އެ ނަފްސުގެ ބަދަލު 7
ކަންބޮޑުވެފައި ހުރެ ކައިރާން ދުވެފައި ދަނިކޮށް ކުއްލިއަކަށް ހުއްޓުނެވެ. “ކައިރާންން!!!”.މިހެން އައިމަލް ހަޅޭއްލަވައިގަތެވެ. ކައިރާންއަށް ސިހުމެއް ލިބުނެވެ. އަދި އައިމަލްގެ ފަހަތުގައި އެއްކަލަ ނުބައި މީހާ މަޑުކޮށްގެން ހުއްޓެވެ. އެމީހާގެ މޫނުމަތިން ބުނަމުން ދިޔައީ ކައިރާން އިތުރު ފިޔަވަޅެއް އަޅައިފިނަމަ، އައިމަލްގެ އެއްވެސް ސަލާމަތެއް ނެތްކަމަށެވެ. ވަށައިގެން މިވާ މާހައުލު އިތުރަށް ހޫނު ގަދަވަމުން ދިޔައެވެ. ކުއްލި ހަރަކާތްތަކެއް ނުގެނެ، އައިމަލްއަށާއި ކައިރާންނަށް އޮތީ މަޖުބޫރުވެފައެވެ. ކުއްލިއަކަށް އެ ނުބައި މީހާގެ ޖީބުން ފޮތިކޮޅެއް ނެގިއެވެ. ކައިރާންގެ ދެލޯ ބޮޑުވިއެވެ.އަދި އަތްފައި ފިނިވެ، މާނޭވާލާން ފެށިއެވެ. ކައިރާންއަށް ކުއްލިއަކަށް ހަދާންވީ ކައިރާންގެ ކޮއްކޮ،މައިރާ މަރުވި ގޮތެވެ. ހަމައެގޮތަށް އެ ނުބައިމީހާ،މައިރާ މަރާލި ގޮތަށް އައިމަލް ގާތަށްޖެހުނެވެ.އަދި ކުރީގެ ކައިރާންގެ ހާދިސާ ހަނދާނަށްއައެވެ..” ހުމްމް…ކުރިން ދިމާވެފައޮތް ކަމަކާ ހާދަ އެއްގޮތޭ….އަނެއްކާ މިކަހަލަ ކަމެއް ކުރިން ދިމާވިބާ” ޖެއްސުންކުރާކަހަލަ ގޮތަކަށް އެނުބައި މީހާ ބުނެލިއެވެ. ރުޅިވެރިކަމުގެ ލޮލަކުން ކައިރާން އެނުބައި މީހާގެ މޫނަށް ބަލައިލިއެވެ. ފެންނަކަމަކަށް ނުހަދައި އެ ނުބައި މީހާ އައިސް އައިމަލްގެ މޫނުމަތީގައި ފޮތިގަނޑު އެޅިއެވެ.”އައިމަލް!” ކައިރާން ދުއްވައިގަތުމުގެ ކުރިން ނުބައި މީހާގެ ‘އެކުވެރިން’ ކައިރާން ހިފެހެއްޓިއެވެ. އައިމަލް ތެޅިގަތެވެ. އެނުބައި މީހާ ހެމުން ގެންދިޔައެވެ.ބުނަމުން ދިޔައީ އައިމަލްގެ ދުވަސް ދިޔައީކަމަށެވެ. ކުއްލިއަކަށް އައިމަލްއަށް ހުއްޓުންއެރިއެވެ. އެނުބައި މީހާ އައިސް އައިމަލްގެ މޫނުމަތިން ފޮތިކޮޅު ނަގައި ބިންމައްޗަށް ވައްޓައިލިއެވެ.’ ދެން މީގެ ބޭނުމެއްނެތެއްނު ހެއްޔެވެ’ މިހެން ބުނަމުންނެވެ. އަދި އައިމަލް އަތުގައި އައްސައިފައި އިން ވައުގަނޑު މޮހެލިއެވެ. އައިމަލް ބިންމައްޗަށް ވެއްޓުމާއެކު އެނުބައި މީހާ ހިނިތުންވުމަކުން ފަސްއެނބުރި ކައިރާންއާ ދިމާލަށް ބަލައިލިއެވެ. ދެންވީ އެނުބައިމީހާ ކަން ހީކުރިގޮތަކަށް ނޫނެވެ.
