ފޮށި ފެނުމާއެކު ޑަސްބިނުގެ ތެރެއިން ފަރީޝާ އެފޮށި ނެގިއެވެ.އަދި އޭތި ހުޅުވާލާ ބަލައިލިއެވެ.އެއީ ހަމަ ވިޔާމް ކޮތަޅަށް ލައިގެން ގެނައި ފޮއްޓެވެ.ފޮށީގެ މަތި ލައްޕާލުމަށްފަހު، ޑަސްބިންތެރެ ފަރީޝާ ބަަލައިލިއެވެ.އޭގެތެރޭގައި ފޮށި ލައިގެން ވިޔާމް ގެނައި ކޮތަޅު އޮތްތަން ފަރީޝާއަށް ފެނުނެވެ.އެހެންކަމުން އެކޮތަޅުވެސް އޭނާ ނެގިއެވެ.ފަރީޝާގެ ހަރަކާތްތަކުން ގޮތްހުސްވެފައި ނަތާޝާއަށް އިނދެވުނެެވެ.
ބޮނޑިކޮށްލައިފައިވާ ކަރުދާސް ކޮތަޅު ނެގުމަށްފަހު އޭތި ނިއުޅުވާލާ އެތެރެ ފަރީޝާ ބަލައިލިއެވެ.އޭގެތެރޭގައި ފައިސާދެއްކި ކަމުގެ ރަސީދު އޮތްތަން ފަރީޝާއަށް ފެނުނެވެ.އެއީ ހަމަ އެރަސީދުކަންވެސް ފަރީޝާއަށް އެނގުނެވެ.ނަމަވެސް އޭނާގެ ލޮލުން ދެކެލުމުގެ ނިޔަތަުގައި އެނަގާ ނިއުޅުވާލިއެވެ.
“މީ އިއްޔެ ވިޔާމް ގެންގުޅުނު ކޮތަޅު…ހަމަ އެގަހަނާފޮށި…ކަރުގަ ތިއޮތީ ހަމަ އެފަށް” ފަރީޝާ ބުނެލީ ކޮންމެވެސް ވަރަކަށް ހައިރާންވެހުރެއެވެ.ރައްޓެއްސެއް އޭނާގެ އަންހެނުންނަށް ގަނެދިން ފަށެއްކަމަށް ވިޔާމް ބުނެފައިވުމާއެކު އެފަށް ނަތާޝާގެ ކަރުގައި އޮތްތަން ފެނުމުން ފަރީޝާއަށް ބުނެލެވުނެވެ.ފަރީޝާ އެހެންބުނުމުން އެއްޗެކޭ ނުބުނެ އޭނާއާ ދިމާލަށް ބަލަން ނަތާޝާ އިނެވ.ެ
“މީހަކާ އިނދެގެންތަ އުޅެނީ؟” ނަތާޝާ އަދި ކައިވެނިނުކުރާކަން އެނގިހުރެވެސް، އިތުރަށް ޔަގީންކުރުމުގެ ނިޔަތުގައި ފަރީޝާ އަހާލިއެވެ.އެވަގުތު ނޫނެކޭ ބުނުމުގެ ގޮތުން ނަތާޝާ ދެކޮޅަށް ބޯހޫރާލިއެވެ.އެހެންކަމުން ވިޔާމް ފަރީޝާއަށް ދޮގުހެދީ ކަމުގައި އޭނާއަށް އެނގުނެވެ.އިތުރަށް އެންމެ ސުވާލެއްވެސް ނާޙާ އެއްޗިއްސަށް ފައިސާ ދެއްކުމަށްފަހު ފަރީޝާ އެފިހާރައިން ނިކުތެވެ.ފަރީޝާ ނިކުތުމާއެކު ނަތާޝާާ ވިޔާމްއަށް ގުޅާ އެޚަބަރުދިނެވެ.
