Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (37)

lamhus Level 910 Stories100 Login500 Login100 Stories100 Comments
March 12, 2022 3 Mins Read
0 Comments

މިއަދަކީ ދެމީހުން އެކުގައި ދެމަފިރިންގެ ގޮތުގައި ހުންނާނެ ފަހުދުވަހުގެ، ފަހުވަގުތުކޮޅު ކަމުން، ފަރީޝާ ފަހުފަހަރަށް، ހިތްފުރޭވަރަށް ވިޔާމަށް ބަލައިލިއެވެ.ފަރީޝާ ކަޅިޖަހާނުލާ ބަލަން އިނުމުން ވިޔާމް ފޯނުނަގާ އެއާ ކުޅޭކަމަށް ހެދުނެވެ.ހަގީގަތުގައި ފަރީޝާއާ ހަތަރުކަޅި ހަމަކުރިއަސް ވިޔާމަށް ބުނެދޭން ނޭނގޭ ހިތްދަތިކަމެއް ލިބެއެވެ.ވިޔާމް ފޯނަށް ބެލުމުން ފަރީޝާ އެހެންދިމާލަކަށް ނަޒަރު ހުއްޓާލިއެވެ.އެހެންކަމުން ވިޔާމް ވަގުވަގަށް ފަރީޝާއަށް ބަލަން އިނެވެ.

ތިން މިނެޓްގެ ވަގުތުކޮޅަކަށްފަހު ކޯޓުގެ ހޯލުތެރެއަށް އައުމަށް ފަރީޝާއަށާއި ވިޔާމަށް ހޯލުން ބޭރަށް ނިކުތް މީހަކު ގޮވާލިއެވެ.އެވަގުތު ވިޔާމްގެ އިތުރުން ފަރީޝާގެ ހިތްވެސް ތެޅިލިއެވެ.ވަގުތުން ފަރީޝާއަށް ބަލައިލެވުނި ވިޔާމާ ދިމާލަށެވެ.އަދި މޮޅިވެރިކަމާއެކު އިންތަނުން ތެދުވެ ހޯލަށް ވަންނަން ފަރީޝާ މިސްރާބުޖެހިއެވެ.

ފަރީޝާ ވަންނަން ދިއުމުން ވިޔާމްވެސް އިންތަނުން ތެދުވެ ހޯލަށް ވަންނަން މިސްރާބުޖެހިއެެވެ.ހޯލަށް ވަންނަ ވަރަކަށް ވިޔާމް ހާސްވެ ނިއްކުރިމަތިން އޮށްދާހިއްލަން ފެށިއެވެ.އެހެންކަމުން ޖީބުން ޓިޝުލެއް ނެގުމަށްފަހު، ވިޔާމް ނިއްކުރި ފުހެލިއެވެ.

