ފަރީޝާ ދެރަވެފައި އިންކަން އޭނާގެ މޫނުމަތިން ދޭހަވެއެވެ.އެހެންކަމުން އޭނާއަށް ހިއްވަރުދިނުމުގެ ގޮތުން ވިޔާމް ފަރީޝާގެ އަތުގައި ހިފާލިއެވެ.ވިޔާމް އަތުގައި ހިފާލުމުން އޭނާއާ ދިމާލަށް ފަރީޝާ ބަލައިލިއެވެ. “ފަރީ ދެރަނުވޭ…ފަރީ ތިހެދީ އެންމެ ރަނގަޅަށް…އެއަނިޔާވެރިކަމުގަ އުޅުމަށްވުރެ މާރަނގަޅުވާނެ އެކަމުން ސަލާމަތްވިއްޔާ…ވިޔާމް ކުރިންވެސް ބުނިހެން ވިޔާމްގެ ރަށުގަ ފަރީ ދެރަވާނެ ފަދަކަމެއް ނުހިނގާނެ” ފަރީޝާއާ ދިމާލަށް ލޯބިން ބަލަންއިނުމަށްފަހު ވިޔާމް ބުނެލިއެވެ.ވިޔާމްގެ އެބަސްތަކުން ފަރީޝާ ހިނިތުންވުމެއް ވެލުމަށްފަހު ވިޔާމްގެ ކޮނޑުގައި ބޯއަޅާލިއެވެ.އަދި ފިލައިގެން ގެއިން ނިކުންނަންޖެހުމުން ދެރަވެ ރޮވެންފެށިއެވ.ެ “ނުރޮއެ ފަރީ” ފަރީޝާގެ ލޮލުން އޮހޮރުނު ހޫނުކަރުނަތައް ވިޔާމްގެ ކޮނޑުގައި ޖެހުމުން، ލޯތްބާއެކު ފަރީޝާގެ ދެލޯ ވިޔާމް ފުހެލަދިނެވެ.
**********
ފަރީޝާގެ ބައްޕައަށް ހޭލެވުނީ ފޯނު ރިންގުވި އަޑަށެވެ.ނަމަވެސް ކޯލަށް ޖަވާބުދިނުމުގެ ކުރިން އެކޯލު ކެނޑުނެވެ. “އަސްތާ މިހާރު އެހެރަ ހަތްގަނޑިބައިވީ” ގަނޑިބަލައިލުމަށްފަހު ފަރީޝާގެ ބައްޕަ ހަކީމް ބުނެލިއެވެ.އެހެންބުނެ ކައިރީގައި ނިދާފަ އޮތް ލަތީފާއަށް ހަކީމް ގޮވާލިއެވެ. “ލަތީފާ…ލަތީފާ…ހޭލަބަލަ މިހާރު އެހެރަ ހަތްގަނޑިބައިވީ…ލައިބާއާ ލުޔޫނާއާ ދެކުދިން ސުކޫލަށްދާ ވަގުތުފަހަނައަޅާ އެދިޔައީ ހޭލަބަލަ” ދޮންމަންމައަށް ގޮވަމުން ފަރީޝާގެ ބައްޕަ ބުނެލިއެވެ.އޭނާ ގޮވަންފެށުމުން ދޮންމަންމަ އަޑެއްލައްވާލުމަށްފަހު އޮތީއެވެ.އެހެންކަމުން އަނެއްކާވެސް ފަރީޝާގެ ބައްޕަ ގޮވަންފެށިއެވެ.
“ފަރީޝާ އެކުދިން ތައްޔާރުކުރާނޭ..މިހާރު ސުކޫލަށްވެސް ލާފަކަންނޭނގެ ވާނީ” ނުތެދުވަންވެގެން ދޮންމަންމަ ބުނެލިއެވެ. “ފަރީޝާއަށް ކިހިނެއްތަ އެކުދިން ތައްޔާރުކުރެވޭނީ..އޭނަގެ ކޮޓަރި އެތެރެއިން ތަޅުލާފަ މަހުންނާނީ..އޭނައަށް ނިކުމެވިގެންނު ފުރަތަމަ އެކުދިން ތައްޔާރުުކުރާނީ…އަނެއްކާ ގެއިންބޭރަށްދިޔުން އޭނައަށް ރޭގައެއްނޫންތަ އަހަރެން މަނާކުރީ” ފަރީޝާގެ ބައްޕަ އެހެންބުނުމުން ދޮންމަންމަ ކަންނެއްގޮތަކަށް އެއްލޯ ހުޅުވާލުމަށްފަހު ފާރުގައި ހަރުކޮށްފައިވާ ގަނޑިއަށް ބަލައިލިއެވެ.
