ހިނިތުންވެލާށޭ ކަލާ 8
“ހަހަހަ… ރައި ބުނެބަލަ.. ރައިއަށް ޖިޔާ ކައިރީގައި ހުރި އަންހެން ކުއްޖާ ފެނިއްޖެޔާ ކިހިނެތް ހަދާނީ؟ އޭނާގެ ދުވަސް ދުއްވައިލާނީ؟” އިޒްހާ ގޮސް ހުއްޓުނީ ކޮޓަރި ކުޑަދޮރު ކައިރީގައެވެ.
“އާނ! ޔަގީނެއްނު. ޖިޔާ އާއި ދިމާއަށް ބަލައިލާކަށް އެ ދެލޯވެސް ސަލާމަތަކުން ނުބަހައްޓާނަން.” ރައިލީ އެހެން ބުނުމާއިއެކު އިޒްހާ ހީބިހި ނަގައިގަތެވެ.
“ހޫނ.. ހޫނ.. ދެން ހެވޭ، ކޮބާތަ ދޮންތަ؟” އިޒްހާ ވާހަކަ ބަދަލުކޮށްލުމުގެ މަގްސަދުގައި ބުންޏެވެ.
“ދޮންތަ… އެބައިން މިތާ.. ދޭންވީތަ ފޯނު؟” ރަހޫލް ވާހަކަ އެހުމާއިއެކު ރައިލީގެ އަޑުގައިވީ ކަންބޮޑުވުމެވެ.
“އާނ. ދީބަ…” އިޒްހާ ހީލަމުން ބުންޏެވެ.
“ހަ.. ހަލޯ.. އިޒޫ؟” ރަހޫލްގެ ކުރަކިވެފައިވާ އަޑު އިވުމާއިއެކު އިޒްހާގެ ހިނިތުންވުން މުޅިން ފިލައި ދިޔައެވެ.
*****
“ދޮންތާ؟؟ ކިހިނެތްވީ؟ ކާކު ދޮންތަ ރޮއްވައިލީ؟” އިޒްހާ ކަންބޮޑުވުމާއިއެކު އަވަސް އަވަހަށް އެއްސެވެ.
“އިޒޫ.. ދޮންތަ އޯކޭޔޭ.. ނުރޮން. އެއީ ހީވާގޮތް. ދޮންތަ ދެންމެ ނިދައި ތެދުވީމި. އެހެންވެ.” ރަހޫލް ފޭކު ހިނިތުންވުމަކާއިއެކު ބުނެލި އަޑު އިވުނެވެ.
“ދީބަ ފޯނު.. ހަ.. ހަލޯ؟ އިޒޫ..” ރައިލީ ފޯނު އަތުލިއެވެ.
“ވަޓްސް ގޮއިން އޯން؟!؟” އިޒްހާއަށް ތަންކޮޅެއް ބާރަށް އެހުނެވެ.
“ލުކް… ދޮންތަ މެރީކުރަން އެއުޅެނީ ނުވެސް ދަންނަ މީހަކާ. މަންމަ ކުރިންވެސް ބުނެފަ އޮތީ ފަންސަވީސް އަހަރު ވީމަ ދެން މެރީ ނުކޮށް ހުންނަންޏާ މަންމަ އޭ ދެން މީހަކު ހޯދާނީ. ދޮންތަގެ މެރީ ކުރެވޭނެ ނެކްސްޓް މަންތްގަ… އަހަރެންވެސް މި ހުންނަނީ ގޮތް ހުސްވެފަ.” ރައިލީ އެހެން ބުނެވުނުއިރު ރޮވިއްޖެއެވެ.
“ރައި.. ޑޯން ވަރީ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް. އެހަށް ބާއްވަނީ. އެންމެންނަށް ވަރަށް ބޮޑަށް ސަލާމް.” އިޒްހާ ފޯނު ބޭއްވީ ރަހޫލްގެ ހާލާއި މެދު ހިތާމަކުރަމުންނެވެ.
“ޖީޒް! ވަޓް ޝުޑް އައި ޑޫ؟ އެއްކޮޅުން ދޮންބެ. އަނެއްކޮޅުން ދޮންތަ.” އިޒްހާ ނިތްކުރި މަތީގައި އަތް އަޅައިލީ ދެލޯ މަރަމުންނެވެ.