އެނުބައި މީހާއަށް ހަރަކާތެއް ގެނުމުގެ ކުރިން،އައިމަލް ކުއްލިއަކަށް ތެދުވެ، އެ ނުބައި މީހާގެ މޫނުމަތީގައި އެއްކަލަ ފޮތިކޮޅު އަޅައި، އޭނާގެ ނޭވާ ހާސްވަންދެން އިނެވެ. އެނުބައި މީހާ ބިންމައްޗަށް ވެއްޓިގަތެވެ.އެވަގުތު އެނުބައިމީހާގެ ޖީބުން އެ ފޮތިކޮޅަށް އެޅި ‘ކެމިކަލް’ ފުޅި ވެއްޓުނެވެ. އައިމަލް އެ ފުޅި އަވަހަށް ނެގިއެވެ. އެނުބައި މީހާގެ ‘ އެކުވެރިން’ނަށް ލިބުނު ސިހުމާއެކު 13 އަހަރުގެ ކުއްޖެއްގެ ސަބަބުން ހެއްލުނު ކުޑަކުޑަ އެކްޓަކަށް ލަދުވެތިވިއެވެ. އަދި ކައިރާން ދޫކޮށް ‘އަހަރެމެންގެ ބޮސް’ އޭ ގޮވަމުން ހޭނެތިގެން ބިންމައްޗަށް ވެޓިފައި،އެ ނުބައިމީހާއާ ދިމާލަށް އަވަހަށް ހިނގައިގަތެވެ.އެމީހުންގެ ފިޔަވަޅުތައް ހުއްޓުނީ އައިމަލް އެއްކަލަ ‘ކެމިކަލް’ ފުޅީގެ މަތި ހުޅުވައިލުމުންނެވެ. ” އިތުރު ފިޔަވަޅެއް އަޅައިފިނަމަ މި ފުޅީގަ ހުރި އެތި، ތި ކިޔާ ‘ބޮސް’ އަނގަޔަށް އަޅާނަން….” އައިމަލް އެ މީހުންނަށް އިންޒާރެއް ދިނެވެ. އެމީހުން އާދެސްކުރަމުން ދިޔައީ އެހެން ނުހެދުމަށެވެ. އައިމަލް އެ މީހުންގެ ކުޅިވަރު ބަލާކަށް ބޭނުމެއް ނުވެއެވެ. އިތުރު ބޭކާރު ކަންތައްތަކަށް ނުބަލައި އައިމަލް ވަގުތުން، އައިމަލް ބޭނުންވާ ސުވާލުގެ ޖަވާބު ލިބޭތޯ އެމީހުންގެ ފަރާތުން ވާހަކަ އަޑުއަހަން ބޭނުންވިއެވެ. އަދި ކައިރާން ވެސް އައިމަލްއާ އެކު ބައިވެރިވިއެވެ.” އަހަރެންގެ ބައްޕައަށް ވީގޮތް އަހަރެންނަށް ކިޔައިދީ!”
އިރުކޮޅެއްގެ ތެރޭ މުޅި މާހައުލު އެއްކޮށް އަޑުމަޑުވިއެވެ.އަދި އެންމެން ފުން ނޭވާއެއްލާފައި ފަރީޝްގެ ވާހަކަ ކިޔައިދިނެވެ.
