން ކުރާކަންކަން” ފަރީޝާ ބުނެލިއެވެ.
“ކަމެއް ކޮށްދީފާނަންތަ؟” ފަރީޝާއަށް ބަލަންއިނދެ އާތިފް އަހާލިއެވެ. “ލައްބަ ބުނުއްވާ” ފަރީޝާ ބުންޏެވެ. “ވާހަކަދައްކާއިރު މާތް ބަހުން ވާހަކަނުދައްކަފާނަންތަ…މިހާރު އެކުގަ އުޅެ، ދަންނަތާ ތިންމަސްވީނުަ؟” އާތިފް ބުނެލިއެވެ. “ލައްބަ…ސޮރީ އާދަވެފަވީމަ އުދަނގޫވާނެ…އޯކޭ ދެން ނުދައްކާނަން” ފަރީޝާ ބުނެލީ ހިނިގަނޑެއް ޖަހާލަމުންނެވެ.
“އަސްލު ފަރީޝާތީ ވަރަށް ރަނގަޅުކުއްޖެއް….އައިލީންދެކެވެސް ވަރަށް ލޯބިވޭ…ފަރީޝާ ކަހަލަ ރަނގަޅުކުދިން މިޒަމާނުގަ ވަރަށް މަދުވާނެ” ފަރީޝާގެ ރަނގަޅުކަމަށް އާތިފް ތައުރީފު ކުރުމުން ފަރީޝާ ހިނިތުންވެފައި އިނެވެ. “ވަރަށް އަހާލާހިތްވޭ ތިހާ ރަނގަޅުކުއްޖެއް ވަރިވީ ކީއްވެތޯ؟” އާތިފްގެ ހިތުގައިވާ ސުވާލު ފަރީޝާއާ ކޮށްލިއެވެ.އާތިފްގެ އެސުވާލުން، ހިނިތުންވެލައިގެން އިން ފަރީޝާގެ ހިނިތުންވުން ކެނޑުނެވެ.
“ބައި ދަ ވޭ ކިޔާ ދެވެންޏާ އިނގޭ…މިގެއަށް ފަރީޝާ އައި ފުރަތަމަ ދުވަހު ރޭގަނޑު ކާންއަރާފަ އަހަރެމެންގެ ވަނަވަރު ކޮންމެވެސް ވަރަކަށް ކިޔައިދިނީމެއްނު…އެރޭ ހިތަށްއެރި ވަރިވީ ކީއްވެތޯ އަހާލަން..އެކަމަކު މިގެއަށް އައި ފުރަތަމަ ދުވަސްކަމުން ނުކެރުނީ އަހަން” އާތިފް ބުނެލިއެވެ.އާތިފް އެހެންބުނުމުން އޭނާއާ ދިމާލަށް ބަލައިލުމަށްފަހު، ކިޔައިދެވިދާނެ ކަމަށް ފަރީޝާ ބުނެލިއެވެ.
ފަރީޝާ އޭނާގެ ހަޔާތުގައި ދިމާވި ހުރިހާކަމެއް އާތިފަށް ކިޔައިިދިނެވެ.ބައްޕަ ދޮންމަންމައާ ކައިވެނިކުރި ހިސާބުން ދޮންމަންމަގެ އަނިޔާވެރިކަމުގައި ފަރީޝާ އުޅުނު ހިތްދަތި ދުވަސްތަކުން ފެށިގެން، ވިޔާމާ ބައްދަލުވިގޮތާއި، އެދެމީހުން ކައިވެނިވިގޮތުގެ އިތުރުން، ވަރިވި ސަބަބާއި ހަމައަށް، ފަރީޝާއަށް ދިމާވިހުރިހާ ކަމެއް ކިޔައިދިނެވެ. “އެހެންތަ؟..ވަރަށް ދެރަ ލައިފެއް އުޅެފަ ހުރި ކުއްޖެއްދޯތީ؟…ވަރަށް ދެރަވެއްޖެ ތިވާަހަކަތައް އަޑުއަހާފަ” އާތިފް ބުނެލިއެވެ. “އެހެންވީމަ ފަލަވުމުންނާ ދަރިން ނުލިބުމުން ވިޔާމް ބަދަލުވީ؟…އެއީ އަހަރެމެން ފިރިހެނުންނަށް ހެދޭ މިސްޓޭކަކީ…ރީއްޗަށް ބެލެވުން…ބައި ދަ ވޭ ފަރީޝާ އެހާ ފަލައެއް ނޫންދޯ މިހާރު..ކަސްރަތުކުރީތަ؟” ފަރީޝާގެ ވާހަކަތައް އަޑުއަހަން އިނދެފައި އާތިފް އަހާލިއެވެ.