އަޑުއެހުން ކުރިއަށް ގެންދިޔައެވެ.ވަރިވާ ސަބަބުކަމުގައި ފަރީޝާ ދެއްކީ ވިޔާމްގެ އަޅާލުން ކުޑަކަމާއި ފިރިއަކު އަންބަކަށް ކޮށްދޭންޖެހޭ އެއްވެސްކަމެއް ވިޔާމްގެ ފަރާތުން ފަރީޝާއަށް ނުލިބޭކަމަށެވެ.ފަރީޝާ ހުރިހާ ވާހަކައެއްވެސް ކިޔައިދެމުން ދިޔައީ ނުހަނު އުދަނގުލާއެކުގައެވެ.އެއަޑުގައި ހިތާމަ އެކުލެވިފައިވާ ކަން އަހަންތިބޭ މީހުންނަށް އިހުސާސް ކުރެވޭނެއެވެ.ހިތުގައި ލެވިފައިވާ ވޭނީ ހިތާމަޔާއެކުވެސް ހިތްވަރާއެކު ހުރިހާ ވާހަކައެއް ގާޒީ ކުރިމަތީގައި ފަރީޝާ ބޭރުކޮށްލިއެވެ.ފަރީޝާ ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން އިން ވިޔާމްގެ ހިތުގައި ދިޔައީ ވޭނީ ކޫރުމަކަށް ފަހު ކޫރުމެއް އެޅެމުންނެވެ.އެހެންނަމަވެސް ވަރަށް ކެތްކޮށްގެން ވިޔާމް އިނެވެ.އެދެލޮލުން ކަރުނަ ނުފޭދި ހުރީ ހަމަކިރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ފަރީޝާގެ ވާހަަކަތައް އަޑުއަހަން އިނުމަށްފަހު، ވިޔާމަށް ވާހަކަދެއްކުމުގެ ފުރުސަތު ގާޒީ ދިނެވެ.އަދި ވިޔާމްގެ ލޮލުގައި އަޅާފައިވާ އަވިއައިނު ބޭލުމަށް ގާޒީ ވިޔާމަށް އެންގިއެވެ.އައިނު ބަލާށޭ ގާޒީ ވިދާޅުވުމުން ވިޔާމް ކޮންމެވެސް ވަރަކަށް ފަސްޖެހުނެވެ.އެއީ ފެންކަޅިވެފައިވާ އޭނާގެ ދެލޯ ފަރީޝާއަށް ފެނިދާނެތީއެވެ.ނަމަވެސް ގާޒީގެ ބަހަށް ހަމައަކަށް އެޅިލުމަށްފަހު ވިޔާމް އައިނު ލޮލުން ނެގުމަށްފަހު މޭޒުމަތީގައި ބާއްވާލިއެވެ.

ފަރީޝާ ވިޔާމާ ބެހޭގޮތުން ދެއްކި އެއްވެސް ވާހަކައަކާ ދޭތެރޭ ވިޔާމް އިންކާރެއް ނުކުރިއެވެ. ވިޔާމްގެ ވާހަކަ ވަރަށް ކުރެވެ.ފަރީޝާއަށް އަނިޔާވެރިވާން ޖެހުނު ސަބަބެއް ކަމުގައި ވިޔާމް ބުނިހާވެސް އެއްޗަކީ ފަރީޝާގެ ކުރީގެ ރީތިސިފަ ގެއްލުމުންނާއެކު އޭނާދެކެ ވިޔާމް ފޫހިވަނީ ކަމަށެވެ.ވިޔާމްގެ ވާހަކަ އަޑުއަހަން އިން ގާޒީ އޭނާއަށް އެކިގޮތްގޮތުން ނަސޭހަތްތެރިވިއެވެ.

ފަރީޝާގެ ކުށެއްނެތި އޭނާއަށް އިހާނެތިވުމަކީ ވިޔާމްގެ ފަރާތުން ފަރީޝާއަށް ދެވޭ ވަރަށްބޮޑު އަނިޔާއެއްކަމަށް ގާޒީ ތަކުރާރުކޮށް ވިޔާމަށް ބުނެދިނެވެ.ނަމަވެސް ވިޔާމް ހުރީ އޭނާގެ ގޮތުގައެވެ.ގާޒީއަށް ވިޔާމް ބުނިހާވެސް ވާހަކީ ދެން ދެމީހުންނަށްވެސް އެންމެ ރަނގަޅުވާނެ ގޮތަކީ ވަކިވުން ކަމުގައެވެ.

ދެފަރާތަށްވެސް ގާޒީ ނަސޭހަތްތެރިވިއެވެ.އަދި އެދެމީހުންގެ ކައިވެނި ރޫޅުނަ ނުދިއުމަށް ގާޒީގެ އަތްމަތީގައިވާ ހުރިހާކަމެއް ކުރިއެވެ.އެކިގޮތްގޮތުން ވަރަށް އިރު އެމީހުންނަށް ގާޒީ ނަސޭހަތްތެރިވިއެވެ.ނަމަވެސް ވިޔާމް ބޭނުންވަނީ ވަރިވާށެެވެ.ފަރީޝާވެސް ބޭނުންވާގޮތަކީ އެޔެވެ.އެދެމީހުންގެ ނިންމުން ބަދަލު ނުވާނެކަން އެނގުމުން ވަރިކުރުމުގެ މަރުހަލާއަށް ގާޒީ ދިޔައެވެ.