…..
ރުކައިން އިސްތަށިގަނޑުގައި ހިފަހައްޓައިގެން ހުރިއިރު އޭނާގެ ދެލޯވަނީ މެރިފައެވެ. ރޭގައި އިވުނު ވާހަކަތަކުން އޭނާހުރީ ބޯ ފަޅައިގެންދާވަރު ވެފައެވެ. އެއްކަމެއް ނިމުމުގެ ކުރިން އަނެއް ކަމެއް ފެށިފައިވުމުން ބޯ ހާސްވެފައި ހުރެވުނީ ވަކިވަރަކަށް ނޫނެވެ. ރުކައިން އަތުގެ މުށްތެރެއަށް ލައި ފޮރުވައިގެން އިން ފޮޓޯގަނޑަށް ބަލައިލިއެވެ. ބުރުގާ އަޅައިގެންހުރި ދޮން އަންހެން ކުއްޖެއް ހަމަ އެހާމެ ދޮން ކުޑަ ތުއްތު ކުއްޖަކު އުރައިލައިގެން ހުރިއިރު އެ އަންހެން ކުއްޖާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އެ ތުއްތު ކުއްޖާ އަންހެން ކުއްޖާއާއި ދިމާއަށް ބަލައިގެންހުރިއިރު އޮތީ ހެވިލައިފައެވެ. އެ ދޮން ކުޑަ މޫނަށް ޖަންބުކުލަ ވެރިވެފައިވުމުން އަދި އިތުރަށް ލޯބިކަމަށް ދައްކަމުން ދެއެވެ. އެ ފޮޓޯގަނޑަށް ކުޑަ އިރުކޮޅަކަށް ބަލަން ހުރުމަށްފަހު އޭނާ ހިތި ގޮތަކަށް ހިނިތުންވެލިއެވެ. އަދި އެ ފޮޓޯގަނޑުގައި އަތް ހާކައިލުމާއިއެކު އޭނާގެ ދުލުން ބޭރުވީ އެންމެ ދެ ބަހެވެ.
“އަހަރެންނަށް މާފްކުރޭ..”
…..
ރޭގަނޑެވެ. އިޒްއާން އެނދުގައި އޮތް އިރު ފިކުރުކުރެވެނީއެވެ. ރަހޫލްގެ ކައިވެނީގެ އަޑު އިވުނީއްސުރެ އެ ހިތުގައިވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ. ރަހޫލްއަށް ގުޅައި ކައިވެނި ނުކުރާށޭ ބުނަންވެސް ހިތަށްއެރިއެވެ. ވަރަށް ވިސްނައިފައި އޭނާ ކައިރީގައި އޮތް ފޯނުނަގައި އެނދުން ތެދުވެގޮސް ކުޑަދޮރު ހުޅުވައިލިއެވެ. ދެން އޭނާ ފޯނު ހުޅުވައި ‘ރަހޫ’ ގެ ނަމުން ސޭވްކޮށްފައިއިން ނަމްބަރަށް ފިއްތައިލީވެސް ވަރަށް ހިތްވަރުކޮށްފައެވެ. އެއާއިއެކު އޭނާއަށް ދެފަރާތަށް ބޯހަލުވައިލުމަށްފަހު އަވަހަށް ފޯނު ކަޑައިލެވުނެވެ. އިޒްއާން ހަދަންވީ ގޮތެއް ނޭނގިފައިހުރެ އެންމެ ފަހުން ނެތް ހިތްވަރު ލައިގެން އަނެއްކާވެސް ގުޅިއެވެ. ދިހަ ސިކުންތުތެރޭގައި އެކޮޅުން ފޯނު ނެގިއެވެ.
“ހަލޯ…” ރަހޫލްގެ އެ މިއުޒިކީ އަޑު އޭނާގެ ކަންފަތުގައި ޖެހުމާއިއެކު ބޭއިޚްތިޔާރުގައި ދެލޯ މަރައިލެވުނެވެ.
“ހަލޯ؟ ކާކުތަ؟” ރަހޫލް އެކޮޅުން ބުނި ނަމަވެސް އިޒްއާން ޖަވާބެއް ނުދެއެވެ.