“މިހާރު އެހެރަ ހަތްގަނޑި ސާޅީސް ހިނގީ..ދެން ނުގެންދެވޭނެ ގަނޑިޖެހިފަ އެހުރީ…ހަގަނޑި ބައިގައި އެކުދިން ސުކޫލު ގަނޑިޖެހޭނެ” ދޮންމަންމަ އެހެންބުނެ އަނެއްކާވެސް ނިދިއެވެ. “ހެޔޮ އަށެއްޖެހިއަސް އެކުދިން ސުކޫލަށް ފޮނުވަންވާނެ…އެހެންހެދީމަ މިއަދުގެ ފިލާވަޅުތައް އެކުދިންނަށް ގެއްލޭނީ..ތެދުވޭ އެކުދިން ތައްޔާރުކުރަން…އަހަރެން އެކުދިން ސުކޫލަށްލާން ދާނަން” ފަރީޝާގެ ބައްޕަ ބުނެލިއެެވެ. “އަޅެ އަހަރެން ވަރަށް ބަލިވެއޭ މިއުޅެނީ..އަނެއްކާ ރޭގެ ކަންތައްގަނޑާހެދި ރަނގަޅަށް ހަމަނިދިވެސް ނުނިދޭ…ދޭބަ ފަރީޝާ ކައިރިބުނަން ތައްޔާރުކޮށްދޭށޭ…އޭނައަށް ބޭރަށް ނުނިކުމެވުނަސް އެކަން ކޮށްލަދެވޭނެނޫންތަ” ދޮންމަންމަ އެހެންބުނުމުން ފަރީޝާއަށް ގޮަވަން އޭނާގެ ބައްޕަ ކޮޓަރިން ނިކުތެވެ.
ފަރީޝާގެ ކޮޓަރިއަށް ދިއުމުގެ ކުރިއަށް ލައިބާއާ ލުޔޫނާގެ ކޮޓަރިއަށް އެކުދިންގެ ބައްޕަ ވަނެވެ.އަދި ސުކޫލަށްދާން ތައްޔާރުވުމަށް ނިދާފައި އޮތް ދެކުދިންނަށް ގޮވާ ބައްޕަ ބުނެލިއެވެ. “ބައްޕަ މިދަނީ ދޮންތައަށް ގޮވަން ދަރިފުޅުމެންނަށް ސައިހަދުވަން…ދޮންތަ ސައިހަދަންވާއިރަށް ދެކުދިން އަވަހަށް ފެންވަރައިގެން ތައްޔާރުވޭ” އެހެންބުނެ ފަރީޝާގެ ކޮޓަރިއާ ދިމާލަށް ހަކީމް މިސްރާބުޖެހިއެވެ.
ތަޅަށް ތަޅުދަނޑި ޖެހުމަށްފަހު ފަރީޝާގެ ބައްޕަ މަޑުމަޑުން އެކޮޓަރީގެ ދޮރު ހުޅުވާލިއެވެ.ދޮރު ހުޅުވާލި ފަރީޝާގެ ބައްޕައަށް ކޮޓަރިތެރެއިން ފެނުނު މަންޒަރުން މުޅިމީހާ ހުއްޓުންއެރިއެވެ.ފަރީޝާ ފެންނަން ނެތްއިރު ކޮޓަރި ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފައިވުމާއެކު ކުޑަދޮރަށް އެރެވޭގޮތަށް ގޮނޑިއެއް އެދިމާލުގައި ހުރުމުން ފަރީޝާ ނިކުމެގެންދިޔައީކަން އޭނާގެ ބައްޕައަށް އެނގުނެވެ.ވަގުތުކޮޅަކު ހުއްޓުންއެރިގޮތަށް ހުރުމަށްފަހު އަޑުގެ ކޮޅަށް ދޮންމަންމައަށް ފަރީޝާގެ ބައްޕަ ގޮވަންފެށިއެވެ.އެއަޑަށް ނިދަންއޮތް ދޮންމަންމަ ފުންމައިގެން ތެދުވެ ފަރީޝާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.ބައްޕަގެ ހަޅޭކަށް ލައިބާއާ ލުޔޫނާއާ ދެކުދިންވެސް އެދިމާލަށް ދިޔައެވެ.
