ތުނޑިމައްޗަށް ދެވުމާއެކު ފައިވާން ބާލާ އަތަށް ނެގުމަށްފަހު ދޮންވެލިގަނޑުމަތީގައި ނަތާޝާ ފައި ޖައްސާލިއެވެ.
“ރައްޓެހިވެގެން އުޅޭތާ މަހެއްވަނީ އެކަމަކު އަދިކިރިޔާ ރަނގަޅަށް ބައްދަލުމިވީ” ވިޔާމް އެހެންބުނެ ނަތާޝާގެ ފަތި އުނަގަނޑުގައި ހިފާ އޭނާގެ ގާތަށް ގެނައެވެ.އަދި ވެލިގަނޑުމަތީގައި އިށީންދެލުމަށްފަހު، އެދެމީހުން ވާހަކަދައްކަން ފެށިއެވެ.
“އޯކޭތަ ބޯއަޅާލިއަސް ނަތާގެ އުނގުގަ؟”ވިޔާމް އަހާލިއެވެ.ވިޔާމް އެހެންއަހާލުމުން އޭނާ ބޯއަޅަން ނަތާޝާ އުނގު ދައްކާލިއެވެ.
“އޯހް…ހާދަ އަރާމޭ” ނަތާޝާގެ އުނގުގައި ބޯ އަޅާލަމުން ވިޔާމް ބުނެލިއެވެ.ވިޔާމްގެ އެޖުމުލައިން ހެވިފައި އޭނާއާ ދިމާލަށް ބަލަން ނަތާޝާ އިނެވެ.އަދި މަޑުމަޑުން ވިޔާމްގެ އިސްތަށިގަނޑުގައި ބީހެން ނަތާޝާ ފެށިއެވެ.
މިރޭ އަވަހަކަށް ނަތާ ދޫނުކުރާނެހެން ހީވަނީ” ނަތާޝާ ބުނެލިއެވެ. “ބޭނުމެއްނޫން އެއްގޮތަކަށްވެސް ދޫކުރާކަށް” ވިޔާމް ބުނެލިއެވެ.
“އޭރަށް ކަމަކުނުދާނެ….ފިހާރައަށް ދާން ޖެހޭނެ…ދައްތަ ފިހާރައަށް އަތުވެއްޖެޔާއޯ…ފިހާރަ ބަންދުކޮށްފަ ހުރުމުން ދައްތަ ހިތްހަމަ ނުޖެހިދާނެ” ނަތާޝާ ބުނެލިއެވެ. “ހަަމަޖެހިބަލަ ނަތާ….ދައްތަ ނުނިކުންނާނެ ރޭގަނޑު ބޭރަކަށް” ވިޔާމް ބުނެލިއެވެ.
އަށެއްޖެހިއިރު ފެށި ބައްދަލުވުން އަށްގަނޑި ތިރީސް ވިއިރުވެސް ނިންމަން ވިޔާމް ބޭނުމެއް ނުވިއެވެ.އެކަމަކު ނަތާޝާ ކުރުނުކޮށް ދާންކިޔަން ފެށުމުން އެތަނުންދާން ވިޔާމް ތެދުވިއެވެ.ވިޔާމް ތެދުވުމުން ނަތާޝާވެސް ތެދުވެލިއެވެ.އަދި ގައިން ދޮންވެލި ފޮޅާލުމަށްފަހު ފައިވާނަށް އަރާލިއެވެ.ދާން ނަތާޝާ އުޅުނުވަގުތު، ވިޔާމް ނަތާޝާގެ އަތުގައި ހިފާ އޭނާގެ ގާތަށް ދަމާލިއެވެ.ވިޔާމް ދަމާގައިލެތް ބާރުކަމުން ދެމީހުން އެކީ ނުވެއްޓުނީ ހަމަކިރިޔާއެވެ.
