އަބަދުވެސް ހިތުގައި (13)
‘ނަޝްޔާ..؟’ މަލްކާއަށް އަހާލެވުނެވެ.*
އެއީ ނަޝްޔާ ނޫން ދެވަނަ މީހެއްގެ އަޑެއް ނޫނެވެ. މަލާކް ދޭތެރެ ދޭތެރެއިން ގްރޫޕް ވޯރކް ތަކަށް ނަޝްޔާ ގެއަށް ގެންނާތީ މަލްކާއާއި ނަޝްޔާގެ މެދުގައި އޮންނަނީ އެއްބަނޑު އެއްބަފާ ދެބެއިންގެ ދެމެދުގައި އޮންނާނެ ފަދަ ލޯތްބެއް އުފެދިފައިއެވެ. އެއްފިޔަވަޅު ކުރިއަށް އަޅާފައި މަލްކާ ފަހަތަށް އެނބުރުނު އިރު އޭނާގެ ދެއަތްތިލާގައި ތުރުތުރެއް އުފެދިފައި ހުއްޓެވެ. އެތާނގައި ހުރި ފަޅު ގޯތީގެ އެތެރެ ފެންނަހެން މަލްކާ ބޯއަރިކޮށްލިއެވެ.
‘މެލޯ.. އަންނާކަށް ނުވޭތަ.؟’ ފަޅުގޭގެ އެތެރެ ރަނގަޅަށް ފެންނަގޮތް ނުވަނީސް އާލާ ގޮވާލުމުން މަލްކާ ދިޔައީ ސިއްސައިގެންނެވެ.
‘އާލް އިހަށް ދޭ.. އަހަރެން އަންނާނަން.. ޖަސްޓް އަ މިނެޓް..’ މަލްކާ ބުނެލިއެވެ. އަވަސްކުރާށޭ ބުނެފައި އާލާ ދިއުމުން މަލްކާ އިރުކޮޅަކު މަޑުކޮށްލިއެވެ. މިނިޓެއް ވީއިރުވެސް އަޑެއް ނީވުމުން ހީއެއް ކަމަށް ނިންމަމުން މަލްކާ އަޅަންއުޅުނު ފިޔަވަޅު ހުއްޓުނީ އަނެއްކާވެސް އެއަޑު އިވުމުންނެވެ. ތަންކޮޅެއް ދުރުގައި ހުރި އާލާއަށް ބަލާފައި މަލްކާ މަޑުމަޑުން އެފަޅުގެއާ ކައިރި ވެލިއެވެ. އާލާ އެގަނޑީ އެހެންކަމެއްގައި ހުރުމުން މަލްކާ ފަޅުގެއަށް ވަންތަނެއް ނުފެނުނީއެވެ.
ހިކި ފަތްތަކުގެ މަތިން ލާފައި ގޮސް އެގޭ ދޮރުމައްޗަށް ހުއްޓެމުން މަލްކާ ފުންނޭވާއެއް އެތެރެއަށް ލިއެވެ. އޭރު އޭނާގެ ހިތް ތެޅޭވަރުން ހީވަނީ ދެންމެ ދެންމެ މޭފަޅާލާފަ ނިކުމެދާނެ ހެންނެވެ. މިވަދެވެން އުޅެނީ ކިހާ ބޮޑު ކަމެއްގެ ތެރެއަށްކަން ނޭނގޭ ހާލު މަލްކާ އެގޭގެ އެތެރެއަށް ފިޔަވަޅެއް އަޅާލިއެވެ. ގޭތެރޭގައި ފެންނަންހުރީ ދެކޮޓަރިއެވެ. ރާނާ ނިމިގެން ތަޅުންވެސް ނާޅާ ހުރި އެމުޅިތަނަށް ފެތުރިރައިވަނީ އުދާސްކަމެވެ. ބިރުގެންފައި ހުއްޓަސް މަލްކާ އެތެރެއަށް ހިނގައިގަތީ ނަޝްޔާ ހޯދުމުގެ ނިޔަތުގައި އެވެ.
