ވިޔާމްގެ އެހުށަހެޅުމަށް އެއްވެސް ފަހެއްނުޖެހި ފަރީޝާ ގަބޫލުވުމުން ވިޔާމް ވަރަށް އުފާވިއެވެ.އަދި ފަރީޝާގެ އަތުގައި ހިފާ އިތުރަށް ބާރުކޮށްލިއެވެ. “އެހެންވީމަ ރެޑީވޭ މާދަމާނޫން އަނެއްދުވަހު ފުރަން..ބައްޕައަށްވެސް އަންގާތި” ވިޔާމް އެހެންބުނުމުން ފަރީޝާ ބޯޖަހާލިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ.ފަރީޝާއާ އެއްވަރަށް ވިޔާމްވެސް ހިނގައިގަތެވެ.
އެދެމީހުން ގާގޯޅިވާނެކަމަށް ދޮންމަންމަ ހީކުރިނަމަވެސް އަތުގައި ހިފާލުން ނޫން އިތުރުކަމެއް އެމީހުން ނުކުރުމުން ދޮންމަންމަ ހިތްހަމަނުޖެހުނެވެ.އެއީ ދޮންމަންމަގެ މަގުސަދަކީ އެމަންޒަރުތަށް ފަރީޝާގެ ބައްޕައަށް ދައްކައިގެން އޭނާގެ ހިތުގައި ފަރީޝާއަށް ނަފުރަތު އުފެއްދުމެވެ.އެހެންނަމަވެސް ލިބިފައިވާ ހެކިން މޮޅު ގޭމެއް ޖައްސާނީކަމުގެ ނިޔަތުގައި ވީޑިއޯ ނިވާލުމަށްފަހު އެމީހުންގެ ފަހަތުން ދޮންމަންމަ ދިޔައެވެ.ފަރީޝާ ގެއަށް ވަތް މަންޒަރު ބަލަންހުރުމަށްފަހު، ދޮންމަންމަ ހިނގައިގަތީ ވިޔާމްގެ ފަހަތުންނެވެ.
************
ގެއަށް ވަތް ފަރީޝާއަށް އޭނާގެ ދެކޮއްކޮމެން ފިޔަވައި އިތުރު މީހަކު ގޭތެރެއިން ފެންނަން ނެތުމުން ދޮންމަންމައާ ބައްޕަ ކޮބައިތޯ ކޮއްކޮމެން ގާތު އަހާލިއެވެ. “ބައްޕަ ހަމަދެންމެ އެދިޔައީ..މަންމަ ދޮންތަ ދިޔަތަނާ ބޭރަށް ދިޔަގޮތަށް އަދި ނާދޭ” ލައިބާ ބުނެލިއެވެ.އެކުއްޖާގެ އެބަސްތަކުން ފަރީޝާގެ ހިތް ތެޅިލިއެވެ. “އަނެއްކާ ދޮންމަންމައަށް އަހަންނާ ވިޔާމް ފެންނާނެބާ؟” ފަރީޝާގެ ހިތަށްއެރިއެވެ.
*******
ވިޔާމް ގެ ފަހަތުން ދޮންމަންމަ ހިނގަމުންދިޔައެވެ.ހިނގަމުންދިޔަ ވިޔާމް އޭނާ ކުއްޔަށް އުޅޭ ގެސްޓްހައުސްއަށް ވަނެވެ.އެމަންޒަރު ބަލަން ރުޅިވެރިކަމާއެކު ދޮންމަންމަ ހުރުމަށްފަހު ގެއަށްދާން ހިނގައިގަތެވެ.
ގެއަށްވަތް ދޮންމަންމައަށް ކައްކަން އުޅޭ ފަރީޝާ ފެނުނެވެ.ހިތުތެރޭގައި ހުޅުގަނޑު ރޯވެފައިވީ ނަމަވެސް އެކަން ހިންދާލުމަށްފަހު، ފަރީޝާ ހުރަސްކޮށް ދޮންމަންމަ އޭނާގެ ކޮޓަރިއަށް ވަނެވެ.ކޮޓަރިއަށް ވަދެ ފަރީޝާގެ ބައްޕަ ގެއަށް އަންނާނެ އިންތިޒާރެއްގައި ދޮންމަންމަ އިނެވެ.ދޮންމަންމަގެ ފަރާތުން އެއްވެސް ކަމެއް ނުފެނުމުން އޭނާއަށް ފަރީޝާއާ ވިޔާމް ބައްދަލުކުރިކަން ނޭނގެނީ ކަމުގައި ފަރީޝާ ނިންމިއެވެ.އެހެންނޫންނަމަ ދޮންމަންމަ އޭނާ ނޮޅާލާނެކަން ޔަގީނެވެ.