*ފަރީޝްގެ ހާދިސާ*
——————————————————————————————————
(ފަރީޝްގެ މަސައްކަތް ނިމުމުން ގެއަށް މިސްރާބުޖެހުން)
އެއްކަލަ ނުބައި މީހާގެ ‘އެކުވެރިން’، ފަރީޝް މަސައްކަތް ކުރާ އޮފީސް އިމާރާތުގެ ބިއްދޮށުގައި ސަކަރާތްޖެހެން ތިއްބެވެ.ކޮންމެ މީހަކު ވެސް ސިނގެރޭޓަކަށް ފަހު ސިނގެރޭޓެއް އަނގަޔަށް ލަމުން ތާސްބާ ކުޅެންށެވެ. އެމީހުންގެ ‘ޓާރގެޓް’ އަށް އިންތިޒާރު ކޮށްލަ ކޮށްލައެވެ. ރަނގަޅު ވަގުތަކީ މީއޭ ބުނަމުންނެވެ.އެކަކު ބުނަނީ “އަދި މާ އަވަހޭ!” އަނެކަކު ބުނަމުން ދިޔައީ ” އަދި ވަގުތެއް ނުޖެހޭޔޭ” ކަމަށެވެ.މިހެން ގޮސް މިކަން ޒުވާބުކުރާ ހަމަޔަށް ވެސް ދެއެވެ. އެވަގުތު އެންމެ ނުބައި މީހާއަށް ފަހު ދެވަނައަށް އިސް މީހާ ބުނެލިއެވެ.” އޭ! ޒުވާބެއް ނޫނޭ ކުރަންވީ…އަހަރެން ބުނި ކަންތައް ކޮށްފިން؟” އަމުރު ކުރާ ކަހަލަށް ގޮތަކަށް ސުވާލުކުރިއެވެ.” ކެމެރާތައް ޑިސްކަނެކްޓް ކޮށްފަ… ކާރު ވެސް ރެޑީ… ދެން ޖެހޭނީ އޭނާ އަންނަންދެން މަޑުކުރަން..” އެ ގުރޫޕުގައި ހުރި އެންމެ އިސް މީހާއަށް ޖަވާބުދިނެވެ.
އެންމެންގެ ތެރެއިން 3 މީހުން ކާރަށް އެރިއެވެ. އަދި އިތުރު 2 މީހުން މަގުގެ ދެފަރާތުގައި މަޑުކޮށްގެން ސިގްނަލް ދޭން ތައްޔާރުވިއެވެ. އަދި މަގުގައި އެއްވެސް މީހެއް ނޫޅޭތޯ ޔަގީންކުރިއެވެ. ކުޑަ ވަގުތުކޮޅެއްގައި ފަރީޝް މަގު މެދުން ހިނގައިގަތް ތަން، މަގުގެ ދެފަރާތުގައި ތިބި ދެމީހުންނަށް ފެނުނެވެ.އަދި ސިގްނަލް ދޭން ފެށިއެވެ. ސިގްނަލް ލިބުމާއެކު،ކާރު ތެރޭގައި ތިބި މީހުން، އިންޖީނު ސްޓާޓުކޮށްލިމާއެކު، އެންމެ ބާރު ދުވެލީގައި ފަރީޝްއާ ދިމާލަށް ދިޔައެވެ. ކާރު ފަރީޝް ގައިގައި ޖެއްސުމާއެކު ފަރީޝް ވަރަށް ބާރަށް ވެއްޓުނެވެ.ހަމައެއާއެކު ކާރު ތެރެއިން އެކަކު އަތުން އިޝާރާތް ކުރީ އެންމެން އަވަހަށް ކާރަށް އެރުމަށެވެ. އެންމެން ކާރަށް އެރުމަށްފަހު އެ ގުރޫޕުގެ އިސް މީހާ އެއްކަލަ ނުބައި މީހާއަށް ފޯނުން ގުޅިއެވެ.” ބޮސް، މިޝަން ކޮމްޕްލީޓެޑް…” މިހެން ބުނުމާއެކު އެ މީހާ ފޯނު ކަނޑައިލިއެވެ.
