‘ކައިންޑް އޮފް.. އަސްލު މަންމަގެ ފްރެންޑް އެއް ޝަހީމައްތަ އެއީ.. އަހަރެން މިދެކުނީ އަލަށް.. މީހަކާ އިނދެގެން ރަށުން ދިޔަފަހުން އެއައީއޯ މަންމަ ބުނީ..’ މަލްކާ ކިޔައިދިނެވެ. ދެމީހުން ދެން އުޅެގަތީ އެސައިންމަންޓްތައް ހަދާށެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މަހެއް ވީ ލޮލުފިޔަ ޖަހާލާހާ އަވަހަށެވެ. މަލްކާ އާއި ޝައިލްވެސް ގާތް އެކުވެރިންނަށް ވާން މާކަ ގިނަ ދުވަސްތަކެއް ނުނަގައެވެ. ދެމީހުންގެ މަންމައިންގެ މެދުގައި އޮތް ގުޅުމުގެ ސަބަބުން ގިނައިރު އެކީގައި އުޅޭތީވެސް މެއެވެ.

******

‘5:30 އަށް އައިސްދީބަ އެކޮޅު އަތިރިމައްޗާ ދިމާއަށް.. އެންމެން އެއްކޮށް ފިނިބުރެއް ޖަހާލަން ދާން އެހެން އެންމެން ކައިރީ އަހަރެން ބުނެފިން..’ ކާން އިނދެފައި މަލްކާ ފޯނަށް އައިސް އިން ޝައިލްގެ މެސެޖް ކިޔާލިއެވެ. ދާނަމޭ ބުނެފައި ތަށީގައި ބާކީ އޮތް ބަތްކޮޅު އަނގަޔަށް ލަމުން ތަށި ދޮންނަން މަލްކާ އަވަސްވެގަތެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ރީނދޫ ކުލައިގެ ލޭސް އަޕް އަތެއް ލާފައި އިން ފައިތިލަޔާ ހަމައަށް އަންނަ ވައްތިރި ހެދުމުގައި މަލްކާ ހީވަނީ ހުރިހާ ރީތިކަމެއް ވެރިކޮށްލައިގެން ހުރި ހެންނެވެ. ރީނދޫ ކުލައިގެ ސްކްރަންޗީ ސްކާފް  ބޮލުގައި ޖަހާފައިހުރި މެސީ ބަންގެ ވަށައިގެން އޮޅާލުމަށްފަހު ސެންޓް ޖަހާލައިގެން މަލްކާ ރަތް ލިޕްސްޓިކް ކޮޅެއް ހާކާލިއެވެ. ކޮޓަރިން ނިކުމެ ގައިގެ ހަމުގެ ކުލައިން ފަރުމާ ކޮށްފައިހުރި ލޭސް ގްލޭޑިއޭޓާރ ސޭންޑަލް އަކަށް އަރައިގެން ފޯނު ހޭންޑް ބޭގްގެ ތެރެއަށް ލަމުން މަލްކާ ހިނގައިގަތީ އަތިރިމައްޗަށް ދާށެވެ.

‘ހެލޯ އާލް ކޮބާ ދަންތަ..’ އާލާއަށް ގުޅައިގެން މަލްކާ އަހާލިއެވެ.

‘ކޮންތާކަށް.؟’ އާލާ އަހާލިއެވެ.

‘ނޭނގޭތަ.. ޝައިލް މެންދުރު މެސެޖް ކޮށްފަ އިން ހުރިހާ މީހުން އެކީ ފިނިބުރަކަށް ދާށޭ.. ފަސްގަނޑި ބަޔަށް ދާށޭ އެކޮޅަށް.. އާލް ކައިރީ ނުބުނޭ؟..’ މަލްކާ އަނގައަށް ވައްތަރެއް ޖައްސާލިއެވެ.

‘އާނ.. ވެދާނެ ހަނދާން ނެތުނީ ކަމަށް.. އަހަރެން ވަރަށް އަވަހަށް ތައްޔާރު ވެލާނަން.. މަލް އާދޭ މިގޭ މަގުން ލާފަ ދާން..’ އާލާ އޭނާއަށް ހީވާގޮތް ހާމަކޮށްލިއެވެ. އާއެކޭ ބުނެފައި މަލްކާ ފޯނުކަނޑައިލިއެވެ.

