
ގެއަށްވަތް ފަރީޝާގެ ބައްޕަގެ މިސްރާބު ހުރީ ފަރީޝާގެ ކޮޓަރިއާ ދިމާލަށެވެ.ފަރީޝާގެ ކޮޓަރިއަށްވަދެ އެނދުގައި އޭނާ އިށީންދެލިއެވެ.އަދި ވިސްނަން އިނދެ މުޅިތަނަށް ނަޒަރު ހިންގަންފެށިއެވެ.ތަންތަން ބަލަމުންދަނިކޮށް އެނދުކައިރި އިން ކުޑަމޭޒުމަތީގައި އޮތް ފަރީޝާގެ ސިޓީ އޭނާގެ ލޮލުގައި އަޅައިގަތެވެ.އެހެންކަމުން އެސިޓީ ނެގުމަށްފަހު ކިޔާލަންވެގެން އެނދުގައި އިށީނދެލިއެވެ.އަދި މަޑުމަޑުން ސިޓީ ހުޅުވާލިއެވެ.
“ލޯބިވާ ބައްޕައަށް….ބައްޕަދެކެ ފަރީޝާ ނުހަނު ލޯބިވިން…އަދި މިހާރުވެސް ލޯބިވޭ…މުޅިއުމުރަށްވެސް ލޯބިވާނަން…ފަރީޝާގެ އުފަންމަންމަ މަރުވިދުވަހުން ފެށިގެން އެކަނިމާއެކަނި ފަރީޝާގެ ކަންތައްކޮށްދީ ފަރީޝާ ބެލީ ބައްޕަކަންވެސް ފަރީޝާއަށް އިނގޭ…އަދި ބައްޕަ ފަރީޝާއަށްވި އޯގާތެރިކަން ދުވަހަކުވެސް ފަރީޝާގެ ހިތަކުން ފުހެނުލާނަން…ބައްޕަ ދިން އެއޯގާތެރިކަމާ އެއިހުސާންތެރިކަމުގެ ބަދަލު އުމުރުދުވަހު މަސައްކަތްކުރިއަސް ފަރީޝާއަކަށް ނުދެވޭނެ…ބައްޕަ ދޮންމަންމައަކު ހޯދީ ފަރީޝާގެ ކަންކަން އެކަނިކުރަން ބުރަކަމަކަށްވީމަ ކަންވެސް ފަރީޝާއަށް އިނގޭ..އަދި އެކަމަށް ބައްޕަ ކުށްވެރިއެއްވެސް ނުކުރަން…އެއީ ބައްޕަގެ ހަޔާތަށް ބައްޕަ ބޭނުންމީހަކު ގެނައުމުގެ އިހުތިޔާރު ބައްޕައަށް ލިބިގެންވޭ..ހަމައެގޮތަށް ފަރީޝާއަށްވެސް އެއިހުތިޔާރު ލިބެންޖެހޭނެ…
ރޭގަ ބައްޕައާ ދިމާލަށް ދައްކަންނުވާނެހާ ހަޑިކޮށް ފަރީޝާއަށް ވާހަކަދެކެވިއްޖެ…އެކަމާ ފަރީޝާ ދެރަވެ ލަދުގަންނަން..އެކަމަކު އެހެންއެގޮތަށް އެވީ ފަރީޝާ ދެރަވެ ރުޅިއާދެެވުމުން…ފަރީޝާވެސްމީ އިންސާނެއް މިހަށިގަނޑުގެ އެތެރޭގައިވެސް ހިތެއްވޭ…އިހުސާސްތަކެއްވޭ…ދޮންމަންމަގެ އަނިޔާވެރިކަން ބައްޕައަށްވެސް ހަމަރަނގަޅަށް އިނގޭނެ…ފަރީޝާ ބައްޕަގެ ފަރާތުން ބޭނުންވީ ހަމައެންމެ ކަމެއް…އެއީ ފަރީޝާ ކުޑައިރު ހިމާޔަތް ކުރިގޮތަށް މިހާރުވެސް ފަރީޝާ ހިމާޔަތްކޮށްދިނުން..ދޮންމަންމަގެ އެއަނިޔާވެރިކަމާ ދެކޮޅަށް ބަސްބުނެ ފަރީޝާ ދިފާއުކުރުން..މީ ބައްޕައަށް ވަރަށް އުދަނގޫކަމެއްތަ ބައްޕާ؟…