“އާނ…މާލެ އައިފަހުން ދުވަންދިޔައިން ކެއުމަށްވެސް ބެލިން..އެކަމަކު މިހާރު ބައެއްފަހަރު ރޭގަނޑުކެވޭ އެބަ” ފަރީޝާ ބުނެލިއެވެ.”ކީއްވެ މިހާރު ދުވަން ނުދަނީ؟..ޓައިމް ނުވަނީދޯ؟” އާތިފް އަހާލިއެވެ. “އާނ..އެއޯކޭވާނެ ދެން” ފަރީޝާ ބުނެލިއެވެ.
“ދެރަނުވޭ އެއްވެސް މީހަކަށް ދެރައެއްދީފަ އަނެކާއަށް އުފަލުގައެއް ނޫޅެވޭނެ….ފަރީޝާއަށް އަދި ދަރިންވެސް ލިބޭނެ…ފަރީޝާގެ ބައްޕަ އާ ދޭތެރޭ އާތިފަށް ބުނާނެ އެއްޗެއް ނޭނގެ…ތިބުނީ އެއްގޮތަކަށްވެސް ގުޅާނުލައޭ…އާތިފަށް އިނގޭހާވެސް އެއްޗަކީ އާތިފަކަށް ނޫޅެވޭނެކަން އައިލީންގެ ހަބަރެއް ނުވެ” ފަރީޝާގެ މޫނުމަތިން ހިތާމަވެރިކަން އާތިފަށް ފެންނަން ފެށިއެވެ.
“ފަރީޝާއަށް ދަރިން ނުލިބޭތީއާއެކުހެން ހީވަނީ ކުޑަކުދިން ދެކެ އެހާ ލޯބިވެވެނީ…ފަރީޝާމެން ކަހަލަ އަންހެނުންނަށް އިނގޭނީ އެމީހުންގެ އިހުސާސްތައް….އެހެންހުއްޓާ އައިލީންނާ ދިމާވީ…އައިލީން ފަރީޝާދެކެ ލައިކުވާތީ ވަރަށް އުފާވޭ…އަސްލު ފަރީޝާއަކީ އައިލީންނާ ދިމާވުމުގެ ކުރިން، ދުނިޔޭގަ އުޅުމުގެ އެއްވެސް މަގުސަދެއްނެތް މީހެއް…މި މަރުވެފައިވާ ހިތަށް ދިރުމެއް ގެނެސްދިނީ އެތުއްްތު އައިލީން…އެ ހިނިތުންވުމާ..މަންމީއޭ ކިޔާ ގޮވާލާ ގޮވާލުންތަކާ… އެލޮބުވެތި ފިރުމުންތަކާ…އެމައުސޫމު ބެލުމާއި…އެ ކުޑަކުޑަ ދެތުންފަތުންވާ ހިނިތުންވުން” ނުރޯން ހިތްވަރު ކުރިނަމަވެސް ފަރީޝާއަށް ވަރަށް ބޮޑަށް ރޮވުނެވެ.
“ނުރޮއެ ހުއްޓާލާ” ފަރީޝާގެ ކޮނޑުގައި އަތް ބާއްވާލަމުން އޯގާތެރިކަމާއެކު އާތިފް ބުނެލިއެވެ. “އައިލީން ފަރީޝާދެކެ ވަރަށް ލޯބިވޭ” އާތިފް ބުނެލިއެވެ. “އިނގޭ…ފަރީޝާވެސް އައިލީންދެކެ އުފަންދަރިއެއް ފަދައިން ލޯބިވަން” ބޯޖަހާލުމަށްފަހު ފަރީޝާ ބުނެލިއެވެ. “ދެން އާތިފް ކިޔައިދީފާނަންތަ އާތިފް ވަރިވި ސަބަބު” ހަމައަކަށް އެޅިލުމަށްފަހު ފަރީޝާ އެދުނެވެ.
