ހަނދަކީ ކަލާ ކަމުގާވިޔަސް 10
މޫނު ދޮވެލައިގެން، ވަރަށް އާދައިގެ ގޮތަކަށް ގޭގައި އަޅާ ބުރުގާ އަޅައިގެން ހަމްނާ ތިރިއަށް ފޭބިއެވެ. އާޒާދުގެ ކާރު ކައިރީގައި މަޑުކޮށްލުމުން ދޮރު ހުޅުވައިދިނެވެ. ހަމްނާ އެތެރެއަށްވަދެ ކުރީ ސީޓުގެ ހަމަޖެހިލިއެވެ. އެކަމަކު ހަގީގަތުގައި އޭނާގެ ހިތުގައި ވަނީ ބިރުވެރި ކަމެވެ. ވާން މިއުޅެނީ ކީއްކަމެއް އެނގެނީއެއް ނޫނެވެ.
“އެންމެފުރަތަމަ ހަމްނާގެ ހިތުގަ ހުރި ސުވާލުތަކަށް ޖަވާބު ދޭނަން. އަހަރެން މިކޮޅަށް މިއައީ ހަމަ ދެންމެ ކަހަލަ ގޮތަކަށް. އެއާޕޯޓުން ސީދާ މިތަނަށް މިއައީ. 13 ގަޑިއިރުގެ ދަތުރެއް ކޮށްފަ މިއައީ ވަރަށް މުހިންމު ކަމެއްގަ” ހަމްނާގެ އަނގައިން އެއްޗެކޭ ނުބުނަނީސް އާޒާދު ކިޔައިދޭން ފެށިއެވެ.
“އެއީ ކޮންކަމެއް؟” އެނގެން ބޭނުންވެފައި ހުރިވަރުން ހަމްނާ އެއްސެވެ.
އެއްޗެއް ކިޔައިދޭން ފެށުމުގެ ކުރިން އާޒާދު ހަމްނާގެ ކައިރިން ހުއްދައަށް އެދުނީ، ކާރު ދުއްވާލިޔަސް އެންމެ ރަނގަޅުތޯއެވެ. ހަމްނާ އެކަމަށް އެއްބަސްވިއެވެ. އެކަމަކު އެހާ ދުރަށް ނުދިޔުމަށް އެދުނެވެ.
“އަހަންނަށް ހަމްނާއާ ބައްދަލުވި ދެވަނަ ދުވަހުން ފެށިގެން ތިއީ ވަރަށް ޙާއްސަ މީހަކަށްވެއްޖެ. އެކުވެރިވާން އެދެވުނީ ވެސް އެހެންވެ”، އިރުކޮޅަކު ހިމޭނުން އިނދެފައި އާޒާދު އަސްލު މައުޟޫއާ ހަމައަށް ދިޔައެވެ. “އަހަރެން އޭރު ހީކުރީ އެކުވެރިއެއްގެ މަޤާމު ދިނީމަ އެހިސާބުން ފުދޭނެ ކަމަށް. އެކަމަކު…” ކާރު ދުއްވަމުން ގޮސްފައި އާޒާދު އަނެއްކާވެސް ވާހަކަ މެދުކަނޑައިލިއެވެ. ހީވަނީ އެވާހަކަ ބުނާނެ ގޮތެއް ނުވިސްނިގެން އިންހެނެވެ.
އޭރު ހަމްނާގެ އަތްފައި ވަނީ ފިނިވެފައެވެ. އެ ވާހަކަ ދާން އުޅޭ މިސްރާބު އޭނާއަށް ފަހުމްވާން ފެށިޔަސް، ހަމްނާ އިނީ ޤަބޫލުކުރަން ދަތިވެފައެވެ.
“މިދިޔަ ދެތިން މަހު އަނެއްކާވެސް ދެމީހުން ވާހަކަ ދައްކަން ފެށީމަ އެ އިހުސާސްތައް އެނބުރި އަންނަން ފެށީ. އެކަމާ ބިރުން އަހަރެން އަނާނީއާ ދުރުވާން ވެގެން މެސެޖުކުރުން ހުއްޓައިލީ. އެވަރުންވެސް އަހަރެންގެ ހިތަކަށް ކެތެއް ނުވި… އަހަރެން ހިތަށް ވިސްނަމުން ދިޔައީ ގޯހެއް ނުހެދުމަށް. އެކަމަކު ހިތުގެ މައްޗަކަށް އަހަންނަކަށް ބާރެއް ނުފޯރުވުނު. އަހަރެން މިއަދު މެލޭޝިއާއަށް މި އައީ ހަމަ އެންމެ ބޭނުމަކު. ޓު ކޮންފެސް މައި ފީލިންގްސް ޓު ޔޫ..” އައްސޭރި ފެންނަ ހިސާބަކަށް ގޮސް ކާރު ހުއްޓާލާފައި އާޒާދު ހަމްނާގެ މޫނަށް ބަލައިލިއެވެ.
