Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަނދާންވޭ (8)

🥀lizzie🥀 Level 410 Stories100 Login
February 2, 2022 5 Mins Read
0 Comments

އޮފީހަށް ވަދެގެން އައި އަފްލާކް ފެނުމުން އޮފީހުގެ މާޙައުލު މުޅިން ހިމޭންވިއެވެ. އެމީހަކު އެމީހެއްގެ ޕާޓިޝަން ކައިރިއަށް ގޮސް މަސައްކަތް ފެށިއެވެ. އޭ.އެސް ކޮމްޕެނީއަކީ މުޅި ރާއްޖޭގައި ވެސް ނަން ވިދާލެވޭފަދަ ކޮމްޕެނީއެކެވެ. އަފްލާކް އަމިއްލައަށް ހިންގަން ފެށި މި ކޮމްޕެނީއަށް ގިނަބައެއްގެ ލޯތްބާއި ސަޕޯޓު ލިބިގެންދިޔައީ އޭނާ ހީކުރި ވަރަށްވުރެ ވެސް އަވަހަށެވެ. އެކަމާ އޭނާ ނުހަނު ބޮޑަށް ހިތްހަމަޖެހެއެވެ. އެތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މިންނެތް މަސައްކަތުން އެ ކޮންޕެނީއަށް މިއަދު އެވަނީ ގިނަ ފައިދާއެއް ކޮށްފައެވެ.

އަފްލާކް ފުން ނޭވާއެއްލަމުން ގޮސް ލިފްޓަށް އަރައި ހަތްވަނަ ބަޔަށް ފިތާލިއެވެ. އޭނާ ގޮސް ގޮނޑީގައި ނީށީނދެވެނީސް ދޮރުގައި ޓަކިޖަހާލައިފިއެވެ. އަފްލާކް ހަމަޖެހިލަމުން އިނގިރޭސިން އެތެރެއަށް ވަނުމަށް އެދުމުން އާތިކާ ދޮރު ހުޅުވާލައިފިއެވެ. އެވަގުތު އާތިކާ ކައިރީ ހުއްޓިލައިގެން ހުރި ޔަނާލް ފެނިފައި އަފްލާކްގެ ނޭވާވެސް ހީވީ ކަރުތެރޭގައި ތާށިވީހެންނެވެ.

ފިޔާތޮށިކުލައިގެ ގަމީސްކޮޅަކާއި ކަޅު ޖިންސެއްގައި ހުރިއިރު އިސްތަށިގަނޑުވަނީ ހުޅިއެއްޖަހައި ހައްޔަރުކޮށްލެވިފައެވެ. ތުންފަތުގައި ޖައްސާލެވިފައިވާ ފިޔާތޮށިކުލަ ފިޔަވައި އެ ދޮން މޫނުމަތީގައި މޭކަޕެއް ނެތިވެސް އެހާ ފުރިހަމައެވެ. އަފްލާކް އިރުކޮޅަކު ބަލަހައްޓައިގެން އިނދެފައި އެއްވެސް އަސަރެއް ނެތް ގޮތަށް އަތުން ވަނުމަށް އިޝާރާތްކޮށްލިއެވެ. އަފްލާކްގެ އެކުޑަ ކުޑަ ހަރަކާތުންވެސް ތަދުވީ ޔަނާލްގެ ހިތަށެވެ. ދެލޯ ފެންކަޅިވި ނަމަވެސް ނުހަނު އަވަހަށް އޭނާ ހަމަޖެހިލިއެވެ. އާތިކާ އޭނާ ވަނުމަށް ތަން ދައްކަމުން ގޮސް އަފްލާކްގެ ކުރިމަތީގައި ހުއްޓުނެވެ.

“ޑޮކްޓަރ.. އަޅުގަނޑު ވާހަކައެއް ނަންގަންނަންތޯ؟..” ޑޮކްޓަރސް ލައުންޖްގައި ކޮފީއެއް ބޯން އިން ޒާލިކް ސިހުނީ މީހަކު ވާހަކަދެއްކި އަޑަށެވެ. އޭނާ އަތުގައި ހުރި ކޮފީ މަގު ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބަހައްޓަމުން ބަލައިލިއެވެ. “އޯހ އަލާން.. ނައިސް ޓު ސީ ޔޫ..” ޒާލިކް ލުއި ހިނިތުންވުމަކާއެކު އަލާންއަށް ސޯފާގައި އިށީނުމަށް އިޝާރާތްކުރިއެވެ. އަލާން ސޯފާގައި އިށީނދެފައި ޒާލިކްއަށް ނަޒަރެއްދިނެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅު ޖިންސެއްގައި ހުރިއިރުވެސް އެހާ ފުރިހަމައެވެ. ސޯފާގެ އަތްގަނޑު މަތީގައި ކޯޓު ބާއްވާލާފައި އޮތްއިރު އެމޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ.