ފަރީޝާގެ ކޮޓަރިއާ އަރާހަމަވުމާއެކު ފެނުނު މަންޒަރުން ދޮންމަންމަވެސް ދިޔައީ ހައިރާންވެގެންނެވެ. “ފަރީޝާ ހިނގައްޖެ…ފަރީޝާ ފިލައިފި” ދޮންމަންމަ އައުމުން ފަރީޝާގެ ބައްޕަ ބުނެލިއެވެ.” ޔަގީން މިހާރު އޭނަ ވާނީ އެވިޔާމް ހިފައިގެންއުޅޭ ގެސްޓްހައުސްގަ” ދޮންމަންމަ އެހެންބުނުމުން ފަރީޝާގެބައްޕަ އަވަސްވެގަތީ ފަރީޝާ ހޯދަންދާށެވެ. ދޮންމަންމަގެ ދެދަރިން ކައިރި ގޭގައި ތިބުމަށްބުނެ، ފަރީޝާގެ ބައްޕައާ ދޮންމަންމަ ވިޔާމްއުޅޭ ގެސްޓްހައުސާ ދިމާލަށް ހިނގައިގަތެވެ.
ގެސްޓްހައުސަށް ވަދެ ތަން ބަލަހައްޓާ ބިދޭސީމީހާ ގާތު ވިޔާމް ހުރިތޯ ފަރީޝާގެ ބައްޕަ އެހިއެވެ.އެވަގުތު ބިދޭސީމީހާ ދިން ޖަވާބުން ފަރީޝާގެ ބައްޕައަށް ހީވީ ފައިދަށުން ބިންގަނޑުކެނޑުނު ހެންނެވެ. “މިއަދު ހެނދުނު ތަން ހުސްކޮށްފަ އޭނަ ފުރައިފި” އެމީހާ ބުނެލިއެވެ. “އޭނައާއެކު އަންހެންކުއްޖެއްވެސް ދިޔަތަ؟” ދޮންމަންމަ އެމީހާ ކައިރި އަހާލިއެވެ. “އާނ…ދަބަހެއް ހިފައިގެން މިއަދު ހެނދުނު އަންހެންކުއްޖެއް އައި އޭނަ ކައިރިއަށް…އެކުއްޖާ އައިތާ މާގިނައިރެއްނުވެ ތަންދޫކޮށް ދެމީހުންވެސް އެކީގަ ދިޔައީ…ބުރުގާ އަޅައިގެންހުރި ކުއްޖެއްއެއީ” އެމީހާ ބުނެލިއެވެ.
ވިޔާމާއެކު ފަރީޝާ ފުރީކަން އެނގުމުން ފަރީޝާގެ ބައްޕަ ވަރަށް ދެރަވިއެވެ.އަދި އެހާމެ ރުޅިވެސް އައެވެ.ފަރީޝާ ހުރިތަނަކުން ގެންނަން އޭނާ ބޭނުންވެއެވެ.ނަމަވެސް ވިޔާމަކީ ކޮންރަށެއްގެ މީހެއްކަމެއްވެސް ފަރީޝާގެ ބައްޕައަކަށް ނޭނގެއެވެ.އެހެންކަމުން މަޑުމޮޅިކަމާއެކު ގެއާދިމާލަށް ފަރީޝާގެ ބައްޕަ މިސްރާބުޖެހިއެވެ.އޭނާގެ ފަހަތުން ދޮންމަންމަވެސް ހިނގައިގަތެވެ.ފަރީޝާ ދިއުމުން ދޮންމަންމަ ހުރީ ވަރަށް ރުޅިއައިސްފައެވެ.އެއީ ދެން ގޭތެރޭގެ ހުރިހާކަމެއް ކުރަންޖެހޭނީ އޭނާއަށް ކަމުގައިވާތީއެވެ.
