*ނަމަވެސް ކިތަންމެ ހަމަޖެހެން މަސައްކަތް ކުރިޔަސް އިތުރަށް އޭނާ ހާސްވެ ހިތުގައި ޖެހުން ނޫން ކަމެއް ނުވެއެވެ.*
“ހިލްޔާނުގަނޑާ. ނުވެސްކަނީތަ؟” ކޮޓަރިއަށް ވަން އިރު ހިލްޔާން ހަމަޖެހިލައިގެން ޓީވީ ބަލަން އިނުމުން ހަނާ އަހާލިއެވެ.
“ކާށޭ. ހާދަ އަވަހަަކަށް. އަދި ކިރިޔާ އަށެއްޖެހީ” ހިލްޔާން ޓީވީއަށް ސަމާލުކަން ދީގެން އިނދެ ބުނެލިއެވެ.
“ހުމމ.ތިހެން ވިއްޔާ ހުރޭ.އެކަމަކު ހަނދާންކުރާތި! ހިލްޔާން އަންނާނެހާއިރުވަންދެނެއް ލާރާއެއް ނީއްނާނެ”
ހަނާ ހިލްޔާންގެ ސަމާލުކަން ހޯދަން ބުނެލިއެވެ. ހިލްޔާން ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް އިންތަނުން ތެދުވި ހަނާއާ ދިމާއަށް ދެލޯ ބޮޑުކޮއްލިއެވެ. ހަނާ ގާތަށްއައީ ލާނެތް ހިންޏެކެވެ. ހަނާ އެހެން ބުނިއިރު މީހަކަށް މިވަރެއްް ވާނެކަމެއްް އިނގޭނެހެއްޔެވެ؟
“އޭތް. ދެން ވެސް ތިހެން ހުރީމަވޭތަ. މިހާރު ނޭނގެ ލާރާ ނުދާކަމެއްވެސްެ. ދެންވެސް އަވަސް ކޮށްގެން އާދެބަަލަ.” އެހެން ބުނުމަށް ފަހު ދޮރުލައްޕާފައި ހަނާ ބަދިގެޔާ ދިމާއަށް ދިޔައެވެ.
“މަންމަ މިހާރުކައި ނިމުނީތަ؟” ހުސްނާއަށް ބަލައިލަމުން ހަނާ އަހާލިއެވެ.
“މަންމައަށް ދެން ހުރެވޭތަ ދަރިފުޅުމެން ބޮޑުތަކުރުފާނު ވާހަކަ ނިމެންދެން. މަންމަ ކައި ނިމުނީމި.ދެން ދަރިފުޅުމެން ކައި. އެކަންޏެއް ނުވާނެއްނު ހިލްޔާން ވެސް އެހުރީނު. ކޮބާތަ ޒިވްޔަން؟” ސިންކުކައިރީ ތަށި ދޮންނަން ހުރެގެން ހުސްނާ ވާހަކަ ދެއްކިއެވެ.
“ޒިވްޔަން ބުނީ ބޭރުންނޭ ކާނީ. ވަރަށް ބިޒީ ދުވަހެކޭ މިއަދު. މަންމާ ދަންތަ ލާރާމެން ބަލާ. މިރޭ މިގެއިން ކާން” ބުނަން ނުބުނަން ހުރެފައި ހަނާ ބުންޏެވެ.
“އެޔޯ.އަނެއްކާ ކިހިނެތްވީ؟ ޔައިޝާ ނާންނަނީިތަ؟ އަނެއްކާ ދެކުދިން ރުޅީތަ؟” ހުސްނާ ސުވާލު ގޯނީގެ ތުންމޮހެލިއެވެ.
“ސާބަސް މަންމާ. ޔައީއަށް ވެސް ކޮންމެ ރެއަކު ނާދެވޭނެއްނު. ދެން މިރޭ ދަންތަ އެމީހުން ބަލާ” ހަނާ ކުޑަކުއްޖެއްފަދައިން ތުންދަމައިެން ހުރެ ވާހަކަ ދެއްކިއެެވެ.