‘ނަޝްޔާ..’ މަލްކާ ގޮވާލިއެވެ. ޖަވާބެއް ލިބޭނެ ކަމުގެ އުންމީދުގައި ހުއްޓާ އިވުނީ އެއްޗެއް ބިންމައްޗަށް ވެއްޓި ތަޅައިގެން ދިޔަ އަޑެވެ. ސިއްސައިގެން ގޮސް މަލްކާއަށް ހަޅޭއްލަވައި ނުގަނެވުނީ ހަމަ ކިރިޔާއެވެ. ފުންނޭވާތަކެއް ލަމުން އަޑު އައި ދިމާއަށް މަލްކާ ހިނގައިގަތެވެ.
‘ނަ..ޝް..’ ދެކޮޓަރީގެ ތެރެއިން އެތެރެއަށް ހުރި ކޮޓަރީގެ ދޮރު މައްޗަށް އެރުމުން ފެނުނު މަންޒަރުން މަލްކާއަށް ސުބްހާނައް ﷲ އޭ ބުނެވުނެވެ. ދެއަތާއި ދެފައިގެ އިތުރުން އަގަވެސް ބަދެފައި އޮތް ނަޝްޔާގެ މުޅި ގައިން ފެންނަން ހުރީ ޒަހަމްތަކެވެ. މުޅި ކޮޓަރިތެރޭގައި ލޭގެ ކޯރެއް ހެދިފައިވާއިރު އޭނާގެ ހެދުމުގެ ގިނަތަންތަނުން ހުރީ ވީދި ގައި ހާމަވެފައެވެ. ތަންކޮޅެއް ދުރުގައި ބިއްލޫރި ފުޅިއެއްގެ ތަންތަންކޮޅު ފެންނަން ހުއްޓެވެ. ހީވާގޮތުން ނަމަ ދެންމެ އިވުނީ އެފުޅި ފަޅައިގެން ދިޔަ އަޑެވެ. މަލްކާއަށް އެންމެ ފަހަރަކުވެސް އެ ފުޅި ފެޅެންވީ ކީއްވެކަމާމެދު ވިސްނާލެވުނު ނަމައެވެ.
ލޭފެނުމުން ބޮލަށް ބަރުވި ބަރުވުމެއް ދޫކޮށްލުމަށްފަހު މަލްކާ ދުއްވައިގަތީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ފަދައިން ލޯބިވި ނަޝްޔާގެ ހާލަށް ކެތް ނުކުރެވިގެންނެވެ. ކަކޫމައްޗަށް އިށީންނަމުން މަލްކާ ފުރަތަމަވެސް ނަޝްޔާގެ ފައިގައި ބަދެފައި ހުރި ވާތައް މަހަން ފެށިއެވެ. ވަރުދެރަވެފައި އޮތް ނަޝްޔާ ގަދަކަމުން ބޯހޫރަމުން ދިޔައެވެ.
‘މި ކާކު ކުރި ކަމެއް..؟ ނަޝްޔާ ބިރުނުގަންނާތި.. އަހަރެން ނަޝްޔާއަށް މިހެން ހެދި މީހަކު ދޫ..’ މަލްކާގެ ޖުމްލައަށް މެދުކެނޑުމެއް އައީ މީހަކު އޭނާގެ ބޮލުގެ ފުށްކިބާގައި ވަރަށް ބާރަށް އެއްޗަކުން ޖެހުމުންނެވެ.
‘ޝައިލް؟’ ބޮލުގައި އަތް އަޅައިގެން ހުރި މަލްކާއަށް ބުނެވުނެވެ. ހަފަރާތުން ވެރިވަމުން ދިޔަ އަނދިރިކަމުގެ ތެރެއިން މަލްކާއަށް ފެނުނީ ޝައިލްގެ މޫނެވެ. ދެލޯ މެރެމުން ގޮސް ކަނޑާލި ރުކެއްހެން މަލްކާ ބިންމައްޗަށް ދެމުނެވެ. ޝައިލްގެ ތުނަފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ތަންކޮޅެއް ދުރުގައި އޮތް ނަޝްޔާއަށް ކުކުރާލެވުން ނޫން ކަމެއް ނުކުރެވުނެވެ.
