“އެހެންތަ؟…އައި އެމް ސޮރީ” ކުއްޖާގެ މަންމައާ ވަރިވެފައޭ އެޒުވާނާ ބުނުމުން ފަރީޝާ ބުނެލިއެވެ. “އިޓްސް އޯކޭ” އެޒުވާނާ ޖަވާބުގައި ބުނެލިއެވެ. އަދި އަނެއްކާވެސް ކުޑަކުޑަ އައިލީން ކައިރި ގެއަށް ދިއުމަށް ބުނެލިއެވެ.ދެވަނަފަހަރަށްވެސް ގަދަކަމުން އެކުއްޖާ ގެންދަން އޭނާގެ ބައްޕަ މަސައްކަތްކޮށްލިއެވެ.އެހެންނަމަވެސް ހަމަހިލާ އެތަނުން އެކުއްޖާ ގެންދެވޭވަރެއް އޭނާއަކަށް ނުވިއެވެ.
ދެވަނަފަހަރަށް ގަދަކަމުން ގެއަށް ގެންދަން އުޅެންފެށުމުން، ކުއްޖާ އިތުރަށް ރޯންފެށިއެވެ.އެއާއެކު އެކުޑަ އައިލީންގެ އަޑުވެސް ބާރުވާން ފެށިއެވެ.ރޮމުންދިޔަ އައިލީން ދިޔައީ ފަރީޝާގާތު އެކުއްޖާއާ އެކު އެގެއަށް ދިއުމަށްބުނެ އާދޭސްކުރަމުންނެވެ.ވަގުތުކޮޅަކަށް ހަދާނެގޮތް ހުސްވެފައި ޒުވާނާގެ އިތުރުން، ފަރީޝާއަށްވެސް ހުރެވުނެވެ.
ކުއްޖާގެ ރުއިންވެސް ނުކެނޑުމުންނާއި އެކު އެކުއްޖާއާއެކު އެގެއަށްދާން ފަރީޝާ ނިންމިއެވެ.އެހެންކަމުން އައިލީންއާއެކު އެގެއަަށް ދިއުމުގެ ހުއްދަ އެޒުވާނާ ގާތުން ފަރީޝާ އެހިއެވެ. “ބޭބީ ހަމައަކަށް އެޅިލީމަ އަޅުގަނޑު ދާނީ…މިވަގުތު ތިގެއަށް އަޅުގަނޑު ދިއުން ނޫންގޮތެއް ނެތްހެން ހީވަނީ” ފަރީޝާ ބުނެލިއެވެ.ފަރީޝާ އެހެންބުނުމުން ޒުވާނާ ވަގުތުން އެކަމާ އެއްބަސްވިއެވެ.އޭނާގެ ހަރަކާތްތައް ހުރިގޮތުން ފަރީޝާ ކައިރި އިސްވެ އެހެންބުނަން ނުކެރިފައި ހުރިހެން ހީވިއެވެ.
“ހިނގާ ކޮއްކޯ ދާން ދައްތައާއެކު” ކުއްޖާ އުރާލަމުން ފަރީޝާ ބުނެލިއެވެ.ފަރީޝާ އެހެންބުނުމާއެކު އެކުއްޖާ އަނެއްކާވެސް ރޯންފެށިއެވެ.އަދި ފަރީޝާ އެއީ ދައްތައެއް ނޫންކަމަށާއި އެއީ އޭނާގެ މަންމަކަމަށް ބުނެ ކުއްޖާ ރޯންފެށިއެވެ. “އޯކޭ ސޮރީ ހުއްޓާލާ ދަރިފުޅޫ…ހިނގާ މަންމިއާއެކު ގެއަށްދާން” ކުއްޖާ އިތުރަށް ރޯންފެށުމުން، އޭނާ މަސަލަސްކުރުމުގެ ނިޔަތުގައި ފަރީޝާ ބުނެލިއެވެ.ފަރީޝާ އެހެންބުނުމާއެކު ރުއިން ހުއްޓާލުމަށްފަހު، ފަރީޝާގެ ކޮނޑުގައި އެކުޑަ އައިލީން ބޯއަޅާލިއިރު، ރުއިމުގެ ސަބަބުން އެކުއްޖާއަށް ވަނީ ގިސްޖެހެން ފަށައިފައެވެ.