“ހުމމމ.ދެން މަންމަ ބުނާނީ ކީކޭ؟ މަންމައަށް އޯކޭ އެއްޗެހި ހުސްވަނިކޮއް” އެހެން ބުނެފައި ހުސްނާ ނުކުތީ ބޭރަށެވެ.
އެހެން ބުނުމުން ހަނާ ވެސް ޖެހިގެން ހުރި ގޯޅީގައި ހުރި ލިމްހާމެން ގެއާ ދިމާއަށް ދިޔައެވެ.
ހަނާ ލިމްހާމެން ގޭގެދޮރު މައްްޗަށް އަރާ ސަލާމް ގޮވާލިއެވެ. “ވައަލައިކުމް ސަލާމް” އެތެރެއިން ސަލާމް ބަލައިގަތީ ލިމްހާގެ ކޮއްކޮ ލާމިއުއެވެ.
“އަނހާ. ހަނާއްތާ. މިހާރު ނުވެސް އަންނަމެންނު މިގެއަށް.” ހަނާ ފެނުމުން ލާމިއު ބުނެލިއެވެ.
“އެބުނިއްޔޭ އެއްކަލަ. ކުރިން ދުވަހުވެސް އައީމޭ. ކޮބާތަ ދޮންތަޔާ ކުޑޫއާ އެންމެން؟” ދެ ފަރާތަށް ބަލާލަމުން ހަނާ ސުވާލު ކޮއްލިއެވެ.
“އަނހާ. ހަނާތަ މިއައީ. ލިމްހާ ވީ ބޭރުގަ. ލާރާ އެބޮތް ކޮޓަރީގަ. މިރޭ ރިހަކެއްކީމަ ނުކާން ވެގެން ބޮޑާހާކަ ހާކާފަ ވަންގޮތަށް ނުނުކުމެ.” ލިމްހާގެ މަންމަ ދުފާ ރަތް ކޮއްގެން އިނދެ ވާހަކަ ދެއްކިއެވެ.
“މާ ރަނގަޅަކަންނު މިވީ. އަހަރެން މިއައީ ކާންދާން ވެގެންނޭ ބަލާ. ހިނގާ ލާމިއު ވެސް ދާން ޕްލީސް.” ހަނާ ލާމިއުއާ ދިމާ ބަލާލަމުން ބުންޏެވެ.
“ނޯ. ސޮރީ ހަނާއްތާ. މަ ގަނޑަކަށް އަރަން ޖެހިއްޖެ. ތަންކޮޅެއްކުރިން ބުނި ނަމަ ދިޔައީމުސް. ދެން ކުޑޫ ގޮވައިގެން ގޮސްލާ. އެހެންނޫނަސް ތި ގޯތި ސޮރާ ހެދި ކުޑޫ ވިއްޔަ…” ލާމިއު ވާހަކަ ހުއްޓާލީ ކައިރީގައި ލާމިއު މަންމަ އިން ކަން އިނގުމުންނެވެ. އެވަގުތު އަންގަ މަތީ އަތް އަޅާ ‘އޫޕްސް’ އޭ ބުނެލި ގޮތުުން ހަނާ ހޭން ފެށިއެވެ. ލާރާ ް ކޮަޓަރިއަށް ދާން ހިގައިގެންއިރު ފަަހަތުން ލާމިއުވެސް އޭނަގެ ކޮޓަރި އަށް އާދެއެވެ. އޭރު ވެސް ލާމިއުގެ ނަޒަރު ފޯނުން ވަކި ނުވެއެވެ.
“ސާބަސް… ތިހެން ވިއްޔާ. ތި ޕަބްޖީ އަކީ ފަށައިފިއްޔާ ނިމުމެއްވެސް ނޯއްނަ އެއްޗަކީތަ؟”ފޯނަށް ގެއްލިގެން ހުރެ ގޮސް ދޮރުގައި ޖެހުނު އިރުވެސް ލާމިއު އަށް ނޭނގުމުން ހަނާ ބުނެލިއެވެ.