******
‘މި މެލޯ ވެސް.. މިނިޓެކޭ ކިޔާ މިހާރު ކޮންއިރެއް.. ދާންވީ ކަންނޭނގެ ބަލަން.. އަނެއްކާ އައީތަ.. މިތާ ތިބި މީހުން ގިނަކަމުންވެސް..’ ތުން އޫކޮށްލައިގެން ހުރިހާ ކުދިންތަކުގެ ތެރެއިން އާލާ މަލްކާ ހޯދަން ފެށިއެވެ. ހުރިހާ ސަފުތަކާއި ކައިރީގައި ހުރި ގޯޅިތައް ވެސް މެއެވެ.
‘މެލޯ.. ވެއަރްސް ޔޫ.. މީ އަހަރެންގެ ކުށޭ.. މެލޯ ބަހައްޓާފަ ނައިނަމަ..’ މާގިނަ އިރުވާން ފެށުމުން އާލާ ބިރުގަންނަން ފެށިއެވެ. ހަމައެއާއެކު އާލާއަށް ނުބައި ކުރެވެން ފެށުނީ އޭނާގެ އަމިއްލަ ނަފްސެވެ.
‘އެޓެންޝަން ޕްލީސް.. މަލްކާ ތިތަނުން ލައިނެއްގެ ތެރޭގަ ހުރިއްޔާ މިކޮޅަށް އައުން އެނދެން..’ ޓީޗަރެއްގެ އެހީގައި މައިކު އަތުލުމަށްފަހު އާލާ ބުނެލިއެވެ.
‘މަލްކާ ނެތް މިތާކު.!’ އިރުކޮޅަކަށް ފަހު ކުދިން ދެމުން ދިޔަ ޖަވާބުގެ ސަބަބުން އާލާ އިތުރަށް ބިރުގަންނަން ފެއްޓެވެ.
‘ހުރިހާ ކުދިންވެސް މިތާ ކައިރީ ހުރި ތަންތަން ޗެކް ކޮށްދީބަ.. މަލްކާ ދިޔަތަނެއް ނޭނގިގެން މިއުޅެނީ.. އަހަރެން މަލްކާއާ މަލްކާގެ މަންމައަށް ގުޅޭތޯ ބަލާނަން..’ އިރުކޮޅަކު ވިސްނާފައި އާލާ ބުނެލިއެވެ. ހުރިހާ ކުދިން ވެގެން ތަންތަން ހޯދަން ފެށުމުން އާލާ ފޯނު ނަގައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ.
‘އޭނ.. ކީކޭ.. މަލްކާ ދިޔަ ތަނެއް ނޭގެއޭ.؟’ އާލާ ވީގޮތް ކިޔައި ދިނުމުން ޒުލްފާ ބުނެލިއެވެ.
‘ސޮރީ ދައްތާ.. މެލޯ މިނިޓެކޭ ބުނީތީ އެތަނުން އަހަރެން ދިޔައީ ވެސް..’ އާލާ މާފަށް އެދުނެވެ.
‘މާފަށް އެދޭނެ ކަމެއް ނެތް.. އާލްގެ ކުށެއް ނެތް މިކަމުގަ.. އެކަމު މީހެއްގެ ކުށެއް ވަންޏާ ދައްތަ އެމީހަކަށް ދުވަހަކު ވެސް މާފެއް ނުކުރާނަން.. ދައްތަ މިއަންނަނީ ތިތަނަށް އިނގޭ.. އާލް މަލްކާއަށް ގުޅޭތޯ ބަލާ..’ ޒުލްފާ ފޯނުބޭއްވުމުން އާލާ ފުންނޭވާއެއް އެތެރެއަށް ލިއެވެ.
‘ގޯޑް ޕްލީސް މެލޯ ކައިރިއަށް އަހަރެން ގެންގޮސްދީ.. ޕްލީސް ކީޕް ހާރ ސޭފް..’ އާލާގެ ހިތުގައި ވަނީ އެހެންނެވެ. ފޯނު ނަގާފައި މަލްކާއަށް ގުޅަން ފެއްޓިއެވެ. ފޯނު ރިންގް ވެފައި ކެނޑުނީ އެވެ. ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށް ވެސް ވީ ހަމަ އެހެންނެވެ. އާލާގެ ހިތުގައި އުފެދިފައިވާ ބިރު އެތައް ގުނައަކަށް އިތުރުވިއެވެ.
