“ތިބުނީ؟” ޖަވާބު ދިނުމުގެ ބަދަލުގައި އަހަންނަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ސުވާލު އުފެދިފައި ދާނިޔާގެ މޫނަށް ބަލަން ހުރެވުނެވެ. އަނެއްކާ ދާނިޔާއަށް ކަމެއް އެނގުނީ ހެއްޔެވެ؟ އެކަމަކު ކިހިނެއް ހެއްޔެވެ؟
ޕާޓް 4
“ވެގެން އުޅޭ ގޮތެއް…” ދާނިޔާގެ މޫނަށް އަހަރެން ބަލަން ހުރީ ވާނުވާ ނޭންގިފައެވެ.
“ދާނިޔާ ކީކޭ ތިކިޔަނީ؟” އަނެއްކާވެސް އަހަރެން ސުވާލުކުރީމެވެ.
“މިކިޔަނީ އާލިފްއަށް ބަދަލުތަކެއް އައިކަން އަހަންނަށް ފާހަގަކުރެވެއޭ…. އެއީ ކީއްވެގެން އައި ބަދަލުތަކެއްކަން އަހަންނަށް ބުނެދޭންވީ ނޫންހޭ….” މިފަހަރު ވާހަކަ ދެއްކިއިރު ދާނިޔާއަށް ހުރީ ރޮވިފައެވެ.
“ދާނިޔާ….” އަހަރެން ކުރިއަށް ޖެހިލާ ދާނިޔާގެ އަތުގައި ހިފީމެވެ.
“މިހާރަކަށް އައިސް އާލިފް ފެންނަނީ އަބަދުވެސް ކޮންމެވެސް ކަމަކާ ފިކުރުބޮޑުވެފައި ހުއްޓާ… އެކަމާ އަހަރެން ވަރަށް ކަންބޮޑުވޭ…. އަހަރެން ސުވާލުކުރިޔަސް ބުނަނީއެއް ނޫން… އާލިފް…. ބުނެބަލަ…. އަނެއްކާ އަހަންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟ އާލިފް ހިތްހަމަނުޖެހޭ ކަމެއް އަހަންނަށް ކުރެވުނަސް ބުނައްޗޭ… އޭރުން އަހަންނަށް އެކަމެއް ރަނގަޅުކުރަން އެނގޭނީ… އާލިފް… ޕްލީޒް….” އާދޭހާއެކު ދާނިޔާ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އަހަރެން ހުރީ ހަދާނެގޮތެއް ނޭންގިފައެވެ. ކައިރިއަށް ގެނެސް، ދާނިޔާ އަހަރެންގެ މޭގައި ލައްކޮށްލައިގެން ހުރެވުނެވެ.
“ދާނިޔާ… ދާނިޔާއަށް ކަމެއް ގޯސްކޮށް ކުރެވުނީއޭ އަހަރެން ބުނިންތަ؟ ނުބުނަމެއްނު…. ދާނިޔާ އަހަރެންގެ ކަންކަން ކޮށްދީފައި ހުންނަގޮތުން ދުވަހަކުވެސް އަހަރެން ޝަކުވާ ކުރާކަށް ނުޖެހޭ…. އެއަށްވުރެ މާފުރިހަމައަށް އަހަރެންގެ ހުރިހާ ކަމެއްވެސް ދާނިޔާ ކޮށްދީފައި ހުންނަނީ… އަހަރެންގެ ކޮންމެ ކަމަކަށް އެހާ ސަމާލުކަންދޭ…. އަހަރެންދެކެ އިންތިހާއަށް ލޯބިވޭ…. އަހަރެން ފަޚުރުވެރިވަން ދާނިޔާފަދަ އަންބެއް އަހަންނަށް ލިބުނީތީ….” ދާނިޔާގެ ކުރިމަތީގައި އަހަރެން ހާމަކުރީ ޙަޤީޤަތެވެ. އަހަރެން ޝަކުވާ ކުރާނެ ފުރުޞަތެއް ދާނިޔާ ނުދެއެވެ. ދާނިޔާއަކީ އަހަރެންގެ ނަސީބެވެ.