ކާރު ތެރޭގައި ތިބި މީހުން ސަކަރާތް ޖަހަމުން، މަގު މައްޗަށް އެއްޗިހި އުކަމުން،ލަވަކިޔާ ހަދަމުން ގެންދިޔައެވެ. އެ ނުބައި މީހުންތައް ލޯމަތިން ގެއްލިގެން ދިޔައެވެ. ހަމަ އެވަގުތުކޮޅުގައި ޑޮކްޓަރެއް، އޭނާގެ ޝިފްޓު ނިމިގެން ގެއަށް މިސްރާބު ޖަހަނިކޮށް ފަރީޝް ފެނުމުން ކުއްލިއަކަށް ހުއްޓުނެވެ. އަދި ފަރީޝްއާ ދިމާލަށް ދުއްވައިގަތެވެ. ” ހަލޯ،ހަލޯ…” ފަރީޝްއަށް އޭނާ ގޮވައިލިއެވެ. ޖަވާބެއް ނުލިބުމުން އޭނާ އަވަހަށް އެންބިއުލާންސަށް ގުޅިއެވެ.” އެމެޖެންސީކޮށް، ވަރަށް އަވަހަށް އެންބިއުލެންސެއް އޮފީސް ބިލްޑިގްގެ ބިއްދޮށު ގޯޅިއަށް ފޮނުވަދީބަ…” މިހެން ބުނެ އޭނާ ފަރީޝްގެ ވިންދު އަތުން ބަލައިލިއެވެ. ކަމަކުދާކަށް ނެތެވެ. ފަރީޝްގެ ނޭވާ ވެސް މަޑުވަމުންދެއެވެ. މުޅި މީހާ ގައިގައި ލޭ ހުރުމުން،މީހާގެ މޫނު ވަކިކުރެވޭ ވަރެއް ނުވެއެވެ. ނަސީބަކީ ފަރީޝްގެ ފޯނު އޮތީ ހުޅުވިފައެވެ. ސްކްރީނު ތަޅައިގެން ގޮސްފައިވުމުން،ކޮންޓެކްޓްސް ހޯދަން އުނދަގޫވިއެވެ. ފަރީޝް ގެންގުޅެނީ ކުޑަކުޑަ އާދައިގެ ފޯނެކެވެ.އެއީ ވެސް ފަރީޝްގެ ހަމައެކަނި ރައްޓެއްސަކު ދިން ހަދިޔާއެކެވެ.
އެންބިއުލަންސްގެ އަޑު ކައިރިވަމުން ދިޔައެވެ. އަދި އެންބިއުލަންސް އައުމާއެކު އެ ޑޮކްޓަރު ފަރީޝް އެރުވިއެވެ. އަދި އަވަހަށް ހޮސްޕިޓަލަށް މިސްރާބުޖެހިއެވެ.ހޮސްޕިޓަލަށް ދެވެންދެން އޭނާ ދަނީ ފަރީޝްއަށް ކުއްލި ފަރުވާ ދެމުންނެވެ.
ދެން އޭގެފަހުން ކަންތައް ވީގޮތް އައިމަލްއަށް އެނގޭނެއެވެ. އެނުބައި މީހުންތައް މީހުން ނޫޅޭ ހިސާބުގަނޑެއްގައި ފިލައި އުޅެމުން ގެންދިޔައެވެ. އެކިއެކި ނުބައި ކަންތައް ރާވަމުންނެވެ.
——————————————————————————————————
އެ މީހުންގެ ވާހަކަ އަޑު އިވުމަށްފަހު އައިމަލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހުއްޓުން އަރައިފައެވެ. މޫނުމަތިން އެއްވެސް ނިޝާނެއް ނުދައްކައެވެ. އެއީ ރުޅިއައިސްފައިވާލެއް ބޮޑުކަމުންނެވެ. ހީވަނީ ހަމަ ދެންމެދެންމެ ބޮމެއް ގޮވައިދާނެ ހެންނެވެ. އައިމަލް ކުއްލިއަކަށް އެ ‘ ކެމިކަލް’ ފުޅި އަރިކޮށްލަން އުޅުނެވެ. އެކަމަކު ކައިރާން އައިމަލް ހުއްޓުވިއެވެ. ނޫނެކޭ ބުނަމުންނެވެ. ” ދޫކުރޭ!..އެ ނުބައި ނުލަފާ މީހުން އަހަރެންގެ ބައްޕަ މަރައިލުމަށްފަހު…. ކުށް ނުކުރާ މީހުންތައް ވެސް މަރަމުން… މިމީހުން އަހަރެން ދުވަހަކުވެސް ދުލެއް ނުކުރާނަން.. އަހަރެންގެ ހަމައެކަނި ކޮއްކޮ،އައިމާ…” މިހިސާބުން އައިމަލް އަށް ގިސްލަމުން ރޯންފެށުނެވެ.