******
ބާރު ނޭވާތަކެއް ލަމުން މަލްކާ ދެލޯ ހުޅުވާލިއެވެ.
‘ސަޕްރައިޒް..’ ކުރިމަތީގައި ގޮނޑިއެއް އަޅައިގެން އިން ޝައިލް ބުނެލިއެވެ. އިރުކޮޅެއް ކުރިން ވީ ކަންތައް މަލްކާގެ ހަދާނަށް އައީ ދެނެވެ. މަލްކާ އިނީ ގޮނޑިއެއްގައި ބަދެފައި ކަން އޭނާއަށް އެނގުނީ ގޮޑިން ތެދުވާން މަސައްކަތް ކުރުމުން ނެވެ.
‘ނަޝްޔާ ކޮބާ..؟ އޭނައަށް ހެދީ ކިހިނެއް..؟’ މުޅިތަން ހޯދަމުން ފުރަތަމަވެސް ދުލަށް އައި ސުވާލު މަލްކާ އަހާލިއެވެ.
‘އޭނަ ދޯ.. އޮންނާނެ މިގޭ ކޮންމެވެސް ހިސާބެއްގަ.. ގެންނަން ވީދޯ..!’ އިން ތަނުން ތެދުވެގެން ޝައިލް ހިނގައިގަތެވެ.
‘ޝައިލް.؟ މިހުރިހާ ދުވަހު މިރަށު ކުދިންނަށް މިވާ ގޮތް ގޮތަކީ ޝައިލް..’ ޝައިލް ކޮޓަރިން ނިކުތުމުން މަލްކާއަށް ބުނެވުނެވެ. މަލްކާގެ ހަދާނަށް އައީ ފިހާރަ ކުރިމަތިން ޝައިލް އާ ދިމާވި ދުވަހު އޭނާ އުޅުނު ގޮތެވެ.
‘އެހެންވެ އެހާ އަންކޮމްފޯރޓެބަލް ވަނީ އޭނަ ބެލީމަ.. އިއު.. ހީސް ސޯ ޑިސްގަސްޓިންގް..’ މަލްކާ ބޯހޫރާލިއެވެ. މިތެއް ދުވަހު އޭނާއަކީ އެކުވެރިއެއް ކަމަށް ބެލުނީތީ ފާޑެއްގެ ރުޅިއެއް އާދެވުނެވެ.
‘މިއޮތީ ނަޝްޔާ.. އޭނަ ދެކޭ ހިތުންނެއްނު މަލްކާ އުޅުނީ..’ ކޮޓަރީގެ ދޮރު މައްޗަށް އަރަމުން ޝައިލް ބުނެލިއެވެ. ބިންމަތީގައި ދަމަމުން ނަޝްޔާ ގެނެސް އެ ކޮޓަރި ތެރެއަށް ހޫރާލި އެވެ.
‘ނަޝް..’ މަލްކާގެ ލޮލަށް ކަރުނަތައް ބޮޑިވެގަތެވެ. ގޮޑީގައި ބަދެފައި އިން ކަން އެނގި އެނގި ހުރެ ވެސް ތެދުވާން އުޅެވުނެވެ.
‘ޝައިލް މި ކޮން ކަމެއް.! މިހުރިހާ ކުދިންގެ ދިރިއުޅުން ހަލާކު ކުރަމުން އެވަރު ނުފުދިގެން ތަ އަހަރެން ކައިރީ އިންނަން ތި އެހީ.؟ މިކުދިން ކުރީ ކޮން ކުށެއްތަ.؟ ދުވަހަކު ނުފިލާ ތަދެއް ތިދެނީ.. ނަޝްޔާ ގެނެސް ދޫކޮށްލާ..’ އަޑަށް ރުޅިވެރިކަން ގެންނަން އުޅުނަސް ގެންފައިވާ ބިރުގެ ސަބަބުން މަލްކާއަށް އެކަމެއް ނުވިއެވެ.