***********
ބަދިގެތެރޭގައި ގަތްއެއްޗެހި ބެހެއްޓުމަށްފަހު، ކޮޓަރިއާ ދިމާލަށް ފަރީޝާ މިސްރާބުޖެހިއެވެ.އެނދުގައި އިށީންދެލުމަށްފަހު އެފަށާ ދޭތެރޭގައި ފަރީޝާއަށް ވިސްނާލެވުނެވެ.ވިޔާމް ދޮގުހެދީ ކީއްވެބާއޭ އޭނާގެ ހިތަށްއެރިއެވެ.ވިޔާމާ ނަތާޝާއާ ދެމީހުންގެ ދެމެދުގައި ހަދިޔާދޭހާ ގާތްގުޅުމެއް އުފެދުނީ ބާވައޭވެސް ފަރީޝާގެ ހިތަށްއެރިއެވެ
ނަތާޝާ ގުޅުމުން ވިޔާމް ވަގުތުން އޮފީހުގައި ހުރެފައި ގެއާދިމާލަށް އައެެވެ.އޭނާ ހުރީ ވަރަށް ރުޅިއައިސްފައެވެ.ބާރު ހިނގުމުގައި ވަދެގެންއައި ވިޔާމް ކޮޓަރީގެދޮރު ކުއްލިއަކަށް ހުޅުވާލިއެވެ.އެއާއެކު އެނދުގައި އިން ފަރީޝާ ދިޔައީ ސިއްސައިގެންނެވެ.
“ކިހިނެއްވެގެންތަ ތިއުޅެނީ މީހުންނާ ސުވާލުކޮށް ތީޕޮލިހެއްތަ މީހުން ތަހުގީގުކުރަން؟” ވިޔާމް ރުޅިވެރިކަމާއެކު ބުނެލިއެވެ. “އަހަރެން އެއްވެސް މީހެއް ތަހުގީގެއްނުކުރަން..އަދި އަހަރެންމީ ޕޮލިހެއްވެސް ނޫން” ކުރިއާ ޚިލާފަށް މިފަހަރު ފަރީޝާގެ ރާގުވަނީ ބަދަލުވެފައެވެ.އޭނާ ހުރީ ކޮންމެވެސް ވަރަަކަށް ހިތްހަމަނުޖެހިފައިކަން ވާހަކަދެއްކިގޮތުން ދޭހަވެއެވެ
“ނަތާޝާ ކައިރި ސުވާލުތަކެއް ނާހަންތަ؟ އުޅެނީ މީހަކާ އިނދެެގެންތޯއާ، އޭނާ ކަރުގަ އޮތީ ކޮން ފަށެއްތޯ ނާހަންތަ؟” ވިޔާމް ބުނެލިއެވެ. “އަަހަރެންކައިރި ރައްޓެއްސެއްގެ އަންހެނުންނަށް ރައްޓެހިމީހާ ގަތް އެއްޗެކޭ ބުނިހަނދާންވެސް އެބަހުއްޓޭ…ދޮގުހަދާފަ އެނަތާޝާއަށް އެފަށް ދޭންވީ ސަބަބެއް އަަހަންނަކަށް ނުވިސްނުނު..ވިޔާމް އަދި އަހަންނާ ކިތަންމެ ދުރުވިޔަސް އަދިވެސް އަހަރެންމީ ވިޔާމްގެ އަންހެނުންނޭ…އެހެންވީމަ އެސުވާލު އެހުމުގެ ހައްގު އަހަންނަށް އޮންނާނެހެން ހީވަނީ” ފަރީޝާ ބުނެލިއެވެ.
“ކީކޭ ކިޔަން ތިއުޅެނީ؟…ތިކިޔާ ނަތާޝާއަކީ ކާކުކަން އެނގޭތަ؟…އެއީ އަހަރެންގެ ދައްތަ ފިރިމީހާ، ޅިޔަނުގެ ކޮއްކޮކަމެއް ފަރީޝާއަކަށް ނޭނގޭތަ؟…އޭނައެއީ މިގެއަށް އައިއްސަހުރި މެހެމާނެއްކަމެއް ނޭނގޭތަ؟…ގޮއްސަ ޑަސްބިންތެރެއިން ގަހަނާ ފޮއްޓާ އެއްޗެހި ނަގަން…ނަތާޝާ ގުޅާފަ އެބުނީ ފަރީޝާ ފިހާރައަށް އައިސް އެހެންމިހެން އަހާ މިވެނިކަމެއް ކޮށްފިއޭ” ވިޔާމް ރުޅިވެރިކަމާއެކު ބުނެލިއެވެ.