“ގެ ހުންނާނީ ހަމަ މިމަގުގަ…އަޅުގަނޑު މިހެން ދޭތެރެއިން އައިލީން ގޮވައިގެން އަންނަން މިޕާކަށް…އައިލީންނަކީ ދުވަހަކުވެސް ތިހެން އުޅުނުކުއްޖެއްނޫން..އާންމުކޮށް މީހުންނާ އެހާ ފުރެންޑެއްނުވާނެ…މީހަކު ލޯބިން އައިލީންގެ ކޮލުގަ ހިފާލިއަސް ދުރަށްޖެހޭނީ..އަނެއްކާ އައިލީންގެ މަންމަ ހުންނަނީ ބުރުގާވެސް ނާޅާ…ބައެއްފަހަރު އެއްގޮތްމީހުން ފެނިގެން މަންމަކަމަަށް ހީކުރެވިދާނެ…އެކަމަކު ތިބޭފުޅާއާ އައިލީންގެ މަންމައާ ވައްތަރެއްވެސް ނޫން..އެހެންވީމަ ވަރަށް ހައިރާންވެފަ މިހުރީ” ގެއަށް ދިޔަ މަގުމަތީގައި އެފިރިހެންމީހާ ފަރީޝާއަށް ބުނެލިއެވެ.
********
ޒަމާނީ ފެންވަރަށް ހަދާފައިވާ އެގޭގެ ހަތަރުވަނަ ބުރިއަށް ލިފްޓުގައި އެމީހުން ފޭބިއެވެ.ދޮރުމައްޗަށް ހުއްޓިލުމަށްފަހު އެޒުވާނާ ބެލް އަޅާލިއެެވެ.އެއާއެކު ބިދޭސީ އަންހެނެއް ދޮރުހުޅުވިއެވެ. “އާދޭ އެތެރެއަށް” ފަހަތުގައި އައިލީން އުރާލައިގެން ހުރި ފަރީޝާއަށް ވަނުމަށް ބުނެ ދޮރުގައި އެޒުވާނާ ހިފާލިއެވެ. “އައިލީން ބޭބީ” އައިލީން ފެނުމާއެކު ބިދޭސީ އަންހެންމީހާ އައިލީނަށް ގޮވާލިއެވެ.ނަމަވެސް ފަރީޝާގެ ކަރުގައި ދެއަތުން ބައްދާލައިގެން، އޭނާގެ ކޮނޑުގައި ބޯއަޅާލައިގެން އައިލީން އޮތްގޮތަށް އޮތީއެވެ.
“ނިދީތަ އަނެއްކާ؟” އައިލީންގެ ފަރާތުން ހަރަކާތެއް ނުފެނުމުން އޭނާގެ ބައްޕަ ފަރީޝާގެ ފުރަގަހަށް ގޮސް އައިލީނަށް ބަލައިލިއެވެ. “ނުވެސް ނިދާ ހަމަ ދެލޯ ބޮޑުކޮށްގެން މިއޮތީ….ދަރިފުޅޫ” އައިލީންގެ އަތުގައި ހިފާލަމުން އޭނާގެ ބައްޕަ ގޮވާލިއެވެ.ބައްޕަ ގޮވާލުމާއެކު ބޯއުފުލާލާ އޭނާއާ ދިމާލަށް ބަލާލުމަށްފަހު، އަނެއްކާވެސް ފަރީޝާގެ ކޮނޑުގައި އައިލީން ބޯއަޅާލިއެވެ.