އެރޭވެސް ނިމިގެން ދިޔައީ ދާނިޔާއަށް އެއްވެސް ޙަޤީޤަތެއް ނޭންގިއެވެ. ކިތަންމެ ފަހަރަކުވެސް ކިޔައިދޭން ހިތަށް އެރިއެވެ. ކިޔައިދޭނެ ހިތްވަރު އަހަންނަށް ނުލިބުނީއެވެ. އޭގެ ފަހުން ވެދާނެގޮތަކާމެދު ހިތުގައި ބިރުވެރިކަން އުފެދިފައިވަނީ މާބޮޑަށެވެ. އެކަމަކު ދާނިޔާ ހިތުގައި ޖައްސާކަށްވެސް އަހަރެން ބޭނުމެއްނޫނެވެ.
*****************
ނުނިދިގެން އުޅުނު ރެއެކެވެ. ފަހަކަށް އައިސް އާއްމު ކަމެކެވެ. މިފަދަ ކޮންމެ ރެއެއްގައި ރޭގަނޑުގެ ވަގުތު ދިގުހެން އަހަންނަށް ހީވެއެވެ. ފުރޮޅި ފުރޮޅި އޮތަސް ނުނިދެންޏާ ކުރާނީ ކީއްހެއްޔެވެ؟ މިހާލެއްގައި އުޅެނިކޮށް ފަތިސްވެއްޖެއެވެ. ދާނިޔާ ތެދުވެ، އަހަންނަށް ނަމާދުކުރަން ގޮވިއެވެ. ދާނިޔާއަކީ ބަރާބަރަށް ހުރިހާ ނަމާދެއްކުރާ މީހެކެވެ. އަދި އަހަންނަށްވެސް ނަމާދުކުރުމަށް ބާރު އަޅައެވެ.
ދާނިޔާ ގޮވިއިރު، އަނެއްފަރާތަށް އެނބުރި އޮވެވުނުކަން ނަސީބެކޭ ހިތަށް އެރިއެވެ. އެހެންނޫންނަމަ، އަހަރެން ހޭލާ އޮތްކަން ދާނިޔާއަށް އެނގޭނެއެވެ. އަހަރެން ރޭގަނޑު ނުނިދިގެން އުޅޭކަން ދާނިޔާއަށް އެނގޭކަށް ބޭނުމެއް ނޫނެވެ. ދާނިޔާ ގޮވުމުން ތެދުވެގެން ގޮސް ފާހާނާއަށް ވަދެ ވުޟޫކޮށްލައިގެން މިސްކިތަށް ދިޔައީމެވެ.
*****************
ގެއަށް ބޭނުންވާ ބައެއް އެއްޗެހި ގަންނަން ދާނިޔާއާއި ދެމީހުން ނުކުތް ރެއެކެވެ. އެކި ފިހާރަތަކުން ގަންނަން ބޭނުންވާ އެއްޗެހި ގަނެވުނުއިރު، ދިހަގަޑި ބައިވަނީއެވެ. އެއްޗެހިތައް ހިފައިގެން ޓެކްސީއެއް ލިބޭތޯ މަޑުކޮށްގެން ތިއްބާ ފެނުނު މީހެއްގެ ސަބަބުން އަހަންނަށް ހުއްޓުން އެރިއެވެ. ދާނިޔާއަށް އެމީހަކު ފެންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަވަސްހަރަކާތަކާއެކު ދެންމެ ނުކުތް ފިހާރައަށް އަލުން ވަނީ ދާނިޔާގެ އަތުގައި ހިފައިގެންނެވެ.
ދާނިޔާ ކިހިނެއްވީތޯ ސުވާލުކުރުމުން އަހަރެންގެ އެއްޗެއް ބާއްވާފައި އާދެވުނީކަމަށް ބުނީމެވެ. އަހަރެން އުޅުނުގޮތުން ދާނިޔާ ހުރީ ފާޑަކަށެވެ. ނަސީބަކުން މާގިނައިރެއްނުވެ، އެމީހަކު އެފިހާރަ ފަސްދީ ހިނގައްޖެއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ދާނިޔާ ގާތު ބޭރުގައި މަޑުކޮށްލަން ބުނީ އަހަރެންގެ ދޮގު ފަޅާއަރާފާނެތީއެވެ.
“ކޮބާ ފެނިއްޖެތަ؟” އަހަރެން ފިހާރައިން ނުކުތްއިރަށް ދާނިޔާ އަހާލިއެވެ.
“އާން… ޖީބަށް ލެވިފައި އޮތީ…. ހަނދާން ނެތުނީ… ރަނގަޅަށް ބަލާލީމަ އެނގުނީ…” އަޅައަޅައިގަންނަމުން އަހަރެން ޖަވާބު ދިނީމެވެ.