“ޝްޝްޝް. މާ ބާރަށް ޕަބްޖީއޭ ނުކިޔާތި. މަންމައަށް މަ ޕަބްޖީ ކުޅޭކަން އިނގިއްޖެއްޔާ މަ މަރާނެ.” ތުންފަތް މަތީގައި ޝަހާދަތް އިނގިލި ޖައްސާލަމުން ލާމިއު ބަލައިލީ ސިޓިންގރޫމުގައި އިން އޭނާގެ މަންމައަށެވެ.
ހަނާވެސް ހޭންފަށައިފާގޮސް ވަނީ ލާރާގެ ކޮޓަރި އަށެވެ. މުޅި ކޮޓަރި ގުގުމާލާފައި ވަނީ އަލީގޭޓީގެ ‘ރަނިންގ އިން މައި މައިނޑް’ ލަވައިންނެވެ. ލަވަޔާ އެއްވަރަށް ތުންފަތް ތަަޅުވަމުން ދެލޯ މަރައިލައިގެން އެނދު މަތީގައި އޮތް ލާރާއަށް މީހަކުވަން ކަމެއް ރެއަކާވެސް ނުލައެވެ.
ހަނާ ދިޔަގޮތަށް ގޮސް ޖަހާފައިހުރި ލަަވަ ނިއްވާލިއެވެ. ލާރާ ދިޔައީ ސިއްސައިގެންނެވެ.
“ސާބަސް ލާރާއަށް. ލަވަޔަށް ގޮސް ހުސްވެފަ. ޕިސް ޕިސް ޕިސް” ހަނާ ދެފަރާތަށް ބޯ ހޫރާލަމުން ބުނެލިއެވެ.
“ފޭވަރިޓަކީ އަލީގޭޓީތަ؟” ހަނާ ލާރާ ކުރެން އަހާލިއެވެ.
“އޮފްކޯސް. ތިދެން މީހުން އަހާކަހަލަ ސުވާލުތަ؟ ހެހެހެ” ލާރާ ހޭންފަށަމުން ބުުނެލިއެވެ.
“ހުމމ. ތިއެއްނޫނޭ. އަހަރެން މިއައީ ލާރާ އަހަރުމެން ގެއަށް ކާން ދާން ބަލައޭ”
“މަންމަ މިހާރު ކީ ދޯ ހަނާއްތަ ކައިރީގައިވެސް” ލާރާ ފާޑަކަށް ހުރެއަހާލިއެވެ.
ލާރާ އެއްޗެއް ނޭނގިފައި އިރުކޮޅަކު ހަނާ އިނުމައް ފަހު ބުނެލިއެވެ. “ހުމމ. ލާރާ.. މަންމަ ނުބުންޏެއްކަމަކު އިނގޭނެޔެއްނު. އަަހަރަމެން ގެއާ ހިސާބައްވެސް ރޯއަޑު އިވެޔޭ. ހަހަހަ” އެހެންބުނެ ލާރާއާ ހަނާ އެއްފަހަރާ ހޭންފެށިއެވެ.
“އަސްލު އަހަރެން މިއައީ މި ހިލްޔާން ކިޔާވަރުން.”ހަނާ ލާނެތް ފާޑަކަށް ލާރާއަށް ބަލައިލަމުން ބުނެލިއެވެ.
“ކި..ކި..ކީކޭ…އަސްލު ވެސް ހިލްޔާން ބުނެގެންތަ ތިއައީ؟” ލާރާ ރަކި ފާޑަކަށްް ހުރެ ބުނެލިއެވެ.
ހަނާ ‘އާ’ އެކޭ ބުނުމުން ލާރާ އަވަސް އަވަހަށް ބުރުގާ އަޅާ މޫނު މަތީގައި ފުއްޖަހާލިއެވެ. މުޅި ގަޔަށް ސެންޓު ބުރުވާލުމަށް ފަހު ލައިގެން ހުރި މަޑު ނޫ ކުލައިގެ ޓޮޕް ކޮޅު މަތިން ކަކުލާ ހިސާބަށް އަރާވަރުގެ ނެވީ ބްލޫ ކުލައިގެ ޖެކެޓު ލިއެވެ. އަދި ދެމީހުން މާ ވާހަކަ ގިނަނުކޮށް ހިނގައިގަތީ ހިލްޔާނަށް ލަސްވާނޭ ކިޔާފައެވެ.
