އެ ނަފްސުގެ ބަދަލު 4
އައިމަލްގެ ހިތް އަނެއްކާވެސް ތެޅެންފެށިއެވެ. މިފަހަރު އެއައްވުރެއް ބާރަށެވެ. އެމީހާ ކުރިއަށް ހުއްޓުމެއް ނެތި ފިޔަވަޅު އަޅަމުން ގެންދިޔައެވެ. ” ބޮސް، ހުރިހާ ކަމެއް ތައްޔާރު،ހިނގާ ދާން ފަހަރެއްގަ އެމީހުން ޓްރެކު ކުރެވޭނެ”.ކާރުތެރޭން މީހަކު ގޮވައިލުމުން އެ ނުބައި މީހާ ކައިރީ އައުމަށް އެދުނެވެ. ދެން އެ މީހާ އިތުރު ފިޔަވަޅު ތަކެއް ނާޅައި ކާރާ ދިމާލަށް ހިނގައިގަތެވެ. ދެން އައިމަލްއަށް އިވުނީ ‘ފާރިޝް’ ގެ ނަންކީ އަޑެވެ.” ފާރިޝްގެ ހާދިސާ އެއް އަދި އެކަކަށް ވެސް ނޭނގޭނެ…އަހަރެން ސީސީޓީވީ ކެމެރާތައް ހަލާކުކޮށްފައި ހުންނާނީ..”މިހެން ބުނެ އެމީހުން ކާރު ދުއްވައިގަތެވެ. “މިމީހުންނަށް އަޅުގަނޑުގެ ބައްޕަގެ މަރާ ގުޅުމެއް އޮވޭ…” އައިމަލް ވައި އަޑުން ބުނެލިއެވެ.” މީ ހިޓް-އެންޑް-ރަން ކޭސްއެއް…އަޅުގަނޑުގެ ބައްޕައަށް އެމީހުން ކަމެއް ކުރި… އަހަރެން އެ މީހުނަނަށް ބަދަލުދޭނަން..” އައިމަލް އެ ނުބައި މީހުންނާ ދޭތެރޭ ނަފުރަތުކަމުގެ ރުޅިވެރިކަމެއް އިހްސާސްކުރެވުނެވެ.
އައިމަލް ގޭތެރޭން ނިކުތުމުން ގޭތެރެ ބަލައިލަން ވެސް ނުކެރެއެވެ.ގޭތެރެ އޮތީ އެކޮޅު ކޮޅުން ޖަހައިފައެވެ. ރީތިކޮށް ހުރި އެންމެ އެއްޗެއް ވެސް ނެތެވެ. މިހާލުގައި މި ގޭތެރޭ އުޅެވެން ނެތުމުން އައިމަލް ވިސްނީ ގެއިން މިހާރު ނުކުތުމަށެވެ.ގަޑިން މިހާރު ދަންވެ 01:00 ޖަހަނީއެވެ.ކުޑައިރުކޮޅަކު ވެސް އައިމަލްއަށް މަޑުކުރެވޭން ނެތުމުން،ޖެހިލުންވެ ހުރެ ހިނގައިގަތެވެ. ނިދައިފައި އޮތް ކުޑަކުޑަ އައިމާ ގޮވައިގެން ބައި ގަޑިއިރު ވަންދެން އައިމަލް ހުއްޓުމެއްނެތި ހިނގަމުން ގެންދިޔައެވެ. ވާޅުވެފައި ހުރި ނަމަވެސް، އައިމަލް ކުޑައިރުކޮޅަކަށް ވެސް މަޑުކުރާކަށް ބޭނުމެއްނުވެއެވެ.