“ޑޮކްޓަރ.. ވަރަށް އަވަސް.. އިމަޖެންސީ ކޭސްއެއް… ބަލިމީހާގެ ހާލު ވަރަށް ދެރަ.. ވީ ނީޑް ޓު އޮޕަރޭޓް ހާރ، ފާސްޓް…” ފުން ނޭވާއަކާއި އެކު ވާހަކަދައްކަން އަނގަ ހުޅުވާލި އަލާންއަށް ޖެހުނީ އަނގަ ލައްޕާލާށެވެ. އެތަނަށް ވަދެގެން އައި ސީނިއަރ ޑޮކްޓަރުގެ މޫނުމަތިން ފެނުނު ހާސްކަމާއެކު ޒާލިކްވެސް އަވަސް އަވަހަށް ތެދުވެފައި ކޯޓު ހިފައިގެން ހިނގައިގަތެވެ.

“ފަހުން ދޯ..” ނިކުންނަމުން ޒާލިކް ފަހަތް ބަލާލަމުން އަލާންއަށް އިޝާރާތްކޮށްލިއެވެ. އަލާން ލުއި ހިނިތުންވުމަކާއެކު ބޯ ޖަހާލުމުން އޭނާ އަވަހަށް ޑޮކްޓަރސް ލައުންޖްއިން ނުކުމެ ލިފްޓަށް އެރުމަށްފަހު ހަތްވަނަ ފްލޯރއަށް ފިތާލިއެވެ.

ގެއަށް ވަދެގެން އައި އަލާޔާއަށް ދެކޮޅު ހޯދާލެވުނީ ޒާލިކް ފެންނަން ނެތުމުންނެވެ. އެހެން ދުވަސް ދުވަހު އޭނާ ގެއަށް އަންނަ ވަގުތު ސޯފާގައި އޮންނަ މީހާ ނެތުމުން ކޮންމެވެސް ވަރަކަށް ފަޅުކަން އިހުސާސްވިއެވެ. އެވަގުތު ކުރިމައްޗަށް އައިސް ހުއްޓުނު އަފްލާކް ފެނުމުން އަލާޔާއަށް ސިހިފައި ފާޑަކަށް ހަޅޭއްވެސް ލަވައިގަނެވިއްޖެއެވެ.

“ތިއްތީ……” އަލާޔާ ދަމާލާފައި ގޮވާލަމުން ތުންއޫކޮށްލިއެވެ. އެވަގުތު އަފްލާކް ޖަހާލީ ލުއި ހިނިގަނޑެކެވެ. މޫޑު ރަނގަޅު ދުވަހެއް ކަންނޭނގެއެވެ.

“އާދެބަލަ މިތާ އިށީންނަން..” އަފްލާކް އަލާޔާގެ އަތަށް ދަމާލަމުން ގޮސް ސޯފާގައި އިށީނެވެ. އަލާޔާ އަތުގައި ހުރި ފޮތްތައް މޭޒުމަތީގައި ބަހައްޓަމުން ކޮނޑުގައި އަޅުވާލެވިފައިވާ ދަބަސް ސޯފާ މައްޗަށް ޖެހިއެވެ. ޒާލިކް ނުފެނުމުން މޫޑުވެސް ޚަރާބުވެއްޖެއެވެ.

“ފެނުނަސް މޫޑު ގޯސްނުވެ ނުދާނެ… އެހެންނޫނަސް އެއީ ކާކުތަ މާ ވަރަކަށް ހޯދާކަށް.. ހުއް…. ދުނިޔެ މަތިން ފިރިހެނުން ހުސްވިޔަސް އެ އިންސާނާ ކައިރިއަށް ނުދާނަން.. އެކަމުވެސް ދޯ..” އަލާޔާ ތުންފަތް ތަޅުވާލަމުން ބުނެލި ޖުމުލަ އަފްލާކްއަށް އަޑުއިވުނެވެ. އޭނާ ތުންފަތުގައި ދަތްއަޅާލީ ހިނިގަނޑު ނުހިފެހެއްޓިދާނެހެން ހީވުމުންނެވެ. އަލާޔާ ޒާލިކް މަތިން ހަނދާންވަނީހެއްޔެވެ؟ ޕާޓީ ކުރާވަރު ކަމެކެވެ.

