“ދަރިފުޅު ތިހެން ދެރަވެ ހިތާމަކުރާތަން ފެނުނީމަ މަންމަ ހާދަ ދެރަވެޔޭ” ވިޔާމް ރޯތީ އޭނާގެ މަންމަ އިނީ ފެންކަޅިވެފައެވެ.މަންމަ އެހެންބުނުމުން އުނގުގައި ބޯއަޅާލައިގެން އޮތް ވިޔާމް ތެދުވެ މަންމަ އޭނާގެ ގަޔާ ކައިރިކޮށްލިއެވެ. “އަހަންނަށް ހަމަ ރޮވެނީ މަންމާ” ވިޔާމް ބުނެލިއެވެ. “ދަރިފުޅު ފުރަން އުޅެންވީނު ދެން” ވިޔާމްގެ ލޯ ފުހެލަދިނުމަށްފަހު އޭނާގެ މަންމަ ބުނެލިއެވެ.
މަންމަ އެހެންބުނުމުން ވިޔާމް އާނއެކޭ ބުނެލިއެވެ.އެވަގުތު ފަރީޝާގެ ކޮޓަރި ދޮރުހުޅުވުނު އަޑު ވިޔާމަށް އިވުނެވެ. “އެއައީ ކަންނޭނގެ ފަރީޝާ ފޮށިތައްބަލާ ފުރަން” ވިޔާމް އެހެންބުނެ އަވަސްއަވަހަށް ކުޑަކޮށް ދޮރުހުޅުވާލުމަށްފަހު ބަލައިލިއެވެ.އެވަގުތު ފަރީޝާ ކޮޓަރިތެރެއަށް ވަންނަ މަންޒަރު ވިޔާމަށް ފެނުނެވެ.
ކޮޓަރިއަށްވަދެ ފޮށި ހިފައިގެން ފަރީޝާ ނިކުމެެގެންދިޔައެވެ.އެވަގުތު ވިޔާމް އަވަަހަށް އޭނާގެ ކޮޓަރީގެ ކުޑަދޮރު ކައިރިއަށް ދިޔައެވެ.އަދި ކުޑަދޮރުން ފަރީޝާ ނިކުންނަ މަންޒަރު ބަލަން ކަރުނައިން ފުރިފައި ވިޔާމް ހުއްޓެވެ.
ނިކުންނަންދިޔަ ފަރީޝާ ގޯއްޗަށް ވަންނަން އިންނަ ދޮރުމައްޗަށް އެރުމަށްފަހު ހުއްޓިލިއެވެ.އަދި ފަހަތަށް އެނބުރި ވިޔާމްގެ ކޮޓަރިއާ ދިމާލަށް ކަރުނައިން ފުރިގެންވާ ހާލު ބަލާލިއެވެ.ފަރީޝާ ބަލާލުމާއެކު ވިޔާމް ފާރާ ނިވާވެލިއެވެ.އަދި ދެރަވިވަރުން ގޮސް އޭނާއަަށްް ދެލޯމަރާ ބާރުކޮށްލެވުނެވެ.
އިރުކޮޅަކަށް އެކޮޓަރިއާ ދިމާލަށް ބަލަން ހުރެލުމަށްފަހު މޮޅިވެރިކަމާއެކު މަޑު ހިނގުމުގައި ފަރީޝާ ބަނދަރާ ދިމާލަށް މިސްރާބުޖެހިއެވެ.ވިޔާމްވެސް އިރުކޮޅަކު ފާރާ ނިވާވެގެން ހުރުމަށްފަހު ބޭރަށް ބަލާލިއެވެ.އެވަގުތު ފަރީޝާ މަޑު ހިނގުމުގައި ދާތަން އޭނާއަށް ފެނުނެވެ.އެހެންކަމުން ފަރީޝާއަށް ނޭނގޭހެން އޭނާގެ ފަހަތުން ދާން ވިޔާމް ގެއިން ނިކުތެވެ.
