އެ ނަފްސުގެ ބަދަލު 6
މިހެން ގޮސް އަނެއްކައި އައިމަލް މީހަކު ގައިގައި ވަރަށް ބާރަށް ޖެހުނެވެ. ” ސޮރީ” އައިމަލްއަށް މިހެން ބުނެވުނެވެ.އަދި ޖެހުނު މީހާއާ ދިމާލަށް ރަނގަޅަށް ބަލައިލެވުނެވެ. އެ މީހާގެ މޫނު ފެނުމުން އައިމަލްއަށް ސިހުމެއްލިބުނެވެ. އެއީ 3 ދުވަސް ކުރިން ދިމާވި ފިރިހެން ކުއްޖާއެވެ. އެ ފިރިހެން ކުއްޖާ ހީނލިއެވެ. ” އަނެއްކާ ވެސް ދިމާވީ ދޯ… އަހަރެން ހީކުރީ ދެން ދިމައެއް ނުވާނެކަމަށް…”.”އާނ..އަހަރެން ވެސް ހީކުރީ ތިހެން… އަހަރެންގެ ނަމަކީ އައިމަލް..” އައިމަލް ބުނެލިއެވެ. “އަހަރެންނަށް ކިޔަނީ ކައިރާން… ‘އައިމަލް’ ހާދަ ރީތި ނަމެއް..”. އެ ފިރިހެން ކުއްޖާގެ ނަން ބުނެލިއެވެ. ކިޔަނީ ‘ކައިރާން’ އެވެ.
ދެކުދިން އަނެއްކާވެސް ދިމާވުމުން، ދެކުދިން ދެކުދިންނަށް ތައާރަފުވިއެވެ. އެންމެފަހުން މިދެކުދިން އެކުވެރިކަމުގެ ގުޅުން ބޭއްވިއެވެ. ” ކޮބާ އައިމަލްގެ މަންމައާ ބައްޕަ؟” ކައިރާން މިސުވާލު ކުރުމުން އައިމަލްގެ މޫނުމަތިން ކުލަވަރު ބަދަލުވިއެވެ.އަދި އިސްޖަހައިލިއެވެ. ” ބުނަން ބޭނުން ނުވަންޏާ އޯކޭ ނުބުނިއަސް..ސޮރ”.ކައިރާން އަވަހަށް ބުނެލިއެވެ.” ބައްޕަ އެކްސިޑެންޓަކުން…ކުއްލި ފަރުވާ ދެމުން ދަނިކޮށް މަރުވީ.. މަންމަ.. ކޮއްކޮ ވިހި ފަހުން ދުވަސްކޮޅެއްގެ ތެރޭ މާބޮޑަށް ބަލިވެގެން، މަންމަ ވެސް ވަކިވެގެން ދިޔައީ…”. އައިމަލް ޖަވާބުގައި ބުނެލިއެވެ. ” އޯ.. ސޮރީ…” ކައިރާން ބުނެލިއެވެ. ” އައިމަލް ތި ބުނީއެއްނު މަންމަ ކޮއްކޮ ވިހި ފަހުން މަރުވީއޭ…” ކައިރާން ސުވާލުކުރިއެވެ.” ހުމްމް؟” އައިމަލް ބޯޖަހައިލިއެވެ. ” ދެން ކޮބާ ކޮއްކޮ؟”.ކޮއްކޮ ކޮބާހޭ ބުނުމުން އައިމަލް ފެން ކަޅިވެ،ރޮވެން ފެށުނެވެ. އައިމަލްގެ ހަނދާނަށް އަންނަމުން ދިޔައީ އައިމާ އައިމަލްއާ ވަކިވި މަންޒަރެވެ.އައިމާގެ އެންމެ ފަހު ބަހެވެ. ‘ދޮންތީ’ މިހެން އައިމާ ބުނާ އަޑު އައިމަލްގެ ކަންފަތަށް އަބަދުމެ އިވެމުންދެއެވެ. ” އެ ނުބައި މީހުން…މަރާލީ… ކޮއްކޮ…ކޮއްކޮއަށް އަދި އެންމެ 3 އަހަރު… އަހަރެންނާ ހެދި އައިމާ މަރު….” ކައިރާން އައިމަލް ގައިގައި ބައްދައިލިއެވެ.އަދި އެއީ އައިމަލްގެ ކުށެއް ނޫންކަމަށް ވެސް ބުނެ، ވިސްނައިދިނެވެ. ހަމައެއާއެކު އައިމަލްގެ ހާދިސާ ކައިރާންއަށް ކިޔައިދެމުން ގެންދިޔައެވެ. އެ ނުބައި މީހުން ކުރި ހުރިހާ ކަންތައްތައް ކިޔައިދިނެވެ. އަދި އައިމަލްގެ ބައްޕަގެ މަރާމެދު އެ ނުބައި މީހުންނާ މެދު ޝައްކުކުރެވޭކަމަށް ވެސް އައިމަލް ބުންޏެވެ.
