“ލައްބަ އަފްލާކް ސަރ.. އެކަމަކު ސަރ ނަގާނީ ކަމަށް އެންމެ ޤާބިލް ކުއްޖާއެއް ނޫންތޯ؟ ވީއިރު އެހާ ރަނގަޅަށް ނުކިޔާދިނަސް އަޅުގަނޑަށް ހީވަނީ އެނގޭނެހެން.. އެކަމަކުވެސް އަޅުގަނޑު އެހުރިހާ ކަމެއް ކިޔައިދޭނަން..” އާތިކާ ހިނިތުންވެލަމުން އެހެން ބުނެލުމުން އަފްލާކް ޖަހާލީ ލުއި ހިނިގަނޑެކެވެ. އެގާރަޖަހަން ފަސް މިނެޓަށްވުމުން ދެމީހުން ގޮސް މީޓިން ހޯލަށްވަނެވެ. ގަޑިޖެހިގެން ދިޔުމަކީ އަފްލާކް ރުހޭނެކަމެއް ނޫންކަން އެހޯލަށް ބަލައިލުމުން އެނގޭހާވެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. ގަޑިޖެހެން ފަސްމިނެޓު ހުއްޓާ ހުރިހާ ސްޓާފުން އެތިބީ ކުރަން ތިބި ހުރިހާ ކަމެއް ހުއްޓާލުމަށްފަހު އައިސް މީޓިން ހޯލުގައެވެ.
ފެންވަރައިގެން ނުކުތް ޔަނާލްއަށް ފުރަތަމަވެސް ބަލައިލެވުނީ ގަޑިއަށެވެ. އެއްގަޑި ފަނަރައެވެ. ޔަނާލް އަވަސް އަވަހަށް އެނދުމަތީގައި އޮތް ހެދުންލަމުން ގޮސް ޑްރެސިންޓޭބަލް ކުރިމަތީގައި ހުއްޓުނެވެ. މޫނުގައި ލުއި މޭކަޕެއް ކޮށްލަމުން އޭނާ ކުޑަކުޑަ އަތްދަބަހެއް ނެގިއެވެ. އަދި އެއަށް ބޭނުންވާ ސާމާނު އެޅުމަށްފަހު އެނދުމަތީގައި އޮތް ފައިލު ހިފައިގެން ނުކުތީ ކޮންމެވެސް ތަނަކަށް ދިޔުމުގެ ނިޔަތުގައި ކަންނޭނގެއެވެ. ޔަނާލް ނިކުންނަމުން ބޫޓު ހަރުގަނޑުން ކަޅުކުލައިގެ ބޫޓެއްނަގައި އެރިއެވެ. އަދި ފުންނޭވާއެއް ލުމަށްފަހު ގެއިން ނުކުތީ ހުރިހާކަމެއްވެސް ރަނގަޅަށް ދިޔުމަށްއެދި ދުޢާކޮށްލަމުންނެވެ.
ޓެކްސީއަށް ރުފިޔާ ދައްކަމުން ޔަނާލް ފޭބިއެވެ. އެއާއެކު އޭނާގެ ނަޒަރު ދަތުރުކޮށްލީ ކުރިމަތީގައި ހުރި އިމާރާތަށެވެ. އޭ.އެސް ކޮންޕެނީއަށެވެ. އޭނާ ފުން ނޭވާއެއްލަމުން އެތެރެއަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު ފެނުނީ މުޅިންހެން ނުދަންނަ މޫނުތަކެވެ. އޭނާ މަސައްކަތްކުރީ މީހުންގެ މޫނަށް ނުބަލާ ވޭތޯއެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ރިސެޕްޝަންގައި އިން އަންހެން ކުއްޖާ ގާތު އިންޓަވިއުއަށޭ ބުނެލިއެވެ. އެ އަންހެން ކުއްޖާ ހިނިތުންވެލަމުން ދައްކާލީ ކަނާތް ފަރާތުގައި ހުރި ސޯފާއެވެ. އޭރުވެސް ތިން ކުދިން އައިސް ތިއްބެވެ. ޔަނާލް ހިނިތުންވެލަމުން ޝުކުރު އަދާކޮށްފައި ގޮސް ސޯފާގައި އިށީނދެލިއެވެ.