އައިމަލް ބުނަމުން ދިޔައީ މި މީހުންނަށް ސަލާމަތްވެވެން ނެތް ކަމަށެވެ.އެ މީހުންގެ ފަރާތުން އައިމަލްއަށް ލިބޭނެ އެއްވެސް އެއްޗެއް ނެތްކަމެވެ. ކައިރާން ވެސް އެބަސްވިއެވެ.އެކަމަކު ލިބޭ ދެރައެއްގެ ސަބަބުން ގަސްދުގައި މީހެއްގެ ފުރާނަ ގެއްލުވައިލުމަކީ ބޮޑު ކުށެކެވެ. އެކަން ކައިރާން އައިމަލް އަށް ވިސްނުވައިދިނެވެ. ” ދެން؟” އައިމަލް ސުވާލުކުރިއެވެ. މިހެން ބުނުމާއެކު ޕޮލިހުންގެ އަޑު އެތަނާ ކައިރިވަމުން ދިޔައެވެ. އެ ނުބައި މީހުން އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ. ބިރުވެރި ނަޒަރަކުން އައިމަލް އެމީހުންނާ ދިމާލަށް ބަލައިލިއެވެ. އެ ނުބައި މީހާގެ ހެޔެއް އަދިވެސް ނާރައެވެ. ބުނެވެން އޮތީ އެންމެ އެއްޗެކެވެ. އެއީ ‘ ކެމިކަލް’ ފުޅީގެ އަސަރު އެހާމެ ގަދަކަމެވެ. އެ ނުބައި މީހުންނަކަށް މިފަހަރަކު ކުޅެވޭނެ އެއްވެސް ގޮތެއް ނެތެވެ. އަދި އަމުދުން އެ މީހުންގެ ‘ބޮސް’ ދޫކޮށްލައިފައި އެމީހުންނަކަށް ނޫޅެވެއެވެ. އެ ނުބައި މީހުންނަށް ހުރިހާ ކަމެއް ވެސް ދަސްކޮށްދިނީ އެ ނުލަފާ މީހާއެވެ. ހުރިހާ ކަމެއް ރާވަން ވެސް ދަސްކޮށްދިނީ އެ ނުލަފާ މީހާއެވެ. އެމީހުންނަށް އެ ނުލަފާ މީހަކީ އެމީހުންގެ ޓީޗަރެވެ. ބޭބެއެކެވެ. ރަސްގެފާނެކެވެ. ހަމަގައިމުވެސް ރަސްގެފާނަށް ތަބައުވާން ޖެހޭނެއްނޫން ހެއްޔެވެ؟
ޕޮލިހުން އައުމާއެކު އެ ނުބައި މީހުންތައް ކޮޅަށް ޖެހުނެވެ. އަދި އިސް ޖަހައިލިއެވެ. އެ ނުބައި ނުލަފާ މީހާ ނެތުމުން އެމީހުންނަކީ ހަމަ ސުމެކެވެ. އެނގޭ އެންމެ އެއްޗެއް ވެސް ނޯވެއެވެ. ޕޮލިހުން އަވަހަށް އައިސް އެ ނުބައި މީހުންތައް ހިފެހެއްޓިއެވެ.އަދި ބުނަމުން ދިޔައީ އެމީހުންގެ މުޅި އުމުރު ހޭދަކުރަން ދެން ޖެހޭނީ ޖަލުގައި ކަމަށެވެ.އަދި އެ މީހުން ހިފައިގެން ކޮންމެ މީހެއްގެ ބޮލުގައި އެތިފަހަރެއް ޖަހައިލައެވެ. ހޭނެތިގެން ބިންމައްޗަށް ވެއްޓި،އެ ނުބައި މީހާ އުފުއްލައިގެން ވެސް ގެންދިޔައެވެ. އެމީހުން ގެންދިޔުމަށް ފަހު،ޕޮލިހުންގެ ތެރެއިން އެކަކު އައިސް ބުނެލިއެވެ. ” ތި ކުދިން ވަރަށް ހިތްވަރު ގަދަ… އެމީހުންގެ ސަބަބުން އެތައް މީހަކަށް ގެއްލުން ލިބިއްޖެ… އެމީހުން ހިފައްޓައި އިރަށް އަނެއްކާވެސް ފިލައިގެން ދަނީ..މިފަހަރު އެނުބައި މީހުން ހަމަ ރަނގަޅަށް ބަންދުކޮށްފަ ބަހައްޓާނީ..” މިހެން ބުނެ އޭނާ ހިނގައިގަތެވެ.އަދި އައިމަލްއަށާއި ކައިރާންއަށް ލިބެންވާ ރުފިޔާ އެ ނުބައި މީހުންގެ އަތުން ފަހުން ލިބޭނެކަމަށް ވެސް އޭނާ ބުންޏެވެ.