” އެމީހުން؟ ތިބުނީ ކަޅު ކުލައިގެ ސޫޓު ތަކެއް ލައިގެން އެއްވެސް ޓައީއެއް ނާޅާ ތިބޭ ބައެއްތަ؟” ކައިރާންއަށް އެމީހުންކަން ޔަގީންކުރުމަށް ސުވާލުކުރިއެވެ.” އާނ… ދެން ކޮންމެ މީހެއްގެ އަތުގަ ކޮންމެވެސް ކަހަލަ ނިޝާނެއް އޮވޭ…ފާޑެއްގެ ކުރެހުމެއް..”. އައިމަލް ޖަވާބުގައި ބުނެލިއެވެ. ” އައިމަލް… އަހަރެންނަށް އިނގޭ ތިމީހުން…”ކައިރާން މަޑުމަޑުން ބުނެލިއެވެ.އަދި ފުން ނޭވާއެއް ބޭރަށް ދޫކޮށްލިއެވެ. ” އެއީ ކޮންބައެއް؟” އައިމަލް ކައިރާންގެ މޫނަށް ބަލައިލައިފައި ސުވާލުކުރުއެވެ.” އެއީ ގޭންގްސްޓާސްގެ އެންމެ ވަރުގަދަ މީހުން…އެކަކަށް ވެސް އެމީހުންނަކަށް ކުރިމަތިލާކަށް ނުކެރޭ..ކޮށްފިނަމަ،އެމީހެއްގެ ދުވަސް ދިޔައީ..އަދި އެމީހުންގެ އަތުން ރުފިޔާއެއް ނަގައިފި ނަމަ،އެމީހުން ބުނާ މުއްދަތަކަށް ރުފިޔާ އަނބުރައި ދޭންޖެހޭނެ.އެހެންނޫނީ އެމީހަކަށް ދިރިވެސް ނޫޅެވޭނެ.” ކައިރާން ކިޔައިދެމުންދިޔައެވެ. އޭގެއިތުރުން ކައިރާންއަށް އެމީހުންގެ ފަރާތުން ލިބުނު ދެރަ ކިޔައިދިނެވެ.
” އެހެންވީމަ ދެމީހުން ވެސް އެއް ސަފްހާއެއްގަ ދޯ…” އައިމަލް ބުނެލިއެވެ. މިހާރު އިރުއޮއްސެނީއެވެ. ” މިހާރު އަނދިރިވަނީ.. ކޮންތާކު އައިމަލް އުޅެނީ؟” ކައިރާން ސުވާލުކުރުން އައިމަލް ބުނާނެ އެއްޗެއް ނޭނގުނެވެ.އައިމަލް ފާޑަކަށް އިނެވެ.” ކިހިނެއްވީ؟” ކައިރާން އަނެއްކާވެސް ސުވާލު ކުރިއެވެ.” އަމް..އަހަރެން އުޅޭނެ ތަނެއް ނެތް..” އައިމަލް މަޑުމަޑުން ބުނެލިއެވެ.” އައިމަލް ތި ބުނީ މިހުރިހާ ދުވަހު މަގުމަތީއޭ އުޅެނީ؟” ކައިރާންއަށް ސިހުމެއް ލިބުނެވެ. އައިމަލް އިސްޖަހައިލައިފައި އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އެވަގުތު ކައިރާން ހަނދާންވީ ކައިރާންގެ ބައްޕަ ކައިރާންއަށް ދިން ގެއެއްގެ މަތިންނެވެ. ” އަހަރެންގެ ހުންނާނެ އަދި އިތުރު ގެއެއް… ހުސްކޮށް ހުންނާނީ… އެގޭގަ ރޭކުރެވިދާނެއްނު..” ކައިރާން ބުނެލިއެވެ. މިހެން ބުނެ ދެކުދިން ވެސް ކުރިއަށް ހިނގައިގަތެވެ. ގެއާ ހަމަވުމުން އައިމަލް ހުއްޓުނެވެ.އަދި ކައިރާންއާ ދިމާލަށް ބަލައިލީ ޝުކުރުވެރި ލޮލަކުންނެވެ. ” ވަރަށް ބޮޑަށް ޝުކުރިއްޔާ! އަހަރެން ދުވަހަކުވެސް މިހާ އުފަލެއް ނުވޭ…”.އައިމަލް ބުނެލިއެވެ. ކައިރާން ހީނލައިފައި ބުނެލިއެވެ. ” އެހެންވަނީ…”.މިހެން ބުނެ ކައިރާން ހިނގައިގަތެވެ.