އަލާޔާ ސިހުނީ އަފްލާކް އޭނާއަށް ގޮވާލުމުންނެވެ. އޭނާ ކުޑަކޮށް ރަކިވެސްވިއެވެ. އަފްލާކް ހީކުރާނީ ކީކޭހެއްޔެވެ؟

“މާ ވާހަކަ ދިގުކުރާކަށް ބޭނުމެއްނޫން.. ސީދާ މައުލޫއަށް މިދަނީ.. އަލޫއަށް ޔަނާލްގެ ވާހަކަ އަޑުއިވުނީ ކިހިނެއް؟..” އަފްލާކް ސީރިއަސްވެލާފައި ކޮށްލި ސުވާލުން އަލާޔާއަށް ހިންދިރުވާ ލެވިއްޖެއެވެ. “ތިއްތިއާއި ފޮނި ހުސޭނު ދެއްކި ވާހަކަ އަޑުއިވުނީ..” އަލާޔާ ހިނިތުންވެލަމުން އެވަގުތުވެސް ބެލީ ޒާލިކްއާއި ދިމާލަށް އެއްޗެއް ބުނެވޭތޯއެވެ. އަފްލާކް ހިނިއަޔަސް މިވަގުތު ހިންދާލިއެވެ.

“ހޫމ.. އެކަމަކު ދެން ފަހަރަކުން ޕްރައިވެޓް ވާހަކަ އަޑުނާހައްޗެ އިނގޭ… އެނީވޭސް ވަގުތު އައީމަ ތިއްތި ކިޔާދޭނަން ޔަނާލްގެ ވާހަކަވެސް… އިހަށް މަންމަމެން ކައިރީ ނުބުނާތި އިނގޭ..” އަފްލާކް ކުޑަކޮށް ވިސްނާލަމުން އަލާޔާގެ ގާތު އެދުނެވެ. އަދި ޔަނާލްގެ ވާހަކަ ކިޔައިދޭން މާ އަވަސް ކަންނޭނގެއެވެ. އަލާޔާ ބޯޖަހާލަމުން ސޯފާއަށް ދެފައި އަރުވާލަމުން ޓީވީ ހުޅުވާލިއެވެ.

“މަންމާ.. ދެން މިއަދު ކީއްކުރަންތަ ކުއްލިއަކަށް ދާން ތިއުޅެނީ؟ މިއޮއް ހުރިހާ ދުވަހުވެސް މަންމަ ހަމަ ހުރީއެއްނު އެގެއަށް ނުގޮސް… ދާނެކަމެއްނެތޭ މަންމާ… ދެން… އަދި އަޅުގަނޑުވެސްތަ؟ ނޯ ނޯ ނޯ… އަޅުގަނޑަކަށް ނުދެވޭނެ.. އަޅުގަނޑު ދާހިތެއްވެސް ނެތޭ… ޕްލީޒް މަންމާ ދެން ނޫނެކޭ…” ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޔަނާލް ސިހުނީ މީހަކު އައިސް ދޮރު ހުޅުވާލުމުންނެވެ. އޭނާ ކަންފަތާއި ފޯނު ވަކިކޮށްލަމުން ދޮރާއި ދިމާލަށް ނަޒަރު ހުއްޓާލިއެވެ.

“އެލެން.. މަންމަ ގާތު ބުނެބަލަ ދެން ދާނެކަމެއް ނެތޭ… ނޭނގެ ކޮން ގެއަކަށް ކަމެއް ނުދެވިގެން އެއުޅެނީ… އަޅޭ ޔަންނު ކައިރީވެސް ނުވެސް ބުންޏޭ… މަންމަ ބުނީ ކޮންމެވެސް ގެއަކަށް ދާން ހިނގާށޯ ހަވީރު… ދެއަހަރު ވަނީޔޯ ބައްދަލު ނުވާތާ… އަދި ޔަންނުވެސް ގޮވައިގެން ދާން ބޭނުންވަނީ.. އަޅޭ އެލެންއަށް އެނގޭތަ އެ ދާން އެއުޅޭ ގެއެއް؟ މަންމަ ބަލިކޮށް އުޅޭއިރު ބޭރަށް ދާކަށް އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހޭ..” ޔަނާލް އެއްނޭވާއިން ހުރިހާ ވާހަކައެއް އަމުނާލިއިރު އަލާން ހުރީ ހިނިއައިސްފައެވެ. އެތަން ފެނި ޔަނާލްއަށް ދެބުމަ ގާތްކޮށްލެވުނެވެ. އަލާންވެސް ހެނީހެއްޔެވެ؟

