ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 23
ޖާހަތު އެރޭ އާއިޒުއަށް ދިއްކޮށްލި ފެންތަށީގައި ހުރި ފެނަށް އެއްކޮށްފައި ހުރި އެއްޗެއްގެ ސަބަބުން އާއިޒު އެނދާ އަރާ ހަމަވިތަނުން ހަބަރު ހުސްވެގެން ވެއްޓުނީއެވެ. ޖާހަތުގެ ނެގިނެގިފައި ޖެހެމުން ދިޔަ ހިތަށް ހަމަ ޖެހުމެއް ލިބުނީ އާއިޒު އެނދު މައްޗަށް ވެއްޓުމުންނެވެ. މޭމަތީގައި އަތް އަޅައި ފުންނޭވާއެއް ދޫކޮށްލެވުނީ ސަލާމަތްވި ކަމަށް ޓަކައި ﷲއަށް ހަމްދުކުރަމުންނެވެ. އެއަށްފަހު ދެން އަވަސްވެގަތީ ލައިގެން ހުރި ހެދުން ބަދަލުކުރުމަށްފަހު އާދައިގެ ހެދުމެއް ލުމަށެވެ. އެއަށްފަހު މޭކަޕްކޮށްލިއެވެ. އަދި އާއިޒު ލައިގެން އޮތް ޓީޝާޓް ވަރަށް މަސައްކަތުން ދަމާ ބޭލިއެވެ. މުޅި މާހައުލު ރޭޕް ސީން އަކަށް ބަދަލުކޮށްލިއެވެ. ދެން އިންތިޒާރު ކުރީ އިރު އަރާނެ ވަގުތަކަށެވެ. އިރު އެރުމުން ވަގުތުން ގުޅީ ޕޮލިހުންނަށެވެ.
“އާއިޒު އަށް ލިބެންވާ ހައްގު އަދަބު އަދިވެސް ނުދެވޭކަން ގަބޫލުކުރަން. އެކަމަކުވެސް މިވަރު ކޮށްލުމުންވެސް އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަ ޖެހުމެއް ލިބިއްޖެ. އެނގޭ މިފަހަރުވެސް އޭނަ ސަލާމަތް ވާނެކަން.” ވީ ގޮތް ކިޔައި ދެމުން ޖާހަތު ބުނެލިއެވެ.
ޔާނާ އައިސް ޖާހަތުގެ ގައިގައި ބައްދާލިއެވެ. އަދި އަތް އިސްކުރެވުނީތީ މާފަށް އެދުނެވެ.
“ނޫނޭ. ޔާނު މަޢާފަށް އެދޭކަށް ނުޖެހޭނެ. ޔާނު އެކޭ އެއްގޮތަށް ހާމިޒާއްތަ އަހަންނަށް ވެސް ތަރުބިއްޔަތު ދިން. ބަދަލު ހިފަންވެސް ވަކި މިންގަނޑެއް އޮންނާނެ. ޔާނު ހުރި މަގާމުގަ އަހަރެން ހުރި ނަމަވެސް ކަންތައް ކުރެވުނީހީ ހަމަ އެހެން.” ޖާހަތުވެސް ޔާނާގެ ގައިގައި އިތުރަށް ބައްދާލަމުން މިހެން ބުނެލިއެވެ.
ހުރިހާކަމެއް އޮޅުންފިލައި ހަމައަކަށް އެޅުނެވެ. ދެން ދެކެވެން ފެށީ ފުރުމުގެ ވާހަކަ އެވެ. ދެހަފްތާފަހުން ފުރާ ގޮތަށް ނިންމިއެވެ. ތިން މީހުންވެސް ބޭނުންވީ ފުރުމާ ދެމެދު ބާކީ އޮތް ދުވަސްތައް އުފަލުގައި ހޭދަކޮށްލުމަށެވެ.
