Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ސިއްރެއް ނުވާނޭ… 5

Mai Naa Level 3100 Login10 Stories100 Comments
January 4, 2022 4 Mins Read
2 Comments

ލޯ ހުޅުވާލަން މަޖުބޫރުވީ އަނެއްކާވެސް ފޯނު ރިންގުވާން ފެށި އަޑު އިވުމުންނެވެ. ބަލާލިއިރު ގުޅަނީ މައިދައިތައެވެ. އަހަރެން ހައިރާންވީ އަހަރެން އޮފީހުގައި އުޅޭ ގަޑީގައި މައިދައިތަ ދުވަހަކުވެސް ނުގުޅާތީއެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލިއިރު، އެކޮޅުން އިވުނު މައިދައިތަގެ އަޑުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގެ ސިގްނަލް އަހަންނަށް ލިބުނެވެ.

ޕާޓް 5

ރޮވިފައި އަހަންނަށް ގޮވާލުމުން، އޯގާތެރިކަމާއެކު ކިހިނެއްވީތޯ ސުވާލުކުރީމެވެ. އެއްޗެކޭ ނުބުނެ އިރުކޮޅެއްވެފައި ދެން އިވުނީ ރަނާގެ އަޑެވެ. ބައްޕަ އެކްސިޑެންޓްވެގެން ހޮސްޕިޓަލަށް ގެނައި ވާހަކަ ބުނިއިރު ރަނާއަށްވެސް ހުރީ ރޮވިފައެވެ. ދާނިޔާއަށް ގުޅިއިރު ފޯނު ނުނަގާތީވެ، އަހަންނަށް ގުޅީ ކަމުގައި ރަނާ ބުންޏެވެ. އަހަރެން ރަނާއަށް ހިތްވަރު ދިނުމުގެ ގޮތުން ދެތިން ބަހެއް ބުނެލުމަށްފަހު، އިރުކޮޅަކުން ދާނެކަމަށް ބުނެފައި ފޯނު ބޭއްވީމެވެ. ދެން އަހަރެން ބެލީ ދާނިޔާއަށް ގުޅޭތޯއެވެ. އެކަމަކު ދެފަހަރަށް ގުޅިއިރުވެސް ފޯނު ނުނެގުމުން އަހަރެން އޮފީހުން ނުކުތީ ގެއަށް ދާންވެގެންނެވެ.

*****************

ގެއަށް ގޮސް ކޮޓަރިއަށް ވަނީ ދާނިޔާ ފެނޭތޯއެވެ. ކޮޓަރީގައިވެސް އަދި ފާހާނާގައިވެސް ނެތުމުން، އަހަރެން ދެން ދިޔައީ ބަދިގެއަށެވެ. އޭރު ދާނިޔާ އުޅެނީ ބަދިގޭގައި ކައްކާށެވެ.

“ހާދަވަރަކަށް ހޯދައިފީމޭ…” އަހަރެން އެހެން ބުނުމުން ދާނިޔާ އަހަންނަށް ބަލާލިއެވެ.

“މިގަޑީގައި އުޅޭނީ ކައްކާކައްނު؟” ގަޑި ބަލާލަންވެސް ހަނދާންވީ ދާނިޔާ އެހެން ބުނުމުންނެވެ. ތެދެކެވެ. މިއީ އާއްމުކޮށް ދާނިޔާ ކައްކަން ބަދިގޭގައި އުޅޭ ގަޑިއެވެ. އެވަރު އަހަރެން ހަނދާން ނެތެންވީ ކީއްވެހެއްޔެވެ؟ އަހަރެންގެ ނުވިސްނޭކަންނޫން ދެން އެހެން ކޮންކަމެއް ހެއްޔެވެ؟ ދެފަރާތަށް ބޯ ހޫރާލިތަން ފެނުމުން ކިހިނެއްވީތޯ ދާނިޔާ ސުވާލުކުރިއެވެ. އަހަރެން ގެއަށް އައީ ކީއްކުރަންކަން ހަނދާންވީވެސް އެވަގުތުއެވެ.

“ވަރަށް އަވަހަށް ތައްޔާރުވެބަލަ…” އަހަރެން ބުނީމެވެ. ސުވާލުގެ ނަޒަރަކުން ބަލާލަމުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. ކައްކާ ނިމެނީކަމަށް ބުނާއިރަށް އަހަރެން އުނދުން ނިއްވާލާފައި ދާނިޔާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ގެންދިޔައީމެވެ. ދާނިޔާ ހައިރާންވެފައި ސުވާލުކުރަމުން ދިޔައެވެ. އެކަމަކު އަހަރެން އެއްވެސް ޖަވާބެއް ނުދެމެވެ.