‘ޝުޝްޝ.. މާ އަގަގަދަ ނުކުރާތި އޭނައަށް ވެފަ އެއޮށްވަރަށްވުރެ ބޮޑުވަރު ވެދާނެ މަގޭ އަތުން..’ ޝައިލް ކޮށްލީ އަމުރެކެވެ.
‘ޝައިލް ޕްލީސް.. އޭނަ ދޫކޮށްލާ.!’ އަހަރެން ޝައިލް ބުނި ކޮންމެ ކަމެއް ކުރާނަން..’ މަލްކާ އެދުނެވެ.
‘ކޮންމެ ކަމެއް..؟’ ޝައިލް ދަމާލާފައި އަހައިލިއެވެ. މަލްކާ ލޯމަރާލުމަށްފަހު ވިސްނައިލިއެވެ. ޝައިލް އެދޭނީ ކޮންކަމަކަށް ބާވައެވެ. ލޯހުޅުވާ ލުމަށްފަހު ދުރުގައި އޮތް ނަޝްޔާގެ މޫނަށް ބަލައިލިއެވެ. އޭނާ މިދެދުވަހު އުޅޭނެ ގޮތެއް ހިތަށް އަރުވާލުމުން މަލްކާއަށް އެހެން އެއްޗެއް ވިސްނޭ ވަރުވެސް ނުވިއެވެ. ދެލޮލުން ވިދައިގަތް ކަރުނަތައް ކޮންޓްރޯލް ކުރަމުން މަލްކާ ބޯޖަހާލިއެވެ.
‘ގުޑް..’ ޝައިލް އެއްބުމަ މައްޗަށް އަރުވާލިއެވެ.
******
‘ކޮބާ މަލްކާ ފެނުނުތަ އެކަކަށް ވެސް..’ އާލާ އެތާ ތިބި ކުދިން ތަކަކާ ސުވާލު ކޮށްލިއެވެ. ހުރިހާ ކުދިންވެސް ދެމުން ދިޔައީ އެއް ޖަވާބެކެވެ. މަގުގެ އަނެއް ފަޅީގައި ހުރެގެން ޒުލްފާވެސް މަލްކާ ފެނޭތޯ ބަލަމުން ދިޔައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ނާއުންމީދުގެ ކުލަވަރެވެ.
‘އާލް.!’ ތަންކޮޅެއް ދުރުން މަލްކާގެ އަޑު ޖެހުމުން އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ނަޝްޔާގެ ކޮޑުގައި ހިފަހައްޓައިގެން ހުރި މަލްކާ އެހީވާން އެދުނެވެ. އެއްބަޔަކު ވަރުދެރަ ވެފައިވާ ނަޝްޔާ ކައިރިއަށް ދިޔައިރު ދެންތިބި މީހުން އަވަސްވެގަތީ އެމްބިއުލާންސަށް ގުޅާށެވެ.
‘މެލޯ.!’ ކަނޑާލި ރުކެއްހެން ބިންމައްޗަށް ވެއްޓެން އުޅުނު މަލްކާގެ ގައިގައި އާލާއަށް ހިފުނީ ކިރިޔާއެވެ.
‘ސުބްހާނައް ﷲ.. ދައްތާ މެލޯ މިއޮތީ ހުމާ ފިހި ފިހި..’ މަލްކާގެ އަތުގައި ހިފައިގެން އާލާ ބުނެލިއެވެ. އޭރުވެސް މަލްކާގެ އަތް ތުރުތުރު އަޅައެވެ.
އެމްބިއުލަންސްގައި ނަޝްޔާއާއި މަލްކާ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ގެންދެވުނެވެ.
******
‘މިހާރު ކިހިނެއް.؟’ މަލްކާ ދެލޯ ހުޅުވާލުމުން ޒުލްފާ އަހައިލިއެވެ. އޭރުވެސް މަލްކާގެ ހުންގަދަ ކަމުން އޮތީ ފެންފޮތި އަޅާފައެވެ. މަލްކާ ރަނގަޅޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
‘ނަޝްޔާ ކޮބާ.؟’ މަލްކާ އަހާލިއެވެ.