ހުޅުމާލޭގެ ހިތްފަސޭހަ އަތިރިމަތީގައި އިރު އޮއްސެމުންދާ މަންޒަރު ބަލަން އިން ޔާނާގެ ގައިގައި ފަހަތުން އައި އީމަން ލޯބިން ބައްދާލިއެވެ. އިރުގެ ރަން ދަޅަތައް އެމޫނަށް އެޅިފައި ވުމުން އެދޮންމޫނު ބަބުޅަމުން ދެއެވެ. އަޅައިގެން އިން ކަޅުކުލައިގެ ޝޯލްގެ ސަބަބުން މި ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. އީމަން ޔާނާގެ ކޮނޑުގައި ދަތްދޮޅި ވިއްދާލަމުން ކުރިއަށް ގުދުވެލިއެވެ. ހިނިތުންވެލައިގެން އިނުމުން އެރީތިކަން ފެނި އީމަން ޔާނާގެ ކޯތާފަތަށް ބޮސް ދިނެވެ. ތެޅިގަނެވުމާއެކު ދުރަށް ޖެހިގަންނަމުން ދެފަރާތް ހޯދާލީ ބަޔަކު ތިބިތޯ ބެލުމަށެވެ.
“ދެން އީމު. ތަނެއް ތަނެއް ނޯވޭ ދޯ؟” ޔާނާ ލަދުރަކި ހިނިތުންވުމަކާ އެކީ ޝަކުވާ ކޮށްލިއެވެ.
“ކިހިނެއްވީ؟ އަހަރެން ހުރީ އަހަރެންގެ އަނބިމީހާ އާއި އެކީގަ. ދެން ކޮބާ މައްސަލައަކީ؟” އީމަން ވަރަށް ހަމަ ޖެހިލާފައި ޖަވާބުގައި ބުނެލިއެވެ. އީމަންގެ އަނގައިން ކުރި ނުލިބޭނެ ކަން އެނގުމުން ޔާނާ ފުންނޭވާއެއްލީ އިތުރަށް އެވާހަކަ ނުދެއްކުމަށެވެ. އަދި އީމަންގެ އަތުގައި ހިފާލަމުން އަނެއްކާވެސް ރަތްވިލާތަކަށް ނަޒަރު ހިންގާލިއެވެ. ދެމީހުން އެކީގައި އެމަންޒަރު ބަލަން ތިބިއިރު އީމަންގެ ކުދި ކުދި އަނިޔާތަކުން ޔާނާގެ މޫނަށް އުފާވެރިކަމާ ހިނިތުންވުން ގެނުވައެވެ. ޔާނާ ހިނިތުންވެލާ ކޮންމެ ފަހަރަކު އީމަންގެ ހިތް އުފަލުން ފުރެއެވެ. އީމަންއާ އެކީ ޔާނާ ހޭދަކުރާ ކޮންމެ ވަގުތަކީ އުފާވެރިކަމާ ހިތްހަމަ ޖެހުމާއެކު ހޭދަވާ ވަގުތުތަކަކަށް ހަދަން ބޭނުންވާތީއެވެ. ނަމަވެސް ފުރާ ދުވަސް ގާތް ވަމުން އަންނަ ވަރަކަށް އީމަންގެ ހިތް ނުތަނަވަސް ވަމުން ދެއެވެ.
ބޭރުން އައިސް ގެއަށް ވަންނި ޔާނާ އާ އީމަންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ސިޓިން ރޫމުގައި ޖާހަތު އާއި އެކި އިން މީހާ ފެނުމުންނެވެ. އެއީ ޖާހަތު ކިޔަވާ ނިމެންދެން ގެންގުޅެދިން ބޭބެއެވެ. ޖާހަތު ސްކޫލް ނިމުމާއެކު، މާލީ ހާލަތު ހުރިގޮތުން، އެހެން ތަނަކަށް ބަދަލުވީ އިތުރަށް ޖާހަތު ބެލެން ނެތުމުންނެވެ. އޭގެ އިތުރުން މިވީ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ޖާހަތުގެ ހާލު ބަލާލަން ކުޑަމިނުން ގުޅާލާފަވެސް ނުވާ އިރު މިއަދު ޚުދު އައިސް އެއިނީ ޔަޤީނުންވެސް ބޮޑުކަމެއް ވުމުންނެވެ.