“ވަރަށް އަވަސް… ރެޑީވެބަލަ…” އަހަރެން ބުނެލިގޮތުން ދާނިޔާ އިތުރު ސުވާލެއްނުކޮށް ތައްޔާރުވިއެވެ. ދާނިޔާ ފެންވަރަން ވަނުމުން، އަހަރެން ވިސްނަންފެށީ ދާނިޔާގެ ކަންފަތާއި ހަމައަށް އެޚަބަރު ގެންދާނެ ގޮތަކާއިމެދުގައެވެ. ހޮސްޕިޓަލަށް ގޮސް ބުނާނީތޯ ނޫނީ ދިއުމުގެ ކުރިން ބުނާނީތޯއެވެ. ބައްޕަގެ ހާލު ކިހާ ސީރިއަސްކަން ނޫނީ ނޫންކަންވެސް އަހަންނަކަށް ނޭންގެއެވެ. ކޮންމެ ގޮތެއް ހެޔޮކަމަށް އަހަރެން ނިންމީ ހޮސްޕިޓަލަށް ދިއުމުގެ ކުރިން ދާނިޔާ ގާތު އެވާހަކަ ބުނުމަށެވެ. މިހާރު ބުންޏަސް ފަހުން ބުންޏަސް އޭނާ ދެރަވާނެއެވެ.

“ދާނިޔާ….” ވިސްނުމެއްގެ ތެރޭގައި އިނދެފައި އަހަރެން ދާނިޔާއަށް ގޮވާލީ ދާނިޔާ ތައްޔާރުވެ ނިމުމުންނެވެ. ދާނިޔާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައިވެސް އަނގަ ލައްޕާލިއެވެ. އެއަށްފަހު އަހަންނަށް ބަލަން ހުއްޓެވެ. އަތް ދިއްކޮށްލުމުން އަހަރެންގެ އަތުގައި ހިފިއެވެ. އެއަތަށް ކުޑަކޮށް ފިތާލަމުން ދާނިޔާ ސޯފާގައި ބޭންދީމެވެ.

ބައްޕަގެ އެކްސިޑެންޓްވި ވާހަކަ އަހަރެންގެ ދުލުން ބޭރުވުމާއެކު ދާނިޔާއަށް ރޮވެން ފެށިއެވެ. އެއްފަހަރާ ހުރިހާ ސުވާލުތަކެއް އަހަންނާއި ކުރިމަތިވިއެވެ. އެސުވާލުތަކުގެ ޖަވާބުދޭކަށް އަހަންނަކަށް ނޭންގުނެވެ. ޙަޤީޤަތަކީ ދާނިޔާގެ ބައްޕައަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަހަންނަށް ނޭންގޭކަމެވެ. ރަނާ އެވާހަކަ ބުނިއިރު، އޭނާވެސް ހާސްވެފައި ހުރިވަރު އެނގުމުން، އެ ހުރިހާ ސުވާލެއް ކުރާކަށް ނުކެރުނެވެ. އެހެންކަމުން ބައްޕަގެ ޙާލަތު އެނގޭނީ ހޮސްޕިޓަލަށް ދިއުމުން ކަމުގައި އަހަރެން ދާނިޔާ ގާތު ބުނީމެވެ.

“ދާނިޔާ… ހިތްވަރުކުރަންވާނެ… އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ…. ދާނިޔާ ތިގޮތަށް ރޮންޏާއި މަންމައާއި ރަނާއަށް ހިތްވަރުދޭނީ ކިހިނެއް؟” އަހަރެން ދާނިޔާގެ ބޮލުގައި ފިރުމާލަމުން ބުނީމެވެ. ދާނިޔާ ބޯޖަހާލިއެވެ. ލޯ ފޮހެލަންވީއިރު އަނެއްކާވެސް ކަރުނަ ފައިބަން ފަށައިފިއެވެ. ލޮލުން ކަރުނަތައް ފޮހެލަދީފައި ދާނިޔާ އަހަރެންގެ މޭގައި ޖައްސާލީމެވެ.