ފަރީޝާ ދާތަން ފެނުމުން އޭނާގެ އަތުގައި ހިފާ ހުއްޓުވަން ވިޔާމް ކިތަންމެހާވެސް ބޭނުންވިއެވެެ.އެހެންނަމަވެސް އޭނާއާ ހެދި ފަރީޝާގެ ހަޔާތް ބޭކާރުވެދާކަށް ވިޔާމެއް ނޭދެއެވެ.ފަރީޝާ ވަކިވެދިއުމުން އެހިތާމައިގައި ވިޔާމް އުޅެންޖެހުނަސް، ފަރީޝާ އުމުރުދުވަހު ހިތާމަކުރުވާކަށް ވިޔާމް ބޭނުމެއްނޫނެވެ.ކުރީކޮޅު ކިތަންމެ ކަރުނައެއް އޮހޮރުވާ ކިތަންމެ ހިތާމައެއްކުރިއަސް، ފަހުން ވިޔާމް މަތިން ހަނދާންނެތި، ފަރީޝާ ކުރަމުންދާ ހިތާމަ މުޅިން ނިމިދާނެކަމަށް، ފަރީޝާގެ ފަހަތުން ހިނގަމުންދިޔަ ވިޔާމްގެ ހިތް ބުންޏެވެ.
***********
ލޯންޗަށް އެރިގޮތަށް ސީޓުގައި ފަރީޝާ އިށީނެވެ.އަދި ރަށާ ދިމާލަށް އޭނާ ބަލައިލިއެވެ.އެރަށަށް ފުރަތަމަ އޭނާ ވިޔާމާއެކު އައި ދުވަހުގެ ހަނދާނާ ވިޔާމް އޭނާ ގޮވައިގެން ފިހާރަތަކަށާއި ދުއްވާލަން ގެންދިޔަ ދުވަސްތަކާ، ވަގުތުތަކުގެ ހަނދާންތައް އޭނާއަށް އާވެގެންދިޔައެވެ.ވިޔާމަކީ ފަރީޝާގެ މަންމަ ނިޔާވެ، ދޮންމަންމަގެ އަނިޔާވެރިކަމުގައި އުޅުނުފަހުން، އެއަނިޔާވެރިކަމުން ސަލާމަތްކޮށްދީ، ހަމައެކަނި އޭނާއަށް އަޅާލާ ހެޔޮކޮށް ހިތި މީހާއެވެ.ފުރަތަމަ ފަހަރަށް އޭނާ ގޮވައިގެން އޭނާއަށް ބޭނުންވާ އެއްޗެހި ގަނެދިނުމަށް ބާޒާރުކޮށްދިން މީހާއެވެ.ހަމައެކަނި އޭނާ ގޮވައިގެން ސައިކަލުގައި ބުރުޖަހަން ގޮސް ހިތްއުފާކޮށްދިން މީހާއެވެ.އެހެންކަމުން އެހިތުން ވިޔާމް ނެރެލެވޭނެ ބާވައޭ ފަރީޝާގެ ހިތަށް އަަރަމުންދިޔައެވެ.
ކަންމިހެން އޮތަސް ފަރީޝާ އޭނާގެ ހިތަށް ވިސްނައިދިނެވެ.މިހާރު ވިޔާމަކީ އޭނާއާއެކު ލޯބިން އުޅުނު ކުރީގެ ވިޔާމެއް ނޫންކަމެވެ.އެއީ މިހާރު ނަތާޝާގެ ފިރިމީހާ ކަމެވެ.އެހެންކަމުން މިހާރު ވިޔާމްގެ ހަނދާންތައް އާކުރުމުގެ ބޭނުމެއް ނެތްކަން ޚުދު ފަރީޝާއަށްވެސްް އެނގެއެވެ.އޭނާދެކެ ލޯބިވެ އޯގާތެރިކޮށް ހިތި ވިޔާމް މިހާރަކު ނެތްކަން އޭނާގެ ހިތަށް ފަރީޝާ އެކިގޮތްގޮތުން ވިސްނައިދިނެވެ.