ޔާނާމެން ފެނުމުން ހަމްދީ ތެދުވެގެން ބޭރަށް ނިކުންނަން ހިނގައިގަތެވެ. އަދި ޖާހަތުއަށް ބުނެލިއެވެ. “މާދަން ބޭބެ ގުޅާނަން ޖަވާބެއް ހޯދަން. ރަނގަޅަށް ވިސްނުމަށްފަހުގައި ޖަވާބެއް ދޭތި!”
ޔާނާ ހައިރާންވިއެވެ. ހަމްދީ ޖާހަތުގެ ކިބައިން އެއެދެނީ ކޮންކަމަކަށް ބާވައެވެ. ސޯފާގައި އިށީނދެގެން އިސް ޖަހާލައިގެން އިން ޖާހަތުގެ ކުރިމައްޗަށް ހުއްޓުނެވެ. އަދި ވެގެން އުޅޭ ގޮތާމެދު ސުވާލުކުރިއެވެ.
ފުންނޭވާއެއް ލުމަށްފަހު ޖާހަތު ކޮޅަށް ތެދުވިއެވެ. ޔާނާ އާއި އީމަން އެކަކު އަނެކަކަށް ބަލައިލީ ވާނުވާ ނޭނގިގެންނެވެ. ޖާހަތު ވާހަކަ ދައްކަން ފެށިއެވެ.
“އަހަރެން ދުވަހަކުވެސް އަހަރެންގެ މަންމައާ ބައްޕައެއް ނުދެކެން. ވީތަނެއްވެސް ނޭނގޭ. ހަނދާންވީއްސުރެ އުޅެނީ ހަމްދީބެއާއެކީ. ހަމްދީބެއާ އަންހެނުން އަހަރެން ބަލައިދިން. ކޮންމެ ގޮތަކަށް އުޅެންޖެހުނަސް ކިޔަވައި ނިމެންދެން ބަލަހައްޓައިދިން. ބަދަލުގައި އެއްވެސް އެއްޗަކަށް ނޭދޭ.” ޔާނާ އީމަންއަށް އަނެއްކާވެސް ބަލައިލީ ޖާހަތު ދައްކަން މިއުޅެނީ ކޮންވާހަކައެއް ބާއޭ ހިތަށް އެރުމުންނެވެ. ޖާހަތުގެ ހަޔާތުގައި ވެފައިވާ ކަންތައްތައް ޖާހަތުފަދައިން އީމަންއާ ޔާނާވެސް ވަރަށް ކައިރިން ތަޖުރިބާ ކޮށްފައިވެއެވެ.
“ހަމްދީބެގެ ހެޔޮކަމުގެ ބަދަލު ދޭންޖެހިދާނެޔޭ ދުވަހަކުވެސް ހިތަކަށް ނާރާ. ނަމަވެސް މިއަދު މިއޮތީ އެދުވަސް ޖެހިފައި. މިއަދު ބޭބެ އެވަނީ އަތްމަތި ދަތިވެ އެތަށް ބަޔަކަށް ދަރާފަ. ދަރަނި އަދާ ކުރެވޭނެ އެއްވެސް ގޮތެއް ނެތް. ދެންމެ ބޭބެ އެއައީ އެވާހަކަ ދައްކަން. ވަރަށް މުއްސަނދި މީހެއް އޭނާގެ ދަރިފުޅާ އަހަރެންގެ ކައިވެންޏަށް އެދެފި. މިކައިވެނި ވެއްޖެނަމަ ބޭބެގެ ދިރިއުޅުން ވަރަށް ބޮޑަށް ތަނަވަސްވެގެން ދާނެ.”
“ދެން ޖާތު ކީކޭ ބުނީ؟” ޔާނާ ސުވާލުކޮށްލިއެވެ.