މީޓިން ނިންމާލާފައި ނުކުތް އަފްލާކް ހުރީ ނުހަނު ބޮޑަށް ހަމަޖެހިފައެވެ. އޭނާ ގޮސް ކެބިންއަށް ވަންތަނުން އާތިކާ ވަދެފައި އިންޓަވިއުއަށް ކުދިން އައިސް ތިބިކަން އަންގާލިއެވެ. އަފްލާކް ސިހިފައި ގަޑިބަލައިލިއިރު ދޭއްޖަހަން ތިން މިނެޓެވެ. މީޓިން އެހާ ދިގުދެމިލައިގެން ދިޔަހެއްޔެވެ؟ އާނއެކެވެ. ނަމާދު ގަޑިއަށް އޭނާ ބައިގަޑިއިރުގެ ބްރޭކެއްވެސް ދިނިން ނޫންހެއްޔެވެ. އަފްލާކް ފުން ނޭވާއެއް ދޫކޮށްލަމުން އާތިކާ ގާތު އެންމެ ފުރަތަމަ ކުއްޖާ ވެއްދުމަށް އެދުނެވެ.
އާތިކާ ކުއްޖަކަށް ގޮވާލިކަން އެނގުނެވެ. އަފްލާކް ކުޑަކޮށް ހަމަޖެހިލަމުން ދޮރާއި ދިމާލަށް ނަޒަރު ހުއްޓާލިއެވެ. ދެތިން ސިކުންތުގެ އިންތިޒާރަކަށްފަހު އާތިކާއާއި އެކީ އައިސް ވަތް އަންހެން ކުއްޖާ ފެނިފައި އަފްލާކްގެ ދެލޯ ބޮޑުވިއެވެ. ސިހުންވަރުން ދެތިން ފަހަރަކު އެސްފިޔަވެސް ޖަހާލެވުނެވެ.
“ލާލް..” އަފްލާކްގެ ހިތުން ބުނެވުނީ ނުހަނު މަޑުން ކަމުގައިވިޔަސް ދޮރުމަތީ ބުދެއްހެން ހުރި ޔަނާލްއަށް ސާފުކޮށް އެއަޑު އިވުނެވެ.
“މިސް ޔަނާލް.. އެތެރެއަށް ވަންނަން ވީ ނޫންތޯ؟..” އާތިކާ މަޑުމަޑުން ޔަނާލްގެ ކޮނޑުގައި ހިފަހައްޓާލަމުން އެހެން ބުނެލުމާއެކު ޔަނާލް ސިހިފައި އަވަހަށް ގޮސް އަފްލާކްގެ ކުރިމަތީގައި ހުރި ދެގޮނޑިންކުރެ އެއްގޮނޑީގައި އިށީނެވެ. ހިތް ތެޅޭލެއް ބާރުކަމުންވެސް މިހާރު އަފްލާކްއަށް ވެސް އަޑުނީވިއެއް ނުދާނެއެވެ. ޔަނާލް މަޑުމަޑުން ތުންފަތުގައި ދަތްއަޅާލަމުން އިސްޖެހިއެވެ.
ޔަނާލް އިސްޖެހިތަން ފެނި އަފްލާކް ހޭވެރިކަން ވިކަހަލައެވެ. އޭނާ ޕްރޮފެޝަނަލް ގޮތްގަނޑު ހިފަހައްޓަން މަސައްކަތް ކުރަމުން ޔަނާލްއަށް އަތްދިއްކޮށްލިއެވެ. ޔަނާލް ބަލައިލަމުން ބުމަ އަރުވާލުމާއެކު އަފްލާކް ކުޑަކޮށް ބުމަގޮށްޖަހާލިއެވެ.