“ހިނގާ ޓެކްސީއެއް ހޯދަން….” ދާނިޔާގެ އިތުރު ސުވާލެއް ކުރިމަތިވެދާނެތީ އަވަސްއަވަހަށް ބުނެލީމެވެ.
މާގިނައިރެއްނުވެ ޓެކްސީއެއް ލިބުމުން، ދެމީހުން އެއަށް އެރީމެވެ. މޫނުމަތީގައި ހުރި ދާތައް ފޮހެލަމުން، ހަމަޖެހިލެވޭތޯ އަހަރެން މަސައްކަތްކުރީމެވެ. ދާނިޔާގެ މޫނަށް ބަލާލިއިރު، އަހަންނާއި ދިމާއަށް ބަލަން އިން ގޮތުން ޖެހިލުންވިއެވެ. އެއްވެސް ސުވާލެއް ނުކޮށް އިން ނަމަވެސް، އެ ސިކުނޑީގައި އެތައް ކަމެއް ހިނގަމުންދާކަން އެ މޫނުމަތިން ދޭހަވެއެވެ.
ޓެކްސީއިން ފައިބައިގެން މަޑުމަޑުން ގެއަށް ވަންއިރުވެސް އަހަންނަށް ހުރެވުނީ ވިސްނުމެއްގެތެރޭގައެވެ. ޚިޔާލުތަކުގެ ތެރެއިން ނުކުމެވުނީ ދާނިޔާ އަހަރެންގެ އަތުގައި ހިފާލުމުންނެވެ.
“އާލިފް… ހުރިހާ ކަމެއް ރަނގަޅުތަ؟…” އަހަންނަށް ކޮންމެވެސް ކަމެއްވެއްޖެކަން ދާނިޔާގެ ވިސްނުންތޫނު ސިކުނޑި ދެނެގަތެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އެއްޗެއް ގެއްލިއްޖެޔޭ ކިޔާފައި ދާނިޔާގެ އަތުގައި ހިފައިގެން އަލުން ފިހާރައަށް ވަދެފައި މާކުރިން އޭނާ ފޮނުވާވެސް ލެވިއްޖެއެވެ. ނުވިތާކަށް ގެއްލުނީ ކޮން އެއްޗެއްކަންވެސް އަހަންނެއް ނުބުނަމެވެ. ކަންތައް ކުރެވުނީ ދާނިޔާގެ ހިތުގައި ސުވާލު އުފެދޭ ކަހަލަ ގޮތަކަށް މި އެނގުނީ އަދި ކިރިޔާއެވެ. އަހަރެންގެ މޮޔަކަން ހިތަށް އަރާފައި ބޮލުގައި އަތް އަޅާލެވުނެވެ. ދެން ކުރާނެ ކަމެއް ނެތެވެ.
ދާނިޔާ ދެވަނަ ފަހަރަށް ސުވާލުކުރުމުން އާއެކޭ ބުނެފައި އަހަރެން އަވަހަށް ސަލާމަތްވެވޭތޯ ބެލީމެވެ. އެމޫނުން އަހަރެން ދެއްކި ވާހަކަ ޤަބޫލުނުކުރާކަން ދޭހަވެއެވެ. ދެފަރާތަށް ބޯ ހޫރާލިއެވެ. އިތުރު އެއްޗެކޭ ބުނަން ދާނިޔާގެ ތުންފަތް ހަރަކާތްކޮށްލި ވަގުތު، އަހަރެންގެ މަންމަ ދާނިޔާއަށް ގޮވާލިކަން ނަސީބެކެވެ. ދާނިޔާގެ ސުވާލުތަކުން އެވަގުތަށް އަހަރެން ސަލާމަތްވިއެވެ.
އެކަމަކު މިގޮތަށް ސަލާމަތްވެވޭނީ ކިތައްފަހަރު ހެއްޔެވެ؟ މިކަން ސިއްރު ކުރެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ޙަޤީޤަތް ހާމަވުމަށްފަހު، އަހަރެންގެ ޙަޔާތަށް ބިންދާލާނީ ކޮންފަދަ ބޮޑު ރާޅެއްކަމެއްވެސް އަހަންނަކަށް ނޭންގެއެވެ. އެރާޅުތަކުގެ ތެރެއިން ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެބާވައެވެ؟ އަހަރެން ސަލާމަތްކުރަން އެހީވެދޭނެ އެއްވެސް މީހަކު ހުންނާނެބާވައެވެ؟ ނޫނީ ކުޑަމިނުން އެރާޅުތަކާއި ދެކޮޅަށް ހަނގުރާމަކުރުމުގެ ހިތްވަރު އަހަރެންގެ ކިބައިގައި ހުންނާނެބާވައެވެ؟ ދާނިޔާ ދިޔަ ދިމާއަށް ބަލަން ހުރެވުނީ ހިތުގައި އުފެދުނު ނުތަނަވަސްކަމާއެކުގައެވެ. ޙަޤީޤަތް އެނގޭ ދުވަހަކުން ދާނިޔާ ކަންތައްކުރާނީ ކިހިނެއްބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ.