ދެން ފެނުނީ ކުޑަކުޑަ ފަޅުގެއެކެވެ.ވީރާނަ ވެފައި ހުރި ނަމަވެސް ރޭ ކޮށްލަން މި ގޭގައި މަޑުކުރެވޭނެއެވެ.” އައިމާ މިރޭ މަޑުކުރެވެން އޮތީ މިގޭގަ އެކަނި،މާދަމާ އަނެއްކާ އަހަރެމެންގެ ދަތުރު ފަށާނީ…” އައިމަލް މިހެން ބުނެ، ގޭތެރެއަށް ވަދެވުމާއެކު އައިމާ ނިދަން ބާއްވާތަން ސާފުކޮށްލިއެވެ. އެންމެ ރެއަކަށް ނަމަވެސް އެ ކުޑަ ދެކުދިނަންނަށް މި ގެއިން ރައްކާތެރިކަން ލިބުނެވެ.ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އުފާވެރިކަމާއި ހިތްހަމަޖެހުމެއް ލިބުނެވެ. އައިމާ ވަނީ ފުން ނިދީގައި ނިދައިފައެވެ.ނަމަވެސް އައިމަލްއަކަށް ނިދޭ ވަރެއް ނުވެއެވެ. ދެފަރާތަށް ފުރޮޅިލަ ފުރޮޅިލައެވެ.ބަންޑުން އޮވެފައި އަނެއް ފުށަށް ޖެހެއެވެ. ތެދުވެފައި އަނެއްކާވެސް އޮށޯތެވެ.އައިމަލްގެ ބޮލުތެރޭގައި އެނބުރެމުންދަނީ ސުވާލުމާކުތަކެކެވެ.”ކީއްވޭ؟ކިހިނެއް؟ކޮން ކަމަކާ ގުޅިގެން؟” މިހެން މަޑުމަޑުން ސުވާލުކުރަމުން ގެންދިޔައެވެ. އައިމަލް ވަރަށް ފުން ނޭވާއެއް ދޫކޮށްލިއެވެ. ” ކީއްބާ ކުރާނީ؟ އައިމާގެ ފުރާނަ ސަލާމަތެއް ނެތް… މަންމަ ހުރި ނަމަ މިހާރު އެނގޭނެ ކުރަންވި ގޮތް…” އައިމަލް ފެންކަޅިވެ ހުރެ، ނޭފަތް ދަމާލިއެވެ.
ޖެހިގެން އައި ދުވަހެވެ. އައިމާއަށް ހޭލެވުމުން އައިމާ އައިމަލް ގައި މައްޗަށް އަރައި ކަންފަތް ދޮށުގައި “ދޮންތީ” މިހެން ބުނެލިއެވެ.އައިމާގެ އަޑު އިވުމުން އައިމަލްއަށް ހޭލެވުނެވެ.އައިމަލް ފެނުމުން އައިމާ ދިޔައީ ސިއްސައިގެންނެވެ. އައިމަލްގެ ދެލޯ ހުރީ ދުޅަވެފައެވެ. މުޅި ރޭގަނޑު ނުނިދާ ހުރުމުން އައިމަލްއަށް ލިބުނު ބޮނޑިއަކީ މީއެވެ.އައިމާ އައިމަލްގެ ލޮލުގައި އިނގިލި ޖައްސައިލިއެވެ.” އާ…”އައިމަލްއަށް ތަދުވުމުން މިހެން ބުނެވުނެވެ.” އައްދޮ…”އައިމާ ހީނލައިފައި މިހެން ބުނުމަށްފަހު،ދަބަސްތެރޭން ކުޑަ މަލަން ކޮޅެއް ނަގައި އައިމަލް އަތަށް ދިނެއެވެ.އައިމާ އައިމަލްއަށް އެއްވެސް ދެރައެއް ލިބޭކަށް ބޭނުމެއްނުވެއެވެ.އާނއެކެވެ.އައިމާއަށް ލިބިފައި މިވަނީ އައިމަލްގެ ވިސްނުމެވެ. އިތުރު ވަގުތުތަކެއް ބޭކާރު ނުކޮށް އަތުގައި ހުރި ބަނަސް ކޮޅު ކައިލައި ދަތުރު އަނެއްކާ ވެސް ކުރިއަށް ގެންދަމުން ދިޔައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ދުވަސްތައް ހަފްތާއަށްވެ،ހަފްތާ މަހަށް ވިއެވެ.އެންމެފަހުން މަސްތައް އަހަރަކަށްވެ، 3 އަހަރު ފާއިތުވެގެން ހިނގައްޖެއެވެ.