ފަރީޝާ ބައްޕަގެ މަޑުމޮޅިކަން، އޭނާ ފެނުނު ކޮންމެމީހަކަށްވެސް ފާހަގަވެގެން އަހަންފެށިއެވެ.ނަމަވެސް އެމީހުންނަށް ޖަވާބުދިނުމެއްނެތި ފަރީޝާގެ ބައްޕަ ހިނގަމުންދިޔައެވެ. “އޭ ހަކީމް މަ މިއަދު ގުޅިން ގޭގަ ކުޑަމަސައްކަތެއް ކޮށްލަން އިނީމަ…ރަނގަޅު އެއްޗެއްވެސް ދޭނަން އާދެވޭނެތަ؟” ފަރީޝާގެ ބައްޕައަށް ހެނދުނު ގުޅިމީހާއަށް އޭނާ ފެނިގެން ބުނެލިއެވެ.ނަމަވެސް އެމީހާއަށްވެސް އަނގައިން ނުބުނެ ފަރީޝާގެ ބައްޕަ ދިޔައީއެވެ.
“ފަރީޝާ ފިލައިގެން މިއުޅެނީ އެހެންވެ އެހުރީ އެކަމާ ދެރަވެފަ…ދެރަވާނެދޯ އަހަރެމެން ކިހާ ލޯބިން ގެންގުޅުނު ކުއްޖެއްތަ އެއީ…އެންމެފަހުން މިރަށަށް އައި ބީރައްޓެއްސަކާ ހިތާވެގެން އަހަރެމެން ނުގަބޫލުއިރުވެސް އެދިޔައީ އެމީހާއާއެކު ވަގަށް ފުރައިގެން” ފަރީޝާގެ ބައްޕަގެ ރަހުމަތްތެރިޔާއަށް ދޮންމަންމަ ބުނެލިއެވެ.އެއަޑު ހިނގަމުންދިޔަ ފަރީޝާގެ ބައްޕައަށް އިވުމުން ދޮންމަަންމައަށް ގޮވިއެވެ. “މީހުންކައިރި ފަރީޝާގެ ވާހަކަނުދައްކާ” ބައްޕަ ބުނެލިއެވެ.
“ހަކީމް ކިތަންމެވަރަކަށް މިކަންތައް ސިއްރުކުރަންއުޅުނަސް މިކަންތައް އިނގޭނެ…ފަރީޝާ ނުފެންނަން ފެށީމަ މީހުން ސުވާލުއަހާނެ…އެހެންވީމަ މާ ރަނގަޅުވާނެ ހަގީގަތް ކިޔައިދިނިއްޔާ…އަނެއްކާ އެކިޔާ ވިޔާމް ދަންނަމީހަކު މިރަށުގައި ހުރެދާނެ…އެހެންވެއްޖިޔާ އޭނަގެ ރަށް ހޯދޭނެ..އޭރަށް ފަރީޝާ ބަލާދެވޭނެ” ދޮންމަންމަ ބުނެލިއެވެ.ދޮންމަންމަގެ އެބަހަށް ފަރީޝާގެ ބައްޕަ އެއްޗެކޭ ނުބުންޏެވެ.
ފަރީޝާގެ ބައްޕަ ގެއަށްވަނުމުން ދޮންމަންމަ އަވަސްވެގަތީ އެވާހަކަ ރަށުތެރެއަށް ފަތުރާލުމަށެވެ.އެންމެންކައިރި ފަރީޝާ ނުބައިކޮށް ދޮންމަންމަ ވާހަކަދައްކަމުން ދިޔައެވެ.ދޮންމަންމަގެ ބަސްތައް ގަބޫލުކޮށް ރަށުމީހުން ފަރީޝާއަށް ވަރަށް އެއްޗެހި ކިޔެވެ.ވިޔާމް ދަންނަމީހަކު ހުރިތޯ ބަލަންކުރި މަސައްކަތް ކާމިޔާބުވާގޮތް ނުވުމުން ދޮންމަންމަ އިތުރަށް ރުޅިއައެވެ.ކޮންމެ މީހަކުވެސް ބުނަނީ ވިޔާމަކީ ބަސްމަދު ޒުވާނެއްކަމަށެވެ.އޭނާ ފެެނުމުން ގޮވާލުމާއި ހާލުއޮޅުންފިލުވުން ފިޔަވައި އިތުރުވާހަކަތަކެއް އެއްވެސް މީހަކު ދައްކާފައިނުވާތީއާއެކު އޭނާއަކީ ކޮންރަށެެއްގެ މީހެއްކަންވެސް ރަށުމީހުންނަށް ނޭނގޭކަމަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.






Mi part vrh reethi obinexx to the maxx
Oh ragalhi VX viyaam aki kon rashehge meeheh Kan Rashu meehunah neyguniyya
Sorry for late comments ?????