“އާތިފް މިހާރު މިހެން އިނަސް، އާތިފަކީވެސް ވަރަށް ސޭޑް ލައިފެއް އުޅުނު މީހެއް” އާތިފް ބުނެލީ ފަރީޝާއަށް ބަލާލުމަށްފަހުގައެވެ. “ކުރިންވެސް ބުނިހެން އާތިފަކީ އާއިލާގަ ހުރި ހަމައެކަނި ދަރިކަމަށްވާތީ މައިންބަފައިން އާތިފްދެކެ އިންތިހާއަށް ލޯބިވޭ…ކުޑައިރުން ފެށިގެން ބޮޑުވަންދެން އާތިފް އުޅުނީ ވަރަށް އުފަލުގަ…މައިންބަފައިންނަކީ ތަނަވަސް ބަޔަކަށްވާތީ ދަތި އެއްވެސް ކަމެއް ނޯވޭ…ނަމަވެސް އެއުފާވެރި ދިރިއުޅުން ބަދަލުވީ އައިލީންގެ މަންމައާ ބައްދަލުވިފަހުން…އައިލީންގެ މަންމައާ އާތިފަކީ އެއް ސުކޫލެއްގަ ކިޔެވި ދެމީހުން…އޭނަ އާތިފަށްވުރެ ކުޑަވާނީ ދެއަހަރު…ސުކޫލު ދައުރުން ފެށިގެން އޭނައާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ…ތިންއަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ޒަވާޖީ ހަޔާތެއް އަހަރެމެން ފެށިން” އާތިފް އޭނާގެ ހަޔާތުގެ ވާަހަކަތައް ކިޔައިދެމުން ދިޔައިރު ފަރީޝާ އިނީ އަޑުއަހާށެވެ.
“ރައްޓެހިވެގެން އުޅުނުއިރު އައިލީންގެ މަންމައަށް ވަރަށް އެއްޗެހިދިނިން…އަންހެންކުދިން ބޭނުންވާނެ ސެންޓާ ރީތިވާ ސާމާނާ ފައިސާވެސް…އޭރު އުޅުނީ ދެމީހުންވެސް ވަރަަށް ލޯބިން.. އޭރަކު ނޭނގޭ އައިލީންގެ މަންމައަށް އެއްޗެހި ދޭތީ ކަމެއް އޭނަ އެހާ ލޯބިން އުޅުނީ..އޭރު އާތިފް އުޅުނީ މައިންބަފައިންގެ ހަރަދުގަ…އާތިފާ އައިލީންގެ މަންމައާ ކައިވެނި ކުރިއިރު އާތިފްގެ އުމުރުން ވާނީ ވިހި އޭނައަށް އަށާރަ..
ކޮންމެއަކަސް ބޮޑުވެ، މީހަކާވެސް އިނުމަށްފަހު އާތިފް ބޭނުމެއްނުވި މައިންބަފައިންގެ އެހީގަ އިތުރަށް އުޅެން….ހަގީގަތުގަ ވަޒީފާއަކަށް ނުގޮސްވެސް އާތިފަށް އުޅެވޭނެ….ﷲ އިރާދަފުޅުން އާތިފްމެންނަކީ އެހާ ތަނަަވަސް ބައެއް…ކަން އެހެން އޮތަސް އަބަދު މައިންބަފައިން ދިނީމަ ކާލައިގެން އެމީހުން އަތުން ރުފިޔާ ހޯދައިގެން އުޅުން އެއީ އާތިފަށް މާކަމުދާ ގޮތަކަށްނުވި…ހާއްސަކޮށް ފިރިހެން ދަރިއަކަށްވެ ހުރެ، މައިންބަފައިން ބަަލަންޖެހޭ ދުވަހު އެމީހުންގެ އެހީގަ އުޅެން އެއްގޮތަކަށްވެސް ބޭނުމެއްނުވި…
އާތިފް ބޭނުންވީ އަމިއްލަ މަސައްކަތުން ރުފިޔާ ހޯދައިގެން އުޅެން…އިނުމަށްފަހު މައްސަލަ ޖެހެންފެށި ހިސާބަކީ އެއީ… އާތިފަށް އައިލީންގެ މަންމަގެ ބޭނުންތައް ފުއްދައި ނުދެވޭތީ…އެކަނި ކުރާ މަސައްކަތުން ލިބޭ އާމްދަނީއެއް ނުވާނެތާދޯ ތަނަވަސް މައިންބަފައިންދޭ ރުފިޔާއާ އެެއްފަދައެއް…ކަން އެހެންއޮތަސް، މަންމަމެން ގާތު ބުނިން ކުރިންދޭހެން ރުފިޔާ ނުދޭށޭ…އާތިފްގެ ބަހަށް ރުފިޔާ ދިނުން އެމީހުން ހުއްޓާލި، ނަމަވެސް އާތިފަށް ދިރިއުޅެން އެޕާޓްމެންޓެއް ދިން..އެއީ މިތަން…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Varah reethi
Waiting for next part
Avahah genes dhinun edhen
Thanks dear ?
Will upload soon