ޖެހިގެން އައި ދުވަހެވެ. އައިމަލްއަށް ހޭލެވުނީ ކުޑަދޮރުން އައިމަލްގެ ލޮލަށް އަވި އެރުމުންނެވެ. ކޮޓަރީގައި ހަރުކުރެވިފައިވާ ގަޑިއަށް ބަލައިލުމުން އަދި 07:45 ވީއެވެ. އައިމަލް މޫނުދޮވެލައިގެން ގެއިން ނުކުތުމަށް ތައްޔާރުވިއެވެ. އަދި ކުރިއަށް ހިނގައިގަތީ ކައިރާން ހޯދުމަށެވެ. ކައިރާން ފެނުމުން އައިމަލް ގޮވައިލިއެވެ. ” މޯނިން… ހިނގާ ސައިބޯން…” ކައިރާން ބުނެލިއެވެ. އަދި ގޮޑީގައި އިށީންނުމަށް އައިމަލް ގާތުގައި ބުނެލިއެވެ. މޭޒުމައްޗަށް އެރުވި ކާ އެއްޗެހި ފެނުމުން އައިމަލް ދެލޯ ބޮޑުވިއެވެ. މޭޒުމަތި ވަނީ އެއްކޮށް ފުރިފައެވެ. ހުސްކޮށް ހުރި އެންމެ ޖާގައެއްވެސް ނެތެވެ. އައިމަލް ކާއެއްޗިއްސަށް ބަލަހައްޓައިގެން ހުރެވުނެވެ. ” މީތަ މީހުން ކާވަރު؟ ހާދަ ބައިވަރެއް!” އައިމަލް ސުވާލުކުރިއެވެ. ” އާނ… އައިމަލް ބޭނުން ވަރަކަށް ކާންވީ…ހުސްވާއިރަށް އަނެއްކާ ގެނެސްދީފާނަން..” ކައިރާން ހީނލައިފައި ޖަވާބުގައި ބުނެލިއެވެ. ” ވާހް..ހާދާ ރަނގަޅޭ..”.މިހެން އައިމަލް ބުނެ ކާން ފެށިއެވެ. އައިމަލް ދުވަހަކުވެސް، އާދައިގެ މަތިން ކާވަރަށް ވުރެ މާ ގިނައިން ވެސް ކެވިއްޖެއެވެ. ބަނޑުފުރުމުން ހިތްހަމަވެސް ޖެހުނެވެ.
ހެނދުނުގެ އަރާމު ސަޔަކަށް ފަހު، ކައިރާން އަދި އައިމަލް މުހިންމު ‘ ކަންކަން’ ރާވަން ފެށިއެވެ. އަދި އައިމާއާ އައިމަލް އެންމެ ފަހުން ދިމާވި ތަނަށް މިސްރާބުޖެހިއެވެ. ފަހަތަށް އެނބުރި ދާކަށް އައިމަލް ޖެހިލުންވިއެވެ. ބިރުގަތެވެ.ހިތި ހަނދާން އާވިއެވެ.އެހެންނަމަވެސް އައިމާއަށްޓަކައި އައިމަލް ފަސްއެބުރި އަލުން މިކަން ފެށީއެވެ.މިފަހަރު އެކަންޏެއް ނޫނެވެ. މިފަހަރު އެ ނުބައިމީހުންގެ ކުޅިވަރު އައިމަލް ހުއްޓުވާނެކަމަށް ހިތުގައި ވަރުގަދަ ވައުދެއް ކުރިއެވެ. އާއެކެވެ.އެއީ އައިމާއަށެވެ.ލޯބިވާ ކޮއްކޮއެވެ. ހަމައެކަނި އައިމަލްގެ ހިތުގެ ދެވަނަ ވިންދެވެ. ދިގު ހިނގުމަކަށް ފަހު އައިމަލް އަދި ކައިރާން އެންމެ ފުރަތަމަ ދިމާވި ތަނަށް އާދެވިއްޖެއެވެ. އެއީ އެއްކަލަ ދިގު ވިނަގަސް ގިނަ،ހަނި މަގެވެ. “އައިމަލް،ހަނދާންވޭތަ މީ ކޮންތަނެއްކަން؟” ކައިރާން ހުރެލައިފައި ސުވާލުކުރިއެވެ.” ތި ބުނީ އަހަރެން މަޑުމަޑުން ހިނގައިފައި ދަނިކޮށް މީހަކު ސައިކަލަކާ މާބާރަށް ދުއްވަމުން އައިސް ވެއްޓުނުތަންތަ؟”