“ސާބަސް ބޭބީއަށް….ކިރިޔާއެއްނު ނުވެއްޓުނީ” ނަތާޝާ ހިނިއައިސްފައި ބުނެލިއެވެ. “ނަތާއާއެކު މާކަނޑަށް ވެއްޓުނަސް ވަރިހަމަ” ވިޔާމް އެހެންބުނުމުން ނަތާޝާ ހިނިއައެވެ.އަދި އެތަނުން ދާން ކުރިއަށް ފިޔަވަޅެއް ނަތާޝާ އަޅާލިއެވެ.މިފަހަރު ވެސް ވިޔާމް ނަތާޝާ އޭނާގެ ގާތަށް ދަމާލިއެވެ.އަދި ވަރަށް ބާރަށް ނަތާޝާގެ ގައިގައި ބައްދާލިއެވެ….
*********
އެނދުގައި އިން ފަރީޝާއަށް ކުއްލިއަކަށް އުދަނގޫތަކެއް ވާންފެށިއެވެ.ވިޔާމް ހަނދާންވާން ފެށިއެވެ.އެހެންކަމުން އޭނާ ވިޔާމްގެ ނަންބަރަށް ގުޅާލިއެވެ.
******
ގައިގޯޅިވެގެން ތިބި ވިޔާމާ ނަތާޝާ ސިއްސައިގެން ދިޔައީ ވިޔާމްގެ ފޯނު ރިންގުވުމުންނެެވެ.ފޯނު ރިންގުވުމާއެކު ނަތާޝާ އަވަހަށް ވިޔާމާ ދުރަށް ޖެހިލިއެވެ.އެވަގުތު ޗޮހެއް ކަނޑާލަމުން ޖިންސު ޖީބުތެރެއިން ވިޔާމް ފޯނު ނެގިއެވެ.ގުޅަނީ ފަރީޝާކަން އެނގުމުން ފޯނުގެ ރިންގު ހިމޭންކޮށްލުމަށްފަހު އަނެއްކާވެސް ޖިންސުގެ ޖީބުތެރެއަށް ފޯނު ލިއެވެ.
“އެ ފަރީޝާ އެގުޅަނީ” ވިޔާމް ބުނެލިއެވެ. “ދެން ނުނަގަންތަ؟” ނަތާޝާ އަހާލިއެވެ. “އާނ ބޭނުމެއްނޫން ނަގާކަށް…އެއަޑު އަހަންވެސް ފޫހިވޭ މިހާރު” ވިޔާމް ބުނެލިއެވެ. “ނަތާ މީ ފަރީޝާނަމަ އިރުއިރުކޮޅާ ވިޔާމަށް ގުޅާނަން” ނަތާޝާ ސަމާސާ ރާގަކަށް ބުނެލިއެވެ. “ބޭބީ ނުޖެހޭނެ އިރުއިރުކޮޅާ ގުޅާކަށް…އެންމެ ކޯލަކުންވެސް ޖަވާބުދޭނަން ކިތަންމެ ބިޒީވިޔަސް” ނަތާޝާގެ އުނަގަނޑުގައި ހިފާލަމުން ލޯބިން ވިޔާމް ބުނެލިއެވެ. “ތީހަމަ މިހާރު ބުނާއެއްޗެއް…މާދަމާ ނަތާވެސް ޖެހޭނީ ފަރީޝާހެން ވިޔާމްގެ ކޯލަށް އިންތިޒާރުގަ އިންނަން ކަންނޭނގެ” ނަތާޝާ ބުނެލިއެވެ.
“ނޫނޭ…ވިޔާމް އެހެންނުހަދާނަން….އެހެންނޫނަސް ނަތާއާ އެކު ވިޔާމަށް އުޅެންމިޖެހުނީވެސް ފަރީޝާގެ ސަބަބުން….އަހަރެމެން ދެމީހުންގެ ގުޅުމަށް ފަރީޝާއަށް އެއްޗެކޭ ނުބުނެވޭނެ…އެއީ ވިޔާމް ބުނިގޮތަށް ފަރީޝާ ހެދިނަމަ، މިބުނީ ހިކިފަ ދަރިއަކު ހޯދިނަމަ މިރޭ ވިޔާމް މިހެން ނަތާކައިރި ނެތިސް….އިނގޭތަ ވިޔާމް މީ ފަރީޝާއާއެކު އުޅުނުއިރު އިތުރު އަންހެނަކަށް ބަލާލިވެސް މީހެއްނޫން..އެހާވެސް ރަނގަޅަށް ވިޔާމް އުޅުނީ…ނަތާއަށް ހީވެދާނެ ވިޔާމް މިހެން އުޅޭތީ ވިޔާމްމީ ކުރިންވެސް ވަރަށް ބިޓިޝް މީހެއް ކަމަށް…އެންޑް އައި ނޯ ނަތާ ފަރީޝާހެން ނުވާނެކަން” ވިޔާމް ބުނެލިއެވެ.