********
މަސައްކަތް ނިންމާލުމަށްފަހު ނިދަން ކޮޓަރިއަށް ފަރީޝާ ވަނެވެ.މުޅިދުވަހު އޭނާ އިންތިޒާރުކުރީ ބައްޕަ ގެއަށް އާދޭތޯއެވެ.ބައްޕަ ދެހަފްތާއަށް ޗުއްޓީ ނަގައިގެން ރަށަށް އައިސްގެން އުޅޭތީއާއެކު، މާދަމާ ބައްޕައާ އެވާހަކަ ދައްކާނީ ކަމުގައި ފަރީޝާގެ ހިތަށް އެރިއެވެ.ފަރީޝާ، ވިޔާމާ ކައިވެނިކޮށްގެން އޭނާގެ ރަށަށް ދިރިއުޅުން ބަދަލުކުރަން އުޅޭ ވާހަކަ އޭނާގެ ބައްޕަ ގާތު ބުނަން ތައްޔާރުވަމުންދާއިރު، އަނެއްކޮޅުން ފަރީޝާގެ ދޮންމަންމަވެސް އިންތިޒާރުކުރަމުން ދިޔައީ ފަރީޝާއާ ވިޔާމް މިއަދު ފަޅު ސަރަހައްދުން ކުރި ބައްދަލުވުމުގެ ވާހަކަތައް ފަރީޝާގެ ބައްޕައަށް ކިޔައިދޭށެވެ.ފަރީޝާގެ ބައްޕަގެ އިންތިޒާރުގައި އިން ދޮންމަންމަ ދޭތެރެއަކުން މިއަދުކުރި ވީޑިއޯ ބަލާ ޗެކުކޮށްލައެެވެ.މެންދުރު ރައްޓެއްސެއްގެ ގެއަށް މަސައްކަތެއްކުރަން ދިޔަގޮތަށް ފަރިޝާގެ ބައްޕަ އަދިވެސް ގެއަކަށް ނާދެއެވެ.
ރޭގަނޑު ބާރަ ގަނޑި ފަނަަރަ ހިނގިތަނާ ފަރީޝާގެ ބައްޕަ އައެެވެ.އޭރުވެސް އޭނާގެ އިންތިޒާރުގައި ނުނިދާ ދޮންމަންމަ އިނެވެ.އަނެއްކޮޅުން ފަރީޝާ ދިޔައީ އޭނާގެ އާދައިގެމަތިން ވިޔާމާ ގުޅައިގެން ވާހަކަދައްކަމުންނެވެ.ފަރީޝާގެ ބައްޕަ ފެންވަރާ، ކައިގެން ހަމަޖެހިލުމުން ފަރީޝާގެ ދޮންމަންމަ ވާހަކަދައްކަން ފެށިއެވެ. “އިނގޭތަ ފަރީޝާގެ އުޅުމަށް ބަދަލުތަކެއް އައިސްފިކަން” އެނދުގައި އޮށޯވެލައިގެން އޮތް ފަރީޝާގެ ބައްޕައަށް ދޮންމަންމަ ބުނެލިއެވެ.
“އަހަންނަށް ފާހަގައެއްނުވޭ..ކިހިނެއްތަވީ؟” ފަރީޝާގެ ބައްޕަ ބުނެލީ އާދައިގެރާގަކަށެވެ. “އާނ ހަކީމަކަށް ފާހަގައެއްނުވާނެ…ހަކީމްތީ ހާލަކުން ފަހަރަކު މިތަނަށް އަންނަ މީހެއް…އަހަރެން މިތާ އުޅޭމީހަކަށްދޯ އިނގޭނީ” ފަރީޝާގެ ދޮންމަންމަ ލަތީފާ ބުނެލިއެވެ. “ކިހިނެއްތަވީ؟…ތިވެގެންއުޅޭގޮތެއް ބުނެބަލަ ލަތީފާ” ފަރީޝާގެ ބައްޕަ ބުނެލިއެވެ.