“ފައިލް..” “އޯހް.” އަފްލާކްއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް ޔަނާލް އަވަސް އަވަހަށް ފައިލް ދިއްކޮށްލިއެވެ. އަފްލާކް އިތުރު އެއްޗެކޭ ނުބުނެ ފައިލް ބަލައިލަމުން ޔަނާލްއަށް ބަލައިލާ ސުވާލުކުރަން ތައްޔާރުވިއެވެ.
“ސޯ މިސް ޔަނާލް. ކީއްވެތޯ މި މަޤާމަށް ކުރިމަތި ލީ؟.. ކިހާވަރެއްގެ ޔަޤީންކަމެއް އޮތީ މި މަޤާމް މިސް ޔަނާލްއަށް ލިބޭނެކަމުގެ؟..” އަފްލާކް ސުވާލުކުރަމުން ގޮސް އެސުވާލު ކޮށްލީ ސީދާ ޔަނާލްގެ ލޮލަށް ބަލަން އިނދެއެވެ. ޔަނާލްއަށް ހިންދިރުވާލެވުނެވެ. އެ ކަނޑެއްފަދަ ފުން ދެލޯ ފެނިފައިވެސް ޔަނާލްގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. އޭނާ ފުންނޭވާއެއްލަމުން އަފްލާކްއަށް ވަރުގަދަ ޖަވާބެއްދިނެވެ.
“ވެދާނެއެއްނު ބައެއް މީހުންނަށް އަޅުގަނޑުގެ ހުރި ޤާބިލްކަން އަނގާލަން ބޭނުންވީ ކަމަށްވެސް.. އޭރަށް އަޅުގަނޑަށް ޔަޤީން ނާޤާބިލް މީހެކޭ ބުނަން ނުކެރޭނެކަން.. އަޅުގަނޑު ބޭނުންވަނީ ކޮންމެ ވަޒީފާއެއް އަދާކުރިކަމުގައިވިޔަސް، އެންމެ ފުރިހަމައަށް އަދާކުރަން.. ދެން އެހެން ނޫނަސް ވަޒީފާ ދިނުމާއި ނުދިނުން އެއީ ތިބޭފުޅާގެ އަތްމަތީގައި އޮތްކަމެއް.. މިވަޒީފާ ލިބޭނީ ސީދާ އަޅުގަނޑަށޭ ބުނާކަށް ނެތިން.. އަޅުގަނޑަށް ލިބެންވާ އެއްޗެއް އެފަރާތުން ދެއްވާނެ.. ލިބެން ނެތް އެއްޗެއް ނުދެއްވާނެ ނޫންތޯ؟..” އެންމެ ފަހު ޖުމުލަ ބުނެލިއިރު ޔަނާލްގެ ހިތް ރޯލިއެވެ. އަފްލާކްއަށް ވެސް ހީވީ ކޮށި ވަޅިއަކުން ހިތް ކަފަމުން ދިޔަހެންނެވެ. ޔަނާލްގެ އެ ޖުމުލައިން ހިތަށް ހީވީ ތީރުތަކެއް ހެރުނުހެންނެވެ. ނަމަވެސް އޭނާ ހަރުކަށިކަން ދައްކާލަމުން އޯހްއޭ ބުނެލިއެވެ.
އިންޓަވިއު ނިމުނުއިރު ޔަނާލް އިނީ ރުޅިއައިސްގެން ގޮސް ފަޅައިގެންދާން ކައިރިވެފައެވެ. އަފްލާކް ހަމަ ޖެއްސުމަށް ބޭކާރު ސުވާލުތަށް ވެސް ކޮށްލައެވެ. ހަމަ އެގޮތަށް އަފްލާކްވެސް އިނީ ހިތްހަމަ ނުޖެހި ބުމަ ގުޅުވާލައިގެންނެވެ. ޔަނާލްއާއި ކުރާ ހުރިހާ ސުވާލެއްގައިވެސް އޭނާ ރުޅިއަރުވާލަން ތަންކޮޅެއް އެބަ އިތުރުކޮށްލައެވެ.