.އައިމަލް އިނގޭކަމަކަށް ނުހަދައި ޖަވާބުދިނެވެ. ކައިރާން ހިނިއައެވެ.”އާނ… މީ އަހަރެމެން އެންމެ ފުރަތަމަ ދިމާވިތަން…”. ކައިރާން ބުނެލިއެވެ.އައިމަލް ހަނދާންވޭކަމަށް ކައިރާން ގާތުގައި ބުނެލިއެވެ. ” ކައިރާން…” އައިމަލް ގޮވައިލިއެވެ. ކައިރާން ބަލައިލުމުން އައިމަލް އަނެއްކާވެސް ބުނެލިއެވެ.” ކައިރާން ބުނީމެއްނު އެމީހުންގެ ސަބަބުން ކައިރާންއަށް ދެރައެއް ލިބުނޭ…ކޮން ބަދަލެއް އެމީހުން ދިނީ؟”. ކައިރާން ފުން ނޭވާއެއް ދޫކޮށްލައިފައި ބުނެލިއެވެ.” އެމީހުން ހަމައެކަނި އެއީ ބަދަލުދޭ މީހުންނެއް ނޫން…ވަކި ޓާރގެޓެއް ވެސް އެމީހުން ބަލާ… މިހެން ގޮސް އަހަރެންގެ ކޮއްކޮ އެމީހުންގެ ޓާރގެޓަކަށްވީ…އަހަރެންގެ ކޮއްކޮ ޓާރގެޓަކަށްވި ސަބަބެއް ނޭނގެ…” ކައިރާން ކިޔައިދެމުން ދިޔައެވެ.
*ކައިރާންގެ ވާހަކަ…*
——————————————————————————————————
ކައިރާން ގެއަށް ވަނުމާއެކު ކައިރާންގެ މަންމަ ގިސްލަގިސްލައި ރޯ އަޑު އިވުނެވެ. ކައިރާން ދުވެފައި ގޮސް އޭނާގެ މަންމަ ހޯދިއެވެ.ކަމަކު ދާކަށް ނެތެވެ. ގޭތެރޭގައި ހުރި ބައެއް ތަކެތި ވަނީ ބިންމަތީގައެވެ.ބައެއް އެއްޗެހި ތަޅައިގެން ގޮސް ކުދިކުދި ވެފައެވެ.އަނެއްބައި އެއްޗެހި ވަނީ ހަލާކުވެ،ފުނޑުފުނޑު ވެފައެވެ.ތަޅުންގަނޑު މަތީ ލެއި ހޭކިފައި ހުރިއެވެ. އެއީ މަންމަ ގައިންނެއް ނޫނެވެ.އެއީ ކައިރާންގެ ބައްޕަގެ ލެޔެވެ. ބައްޕަގެ ވިންދެއް ނެތެވެ. ނޭވާ ވަނީ އެއްކޮށް ހުއްޓިފައެވެ. ދެން ކުރާނެކަމެއް ނެތްކަން ޔަގީނެވެ.ހަމަގައިމުވެސް މަރުވެފައިވާ މީހަކު އަލުން ދިރުވައިފައި ނުގެނެވޭނެއެވެ… ކައިރާން ސުވާލުކުރުމުގެ ކުރިން ކައިރާންގެ މަންމަ އަވަހަށް ބުނެލިއެވެ.”ދަ..ދަރިފުޅާ!! ނިކަން އަވަހަށް ދޭބަލަ… އެމީހުން…މައިރާ…ގެންގޮސްފި!! އަވަހަށް ދޭބަލަ!!”. މިހެން ބުނުމުން،ކައިރާން ގެއިން ބޭރަށް ހުރި ބާރުލައިފައި ދުއްވައިގަތެވެ.
