އެލޯބި 2ވަނަބައި
އަދި މަޑުމަޑުން އަހަރެންގެ އަތްތިލައިގައި ފިރުމަމުން ގެންދިޔައެވެ.” ނަޔާ ތި ވެގެން އުޅޭގޮތެއް އަހަރެންނަށް ކިޔާދީބަލަ. އޭރުންތާ އަހަރެންނަށް ވެސް ހިޔާލެއް ދެވޭނީ!” ޝާލް އެހެން ބުނީ އޯގާތެރިކަމާއި ލޯތްބާއި އެކުގައެވެ.
“ޝާލް…… އަހަރެން މާލެ އައީ އަހަރެންގެ މަންމައާއި ބައްޕަގެ އެދުމުގެ މަތިން ކިޔަވައިގެން މޮޅު މީހަކަށް ވުމަށް. އަހަރެންގެ ބައްޕަ ބޭނުންވީ އަހަރެން ޓީޗިންގެ ރޮނގުން ކުރިޔަށްދާން. އިރާދަ ކުރެއްވީތީ އަހަރެންނަށް މިއަދު މިވަނީ އެރޮނގުން ޑިގްރީ ހާސިލް ކުރެވިފައި. އެމީހުންގެ އުއްމީދުތައް ފުރިހަމަ ކޮށްދެވިފައި. އަހަރެންގެ ބައްޕަ އަހަރެންނަށް ކިޔަވައިދިނީ ވަރަށް ވަރަށް ބުރަ މަސައްކަތްކޮށްގެން ލިބޭ މަދު ފައިސާ ކޮޅު އެއްކޮށްގެން.އަދިވެސް އަހަރެން ހަނދާން އެނބަހުރި، އަހަރެންގެ ބައްޕަ ހެނދުނު މަސައްކަތު ދާގޮތަށް ދަންވަރު ދޭއް ތިނެއް ޖަހާއިރު ލޮލެއް ބޮލެއް ވަކިކުރަން ނޭގޭ ވަރަށް ސިމެންތިއާއި ވެލިން ތަތްވެގެން ގެއަށް އަންނަ މަންޒަރު. އޭރު ބައްޕަ ހުންނާނީ ބަނޑުހައިވެގެން ތުރުތުރު އަޅައަޅާ. މިކަން އަހަރެންނަށް ފާހަގަ ކުރެވުނީ އެއްރެއެއްގައި ބައްޕަ ކާން މޭޒު ދޮށުގައި އިށީންދެ ކާންފެށުމުން. ގިނަފަހަރަށް އަތް ތުރުތުރު އަޅާވަރުން އަތާއި އަނގައާއި ދިމާވެސް ނުވާނެ. އަހަރެންގެ ބައްޕައަކީ އުމުރުން ދުވަސް ވެފައިވާ މީހެއް ކަމުން މާގިނައިން ހަށިގަނޑާއި އެކަށީގެންނުވާ ވަރަށް ބުރަމަސައްކަތްތައް ކުރުމުގެ ސަބަބުން މިއަދު އެވަނީ އެނިކަމެތި ބައްޕަގެ މައިބަދައަށް މައްސަލަޖެހިފަ. އިތުރަށް ރަނގަޅުކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއްނެތް. އެއްވެސް ކަހަލަ މަސައްކަތެއްކުރުމުގެ ހުއްދައެއްނެތް. މިހާރު އަހަރެމެން މިދިރިއުޅެނީ މަންމަ ފަންގިވިނދެގެން ލިބޭއެއްޗަކުން. އެ ނިކަމެތި ދެމަފިރިން އެހާލުގައި އުޅޭތަން ދެކޭކަށް އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނޫން. އެކަމަކު އަހަރެން ކެތްކުރީ މިދުވަހަށްޓަކައި……….” އަހަރެންގެ އަޑުބެދި އަހަރެންނަށް ރޮވުނެވެ. ކަރުނަތައް ފޮހެލުމަށްފަހު އަނެއްކާވެސް އަހަރެން ވާހަކަދައްކަން ފެށީމެވެ. “އެ މަންޒަރު އަހަރެންނަށް ފެނުނު ފުރަތަމަ ރެއިން ފެށިގެން އަހަރެން ހިތުގައި އަޒުމް ކަނޑައެޅީން ކޮންމެ ފަދަ ހާލެއްގައި އުޅެން ޖެހުނު ނަމަވެސް މައިންބަފައިންނާއި ވަކި ނުވާން. އެމީހުންގެ ހިތުގައި