“ޑޯންޓް ވޮރީ ޔަނާލް.. ކައިރީގަ ބަހައްޓައިގެން އުނދަގޫކޮށްލަން ވެސް ޔަނާލްއަށް މި ވަޒީފާ ދޭނަން..” ޔަނާލް ނިކުމެގެން ދިޔަތަން ބަލަން އިން އަފްލާކްގެ ތުންފަތުގައި ކުޅެލާފައިވަނީ ލުއި ހިނިތުންވުމެކެވެ. އެހާ އަވަހަށް އެ ސިކުނޑީގައި ރާވާލީ ކޮން ކަންތައްތަކެއް ބާވައެވެ؟
ހަލުވިކަމާއެކު ދެދުވަސް ފާއިތުވެގެން ދިޔައިރު ޔަނާލް ހުރީ އޮފީހުން ގުޅާނެ އިރެއްގެ އިންތިޒާރުގައެވެ. އޭނާ އެ ވަޒީފާ ބޭނުންވަނީ ކޮންމެހެން އަފްލާކްގެ ކައިރީގައި ހުންނާކަށްނޫނެވެ. މަންމަގެ ބަލިހާލަތު ހުރި ގޮތުން އިތުރަށް ކިޔަވަން ނުގޮސް މަންމަ ބަލަން ހުންނަން ބޭނުންވެގެންނެވެ. އިތުރަށް މައިންބަފައިންނާއި ދުރަށް ދާން ބޭނުންނުވާތީއެވެ. ނަމަވެސް، އަދިވެސް އޭނާ އޮންލައިންކޮށް ކިޔަވައެވެ. މިހާރުވެސް އުޅެނީ ކޯހެއް ފުރިހަމަ ކުރުމުގައެވެ. ނަމަވެސް، ޔަނާލްގެ ހިތް އޮތް ގޮތެއް އެނގޭނީ ކާކަށްތޯއެވެ؟ އެދުވަހު ގެއަށް އައިސް އޭނާ އެވަރަށް ކަރުނަ އޮއްސިއެވެ. ދެރަވެގެންނެވެ. އަފްލާކް އޭނައާއި ދިމާލަށް އެންމެ ފަހަރަކުވެސް ލޯބިން ބަލައިނުލީމައެވެ. ލޯބިން ގޮވާނުލީމައެވެ. އުފަލުންނެވެ. އެ ވަޒީފާ ލިބިއްޖެއްޔާ އަފްލާކްއާއި އެކީ މަސައްކަތްކުރަން ލިބޭނެތީއެވެ. އެހިތުގައި އަދިވެސް ކުރެހިފައިވަނީ އަފްލާކްގެ ފިރިހެންވަންތަ ސޫރައެވެ. ބޮޑު އަކުރުން ލިޔެވިފައިވަނީ އަފްލާކްގެ ނަމެވެ.
ގެއަށް އައިސް ވަން އަލާޔާއަށް ސޯފާގައި އޮތް ޒާލިކް ފެނުމުން ތުން އަނބުރާލެވުނެވެ. މިދެދުވަހު ވަޒީފާގެ ކަންތަކުގައި އަވަދިނެތި އުޅެމުންވެސް އެވަރަށް އޭނާއާއި ތޮޅުނުވިއްޔާއެވެ. ފެންނައިރަށް އެއްޗެކޭ ބުނަނީ އަލާޔާ ރުޅިއަރުވާލަން ކަން އޭނާއަށް މިއީ ދުވާލުކަން ޔަގީންވާ ފަދައިން އެނގެއެވެ. އަލާޔާ އެއްޗެކޭ ނުބުނެ ހިނގައިގަތުމުން ޒާލިކްގެ ހިތަށް ތަދުވީ ތޯއްޗެކެވެ. ސޯފާއިން ތެދުވެލާފައި ހަމަޖެހިލަމުން އެއްޗެކޭ ބުނެލައިފިއެވެ.