“ބޭބެ އެބުނީއެއްނު މާދަމާ ގުޅާނަމޭ.” ޖާހަތު ސޯފާގެ އަތްގަނޑުގައި ހިފައި އިށިނދެލަމުން ބުނެލިއެވެ. މޫނު މަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. ހަދަންވީ ކިހިނެއް ބާއޭ ހިތް ބުނަމުންދަނީއެވެ. ކައިވެންޏެއްފަދަ ގުޅުމަކަށް އޭނާ ތައްޔާރު ބާވައެވެ؟ އޭނާއަށް ހަމްދީބެގެ އެދުމަށް ދެކޮޅު ހަދަން ކެރިދާނެ ހެއްޔެވެ؟ ބޭބެއަށްޓަކާ ކައިވެނި ކުރަންވީބާއެވެ. ނުދަންނަ މީހަކަށް ވިޔަސް އެކީގައި އުޅެންފެށުމުން ލޯބި ވެވިދާނެ އެވެ.
“ޖާތު، ދެން ޖާތު ތި ވިސްނަނީ ކޮން ގޮތަކަށް ނިންމަންތަ؟” ޔާނާ ޖާހަތުއާ ގާތްވެލަމުން ސުވާލުކޮށްލީ ޖާހަތުގެ ނިންމުން ދެނެގަތުމުގެ ބޭނުމުގައެވެ.
“ޔާނު ބުނެބަލަ. ކިހިނެއް އަހަރެން ކަންތައް ކުރަންވީ؟” ޖަވާބުގެ ބަދަލު ޖާހަތުވެސް ކޮށްލީ ސުވާލެކެވެ. ޔާނާއަށް ބުނާނެ އެއްޗެއް ނޭގުމުން އީމަންއާ ދިމާއަށް ބަލައިލެވުނެވެ.
އީމަން ފުން ނޭވާއެއް ލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. “ޖާތު، ތިކަމުގަ އެންމެ ރަނގަޅުވާނީ ޖާތުގެ އަމިއްލަ ނިންމުމެއް. އަހަރުމެންނަށް ދެވޭނީ ލަފާ. ޖާތުގެ ބޭބެގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީވެސް ޖާތުއަށް. އަހަރުމެން ބޭނުމީ ޖާތުއަށް އުފާވެރި ފާގަތި މުސްތަޤްބަލެއް.” އީމަންގެ ނިންމުމަށް ޔާނާ ވެސް ތާޢީދު ކުރިއެވެ.
ޓެކްސީ އިން ފޭބުމަށްފަހު ޖާހަތު ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. ލައިގެން ހުރި ފެހިކުލައިގެ ކުރުތާގެ ފަސްބަޔަށް ދަމާލެވުނީ ހިތް ނުތަނަވަސް ވެފައިވާ ވަރުންނެވެ. ޕާސް ހުޅުވާލުމަށްފަހު އޭގެ ތެރެއިން ކާޑެއްނަގައި އޭގައި ލިޔެފައިވާ އެޑްރެހަށް ބަލައިލިއެވެ. އޭގައި ލިޔެވިފައި ވަނީ ކުރިމަތީގައި ހުރި ބޮޑު ގެސްޓް ހައުސްގެ ނަމެވެ. މަޑުމަޑުން ހިނގާލާފައި ގޮސް އެތެރެއަށް ވަނެވެ. ހަމްދީބެގެ އެދުމުގެ މަތިން ޖާހަތު ބޭނުންވީ ކައިވެންޏަށް އެއްބަސް ވުމުގެ ކުރިން ކައިވެނި ކުރަން އެދޭ ފަރާތާ ބައްދަލުކޮށްލުމަށެވެ. އެގޮތުން މިރޭ ޖާހަތު އެއައީ އެމީހުންގެ ދައުވަތަކަށެވެ.