“ފަރީޝާ މިހާރަކަށް އައިސް އެކަނިހުރެ ޚިޔާލުކުރުމާ..ޚިޔާލަށް ގެއްލިހުރި އަމިއްލައަށް ހިނިތުންވާ މަންޒަރުތަކާ ދެން މިހެންގޮސް ތަފާތު ކަންތައްތަކެއް އޭނާގެ ފުށުން އަހަންނަށް ފާހަގަވޭ…މިއަދު މެންދުރަށް ކައްކަން އެއްޗެހި ގަންނަން އަހަރެން ބުނެގެން އޭނަ ފިހާރައަށްދިޔަ ވަގުތު އަހަރެން އޭނައަށް ފާރަލިން..އަހަރެން އޭނަގެ ފަހަތުން ދިޔަކަމެއް އޭނައަކަށް ނޭނގޭނެ….އަހަރެން ދުރުގަ ފިހާރައަށް ބަލަންހުއްޓާ އެފިހާރަތެރެއިން ނިކުންނަނީ އިސްކޮޅުންދިގުކޮށް ހުރި ޒުވާން ފިރިހެންކުއްޖެއް..އެއީ ހަމަ ގައިމުވެސް މިރަށުކުއްޖެއްނޫން…މިރަށަށް އައިސްގެންއުޅޭ ބީރައްޓެއްސެއް…ދެން އަހަންނަށް ފެންނަނީ ފަރީޝާ ނިކުތްތަން..އޭނަ ދިޔައީ ގެ ހުންނަ ފަޅިނޫން އަނެއް ފަޅިއަށް..އޭނާގެ ފަހަތުން ކަހަލަަގޮތަކަށް އެފިރިހެންކުއްޖާވެސް ދިޔަ..އިނގޭތަ އެދެމީހުންދިޔައީ ކޮންތާކަށްކަން؟…މީހުންގޮސް ނޫޅޭ ގަސްބޯ ފަޅުސަރަހައްދަކަށް… އެގޮތްނޭނގޭ ބީރައްޓެއްސާއެކު ފަރީޝާ ދިޔައީ” ދޮންމަންމައަށް އެހިސާބަށް ބުނެވުނުތަނާ އޮށޯވެގެން އޮތް ފަރީޝާގެ ބައްޕަ ފުންމައިގެން ތެދުވިއެވެ.
“ނުވާނެ…ފަރީޝާއަކީ އެހެންއުޅޭނެ ކުއްޖެއްނޫން..އޭނަ ނުކުރާނެ އެކަހަލަކަމެއް…ފަރީޝާއަކީ ރަށުމީހަކާވެސް އަނގައިން ބުނާ ކުއްޖެއްނޫން…..ދެން ކިހިނެއް އޭނަ އަމުދުން ބީރައްޓެއްސަކާ ވާާހަކަދައްކާނީ؟” ފަރީޝާގެ ބައްޕައަށް އެވާހަކަތައް ގަބޫލެއް ނުކުރެވުނެވެ. “ފަރީޝާއަކީ އަހަރެންގެ އުފަންދަރިއަކަށް ނުވިއަސް އަަހަރެންގެ އަމިއްލަ ދަރިއެއްފަދައިން ލޯބިވާކުއްޖެއް…މިހާރު މިއުޅޭ ފިރިހެނުން ފަރީޝާމެން ކަހަލަ ރަނގަޅުކުދިން ހައްލާލަން ވަރަށް މޮޅުވާނެ..އަނެއްކާ އެއީ ފަރީޝާއަށް ވުރެ އުމުރުގެެ ގޮތުންވެސް ބޮޑުކުއްްޖެއްހެން ހީވަނީ….ދަރިން ގޯސްމަގުން ހިނގާނަމަ އެކަންތައް ރަނގަޅުކޮށްދެން ތިބޭނެ ބަަޔަކީ އަހަރެމެން މައިންބަފައިން….އެހެންވީމަ މިވާހަކަ މިބުނީ…އަހަންނަށް އޭރުވެސް އިނގޭ ހަކީމަށް ގަބޫލެއްނުކުރެވޭނެކަން..އަހަންނަށްވެސް ފުރަތަމަ ގަބޫލުކުރަން އުދަނގޫވި…އެހެންވެގެން އަހަރެން އެމަންޒަރު ވީޑިއޯވެސް ކުރީ ހަކީމަށް ދައްކަން” އެހެންބުނެ ފޯނު ހާވާލައިފައި ފަރީޝާގެ ދޮންމަންމަ އޭނާގެ ބައްޕައަށް ވީޑިއޯ ދެއްކިއެވެ.