މަޑުމަޑުން ހިނގާފައި ގޮސް އާލާމެން ގޭ ކުރިމަތީގައި މަޑުކޮށްލަމުން މަލްކާ ސަލާން ގޮވައިލިއެވެ.

‘ވައަލައިކުމުއް ސަލާމް.. މަލްކާ އާދޭ އެތެރެއަށް.. ކިހިނެތްތަ.. ނީއްތަމެން ގެއަށް ނާންނަތާ ކޮންދުވަހެއް..’ އެތެރެއިން ދޮރު ހުޅުވި އާލާގެ މަންމަ ނިޝާ ޝަކުވާގެ ރާގަކަށް ސުވާލު ކޮށްލިއެވެ.

‘އަހަރެން ހަމަ ބަރާބަރު.. ނީއްތަ ކިހިނެއް؟.. ބިޒީކޮށް އުޅޭތީ އައިސް ގޮސް ނެހެދެނީ ކޮބާ އަޔާމް މެން..’ މަލްކާ ވަށައިގެން ހޯދާލީ އެގޭ ކުޑަމީހާ ފެނޭތޯއެވެ. އެއީ އާލާގެ ބޭބެ އަޔާންގެ  ކުއްޖާ އެވެ.

‘އެމީހުން ގޮއްސި ހައިނާގެ މަންމަމެން ގެއަށް.. އިއްޔެއިން ފެށިގެން މާމަ ކައިރިއަށް ދާށޭ އެސޮރު  ކިޔާތީ.. ހެހެ.. މަންމަމެނަށް ދައްތަގެ ސަލާމް ބުނައްޗޭ..’ ނިޝާ ހިނިތުންވެފައި މަލްކާގެ ބުރަކަށީގައި ފިރުމާލިއެވެ.

‘އާނ.. ދައްތައާ މިގޭ އެންމެނަށްވެސް ސަލާމް ބުނައްޗޭ..’ މަލްކާވެސް ހިނިތުންވެލިއެވެ.

‘އަހަރެންނަށް ސިއްރުން ދެމީހުން ދައްކަނީ ކޮންވާހަކައެއް.. ޔަގީނޭ އަހަރެން ގައި މަސްކަނީ ކަން..’ ގެއިން ނުކުމެފައި އާލާ ހިނިތުންވެލިއެވެ.

‘އައްޗީ އެބައުޅެންތަ ކާނެ އެއްޗެއް ނުލިބިގެން.. އާލްވެސް ދޯ..’ މަލްކާ ހީގަތެވެ.

‘އުޅޭ ގޮތެއް އާދޭ އަވަހަށް..’ ލައިގެން ހުރި ކަޅާއި ހުދު ކުލައުގެއަތްދިގު ކޮޓަން ޕެޕްލަމް ޓޮޕާއި ކަޅު ޖީންސާ ގުޅުވައިގެން ކަޅު މެރީ ޖޭން ހީލް އަށް އަރައިގެން އާލާ ހިނގައިގަތެވެ. އިސްތަށިނގަޑު ދެފަރާތަށް ފަޅާލައި ވަޔަށް މިނިވަންކޮށްފައި ވުމުން ފެންނަލެއް ވަރަށް ރީއްޗެވެ. ދެމީހުންވެސް އެކިކަހަލަ ވާހަކަތަކުގައި ޖެހިފަ ތިބެގެން އަތިރިމަގަށް އަޅާލިއެވެ.

******

‘އާލް.؟ އައި ޝުޑް ޑޫ ސަންތިންގް..’ މަލްކާ އަންނާނެ އިރަކަށް އިންތިޒާރުގައި ހުރި ޝައިލްއަށް އާލާ ފެނުމުން މޫނު ހަދާލެވުނެވެ. ސަޕްރައިޒް އެއް ޕްލޭންކުރުމުން އާލާވެސް އައީ ވިއްޔާއެވެ. ކަޅާއި ރަތުން ފަރުމާ ކޮށްފައި ހުރި ހޫޑީއާއި ކަޅު ޖީންސްގައި ޝައިލްވެސް ނުލާހިކު ރީއްޗެވެ. ކަދުރާއާއި ހަމަޔަށް އޮންނަ ރާޅު ބާނި އިސްތަށިގަނޑަކީ އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ އެއް ބާރެކެވެ. އިރުއިރުކޮޅާ ޖެހޭ ވައިރޯޅިތަކުން އެއިސްތަށިގަނޑާ ގޯނާ ކޮށްލައެވެ.