އެތެރެއަށް ވަދެ ކާޑު ދިއްކޮށްލުމާއެކު ރިސެޕްޝަން ސްޓާފެއް ޖާހަތު އަށް މަގު ދައްކަމުން ގޮސް ލިފްޓަށް އެރިއެވެ. ކުޑަ ސިކުންތު ކޮޅަކަށްފަހު ޖާހަތުއަށް ހުރެވުނީ ބޮޑު ހޯލެއްގެ ކުރިމަތީގައެވެ. ހޯލް ހީވަނީ ޝާހީ ހާންދާނުގެ ކައިވެންޏަކަށް ތައްޔާރުކުރެވިފައިވާ ހެނެވެ. މުޅިންހެންވެސް ތިބީ އިއްޒަތްތެރިންގެ ފެންވަރު ބޭފުޅުންނެވެ. ޖާހަތަށް ކުޑަކޮށް އުނދަގޫވާގޮތްވިއެވެ. އޭނާގެ ހަޔާތުގައިވެސް ދުވަހަކުވެސް މިފަދަ އިއްޒަތްތެރި ތަނަކަށް އާދެވިފައެއް ނުވެއެވެ. އަނެއްކާ އެމީހުން ޖާހަތުގެ ގޮތް ދެނެގަތުމަށްޓަކައި ފައިސާގެ ދަޅަ ދައްކަނީ ހެއްޔެވެ؟ ޖާހަތު އެތެރެއަށް ނަޒަރު ހިންގާލީ ހަމްދީބެ ފެނޭތޯއެވެ. ނަމަވެސް ހަމްދީބެ ކީއްކުރަންހެއްޔެވެ. އެތަނުގައި ޖާހަތު ދެކެފަރިތަ އެއްވެސް މޫނެއް ނެތެވެ. ހިތް ތެޅިގަތީ ބީރަށްޓެހިކަން އިހުސާސް ކުރެވިގަތުމުންނެވެ. ޔާނާ އާއި އީމަންވެސް ޖާހަތުއާ އެއްކޮށް އައުމަށް ހަމަ ޖެހިފައި ވަނިކޮށް ހާމިޒާގެ ހާލު ކުއްލިއަކަށް ސީރިއަސް ވުމުން ހޮސްޕިޓަލަށް ދާން ޖެހުނީއެވެ.
ޖާހަތު އަނެއްފަރާތަށް އެބުރުނީ އަނބުރާ ދިޔުމަށްޓަކައެވެ. މިތަނަކީ ޖާހަތުގެ ފެންވަރަށްވުރެ މަތީ ބައެއް ތިބި ތަނެކެވެ. މިމީހުން އެންމެ ހަފްލާ އަކަށް ހޭދަކޮށްލާ ވަރު ޖާހަތުގެ މުޅި އުމުރުގައި ހޭދަ ކުރިއަސް ހުސްނުވާނެއެވެ.
ލިފްޓާ ދިމާއަށް އެނބުރިލި ވަގުތު ފަހަތުން އައިސް މީހެއް ޖާހަތުގެ ކޮޑުގައި ހިފާލިއެވެ. ސިހިފައި އެނބުރިލިއެވެ. ކުރިމަތީގައި ހިނިތުންވެލައިގެން ހުރި އަންހެން މީހާ ފެނި ޖާހަތުގެ ހިތުގައި އުފެދުނު ސުވާލު މޫނުމަތިންވެސް ދޭހަވިއެވެ. އެހެން ކަމުން އެމީހާ އިސްވެ ތަޢާރަފް ވެލިއެވެ.
“ޖާހަތު ދޯ ތިއީ؟ މިއީ ސައުދިއްޔާ. އަހަރެމެންގެ ދަރިފުޅާ ޖާހަތުއާ…” ސައުދިއްޔާގެ ވާހަކަ މިހާ ހިސާބަށް ދިޔުމާއެކު ޖާހަތުވެސް ސައުދިއްޔާއަށް އިޚްތިރާމުކުރުމުގެ ގޮތުން ސަލާމް ބުނެލަމުން އަތް ދިއްކޮށްލިއެވެ. ހަށިގަނޑު ބިޔަ ބޮޑުކޮށް ހުރި އިރު ހަރުވާޅު ހެދުންލައިގެން ބުރުގާ އަޅައިގެން ހުރުމުންނާއި ހަމުގެ ކުލައި އަލިވުމުން ސައުދިއްޔާ ވަރަށް ޝާހީ ވައްތަރެއް ޖަހައެވެ. އިރުކޮޅަކުން އިތުރު ފިރިހެނެއްވެސް އެމީހުން ކައިރިއަށް އައެވެ. ސައުދިއްޔާ އެމީހާ ތަޢާރަފްކޮށްދެމުން ނަމަކަށް ޝަކީބު ކަމުގައި ބުނެލިއެވެ. އަދި އެއީ ސައުދިއްޔާގެ ފިރިހެނުން ކަމަށް ބުންޏެވެ.
