ނަތާޝާ ގަޔާ ކައިރިކޮށްލައިގެން ވިޔާމް އިންދާ އޭނާގެ ފޯނަށް ފަރީޝާ ގުޅިއެވެ.ފަރީޝާ ގުޅުމުން ވިޔާމް ފޯނުނެގިއެވެ. “ހަލޯ ވިޔާމް ދެވިއްޖެތޯ ބަލައިލަންވެގެން” ފަރީޝާ ބުނެލިއެވެ. “އަދި ނުދެވޭ ލޯންޗުގަ މިއިނީ” ވިޔާމް ވާހަކަދެއްކީ ރީއްޗަށެވެ. “އެހެންތަ؟ ދެވުނީމަ އަންގައްޗޭ…ވަރަށް ބައިވަރުމީހުން އެބަތިބިތަ؟” ފަރީޝާ އަހާލިއެވެ. “ފަސްވަރަކަށް މީހުންއެބަތިބި….ވަރަށް ބިޒީވާނެ އެހެންވީމަ ގުޅިއަސް ފޯނު ނުނެގިދާނެ…ބިޒީ ނޫނިއްޔާ ގުޅާނަން ދެން ބާއްވަނީ” ފަރީޝާ ފޯނު ބާއްވަކަށް ބޭނުމެއް ނުވެއެެވެ.އެހެންނަމަވެސް ވިޔާމް ބާއްވަނީ ކަމުގައި ބުނުމުން ފަރީޝާ ފޯނު ކަނޑާލިއެވެ.ކުރީފަހަރުތަކާ ޚިލާފަށް މިފަހަރު ވިޔާމް ވާހަކަދެއްކިލެއް ރަނގަޅުކަމުން ފަރީޝާ ހިތްހަމަޖެހުނެވެ.
“މިއަދު ހާދަ ރީތިކޮށޭ އޭނައާ ތިވާހަކަދެއްކީ އަނެއްކާ ރޭގަ ތިދެމީހުން ދޭތެރޭގަ މާ ހާއްސަކަމެއް ހިނގީބާ؟” ވިޔާމް ފަރީޝާއާ ވާހަކަދެއްކި އަޑު، އަހަން އިން ނަތާޝާ ބުނެލީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހި އިނދެއެވެ. “ޕިސް…ނުހިނގާ ނުވެސް ހިނގާނެ….ވިޔާމް ރީއްޗަށް މިވާހަކަދެއްކީ އޭނައަށް ޝައްކުވިޔަ ނުދޭން” ނަތާޝާގެ ކޮނޑުގައި އަތްބާއްވާލަމުން ވިޔާމް ބުނެލިއެެވެ.
“ތިހެން ބުނާނީ…އެކަމަކު ތިދެމީހުން ތިއުޅެނީ އިނދެގެންވިއްޔަ އެހެންވީމަ ނަތާއަށް ކޮބާ ޔަގީންކަމެއް ތިދެމީހުން ދޭތެރޭ ކަމެއް ނުހިނގާ ކަމުގެ” ނަތާޝާ ބުނެލިއެވެ. “ބޭބީ ނަތާ… ހެޔޮނުވާނެ ވިޔާމް އެފަރީޝާ ގައިގަ އަތްނުލާތާ ވީޒަމާނެއްވެސް ނޭނގެ…ދެން ކޮންކަމެއްތަ ހިނގާނީ؟…ބޭބީއަށްވެސް ފެންނާނެއެއްނު ގިނައިން ބޭބީ ކައިރީގައެއްނު މިއުޅެނީ…ހަމައެކަނި ނިދަން އަނެއްހެން ބުނާނަމަ ކޮޓަރިއަށް މިވަންނަނީވެސް…ނަތާއާ ޓޯކުކުރަން ޖޯލީގަ އިނދެފަ ރޫމަށް ވަންނައިރު އޭނަ އޮންނަނީ ނިދާ މަރުވެފަ…ދެން ތިބުނީ ކައިވެނީގެ ވާހަކަ..އާނ ކައިވެނިކޮށްގެން މިއުޅެނީ އެކަމަކު އެއީ ހަމައެކަނި ނަމެއްގަ…އަސްލު ބުނާނަމަ ވިޔާމަށް ހިއެއްނުވޭ ވިޔާމް މިއުޅެނީ އޭނައާ އިނދެގެންނޭ…ވިޔާމަށް ހީވަނީ މިއުޅެވެނީ ނަތާ ބޭބީއާ އިނދެވިގެންނޭ” ނަތާޝާ ތުންދަމާފައި އިނުމުން ވިޔާމް ބުނެލިއެވެ.