‘އާލް.. އައި ނީޑް ޓު ޓޯކް މަލްކާ އަމްމް އެލޯން..’ ކުރަން ނުކުރަން ހުރެފައި ޝައިލް މެސެޖް ކޮށްލިއެވެ. ޝައިލް ހުރި ހިސާބާ ވަރަށް ކައިރިވެފައި ހުއްޓާ ލިބުނު މެސެޖް ފެނުމުން އާލާ ބޯކަހާލިއެވެ.

‘މެލޯ.. އަހަރެން މިދަނީ.. ވަރަށް މުހިންމު ކަމެއް .. އަމްމ ކޮއްކޮގެ  އެއްޗެހިތަކެއްނުލާ ދޮންބެމެން ހަނދާން..’

‘އޯކޭ އޯކޭ ނޯނީޑް ޓު އެކްސްޕްލެއިން..’ އާލާ ބުނަން އުޅުނު އެތި ހުއްޓުވަމުން މަލްކާ ބުނެލިއެވެ. އާލާ ބޭނުންވީވެސް އެގޮތެވެ. އާލާ ދިއުމުން މަލްކާ ޝައިލް އާ ދިމާލަށް މިސްރާބު ބަދަލު ކޮށްލިއެވެ.

‘ހޭ އާދެވުނީ ދޯ.. އަދި އެކަކުވެސް ނެތް ހިނގާބަ  ދޮންވެލިގަނޑަށް..’ ޝައިލް ބުނެލިއެވެ. މަލްކާ ހިނގައިގަތުމުން ފަހަތުގައި ހުރެ ގައިގެ ބިއްދޮށަށް ދެއަތް ލަމުން ޝައިލް ހިނގައިގަތީ މަލްކާއަށްވުރެ މަޑުންނެވެ. އެހިސާބުގައި ގަސްތައް ހެދިފައިވާ ގޮތުން ދޮންވެލިގަނޑު ހުންނަނީ އެއްކޮށްހެން ފޮރުވިފައި އެވެ. ދެއަތުން ގަސްތައް ދުރުކުރަމުން ދޮންވެލިގަނޑަށް ފޭބުމަށްފަހު މަލްކާ ވަށައިގެން ބަލާލީ އަޖައިބު ވެހުރެއެވެ.

ރަތްކުލައަށްދާ ޕޭޕަރ ހަނީ ކޮމްބް ތަކެއް ވަށައިގެން ހުރި ގަސްގަހުގައި އެލުވިފައިވާއިރު މެދުގައި ދަނޑިބުރި އަކުން ކޮނެ ބޮޑު އަކުރުން ‘މަލްކާ’ ޖަހާފައި އޮތެވެ. އެކިތަންތަނަށް މާމަލުގެ ފިޔަތައް ތަރުތީބެއްނެތި އުކާލާފައިވާއިރު ޖެހިލާ ކޮންމެ ވައިރޯޅިއަކަށް ކިޔަމަންވެ އެ ފިޔަތައް ހަރަކާތްކޮށްލައެވެ. ވާނުވާގައި ހުރެ މަލްކާ ފަހަތަށް އެނބުރުމުން ލިބިފައި ހުރި ހައިރާންކަން ދެގުނައަށް އިތުރުވިއެވެ.