އެކަމަކު އައިމަލްމެންގެ ދިރިއުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މަގުމަތީގައި ސަލާންޖަހަމުން އެ ދެފަކީރުން ގެންދިޔައެވެ. މަދުން ނޫނީ ކާއެތިކޮޅެއް ނުލިބެއެވެ. ދެން ދިމާވީ މާ ބޮޑު މައްސަލައއެކެވެ.އައިމަލް އައިމާ ބަހައްޓައިފައި ކާއެތިކޮޅެއް ބަލައި،”މިތާނގަ މަޑުކުރޭ މިފަހަރު އެހެންނޫނީ ކޮއްކޮ މާ ބޮޑަށް ވަރުބަލި ވެދާނެ…ދޮންތި ނުދާނަން އެހައި ދުރަކަށް…”މިހެން ބުނެފައެވެ. އައިމަލް ދިޔުމާއެކު އައިމާ ލޮލުގައި އަޅައިގަތީ ކުޑައިރު ވަރަށް ދަންނަ ބަޔަކާއެވެ.އެއީ އެއްކަލަ ނުބައި ނުލަފާ،ރުފިޔާއާ ހެދި މޮޔަވެގެން އުޅުނުބައެވެ.އެމީހުންގެ ތެރެއިން އެކަކު އެންމެ އިސް މީހާ ގާތުގައި ބުނެލިއެވެ.”ބޮސް،އަހަރެމެން ހޯދަން އުޅޭ ކުދިންގެ ތެރެއިން އެއްކުއަޖަކު އެއިނީ…އެކަނިމައި އެކަނި…” އެންމެ އިސް މީހާ ހީނލައިފައި އިނގިލިން އިޝާރާތެއް ދިނެވެ. އިޝާރާތް ދިނުމުން،އެމީހުންގެ ތެރެއިން އެކަކު ދުވެފައި އައިސް އައިމާ ޖަހައިގަނެގެން ގެންދިޔައެވެ.އައިމާ ހަޅޭއްލަވައިގަތް އަޑު އައިމަލްގެ ކަންފަތުގައި ޖެހުމުން ދުވެފައި ދިޔައެވެ.”ނޯ…”އައިމަލް އަށް މިހެން ބުނެވުނެވެ. “ހައް..ހައް…ބޮޑު ދޮންތިތަ މީ؟ ހާދަ ބޮޑުވެއްޖޭދޯ މިހާރު… ކޮއްކޮ އެއް ނުލިބޭނެ…” މިހެން ބުނުމަށްފަހު،އެމީހުންގެ ކާރާ ދުއްވައިގަތެވެ. އައިމަލް އެމީހުނަގެ ފަހަތުން ދުއްވައިގަތެވެ.އަތުގައި ހުރި ހުރިހާ އެއްޗެހި އުކައިލައިފައެވެ.ދުވެވުނު އެންމެ ބާރަށް ނަމަވެސް އެމީހުނަކާ އައިމަލްއަކަށް އެއްވަރެއް ނުކުރެވުނެވެ.އައިމަލް އެންމެ ފަހުން ވާޅުވެގެން ހުއްޓައިލެވުނެވެ.މާނޭވާ ލައިލައި ހުރެ އައިމަލް ބަނޑުގައި އަތް އަޅައިލިއެވެ.” ކޮއްކޮ ގޮވައިގެން ދިޔަ ތާކަށް ދެވުނު ނަމަ!”.އައިމަލް އަމިއްލައަކަށް އެއީ އައިމަލްގެ ކުށެއް ކަމަށް ބުނެ ބޮލުގައި ދެވަރަކަށް ފަހަރު ޖަހައިލިއެވެ. އައިމަލް ބިންމައްޗަށް ބަލައިލީއިރު،ކާރުގެ ފުރޮޅުގެ ފާހަގަ ހުއްޓެވެ. ދެން އައިމަލް ހިނގައިގަތީ އެ ފާހަގަ ތަކަށް ބަލަމުންނެވެ.”ނޯ..ނޯ..” ކުޑަ ކުއްޖަކު ގިސްލާ އަޑު އައިމަލްއަށް އިވުނެވެ.އެއީ އައިމާ އެވެ. މާދުރު ހުރި ހަލާކުވެފަ ކުޑަ ގެޔެއްގެ ތެރޭގައި އެމީހުން އައިމާ ގޮވައިގެން އިނެވެ. އައިމާ އަށް އެމީހުންދޭ އަނިޔާތަކުން އައިމަލްގެ ހިތަށް އަސަރުކުރިއެވެ.ތަދުވިއެވެ.ރޮވެންވެސް ރޮވުނެވެ.އައިމަލްގެ ފަހަތުން މީހަކު އައިސް އައިމަލްގެ އަނގަމަތީގައި އަތް އެޅިއެވެ.