ނުޖައްސަން. ހުރިހާގޮތަކުންވެސް އެމީހުންނަށް އެހީތެރިކަންދީ އެމީހުން ބަލަހައްޓަން. އިރާދަކުރެއްވީތީ މިއަދު މިއޮތީ އެވަގުތު ޖެހިފައި. އަހަރެންނަށް ރަށު ސުކޫލުން ވަޒިފާ ހަމަޖެހިއްޖެ. ދެދުވަސްފަހުން ފުރާ ބޯޓުން އަހަރެން ރަށަށް ފުރާނަން. މުހިންމު ކަމެއް ޖެހިގެން ނޫނިއްޔާ އަހަރެން މާލެއަކަށް އަންނާކަށް ގަސްދެއް ނުކުރަން” އަހަރެން ފުންނޭވާއެއްލީ މެވެ. އޭރުވެސް ޝާލް އިނީ އަހަރެންގެ މޫނަށް ބަލާށެވެ. އަހަރެންގެ ވާހަކަ ތަކުން ޝާލްއަށް އަސަރުކޮށްފައިވާކަން އަހަރެންނަށް އިހުސާސް ކުރެވުނެވެ.
އަނެއްކާވެސް އަހަރެން ވާހަކަ ދައްކަން ފެށީމެވެ. “ޝާލް………. ޝާލްދެކެ އަހަރެން ވަރަށް ލޯބިވޭ ޝާލް ތިއީ މިހާތަނަށް އަހަރެންގެ ހަޔާތަށް އައި ހަމައެކަނި މީހަކީ. ޝާލްއާއި ވަކިވުމަކީ އަހަރެންނަށް ކެއްކުރަން ވަރަށް އުނދަގޫ ވާނެ ކަމެއް…..ޝާލްގެ ފަރާތުން އަހަރެންނަށް ލިބުނު އެހީތެރިކަން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ” އަހަރެން ވާހަކަ ދެއްކުން ހުއްޓާލީމެވެ. ޝާލްއަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
“ނަޔާ……… އަހަރެމެން ވަކިވާން އެނބައުޅެންތަ؟ ނަޔާ އަހަރެން ބޭނުންވާ ފަދައިން އަހަރެންވެސް ބޭނުމީ ނަޔާ، އަހަރެމެން ދެމީހުން އެކަކު އަނެކަކުދެކެ މިހާވަރަށް ލޯބިވާއިރު ކީއްވެގެންތަ ވަކިވާންޖެހޭނީ؟ ކޮބައިތަ މައްސަލައަކީ؟” ޝާލް އަށް އަހަރެން ދެއްކިވާހަކައެއް ނުވިސްނުނެވެ. ސީދާ ޕޮއިންޓަށްދާން އަހަރެންނަށް މަޖުބޫރުވިއެވެ. ” ޝާލް، އަހަރެމެން ދެމީހުންނަކީ ވަރަށް ދުރު ދެ އަތޮޅެއްގެ ދެރަށެއްގެ ދެމީހުން…. އަހަރެން އަހަރެންގެ މައިން ބަފައިން ދޫކޮށްލާފައި ޝާލްއާއި އެކު ޝާލްގެ ރަށަށް ދިރި އުޅެންދާނީ ކިހިނެއް؟ ހަމަ އެހެން ޝާލްވެސް އަހަރެންގެ ރަށަށް އަހަރެންނާއި އެކު ………….” އަހަރެންނަށް ބުނެވުނީ އެހާ ހިސާބަށެވެ. ޝާލް އަހަރެންގެ އަނގަމަތީގައި އަތް އެޅިއެވެ. “ނަޔާ އަހަރެންނެއް ނަޔާއަށް ދެރަވާނެގޮތަކަށް އެއްވެސް ކަމެއް ނުކުރާނަން… ނަޔާއާއި އެކު އަބަދުގެ އަބަދަށް ދިރިއުޅެން އަހަރެން ބޭނުން. އެހެންވީމައި ނަޔާއާއި އެކުގައި ދިރިއުޅެން ނަޔާގެ ރަށަށް ދާނީ އަހަރެންނޭ” ޝާލް ވަރަށް ލޯބިން އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. “ޝާލް…… ޝާލް މޮޔަވީތަ؟ ޝާލް ކިހިނެއް އަހަރެންނާއި އެކު އަހަރެންގެ ރަށަށް ދާނީ ………. ޝާލްގެ މަންމަ” އެހާ ހިސާބަށް ބުނެފައި އަހަރެން ހުއްޓާލީމެވެ.