ވިޔާމްގެ އެބަސްތަކުން ހިތްހަމަނުޖެހިފައި އިން ނަތާޝާ ހިނިއައެވެ.އަދި ވިޔާމްގެ ކޮނޑުގައި ބޯއަޅާލިއެވެ. “ޔެސް…ތިހެން ވާންޖެހޭނެ…އެހެންނޫންނަމަ އެހާވަރުން ޕްލޭންކުރި މިދަތުރު ފަނިވީއެއްނު” ވިޔާމް ބުނެލިއެވެ.
**********
ލޯންޗު ރަށު ބަނދަރަށް ލެފުމުން، ވިޔާމްމެން އަވަސްވެގަތީ ދުވަހުކުއްޔަށް ކޮޓަރިދޫކުރާ ތަނެއް ހޯދުމަށެވެ.ބަނދަރާ ގާތުގައި އިން ތަނަކުން ތިންދުވަހަށް ކޮޓަރިއެއް ކުއްޔަށް ނެގުމަށްފަހު ދަބަސްތަކުގައިހުރި އެއްޗެހިތައް ނަގާ އެތުރުމުގައި ނަތާޝާ އުޅުނެވެ.އެއްޗެހިތައް ތަރުތީބު ކުރުމަށްފަހު ކުޑަގޮތެއް ހަދާލުމަށް އެދެމީހުން އެތާ ކައިރިހުރި ރެސްޓޯރެންޓަކަށް ވަނެވެ.
ވަގުތުތައް ހިނގަމުންގޮސް އިރުއޮއްސި އަނދިރިވީއެވެ.މުޅި ރަށުތެރޭގައި އެނބުރުމަށްފަހު، ނަތާޝާއާ ވިޔާމް ރޫމަށް އައެވެ.ނަތާޝާ ރޫމަށް ވަނުމުން، ކާނެ ހިކިސާމާނުކޮޅަކާ ބޯނެ ފެންފުޅިއަކާ އެއްޗެހި ގަންނަން ފިހާރައަކަށް ދާން ވިޔާމް އަނެއްކާވެސް ނިކުތެވެ.ވިޔާމް ބޭރަށް ދިއުމުން ނަތާޝާ އުޅުނީ ފެންވަރާށެވެ.