*****************

ހޮސްޕިޓަލަށް ދިޔައިރު، ދާނިޔާގެ މަންމައާއި ރަނާއާއި ތިބީ ކޮންމެވެސްވަރަކަށް ހަމައަކަށް އެޅިފައެވެ. ދާނިޔާ ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް، ބައްޕަގެ ހާލަތާއި ގުޅޭގޮތުން ސުވާލުކުރިއެވެ. މަންމަ ދާނިޔާގެ އަތުގައި ހިފާލިއެވެ. އަދި މިހާރު ކުރިއަށްވުރެ ބައްޕަ ރަނގަޅުކަމަށާއި، އިތުރު އެއްޗެއް ބުނަން އެނގޭނީ ހޭއެރުމުން ކަމުގައި ޑޮކްޓަރ ބުނެފައިވާކަމަށް ބުނެދިނެވެ. އެންމެ ފުރަތަމަ ބައްޕަ ފެނުނުއިރު، އޮތް ގޮތުން ބިރުގަތް ނަމަވެސް އެހާ ސީރިއަސް އަނިޔާތަކެއް ބައްޕައަށް ލިބިފައި ނެތްކަމަށްވެސް ރަނާ ކިޔައިދިނެވެ. އަހަންނަށްވެސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ދެން އަހަރެމެން އިންތިޒާރުކުރީ ބައްޕައާއި ބައްދަލުކުރެވޭނެ އިރަކަށެވެ.

*****************

ބައްޕަ ހޭއެރުމުން ރޫމަކަށް ބަދަލުކުރެވުނެވެ. އެހެންކަމުން އެރޭ އަހަރެން ހޮސްޕިޓަލުގައި މަޑުކުރީމެވެ. ނުވައެއް ޖެހިފަހުން ފޯނު ރިންގުވާން ފެށުމުން ޖީބުން ފޯނު ނެގީމެވެ. ސްކްރީނަށް ބަލަން އިނުމަށްފަހު ފޯނު ކަނޑާލީމެވެ. ކުޑަކޮށް ވިސްނާލުމަށްފަހު، މިރޭ ދެވެން ނެތްކަމަށް ބުނެފައި މެސެޖެއް ކޮށްލީމެވެ. ކީއްވެގެންތޯ ސުވާލުކޮށްފައި އޮތް މެސެޖެއް ވަގުތުން ލިބުނެވެ. އަހަރެން ކުރުގޮތަކަށް ވެގެން އުޅޭގޮތް ބުނެދިނީ، އަނެއްކާވެސް އޭނާ ގުޅާފާނެތީއެވެ. ދެން އެހެން ރެއަކުންދޯއޭ ބުނެފައި ކުރި މެސެޖް ފެނުމުން އަހަރެންގެ ހާސްކަން ކުޑަވިއެވެ. ނަސީބެކޭ ހިތަށް އެރިއެވެ.

*****************

ޖެހިގެން އައިދުވަހު ހެނދުނުގެ ވަގުތެވެ. ދިހައެއް ޖަހަނިކޮށް ދާނިޔާ ގުޅާފައި އޭނާ ހޮސްޕިޓަލަށް ގެންގޮސްދޭން އެދުނެވެ. އެގާރަގަޑި ބައިގައި އޮންނަ ބައްދަލުވުމުގައި ކޮންމެހެންވެސް ބައިވެރިވާންޖެހޭތީ، އެގާރަ ޖަހަންވާއިރަށް ތައްޔާރުވެގެން ހުންނަން ބުނެފައި އަހަރެން ފޯނު ބޭއްވީމެވެ. ބައްދަލުވުމުގައި ހުށައަޅަންޖެހޭ ޕްރެޒެންޓޭޝަނަށް ކުދިކުދި ބައެއް ބަދަލުތައް ގެންނަންޖެހޭތީ އަހަރެން ބެލީ ވީ އެންމެ އަވަހަކަށް އެ މަސައްކަތް ނިންމާލެވޭތޯއެވެ.

“އާލިފް…” ރިންޒީ އައިސް އަހަންނަށް ގޮވާލީވެސް އަހަރެން އެމަސައްކަތުގައި އިންދައެވެ. އޭނާގެ މޫނަށް ބަލާލުމަށްފަހު، އަހަރެން ކުރަން އިން މަސައްކަތަށް ރުޖޫޢަވީމެވެ.

“ކީކޭ ރިންޒީ؟ ކަމަކުތަ؟…” އަހަރެންގެ މަސައްކަތް ހުއްޓާނުލާ، ކުރިއަށް ގެންދަމުން ރިންޒީއާއި ސުވާލުކުރީމެވެ.