“އަޅެ ކިހާ ދެރަ ކަމެއްތަ؟ ވާހަކަ ނުދައްކަންޏާ ކީތްކުރަންތަ ތި ގުޅަނީ؟ ހަމަ ތާކުން ލިބޭހާ ނަންބަތަކަށް ގުޅަން ޖެހޭތަ؟” ރަހޫލް ކައިރިއަށް އައީ ރުޅިއެވެ.
“ހާދަ ރުޅިއެކޭ އަހަރެންދެކެ ތި އަންނަނީ؟” އިޒްއާންއަށް ލާނެތް ހިނިތުންވުމަކާއިއެކު ބުނެވުނެވެ.
“އިޒް.. އާން؟ ސޮރީ.. ވަރަށް ބޮޑަށް. އަހަރެން ހީކުރީ..” ރަހޫލް ލަދުވެތިކަމާއިއެކު ބުނެލިއެވެ.
“އިޓްސް އޯކޭ.. ރަހޫ ކިހިނެތް؟” އިޒްއާން ހީލަމުން ބުނެލިއިރު އޭނާގެ ޖެހިލުންވުން އެކަށްހެން ފިލައިގެން ގޮއްސިއެވެ.
“އަހަރެން ރަނގަޅު ހަމަ.. އާން ކިހިނެތް؟” ރަހޫ އޭ ކިޔައި އެހެން ބުނުމާއިއެކު އޭނާގެ ދެކޯ ކުޑަކޮށް ރަތްވިއެވެ.
“އަހަރެންވެސް ހަމަ ރަނގަޅު.” އިޒްއާން ހިނިތުންވެލަމުން ބުންޏެވެ.
“އެން.. ކިހިނެތް އަހަރެންގެ ނަންބާރ ހޯދީ؟” ރަހޫލް އެއްސެވެ.
“ހެހެހެ… ކުރީގަ އޮފީހުގައެއްނު އުޅުނީ. އެހެންމަ ވަރަށް ފަސޭހައިން ނަންބަރު ހޯދޭނެއެއްނު. އެހެން ނޫނަސް އައި ތޮޓް ވީ ވާރ ފްރެންޑްސް..” އިޒްއާން ބުނެލިއެވެ.
“އޯހް. އެހެން ދޯ މިވީ..” ރަހޫލް ބުންޏެވެ.
“އާނ… އެން.. އެ ތެދެއްތަ ރަހޫ ތި އުޅެނީ މީހަކާ މެރީކުރަންތަ؟” އިޒްއާން ހިތް ތެޅިތެޅި އޮތް ހާލު އެ ޔަޤީންކޮށްލުމަށްޓަކައި އެއްސެވެ.
“އެހްހްހް.. އަހްމްް… ޔެ.. ޔެސް.. އަހަރެން ވަރަށް އަވަހަށް މި އުޅެނީ މީހަކާއި މެރީކުރަން. ނެކްސްޓް މަންތްގަ. މިއަންނަ ހަފްތާ ރަން ކިޔަނީ..” ރަހޫލްގެ ދެލޮލުން ހޯސްލައިފައި ކަރުނަތައް ފޭބި ނަމަވެސް ހިތްވަރުކޮށްފައި ބުންޏެވެ.
“އަނޭ.. މީ.. މަންމަ އެބަ ގޮވާ.. ދަނީ އިނގޭ…” ކެތްނުކުރެވޭނޭހެން ހީވުމުން ރަހޫލް ދޮގެއް ހަދައިލަމުން ފޯނު ކަނޑައިލިއެވެ.