“ވަގުތުން ޚަބަރުދޭހާ ގާތްވެއްޖެދޯ ތިދެމީހުން” ފަރީޝާ ބުނެލިއެވެ. “ފާޑުފާޑުގެ އެއްޗެހި ނުކިޔާ…އަޅުވާކިޔަން އެނޫންމީޙެއް ނުފެނުނީތަ؟…އަދި އެވެސް ޅިޔަނުގެ ކޮއްކޮއާ..ފަރީޝާ އަހަންނަށް ޝައްކުކުރިއަސް ތީބޮޑުވަރު…އަދިކިރިޔާ އަހަންނަށް އޭނަގެ ނަންބަރު މިއެނގުނީވެސް…ގަބޫލުނުކުރެވެންޏާ ބަލާ އަން މިއޮތީ ފޯނު” އެހެންބުނެ ވިޔާމް ފަރީޝާ އަތަށް ފޯނުދިނެެވެ.
“ބަލާބަލަ އޭނަވިއަސް ނޫނީ އަހަރެންވިޔަސް އެނަންބަރަށް ކުރިން ގުޅާފަ އިންތޯ..މިއަދު އޭނަ އެގުޅީ..މަތީގަ ސޭވްނުކޮށް ތިއިނީ އެނަންބަރު..ތި ނަންބަރަށް ގުޅާބަލަ ނަތާޝާތޯ ޔަގީންކުރަން” ވިޔާމް ގަދަބަސް ބުނެލިއެވެ.ވިޔާމް އެހެންބުނުުމުން އޭނާގެ މޫނަށް ބަލައިލުމަށްފަހު ފަރީޝާ އެފޯނުގައި ހިފިއެވެ.އަދި މެސެޖުބަޔާ ކޯލުބައި ޗެކުކޮށްލިއެވެ.ވިޔާމް ބުނިހެން މިއަދުގެ ކޯލު ފިޔަވައި އިތުރުދުވަހަކު އެނަންބަރުން ގުޅާފަވެސް އަދި މެސެޖެއްވެސް ކޮށްފައެއް ނުވެއެވެ.
“މިއަދު ދައްތައަތުން އަހަރެންގެ ނަންބަރު ހޯދައިގެން އޭނަ އެގުޅީ…ފަރީޝާ ތިހެން އުޅުނީމަ އަހަރެންގެ އަގެއްނު މިވެއްޓެނީ….އާނ އެއީ އަހަރެން ނަތާޝާއަށް ގަނެދިން ފަށެއް…މީހަކަށް އެއްޗެއްދިނުމަކުން ކޮބާތަ ގޯހެއް؟…އަހަރެން ހިއެއްނުކުރަން ނަތާޝާއަށް ފަށެއްދިނެކޭ ކިޔާފަ ގޮސް ޑަސްބިންތެރެބަލާ ހިސާބަށް ފަރީޝާ ހިނގައިދާނެކަމަކަށް..އާނ..ޅިޔަނުގެ ކޮއްކޮއާ އަހަންނާ އަޅުވާކިޔާމީހަކަށް އެއީ މާބޮޑުކަމެއް ނޫންތާ” ވިޔާމް ބުނެލިއެެވެ.
“ދެން ކީއްވެ ވިޔާމް އަހަންނަށް ދޮގުހެދީ؟” ފަރީޝާ އަހާލިއެވެ. “އަހަންނަށް ކިހިނެއްތަ އިނގޭނީ ފަރީޝާ އަހަންނާ ދޭތެރޭ ތިހާ ޝައްކުކުރާނެކަމެއް..އަހަރެން މިއުޅެނީ މޮޔަވެގެންތަ؟” ވިޔާމް ބުނެލިއެވެ. “ދެން ކީއްވެ ފަރީ އެފަށް އެޅުމުން ޓިޝުލުން ފުހުނީ؟” ފަރީޝާ އޭނާގެ ހިތުގައިވާ ސުވާލުކޮށްލިއެވެ.