“އާލިފް…. އަހަރެން… އަހަރެން…” ވާހަކައެއް ބުނަން ބޭނުންވެ ނުބުނެވިގެން އުޅޭ ކަހަލަ ގޮތަކަށް ރިންޒީގެ ވާހަކަ ހުރުމުން އަހަރެންގެ ދެބުމަގޮށްޖެހުނެވެ. އެކަމަކު ރިންޒީގެ މޫނަށް ބަލާލުންވެސް އަހަންނަށް އެވަގުތު މުހިންމެއް ނުވިއެވެ. ދެވަނަ ފަހަރަށްވެސް ވާހަކަ ދައްކަން ފަށާފައި ރިންޒީއަށް އޭނާގެ ވާހަކަ ފުރިހަމަކުރެވުނުކަމަކަށް ނުވިއެވެ.

ރިންޒީ އެތަނަށް އައުމުންވެސް އަހަރެންވީ ފާޑެއްގެ ފޫއްސެކެވެ. އަދި ވަގުތުގެ ގޮތުން އަހަރެން އިތުރަށް ހިތްހަމަނުޖެހުނީ، ރިންޒީއަށް އޭނާގެ ވާހަކަ ކުރިއަށް ނުގެންދެވިގެން އުޅޭތީއެވެ. އެވަގުތު އަހަރެން ކުރަމުން ދިޔައީ އެދުވަހު ކޮންމެހެން ނިންމަންޖެހޭ މަސައްކަތެކެވެ. އަދި ދާނިޔާ ހޮސްޕިޓަލަށް ގެންދަންވާއިރަށް ކޮންމެހެންވެސް އެމަސައްކަތް ނިންމަން އަހަރެން ބޭނުންވެއެވެ.

“އާލިފް… ކީއްވެތަ؟ ކީއްވެތަ ތިގޮތަށް އަހަންނާމެދު ތި ކަންތައް ކުރަނީ؟….” ރިންޒީގެ ވާހަކައިގެ މިސްރާބު ދިޔަގޮތުން އަހަރެން ރުޅިގަދަވިއެވެ. އާވާހަކައެއް ނޫނެވެ. އެތައްފަހަރަކު ރިންޒީއަށް ވިސްނާދެވިއްޖެއެވެ. އެކަމަކު އޭނާއަކަށް ބަދަލެއް ނައެވެ. ދެމީހުންގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުންވެސް ހީނަރުވެގެން ދިޔައީ އެހެންވެގެންނެވެ. އެކަމަކު އެއް އޮފީހެއްގައި އުޅޭއިރު އެއްވެސް ވަރަކަށް ވާހަކަ ނުދައްކައެއްވެސް ނޫޅެވޭނެތާއެވެ. އެހެންކަމުން، ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް ނޫނީ އޭނާއާއި ނުދައްކާވޭތޯ އަހަރެން ބަލަމެވެ.

“ލުކް ރިންޒީ… މިގަޑީގައި އަހަރެން މީނީ ވަރަށް މުހިންމު މަސައްކަތެއް ކުރަން… ރިންޒީ ދައްކަން ތިއައި ވާހަކައަކީ އޮފީހާއި ގުޅޭ ވާހަކައެއް ނޫންކަމަށްވާނަމަ، އަހަންނަށް ރަނގަޅީ މިވަގުތު ރިންޒީ މިތަނުން ދިއުން…” އަހަރެންގެ އަޑުންވެސް ހިތްހަމަނުޖެހިފައި ހުރިކަން ރިންޒީއަށް އެނގޭނެއެވެ.

“އެކަމަކު އާލިފް… ޕްލީޒް….” އަނެއްކާވެސް ރިންޒީ ވާހަކަ ކުރިއަށް ގެންދަން ފެށުމުން އަހަންނަށް ރިންޒީގެ ނަމުން ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ.

“އަހަރެން ބުނި އެއްޗެއް ރިންޒީއަށް އަޑެއްނީވޭތަ؟…” ރިންޒީގެ މޫނަށް ބަލާލަމުން އަހަރެން ނުރުހިފައި ބުނީމެވެ. ރިންޒީ އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު، އަތުގެ އިޝާރާތުން އެކަން ހުއްޓުވީމެވެ. ދޮރާއި ދިމާއަށް އިޝާރާތްކުރަމުން އެތަނުން ދިއުމަށް ދެވަނަ ފަހަރަށްވެސް ބުނީމެވެ.