ލާރާއަށް ވުރެ ކުރިން ގެއިން ނުުކުންނަން ދުވެފައިކަހަލަ ގޮތަކަށް ފަހަތް ބަލަމުން ދިޔަ ހަނާ ސިއްސައިގެން ދިޔައީ ކުރިމަތީގައި ހުރި ޒުވާނާ ފެނުމުންނެވެ.
އެވަގުތު ހަނާގެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ. ކުރިމަތީގައި ހުރީ އާނިޝްއެވެ. އާނިޝް ލިމްހާމެންނާ ތިމާގެ ވާނެއެވެ. ނަމަވެސް އާނިޝް އުޅޭ ގޮތުން މުޅި އާއިލާ ވަނީ އާނިޝްއާ ގުޅުން ކަނޑާލާފައެވެ. އެހެންކަމުން އާނިޝް އެގެއަށް ވެސް ނުވަންނަތާ މިހާރު އަހަރެއްވެސް ނުވާކަމެއް ނޭނގެއެވެ. މިރޭ މިގެއަށް އެއައީ ހަނާ ފެނުނީމަތާއެވެ.
ހަނާ ބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ. ނަމަވެސް އާނިޝް އެއަށް ވުރެ ހުޝިޔާރެވެ. އެ ބާރުގަދަ އަތުން ހަނާގެ އަތުގައި ހިފެހެއްޓިއެވެ. އެވަގުތު ހަނާގެ އަނގައިން ނުކުތީ ވޭނީ އާހެކެވެ.
“އާނިޝް ކީތްވެގެންތަ ތިއުޅެނީ؟ ދޫކޮއްލާ” ހަނާ ނުރުހުމުގެ ރާގަކަށް ބުނެލިއެވެ.
ނަމަވެސް އާނިޝް އަތުން ދޫކުރާ ޙިޔާލެއް ނުކުރެއެވެ. “މަ ކުރިސުވާލުގެ ޖަވާބު ނުލިބޭތީ” އާނިޝް ހަނާއާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.
“ކިތަށް ފަހަރުތަ ދޭންވީ” ހަނާ ވާހަކަދެއްކީ ކިތަންމެ މަޑުން ނަމަވެސް އެއަޑުގައިވީ ނުރުހުމެވެ.
“މަ ބޭނުންވާ ޖަވާބެއް ނުލިބޭ. އެެހެންވެ ސާޅީސް ފަހަރު އަހަން މިޖެހެނީ” އާނިޝް އަޑަށް ބާރުލަމުން ބުނެލިއެވެ.
“ބޭބޭ. ކިހިނެތްތަ ތިއުޅެނީ؟ މިތަނުންދޭ ނޫނީ ބައްޕައަށް ގޮވަނީ” ލާރާ އާނިޝްއަށް އަމުރު ކޮއްލިއެވެ.
އެވަގުތު އާނިޝް ހިފަހައްޓައިގެން ހުރި ހަނާގެ އަތް މަޑު މަޑުން ދޫކޮއްލިއެވެ. ހަނާއަވަހަށް އަތް ދަމައިގަން އިރު ހީވީ ކޮއްޓަކުން ނުނިކުމެވިފައި އިން ދޫންޏެއް އުދުއްސައި ގަންހެނެވެ. އޭރު ހަނާގެ އަތް ވަނީ އެއްކޮށް ރަތް ވެފައެވެ. އެ ދޮން ދޮން އަތުގައި ވަނީ ކުޑަ ކުޑަ ތުރު ތުރެއްވެސް އުފެދިފައެވެ. ހަނާ ބެލީ ދެވަނަ ހަމަލާއެށް ނާންނަނިސް އެތަނުން ދުރަށް ދެވޭތޯއެވެ.
“ލާާރާ ޕްލީސް. އަހަންނަށް މިކަން ކޮށްދީ. ލާރާއަށް މިކަން ވާނެ” އާނިޝް އާދޭހުގެރާގަކަށް ބުނެލިއެވެ.