“ބުނަން ޒާލިކް.. މަށެއް ޒާލިކްއަކާ ނުބެހެން.. ފާޑު ފާޑުގެ ނަންތައް ހަދާނެކަމެއް ނެތް.. ފޮނި އައިމިނަޔޯ.. މީ ތިމާ ގެއެއްވެސް ނޫނޭ..” އަލާޔާ ދެއުކުޅުގައި އަތްވިއްދާލަމުން ޒާލިކްއާއި ދިމާލަށް ބަލައިލީ ނުރުހިފައެވެ. އެހާ ވަރުބަލިވެގެން އައީމަ ވެސް މި ޒާލިކް އެބަ އުނދަގޫކުރެއެވެ. މީ ދެން ކިހާ ބޮޑުވެއްޖެ ކަމެއްނޫންހެއްޔެވެ. “ހޫނ ތިކަމެއް ނޭނގޭނެ މަށާއި ދިމާލަށް ފޮނި ހުސޭނޭ ކިޔާއިރު.. ހީވަނީ ދެން މީނަ ވަރުގެ މީހެއް ނޫޅެނީހެން.. އެހެންނޫނަސް ސަމީމައްތަ ބުނެފަ އޮތީ މިއީ އަމިއްލަ ގެ ކަމަށް ދެކިގެން އުޅޭށޭ.. ކަމެއް ބޭނުންވިޔަސް ބުނާށޭ.. ސޯ..” ޒާލިކް ބުމަ އަރުވާލަމުން ފޮނިވެލާފައި އެހެން ބުނެލުމުން އަލާޔާ އިތުރަށް ރުޅިއައުން ނޫންކަމެއް ނުވިއެވެ. އޭނާ ތުންއަނބުރާލާފައި ގޮސް ބާރުބާރަށް ކޮޓަރި ދޮރުޖެހުމުން ޒާލިކްއަށް މަޖާވެގެން ހީގަތެވެ. އެވަގުތު ހޮސްޕިޓަލުން ކޯލެއް އައުމުން އަނެއްކާ ވެސް އޭނާ ދާންޖެހުނީ އިމަޖެންސީކޮށް ހޮސްޕިޓަލަށެވެ. “އަވަދިނެތި އުޅޭ ސޮރެއް..” ކޮޓަރިން ނުކުތް ސަމީމާއަށް ގެއިން ނުކުތް ޒާލިކް ފެނުމުން ބުނެލެވުނެވެ.
ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެވެ. ހުކުރުން ފައިބަންވާއިރަށް ކެއްކުމަށްޓަކައި ބަދިގޭގައި އަވަދިނެތި އުޅެމުންދިޔަ ޔަނާލް ސިހުނީ ފޯނެއް އައުމުންނެވެ. މިއޮއްފަދަ ގަޑީގައި ދެން ގުޅާނީވެސް ވަކި ކާކުބާއެވެ؟ ޔަނާލް ކަންނެތް ހިނގުމެއްގައި ގޮސް ގޭތެރޭގެ ކުޑަ މޭޒުމަތީގައި އޮތް ފޯނުނަގައި ބަލައިލިއެވެ. ނުދަންނަ ނަންބަރެކެވެ. ބުމަގޮށްޖެހިގެން ދިޔައީ ސިކުންތެއްގެ ތެރޭގައެވެ. މިހާ އަވަދިނެތި އުޅޭއިރު ދެން އުނދަގޫކުރަން ވެސް މި ގުޅަނީ ކާކުބާއެވެ؟ ޔަނާލް ހިތްހަމަނުޖެހި ހުރެ ފޯނު ނަގައި ހެލޯއޭ ބުނެލިއެވެ.