ފަރީޝާ މުޅިތަނަށް ނަޒަރުހިންގާލިއެވެ.ތަނަވަސްކަން ބޮޑު އެގޭގެ ހުރިހާ އެއްޗެއްވެސް ވަނީ ވަރަަށް ތަރުތީބުކޮށްފައެވެ.މުޅި އެސިޓިންރޫމަށް ބަލާލިއަސް ފެނިގެންދަނީ އައިލީންގެ ކުޅޭ ސަމާނުތަކެވެ.ދުއްވާ ކާރާއި ކަނެއްގައި ހުރި އިސްކޮޅަށްވުރެ ދިގެ ބާސްކެޓުގައިހުރި ސޮފްޓް ޓޯއިސްތަކެވެ.
********
“އެދައްތަ އެހުރީ ދަރިފުޅާއެކު މިގެއަށް އައިސްސަ ދެން އާދޭ ބައްޕަ ކައިރިއަށް….މިހާރު ދައްތަ އެހުރީ ދާން ލަސްވެފަ” އައިލީން އުރާލަން އުޅެމުން އޭނާގެ ބައްޕަ ބުނެލިއެވެ.
“ނޯ…މީ ކޮއްކޮގެ މަންމި” އަނެއްކާވެސް ފަރީޝާއާ ދުރަށް ނުދާން ދެކޮޅު ހަދަމުން އައިލީން ބުނެލިއެވެ. “ދެން އާދޭ ދަރިފުޅޫ…މަންމި އެހުރީ ދާން ލަސްވެފައޭ” ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، އެޒުވާނާ ބުނެލީ އައިލީން އާދޭތޯއެވެ.ނަމަވެސް އެކުއްޖާ ފަރީޝާއާ ދުރަށްދާކަށް ގަބޫލެއް ނުވިއެވެ.ދަގައްފާނެއް ތަތްލާހެން އެކުއްޖާވަނީ ފަރީޝާ ގައިގައި ތަތްލާފައެެވެ.
“ޕާކުތެރެއިން މަންމީއޭ ކިޔާ ދިޔަގޮތަށް…އަހަރެން ކައިރިއަށް ނުވެސް އައި…ރޯވަރުން މިބޭފުޅާ މިއައީވެސް” ބިދޭސީ މީހާއަށް ޒުވާނާ ބުނެލިއެވެ.
“ބައި ދަ ވޭ މީ އާތިފް” ތަޢާރަފްވެލަމުން ފަރީޝާއަށް އެޒުވާނާ ބުނެލިއެވެ. “މީ ފަރީޝާ” ފަރީޝާވެސް ތައާރަފް ވެލިއެވެ. “ދެން މިހުރީ ލަކްޝްމީ” ހަރުފުރައިގެ ބިދޭސީ އަންހެންމީހާ ދައްކާލަމުން އާތިފް ބުނެލިއެވެ. އެވަގުތު ލަކްޝްމީ ފަރީޝާއަށް ހިނިތުންވެލިއެވެ.
“ލަކްޝްމީ ގޭގެ ހުރިހާ މަސައްކަތަކާ އައިލީންވެސް ބަލަނީ…ދުވާލުގެ ގިނަވަގުތު އާތިފް އުޅެނީ އޮފީހުގަ..މިހެން ލިބޭ އޮފް ދުވަހެއްގަ ނޫނީ ބުރޭކް ވަގުތެއްގަ މިލިބެނީ ދުވާލުވަގުތު އައިލީންއާއެކު ހޭދަކޮށްލަން…ރޭގަނޑު ޑިއުޓީ ނިމޭތީ ގިނަދުވަސްދުވަހު ގެއަަށް އާދެވޭއިރު އައިލީން އޮންނަނީ ނިދާފަ” އާތިފް އޭނާގެ ދިރިއުޅުމުގެ ޝެޑިއުލް ހުންނަގޮތް ފަރީޝާއަށް ހިއްސާކުރިއެވެ.