ފަރީޝާގެ ދޮންމަންމަގެ ފޯނުގައި ބައްޕަ ހިފިއިރު މުޅިމީހާ އިނީ ފެންނާނެ މަންޒަރުން ނުތަނަވަސް ވެފައެވެ.ފަރީޝާއާ ވިޔާމް ވާހަކަދައްކަން ހުރި މަންޒަރު ދައްކުވައިދޭ އެވީޑިއޯ ފެނުމާއެކު ފަރީޝާގެ ބައްޕަގެ އެތެރެހަށީގެ ރުޅީގެ ހުޅުގަނޑެއް ރޯވިފަދައެވެ.ވިޔާމް ފަރީޝާގެ އަތުގައި ހިފާލި މަންޒަރުން ރޯވެފައިވާ ހުޅުގަނޑު ބޮޑުވިކަހަލަ އިހުސާސެއް ފަރީޝާގެ ބައްޕައަށް ކުރެވުނެވެ.އެއާއެކު މުޅިމީހާ ތުރުތުރުއަޅަން ފެށިއެވެ.ފޯނުގައިވެސް ރަނގަޅަށް ނުހިފޭތީއާއެކު ފޯނު އެނދުމައްޗަށް އެއްލާލިއެެވެ.އަދި ވަރަށް ފުން ނޭވާއެއް ނެގުމަށްފަހު ވައިގެތެރެއަށް ދޫކޮށްލިއެވެ.
“ކޮބާތަ އެފަރީޝާ؟” އެނދުމަތީގައި އިން ފަރީޝާގެ ބައްޕަ އެހެންބުުނެ ކުއްލިއަކަށް އެނދުން ތެދުވިއެެވެ.އަދި ހަލުވިމިނުގައި ފަރީޝާ ނިދާ ކޮޓަރިއާ ދިމާލަށް ހިނގައިގަތެެވެ.އޭނާގެ ބައްޕަގެ ފަހަތުން ދޮންމަންމަވެސް ދިޔައެވެ.ދޮންމަންމަ ބޭނުންވާ ކަންތައް ވަމުންދާތީ އޭނާހުރީ ވަރަށް ހިތްހަމަޖެހިފައެވެ.
ރުޅިގަދަވެފައިވާ ފަރީޝާގެ ބައްޕަ ދިޔަގޮތަށްގޮސް ފަރީޝާ ނިދާ ކޮޓަރީގެ ދޮރު ކުއްލިއަކަށް ހުޅުވާލިއެވެެ.އެއާއެކު ހަނދާންނެތި ކޮޓަރި ތަޅުނުލާ ފޯނުގައި އޮތް ފަރީޝާއަށް ފުންމައިގެން ތެދުވެވުނެވެ.ފޯނު ކަންފަތުގައި ޖެހިގޮތަށް އެބާއްވަންވެސް ނޭނގިފައި، ބައްޕައާ ދިމާލަށް ބަލަހައްޓައިގެން ފަރީޝާއަށް އިނދެވުނެވެެ.ކޮޓަރިއަށް ވަތް ފަރީޝާގެ ބައްޕައަށް ފަރީޝާގެ އަތުގައި އޮތް ފޯނުފެނި ލިބުނީ އިތުރު ހައިރާންކަމެވެ.ކޮޓަރިދޮރުމަތީގައި ހުރެ ފަރީޝާއަށް ކަޅިޖަހާނުލާ ބަލަން އޭނާގެ ބައްޕަ ހުރިއިއިރު ފަހަތުގައި ހުރި ދޮންމަންމަވެސް ހުރީ ހައިރާންކަމާއެކު ފަރީޝާއާ ދިމާލަށް ބަލާށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






Alhey poor fareesha
Dhen vaani kihineh ba
Waiting for the next part
Next part kiyaalan libeyne kamah unmeedhu kuran ????
❤❤
woww❤️
❤❤