ޝާލް އަކީ ގދ ތިނަދުއަށް އުފަން އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުންދާ ހީވާގި ޒުވާނެކެވެ. ރަށުގައި އޭނާ މަސައްކަތް ކުރުމުގެ އެއްމެ މުހިންމު މަގްސަދަކީ އޭނާގެ ބަލި މައިމީހާއަށް ހިދުމަތް ކުރުމެވެ. ޝާލްގެ މަންމަ އަކީ މީގެ ފަސްވަރަކަށް އަހަރުން ކުރިން ރަށުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލޮލުގެ ފެނުމުން މަހުރޫމް ވެފައި ވާ މީހެކެވެ. ވަރަށް ގިނަ ފަހަރުމަތިން ޝާލް އޭނާގެ މަންމަ ގޮވައިގެން ތަފާތު ގައުމުތަކަށް ގޮސް އެގައުމުތަކުގެ މޮޅެތި ޑަކްޓަރުންނަށްވެސް ދެއްކިއެވެ. ނަމަވެސް ކޮންމެ ގައުމަކުންވެސް އެނބުރި އަންނަން ޖެހެނީ މާޔޫސްވެގެން ހުސްއަތާއެވެ. ޝާލްގެ އުމުރުން ފަނަރަ އަހަރުގައި ޝާލްގެ ބައްޕަ ކުއްލިގޮތަކަށް ނިޔާވިއެވެ. އެއަށްފަހު އެކިމީހުންކައިރީގައި ސަލާންޖަހައިގެން ޝާލްއަށް ކިޔަވައިދީ ހަރުދަނާ މީހަކަށް ޝާލް ހަދައިދިނީ އޭނާގެ މަންމައެވެ. ޝާލް އަކީ އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. ވުމާއިއެކު ޝާލްގެ މަންމަ ޝާލްދެކެ އިންތިހާއަށް ލޯބިވެއެވެ.
އެފަދަ ނިކަމެތި ހާލެއްގައި އެ މައިމީހާ އިންދައި އަހަރެންގެ އުފަލަށްޓަކައި އޭނާގެ ދަރިފުޅު ޖަހައިގަނެގެން އަހަރެންނަށް ގެންދަން ކެރޭނީ ކިހިނެއްހެއްޔެވެ؟ އޭރުން އެމައިމީހާ ރޯނެ ރުއިމާއި އެނިކަމެތި ހިތައް ކުރާނެ އަސަރު އަހަރެންނަށް އިހްސާސް ކުރެވެއެވެ.