‘މިހާރު ކުރިއަށްވުރެ ރަނގަޅު.. ދަރިފުޅަށް ނަޝްޔާ ފެނުނީ ކޮންތާކުން.؟’ ޒުލްފާ ކުރި ސުވާލުން މަލްކާ ދިޔައީ ސިއްސައިގެންނެވެ. ބުނާނެ އެއްޗެއް ނޭނގިފައި އޮއްވާ ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ދެމައިންގެ ސަމާލުކަންވެސް އެތަނަށް ހުއްޓުނެވެ.
‘މަލްކާ.. މިހާރު ކިހިނެތް.؟ ދެންމެ ނަމާދުން ފައިބައިގެން ގެއަށް ދިޔައިރު މަގުމަތީ ތިބި ބަޔަކު ކީއަޑު އެހީ.. ނަޝްޔާ ކޮބާ.؟ އޭނަވެސް ރަނގަޅު ދޯ..’ ދޮރު މަތީ ހުއްޓިލައިގެން ހުރި ޝައިލް ފެނުމުން މަލްކާ މޫނު ކުނިކޮށްލިއެވެ.
‘ހޫމް.. ދެމީހުންވެސް މިހާރު ރަނގަޅު..’ ޒުލްފާ ޖަވާބު ދިނުމުން ޝައިލް އައިސް އެނދު ކައިރީ ހުއްޓުނެވެ. ޒުލްފާ އިނުމުން މޫނު ރަނގަޅު ކޮށްލައިގެން މަލްކާ އޮތެވެ. އިރުކޮޅަކުން ނަރުސް ކުއްޖާ އައުމުން ޒުލްފާ ދިޔައީ ބޭސް ނަގާށެވެ.
‘މިތަނަށް ތިއައީ ކީއްކުރަން..؟’ މޫނު އަބުރާލަމުން މަލްކާ ފަރުވާކުޑަ ރާގެއްގައި އަހާލިއެވެ.
‘ކޮޕުން އެބަތިބި ބޭރުގަ.. އެއިން މީހެއްގެ ކުރިމަތީ މަގޭ ނަން ނުކިޔާތި.. އެހެންނޫނީ ނަތީޖާ ވަރަށް ހިތިވާނެ.. އަނެއް ކަންތައް.. ޒުލްފައްތަ ކައިރީ ބުނޭ މަށާ އިންނާނަމޭ.. ނޫނީ..’ ‘ ތިބުނާ ގޮތް ނެހެދިއްޔާ ކީއްކުރާނީ.؟’ ޝައިލްގެ ވާހަކަ މެދު ކަނޑާލަމުން މަލްކާ ބުނެލިއެވެ. ކިތަންމެ ގަދަކަމެއް ދެއްކިއަސް ހަގީގަތުގައި އޭނާގެ ހިތަށް ވަނީ ނޭނގޭ ބިރުވެރިކަމެއް ވަދެފައެވެ.
‘ނެހެދިއްޔާ ދޯ.. ދެން އަންނާނީ މަލާގެ ނަމްބަރު.. ވަރަށް ލޯބިވެއެއްނު ކޮއްކޮ ދެކެ.. މަށާ ތޮޅެންޏާ ދެން ފެންނާނީ ނަޝްޔާގެ ބަދަލުގައި މަލާ އޮތްތަން..’ ޝައިލް އިންޒާރެއް ދީފައި ކޮޓަރިން ބޭރަށް ހިނގައިގަތެވެ. މަލްކާއަށް ގޮތް ހުސްވިއެވެ. އަމިއްލަ ދިރިއުޅުމާ ކޮއްކޮގެ ދިރިއުޅުމުގެ ތެރެއިން އަމިއްލަަ ދިރިއުޅުން ނެގޭނީ ކާކަށް ހެއްޔެވެ.؟
މަލްކާއަށް ގިސްލެވެން ފެށުނެވެ. އޭނާއަށް އިތުރުގޮތެއް އޮތްނަމައެވެ.