ލޯންޗު ނައްޓާލުމާއެކު ފަހުފަހަރަށް އެރަށާ ދިމާލަށް ފަރީޝާ ބަލައިލިއެވެ.އަދި ފޯނު ނެގުމަށްފަހު ހިތާ ދެކޮޅަށް ނަމަވެސް ވިޔާމްގެ ނަންބަރާއި ފޮޓޯތައްވެސް ފޯނުން ފަރީޝާ ފުހެލިއެވެ.އަދި ވިޔާމް މަތިން ހަނދާން ނައްތާލަން އޭނާ އަޒުމުކުރިއެެވެ.
**********
ލޯންޗު ނައްޓާލައިގެން ލޯމައްޗަށް ގެއްލެންދެން އެއާ ދިމާލަށް ބަލަން ގަހަކާ ނިވާވެގެން ވިޔާމް ހުއްޓެވެެ.އެދެލޮލުން އޭރު ހޫނު ކަރުނަތައް ފައިބަނީއެވެ.މުޅި އުމުރަށް އޭނާގެ ލޯބިވެރިޔާއާ ވަކިވުމުން އެހިތަށް ވަނީ ބަޔާންކޮށްދޭހާ އުދަނގޫ ހިތްދަތިކަމެއް ލިބިފައެވެ.ވިޔާމް ބަނދަރުމަތީ ހުއްޓާ ނަތާޝާ އެތަނަށް އައެވެ.އަދި ވިޔާމް ފެންނަން ހުރުމުން އޭނާއަށް ނަތާޝާ ގޮވާލިއެވެ.
ނަތާޝާ ގޮވާލުމާއެކު ލޯފުހެލުމަށްފަހު ވިޔާމް އެދިމާލަށް ބަލައިލިއެވެ.އޭރު ނަތާޝާއާއެކު ވަސީމާ ދައްތަވެސް އައިސްހުރިތަން ވިޔާމަށް ފެނުނުވެ.ނަތާޝާއަށް ބަލަންހުރި ވިޔާމަށް، އޭނާގެ އަތުގައިވާ އަންނައުނު ފޮށި ފެނުމުން ނަތާޝާވެސް ފުރަން އުޅެނީކަން ވިޔާމަށް އެނގުނެވެ.
ވިޔާމް ބަލަން ހުއްޓާ އޭނާއާ ދިމާލަށް ނަތާޝާ އައެވެ. “ވިޔާމް ނަތާ ފުރަން މިއުޅެނީ ހިތްހެޔޮކުރާތި” ސަލާމްކުރަން އަތްދިިއްކޮށްލަމުން ނަތާޝާ ބުނެލިއެވެ. “ނަތާޝާ ކޮށްދިން ކަންތައްތަކަކީ ޝުކުރުންވެސް ނުފުދޭނެ ކަންތަކެއް…އަދި އެކަންތައް ކުރުވަން ޖެހުނީވެސް އަހަންނަށް މަޖުބޫރުވީމަ…އެއީ ކުރުން ރަނގަޅު ކަމެއްނޫންކަންވެސް އިނގޭ އެކަމާ މާފަށްވެސް އެދެން” ނަތާޝާގެ އަތުގައި ހިފާ ސަލާމްކޮށްލަމުން ވިޔާމް ބުނެލިއެވެ.
“ވިޔާމް މާފަށް އެދޭވަރުގެ ކަމެއް ނުކުރޭ…ނަތާޝާއަށް ވިޔާމްގެ އިހުސާސްތައް ވިސްނޭ…ވިޔާމްގެ ހާލަތާ ދޭތެރޭގަ ވަރަށް ދެރަވަން…އެހެންނަމަވެސް ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުންނާ ކޮއްކޮއެއްގެ ހައިސިއްޔަތުން ނަތާޝާ ބުނެލާނެހާވެސް ވާހަކައަކީ އުންމީދު ގެއްލުވާނުލައްޗޭ…ހިތްވަރާއެކު ތިކަމަށް ޝިފާއެއް ލިބޭތޯ މަސައްކަތް ކުރާށޭ…މަންމަމެން ވިޔާމްދެކެ ނުހަނު ލޯބިވާކަން އަހަރެން މިރަށުގަ ހޭދަކުރި ދުވަސްތަކުގަ އަހަންނަށް ފެނިއްޖެ…އެމީހުންނަށްޓަކާ ނަމަވެސް ވިޔާމް ފަރުވާ ހޯދައްޗޭ..އިރާކުރެއްވިއްޔާ ވިޔާމް އަދި ތިބަލިން ރަނގަޅުވާނެ..އަހަރެންގެ ދުއާއަކީ މީ” ނަތާޝާ ބުނެލިއެވެ.