‘މަލްކާ.. އައި ވޯންޓެޑް ޓު ސޭ ދިސް ސިންސް ވީ މެޓް.. އައި.. އައި ލައިކް ޔޫ.. މަލްކާ ފެނުނު ފުރަތަމަ ދުވަހު ވެސް އަހަންނަށް މަލްކާ ކަމުދިޔަ.. ނޮޓް އޮންލީ ދަ ފިޒިކަލް އެޕިއަރެންސް އޮފް ޔޫ.. ބަޓް ޔުއަރ އެޓިޓިއުޑް އެންޑް މެނީ މެނީ އަދަރ ތިންގްސް.. ސޯ ވިލް ޔޫ އެކްސެޕްޓް މައި..’ އެއްފައި މައްޗަށް ކޮޅަށް ހުރި ޝައިލްގެ އަތުގައި އަނގޮޓިއެއްވެސް އޮތެވެ. ޖަވާބަކަށް އިންތިޒާރު ކުރާ ފަދައަކުން މަލްކާގެ މޫނަށް ބަލައިގެން އިދެފައި ޝައިލް ކޮޅަށް ތެދުވެލިއެވެ. އޭރުވެސް މަލްކާ ވަކަރު ބުދެއްހެން ހުތިގޮތަކަށް ހުއްޓިފައި ހުއްޓެވެ.

‘ޝައިލް.. އައި ނީޑް ޓައިމް.. އަހަރެން ވިސްނާލަން ބޭނުން.. މަންމައާ އާލާއާވެސް ޑިސްކަސް ކޮށްލަން..’

‘އިޓްސް އޯލް ރައިޓް.. ޓޭކް ޔުއަރ ޓައިމް.. އަހަރެން ޖަވާބަކަށް އިންތިޒާރު ކުރާނަން.. އަހަރެން ހިތުގަ މިހުރިހާ އެއްޗެއް އޮތީމަ ބުނުން ރަނގަޅޭ ހިތާ މިބުނީ..’ މަލްކާގެ ވާހަކަ މެދުކަނޑަމުން ޝައިލް ބުނެލިއެވެ.

‘ގެއަށް ލައިދެންތަ.. ސައިކުގަ އައީ..’ ޝައިލް ހިނިތުންވެލިއެވެ.

‘ނޯ ނީޑް.. އައިލްގޯ އެލޯން..’ މަލްކާ ބުނެލިއެވެ. ބާއި އޭ ބުނެފައި މަލްކާ ހިނގައިގަތީ ގެއަށް ދާށެވެ.

******

‘ދޮނާ ކޮބާ އަހަރެންގެ…’ ގެއަށް އައިސް ވަނުމާއެކީ މަލާކް ދައްކަން އުޅުނު ވާހަކަ މެދުކެނޑުނީ މަލްކާ ހުރި ސީދަލަށް ގޮސް ކޮޓަރިއަށް ވަދެފައި ދޮރު ލައްޕާ ތަޅުލުމުންނެވެ.

‘މާދަން މަންމައާ ވާހަކަ ދައްކާނީ މިރޭ އަޅާލާނެ ކަމެއްނެތް.. ޑޫ އައި ލައިކް ހިމް..’ އެދުގެ ކުރިމަތީގައި ހުރެ ދެކޮޅުދެކޮޅަށް ހިނގަމުން މަލްކާ ވިސްނަމުން ދިޔައެވެ.

‘ނޯ..’ މަލްކާއަށް ބުނެވުނެވެ. އޭނާގެ ހިތުގައި އަދި އެއްވެސް މީހަކަށްޓަކާ ވިންދެއް ނުޖަހައެވެ. ޝައިލް އަކީ މަލްކާގެ ނަޒަރުގައި ރަނގަޅު ހެޔޮއެދޭ އެކުވެރިއެކެވެ. އެއަށްވުރެ ގާތެއް ނުވެއެވެ.

‘މާދަން އާލާ ގެނެސް މަންމައާ ދެމީހުން ކައިރީ އެވާހަކަ ދައްކާނީ.. ދެމީހުން ކިޔާއެއްޗެއް ބަލާފަ ޖަވާބެއް ދޭން..’ މަލްކާ އެންމެފަހުން އެދުގައި އޮށޯވެލިއެވެ. މަގްރިބް ނަމާދަށް ބަންގި ގޮވާ އަޑު ފަޒާތެރޭގައި ގުގުމާލުމުން ތެދުވެގެން ފާހާނާއަށް ދާން މަލްކާ އަވަސްވެގަތެވެ.

‘ދޮނާ އެބައުޅެންތަ..’ މަލްކާއަށް އިޝާ ނަމާދުން ފައިބައިގެން އޮށޯވެވުނު ތަނާހެން މަލާކް ގޮވާލިއެވެެ.

