Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (7)

lamhus Level 910 Stories100 Login500 Login100 Stories100 Comments
January 26, 2022 3 Mins Read
0 Comments

“ބައްޕާ!” ފަރީޝާއަށް ގޮވާލެވުނީ ތެޅިތެޅި އޮތް ހިތަކާއެކުގައެވެ. “ބައްޕާއޭ؟…ކަލޭގެ ލަދު ހަޔާތްކުޑަކަން ދެކިބަލަ!…އަހަރެން ކަލޭގެ މަންމައާ ނުލާ އެކަނިމާއެކަނި ކަލޭ ބަލާ…ކިހާ ރަނގަޅަކަށްތަ އަހަރެންްް ކަލެއަށް ކަންތައްތައް މިކޮށްދެނީ….ތީތަ ކަލޭ އަހަންނަށް ދިން ބަދަލަކީ” ރުޅިގަދަވެފައިވުމުގެ ސަބަބުން ފަރީޝާގެ ބައްޕަ ދުވަހަކުވެސް އޭނާއާ ވާހަކަދައްކާފައި ނުވާހާ ހަޑިކޮށް ވާހަކަދައްކަން ފެށިއެވެ.

“ތީ ކާކު ކަލެއަށް ދިން ފޯނެއް؟…ހަމަގައިމުވެސް އަހަންނެއް ނޫން..މިހިރަ ލަތީފާއެއްވެސް ނުދޭނެ…ރޭގަނޑު ހަތަރުދަމު ނުނިދާ އޮވެގެން ކާކާ ގުޅައިގެންތަ ކަލޭ ތިއޮންނަނީ؟” އެހެންބުނެ ފަރީޝާގެ އަތުގައިވާ ފޯނު އޭނާގެ ބައްޕަ ޖަހާގަތެވެ.ފަރީޝާގެ ބައްޕަ އެހެންބުނުމާއެކު އިވެމުންދާ އަޑުތައް އަހަންހުރި ވިޔާމް އަވަހަށް ފޯނު ކަނޑާލިއެވެ.

ފަރީޝާގެ އަތުން ފޯނު އަތުލުމަށްފަހު އޭނާގެ ބައްޕަ ފޯނަށް ބަލައިލިއެވެ. “ބުނޭ ކާކަށް ގުޅައިގެން ކަލޭ ތިއޮތީ؟…ކީއްވެ ކޯލުފެންނަން ނެތީ؟…އަހަރެން އައީމަ ކަނޑާލީދޯ؟” ފަރީޝާގެ ބައްޕަ ސުވާލަކަށް ފަހު ސުވާލެއް ކުރަމުންދިޔައެވެ.ފަރީޝާއަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދީ އޭނައާ ދިމާލަށް ބައްޕަ އެއްޗެހިގޮވަން ފެށިއެވެ. “އަހަރެން ހިއެއްނުކުރަން ކަލޭ ތިހާ ވިޔާނުދާވާނެކަމަކަށް” ފަރީޝާއާ ދިމާލަށް އޭނާގެ ބައްޕަ ބުނެލިއެވެ.

“ފަރީޝާ ހުރީ ބައްޕަ ކައިރި މިވާހަކަ ބުނަންވެގެން..އެކަމަކު ބައްޕަ މިއަދު ފެންނަން ނެތީމަ މާދަމާ ބުނަންވެގެން ހުރީ” ދެރަވެލާފައި ފަރީޝާ އެހެންބުނެލިއިރު އޭނާގެ ދެލޮލުން ކަރުނަތައް ފައިބަމުންދިޔައެވެ.ބައްޕަ އެއްޗެހިކިޔުމުން ފަރީޝާ ވަރަށް ދެރަވިއެވެ. “ކޮންއިރަކުން ބުނަންހުރީ؟…ގަންނާނެހާ ގަނޑެއް ގަނެފަ ޖަހާނެހާ ސަކާރާތެއް ޖެހުމަށްފަހުގަތަ؟” ފަރީޝާގެ ބައްޕަ އެހެންބުނުމުން ބައްޕައާ ދިމާލަށް ފަރީޝާ ބަލައިލީ ބައްޕަ ބުނި ބަހުގެ މާނަ ފަހުމުނުވުމުންނެވެ.