“ހެލޯ މިސް ޔަނާލް.. ވަރަށް ބޮޑަށް މާފަށް އެދެން މިވަގުތު ގުޅާލެވުނީތީ.. އަފްލާކް ސަރ ބުނުއްވައިގެން މި ގުޅީލާ އިނގޭތޯ.. ޔަނާލްއަށް ވަޒީފާ ލިބުނުކަން އަންގާލަންވެގެން.. މިއަންނަ ހަފްތާއިން ފެށިގެން ޖޮއިން ކުރަންވީ އިނގޭތޯ..” އެކޮޅުން ވާހަކަދެއްކާ ނިމުނުއިރު ޔަނާލްއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އަފްލާކް ކުރި އުނދަގުލަށްފަހު ވެސް އޭނާއަށް ވަޒީފާ ދިނީހެއްޔެވެ؟ ޔަނާލްގެ ތުންފަތުގައި ދުވެލީ ރަކި ހިނިތުންވުމެކެވެ. އަވަސް އަވަހަށް ލައްބައޭ ބުނެލުމުން އެކޮޅުން ފޯނު ކަނޑާލިއެވެ. ޔަނާލްއަށް ފުންމައިގަނެވުނެވެ. އުފަލުން ގޮސް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގުނެވެ.
“ޔަންނު ކޮން ކަމަކާތަ މާ އުފާވެފަ؟..” ކޮޓަރިން ނުކުމެގެން އައި ޔަލްވީއަށް ފުންމަމުންދިޔަ ޔަނާލް ފެނިފައި ހިނިއައެވެ. މިވީ ދެއަހަރު ތެރޭގައި ޔަނާލް މިހާ އުފާވެފައި ހުއްޓާ އޭނާ އަދި ނުދެކެއެވެ.
“ޔެސް ޔެސް ދޮންތާ.. އައި ގޮޓް ދި ޖޮބް.. އައި ގޮޓް ދި ޖޮބް.. އޯ.އެމް.ޖީ އައި ކާންޓް ބިލީވް.. ދޮންތާ އައިމް ސޯ ސޯ ހެޕީ..” ޔަނާލް އައި ގޮތަށް އައިސް ޔަލްވީގެ އަތުގައި ހިފައި އަނބުރާލިއެވެ. އެވަރުން ނުވެގެން އޭނާ ޔަލްވީގެ ގައިގައި ބައްދާލިއެވެ. ހަމަ އެހާ އަވަހަށް ދޫކޮށްވެސްލިއެވެ. އޭނާ ހިނިތުންވެލައިގެން ހުރެ ދެން ގޮސް އުޅުނީ ކެއްކުމައިގެންނެވެ. ނަމަވެސް އެވަގުތު ޔަނާލްގެ ހިތަށް އެރިއެވެ. އަފްލާކް އެހާ ނަފްރަތު ކުރާ މީހަކު އޭނާގެ ސެކެޓްރީގެ މަޤާމުގައި ބަހައްޓަފާނެހެއްޔެވެ؟ އަފްލާކް އޭނާ ދެކެ އެހާ ނުރުހޭއިރު އަބަދު އެހާ ކައިރީގައި ވުމަށް އެހިތް ރުހޭނެހެއްޔެވެ؟
“ކީއްވެ ރުހެންވީ؟..” ފޯނު ކަންފަތުގައި ޖަހައިގެން ހުރި އަލާޔާ ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ. ވާހަކަ ދައްކަމުންދިޔަ ގޮތުންވެސް އޭނާ ހުރީ ވަރަށް ބޮޑަށް ނުރުހިފައިކަން ބަލައިލި ކޮންމެ މީހަކަށް އެނގޭނެއެވެ.
“ލުކް އަލޫ.. މީހުން ބުނެ އުޅޭ ނަފްރަތަކީ ލޯބީގެ ފެށުމޭ.. އަލޫއަށްވެސް ޒާލިކްދެކެ ލޯބިވެވިދާނެއެއްނު.. އޭނަ ކިހާ ހޭންޑްސަމް.. މިޒަމާނުގަ ސްމާޓް އެންޑް ހޮޓް ލައިފް ޕާޓްނަރ އެއް ބޭނުން ނުވާނީ ކާކު؟.. އެންޑް މޯސްޓް އިމްޕޯޓެންޓްލީ ހީ އިޒް ރެސްޕޮންސިބަލް.. ކުރާ ކޮންމެކަމެއް އެހާ ފަރުވާތެރިވެ ހުރެ ކުރަނީ.. އައި ކެން ސީ.. ޒާލިކް ހޮސްޕިޓަލްގަ ވެސް ނުލަހަކު ޒިންމާދާރު.. އައިމް ވޯކިން އޭޒް ހިޒް ޖޫނިއަރ.. އެކަމަކުވެސް އަދި މިވީ ވީކްގަ ނެތް އޭނަ ހިތްހަމަނުޖެހިގެން ވިޔަސް ބާރަށް އެއްޗެއް ބުނެފައެއް..” އެކޮޅުން ވާހަކަދެއްކީ ކޮންމެ މީހަކަށްވިޔަސް އޭނާގެ ވިސްނުން ހުރީ އަލާޔާއަށް ވިސްނާދެވޭތޯއެވެ. ނަމަވެސް އެކަމުންވެސް އަލާޔާވީ ފޫހި ބުނެދޭންވެސް ނޭނގުނެވެ.