“ޔަންނު ކާމް ޑައުން.. މިއުޅެނީ މަންމަ ފްރެންޑެއްގެ ގެއަށް ދާން… އެލެންއަކަށް ނޭނގެ އެގެއަށް ކިޔާ ނަމެއް… އެނގޭ އެއްޗަކީ އެގޭގަ މަންމަގެ އެކުވެރިއެއް އުޅޭކަން… ދެން އެހާ ވާހަކަ ގިނަނުކޮށް އަވަސްކުރަން އުޅޭ.. މަންމަ ބުނި ގަޑިއަށް ދާންވާނޭ.. އަދި އެއްވާހަކަ.. ތިބުނީނު ދޯ ބޭރަށް ފޮނުވާކަށް އެހާ ހިތްހަމައެއްނުޖެހޭ… މިހާރުވެސް މަންމަ ވީ ބޭރުގައެއްނު.. ޔަންނު މަންމަ ހުއްޓުވިންތަ؟ ނޫނެއްނު.. ދެން އެހާ ކަންބޮޑުނުވެބަލަ.. މަންމައަށްވެސް އަބަދު ގޭގަ ނީނދެވޭނެއެއްނު..” އަލާން އައިސް ޔަނާލްގެ ދެކޮނޑުގައި ހިފައި އެނދުގައި ބައިންދަމުން ވިސްނާދިނެވެ. ބޮޑަށް ހީވީ ނަސޭހަތެއް ދިންހެންނެވެ. ޔަނާލް ތުން އަނބުރާލަމުން ފާޑަކަށް އަނގަ ހަދާލަމުން ގޮސް އަލަމާރިން ހެދުން ހިފައިގެން ފާހަނާއަށްވަނެވެ. އަލާން ހިނިއައިސް ހުރެ އެކޮޓަރިން ނުކުތްއިރު ރަޒީނާއާއި ޔަލްވީ އައިސް ގެއަށް ވަންނަނީއެވެ. ފަހަތުން ޔުނާން، ޔުއާން އުރާލައިގެން އައިއިރު ޒުހުދުވެސް އެމީހުންނާއި އެކީ އައެވެ.

“ކޮބާ ރެޑީވެއްޖެތަ؟…” ކޮޓަރިން ނުކުމެގެން އައި ސަމީމާއަށް ސޯފާގައި ތިބި އަފްލާކްއާއި ޒާލިކް ފެނުމުން އަހާލިއެވެ. ދެމީހުން ހިނިއައިސްފައި ބޯޖަހާލިއެވެ. އަދިވެސް ދެމީހުންނަށް މިވާން އުޅޭ ގޮތެއް ނޭނގެއެވެ.

“މަންމަ އެކުވެރިއެއް އަންނިއްޔޭ… މިހާރު މިހެން ބުނެވިއްޖެ ކިތަންމެ ފަހަރަކު…” ސަމީމާ ހެމުން ހެމުން ގޮސް ކާގެތެރެއަށް ނަޒަރު ހިންގާލާފައި ދެން އައިސް އިށީނީ ސޯފާގައެވެ. އެވަގުތު އޭނާއަށް އަލާޔާ ނުފެނުމުން އަލާޔާ ވީތަނެއް އަހާލައިފިއެވެ.

“އަދިވެސް ރީތިވަނީ ކަންނޭނގެއެއްނު… އަންހެން ކުދިން ރީތިވާންވެސް ނަގާނެ ގަޑިއިރެއް…” ޒާލިކް އަވަސް އަވަހަށް ޖަވާބު ދިންއިރު ހީވީ ޖަވާބު ރެޑީކޮށްގެން އިންހެނެވެ. އަފްލާކް ހެވިދާނެތީ ތުންފަތުގައި ދަތްއަޅާލިއެވެ.