****************

ބަލަން އިން ފައިލް މޭޒުގެ އެއްފަރާތުގައި ބާއްވާފައި، ފޯނު ނަގާ ބަލާލީމެވެ. ދާނިޔާ ގުޅާފައި ނުވަތަ މެސެޖެއް ނަމަވެސް ކޮށްލާފައި އިންނާނެކަމަށް އުންމީދުކޮށްފައެވެ. ނަމަވެސް ދާނިޔާގެ ކޯލެއް ނުވަތަ މެސެޖެއްވެސް ލިބިފައެއްނެތެވެ. ދެގަޑިއެއްހާއިރު ކުރިން ބައްދަލުވުން ނިންމާފައި، އަހަރެން ދެފަހަރަކު ގުޅިއިރުވެސް ދާނިޔާ ފޯނެއް ނުނަގައެވެ. ހައިރާންވީ މީގެ ކުރިން ދުވަހަކުވެސް މިގޮތަށް ކަންތައް ދިމާވެފައި ނުވާތީއެވެ. އަހަރެން ގުޅާއިރު ފޯނު ނުނެގިއްޖެނަމަ، ފަހުންނަމަވެސް ދާނިޔާ އަހަންނަށް ޚަބަރެއްނުވެ ނުހުންނާނެއެވެ.

މިއަދު މިގޮތަށް ދިމާވުމުން އަހަންނަށް ނުވިސްނާ ހުރެވޭނެ ހެއްޔެވެ؟ ހިތަށް އެރި އެއްޗަކުން އަވަސްއަވަހަށް ގޮނޑިން ތެދުވެފައި، ހަލުވި ފިޔަވަޅުތަކެއްގައި އޮފީހުން ނުކުތީމެވެ. އަނެއްކާ ބައްޕަގެ ޙާލަތު ގޯސްވީބާވައެވެ؟ ސައިކަލަށް އަރާ ދުއްވާލިއިރުވެސް އަހަންނަށް ދުޢާކުރެވުނީ ދެރަގޮތެއް މެދުވެރިނުކުރެއްވުމަށް އެދިއެވެ.

*****************

ހޮސްޕިޓަލްތެރެއަށް ވަދެވުނުއިރުވެސް އަހަރެންގެ ހާސްކަން ކުޑައެއް ނުވެއެވެ. އަވަސް ފިޔަވަޅުތަކެއްގައި ބައްޕަ އޮތް ރޫމާއި ދިމާއަށް ދަނިކޮށް، ދުވެފައި އައި ކުޑަ ކުއްޖެއް އަހަރެންގެ ގައިގައި ޖެހުމުން އަހަންނަށް މަޖުބޫރުވީ ހުއްޓޭށެވެ. ހަތަރުވަރަކަށް އަހަރުގެ އެ ކުއްޖާއާއި އެއްހަމައަކަށް ތިރިވެލާފައި އަހަރެން އެކުއްޖާގެ އަތުގައި ހިފާލަމުން، ތަދުވިތޯ އަހާލީމެވެ. ދެފަރާތަށް ބޯހޫރާލަމުން އެކުއްޖާ އަތުން ވެއްޓުނު ކުޅޭ އެއްޗެއް ނަގަން އުޅުނެވެ.

“މާޒް… އޭރުވެސް ބުނީމެއްނު….” އަންހެނެއްގެ އަޑަށް އެކުއްޖާ ފަހަތަށް ބަލާލުމުން އަހަރެންވެސް އެދިމާއަށް ބަލާލީމެވެ. ހައިރާންވެފައި އޭނާގެ މޫނަށް ބަލަން ހުރެވުނެވެ. އަހަރެންގެ މޫނު ފެނިފައި އޭނާ ދައްކަން އުޅުނު ވާހަކަ މެދުކެނޑުނެވެ.

“އާލިފް…” ކިތަންމެ މަޑުން އަހަރެންގެ ނަން ކިޔާލިކަމުގައިވިޔަސް އެއަޑުގައިވި ނުރުހުން އަހަންނަށް ފާހަގަވިއެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރެ އެ ދިން ނަފްރަތުން ފުރިފައިވާ ނަޒަރުން ހީވަނީ އަހަރެން އަނދާ އަޅިއަށް ހަދާލަފާނެހެންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mai Naa

Level 3100 Login10 Stories100 Comments

Other Articles

Previous

ހީވޭ ގާތުގާއި ވާހެން ކަލާ 15

Next

ހީވޭ ގާތުގާއި ވާހެން ކަލާ 16

Next
January 7, 2022

ހީވޭ ގާތުގާއި ވާހެން ކަލާ 16

Previews
January 3, 2022

ހީވޭ ގާތުގާއި ވާހެން ކަލާ 15

2 Comments!

  1. Hûdhãkkø says:
    January 6, 2022 at 10:52 am

    Mi part VX vrh reethi dhen in part VX avahah up koh dhehchey

  2. DåïS¥ QüëëN says:
    January 7, 2022 at 5:22 am

    Masha Allah ❤️❤️❤️

Comments are closed.

Next Episodeސިއްރެއް ނުވާނޭ… 6←


All Right Reserved!