“ނަޔާ، ކީކޭ ކިޔަން ތިއުޅެނީ…….. ނަޔާ ބޭނުމީ އަހަރެންނާއި ވަކިވާންތަ؟ ނަޔާ، އަހަރެންދެކެ ލޯތްބެއް ނުވޭތަ؟ ނަޔާ ހެޔޮނުވާނެ އަހަރެންނާއި ވަކި ނުވާތި، ތިޔަ ހިޔާލު ދޫކޮށްލާ! ތިޔަ ކުރެވެނީ ވަރަށް ބޮޑު މޮޔަ ހިޔާލެއް؟ އަހަރެންނަކަށް ނަޔާ އާއި ވަކިންނެއް ނޫޅެވޭނެ. އަހަރެން ނަޔާދެކެ މިވާ ލޯބި ނަޔާއަށް އިހުސާސް ކުރެވޭތަ؟ ނަޔާ..ނަޔާ … ޕްލީޒް ޕްލީޒް” ޝާލް މަޑުމަޑުން އަހަރެންގެ އަތްތިލަ އޭނާގެ މޭގައިގައި ޖައްސާލިއެވެ.
” ޝާލް ……….. ތިހުރިހާ ކަމެއްވެސް އަހަރެންނަށް އެނގޭ. މިނޫންގޮތެއް އަހަރެމެންނަކަށް ނެތެއްނު. ގައިބާރުދެރަވެ މުސްކުޅިވެފައިވާ އަހަރެންގެ މައިން ބަފައިންގެ ހިތުގައި ޖައްސާކަށް އަހަރެން ބޭނުމެއްނޫން. އަދި އެހެން ހަދާކަށް އަހަރެންނަކަށް ނުކެރޭނެ. ހަމަ އެހެން ޝާލްއަށް ވެސް ޝާލްގެ މަންމަ ހިތުގައި ޖައްސާކަށް ނުކެރޭނެ. ޝާލް ކައިވެނީގެ ގޮތުން ގުޅެންވާނީ ޝާލްގެ މަންމައަށް އޯގަތެރިކަމާއިއެކު އަޅާލާ މަންމަގެ ކަންތައްތައް ބެލެހެއްޓޭނެފަދަ ގާބިލްކަން ހުރި ކުއްޖަކާ……. އަހަރެން ޝާލްދެކެ ކިތައްމެ ލޯބިވިޔަސް……… އަހަރެންނަކަށް އަދި އެކަންކަމެއް ފުރިހަމައެއް ނުކޮށްދެވޭނެ. އެއަށްވުރެ އަހަރެންގެ ޒިންމާ މާ ބޮޑު…… ޝާލްގެ މަޖުބޫރީ ހާލަތު އެންމެ ފުރަތަމަ ދުވަހުވެސް އަހަރެންނަށް ކިޔައި ދިންނަމަ މި ހިތާމަ ކުރާކަށް ނުޖެހުނީސް” . އަހަރެންނަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ” ނަޔާ، އަހަރެންނަށް ވިސްނޭ ނަޔާ ތިދައްކާ ވާހަކަ……… އެކަމަކު ނަޔާއާއި ނުލާ އަހަރެން ކިހިނެއް އުޅޭނީ. ތިއީ މިހިތުގެ އެއްބައި” ޝާލް އަހަރެންގެ އަތް އޭނާގެ މޭގައި ޖައްސާލިއެވެ. އޭރު އޭނާގެ ލޮލުންވެސް ކަރުނަ ފައިބަނީއެވެ.