*****************
އޮފީހުގައި އިންދާ އަނެއްކާވެސް އެ ނަންބަރުން ގުޅަން ފެށިއެވެ. ފޯނު ނަގާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން ކުރަން އިން މަސައްކަތް ކުރިއަށް ގެންދިޔައީއެވެ. މިހާރު އަހަރެން ބަލަނީ އޮފީހުގައި އިންނައިރު އޭނާ ގުޅިއަސް ނުނަގާވޭތޯއެވެ. ގޭގައި ހުންނައިރު ގުޅައިފިއްޔާ ނަގަނީ އަހަރެން އެކަނި ހުންނަ ގަޑިއެއްގައި ގުޅައިފިނަމައެވެ. އިރުކޮޅަކުން މެސެޖެއް ލިބުނެވެ. ބައްދަލުކޮށްލަން ބޭނުންކަމަށް ބުނެއެވެ. އަހަރެން ވިސްނާލީމެވެ. ކުރަން އިން މަސައްކަތް ހުއްޓާލުމަށްފަހު، ގޮނޑީގައި ލެނގިލީމެވެ. މޫނު މައްޗަށް އުފުލާލަމުން ސީލިންގއަށް ނަޒަރު ހުއްޓާލައިގެން އޮވެވުނެވެ. ދެލޯ މަރާލީ، ފިކުރުތަކުން އުނދަގޫވާން ފެށުމުންނެވެ.
އިރުކޮޅަކު ވިސްނާލަން އިނދެފައި، ޖަވާބު ފޮނުވާލީމެވެ. މިކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސަން އެބަޖެހެއެވެ. މިގޮތަށް އަބަދު ފިލައިގެން ނޫޅެވޭނެކަން އަހަންނަށްވެސް އެނގެއެވެ. އިރުކޮޅަކުން އައި މެސެޖްގައި އޮތީ ދާންވީ ތަނާއި ގަޑިއެވެ. އަނެއްކާވެސް އަހަރެންގެ ޚިޔާލު ބަދަލުވާން އުޅުނެވެ. މެސެޖަށް ޖަވާބުދެވުނުކަމުގެ މޮޔަވެސް ހީވިއެވެ. މިވަނީ ކީއްކަމެއް ޚުދު އަހަންނަކަށްވެސް ނޭންގެއެވެ. އެކި ފަހަރު އެކި ގޮތަށް އަހަރެންގެ ވިސްނުމާއި ޚިޔާލު އެނބުރެމުން ދިޔައެވެ. އެންމެ ރަނގަޅު ގޮތަކީ ކޮބައިކަންވެސް އަހަންނަށް އޮޅިއްޖެ ކަންނޭންގެއެވެ. ކުރިން އަހަންނަކީ ކުރާ ކޮންމެ ކަމެއްގައި ޔަޤީންކަން އޮވެގެން ކުރާ މީހެކެވެ. އެކަމަކު މިހާރު އަމިއްލަ ނަފްސަށް އެއްވެސް ވަރަކަށް އިތުބާރެއް ނުކުރެވެއެވެ. ގޯހެއް ހެދިދާނެތީ ބިރުގަންނަނީ އިންތިހާއަށެވެ.
ލޯ ހުޅުވާލަން މަޖުބޫރުވީ އަނެއްކާވެސް ފޯނު ރިންގުވާން ފެށި އަޑު އިވުމުންނެވެ. ބަލާލިއިރު ގުޅަނީ މައިދައިތައެވެ. އަހަރެން ހައިރާންވީ އަހަރެން އޮފީހުގައި އުޅޭ ގަޑީގައި މައިދައިތަ ދުވަހަކުވެސް ނުގުޅާތީއެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލިއިރު، އެކޮޅުން އިވުނު މައިދައިތަގެ އަޑުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގެ ސިގްނަލް އަހަންނަށް ލިބުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