އިޒްއާންވެސް ހަމަ އެ ހުރި ގޮތަށް ގަނޑުވެފައި ހުރިއިރު އެ ދެލޮލުން ފެންނަމުން ދިޔައީ ހުސްކަމެވެ. ފުރަތަމަ ލޯބި ގެއްލިދާނެކަމުގެ ބިރަށްޓަކައި އޭނާގެ ދެލޮލުން ފައިބަން އުޅުނު ކަރުނަތައް އޭނާ ހިންދައިލީ ގަދަ ކަމުންނެވެ. މި ފަދަ ގޮތަކަށް ރަހޫލް ގެއްލޭތަން ބަލާކަށް އޭނާ ބޭނުމެއް ނުވިއެވެ. އިޒްއާން ކުޑަދޮރު ލައްޕައިލުމަށްފަހު ގޮސް އެނދުގައި އިށީނދެ އިސްތަށިގަނޑުގައި ދެ އަތުން ހިފައި ބާރުކޮށްލަމުން ދެލޯ މަރައިލިއެވެ. އޭނާގެ ހިތުގައި ހީވަނީ މީހަކު ދަނގަޑުގަނޑަކުން ތަޅާ ހެންނެވެ. އެހާވެސް އެ ހިތަށް ލިބިފައިވާ ހިތާމަވެރިކަން ބޮޑެވެ. އޭނާ ހިތަށް އެރިއެވެ. ކުރިން ރަހޫލްދެކެ ލޯބިވާ ވާހަކަ ބުނެވުނުނަމަ މި ގޮތަކަށް ނުވީހެވެ. އޭނާއަށް ވަގުތު ފާއިތުވުމުގެ އިހުސާސްކުރެވެމުން ދިޔަ ވަރަކަށް ހިތުގެ ރިހުން ދިޔައީ އިތުރަށް ގަދަވަމުންނެވެ.
“ޑޭންގް އިޓް!” އިޒްއާން ގޮއްމުށުން އެނދު ކައިރީގައިހުރި ސައިޑް ޓޭބަލް މަތީގައި ޖެހިއިރު ދެލޯ ފުރިފައިވަނީ ކަރުނައިންނެވެ.
…..
އަނެއް ދުވަހުގެ އިރު އަރައިފިއެވެ. އިޒްހާ ތެދުވެ ހެނދުނު ސައި ގިރުމަށްފަހު ދިޔައ އިސްކޫލަށެވެ. ޒާކިންވެސް ރިސޯޓު ދަތުރަކަށް މާދަމާ އަންނަ ގޮތަށް ފުރިއެވެ. އިޒްހާ މެންދުރު އައި އިރުވެސް އިޒްއާން ކޮޓަރިއަކުން ނުނިކުތެވެ. މެންދުރު ކާން ހެދިއިރު ނިކުތީ ކަޔާން އެކަންޏެވެ. އޭނާ ކައިގެންވަނީ ކޮޓަރިއަށެވެ. ދޭއްޖަހައިގެން ގޮސް ދެގަޑި ބައިވިއިރުވެސް އިޒްއާންގެ ހިލަމެއް ނުވިއެވެ. އިޒްހާ ކަންބޮޑުވާން ފެށީ މިހިސާބުންނެވެ. އޭނާ ގޮސް އިޒްއާންގެ ކޮޓަރީގެ ދޮރު ކުރިމަތީގައިހުރެ ޓަކި ޖަހަން ފެށިއެވެ. އިޒްއާންގެ ހިލަމެއް ނުވިއެވެ.
“ދޮންބޭ، ދޮރު ހުޅުވަބަލަ.. ދޮންބޭ؟ ކިހިނެތް ވީތަ؟ ބުނީމައެއްނު އިނގޭނީ.. ދޮންބޭ!” އިޒްހާ ދިހަ ވަރަކަށް މިނެޓު ވަންދެން ދޮރުގައި ތެޅިއިރުވެސް ދޮރެއް ނުހުޅުވިއެވެ.
“ކަޔާން،” ކަޔާން އޭނާގެ ކޮޓަރީގެ ދޮރު ހުޅުވީ މީހަކު ގޮވާ އަޑަށެވެ.
ކުރިމަތީގައި ކަރުނަވީ ދެލޮލަކާއިއެކު ހުރި އިޒްހާ ފެނުމާއިއެކު ހާސްވީ ވަކިވަރަކަށްނޫނެވެ. އިޒްހާއަށް ކުރަމުން ދިޔަ ނަފްރަތު ދިޔައީ ކޮން ދިމާލަކަށް ކަމެއްވެސް ނޭނގުނެވެ.
“އި.. އިޒްހާ؟ ކިހިނެތްވީ؟ ކީތްވެ ތި ރޮނީ؟” ކަޔާން އިޒްހާގެ ދެކޮނޑުގައި ހިފައިލަމުން އަހައިލިއެވެ.