އައިމަލްގެ ފަރާތުން ރަނގަޅު ބަދަލެއް އެ ނުބައި މީހުންނަށް ދިނުމުން ވަރަށް ހިތްހަމަޖެހުނެވެ. ކައިރާން އައިމަލްއާ ސުވާލުކުރިއެވެ. ” ހާދަ މޮޅޭ ދޯ އެކްޓު ކުރަންވެސް… ކޮންއިރަކު ރޭވި ރޭވުމެއް ތީ؟..” ކައިރާން ހައިރާންވީ އައިމަލް،އެކުޑަ ވަގުތުކޮޅު ތެރޭގައި އެނުބައި މީހާގެ ބޯ ކުޅެލުމުންނެވެ. ” އެއީ ދެން..ކުއްލިއަކަށް ވީ ގޮތެއް…އައިމާ އުޅުނު އިރުގަ އެމީހުން އަހަރެމެން ގެއަށް ވަދެ ތަންތަން ހޭވި، އަހަރެމެން ކޮބައިތޯ…އެކަމު އަހަރެމެން ދެމީހުން ބައްޕަގެ ‘ސީކްރެޓް ރޫމް’ އަށް ވަދެ ފިލައި އިނީ… ހަމަ ކިރިޔާ ސަލާމަތްވީ ވެސް…” އައިމަލް ކުރީގައި ބޭނުންކުރި ‘އުކުޅު’ ހަނދާން އާކޮށްލައިފައި ބުނެލިއެވެ.
ކައިރާން ޕޮލިހުންނާ ދިމާކުރީ ވެސް ވަރަށް ރަނގަލު ވަގުތެއްގައެވެ. ކައިރާންގެ ގޭގެ މަގުތަކުގައި އަބަދުވެސް ހުންނާނީ ކޮންމެވެސް ކަރުދާސް ގަނޑުތަކެއް ހިއްޕައިފައެވެ.އެއީ އެކިއެކި ކަންކަމަށެވެ.ގިނައިން ހުންނަނީ އެ ނުބައި މީހުން ހޯދަން މަސައްކަތް ކުރާ ވާހަކައެވެ.އެ މީހުން ފެނިއްޖެނަމަ، މިވެނި ނަންބަރަށް ގުޅާ ވާހަކައެވެ. ކައިރާން އެއްވެސް ވަގުތެއް ބޭކާރު ނުކޮށް ޕޮލިހުންނަށް ކުރީބައި ގުޅީއެވެ. އެހެންވެ އެވަގުތުގައި އައިމަލްއާ ކައިރާން ސަލާމަތްވީއެވެ. މިހިސާބުން އައިމަލްގެ ‘ބަދަލު’ ދެވުނީއެވެ. ބައްޕައަށް ވީގޮތް ވެސް އެނގުނީއެވެ. އެކަމަކު އައިމަލް އެންމެ ދެރަވާ ކަމަކީ އައިމަލްއާ އެންމެ ގާތް މީހުން އައިމަލްއާ ވަކިވެގެން ދިޔައީއެވެ….. އައިމަލްއާ ކައިރާން އެންމެފަހުން ދެކުދިން ސަލާންކޮށްފައި ދެ މަގުން ހިނގައިގަތީއެވެ.