ނަތާޝާގެ ބަސްތަކުން ވިޔާމަށް ރޮވުނެވެ.ނަތާޝާ ވެދިން އެހީ ދުވަހަކުވެސް ވިޔާމް ހަނދާން ނައްތާނުލާނަން ކަމަށާއި، ނަތާޝާވެސް ކަމަކު ކިޔަންޖެހިއްޖެނަމަ ފަސްނުޖެހި އޭނާ ކައިރި ބުނުމަށާއި ވާވަރުކަމެއް ނަމަ ކޮށްދޭނަން ކަމަށް ވިޔާމް ބުންޏެވެ.ނަތާޝާ ފުރުވާލުމަށްފަހު ވިޔާމާ ވަސީމާ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.
************
މާލެ އާދެވުމާއެކު ފަރީޝާ މުޅިތަނަށް ނަޒަރު ހިންގާލިއެވެ.އޭނާއަށް ހަނދާންވީ ދަރިއަކު ހޯދަން ފަރުވާ ކުރި ދުވަސްކޮޅު ވިޔާމާއެކު މާލެއައި ހަނދާނެވެ.ލޯންޗުގައި އިން އިރު އޭނާވަނީ ދެން ވިޔާމްގެ ހަނދާން ނުކުރަން އަޒުމުކޮށްފައެވެ.އެހެންކަމުން އަވަަހަށް އެހެންކަމަކާ ދޭތެރޭ ފަރީޝާ ވިސްނާލިއެވެ.މާލެ ބަނދަރަށް ފޭބުމާއެކު ކާރެއްގައި ފަރީޝާ ދިޔައީ ދުވަހުކުއްޔަށްދޭ ކޮޓަރިއަކަށެވެ.އަދި އެތަނަށް ރުފިޔާ ދެއްކުމަށްފަހު ކޮޓަރިއަށް ފަރީޝާ ވަނެވެ.
ކޮޓަރިއަށްވަދެ އަތްދަބަހާ ފޮށި ބެހެއްޓުމަށްފަހު އެނދުގައި ފަރީޝާ އިށީނެވެ.އަދި ވިޔާމްގެ ހަނދާން ނުކުރަން ހުއްޓަސް އެހަނދާން އާވެ އޭނާއަށް ރޮވެންފެށިއެވެ.
***********
ފުރުމުގެ ކަންތަކައިގެން ވިޔާމް އުޅުނެވެ.ވިޔާމް އިންޑިއާއަށްދާން ފުރަން މާލެދާން އުޅުނެވެ.އޭނާއާއެކު އޭނާގެ މައިންބަފައިންވެސް ދާން ނިންމިއެވެ.
**********
ރޮމުންގޮސް ނިދިފައިވާ ފަރީޝާއަށް ހޭލެވުނީ ކުއްލިއަކަށެވެ.ވަގުތުން އޭނާއަށް ގަނޑި ބަލައިލެވުނެވެ.އޭރު އިރުއޮއްސި ހަތެއްޖަހާ ބޮޑުވީއެވެ.އެހެންކަމުން އޭނާ އަވަހަށް ތެދުވެ ފެންވަރާލިއެެވެ.އަދި ފިހާރައަށް ދާން ތައްޔާރުވާން އުޅުނެވެ.އެއީ އޭނާގެ އަތުގައިވަނީ ވިޔާމް އޭނާއަށްދިން ފޯނުކަމުން އެފޯނު ފެނުނަސް ވިޔާމް ހަނދާންވާތީ އެފޯނު އެއްލާލުމަށްފަހު އާފޯނެއް ގަތުމަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