އާތިފަށް ވަރަށް ކިޔުނު އިރުވެސް އައިލީން އޭނާގެ ގާތަށް ނައުމުން، އައިލީން ބިންމަތީގައި ބެހެއްޓުމަށް ފަރީޝާއަށް އޭނާ ބުންޏެވެ.އާތިފްގެ ބަހަށް ފަރީޝާ އައިލީން ބިންމަތީގައި ބެހެއްޓިއެވެ.އެވަގުތު އައިލީން ފަރީޝާއާ ދިމާލަށް ބަލާލިއެވެ.މިފަހަރު ފަރީޝާ ކައިރިއަށް ނައިސް އައިލީން ބަލަންހުރުމުން، އެކުއްޖާ ހަމައަކަށް އެޅުނީކަމަށް އެންމެނަށްވެސް ހީކުރެވުނެވެ. “އެއްޗެއް ބޯލައިގެންނު ދާންވާނީ” އާތިފް ފަރީޝާއަށް އެދުނެވެ. “ނޫނޭ ރަނގަޅުވާނެ” ފަރީޝާ ބުނެލިއެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ…ވަރަށް ބޮޑަށް އުދަނގޫވެސް ކުރެވިއްޖެ” ފަރީޝާއަށް އާތިފް ބުނެލިއެވެ.އެވަގުތު އެއީ މައްސަލައެއް ނޫންކަމަށާއި އުދަނގޫނުވާކަމަށް ފަރީޝާ ބުނެލިއެވެ.އާތިފާ ސަލާމް ކޮށްލުމަށްފަހު އެތަނުންދާން ފަރީޝާ ހިނގައިގަތެވެ.އެއާއެކު ފަރީޝާއަށް ބަލަންހުރި އައިލީން މަންމީއޭ ކިޔާ ގޮވާލިއެވެ.
“ލަކްޝްމީ ދޭ އައިލީން ގޮވައިގެން ކޮޓަރިއަށް” ފަރީޝާ ދާތަން ފެނުނީމަ އައިލީން ރޮއެފާނެތީ އާތިފް ބުނެލިއެވެ. ވީވެސް އެހެންނެވެ.ފަރީޝާ ނިކުންނަން އުޅޭކަން އެނގުމުން އޭނާއާ ދިމާލަށް ދާން އައިލީން އުޅުނެވެ.އެވަގުތު ލަކްޝްމީ އެކުއްޖާ ހުއްޓުވިއެވެ.ލަކްޝްމީ ހުއްޓުވުމުން އައިލީން ރޯންފެށިއެވެ.އެ އެޕާޓްމެންޓުން ނިކުތް ފަރީޝާއަށް އައިލީން ރޯއަޑު އިވުމާއެކު ހުއްޓުން އެރިއެވެ.އެލޯބި ކުއްޖާ ރޯއަޑު އިވުނަސް ފަރީޝާގެ ހިތަށް އަސަރުކުރެއެވެ.
ދާން ނުކެރިފައި އެޅި ފިޔަވަޅުމަތީގައި ފަރީޝާ ހުއްޓާ، ގަދަހަދަމުން ދިޔަ އައިލީން އެމީހުންގެ އަތުން ދޫވެ ނިކުންނަ ދޮރާ ދިމާލަށް ދުއްވައިގަތެވެ.އަދި އެތާ ފަރީޝާ ހުރިތަން ފެނުމުން މަންމީއޭ ކިޔާ، އުރާށޭ ބުނާކަހަލަގޮތަށް އެކުއްޖާ ދެއަތް އުފުލާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






Masha Allah ??? mi part vx varah furihama varah rythi ⭐⭐⭐ ehn V maa hayaaih badhalu kollaa kuda kujjaa akii Aileen dhw ???
thanks dear ????
yes???
Masha Allah ??? mi part vx vrh rythi vrh furihama ⭐⭐⭐ ehn V maa hayaaih badhalu kollaa kuda kujjaa akii Aileen dhw ??? mihaaru wiyaam men kobaatha….?? Habareh nuvaathy ahaalyy ☺️☺️☺️ when next….?
thanks dear??
yes???
adhi viyaam ge habaruves vaane inthizaaru kohllavvaa???