“ސާބަސް…މީހުންނަށް އެއްޗެހިދޭއިރު ދޭންވާނީ ރަނގަޅަށް…އެހެންވެެގެން އަހަރެން އެހެންހެދީ…ފަރީޝާ ތިހީކުރާކަހަލަ މާނަތަކެއްލައިގެން ކުރިކަމެއްނޫން އެއީ….އަހަރެންގެ އަގުމުޅިން ވެއްޓިއްޖެ..އޭނަ ގުޅާފަ ފުރަތަމަވެސް އެހީ ކީކޭކަން އެނގޭތަ؟…ފަށްދިނީ ފަރީޝާއަށް ނޭނގިހޭ؟އަހަރެމެން ދޭތެރޭގަ މައްސަލަޖެހުމުގެ ސަބަބަކަށް އޭނަވާން ބޭނުމެއްނުވެޔޯ” ވިޔާމް ބުނެލިއެވެ.
“ވިޔާމް ރީތިކޮށް އެއީ ނަތާޝާއަށް ދޭން ގަތްފަށެކޭ ބުނިނަމަ މިއަދު މިހެންނުވީސް…އަހަރެންވެސް ބޭނުމެއްނޫން އަހަރެންގެ ފިރިމީހާއަށް ޝައްކުކުރާކަށް އެކަމަކު ތިދެމީހުން އެކުގަ ފިހާރަތެރެއިން ވާހަކަދައްކަން ހުއްޓާ ފެނުމުން…” ފަރީޝާ ބުނަން އުޅުނެވެ. “ވާހަކަދައްކާ ކޮންމެމީހަކީ އެކަހަލަގުޅުން އޮންނަ މީހުންނޭތަ ތިބުނަނީ؟…ރަށެއްގަ ވެއްޖިއްޔާ އެންމެންވެސް ފެނިދެނިވެ ވާހަކަދައްކާނެ…އެހެންވީމަ ފަރީޝާއާ މީހަކު އަނގައިން ބުނުމުން އަހަރެންވެސް ބުނަންވީދޯ ތިހެން…ނަތާޝާއާ އަހަންނާ ދޭތެރޭގަ ރަހުމަތްތެރިކަން ނޫން ގުޅުމެއް ނޯންނާނެ….ދެން ހެވޭ ވީކަމެއްއެވީ…ފަރީޝާ ބޭނުންވާ ކަންތައްވެސްވީ..އަން..މިއޮތީ އެފަށް…އޭނަ މިފަށް ބޭނުމެއްނުވި އެހާ ކަންތައްބޮޑުވީމަ އެކަކުވެސް ބޭނުމެއްނުވާނެއެއްނު…އަން މީތި ފަރީޝާ އަޅާ” އެހެންބުނެ ޖީބުން ފަށް ނެގުމަށްފަހު ވިޔާމް އެނދުމައްޗަށް ފަށް އެއްލުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ.
ވިޔާމް ދިއުމުން ފަރީޝާ ވިސްނާލިއެވެ.ވިޔާމްގެ ބަސްތަކުގައި ހަގީގަތެއްވާތީއާއި ހަގީގަތް ހާމަކޮށްދޭން އޭނާގެ ފޯނުވެސް ދެއްކުމުން ވިޔާމްގެ ބަސްތަށް ފަރީޝާއަށް ގަބޫލުކުރެވުނެވެ.އަދި މިއަދުވީ ކަންތަކާ އޭނާ ދެރަވިއެވެ.ފޯނު ނެގުމަށްފަހު ސޮރީގެ މެސެޖެއް ވިޔާމަށް ފަރީޝާ ފޮނުވާލިއެވެ.ފޯނު އަތަށްލައިގެން ވަރަށްއިރު ފަރީޝާ އިންނަމަވެސް ވިޔާމްގެ މެސެޖެއް ފަރީޝާއަށް ނުލިބުނެވެ.އެހެންކަމުން އޭނާ އަދިވެސް އެހުރީ ރުޅިއައިސްފައިކަން ފަރީޝާއަށް އެނގުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Woow.. ❤️?
Thanks dear ??