‘އާނ.. ކީކޭ..’ ކަންނެތް ވެފައި އޮތުމުން އޮތް ގޮތަށް އޮވެ ބޯވެސް ހިއްލާނުލާ މަލްކާ ބުނެލިއެވެ.

‘ދޮރު ހުޅުވަބަ ވާހަކައެއް ދައްކަން..’ މަލާކް ޖަވާބުދިނުމުން ތުން ފިއްތާލާފައި މަލްކާ ދޮރު ކައިރިއަށް ޖެހިލިއެވެ.

‘ހޫމް ބުނޭ..’ އެތެރެއަށް ވަދެ ދެމީހުންނަށް ވެސް އެދުގައި އިށީނދެވުމުން މަލްކާ ބުނެލިއެވެ.

‘ފުރަތަމަ ވާހަކަ.. އަހަރެން މި ވީކް އެންޑްގަ ރިސޯޓް ޓްރިޕަކަށް ދާންޖެހޭ.. އެހެންވެ ދޮނާއާ އެކު ޝޮޕިން އަށް ދާން ބޭނުން.. ދެވަނައަށް ދޮނާ މިއަދު ތިހުރީ ކިހިނެއް ވެފަތަ.. ގެއަށް ވަން ގަޑީ ގޮވީމަ ހީވީ އަޑުނީވޭކަން ބަހައްޓާ ނުވެސް ފެންނަހެން.. ކިހި..’

‘އެއީ މޫޑީ ވެފަ ހުރީމަ.. ޝޮޕިން އަށް މާދަންރޭ ދާނަން.. މިރޭ ވަރަށް ޓަޔަރޑް.. ކާން މިއުޅެނީ ދާން.. އެހެން ވާހަކައެއް ނެތިއްޔާ މަލާ ވެސް އާދޭ..’ މަލާކްގެ ވާހަކަ މެދުކަނޑަމުން މަލްކާ ކޮޅަށް ތެދުވެލިއެވެ.

‘އާނ އޯކޭ ހިނގާ..’ އެހިޔަސް ނުބުނާނެކަން އެނގޭތީ މަލާކް އޭނާގެ ސުވާލު ސިކުޑީގައި ރައްކާ ކުރަމުން ތެދުވެލިއެވެ.

******

‘ކޮބާ.. އިއްޔެ ކަންތައް ކިހިނެއް ކިހިނެއް..’ ހެނދުނު ކޮލެޖަށް ދެވުމާއެކު އާލާ އަހާލިއެވެ.

‘ތި ވާހަކަ ފަހުން ދޯ.. މިއަދު ދައްޗޭ އަހަރެމެން ގެއަށް..’ މަލްކާ ހިނިތުންވެލިއެވެ.

‘ހޭ ޝައިލް..’ ކުލާސްތެރެއަށް ވަދެގެން އައި ޝައިލް އަށް އާލާ ގޮވާލިއެވެ. ހިނިތުންވެފައި ޝައިލްވެސް ގޮސް ގޮނޑީގައި އިށީނެވެ.

‘ދެމީހުންވެސް ސައިލެންޓް ވެފަ.. ކަނެކްޝަން އެއްތަ..’ އާލާ ހިތާހިތުން ކިޔާލިއެވެ. ފަހުންނޭ މަލްކާ ބުނެފައިވާތީ އާލާ އެސުވާލު ނޮކޮށް ދޫކޮށްލިއެވެ.

******

‘ސޯ އަހަރެން ހަދަންވީ ކިހިނެއް..؟’ އިއްޔެ ހިނގާދިޔަ ކަންތައް ޒުލްފާއައި އާލާއަށް ހާ އިން ޗަވިޔަންޏަށް އެންމެ އަކުރެއް ފިއްޔެއް ވެސް ވައްޓާނުލާ ކިޔާދިނުމަށްފަހު މަލްކާ އަހާލިއެވެ.

‘އޯ އެމް ޖީ.. މިހެންވެ ޝައިލް އަހަރެން މެއްސެއް ހެން ފައްސާލީ..’ އެހާއިރު ވަންދެން ހުޅުވައިގެން އިން އަނގައަށް ފުރަތަމަވެސް އައި ޖުމްލަ އާލާ ނެރެލީ އާރޓާއެކު އެވެ.