“އޯ ކަމްއޯން ޑޫޑް.. އެލެންއަކަށް ނޭނގޭނެ ޒާލިކް ގޭގަ އަލޫއަށް ކުރާ އުނދަގުލެއް.. ހީ އިޒް ސޯ އެރޮގެންޓް.. އެންޑް ދިސް އައިމިނަތު އަލާޔާ މިހާދު ވިލް ނެވަރ އެވަރ ފޯލް ފޯރ ދެޓް ހުސެން ޒާލިކް…. އާރ ވީ ކްލިއަރ؟..” އަލާޔާ އަލާންއަށް އެއްޗެއް ވިސްނާދެވޭތޯ މަސައްކަތް ކުރިއެވެ. އޭނާއާއި ޒާލިކްއަކީ ދުވަހަކުވެސް އެކުނުވާނޭ ފަދަ ދެމީހުންނެވެ. އެންމެ ކުޑަމިނުން އެދެމީހުންގެ ދެމެދުގައި އެކުވެރިކަމުގެ ގުޅުން އުފެދޭނީވެސް ދުނިޔެ އެފުށް މިފުށަށް ޖަހައިގެންކަން ޔަގީނެވެ.
“ޔެސް މައި ޑިއަރ ބެސްޓީ.. ކްލިއަރ ވެއްޖެ.. އެކަމަކުވެސް ބުނަންތަ؟ އަލޫއަށް އަދި ޒާލިކްދެކެ ލޯބިވެވޭނެ.. ތިދެމީހުންގެ ވެޑިން ޑެކަރޭޓް ކުރާނީވެސް އެލެން.. ފޮނި ހުސޭނު ވެޑްސް ފޮނި އައިމިނަ.. ވާއު.. ކާންޓް ވެއިޓް..” އަލާން އެހެން ބުނެ ނުނިމެނީސް އިވުނީ އަލާޔާގެ ހަޅޭކުގެ އަޑެވެ.
“އެލެން ޕްލީޒް.. މިބުނީނު އެ ފޮނި ހުސޭނު ދެކެ ދުވަހަކުވެސް ލޯބި ނުވެވޭނޭ.. ހީ އިޒް މޭޑް.. އިޑިއަޓް.. އެރޮގެންޓް އެންޑް ރޫޑް… އައި ޑޯންޓް ލައިކް ހިމް އެޓް އޯލް.. ހީ އިޒް ޖަސްޓް….” އަލާޔާ ބުމަ ގޮށް ޖަހާލައިގެން ހުރެ ވާހަކަދައްކަމުން އެނބުރުނު ވަގުތު ގާތުގައި ޖައްސާފައި ހުރި ޒާލިކް ފެނުމުން ސިހުނެވެ. ދެވަނަ ސިކުންތުގައި ހިންދިރުވާލެވުނީ ދެއްކި ހުރިހާ ވާހަކައެއް ޒާލިކްއަށް އަޑުއިވުނުކަން އެނގުމުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Hahahaha alaaya I don’t think you are right???
BTW mi part VX vrh vrh reethi ????
waiting for the next part ????
Vrh avahah next part kiyaalan libeyne kamah unmeedh kuran ?????