ވިޔާމްގެ ދުލުން ފަރީޝާއަކީ އަންބެތްނޫންކަމަށް ބުނުމަށް ގާޒީ ވިޔާމަށް އެންގިއެވެ.އެހިނދުކޮޅަކީ ވިޔާމްގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ އުދަނގޫ އިހުސާސްކޮޅެއް ވެރިވި ހިނދުކޮޅެކެވެ.ވިޔާމްގެ ހަށިގަނޑު އެތެރޭގައިވާ ހިތުގެ މަސައްކަތް ވަގުތުކޮޅަކަށް ހުއްޓުނު ފަދައެވެ.އަރުތެރެ ބެނދިފައިވާ ކަހަލަ އިހުސާސެއް ކުރެވިފައިވާތީ ދުލުން އެންމެ ބަހެއްވެސް ބޭރެއް ނުވިއެވެ.އެހެންކަމުން އަނގައިން ބަހެއް ބޭރުނުކުރެވިފައި މިނެޓެއްވަރު ވިޔާމަށް އިނދެވުނެވެ.

ވިޔާމްގެ ދުލުން ވަރީގެ ބަސް ބޭރުވާނެ އިންތިޒާރުގައި އޭނާއަށް ބަލަން ގާޒީ އިން އިރު ކައިރީގައި ފަރީޝާވެސް އިނެވެ.އެހެންކަމުން ވިޔާމް އިތުރަށް ހާސްވާން ފެށިއެވެ. “ވިޔާމް؟” ވިޔާމްގެ ފަރާތުން ބަހެއް ނުލިބުމުން ގާޒީ ގޮވާލިއެވެ.އެވަގުތު ކަރުކެހިލުމަށްފަހު ވިޔާމް ހަމައަކަށް  އެޅިލަން މަސައްކަތް ކޮށްލިއެވެ.

“ވަރިކުރަންވީތޯ؟…ވަރަށް ބޮޑަށް މާފުކުރޭ ސަމާލުކަން ނުދެވުމުން ގާޒީ އެހެންވިދާޅުވި އަޑު ނީވުނީ އަޅުގަނޑަށް” ހަމަޖެހިލައިގެން އިނދެ ވިޔާމް ބުނެލިއެވެ.ވިޔާމް ވާހަކަދެއްކި ރާގުގައި އެއްވެސް އަސަރެއް ނެތި އަދި އޭނާ ހަމަޖެހިފައި އިންގޮތުން، ވަރިކުރަން ވިޔާމަށް އުދަނގޫހެނެއް ފަރީޝާއަކަށް އިހުސާސެއް ނުވިއެވެ.

ގާޒީއަށް ބަލަން އިނުމަށްފަހު ފަރީޝާއަކީ އޭނާގެ އަންބަތް ނޫންކަމަށް ވިޔާމް އަޑަށް ބާރުލާފައި ބުނެލިއެވެ.އެވަގުތު އިސްދަށަށް ޖަހައިގެން އިން ފަރީޝާއަށް ދެރަވިވަރުން ގޮސް ދެލޯމަރާ ބާރުކޮށްލެވުނެވެ.އެއާއެކު ލޮލުގައި ހަރުލާފައިވާ ކަރުނަތައް ފަރީޝާގެ ކޯތާފަތްމަތިން ފައިބައިގަތެވެ.

ފަރީޝާއަކީ އަންބެތް ނޫންކަމަށް ވިޔާމް ބުނި ހިނދުކޮޅު އޭނާއަށް ހީވީ އެއްފަހަރާ ބައިވަރު ތޫނު ތީރުތަކެއް އޭނާގެ ހިތަށް ހެރުނުހެންނެވެ.ބޭރުފުށުން އޭނާ އިނީ ހަމަޖެހިފައިހެން ހީވިއަސް، އޭނާގެ އެތެރެހަށީގައި ވަނީ މޮޅީގެ ސާލު ލެވިފައެވެ.