ވިޔާމްގެ ވާހަކަ ނިމުނުތަނާ އަނެއްކާވެސް ފަރީޝާގެ ކޯލެއް އައެވެ. “ހެޔޮނުވާނެ ތިކޯލު ނަގާބަލަ” ނަތާޝާ ބުނެލިއެވެ. “ނަތާ ދޭ ސައިކަލް ކައިރިއަށް ވިޔާމް މިދަނީ” ވިޔާމް އެހެންބުނުމުން ނަތާޝާ ސައިކަލް ކައިރިއަށް ދިޔައެވެ.
ނަތާޝާ ދިއުމުން ވިޔާމް ފޯނު ނެގިއެވެ. “ކިހިނެއްތަވީ؟” ފޯނު ނެގުމާއެކު ވިޔާމް އަހާލީ ރުޅިވެރިކަމާއެކުއެވެ. “ވިޔާމް ކޮންތާކުތޯ ބަލާލަންވެގެން” ފަރީޝާ ބުނެލީ ދެރަވެފައެވެ. “އަހަރެން މިހުރީ ތުނޑިމަތީގަ” ވިޔާމް ބުނެލިއެވެ.
“އެހެންތަ؟…ވިޔާމް ފަރީއަށް ހަމަ އުދަނގޫވާތީ މިގުޅީ…ފަރީ ދެރަވާފަދަކަމެއް ވިޔާމް ނުކުރައްޗޭ…ފަރީ ވިޔާމަށް ވަރަށް އިތުބާރުކުރަން…ފަރީ…” ފަރީޝާގެ ވާހަކަ ނުނިމެނީސް ވިޔާމް ހުއްޓުވިއެވެ.
“ތި ބޭކާރު ވާހަކަތައް އަޑުއަހާކަށް ޓައިމެއް ނެތް… ބޭއްވީ” އެހެންބުނެ ފަރީޝާގެ ކަންފަތްމައްޗަށް ވިިޔާމް ފޯނު ކަނޑާލި އެވެ.
*******
ފަރީޝާ ވާހަކަދައްކަ ދައްކަ ހުއްޓާ ވިޔާމް ފޯނު ކަނޑާލުމުން ފަރީޝާ ވަރަށް ދެރަވިއެވެ.އެހެންނަމަވެސް އޭނާގެ ފިރިމީހާއަށް ޝައްކުކޮށް ނުބައި ހީތައްކުރަން ފަރީޝާ އެއްގޮތަކަށްވެސް ބޭނުމެއްނުވިއެވެ.އެހެންކަމުން ވިސްނުމާ ދުރުވެލުމަށްފަހު ފެންވަރައިގެން ފަރީޝާ ނިދަން އޮށޯތެވެ.
********
ހެނދުނު އިރުއެރުމާއެކު ފަރީޝާ ފުންމައިގެން ތެދުވިއެވެ.ގަނޑިން ހެނދުނު ހަގަނޑި ތިރީސް މިނެޓް ހިނގީއެވެ.ފަރީޝާ މަޑުމަޑުން އެނދާ ދިމާލަށް ބަލައިލިއެވެ.އޭރު ގަދަނިދީގައި ވިޔާމް އޮތްތަން ފަރީޝާއަށް ފެނުނެވެ.ރޭގައި ފަރީޝާއަށް ނިދުނީ ވަރަށް އަވަހަށެވެ.އެހެންކަމުން ވިޔާމް ގެއަށް އައީ ކިހާއިރު ކަމެއް ފަރީޝާއަކަށް ނޭނގެއެވެ.ނަމަވެސް އޭނާ ނިދާފައި އޮތްތަން ފެނުމުން ފަރީޝާ ހިތްހަމަ ޖެހުނެެވެ.
