ހެނދުނު އިރުއެރުމާއެކު ފެންވަރައިގެން ގޯތިތެރެއަށް ފަރީޝާ ނިކުތެވެ.މުޅިގޯތިތެރެ ފޮޅުމަށްފަހު،ހެނދުނުގެ ސައިހަދަން ބަދިގެއަށް އޭނާ ވަނެވެ.ފަރީޝާ ސައިހަދާ ނިންމާލި ވަގުތު މައިދައިތަ އައެެވެ. “ކޮބާ ނިންމާލީތަ؟…ރޭގަ އަންހެނުންގެ ކޮމެޓީގެ ޖަލްސާއެއް އޮތުމުން ނިދުނީ ވަރަށް ލަހުން..އެހެންވެ ލަހުން ހޭލެވުނީ” މައިދައިިތަ ބުނެލިއެވެ.
ސައިވަގުތު ޖެހުމާއެކު މަޑުމަޑުން މީހުންތައް ޖަމާވާން ފެށިއެވެ.ނަތާޝާއާ ވިޔާމްވެސް އައުމުން ހެނދުނުގެ ނާސްތާ ކުރަން އެންމެން ފެށިއެވެ.
********
ސައިބޮއެ ނިމުމުން ވިޔާމް އޮފީހަށް ދާން ހިނގައިގަތެވެ. އޭރު ނަތާޝާވެސް ފިހާރައަށް ދާން ގެއިން ނިކުންނަނީއެވެ.
މަޑުހިނގުމުގައި ހިނގާލައިފައި ދިޔަ ނަތާޝާގެ ފަހަތުން ވިޔާމް ސައިކަލުގައި ދިޔައެވެ. “އަރާ ފިހާރައަށް ލައިދޭނަން” ނަތާޝާއާ އަރާހަމަވުމަށްފަހު ވިޔާމް ބުނެލިއެވެ. “ނޫން މީހަކަށް ފެނިދާނެ” ވިޔާމްގެ ސައިކަލު ފަހަތަށް އަރަން ނަތާޝާ އިންކާރުކުރިއެވެ.އެހެންނަމަވެސް ނަތާޝާއަށް ފިހާރައާ ހަމައަށް ދެވެންދެން އޭނާގެ ފުލުން ވިޔާމް ދުއްވިއެވެ.
ފިހާރަ ހުޅުވާލުމަށްފަހު ނަތާޝާ ވަނުމުން އޭނާގެ ފަހަތުން ވިޔާމްވެސް ވަނެވެ. “ވިޔާމް އޮފީހު ގަނޑިއެއް ނުޖެހޭނެތަ؟” ނަތާޝާ އަހާލިއެވެ. “ގަނޑިޖެހުނަސް ހެޔޮ…ތިކުއްޖާގެ މޫނު ދެކިލުންމާ ހިތްހަމަޖެހޭ” ވިޔާމް ބުނެލިއެވެ.ވިޔާމް އެހެންބުނެ ނަތާޝާގެ އަތުގައި ހިފާލިއެވެ. “ހޫމް ދެން ހެވޭ…މިހާރު ކަސްޓަމަރުން އަންނާނެ ދެން ދޭ” ތުއިގޮތަކަށް ވިޔާމަށް ނަތާޝާ ބުނެލިއެވެ.ނަތާޝާ އެހެންބުނުމުން ހިނިގަނޑެއް ޖަހާލުމަށްފަހު އެތަނުން ނިކުންނަން ވިޔާމް ދިޔައެވެ.