“ހުއް… އަންހެން ކުދިން ލަހެކޭ ކިޔާނެކަމެއް ނެތޭ… އަދި އެހާ ގިނައިރެއް ނުވެސް ވާނެ..” ފަހަތުން އަލާޔާގެ އަޑުއިވިފައި ޒާލިކްއަށް ފަހަތް ބަލައިލެވުނެވެ. އެވަގުތު އޭނާގެ ނޭވާ ކަރުތެރޭގައި ތާށިވެއްޖެއެވެ. ހުދުކުލައިގެ ޓީޝާޓަކާއި ބޭބީ ޕިންކު ކުލައިގެ ޖިންސެއް ލައިގެން ހުރިއިރު މަތިން ލައިގެން ހުރި ޖެކެޓުވެސް އަލާޔާއާއި ނުހަނު ގުޅެއެވެ. ފަހަތަށް ދޫކޮށްލާފައިވާ ކަޅުކަން ގަދަ ރާޅުބާނި އިސްތަށިގަނޑު ފަންކޮށްލާފައިވާއިރު ތަފާތުކަމަށް ދައްކައެވެ. ތުންފަތުގައި މަޑުފިޔާތޮށިކުލައެއް ޖައްސާލެވިފައިވާއިރު ދެލޮލުގައި އަޅާފައިވާ މަސްކަރާއިން އެދިގު އެސްފިޔަތަށް އިހުނަށްވުރެ ދިގުކަމަށް ދައްކައެވެ. ލުއި މޭކަޕެއް ކޮށްލާފައިވާ އެދޮން މޫނު ފެނުމުން ޒާލިކްއަށް އެސްފިޔަ ޖަހާލަން ވެސް ހަނދާން ނެތުނު ކަހަލައެވެ. އޭނާ އެހެން އިންދާ ސިއްސައިގެން ދިޔައީ އަފްލާކް ކޮނޑުގައި ޖަހާލުމުންނެވެ. ޒާލިކް ނޫންކަމަށް ހަދާފައި ބަލައިލިއިރު އަފްލާކް އިނީ ހިނިއައިސްފައެވެ. އޭނާ ލޯ އަޅާލާފައި އަވަހަށް ސަމީމާއާއި ވާހަކަދައްކަން ފެށިއެވެ.

އަލާޔާ އައިސް އިށީނީ ޒާލިކްގެ ކުރިމައްޗަށް ވާހެން ވަކިން އިން ސޯފާގައެވެ. ކަޅުކުލައިގެ ހުޑީއަކާއި ގަދަނޫ ކެރެޓު ޖިންސެއް ލައިގެން އިން ޒާލިކް ބޭރުގެ މޮޑެލްއަކަށް ދޫނުކުރާނެއެވެ. އެހެން ދުވަސް ދުވަހު ޖެލްލައި ތަތްކޮށްލާފައި އޮންނަ އިސްތަށިގަނޑު މިއަދު ފުނާއަޅާލާފައި އޮތުމުން ތަފާތުކަމަށް ދައްކައެވެ. ބައެއް އިސްތަށިތައް ނިތްމައްޗަށް ވެއްޓިފައިވާއިރު ބަލައިލަން ނުހަނު ހިތްގައިމެވެ. ކަޅުކަންގަދަ މެސްމެރިޒަމް ދެލޮލުން ބަލައިލާ ކޮންމެ އަންހެން ކުއްޖެއްގެ ހިތް ފިދާވާނެކަން ގައިމެވެ. އަލާޔާ އިނީ ތުންފަތުގައި ދަތްއަޅާލައިގެން އިސްޖެހިފައެވެ. އެންމެ ފަހަރަކުވެސް ޒާލިކްއާއި ދިމާލަށް ނުބަލާން ހުވާ ކޮށްގެން އިންފަދައެވެ. ޒާލިކް އިނީ އަލާޔާގެ ހަރަކާތްތަކަށް ސަމާލުކަން ދީގެންނެވެ. އަލާޔާގެ އެ މަޑުމައިތިރި މިޒާޖު ފެނުމުން އެހިތަށް އުނދަގޫވީ ކީއްވެކަމެއް ނޭނގެއެވެ. ތޮޅެލާ ހިތްވަނީއެވެ. އެ ރީތި މިއުޒިކެއްފަދަ އަޑުން އޭނާއާއި ދިމާލަށް އެއްޗެހި ކިޔާ އަޑުއަހަން ބޭނުންވަނީއެވެ. ޒާލިކް ފުން ނޭވާއަކާއެކު ބޮލުގެ އިސްތަށިގަނޑަށް އަތް މަހާލިއެވެ. އޭރު ދެމީހުންގެ ހަރަކާތްތަކަށް ބަލަން އިން އަފްލާކް އިނީ ބަނޑަށް ހީހީ ވަރުބަލިވެފައެވެ.