އެއްޗެހިގަނެގެން ވިޔާމް ރޫމަށް ވަތްއިރު ނަތާޝާހުރީ ފެންވަރާ، ސެންޓުޖަހާ ނަލަހެދިލައިގެންނެވެ. ކޮޓަރިއަށް ވަތް ވިޔާމަށް ނަތާޝާ ފެނުމާއެކު އޭނާއާ ދިމާލަށް ބަލަން ކަޅިޖަހާނުލާ ހުއްޓެވެ.ގަޔަށްބާރު ކޮނޑުކެނޑި ކުރުމަތިކޮޅާ އެކު ކަކުލަށްވުރެ މައްޗަށްއަރާ ކުރު ސޯޓުކޮޅުގައި ހުރި ނަތާޝާ ފެނުމުން އޭނާއާ ދިމާލަށް ވިޔާމް ދިޔައެވެ. “ވާވް ހާދަ ރީއްޗޭ” ނަތާޝާއާ ގާތް ވުމަށްފަހު އޭނާގެ ކަންފަތްކައިރީގައި ވަސް ގަނެލަމުން ވިޔާމް ބުނެލިއެވެ.އަދި އެނދުމައްޗަށް ވިޔާމް، ނަތާޝާ ވައްޓާލިއެވެ…
***********
ހެނދުނުއްސުރެ ވިޔާމްގެ ކޯލަކަށް އިންތިޒާރުގައި ފަރީޝާ އިނެވެ.އިރުއޮއްސި އަނދިރި ވިއިރުވެސް ވިޔާމްގެ ކޯލެއް އޭނާއަށް ނުލިބުމުން ގުޅާލަން ހިތަށްއެރިއެވެ.ފޯނު ހުޅުވާލުމަށްފަހު ވިޔާމްގެ ނަންބަރަށް ގުޅަން އުޅެފައިވެސް ފަރީޝާ މަޑުކޮށްލިއެވެ.އެއީ ހެނދުނު ވިޔާމް ބިޒީވާނެކަމަށް ބުނެފައި ވުމުންނެވެ.ވިޔާމް ބިޒީވީމައި ނުގުޅަނީ ކަމުގައި ނިންމާ އަނެއްކާވެސް ވިޔާމްގެ ކޯލަށް އިންތިޒާރުކުރުން ފަރީޝާ ކުރިއަށް ގެންދިޔައެވެ.
ގަނޑިން ރޭގަނޑު ބާރަޖެހީއެވެ.ނަތާޝާ އަތްދަނޑިމައްޗަށް ލައިގެން އޭނާ ގަޔާކައިރި ކޮށްލައިގެން ވިޔާމް އޮތެވެ. “ހިތަށްއަރާ މުޅިއުމުރު މިހެން ނަތާ ކައިރި އޮވެވެވޭނެ ނަމައޭ” ނިދަންއޮތް ވިޔާމް ބުނެލިއެވެ. “ނަތާވެސް ހިތަށްއަރަނީ ތިހެން” ވިޔާމްގެ ގައިތެރެއަށް ވަދެއޮތް ނަތާޝާވެސް ބުނެލިއެވެ.
ރޭގަނޑު ބާރަޖެހިއިރުވެސް ނުނިދިފައި ފަރީޝާއަށް އޮވެވުނެެވެ.ވިޔާމްގެ ހިޔާލް، އޭނާގެ ބޮލުތެރެއިން އެންމެ ސިކުންތަކަށްވެސް ބޭރެއްނުވެއެވެ.ގޮދަނޑި އަޅައިގެން ބިންމަތީގައި އޮތް ފަރީޝާ ދޭތެރެއަކުން އެނދާ ދިމާލަށް ބަލައިލައެވެ.ވިޔާމް އެތާ އޮންނަހެން އޭނާއަށް ހީވާކަހަލައެވެ.މާބޮޑަށް ވިޔާމް ހަނދާންވާވަރުން ފަރީޝާ ފޯނުނަގާ ވިޔާމަށް ގުޅާލިއެވެ.
ނަތާޝާގެ އިސްތަށިގަނޑުގައި މަޑުންމަޑުން ފިރުމާލަ ފިރުމާލައޮތް ވިޔާމްގެ ފޯނު ރިންގުވިއެވެ.އެނދުގެ ސައިޑް ޓޭބަލްމަތީގައި އޮތް ފޯނު ރިންގުވުމާއެކު، ވިޔާމް ފޯނު ނެގުމަށްފަހު ސްކްރީނަށް ބަލައިލިއެވެ.ގުޅަނީ ފަރީޝާކަން އެނގުމުން ޗޮހެއް ކަނޑާލުމަށްފަހު ފޯނުގެ ރިންގު އޮފްކޮށްލާ، ފޯނު ސައިލެންޓަށް ލިއެވެ.އަދި ނިދަންވެގެން ކޮޓަރީގެ ބޮކި ނިވާލިއެވެ.