*********
ވިޔާމާ ނަތާޝާގެ ލޯބީގެ ގުޅުންކުރިއަށް ދިޔައެވެ.ވިޔާމް ނަތާޝާއަށް އެއްޗެހި ގަނެދެއެވެ.ދޭތެރެއަކުން ހަދިޔާއެކޭ ކިޔާ ކޮންމެވެސް އެއްޗެެއް އޭނާ ދެއެވެ.ގަހަނާއިން ފެށިގެން ލާ އަންނައުނަށް ދާންދެނެވެ.ވިޔާމް ދިން އެއްޗެހިތަކުން ނަތާޝާގެ ކޮޓަރި ފުރާލިއެވެ.އެކަމާ ނަތާޝާ ވަރަށް އުފާވިއެވެ.ވިޔާމާ ނަތާޝާގެ ލޯބީގެގުޅުން ކުރިއަށް ދިޔަނަމަވެސް،އެކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ.ފަރީޝާވެސް ވިޔާމާ ދޭތެރޭގައި ޝައްކުކުރަން ބޭނުންނުވާތީ ވިޔާމްގެ އުޅުމަށް ބަދަލުތަކެއް އައިސްފިކަން އެނގިހުރެވެސް އެކަމާ އަޅައެއް ނުލައެވެ.
**********
ދުވަހަކީ ހުކުރުދުވަސްކަމުން އަންނައުނުތައް ދޮވެ ކޮޓަރިތެރެ ފޮޅާސާފުކުރުމުގައި ފަރީޝާ އުޅުނެވެ.ކޮޓަރި ރީތިކުރުމަށްފަހު މެންދުރުކާން އެންމެނާއެކު އޭނާވެސް ޖަމާވިއެވެ.ކާން އިންއިރު ވިޔާމާ ނަތާޝާ އެކަކު އަނެކަކަށް ބަލައިލުމަށްފަހު ހިނިތުންވެލާތަން ފަރީޝާއަށް ފެނެއެވެ.ނަމަވެސް ގޯސްކަޮށް އެކަންތައް ނަގަން ބޭނުންނުވާތީ، ފަރީޝާ އެކަމަށް މާބޮޑު ސަމާލުކަމެއްނުދީ ކެއުންކުރިއަށް ދިޔައެެވެ.
ކައިނިމި އަންނައުނުތައް ފަތްޖަހަން ފަރީޝާ ކޮޓަރީގައި އިންދާ ވިޔާމް ބޭރުން އައެވެ.އޭނާގެ އަތުގައި ކުޑަ ކޮތަޅެއްވެސް އޮތެވެ.އެއްޗެހިތައް ފަތްޖަހަންއިން ފަރީޝާއަށް ބަލައިލުމަށްފަހު، ގެނައިކޮތަޅު ޑުރެސިން ޓޭބަލްމަތީގައި ވިޔާމް ބޭއްވިއެވެ.އަދި ފާހަނައާ ދިމާލަށް ވިޔާމް ދިޔައެވެ.ފަރީޝާ ފެންނަން އިންއިރުވެސް އޭނާއާ ވިޔާމް އަނގައިން ބުނެނުލައެވެ.އެއީ މިހާރު ވިޔާމްގެ ގޮތެވެ.ކޮންމެހެން ބުނަންޖެހިއްޖެ އެއްޗެއް ފިޔަވައި ވިޔާމް ފަރީޝާއާ ވާހަކައެއް ނުދައްކައެވެ.ގެއަށްވެސް ވިޔާމް ވަދެލަނީ ކާށާއި ފެންވަރާށެވެ.ނޫނީ ނިދާށެވެ.އެނޫން ވަގުތުތަކުގައި އޭނާ އުޅެނީ ބޭރުގައެވެ.ވިޔާމް އަބަދު ބޭރުގައި އުޅޭތީ ފަރީޝާ އެކަމާ ސުވާލުވެސް ކުރިއެވެ.ވިޔާމްގެ ޖަވާބަކަށްވީ އޮފީހުގައި މިދުވަސްކޮޅު ކަންތައްތަކެއް ކުރަންޖެހިފައިވާތީ، އޮފީސްނޫން ވަގުތުތަކުގައިވެސް އޭނާ ދާންޖެހޭކަމަށެވެ.ވިޔާމްގެ އެބަސްތައް ފަރީޝާ ގަބޫލުކުރިއެވެ.