“ބޭބެ މޮޔަނުވެބަލަ. މިހާރުވެސް ލޯގަނޑު ކުރިމައްޗަށް ހުއްޓިފަ އަމިއްލަ މީހާ ހުރި ސިފަ ބަލާބަލަ. ޑްރަގަށް ގޮސްހުސްވެފަ. ބޭބެވެސް މިހާރުތަންކޮޅެއެ އިސްލާހު ވާންވެއްޖެއެއްނު. ބުނަންތަ ރަނގަޅު ވާހަކައެއް. ބޭބެ ރަނގަޅު ވާނީ ތިކަން ހަނދާންނައްތާލިއްޔާ. ޝީސް ނޮޓް ޔުއަ ޓައިޕް” ފަތިފައްްޗައް ބަސްތަށް އަމުނާލިއިރު ލާރާހުރީ އެމޫނު މަތިން ރުޅިވެރިކަން ދައްކަިއގެންނެވެ. ނަމަވެސް އެވަގުތުވެސް ލާރާ ހުރީ ބޭބެ އުޅޭ ގޮތުން ދެރަ ވެފައެވެ.
މިވަގުތު ހިނދުކޮޅަކުވެސް އާނިޝްގެ ކުރިމަތީ ހުންނާކަށް ލާރާ ބޭނުމެއްނޫނެވެ. ހަގީގަތައް ބުނާނަމަ މިހާރު އާނިޝްއަކީ ލާރާގެ ބޭބެއޭ ބުނަންވެސް ލާރާ ލަދު ގަނެއެވެ.
ގޭ ދޮރު ކައިރީގައި ހަނާ ހުރި އިރު އޭނާ މޫނު މަތީގެ ކުލަވަރުން ދެންމެ ކީ އެއްޗެހި އަޑު އިވުނުކަން އިނގެއެެވެ.
” ސޮރީ… ބޭބެ ކުރި ކަންތަކަށް ވެސް. ބޭބެ އުޅޭނީ އެހެން.” ލާރާ އިސް ޖަހާލަމުން ބުނެލިއެވެ.
” ކީއްވެ ބޭބެ އެހެން އުޅެނީ. ކޮން އިރަކު ޑްރަގް ބޭނުން ކުރަން ފެށީ.” ހަނާ މިއޮތް ހާ ދުވަހު ހިތުގައި ބާއްވައިގެން އުޅުނު ސުވާލު ކޮއްލިއެވެ.
“އަސްލު އިނގޭތަ؟ އެދުވަހު ހަނާއްތަ މަންމަ އަށް އިނގުން ތަނާ ހަނާ ދައްތަ ގޭ ބަންދު ކުރިއެއްނު. ދެން ހަމަ ދިހައެއް ނިންމި ގޮތަށް މާލެ ފުރިއިރު ބޭބެއަށް ނުވެސް ފެނެއެއްނު. އޭރު ބޭބެ އަބަދުވެސް ހުންނާނީ ވަރަށް ދެރަވެފަ. ބުނާނެ ބޭބެއާ ހެދިއޭ ހަނާއްތަ ގޭ ބަންދު ކުރީވެސް. ދެން ނުއެއްކާނެ. އަބަދު ވެސް އެކަނި އުޅޭނީ. އަހަރަމެންނަކާވެސް ވާހަކައެއް ނުދައްކާނެ. ގެއަށްވެސް ވަންނަނީ ނިދަން އެކަނި.” އެ ދުވަސް ތަށް ހަނދާން ކުރަމުން ލާރާ ކިޔައިދެމުން ދިޔައެވެ.