“ފަރީޝާ ކޮން ގަނޑެއްތަ ގަތީ ބައްޕާ؟” ފަރީޝާ ދެރަވެލާފައި އަހާލިއެވެ. “މޮޅެއްނު އޮޅުވާލަން” މިފަހަރު އެހެންބުނީ ފަރީޝާގެ ދޮންމަންމައެވެ.އެދެމީހުން ކިޔަންއުޅެނީ ކީކޭބާއޭ ހިތަށްއަރާ ހާލު އެދެމީހުންނާ ދިމާލަށް ބަލަން ފަރީޝާއަށް އިނދެވުނެވެ. “މިއަދު ކަލޭގެ ދޮންމަންމައަށް ކަލޭ ގަތް ގަނޑުތައް ނުފެނުނު ނަމަ އަހަރެންނަކަށް އަދިވެސް ކަލޭ ކުޅެމުންތިދާ ވިޔާނުދާ ކުޅިގަނޑެއް ނޭނގުނިސް” ފަރީޝާގެ ބައްޕަ އެންމެފަހުން ބުނެލިއެވެ.

“ކަލޭ މިއަދު ތިހިތާވެގެން އުޅޭ ފިރިހެން މީހާއާއެކު އެހެރަ ގަސްބޯ ފަޅުހިސާބަށް ދިޔަވާހަކަ މިބުނަނީ” ފަރީޝާ ހައިރާންވެފަ އިނުމުން އޭނާގެ ބައްޕަ ބުނެލިއެވެ.ބައްޕަގެ އެޖުމުލައިން ފަރީޝާއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ކެނޑުނުހެންނެވެ.އެނދުގައި އިނދެފައި ފުންމައިގެން ތެދުވެވުނުގޮތްވެސް އޭނާއަކަށް ނޭނގުނެވެ. “ކަލޭގެ ދޮންމަަންމަ މިރޭ އަހަންނަށް ކަލޭމެންގެ ވީޑިޔޯ ނުދެއްކިނަމަ އަހަންނަށް ގަބޫލެއްވެސް ނުކުރެވުނިސް” ފަރީޝާގެ ބައްޕަ ބުނެލިއެވެ.

“ކި..ކި..ކިކިހިނެއް ކޮން ވީޑިއޯއެއް؟” ފަރީޝާ ހާސްވެލާފައި އަހާލިއެވެ. “ކަލޭގެ އުޅުމަށް އަންނަމުންދާ ބަދަލުތައް އަހަންނަށް ފާހަގަވެގެން އަހަރެން މިއަދު ކަލެއަށް ފާރަލީ” އެހެންބުނެ ކޮށްފައިވާ ވީޑީިއޯ ދޮންމަންމަ ދައްކާލިއެވެ.ވީޑިއޯ ފެނުމާއެކު ފޯނު ޖަހާގަތުމަށްފަހު އެވީޑިއޯއަށް ވަރަށް ރަނގަޅަށް ފަރީޝާ ބަލައިލިއެވެ.

“ދެން ކަލޭ ކޮން އޮޅުވާލުމެއް އޮޅުވާލެވޭނީ…ސާފު ހެއްކާ ގަރީނާ ކުރިމަތިން ފެންނަން އޮއްވާ” ފަރީޝާގެ ބައްޕަ ބުނެލިއެވެ.ބައްޕަ އެހެންބުނުމުން ބައްޕައާ ދިމާލަށް ބަލައިލުމަށްފަހު އަނެއްކާވެސް ވީޑިއޯއަށް ފަރީޝާ ބަލައިލިއެވެ. “ކޯއްޗެއް ބަލާކަށް” އެހެންބުނެ ފަރީޝާގެ އަތުން ދޮންމަންމަގެ ފޯނު އޭނާގެ ބައްޕަ ޖަހައިގަތެވެ.

“ލަދުން ބޯފަޅައިގެން ދާވަރުވޭ..އަހަރެންވެސް ތިވަރުވެގެން މިވަރުވެފަ މިހުރީ…ދުވަހަކުވެސް އަހަރެންގެ މައިންބަފައިންނަށް އަހަރެންގެ ފުށުން ގޯސްވާހަކައެއް އަޑުއަހަން ޖެހިފަކާ ނޯންނާނެ…މިހާރުވެސް ނޭނގޭ ރަށުގެ ކިތައްމީހުންނަށް މިކަންތައްގަނޑު އެނގޭކަމެއް..މާދަމާ ނޫންކަންނޭނގެ މަކަންފަތުގަ އައިސް މިއަޑު ޖެހޭނީ” ފަރީޝާގެ ބައްޕަ ބުނެލިއެވެ.