އެތަށް މީހަކު ވަނީ އެ ނުބައި ނުލަފާ މީހުންގެ ދުށްތުރާ އަނިޔާ ލިބިފައެވެ. ދުވަހުން ދުވަހަށް އެމީހުންގެ އުފަލުގައި އެކި މީހުންނަށް ބިރު ދައްކައި ހަދައެވެ.އެވެނި ކަމެއް ނުކޮށްފިއްޔާ މިވެނި ކަމެއް ކުރާނަމޭ ކިޔަމުންނެވެ. މައިރާ އަކީ ކައިރާންގެ އެންމެ ކުޑަ އަންހެން ކޮއްކޮ އެވެ. މައިރާ ރޯއަޑު ދުރު ހިސާބަކުން ކައިރާންއަށް އިވުނެވެ.އަދި ހުއްޓުމެއްނެތި ދުވަމުން ދިޔައެވެ. ” ކޮއްކޯ… ނުރޮއެބަލަ…ބޭބެމެން ނުކުރާނަމޭ އެއްވެސް ކަމެއް..” އެންމެ އިސްކޮށް ހުރި ނުބައި މީހާ މިހެން ބުނެލިއެވެ. އެކަމަކު މައިރާގެ ރޮވުން ނުހުއްޓެއެވެ. އަޑު ދިޔައީ އިތުރަށް ގަދަވަމުންނެވެ. ” މައީ..” ކައިރާން ހާސްވެފައިހުރެ ވައި އަޑަކުން ބުނެލިއެވެ.
މައިރާގެ ރޮވުން މާބޮޑަށް ގަދަވުމުން އެ ނުބައި މީހުންނަށް އުނދަގޫވިއެވެ.” ތި ހުއްޓާލަބަލަ!!!” މިހެން ބުނެ އެންމެ އިސް މީހާ މައިރާ ގައިގައި ވަރުގަދައަށް ޖަހައިލިއެވެ. އެވަގުތު ކައިރާން އައިސް “މައިރާ!” މިހެން ވަރަށް ބާރަށް ބުނެވުނެވެ. ކައިރާން ކުރިއަށް ދަމުން ދިޔައެވެ. މައިރާ އަތުގައި ޖެހެން އެންމެ ތިން ފިޔަވަޅު އޮއްވައި އެ ނުބައި މީހާގެ ގުރޫޕުން އެކަކު އައިސް ޖީބުން ފޮތިކޮޅެއް ނެގިއެވެ. މި އާދަޔާ ޚިލާފު މަންޒަރު ފެނުމުން ކައިރާންއަށް އުނދަގޫވިއެވެ.އަދި އިންތިހާއަށް ރުޅިގަދަވިއެވެ.އެކަމަކު ކުރިއަށް އޮތް ތިން ފިޔަވަޅު އެޅެން އޮއްވައި އެންމެ އިސް މީހާ އިންޒާރެއް ދިނެވެ. ” އިތުރު ފިޔަވަޅެއް އަޅައިފި ނަމަ.. މި ލޯބިލޯބި ކޮއްކޮގެ ފުރާނަ ގެއްލޭނެ..ހެހެހެ…އަދި ބުނަންތަ މި ފޮތިކޮޅުގަ މީ ކޯޗެއްކަން؟ މީ….” މިހެން ބުނެ އެ މީހާ އައިސް މައިރާގެ ނޭފަތުގައި ފޮތިކޮޅު ނިވާކުރިއެވެ. ކައިރާން ދުއްވައިގަތުމުގެ ކުރިން އެ ނުބައި މީހުންގެ ތެރެއިން ދެމީހުން އައިސް ކައިރާން ހުއްޓުވިއެވެ…
——————————————————————————————————
” އަހަރެން ދުއްވައިގެންނި އިރަށް…” މިހެން ކައިރާން ބުނެ ކައިރި ބަލައިލީއިރު އައިމަލް ފެންނާކަށް ނެތެވެ. ކައިރާން ދެފަރާތް ހޯދައި ބެލިއެވެ.އެކަމަކު އައިމަލް ފެންނާކަށް ނެތެވެ. އައިމަލް ކުއްލިއަކަށް ގެއްލުމުން ކައިރާން ހާސްވިއެވެ. ކައިރާން އެކި ކޮޅުކޮޅަށް ދުވެ،އައިމަލްގެ ނަމުން ގޮވަން ފެށިއެވެ. ނަމަވެސް އައިމަލްގެ ޖަވާބެއް ކައިރާންއަކަށް ނުލިބުނެވެ.ކަންބޮޑުވެފައި ހުރެ ކައިރާން ދުވެފައި ދަނިކޮށް ކުއްލިއަކަށް ހުއްޓުނެވެ. “ކައިރާންން!!!”.މިހެން އައިމަލް ހަޅޭއްލަވައިގަތެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


keep it up kokkiii❤️