” ދެން އެހެން އުޅެ އުޅެފަ އެއްދުވަހު ތިގެއަށް ދިޔައީ ހަނާއްތަ ހޯދަން. ދިޔަތަނާ އިނގުނީ ހަނާއްތަ މާލެ ދިޔައީކަން. އެދުވަހު ހަނާއްތަ މަންމަ ވަރަށް އެއްޗެހި ވެސް ކިޔޯ. ބުންޏޯ ދައްތަގެ ކިޔެވުން ހަލާކުވީ ބޭބެއާ ހެދިއޭ. އެދުވަހު ގެއަށް އައިސް ވަރަށް ރޯން ވެސް ރުއި. އޭގެ ފަހުން ދެން އިވުނީ ބޭބެ ޑްރަގް މައްސަލައެއްގަ ހައްޔަރު ކުރި އަޑު. ކީ އެދޮގެކޭ ވެސް.. ދެން ލާރާ އަކަށް ވެސް ނޭނގެ..އޭގެ ފަހުން އެހެން އެ އުޅެނީ.. ” ލާރާ އޭނަގެ ބޭބެގެ ވާހަކަ ކިޔައި ދެމުން ދިޔައިރުވެސް ހުރީ ދެރަވެފައެވެ. ވާހަކަ އަޑުއަހަން ހުރި ހަނާގެ މޫނު މަތިން ފެންނަމުން ދިޔައީ ހިތާމައިގެ އަސަރު ތަކެވެ.
” ބޭބެ ހައްޔަރު ކުރި ދުވަހުން ފެށިގެން ބޭބެގެ މަންމަމެން ބޭބެއާ ގުޅުން ކަނޑާލާފި. އޭރު ހަނާއްތަ މާލެ ދިޔަފަހުން ހަމަސް ވަރު ވެދާނެ. އެއްދުވަހު ލާރާ ކައިރީ ބޭބެ ބުނި އެމީހުންނާއެއްކޮށް އުޅުނަސް ބޭބެ ޑްރަގް ބޭނުމެއް ނުކުރަމޭ. އޭރު އަހަރެން ވެސް ގަބޫލު ކުރިން އެކަމު މިހާރު އެކަކުވެސް ގަބޫލެއް ނުކުރާނެ ބޭބެ ޑްރަގް ބޭނުމެއް ނުކުރެއެކޭ”
” މަންމަ ވެސް ދޯ. ކީއްވެ އާނިޝްއާ ހެދި އަހަރެންގެ ކިޔެވުން ހަލާކުވާންވީ. ކީއްވެތަ މަންމަމެންނަށް އަންޑަސްޓޭންޑް ނުވަނީ. މަންމަ އަހަރެން ޓެސްޓު ދުވަސް ކޮޅު ގޭ ބަންދު ކޮއްފަ އާނިޝްއާ ވާހަކަ ނުދައްކާ ހުންނަން ވީމަ އަހަންނަށް ކިޔެވޭތަ. ދެން އެބުނަނީ އާނިޝްއޭ. މީގަ އާނިޝްގެ ކޮން ކުށެއް އޮތީ. އާނިޝް އަށް އެހެން އެވީ ހަމަ އަހަންނާހެދި” ހަނާ ވާހަކަ ދެއްކުން ހުއްޓާލީ އަރު ތެރެ ބެދުމުންނެވެ. އޭރު ގެއާ އަރާ ހަމަ ވީއެވެ.
” ލާރާ ދޭބަލަ ހިލްޔާން އަށް ގޮވަން” މޫނު މަތީގައި ހުރި ކުލަވަރު ފޮރުވާލަން މަސައްކަތް ކުރަމުން ހަނާ ބުނެލިއެވެ. ވަގުތުން ލާރާ ދެފަރަތަށް ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
ހަނާވެސް ލާރާ ބަދިގޭގައި ބައިންދަފައި ދިއައީ ހިލްޔާން އަށް ގޮވާށެވެ. ހިލްޔާންގެ ކޮޓަރި ދޮރު ހުޅުވާލި ވަގުތު ހަނާ ކޮށި ނޭރީ ކިރިޔާއެެވެ. ސެންޓު ވަހުން މުޅި ކޮޓަރި ވަނީ ހާސް ވެފައެވެ. ކެއްސަމުން ކެއްސަމުން ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަން ހަނާ ދެން ބަލައިލީ ހިލްޔާން އަށެވެ. ހަނާ އެދިމާ ބަލާ ލުމަށް ފަހު އަނގަ މަތީގައި އަތް އަޅާލިއެވެ. ކަޅު ކުލައިގެ ހޫޑީއަކާއެކު ނެވީ ބްލޫ ކުލައިގެ ޖިންސެއް ލާފައި ހުރި އިރު ހިލްޔާން ވަނީ އެހެންޏާ ރީތި ނުވާވަރަށް ރީތި ވެލާފައެވެ.