“ރަށު މީހުންނަކަށް ނޭނގޭނެ މިކަމެއް…ފަރީޝާ ގޯސްކަމެއް ކޮށްފަކާ ނުވާނެ…”ފަރީޝާ ބުނަންއުޅުނު ނަމަވެސް އޭނާގެ ބައްޕަ އޭނާ ހުއްޓުވިއެވެ. “ކިހާ ވަރެއްކުރިއްޔާތަ ގޯސްވާނީ؟ނުވެސްދަންނަ އަދިއެވެސް ރަށާ ބީރައްޓެހި މީހަކާއެކު ފަޅު ތަންތަނަށް ވަދެ..ނޫނީވާ ކަލޭ އަރާއެބަހުރި…ކަލޭ ބިރެއްވެސް ނުގަނޭތަ އެމީހާއާއެކު އެކަހަލަ ތަންތަނަށް ވަންނަން…ކަލެއަށް އެމީހާ ކަމެއް ކޮށްފާނެކަމަށް ކުޑަނަމަވެސް ޖެހިލުމެއް ނުވޭތަ؟” ފަރީޝާގެ ބައްޕަ އަހާލިއެވެ.ނަމަވެސް އެއަށް ޖަވާބު ދިނުމެއްނެތި އިސްދަށަށް ޖަހާލައިގެން ފަރީޝާ ރޯން ހުއްޓެވެ.

“ހެޔޮނުވާނެ މިޒަމާނުގަ މީހުންނަށް އިތުބާރުކުރަންް…އަދި ހާއްސަކޮށް ގޮތްނޭނގޭ މީހަކަށް” ފަރީޝާގެ ދޮންމަންމަ ހުޅުގަނޑު ރޯކުރަން ފެށިއެވެ. “އެފިރިހެން ކުއްޖާ އުޅެނީ ގެސްޓްހައުސްއެއްގަ މިއަދު މަ ދެކުނިން” ދޮންމަންމަ އަނެއްކާވެސް ބުނެލިއެވެ.

“ކިހާ ދުވަހެއްވެއްޖެ ކަލޭ ތިގަނޑުގަންނަތާ؟…ފޯނު ދިނީ އެމީހާދޯ؟” ފަރީޝާގެ ބައްޕަ އެހެންބުނުމުން ފަރީޝާ ބޯޖަހާލިއެވެ. “އެއްމަސްވަނީ މިހާރު…ފަރީޝާ ވިޔާމްއާ އެގޮތަށް ފަޅުތަނުން ބައްދަލުކުރަނީ މީހަކަށް ފެނިދާނެތީ..އަހަރެމެން ހަމައެކަނި ވާހަކަދައްކަނީ ގޯސްކަމެއްނުކުރަން” ފަރީޝާ އެންމެފަހުން ބުނެލިއެވެ.

“އޭނަ ހަވާލެއްނުވާނެ…ވާހަކަދައްކަން ވިޔަސް ފަޅުތަނަކަށް އެމީހާއާއެކު ވަންނަން ކެރޭ މީހަކަށް ކުރަން ނުކެރޭނެ ކަމެއް ނޯންނާނެ…ރަނގަޅަށް ވެއްޖިޔާ އެމީހާ އެނިދާ ގެސްޓްހައުސްގެ ކޮޓަރިތެރެއަށްވެސް ވަދެފަ ކަންނޭނގެ މީނަ ހުންނާނީ..އެބުނީ އެއްމަހޭވީ އެހެންބައްދަލުކުރާތާ” ފަރީޝާގެ ދޮންމަންމަ ބުނެލިއެވެ. “ތެދެއް އެމީހާ ކަލޭ ގައިގަ އަތްލިތަ؟ކަލޭ އެމީހާ އަތްލަން ދިނިންތަ؟” އަރާފައިވާ ރުޅިން ފަރީޝާގެ ބައްޕައަށް ކިޔޭއެއްޗެއްވެސް ނޭނގެއެވެ.