ފަރީޝާ ތިގޭތެރޭގަ އުޅުނީ އަޅަކުވެސް ނޫޅެހާ ދަށުދަރަޖައެއްގަ…އެއަނިޔާތަކާ އެބާކީކުރުންތަކާ އެތަފާތުކުރުންތަކަށް ކެތްނުކުރެވުމުން މިއަދު ފަރީޝާއަށް މިގޮތަށް ފިލައިގެން ގެއިން ނިކުންނަން މިޖެހުނީ…މިގޮތަށް ދާން ޖެހުނީތީ ދެރަވެސްވޭ…ފަރީޝާ ވިޔާމްގެ ރަށަށް ދިޔަސް ބައްޕ ަލަދުގަންނަންޖެހޭ އެއްވެސްކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން…މިއަދާ ހަމައަށް އައިއިރުވެސް ބައްޕަ ލަދުގަންނާނެ ކަމެއް ކޮށްފައެއް ފަރީޝާއެއް ނުވާނެ…ވިޔާމާ ސިއްރުންބައްދަލުކުރަން ޖެހުނީވެސް އެކަން އަންގައިފިނަަމަ ދޮންމަންމަ ހުރަސްއަޅާނެކަން އިނގޭތީ…ފަރީޝާގެ ހާލަތު ބައްޕައަށް ވިސްނޭނެކަމަށް އުންމީދުކުރަން…ވީމާ ފަރީޝާގެ އެދުމަކީ ބައްޕަ ފަރީޝާއަށް މާފުކޮށް ބައްޕަގެ ހިތް ފަރީޝާއަށް ސާފުކޮށްދިނުން…ބައްޕަގެ ފަރީޝާ” ފަރީޝާގެ ސިޓީގައި ވެއެވެ.
ސިޓީ ކިޔާ ނިމުނުތަނާ އެކޮޓަރިއަށް ދޮންމަންމަ އައެެވެ.”އެއްވެސް މީހަކަށް ނޭނގުނު އެވިޔާމް އުޅޭރަށެއް” މޫނު ކުނިކޮށްގެންހުރެ ދޮންމަންމަ ބުނެލިއެވެ.ދޮންމަންމަ އައުމުން ފަރީޝާގެ ބައްޕަ ސިޓީ ބޮނޑިކޮށްލުމަށްފަހު އެފޮރުވިއެވެ. “އޭނަ ހޯދަން އުޅޭނެކަމެއްނެތް..އޭނަ އުޅޭނެގޮތަކަށް އުޅެން ބަހައްޓާ” ކޮޓަރިން ނިކުންނަން ހިނގައިގަންނަމުން ފަރީޝާގެ ބައްޕަ ބުނެލިއެވެ. “އެއީ؟” ދޮންމަންމައަށް ވަގުތުން އަހާލެވުނެވެ. “އެއީ އޭނާއަކީ އަށާރަ އަހަރުވެފަ ހުރިމީހަކަށްވާތީ އޭނާގެ ނުރުހުމުގަ އަހަރެމެންނަކަށްވެސް އޭނާ ނުގެނެވޭނެތީ…އަހަރެމެންނަށް އޭނާ ކުޑަވިއަސް ގާނޫނީ ގޮތުން އެއީ ބޮޑުމީހެއް” ދޮންމަންމަގެ ސުވާލަށް ހުއްޓިލުމަށްފަހު ފަރީޝާގެ ބައްޕަ ޖަވާބުދިނެވެ.އަދި އެހެންބުނުމަށްފަހު އެކޮޓަރިން އޭނާ ނިކުތެވެ.ފަރީޝާގެ ބައްޕަ ދާމަންޒަރުބަލަން ފުސްމޫނު ހަދައިގެން ދޮންމަންމަ ހުއްޓެވެ.
*********
ވިޔާމްގެ ރަށަށް ލޯންޗު ލެފުމާއެކު ފަރީޝާއާ ވިޔާމް ލޯންޗުން ފޭބިއެވެ. “އެހެރީ މަންމަމެން” މެދުއުމުރުގެ އަންހެނަކާ ފިރިހެނެއްގެ އިތުރުން ކުޑަކުއްޖަކު އުރައިގެން ހުރި އަންހެނަކު ދައްކާލަމުން ވިޔާމް ފަރީޝާއަށް ބުނެލިއެވެ.އަދި އެމީހުންނާ ދިމާލަށް ވިޔާމްމެން ހިނގައިގަތެވެ. “ދަރިފުޅު ކުއްލިއަކަށް ގުޅާފަ އަންނަވާހަކަ ބުނީމަ ރަނގަޅު އެއްޗެއްވެސް ތައްޔާރެއް ނުކުރެވުން…އެކަމަކުވެސް ހުންނާނެ ކޮންމެވެސް އެއްޗެއް ހަދާފަ..މީދޯ ފަރީޝާއަކީ؟” ވިޔާމްގެ މަންމަ ވާހަކަދެއްކީ ވަރަށް ހިތްހެޔޮކަމާއެކުގައެވެ. “އެރަނގަޅުވާނެ…ކުއްލި ކަމެއްދިމާވެގެން އަންނަޖެހުނީ..މީ ފަރީޝާ އާނ” ވިޔާމް ބުނެލިއެވެ.”ކުޑަބެގެ ވަރޫ ދޯ މީނީ” ވިޔާމްގެ އެއްބަނޑު އެއްބަފާ އަންހެންދައްތަގެ އަށްމަހުގެ ދަރި ވަރުދާ އުރާލުމަށްފަހު ބުނެލިއެވެ.