ހަމްނާއަށް ވަގުތުން އިސްޖަހައިލެވުނުއިރު ހިތް ތެޅެމުންދިޔައީ ނުހަނު ބާރަށެވެ. ރައްދުގައި ބުނާނެ އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނުވެސް އައެވެ. ހުރިހާ ކަމެއް ހިނގަމުން މިދަނީ އޭނާ ދުވަހެއްގެ ކޮޅުންވެސް ހީކޮށްފައި ނުވާ ގޮތަކަށެވެ. ދުވަހަކުވެސް މިފަދަ ދަނޑިވަޅެއް އަތުވާނެ ކަމަކަށް އޭނާއަށް ތައްޔާރުވެވިފައެއް ނެތެވެ. އެހެނަސް، އާޒާދު އެހާ ދިގު ދަތުރެއް ކޮށްފައި ސީދާ ހަމްނާއާ ބައްދަލުކުރަން އައި ވާހަކަ ބުނުމުން، އޭނާ ދެރަވެދާނެ ފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރާކަށް ހަމްނާ ބޭނުމެއް ނުވިއެވެ. ކޮންމެވެސް އެއްޗެކޭ ބުނެވޭތޯ މަސައްކަތް ކުރަމުން ދިޔަސް، ހަމްނާގެ އަރުތެރެއިން އަޑެއް ބޭރެއް ނުވިއެވެ. ދުލަކަށް ބަހެއް ނައެވެ.
ދެތިން މިނެޓަށް ދެމިގެންދިޔަ ހަމަހިމޭންކަމަށްފަހު، ދެން ވެސް ވާހަކަ ދެއްކީ އާޒާދެވެ. “ފޯނުން މިވާހަކަ ބުނަން އަހަރެން ބޭނުން ނުވީ، މިއީ އެއަށްވުރެ މާ ބޮޑު ވާހަކައަކަށް ވާތީ. އަހަރެން ބޭނުންވީ ހަމްނާގެ މޫނު ފެންނަ ހިސާބެއްގައި ހުރެގެން މިވާހަކަ ދައްކަން”، އާޒާދު އަނެއްކާވެސް ހަމްނާއަށް ބަލައިލިއެވެ. “އަހަރެންގެ ލަވް ލައިފް އަކީ އެހާ ކާމިޔާބު އެއްޗެކޭ ނުބުނާނަން. މިހާތަނަށް އަހަންނަށް ލޯބި ވެވުނީ އެންމެ މީހެއްދެކެ. އެއީ ޔާސްމީން. ޔާސްމީން ވަކިވެދިޔަ ފަހުން އެކަހަލަ އެއްވެސް ކަމަކަށް އަހަރެން ޝައުގެއް ނުދެން. އޭގެ ބަދަލުގަ މުޅި ދިރިއުޅުން ހުސްކުރީ މަސައްކަތަށް. ހީވީ އަހަރެންގެ ހިތުން ލޯތްބޭ މިކިޔާ ހިއްސު އެއްކޮށް ނެތިދިޔަހެން. އެކަމަކު… މިއަދު އަނެއްކާ އެ ހިއްސު ދެވަނަ ފަހަރަށް އުފަންވެއްޖެ ހެން ހީވާން ފަށައިފި…” ޔާސްމީންގެ ނަންގަނެލިއިރު އާޒާދު ވަނީ ކުޑަކޮށް ޖަޒުބާތުގައި ޖެހިފައެވެ.
އާޒާދު ދެން ބުނީ ހަމްނާ އަނެއްކާވެސް ހީކޮށްފައި ނުވާ ވާހަކައެކެވެ. “އަހަންނަކީ ރައްޓެހިވެގެން އުޅުމަށް ތާއީދު ކުރާ މީހެއް ނޫން. އައި ޑޯންޓް ބިލީވް އިން ޑޭޓިންގ. އެއީ ދީނީގޮތުން ބެލިޔަސް ރަނގަޅު ކަމެއް ނޫން. އެހެންވީމަ..”، މިފަހަރު އާޒާދު ސީދާ ހަމްނާގެ ދެލޮލަށް ބަލައިލިއިރު، އެ ނަޒަރުގައި ވީ ސީރިއަސްކަން ހަމްނާއަށް ނަގައިގަނެވުނެވެ. “ހަމްނާ އަހަންނާ އިންނާނަންތަ؟” ހަމްނާގެ މޫނުން ނަޒަރު ވަކިނުކޮށް އިނދެ އާޒާދު ކޮށްލީ ވަރަށް ބޮޑު ސުވާލެކެވެ.