“ނޫން..ނޫން…ވިޔާމަކީ ގޯސް މީހެއްނޫން އޭނަ އަތެއްނުލާ” ޖެހިލުންވެހުރެ ފަރީޝާ ބުނެލިއެވެ. “ފަރީޝާ މިއުޅެނީ ވިޔާމާ ކައިވެނިކުރަން އޭނާގެ ރަށަށް މާދަމާ ނޫން އަނެއްދުވަހު ފުރަން..ކައިވެނިކޮށްގެން އެރަށަށް ދިރިއުޅުން ބަދަލުކުރަން…އެހެންވެގެން އެވާހަކަބުނަން ބައްޕަ ކައިރި މަޑުކުރީ..އޭރުން..” ފަރީޝާގެ ވާހަކަ ނުނިމެނީސް އެރިރުޅިން އޭނާގެ ކަންފަތްމަތީގައި ވަރަށް ބާރަށް ބައްޕަ ޖެހިއެވެ.އެއާއެކު ފަރީޝާ އެނދުމައްޗަށް ވެއްޓުނެވެ.

“ހުންނަ ގޮތްކުޑަކަން ދެކިބަލަ…ނުވެސްދަންނަ މީހަކަށް އިތުބާރުކޮށް އެރަށަށް ދިރިއުޅުން ބަދަލުކުރަނީއޯ..އެވިޔާމަށްޓަކާ ކަލޭ ބަލާބޮޑުކުރި ބަފާމީހާއަށޭ ފުރަގަސް ތިދެނީ އެކަން އިނގޭތަ؟” ފަރީޝާގެ ބައްޕަ ބުނެލިއެވެ. “މާދަމާ ނޫން އަނެއްދުވަހުއޯ ފުރަނީ…ވަރަށް ރޭވުންތައް ރާވާފަދޯ އެހެންވީމަ މިހުރީ” ފަރީޝާގެ ބައްޕަ ބުނެލިއެވެ.

“ހެޔޮނުވާނެ ފަރީޝާ އަމިއްލަ ހަޔާތެއް ބިނާކުރަން ދޫކޮށްލާ ހެޔޮނުވާނެ ބައްޕާ” ރޮމުން ފަރީޝާ ބުނެލިއެވެ. “ކަލެއަށް ތިހުރީ ދެވޭނެ ތަނަކަށް ދެވި ނިމިފަ…މީގެ ފަހުން ސުކޫލުދޮށަށްވެސް ފިހާރައަށްވެސް ކަލެއަކަށް ނުދެވޭނެ ހަނދާންކުރާތި..އޭނަ ބޭރަށް ފޮނުވައިގެން ނުވާނެ ލަތީފާވެސް” ރުޅިވެރިކަމާއެކު އެހެންބުނެ ފަރީޝާގެ ބައްޕަ ކޮޓަރިން ނިކުންނަން އުޅުނެވެ.

އެވަގުތު އެނދުމަތީގައި ރޯން އޮތް ފަރީޝާ ތެދުވެ ބައްޕަގެ ދެފައިބުނޑަށް ވެއްޓުނެވެ. “ބައްޕާ ހެޔޮނުވާނެ ފަރީޝާގެ ހަމައެކަނި އުފާ ނިގުޅާގަންނަން ނޫޅޭ..ބައްޕަ ފަރީޝާގެ މަންމަދެކެ ވީލޯތްބަށްޓަކާ ނަމަވެސް އާދޭސްމިކުރީ..ވިޔާމް ވަރަށް ކަންބޮޑުވާނެ ފަރީޝާއަށް ނުގުޅިއްޖެނަމަ ފޯނުދީ ބައްޕާ” ފަރީޝާ އޭނާގެ ބައްޕަގެ ދެފައިގައި ހިފަހައްޓައިގެން އޮވެ ރޮމުން އާދޭސްކުރިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ލޯބި އޭގެ އަސްލުގައި 15

Next

ލޯބީގެ ހިނދުކޮޅު (ފަހުބައި)

Next
January 27, 2022

ލޯބީގެ ހިނދުކޮޅު (ފަހުބައި)

Previews
January 26, 2022

ލޯބި އޭގެ އަސްލުގައި 15



All Right Reserved!