‘މަންމަ ބުނެފިއްޔާ ނުބައި މާނައެއް ނުނަގައްޗޭ.. މަންމައަށް ރަނގަޅު ދަރިފުޅު އާއެކޭ ބުނިއްޔާ..’ ޒުލްފާ އިރުކޮޅަކު ވިސްނަން އިނދެފައި ބުނެލިއެވެ.

‘ދަރިފުޅަށްވެސް މިހާރު ތިހުރީ ވިހި އަހަރު ފުރެން ވެފަ.. މާގިނަ ދުވަހު ކައިވެނި ނޮކޮށް ހުރުމަކީވެސް ރަނގަޅު ކަމެއް ނޫން.. އަނެއްކާ މަންމައާ ޝަހީމައްތަ އެހާ ޕާރޓް ވީމަ އެބައިވެސް އޮންނާނެދޯ.. އެކަމް ދަރިފުޅު ވިސްނާލާފަ ބޭނުން ގޮތަކަށް ކަންތައް ކުރިއަސް ހެޔޮ.. މަންމައަށް ބޮޑަށް ރަނގަޅީ ދަރިފުޅު ކުއްޖަކާ އަދި ގަޔާ ނުވަންޏާ އާއެކޭ ބުނުން.. ގޮތް ނިންމާނީ ދެން އިންނަ ކުއްޖާދޯ.. މަންމައަށް ދެވޭނީ ނަސޭހަތް.. މީ ޓުއެންޓީ ފަސްޓް ސެންޗުރީ ވިއްޔަ.. ނަވާރަ ސަތޭކައިގައޭ މީހުން މަންމަ ދައްކާ މީހަކާ އިންނާނީ..’ ހިނިގަޑެއް ޖަހާލަމުން ޒުލްފާ ބުނެލިއެވެ.

‘އެން އާލް ބުނާނީ ކީކޭ..’ އިރުކޮޅަކަށް ވެރިވި ހިމޭންކަން ފޫދުއްވާލަމުން މަލްކާ އަހާލިއެވެ.

‘އަހަރެން.. ޝައިލް އަކީ ރަނގަޅު ކުއްޖެއް.. ރެސްޕޮންސިބަލް، ކެއަރިން އެން ލޮޓްސް އޮފް އަދަރސް.. މެލޯ ތިބުނީ ލައިކްއެއް ނުވެޔޭ.. ދެން އަހަރެން ރެކޮމެންޑް ކުރާނީ ޒުލްފާއްތަ ހެން އާއެކޭ ބުނަން ކޯސް.. އައި ނެވާރ ސޯ އޯރ ހާރޑް ހިމް ޑުއިން އެނީތިންގް ރޯންގް.. ދެން ފައިނަލް ކުރުން އޮންނާނީ އޮބްވިއަސްލީ މެލޯގެ އޮޕްޝަންދޯ.. އިޓްސް ޔޯ ލައިފް.. ޔޫ ހޭވް ރައިޓް ޓު ޑިސައިޑް އިޓްސް ފިއުޗަރ..’ އާލާ ވެސް ނަސޭހަތްކޮޅެއް ދިނުމުން މަލްކާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ވާނީވެސް އެހެންތާ އެވެ. ކުރިމަތީގައި އޮތީ އޭނާގެ ހަޔާތެވެ.

‘އެނީވޭސް މަލް ހިނގާބަ ފިހާރައަށް.. އެއޭ އަހަރެން އަސްލު އައި ކަމަކީ..’ އާލާ ތެދުވެގެން މަލްކާ ކައިރިއަށް ޖެހިލިއެވެ.

******

ސޯ ހެލޯ ގާއިސް 😍 ހޯޕް ޔުއަރ އެންޖޯއިންގް ދަ ސްޓޯރީ 💖 ނެކްސްޓް އިންޝާ ﷲ އަންނަ ހަފްތާ ސަންޑޭގެ ކުރިން ނެރެދޭނަން 🥰 ވެއިޓް ކިއުރިއަސްލީ 😘 ޓޭކް ކެއަރ އެން ސްޓޭ ސޭފް
⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩

3

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!