ވިޔާމް ފާހަނައަށް ވަނުމުން ޑުރެސިން ޓޭބަލްމަތީގައި އޮތް ކޮތަޅު އެތެރޭގައިވާ އެއްޗެއް ބަލައިލުމަށް ފަރީޝާ ތެދުވިއެވެ.އަދި ދިޔަގަޮތަށްގޮސް ކޮތަޅު ހުޅުވާލިއެވެ.އޭގެ ތެރޭގައި ގަހަނާ އަޅާކަހަލަ ހަތަރެސްކަން ފޮއްޓެއް އޮތްތަން ފަރީޝާއަށް ފެނުނެވެ.އެހެންކަމުން އެފޮށި ނަގާ ހުޅުވާލިއެވެ.ފޮށި ހުޅުވާލުމާއެކު އޭގައިިވާ ރިހިކުލައިގެ ފަށް ފެނުމުން ފަރީޝާ ވަރަށް އުފާވިއެވެ.އެފަށަކީ ވިޔާމް އޭނާއަށް ގެނައިއެއްޗެއްކަން ފަރީޝާއަށް ހީކުރެވުނެވ.ެ
ފޮށްޓައްލާފައިވާ ކަރުގައި އަޅާ އެފަށުގައި، ފަރީޝާ މަޑުމަޑުން އަތް ބީއްސާލިއެވެ.ފަށުފުލަކަށް ހިތުގެ ބައްޓަމަށް އިން ހުދުކުލައިގެ އެހެއް އިންއިރު، ފަށުގައިވެސް ދެތިން ކުދިކުދި އެސް ހުރުމުން އެފަށުގެ ފުރިހަމަކަން އިތުރުކޮށްދެއެވެ.ފޮށި ނެގި ފަރީޝާއަށް ކޮތަޅުތެރެއިން ކަރުދާސްކޮޅެއް ފެނިގެން އެނަގާ ނިއުޅުވާލިއެވެ.އެއީ ވިޔަފާރި ކުރިކަމުގެ ރަޝީދެވެ.
ފަށުގެ އަގު ފެނުމާއެކު ފަރީޝާގެ ދެލޯ ބޮޑުވިއެވެ.ތިންހާހަށްވުރެ މަދުނޫން އެއަދަދު ފެނިގެން ފަރީޝާ ހައިރާންވިއެވެ.އެއީ މާލޭގެ ފިހާރައަކުން އޯޑަރުކުރި ފަށެއްކަން ފަރީޝާއަށް އެނގުނީ ފިހާރައިގެ ނަމާ ރަށަކަށް ކ.މާލެ ޖަހާފައި އިނުމުންނެވެ.ފަށް ގަތް މީހާގެ މައުލޫމާތު ބައިގައި ވަނީ ވިޔާމްގެ ނަމާ އޭނާގެ ފޯނުނަންބަރު ފަދަ މައުލޫމާތެވެ.އެހެންކަމުން އެފަށަކީ ވިޔާމް އޭނާއަށް ގަނެދިން އެއްޗެއްކަން ފަރީޝާއަށް ޔަގީނެވެ.ފަށަށް ބަލަން ހިނިތުންވެލައިގެން ހުރި ފަރީޝާ ފަށް ނަގާ އޭނާގެ ކަރުގައި އަޅާލީ ހެޔޮވަރުތޯ ބަލައިލުމަށެވެ.އެވަގުތު ވިޔާމް ފާހަަނައިން ނިކުތެވެ.
ފާހަނައިން ނިކުތް ވިިޔާމަށް ފަރީޝާގެ ކަރުގައި ފަށް އޮތްތަން ފެނުމުން ވަރަށް ރުޅިއައެވެ. “ހަމަ މިހާރު ތި މުޑުދާރު ކަރުން ތި ފަށް ނަގާ” ވަރަށް ރުޅިވެރިކަމާއެކު ވިޔާމް ބުނެލިއެވެ.ވިޔާމްގެ އަޑުޖެހުމާއެކު ފަރީޝާ ދިޔައީ ސިއްސައިގެންނެވެ.އަދި ވިޔާމް އެހާ ރުޅިއައުމުން ހައިރާންވެފައި އޭނާއަށް ބަލަން ފަރީޝާއަށް ހުރެވުނެވެ. “ތި ނަގާށޭ” ވިޔާމް ކުރިއަށްވުރެ ބާރަށް ބުނެލިއެވެ.