ދެމީހުންގެ މޫނު މަތިންވެސް ހިތްހެޔޮ ކަމާ އުފާވެރިކަން ފެންނަމުން ދެއެވެ. ސައުދިއްޔާ ޖާހަތު ގޮވައިގެން ގޮސް އެންމެންގެ މެދުގައި ހުއްޓުނެވެ. އަދި ޖާހަތު ތަޢާރަފް ކޮށްދިނެވެ. ޖާހަތުއަށް އިނދެވުނީ ލަދުން އިސް އުފުލާލަން ނުކެރިފައެވެ.
“މިއީ މިރޭގެ ޝަރަފުވެރިޔާ. އެމީހަކަށްޓަކައި މިރޭގެ މި ހާއްސަ ހަފްލާ އިންތިޒާމް ކުރެވިފައިވާ މީހާ. މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ވާންއުޅޭ ޅީ ދަރިފުޅު. ޅީ ދަރިފުޅު ކަމުގައި ވީނަމަވެސް އަޅުގަނޑަށް މި ލިބުނީ އަޅުގަނޑުގެ އުނގުން ފަޅުވެފައިވާ އަންހެން ދަރިއެއްގެ މަގާމު ފުރާ ދޭނެ ކުއްޖާ.” ސައުދިއްޔާގެ ވާހަކައިން ޖާހަތުއަށް ބޭއިޚްތިޔާރުގައި އެދިމާއަށް ބަލައިލެވުނެވެ. މޫނުމަތިން ފެންނަމުން ދަނީ ފަޚްރުވެރިކަމާ ހިތް ހެޔޮކަމެވެ. އެދެލޮލުން ޖާހަތަށް ލޯބި ފެންނަ ފަދައެވެ. ސައުދިއްޔާ އެހުރިހާ ވާހަކައެއް ދައްކަމުން ދިޔައިރުވެސް ޖާހަތުގެ އުނަގަނޑުން އެންމެ ސިކުންތު ކޮޅަކަށްވެސް އަތް ވަކިކޮށްނުލައެވެ. އޯގާތެރިކަމާއެކު ޖާހަތުގެ ބުރަކަށީގައި ފިރުމާލައެވެ. ޖާހަތުގެ ލޮލުން ބޭއިޚްތިޔާރުގައި ކަރުނަ ނީރާލިއެވެ. ޒަމާންތަކެއް ވަންދެން ޒަޚަމްވެފައިވާ ފާރުގަނޑަކަށް ޝިފާ ލިބެންފަށައިފި ކަމުގެ އިހުސާސް ކުރެވެން ފެށީ ކޮން ސިކުންތެއްގައި ކަމެއް ނޭނގުނެވެ.
“އެ ބޮޑު ހަފްލާ ނިމެންދެން އަހަރެން އެންމެ ސިކުންތު ކޮޅަކަށްވެސް އެކަނި ވެރިވިޔަކަ ނުދިން.” ޔާނާމެން ކޮޓަރީގެ އެނދުމަތީގައި އީމަން ޔާނާ އަދި ޖާހަތު ތިބިއިރު ޖާހަތަ ހިނިތުންވެ އިނދެ ކިޔައިދެމުން ދިޔައީ މިރޭގެ ވާހަކަ ތަކެވެ.
“އޯކޭ. އެކަމަކު ހަގީގަތަކީ ކައިވެނި ކުރަން އުޅެނީ ކާކާ ކަމެއް އަދިވެސް ޖާތުއަށް ނޭނގޭ ކަމެއްނު؟” ޔާނާ ސީރިއަސްވެލަމުން ސުވާލުކޮށްލިއެވެ.