*********
މެންދުރަށް ލައިގެން ކާއެއްޗެއް ހަދަންވެގެން ދައްތަގެ ފިހާރައާ ދިމާލަށް ފަރީޝާ މިސްރާބު ޖެހިއެވެ.އެމަގަށް އެޅުމާއެކު އިއްޔެގެ ހާދިސާ އޭނާގެ ލޯމައްޗަށް ސިފަވެގެން ދިޔައެވެ.އެހެންނަމަވެސް ހިތް ހަމަޖައްސާލުމަށްފަހު، އެފިހާރައަށް ފަރީޝާ ވަނެވެ.ކައުންޓަރުގައި އިން ނަތާޝާއަށް ފަރީޝާ ވަތްތަން ފެނުމުން އޭނާގެ ހިތުގެ ވިންދު އަވަސްވެލިއެވެ.އެހެންނަމަވެސް ހަމަޖެހެން އޭނާ މަސައްކަތްކުރިއެވެ.
ފިހާރައަށް ވަތް ފަރީޝާ ވަތްގޮތަށް މިސްރާބުޖެހީ އެއްޗެހި އަތުރާފައިހުރި ހަރުތަކާ ދިމާލަށެވެ.މިއަދު ނަތާޝާއަށް ފަރީޝާ ގޮވާނުލުމުން ފަރީޝާ އެހުރީ އޭނާދެކެ ހިތްހަމަ ނުޖެހިފައިކަން ނަތާޝާއަށް އިހުސާސްކުރެވުނެވެ.އެއްޗެހިތައް ނެގުމަށްފަހު ފައިސާ ދައްކަން ކައުންޓަރާ ދިމާލަށް ފަރީޝާ ދިޔައެވެ.ފަރީޝާ އެއްޗެހިތައް ކައުންޓަަރުމަތީގައި ބެހެއްްޓުމުން ފަހަރަކު އެއްޗެއް ރީޑްކުރަމުން ސިސްްޓަމަށް އެންޓާކުރަމުން ނަތާޝާ ގެންދިޔައެވެ.އެވަގުތު ފަރީޝާ ހުރީ ނަތާޝާއާ ދިމާލަށް ބަލާށެވެ.ނަތާޝާއަށް ބަލަންހުރި ފަރީޝާއަށް، ނަތާޝާ ކަރުގައިވާ ރިހިފަށް ފެނުނެވެ.އެއީ ވިޔާމް ގެންގުޅުނު ފަށްކަން އެފެނުމާއެކު ފަރީޝާއަށް އެނގުނެވެ.
“މީ ކޮންތާކުން ހޯދި ފަށެއް؟” ފަރީޝާއަށް އަހާލެވުނެވެ.ފަރީޝާގެ އެސުވާލުން ނަތާޝާ ދިޔައީ ސިހިގެންނެވެ. “މި..މި..މީ ރައްޓެއްސެއްދިން ފަށެއް” ހިތްނުތަނަވަސްވެފައިވާ ނަތާޝާ ބުނެލިއެވެ.އޭނާ އެހެންބުނުމުން ނަތާޝާއާ ދިމާލަށް ލޯކުޑަކޮށް ފަރީޝާ ބަލައިލިއެވެ.އަދި އަނެއްކާވެސް ނަތާޝާގެ ކަރުގައިވާ ފަށާ ދިމާލަށް ފަރީޝާ ބަލައިލިއެވެ.އެއީ ހަމަ ވިޔާމް ގެނައި ފަށެވެ.ހަމަ އެެ އެސްޖެހި ހިތުގެ ބައްޓަމަށް އިން ފުލާއި ހަމަ އެރީތި ރިހިފަށެވެ.ނަތާޝާއަށް ބަލަންހުރި ފަރީޝާއަށް އެއްލިކަޅިއަކުން ފިހާރަ ޑަސްބިންތެރޭގައިވާ ފަށް ލާފައިވާ ރަތް ފޮށި ފެނުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