” ތަގުދީރުގައި މިއީ އަހަރެމެންނަށް ހުރިގޮތް ކަމުގައިވާ ނަމަ އަހަރެން އެކަމާއި ދެކޮޅު ހަދާކަށްނެތިން. އެކަމަކު ނަޔާ…….. ނަޔާ، އަހަރެން މިދައްކާ ވާހަކަ ކަނުލާ ރަނގަޅަށް އަޑުއަހާ…. އަހަރެން އަބަދުވެސް ނަޔާދެކެ ލޯބިވާނަން.އުމުރަށް ލޯބިވާނަން…… އަހަރެން ނަޔާދެކެ މިވާ ލޯތްބަށް ދުވަހަކުވެސް އެއްވެސް ބަދަލެއް ނާންނާނެ…. އަހަރެމެން ދެމީހުން ވަކިވާވަގުތުން ފެށިގެން ނަޔާ ދެކެ އަހަރެން މިވާ ސާފުތާހިރު ލޯބި އަހަރެންގެ ހިތުގެ ކަނެއްގައި އަހަރެން ރައްކާ ކުރާނަން……….. އެނގޭތަ އެކީއްވެކަން؟ އެއީ ހަމައެކަނި އެދުވަހަކަށްޓަކައި، އަހަރެމެންގެ ދެމީހުންގެ ދެމެދުގައި މިވާ މަޖުބޫރީ ހާލަތުގެ ފަރުދާކެހި ނަޔާ އަހަރެންނަށް ލިބޭނެ ދުވަހަކަށް……. އެދުވަހަކުން އަހަރެން މިލޯބި ނަޔާއަށް އަނބުރާ ދޭނަން………… މިއީ އަހަރެން ނަޔާއަށްވާ ވައު….ދެއް……….” ޝާލް އަށް ހަމަރަނގަޅަށް ވެސް ގިސްލެވިއްޖެއެވެ. އޭނާގެ އަޑު ބެދިއްޖެއެވެ.
ޝާލް ރޯތަން ބަލާކަށް އަހަރެންގެ ހިތަކަށް ކެތެއްނުވިއެވެ.ޝާލް އަހަރެންދެކެވާ ލޯބި އަހަރެންނަށް އިހުސާސް ކުރެވެއެވެ. ހަގީގަތުގައި ޝާލް އަހަރެންދެކެ ވަނީ އަހަރެން ޝާލްދެކެ ވާ ލޯތްބަށްވުރެ މާމަތިވެރި މާތް ލޯތްބެކެވެ. ” ޝާލް ………. އަހަރެންނަށް މާފުކުރޭ.ކުރިންވެސް އަހަރެން ކިތައްފަހަރު މިވާހަކަދައްކަން އުޅުނިން. އެކަމަކު ޝާލް އަހަރެންނަށް ފުރުސަތެއް ނުދިން……. ޝާލް އަބަދުވެސް ހީކުރަނީ އަހަރެން ޝާލްއާއި ވަކިވާން ބޭނުންވަނީކަމަށް………………. އެހެންނޫންނަމަ މިއަދު މިހިތާމަ ކުރާކަށް ނުޖެހުނީސް.” އަހަރެން ރޮމުން ރޮމުން ވާހަކަދެއްކީމެވެ.
އިތުރަށް ގިނަވަގުތު އެތާގައި މަޑުކުރުމަކީ އެހާ ބުއްދިވެރި ކަމެއްކަމުގައި އަހަރެން ނަކަށް ނުފެނުނެވެ. ” ޝާލް އަހަރެންގެ ހެޔޮދުއާތައް އަބަދުވެސް ވާނީ ޝާލް އާއި އެކުގައިކަން ޝާލް ހަނދާން ބަހައްޓާތި! އަހަރެން ޝާލްއާއި ވަކިމިވަނީ އިތުރު އެއްވެސް ގޮތެއް ނެތިގެން. އަހަރެންގެ މައިން ބަފައިން ފިޔަވައި އަހަރެން ތިހާލޯބިވާ ދެވަނަ އިންސާނަކު މިދުނިޔޭގައެއް ނުހުންނާނެ.” އަހަރެން ގެއަށްދާން ހިނގައިގަތީމެވެ. އެވަގުތު ޝާލް އަހަރެންގެ އަތުގައި ހިފަހެއްޓިއެވެ.
ނުނިމޭ
7 Comments
Comments are closed.
Me first
nice keep it up
alhe haadha kurey…bt vvvv nice mi part ves..keep it up..
Hihi. Thinadhoo kujjeh dhw.
Vvvvvvvvvvvvvvvv reethi but v kuru but v nive waiting 4 the nxt part
Vara nice ingee
Varah habeys.