“ތިއީ ތެދެއް. އެކަމަކު ޔާނު ވިސްނާލަބަލަ. އެހާ އޯގާތެރި ދެމަފިރިއެއްގެ،އަހަންނަށް ޔަޤީން ގޯސް ކުއްޖެއް ނުހުންނާނެކަން. އަނެއްކާ އެ ހަފްލާގައި އޭނާ ނެތީ މިވަގުތު މާލޭގައި ނޫޅޭތީ. އޭނާ ވީ ރާއްޖެއިން ބޭރުގަ. އަހަރެން ކައިރީ ބަހައްޓައިގެން އޭމީހުން އޭނާއަށް ގުޅި. ހަފްތާއެއް ތެރޭގަ އަންނާނެ ކަމަށް ބުނި.” ޖާހަތު ދިފާއުގައި ބުނެލިއެވެ. ސައުދިއްޔާގެ އޯގާތެރިކަމުން ޖާހަތުއަށް ވަނީ ފުން އަސަރުތަކެއް ކުރުވާފައެވެ. އެފިރިހެން ކުއްޖާއަކީ ކާކު ކަމެއް ނޭނގުނަސް ޖާހަތުގެ ހިތުގައި ސައުދިއްޔާގެ މައްޗަށް ލޯބި ޖެހިއްޖެއެވެ. މައެއްގެ ދަރަޖަ ދޭން ބޭނުންވެއްޖެއެވެ.
ޔާނާ އާއި އީމަންއަށް ވެސް މިކަން އިހުސާސް ކުރެވުނެވެ. މައިންބަފައިންގެ ލޯބިން މަހްރޫމް ވެފައިވާ ކުއްޖަކަށް އެލޯބި އިހުސާސް ކުރެވުމުން ވާނެ ގޮތް އެނގެއެވެ. ޔާނާއަށް އެމީހުންގެ އުނިކަން އިހްސާސް ކުރެވި އިސްޖަހައި ލެވުނީ ފެންކަޅިވީމައެވެ. މައިންބަފައިންގެ މުހިންމުކަން ބޮޑަށް އިހުސާސް ކުރެވެނީ އެމީހުން ބީވުމުންނެވެ. އީމަންއަށް ޔާނާގެ އިހްސާސްތައް ދެނެގަންނާކަން ގިނައިރުތަކެއް ނުނެގިއެވެ.
ޖާހަތުވެސް މާގިނައިރު ތަކެއް ނުވެ ނިދަން ދިޔުމުން އީމަން ކޮޓަރީގެ ދޮރު ލައްޕާލިއެވެ. ޔާނާ އިސް ޖަހާލައިގެން އިނީއެވެ. އީމަން އައިސް ޔާނާގެ ކައިރީގައި އިށީނދެލިއެވެ. އަދި މަޑުމަޑުން ޔާނާގެ އިސް އުފުލާލިއެވެ. އެހިނދު އެސްފިޔަ ތަކު ދޭތެރެއިން ނީރާލައިގެން އައި ކަރުން ތިއްކެއް އެ ކޯތާފަތް މަތީ ދުވެލިއެވެ.
“ރޮނީތަ؟ ދެރަ ނުވޭ. އިނގޭ ޔާނު މަންމަމެން މަތިން މިސްވަނީކަން. އެކަމަކުވެސް ކެތްކުރަން ވާނެ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” އީމަންއަށް ޔާނާގެ ހާލަތު ދެނެގަނެވިއްޖެކަން އެނގުމުން އިތުރަށް ރޮވުނެވެ. އީމަންގެ މޭމަތީގައި މޫނު ފޮރުވާލަމުން ރޮއެގަނެވުމާއެކު އީމަންގެ ހަށިގަނޑުގައި ބާރަށް ހިފަހަށްޓާ ލެވުނެވެ. އީމަން ޔާނާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. ޔާނާ ދެރަވެފައި ހުރިތަން ފެނި އީމަންގެ ލޮލުންވެސް ކަރުން ހިލުނެވެ. ނަމަވެސް ހިތްވަރުކޮށްފައި ޔާނާ ގަޔާ ދުރުކޮށްލިއެވެ.