“އައި އޭމް ސޮރީ ބަޓް.. އަހަންނަކަށް ނޭނގެ ތިޔަށް ބުނާނެ އެއްޗެއް…” ހަގީގަތުގައި ވެސް ހަމްނާ އިނީ ބަސްހުއްޓިފައެވެ. ހަޔާތުގައި ވެސް އެންމެ ހައެއްކަ ފަހަރު ބައްދަލުވެފައިވާ މީހަކު، ކުއްލިއަކަށް ކައިވެންޏަށް އެހުމުން ހަމްނާގެ ސިކުނޑި މަސައްކަތްކުރުން ވެސް ހުއްޓުނީ ހެން ހީވެއެވެ.
“އައި ނޯ. ހަމްނާއަށް ވަރަށް ބޮޑު ޝޮކަކަށް ވާނީ މިކަން. އަހަރެން މިހިސާބަށް މި އައީ ވެސް، ރިޖެކްޝަން އާ ފޭސްކުރަން ޖެހިދާނެކަން އެނގިހުރެ. އެކަމަކު މި ރިސްކު ނުނެގި ނަމަ ފަހުން އަހަރެން މާ ބޮޑަށް ރިގްރެޓްކުރާނެ”، ހަމްނާގެ ޖަވާބަކީ ނޫނެކޭ ކަމަށް އާޒާދުއަށް ހީވުމުން އޭނާ ކާރު ދުއްވައިލީ ހަމްނާ ގެއަށް ލައިދިނުމަށެވެ. އެ ދަތުރުގައި އެކަކުވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. ހަމްނާ އިނީ އާޒާދުގެ ވާހަކަ ސިކުނޑިއަށް ނަގައިގަނެވޭތޯ މަސައްކަތް ކުރާށެވެ. އަދިވެސް މިއީ ހަގީގަތެއް ކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ.
“އިޓް ވޯޒް ވޯތު އަ ޓްރައި”، ހަމްނާގެ ގެއާ ހަމައަށް އާދެވުމުން ހިނިތުންވެލާފައި އާޒާދު ބުންޏެވެ.
“އަހަންނަކަށް އަދިވެސް ނޭނގެ ދޭނެ ޖަވާބެއް…”، ހަމްނާ ބުނަން ބޭނުންވީ، ވިސްނަން ވަގުތު ބޭނުންވާ ކަމަށެވެ. އެހިސާބުން އަނެއްކާވެސް އާޒާދުގެ އުންމީދު އާވެއްޖެއެވެ.
“އަހަރެން މަސްދުވަސް ދީފާނަން ވިސްނާލަން. އޯކޭތަ؟ އެދުވަސްތަކުގަ ހަމްނާ ބޭނުން ވަރަކަށް އަހަރެން ދަސްކުރަންވީ. ފޯނުން ގުޅައިގެން”، އާޒާދު ހުށަހެޅިއެވެ.
އެ ޚިޔާލު ހަމްނާއަކަށް ވެސް ގޯހެއް ނުވިއެވެ. މަޑުމަޑުން ބޯ ޖަހާލާފައި ހަމްނާ ކާރުން ފައިބައިގެން ދިޔައެވެ. އޭގެ އިރުކޮޅެއްފަހުން އާޒާދު ކާރުގައި ނައްޓައިލިއެވެ.