އައިމަލް އެމީހާގެ ކިބައިން ސަލާމަތް ވާން މަސައްކަތް ކުރިއެވެ.ނަމަވެސް އެމީހާގެ އަތަކީ މާ ވަރުގަދަ އަތެކެވެ.އެމީހާ ގެންގޮސް އެ ގޭތެރެއަށް އައިމަލް ވައްދައި ބިންމައްޗަށް ޖެހިއެވެ. އައިމަލްގެ ކުރިމަތީގައި އެއްކަލަ ނުބައި މީހާ އައިމާ ގޮވައިގެން އިނެވެ.އައިމާގެ ހަށިގަނޑު ވަނީ ބޮޑެތި ވައު ތަކުން ބަނދެވިފައެވެ. އެފަކީރަށް ނޭވާލެވޭހެން ވެސް ހިޔެއް ނުވެއެވެ.އަތާ ތަންތަން ވަނީ ހަލާކުވެ،ލޭ އަރައިފައެވެ.އައިމާ ފެނުމުން އައިމަލް ވަރަށް ދެރަވިއެވެ. އެވަގުތު އެ ނުބައި މީހާ އައިސް އައިމަލް ގާތަށް އައެވެ.އައިމަލް އިސްޖަހައިލިއެވެ.” ކޮބާ މަންމަ؟… ކޮބާ މަގޭ ރުފިޔާތައް؟… މަގޭ ރުފިޔާތައް ގެނައިންތަ؟…” އެ ނުބައި މީހާ ހުއްޓުމެއްނެތި ސުވާލުކުރަމުން ގެންދިޔައެވެ.އައިމަލް އެއްވެސް ޖަވާބެއް ނުދިނުމުން އެ މީހާގާތަށް އައީ އަލިފާނުގެ ރުޅިއެކެވެ. އެމީހާ ތިރިވެލައިފައި އައިމަލްގެ އިސްތަށިގަނޑުގައި ހިފައި ދަމައިލިއެވެ.އައިމަލްއަށް އެރި ތަދު އިހްސާސްވުމުން އެ ނުބައި މީހާއާ ދިމާލަށް ބަލައި ލޯ އަޅައިލިއެވެ.” ނުދޭނަން! ތިކަހަލަ މީހުންނަކަށް އެއްވެސް ނަސީބެއް ނެތް…އެއްވެސް ސަލާމަތެއް ނެތް…ތިކަހަލަ މީހުންގެ ސަބަބުން ކިތައް ސާފު ފުރާނަތަކެއް ގެއްލިގެން ގޮސްފި؟…” އައިމަލް މާނޭވާލަމުން މަޑުމަޑުން ބުނެލިއެވެ. އެ ނުބައި މީހާ ތެދުވެ އައިސް އައިމާ ގާތަށް ކައިރިވެލިއެވެ.” އެ ކުއްޖާ ގައިގަ އަތް ނުލާތި! އެކުއްޖާ ގައިގައި އަތްލަން އިނގިލި ކުރި ހިއްލައިލިޔަސް، ހަނދާންކުރާތި..އަހަރެން ތިމީހުން ދުލެއް ނުކުރާނަން!!”އައިމަލް އެމީހުންނަށް އިންޒާރެއް ދިނެވެ. އެ ނުބައި މީހާ ހިނލައިފައި ޖީބުތެރެއިން ތޫނު ހަތިޔާރެއް ނެގިއެވެ. މިހާރު ކަންތައް ހޫނުވަމުން ދިޔައެވެ.” އެހެންވެއްޖިއްޔާ މަގޭ ރުފިޔާތައް ގެނެސްދީ…” އެމީހާ އައިމާގެ މޫނުގައި ފިރުމައިލަމުން ބުނެލިއެވެ.އައިމާ މޫނު ދުރަށް ލާން މަސައްކަތްކުރިއެވެ.” ނޫން” އައިމަލް މިހެން ބުނެލިއެވެ. ” ހާދަ ގޮތްދޫ ނުކުރާ ކުއްޖެއް!”މިހެން އެ ނުބައި މީހާ ބުނެ، އައިމާ އާ ވަރަށް ގާތް ވިއެވެ.އައިމަލްގެ ދެ އަތުގައި ހިފަހައްޓައިގެން ހުރި މީހުންގެ އަތުން ދޫވަން އައިމަލް މަސައްކަތްކުރިއެވެ.އެކަމަކު އެމީހުން އައިމަލްއަށް ވުރެ މާ ބާރުގަދައެވެ.އައިމަލް އަށް ހުއްޓުން އެރީ އައިމާ ވަރުނެތް ގޮތަކަށް “ދޮންތީ” އޭ ގޮވައިލުމުންނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Wow this ep is really nice ❤️❤️❤️
Thnx @Horrorqueen ☺️
Nxt prt ah inthizaar kohlaa❤️