އެންމެންވެސް އެއްވަރަށް ހިނގަމުން ގެއާ ހަމައަށް ދިޔައެވެ.ގެއަށްދިޔަ މަގުމަތީގައި ވިޔާމްގެ މަންމަމެން ފަރީޝާއާ ވަރަށް އަނގަަތެޅިއެވެ.އޭނާގެ މައުލޫމާތުތައްވެސް އޮޅުންފިލުވާ ހެދިއެވެ.ގެއަށްވަދެ އެއްޗެހިތައް ކޮޓަރިއަށްލުމަށްފަހު އެންމެންވެސް ސައިބޯން ކާގެއަށް ވަނެވެ.އެންމެންވެސް ފަރީޝާއަށް ވަރަށް ހެޔޮއެވެ.ފަރީޝާގެ ދޮންމަންމަގެ އަނިޔާވެރިކަމުގެ ދަށުގައި ފަރީޝާ އުޅުނު ހިތްދަތި ދިރިއުޅުމުގެ ވާހަކަތަކާއި ކުއްލިއަކަށް އަންނަން ޖެހުނު ސަބަބުވެސް ވިޔާމް އޭނާގެ މައިންބަފައިންނާ ހިއްސާކުރިއެވެ.އެވާހަކަތައް އަޑުއަހަންތިބި އެމީހުން ފަރީޝާގެ ހާލާ ދޭތެރޭގައި ހަމްދަރުދީވިއެވެ.
“މިރޭ ވާނެ ފިހާރައަށްދާންް އަންނައުނުކޮޅަކާ އެއްޗެހި ފަރީއަށް ގަނެދެން ބޭނުން..ފަރީ ތިގެންގުޅޭ އެއްޗެހިތައް އުކާލާ..ވަރަށް ބާވެފައެއްނު ތިހުރީ” ކޮޓަރިއަށްވަދެ ފޮށިހުސްކުރަން އުޅުނު ފަރީޝާއަށް ވިޔާމް ބުނެލިއެވެ.ވިޔާމްމެން ދިރިއުޅެމުންދަނީ އަތޮޅުވެރިކަންކުރާ ރަށުގައި ކަމަށްވާތީ އެރަށަކީ ތަރައްގީ ރަށެކެވެ.އެކިކަހަލަ ބައިވަރު ފިހާރަތައް އެރަށުގައި ހުރެއެވެ.ވިޔާމަކީ އެރަށުގެ ގަދަރުވެރި މުއްސަނދި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ.އޭނާއާއި އޭނާގެ އާއިލާ މެންބަރުންނަކީ ރަށުގެ މަތީ މަގާމުތަކެއްގައި ވަޒީފާަ އަދާކުރާ ބައެކެެވެ. އެގޮތުން ވިޔާމްގެ ބައްޕައަކީ ރަށުގެ ޒިންމާދާރުވެެރިއާ ކަމުގައި ވާއިރު މަންމައަކީ އަންހެނުންގެ ކޮމިޓީގެ އިސްވެރިޔާއެވެ.އަދި ވިޔާމަކީ ރަށު ކައުންސިލަރެވެ.ވިޔާމްގެ ދައްތައަކީ ރަށު ސުކޫލުގައި ވަރަށް ޒަމާންވަންދެން މަސައްކަތްކުރި ދުވަސްވީ ޓީޗަރެކެވެެ.ނަމަވެސް ދަރިއަކު ލިބުނުފަހުން އޭނާ އެވަޒީފާ ދޫކޮށްލީއެވެ.މިހާރު އޭނާގެ ދައްތައުޅެނީ އަމިއްލަ ފިހާރައެއް ހުޅުވައިގެން ފިހާރަ ހިންގުމުގައެވެ.ދައްތަގެ ފިރިމީހާއަކީ ރަށާކައިރި ރިސޯޓެއްގައި ވަޒީފާ އަދާކުރާ މީހެކެވެ.ދޭތެރެއަކުން ރަށަށް އަޔަސް ގިނައިން އުޅެނީ ރިސޯޓުގައެެވެ.މިވަގުތުވެސް އޭނާވީ ރިސޯޓުގައެވެ.