އެވަގުތު ގޭގެ ބެލް އަޅާލި އަޑަށް ސަމީމާ ފުންމައިގެން ތެދުވިއެވެ. އަފްލާކްއަށް ހިނިގަނޑު ހިފަހައްޓާލެވުނީ ކިރިޔާއެވެ. މަންމަގެ މިހާ ގާތް އެކުވެރިއެއް ހުންނަކަން އެނގުނީ ކިރިޔާއެވެ. އަލާޔާވެސް އިނީ ހިނިއައިސްފައެވެ. ތެދުވެގެން ބާރު ހިނގުމެއްގައި ގޮސް ދޮރުހުޅުވާލި ސަމީމާއަށް ހިނިތުންވެލެވުނީ ކުރިމަތީ ތިބި މީހުން ފެނިފައެވެ.

“ކޮބާ އަވަހަށް އާދޭ… ދަރިންކޮޅު އެބަތިބި އެތެރޭގަ..” ސަމީމާ ހިނިއައިސްފައި ވާހަކަދެއްކުމުން ރަޒީނާވެސް ހިނިއައެވެ. ކައިރީގައި އަލާން ހުރިއިރު ފަހަތުގައި ޔަލްވީ އަދި ޔުނާން އަތުގުޅުވާލައިގެން ތިއްބެވެ. ޔަލްވީގެ އަތުގައި ހިފަހައްޓާލައިގެން އާޝޯޚުވެފައި މުޅި ގެއަށް ބަލަމުންދިޔަ ޔުއާން ފެނިފައި ސަމީމާގެ ހިނިތުންވުން ފުޅާވިއެވެ. ގިނަ ދުވަސްތަކެއްނުވެ އޭނާއަށްވެސް އެފަދަ ދުވަހެއް ފެނުމުގެ ނަސީބު ލިބިދާނެއެވެ.

“ކޮބާތަ ޔަނާލް… ނާދޭތަ؟..” އެތެރެއަށް ވަތް ސަމީމާގެ ދުލުން ޔަނާލްގެ ނަން އަޑުއިވިފައި ސޯފާގައި ތިބި ތިންމީހުން ފުންމައިގެން ތެދުވިއެވެ. އަފްލާކްއަށް ވަދެގެން އައި އާއިލާ ފެނުމުން ހިންދިރުވާލަން ވެސް އުނދަގޫވެއްޖެއެވެ. ފުން ނޭވާއަކާއެކު ޒާލިކްއަށް ބަލައިލިއިރު އަލާޔާ އަދި ޒާލިކްގެ ނަޒަރުވެސް ވަނީ އޭނާއަށް ހުއްޓިފައެވެ.

“ނޫނޭ އެބައާދޭ.. މިތަނުން އެކުވެރިއެއް ފެނިގެން މަޑު..” “އަހާނ އެއޮއް އައީނު..” ރަޒީނާގެ ޖުމުލަ ފުރިހަމަ ނުވަނީސް ޔަލްވީ ވާހަކަދެއްކި އަޑަށް އެންމެންނަށް ދޮރާއި ދިމާލަށް ބަލައިލެވުނެވެ. އެވަގުތު ޔަނާލްގެ ދެފައި ހީވީ ގަނޑުވިހެންނެވެ. އޭނާއާއި ދިމާލަށް ހުއްޓިފައިވާ އެންމެންގެ ނަޒަރުތަކުގެ ތެރެއިން ވެސް އަފްލާކްގެ ފުން ކަނޑެއްފަދަ ދެލޯ ފެނިފައި ހިންދިރުވާލަން މަޖުބޫރުވެއްޖެއެވެ. އެތެރެހަށީގައި ދުވެލި ފިނި ރާޅާއިއެކު އޭނާ އިސްޖަހާލިއެވެ. މަންމަ އޭނާ ގޮވައިގެން އެއައީ މިގެއަށްހެއްޔެވެ؟

 

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🥀lizzie🥀

Level 410 Stories100 Login

Other Articles

Vaanan umurah
Previous

ވާނަން އުމުރަށް( 6)

Next

ލޯބި ވެވުމުން 4

Next
February 2, 2022

ލޯބި ވެވުމުން 4

Previews
February 2, 2022

ވާނަން އުމުރަށް( 6)

Vaanan umurah


All Right Reserved!