6 އަހަރު ފާއިތުވެގެން ހިނގައްޖެއެވެ.އައިމަލްއަށް މިހާރު 19 އަހަރު ފުރިއްޖެއެވެ. މިހާރު އައިމަލް ދިރިއުޅެމުން ދަނީ އާދައިގެ ދިރިއުޅުމެކެވެ. އެކަނިމައި އެކަނި ނަމަވެސް،އެންމެންގެ ތެރޭގައެވެ. އައިމަލްގެ މިހާރު ދިރިއުޅުމަކީ ފަގީރު ދިރިއުޅުމެއް ނޫނެވެ. ބޭނުން ވަގުތެއްގައި ކައިބޮއެ ހަދައެވެ. ބޭނުންވާ ކިތަންމެ އެއްޗެއް ގަނެލެވެއެވެ. މަދަރުސާގައި ކިޔަވާ ފަދައިން ގޭގައި ވެސް ކިޔެވެއެވެ.އެއްކަލަ ނުބައި މީހުން އަދިވެސް އުމުރުތައް ހޭދަކުރަނީ ޖަލުގައެވެ. އެމީހުންގެ އެއްވެސް އުދަނގުލެއް ނުލިބުމަކީ އައިމަލް އަށް ލިބޭ ހިތްހަމަޖެހުމެކެވެ. އުފަލެކެވެ. އައިމަލްގެ މިހާރުގެ ސުވާލަކީ ކައިރާންގެ ހާލަކީ ކޮބައިތޯއެވެ؟ ކައިރާންނާ ވަކިވިތާ 6 އަހަރު ވީއެވެ. ކައިރާންގެ ވާހަކައެއް އަޑުނީވޭތީ އައިމަލް ހިތަށްއަރައެވެ. ހަމައެގޮތަށް ކައިރާން ވެސް އައިމަލްއާ މެދު ވިސްނައެވެ.އައިމަލްގެ ހާލަކީ ކޮބައިތޯއެވެ؟
*******************************************************************
*ބޯނަސް*
( ޖަލުތެރޭގައި އެ ނުބައި މީހާގެ އެކުވެރިން އެމީހުންގެ ބޮސް ހޭއަރަންދެން މަޑުކުރުން.)
” އޫން… ކޮންތަނެއް މީ؟ ހާދަ ހޫނުވެޔޭ!” އެއްކަލަ ނުބައި މީހާ އެންމެ ފަހުން ހޭއަރައިފިއެވެ. އެ ނުބައި މީހާ ހޭއެރުމާއެކު އޭނާގެ ‘އެކުވެރިން’ އޮޅުލައިގަތެވެ.’ބޯސްސް’ އޭ ކިޔަމުންނެވެ.” އަހަރެން ހީކުރީ ބޮސް ދެން ނުހޭލާނެކަމަށް…ހާދަހާ ދެރައޭ ބޮސް ނުހޭލައިފިއްޔާ!” އެކަކު ބުނެލިއެވެ. އެންމެން އެއްފަހަރާ އޭނާ ގަޔަށް އެރުމުން އެންމެން ބުރުއްސައިލިއެވެ. އަދި ސުވާލު ކުރަން ފަށައިފިއެވެ.” މީ ކޮންތަނެއްހޭ؟” އެކަކުވެސް އެ ނުބައި މީހާއަށް ޖަވާބެއް ނުދިނެވެ.އެންމެން ވެސް ބަލައިލަނީ ދުރަށެވެ.ނޫނީ އިސް ޖަހައިލަނީއެވެ. އޭގެތެރެއިން އެކަކު މަޑުމަޑުން ބުނެލިއެވެ. ” ޖަ..ޖަލުގ” މިހެން ބުނުމާއެކު އެނުބައި މީހާ ރުޅިގަދަވިއެވެ.އެއީ އެމީހުންގެ ވިސްނުން ‘ދަށް’ވީމައެވެ.”ކަލޭމެން އެކަކަށް ވެސް ރަނގަޅަށް އެއްކަމެއް ވެސް ކުރާކަށް ނޭނގޭ!!!” މިހެން ބުނެ އެ ނުބައި މީހާ ތިރީގައި އޮތް ތައްޓެއް ބިންމައްޗަށް ވައްޓައިލިއެވެ. މި އަމަލު ފެނުމުން އެ ނުބައި މީހާގެ ‘އެކުވެރިން’ ބިންމަތީގައި ކަކޫ ޖަހައިގެން ތިރިވިއެވެ. އަހަރެމެންނަށް ނޭނގުނީއޭ ބުނަމުންނެވެ.
*******************************************************************
*ނިމުނީ*