އެރޭގެ ނިދި އެއްކޮށް ހަމްނާއަށް ގެއްލުނެވެ. އާޒާދު ދެއްކި ވާހަކަތަކާ ވަރަށް ފުންކޮށް ވިސްނަން އޭނާ އޮތެވެ. ގައިމުވެސް އާޒާދަކީ ގޯސް މީހެއް ނޫނެވެ. ހަޔާތުގެ ބައިވެރިއެއްގެ ގައިގައި ހުންނަންޖެހޭ ގިނަ ސިފަތައް އޭނާގެ ކިބައިން ހަމްނާއަށް ވަނީ ފެނިފައެވެ. އެކަމަކު ދެން ހަމްނާގެ ހިތަށް އެރިއެވެ. ރައްޔާނާ އެކީ 5 އަހަރު އުޅުނުއިރު ވެސް ހަމްނާއަށް ރައްޔާންގެ ގޮތެއް ނޭނގުނުތާއެވެ. އެހެންކަމުން، އެންމެ ދެތިން މަސް ވަންދެން ވާހަކަ ދެއްކި މީހެއްގެ ގޮތް ވަކި އެނގޭނެ ހެއްޔެވެ؟
ހަމްނާ އިތުރު މީހެއްގެ ލަފައަށް ބޭނުންވުމުން ޖެހިގެން އައި ދުވަހު އިރު އެރުމުން ގުޅީ އަރޫޝާއަށެވެ. ސަމަން އާ އެވާހަކަ ހިއްސާކުރާ ވަރަށްވުރެ ސަމަންގެ ވިސްނުން މާ “ޅަ” ކަމަށް ދެކިގެންނެވެ. ގޮތެއް ނުނިންމެނީސް އެއްވެސް ގޮތަކަށް އެވާހަކަ ސަމަން އާ ހިއްސާކުރުމުގެ ހިޔާލެއް ވެސް ނެތެވެ.
“އާ ޔޫ ސީރިއަސް؟” އަރޫޝާއަށް ވެސް އެވާހަކަ ގަބޫލުކުރަން ދަތިވިއެވެ. އޭނާ އެތައް ސުވާލެއް އެއްފަހަރާ ކޮށްލިއެވެ.
ވަރަށް ގިނައިރު ވާހަކަ ދެއްކުމަށްފަހު، އެންމެ މުހިންމު އެތި އަރޫޝާ ބުނީ ފޯނު ބާއްވަން އުޅެނިކޮށެވެ. “5 އަހަރު ރައްޓެހިވެގެން އުޅުނު މީހާ އެންމެފަހުން ނުބައި މީހަކަށް ވީއިރު، 5 މަސް ވަންދެން ވާހަކަ ދެއްކި މީހާއަކީ ރަނގަޅު މީހަކަށް ވެސް ވެދާނެ. ޔޫ ނެވަ ނޯ އަންލެސް ޔޫ ސީ”.
އެކަމާ ހަމްނާ ވެސް ވިސްނިއެވެ. އެއީ ދޮގު ވާހަކައެއް ނޫނެވެ. ކިތަންމެ ދުވަހަކު ރައްޓެހިވެގެން އުޅެފައި އިންނަ މީހާ ކައިރިން މާ ގިނަ ދުވަހެއް ނުވަނީސް ވަރިވާއިރު، އިއްޔެ މެންދުރު ފެނުނު މީހަކާ ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅޭ މީހުންވެސް މަދެއް ނޫނެވެ. ހަމްނާގެ މައިންބަފައިންނަކީ އެފަދަ މިސާލެކެވެ. އެމީހުންގެ ކައިވެނި ކުރެވުނީ ދެއާއިލާގެ ފަރާތުން ރޭވިގެން، އެރޭންޖްޑް މެރިޖެއްގެ ގޮތުގައެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެއުޅެނީ ނިކަން ލޯބިންނެވެ.
ހަމްނާ ނިންމީ އެއް މަސް ވަންދެން އާޒާދުގެ ގޮތް ރަނގަޅަށް އުނގެނޭށެވެ. ފައިން ފެށިގެން ބޮލާ ހަމައަށް ހުރިހާ ސިފައެއް ހިތުދަސްކުރާށެވެ. އެކަމާ ވެގެން އުޅެފިނަމަ، އެއީ މަދު ދުވަސްކޮޅެއް ނޫންކަމަށް ހަމްނާއަށް ވިސްނުނެވެ. އެކަމަކު އެވާހަކަ އަރޫޝާ ނޫން އިތުރު މީހަކަށް އަންގާކަށް އަދި ތައްޔާރެއް ނޫނެވެ.
އަނެއްކޮޅުން، ހަމްނާ އެންމެފުރަތަމަ ވެސް ކުރާނީ އިންކާރު ކަމަށް ހީކޮށްގެން ހުރި އާޒާދުއަށް ލިބުނު ޖަވާބާ ދޭތެރޭ ހިތްހަމަޖެހިގެން އާޒާދު ދެދުވަސް ފަހުން އަނެއްކާވެސް ޔޫކޭއަށް ފުރިއެވެ. އޭގެފަހުން ކޮންމެދުވަހަކު އާޒާދުއާއި ހަމްނާއާ ދެމެދު ފޯނުން ގުޅައިގެން ވާހަކަ ދައްކަން ފެށުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