ވިޔާމް ފަރީޝާ ވަރިކުރުމުން، ކިތަންމެ ހިތްވަރު ކުރިނަމަވެސް ގާޒީއާއި ވިޔާމްގެ ކުރިމަތީގައި ފަރީޝާއަށް ރޮވުނެވެ.ފަރީޝާ ރޯންފެށުމުން ވިޔާމް ވަގުތުން އައިނު އަޅާލިއެވެ.އޭނާގެ ދެލޮލަށް އިހުތިޔާރަކާ ނުލާ ކުއްލިއަކަށް ކަރުނަ ޖަމާވިއެވެ.އެހެންނަމަވެސް ވިޔާމް އައިނު އެޅުމުން އޭނާ ފެންކަޅިވެފައިވާކަން އެއްވެސް މީހަކަށް ނުފެންނާނެއެވެ.

ވަރީގެ ހުރިހާ މަރުހަލާއެއް ފުރިހަމަވުމުން ގާޒީ އެދެމީހުންނަށް ދިއުމުގެ ހުއްދަ ދިނެވެ.ގާޒީ ހުއްދަ ދިނުމާއެކު ވިޔާމް އިންތަނުން ތެދުވެ، ހަލުވި ހިނގުމުގައި  ކޯޓުން ނިކުންނަން މިސްރާބުޖެހިއެވެ.ވިޔާމްގެ ފަހަތުން ކަހަލަގޮތަކަށް އޭނާއަށް ބަލަމުން މޮޅިވެރިކަމާއެކު ފަރީޝާވެސް ނިކުތެވެ.ހަލުވި ހިނގުމުގައި ގޮސް ސައިކަލަށް އަރާ ދުއްވާލި ވިޔާމަށް ބަލަން  ކަރުނުން ފުރިފައި ފަރީޝާއަށް ހުރެވުނެވެ.ފަރީޝާއާ ދިމާލަށް ބަލައިވެސް ނުލާ މާއަވަހަކަށް ވިޔާމް އެދިޔައީ ނަތާޝާ ކައިރިއަށްކަން ފަރީޝާގެ ހިތަށް އެވަގުތު އެރިއެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ވިޔާމްގެ ދެލޮލުން ކަރުނަތައް އޮހޮރެނީއެވެ.ސައިކަލް ގޭދޮރުމައްޗަށް ޕާކަށް ޖެހުމަށްފަހު ކޮޓަރިއަށް ވަތްގޮތަށް ވިޔާމް ފެށީ ރޯށެވެ.އެނދުގައި އިނދެ ބޮލުގައި އަތް ވިއްދާލައިގެން ވިޔާމް ރޮމުން ގެންދިޔައިރު، އޭނާ ގެއަށް އައިކަން މަންމައަށް އެނގުމުން ވިޔާމް ކައިރިއަށް ކޮޓަރިއަށް މަންމަ ވަނެވެ.

“ދަރިފުޅާ؟” ތަޅުނުލާ ހުރި ކޮޓަރިއަށް ވަތްއިރު ވިޔާމް އެނދުގައި ރޯންއިންތަން ފެނުމުން އޭނާގެ މަންމަ ގޮވާލިއެވެ.މަންމަ ގޮވާލުމުން މަންމައާ ދިމާލަށް ވިޔާމް ބަލައިލިއެވެ. “ދަރިފުޅާ ދެން ނުރޮއެ ހުއްޓާލާ” ވިޔާމް ކައިރި އިށީންދެލުމަށްފަހު އޭނާގެ ބުރަކަށީގައި ލޯބިން ފިރުމާލުމަށްފަހު ވިޔާމްގެ މަންމަ ބުނެލިއެވެ.އެވަގުތު ވިޔާމް މަންމަގެ އުނގުގައި ބޯއަޅާލައިގެން ކުޑަކުއްޖެއްހެން ރޮމުން ގެންދިޔައެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ބުނެބަލާ ލޯބިނޭ 14-15

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (38)

Next
March 13, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (38)

Previews
March 12, 2022

ބުނެބަލާ ލޯބިނޭ 14-15



All Right Reserved!