އިޒްހާ އިޒްއާންގެ ދޮރު ނުހުޅުވި ވާހަކަ އާއި ކާން ނުނުކުންނަ ކަމަށް ބުނުމުން ކަޔާންވެސް ހާސްވެއްޖެއެވެ. އޭނާވެސްގޮސް އިޒްއާންގެ ކޮޓަރީގައި ވަރަށް ބާރަށް ތަޅަން ފެށިއެވެ. އެވަރަކުންވެސް ނުހުޅުވިއެވެ. ކަޔާން ފޯނުން ގުޅަންވެސް ގުޅިއެވެ. ބުނަނީ ފޯނު އޮތީ ނިއްވައިލައިފައި ކަމަށެވެ.
“ދެން ކިހިނެތް ހަދާނީ؟” އިޒްހާ ކަޔާން އާއި ދިމާއަށް ބަލައިލަމުން ގޮތްހުސްވެފައިހުރެ ބުންޏެވެ.
ކަޔާން ދެބުމަ ކައިރިކޮށަލަމުން އެއްފަހަރު އިޒްހާއަށް ބަލައިލުމަށްފަހު އަނެއްފަހަރު ކޮޓަރީގެ ދޮރާއި ދިމާއަށް ބަލައިލިއެވެ. އެއަށްފަހު ކަޔާން ގޮސް ދޮރުގައި ފައިން ވަރަށް ބާރަށް ދެތިން ފަހަރު ޖަހައި ވައްޓައިލިއެވެ. އިޒްހާ އެއިރުހުރީ އަނގަމަތީގައި އަތް އަޅައިގެންނެވެ. ކޮޓަރި ތެރެއަކު އެއްވެސް އަލިކަމެއްނެތެވެ. ދެމީހުން ދެމީހުނަށް ބަލައިލުމަށްފަހު ކޮޓަރި ތެރެއަށްވަނެވެ.
“ދޮންބޭ،” ފެނުނު މަންޒަރާއިއެކު އިޒްހާއަށް ހަޅޭލަވައިގަނެވުނުއިރު ކަޔާންއަށްވެސް ހުރެވުނީ ގަނބު އަރައިފައެވެ.
…..
ރަހޫލްހުރީ ކެފޭއެއްގައި ހުރި ދެމީހުންނަށް އިށީނދެވޭވަރުގެ މޭޒެއްގެ ކައިރީގައި އިިށީނދެގެންނެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލައިފައިވީއިރު ލައިގެންހުރީ އަތްކުރު ޓީޝާޓަކާއި ކަޅު ޖިންސެކެވެ. މޫނުގައި އެއްވެސް މޭކަޕެއްކޮށްފައި ނެތްކަމުގައި ވިޔަސް ހަޑިއެއް ނޫނެވެ. އިރުކޯކޮޅުން ފޯނުން ގަޑި ބަލަމުން ދާއިރު މީހަކަށް އިންތިޒާރުކުރާ ކަހަލައެވެ.
ރަހޫލްގެ އިންތިޒާރަށް ނިމުމެއް އައީ ކެފޭތެރެއަށް ޒުވާނަކު އައިސް ވަދުމުންނެވެ. އިސްކޮޅުން ދިގުވެފައި ދޮނެވެ. ލައިގެންހުރި ކަޅުކުލައިގެ ގަމީސް އުޅަބޮއްޓާއި ހަމައަށް އޮޅާލައިފައިވުމުން ވަރަށްވެސް ފިރިހެންވަންތައެވެ. އޭނާ އަޅައިގެން ހުރި އަވިއައިނު ނަގައިފައި އައިސް ރަހޫލްގެ ކުރިމައްޗަށްވާ ގޮތަށް އިށީނދެ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ރަހޫލްވެސް އަސަރެއް ނެތް ގޮތަކަށް ހިނިތުންވެލިއެވެ.
“ރަހޫލް..” އެ ޒުވާނާ ގޮވައިލިއެވެ.
“ޒަކްވާން… ލޯންގް ޓައިމް ނޯ ސީ…” ރަހޫލްގެ އަނގައިން ނިކުތް މި ބަސްކޮޅުންވެސް އެއީ ކުރިންވެސް އެނގިފައިވާ މީހެއްކަން ދޭހަވެއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Wow haadha reechy mi part ves
I’m curious about Iz’aan
Thank u @horror queen.. ✌???