*********
ރޭގަނޑު އަށެއްޖެހުމުން ފިހާރައަށްގޮސް އަންނައުނާ ފަރީޝާ ރީތިވާން ބޭނުންވާނެ ބައިވަރު ސާމާނު ވިޔާމް ނެގިއެވެެ.އެމީހުން ވިޔަފާރިކުރަން ދިޔައީ ވިޔާމްގެ ދައްތަގެ ފިހާރައަށެވެ.އެވަގުތު ކައުންޓަރުގައި އިނީ މަހު މުސާރައަށް މަސައްކަތްކޮށްދޭ އެރަށު އަންހެންކުއްޖެކެވެ.އެފިހާރައަކީ ރަށުގައި ހުރި އެންމެ ވިޔަފާރިވާ އެއްފިހާރައެވެ.ހުރިހާ ބާވަތެއްގެ ސާމާނު އެތާގައިވެއެވެ.އަންނައުނާ ކާތަކެއްޗާ ރީތިވާސާމާނަށް ދާންދެނެެވެ. “ތިނިމުނީ؟…އިތުރުއެއްޗެއް ބޭނުމެއްނުވޭތަ؟…ލަދުނުގަނު ނަގާތި އިނގޭ..ތީ މުސްތަގުބަލުގެ ވިޔާމްގެ އަނބިމީހާއެއްނު..އެހެންވީމަ ކުރިއަށް އޮތްތާ ފަރީގެ ޚަރަދުތައް ކުރަންޖެހޭނީ ވިޔާމަކަށްނު” ފަރީޝާ ލަދުންހުރުމުން ވިޔާމް ބުނެލިއެވެ.
ފަރީޝާގެ ހަޔާތުގައި ދުވަހަކުވެސް އޭނާއަށް ލިބިފައިނުވާހާ ބައިވަރު ސާމާނު ވިޔާމް މިރޭ އޭނާއަށް ގަނެދިނެެވެ.ދައްތަގެ ފިހާރަކަމުން ވިޔާމަށް އެތަނުން އަގުހެޔޮކޮށް އެއްޗެހި ލިބެއެވެ.މިރޭވެސް އޭނާއަށް ޑިސްކައުންޓެއް ސޭޓުދިނެވެ. “ޑިސްކައުންޓް ނުދިނަސް އޯކޭވާނޭ” ވިޔާމް ބުނެލިއެވެ. “ބޮޑުމީހާ ބުނެފަ އިންނަނީ އާއިލާމީހުންނަށް ޑިސްކައުންޓް ދޭން” ސޭޓު ބުނެލިއެވެ.
ފިހާރައިން ވިޔަފާރިކޮށްގެން ނިކުތް ފަރީޝާ ހުރީ ވަރަށް އުފާވެފައެވެ.ފިހާރައިން ނިކުމެ އެދެމީހުން ސައިކަލުގައި މުޅިރަށުތެރޭގައި ދުއްވިއެވެ.ވިޔާމްގެ ރަށަށް އައިފަހުން ވަރަށް ގިނަ އާކަންތައް ފަރީޝާއަށް ތަޖުރިބާކުރަން ޖެހުނެވެ.އެގޮތުން އެންމެން އެއްވަގުތެއްގައި އެއްމޭޒުދޮށުން ކެއުމާއި، ދުވަހަކުވެސް ސައިކަލަކަށް އަރާފައިނުވާ ފަރީޝާ ސައިކަލަށް އެރުމާއި، މީހަކު އޭނާ ގޮވައިގެން އޭނާއަށް ވިޔަފާރިކޮށްދެން ދިޔުންފަދަ ކަންކަމެވެ.ވިޔާމްގެ ރަށަށް ފުރަތަމަ ދިޔަދުވަހުވެސް ހަޔާތަކީ ކޮބައިކަން އޭނާއަށް ދަސްވެއްޖެކަހަލައެވެ.
2 Comments!
Comments are closed.
Oh yay fareesha
Viyaam haadha ragallhey dhw
BtW mi part VX vrh reethi Hama obinex to the max ey bunevey ni ????
thank you dear❤