“ސޮރީ ފަރީ ހީކުރީ މީ ފަރީއަށް ގެނައި އެއްޗެއްކަމަށް” އެހެންބުނެ ފަރީޝާ އަވަހަށް އެފަށް ނަގާ ފޮއްޓަށް ލިއެވެ. “ކީއްވެގެންތަ އަހަރެން ބަހައްޓާފަ ހުންނަ އެއްޗެހީގަ އަތްލަނީ؟…މީ ރައްޓެއްސަކު އޭނާގެ އަންހެނުންނަށް ގަނެދިން އެއްޗެއް…މަ ކައިރި ބުނީ މީތި ބައިންދަދޭށޭ އޭނަ ބުނީމަ ދޭން..އެހެންވެ މަ މިގެއަަށް މިގެނައީ…” ރުޅިއައިސްފައިވާ ވިޔާމް އެހެންބުނެ އެފަށް ޓިޝުލަކުން ފުހެލިއެވެ.ވިޔާމްގެ އެއަމަލުން ފަރީޝާ ވަރަށް ދެރަވިއެވެ.އޭނާ ނަޖިހަަކަށް ވިޔާމް ހެދީމައެވެ.
“އަހަރެން ކޮންމެދުވަހަކުވެސް ފެންވަރަން..އަހަރެން ކަރުގަ ތިފަށް އެޅީމަ ތިފޮހުނީ” އެންމެފަހުން ފަރީޝާ ބުނެލިއެވެ. ފަރީޝާ އެހެންބުނުމުން އޭނާއާ ދިމާަލަށް ދެލޯއަޅައިގެން ހުރެ ވިޔާމް ބަލައިލިއެވެ. “އަހަރެން ފަރީޝާއަށް މަދުނުވާވަރަށް އެއްޗެހި ހޯދާދީފަ ހުންނާނީ…މިހާ އަގުބޮޑު އެއްޗެއްސަށް ނުވިޔަސް…ތިހާ ފަށް އަޅަން ބޭނުންވާނަމަ މިހިރަ ފަށްތައް އަޅާބަލަ” ރުޅިއައިސްފައި ހުރެ ފަރީޝާގެ ގަހަނާތައް އަޅާފައިވާ ސްޓޭންޑް ދައްކާލަމުން ވިޔާމް ބުނެލިއެވެ.
ވިޔާމް އެހެންބުނުމުން އެއްޗެކޭ ނުބުނެ އޭނާއާ ދިމާލަށް ބަަލަން ފަރީޝާ ހުއްޓެވެ. “ސޮރީ” ފަރީޝާ އެންމެފަހުން ބުނެލިއެވެ. “ކޮންމެ ފަހަރަކު ކޮންމެވެސް ކަމެއްކޮށްފަ ސޮރީ ބުނީމަ ފުދުނީތަ؟…ހަނދާންކުރާތި މީ ފަހުފަހަރު…ދެން ނުވާނެ މިކަހަލަ ކަމެއް އަހަންނަށް ފެނިގެން” އެެހެންބުނެ ވަރަށް ބާރަށް ކޮޓަރިދޮރުޖެހުމަށްފަހު ވިޔާމް ނިކުތެވެ.
ވިޔާމް ނިކުތުމުން އެނދުގައި އިށީންދެލުމަށްފަހު ފަރީޝާ ވިސްނާލިއެވެ.ވިޔާމްގެ ރަހުމަތްތެރިއެއް އޭނާގެ އަންހެނުންނަށް ގަނެދިން އެއްޗެއްނަމަ ގަތްމީހާގެ މައުލޫމާތަކަށް ވިޔާމްގެ މައުލޫމާތު އިނީ ކީއްވެބާއޭ ފަރީޝާ ހިތަށްއެރިއެވެ.ވިސްނަން އިން ފަރީޝާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު، ބާކީހުރި އަންނައުނަތައް ފަތްޖަހަން އުޅުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






alhey haadhan dhera ey. ekamaku v reethi mi prt vess “❤️❤️❤️
Thanks dear ?❤️