ފޯނު ރިންގުވެ އެކޮޅުން ޖަވާބުނުދިނުމުން ވިޔާމް ނިދީކަމުގައި ފަރީޝާ ނިންމިއެވެ.އެހެންކަމުން ފޯނު ބޭއްވުމަށްފަހު ނިދޭތޯ އޭނާވެސް ދެލޯމަރާލިއެވެ.
**********
ވިޔާމާ ނަތާޝާ އުފާވެރި ތިންދުވަސް ހޭދަކޮށްނިންމާލިއެވެ.ތިންދުވަސްވީ އިރުވެސް ރަށަށް އެނބުރި އަންނާކަށް އެމީހުން ބޭނުމެއް ނުވެއެވެ.ނަމަވެސް އަބަދަކު އެތާ ނުހުރެވޭނެކަން އެނގޭތީ އެމީހުން އެނބުރި ރަށަށް އައުމަށް ފުރަން ތައްޔާރުވިއެވެ.ހެނދުނު ލޯންޗުން ނަތާޝާ ރަށަށް އައުމަށް ނައްޓާލިއިރު، ވިޔާމް މަޑުކުރީ ހަވީރު ފުރާށެވެ.އެއީ އެދެމީހުން އަންނަނީ އެކުގައިކަން ގޭމީހުންނަށް ޝައްކުވިޔަ ނުދިނުމަށެވެ.
ލޯންޗު ރަށަށް ލެފުމުން ނަތާޝާ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. “އަހަނ އައީދޯ ބައްޕަ ކިހިނެއް؟” ގޯތިތެރެއަށް ވަދެގެން އައި ނަތާޝާ ފެނުމުން ވަސީމާ އަހާލިއެވެ. “ރަނގަޅު މިހާރު” ނަތާޝާ ބުނެލިއެވެ.ވަގުތަކީ ހެނދުނުގެ ނާސްތާކުރާ ވަގުތުކަމުން ދަބަސް ކޮޓަރިއަށް ލުމަށްފަހު، ނަތާޝާވެސް އެމީހުންނާއެކު ހެނދުނުގެ ނާސްތާގައި ބައިވެރިވިއެވެ.
“ކަރަށް ކިހިނެއްވެފަ ތިއިނީ؟” ނަތާޝާގެ ކަރުގައި އިން ރަތްމާކު ފެނި މައިދައިތަ އަހާލިއެވެ.އެވަގުތު ބަފައިބެއާ ވަސީމާގެ އިތުރުން ފަރީޝާވެސް ނަތާޝާގެ ކަރާ ދިމާލަށް ބަލައިލިއެވެ. “އެއީ..މީ..އެއީ ދިރޭއެއްޗެއް ހެފީމަ ވަރަށް ބޮޑަށް ކަހާލެވުނީމަ” ނަތާޝާއަށް ބުނާނެ އެއްޗެއް ނޭނގިގެން ބުނިއެވެ.އަދި އިސްތަށިގަނޑުން ކަރު ފޮރުވާލިއެވެ.
“ދެން އެތާ އެއްޗެއް އުނގުޅާލާ..ހާދަ ބޮޑަކަށް ރަތްވެފައޭ” މައިދައިތަ އެހެންބުނުމުން ނަތާޝާ ބޯޖަހާލިއެވެ. “ކޮބާ ވިޔާމް ނާދޭތަ؟” މައިދައިތަ ފަރީޝާއަށް އަހާލިއެވެ. “މިއަދުމީ ތިންވަނަ ދުވަސް ތިން ދުވަހަށޭ ބުނީ..މިއަދު އަންނާނެ ކަންނޭނގެ..ފުރި ދުވަހު ލޯންޗުމަތީ ހުއްޓާ ވާހަކަދެއްކި ގޮތަށް ވިޔާމްގެ ޚަބަރެއްނުވޭ..އޭނަ ބުނި އެދުވަހު ވަރަށް ބިޒީވާނޭ..ފޯނު ނުނެގިދާނޭ” ފަރީޝާ ބުނެލިއެވެ. “ބިޒީވީމަ އެއީ” ވަސީމާ ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