” ދޮންތަ ހީކުރީ ކޯޓު ފަޓުލޫނުގަ ކަމަށް ހުންނާނީ ” ހިލްްޔާންއާ ދިމާ ބަލާލަމުން ހަނާ ބުނެލިއެވެ.
” ދެން ސާބަހޭ. ދޮންތާ. ލާރާ ބުނީ މަ ހޫޑީ ލާފަ ހުންނައިރަށް ވަރަށް ރީއްޗޭ. އެހެންވެ. އަހަރެން ނުކުމަތް އިރު ދޮންތިއެއް ނެތް. އިނގޭ އެހެންވެ ލާރާ ބަލާ ދިޔައީކަން. ދެން ހިތަށްް އެރި ކުޑަ ކޮށް ރީތިވެލާނީއޭ.” ހިލްޔާން ފޮނިވެލާފައި ވާހަކަ ދައްކަމުން ކޮޓަރިން ނުކުތުމުން ހަނާވެސް އަނގަޔަށް ވައްތަރު ތަކެއް ޖައްސަމުން ފަހަތުން ދިޔައެވެ.
ބަދިގެއަށް ވަދެވުމާއެކު ހިލްޔާން އަށް ފުރަތަމަ ވެސް ބަލާ ލެވުނީ މޭޒު ދޮށުގައިން ލާރާ އަށެވެ. އެވަގުތު ދެކުދިން ގެ ހަތަރު ކަޅި ހަމަ ވެގެން ދިޔައެވެ. ވަގުތުން ލާރާ އިސްދަށައް ޖަހާލިއެވެ.
ހަނާ ޕާސްތާ ތަށި ހިފައި ގެން ބަދިގެއަށް ވަން އިރު އިސްދަށަށް ޖަހައިގެން އިން ލާރާޔާ، ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތް ވައްދާލައިގެން ލާރާ ދިމާއަށް ބަލަން ހުރި ހިލްޔާން ފެނިފައި ހާނާއަށް ހޭން ފެށުނެވެ.
އެވަގުތު ހިލްޔާން ވެސް ނޭނގޭ ކަމަށް ހަދާާލާފައި ގޮސް އިށީނީ ލާރާގެ ކުރި މައްޗައް ހުރި ގޮނޑީގައެވެ. ހަނާ އިނުމުން އެ ދޭތެރޭގައި ވާހަކަ ނުދެއްކި ކަމުގައި ވިޔަސް ދެ މީހުން ދިޔައީ ލޮލުން އެތަށް މެސެޖުތަކެއް ރައްދު ކުރަމުންނެވެ.
ތިން މިނިޓު ތެރޭގައި ކައި ނިމިގެން ތެދުވެން ހަނާ ފެނި ހިލްޔާން މޫނަށް ވައްތަރެއް ޖައްސާލިއެވެ. އެހެންޏާ ބައިގަޑި އިރު ވަންދެން ބަތްތަށި ހާވަން އިންނަ ހަނާ މިއަދު އަވަހަށް ނިމުމުން ހިލްޔާން ކުޑަަކޮށް ހައިރާން ވެސް ވިއެވެ.
އަވަސް އަވަހަށް އަތް ދޮވެލައިގެން އިތުރު ވާހަކައެއް ނުދައްކާ ހަނާ ދިޔައީ ކޮޓަރިއަށެވެ. އެހެނީ ހަނާ ބޭނުންވީ މިވަގުތު އެކަނި ވެލާށެވެ. ކޮޓަރިއަށްވަން ގޮތަށް އެނދު މައްޗަށް ވެއްޓިގަން ހަނާގެ ސިކުނޑި ވަށާލީ އާނިޝްގެ ޚިޔާލު ތަކެވެ. ލޯ މަރަލިއިރު އޭނައަށް ސިފަވަމުން ދިޔައީ އޭނަގެ މާޒީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Maasha allah?