“ތިގޮތަށް ނުރޮއެ ޔާނު. ހިތްވަރުކުރަންވާނެ. ޕްލީޒް. ހުއްޓާލާ” އީމަން ޔާނާގެ ކަރުނަތައް ފޮހެދެމުން ބުނެލިއެވެ. ޔާނާވެސް ހިތްވަރުކޮށްފައި ރުއިން ހުއްޓާލިއެވެ. ނަމަވެސް މޫނުމަތިވަނީ މިލާފައެވެ.
ފާހާނާއަށް ވަދެ ހެދުން ބަދަލުކޮށްލައިގެން އައި އިރު އީމަން ކުޑަދޮރު ކައިރީގައި ހުއްޓެވެ. ހަމަ އެކަނި ސޯޓު ކޮޅެއް ލައިގެން ހުރުމުން އެ ކަސްރަތީ ހަށިގަނޑު ވަނީ ހާމައަށެވެ. ޔާނާ އަށް ބޭއިޚްތިޔާރުގައި ބަލަން ހުރެވުނީއެވެ. މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަން ފެށުނެވެ. އީމަންގެ އެ ބިޔަ ބުރަކަށީގައި އަތް ބީއްސާލަން އެދެވުނެވެ. ކުޑަ ދޮރުގެ އެއްފަރާތުގައި އަތް އަޅުވާލައިގެން ހުރި އިރު އެ ބާރުގަދަ ދެއަތު ތެރޭގައި ބޮނޑިވެލަން ހިތް ގޮވަން ފެށިއެވެ.
އީމަންއަށް ހިލަމެއްވިހެން ހީވެގެން ފަހަތަށް އެނބުރިލެވުނެވެ. ދާދި ކައިރީގައި ހުރި ޔާނާ ފެނުމުން ކުޑަކޮށް ސިހުން ލިބުނަސް އެ ދެލޮލުން ފާޅުވާން ހުރި އަސަރުތަކުން ހިތް އޮޔާ ދިޔަފަދައެވެ. އީމަން ޔާނާއާ ގާތްވެލިއެވެ. ޔާނާ އިސް ޖަހާލިއެވެ. އީމަން އިތުރު ހަރަކާތެއް ނުކޮށް އިސްޖަހާލައިގެން ހުރި ޔާނާއަށް ބަލަހައްޓައިގެން އިނީއެވެ. ޔާނާ ލަދުގަނެފައިވީ ނަމަވެސް އީމަން ބޭނުންވީ އިތުރަށް ރަކިކޮށްލާށެވެ.
އީމަންގެ ނިޔަތް ޔާނާއަށް ދެނެގަންނާކަށް މާގިނަ ވަގުތެއް ނުނެގިއެވެ. “ދެން އީމު!” ލަދުވެތި ގޮތަކަށް ހިނިތުންވެލަމުން އީމަންގެ މޭގައި ބޮނޑިވެގަތެވެ.
އީމަންއަށް ޔާނާގެ މިހާލަތު ވަރަށް ކަމުދިޔައެވެ. ޔާނާގެ ހަށިގަނޑުގައި ދެއަތުން ބައްދައިލަމުން އިތުރަށް ގަޔާލާ ބޮނޑިކޮށްލިއެވެ. ދެމީހުންގެ މޫނުމަތީގައި ވެސް ވަނީ އުފާވެރިކަމާ ހިތްހަމަ ޖެހުމުގެ ހިނިތުންވުމެކެވެ. އެކަކު އަނެކަކަށް ޓަކައި ހިތުގައި އުފެދިފައި ވަނީ އިންތިހާ މަތިވެރި ދަރަޖައިގެ ލޯތްބެކެވެ. އީމަން ޔާނާ ގަޔާލާ ބޮނޑިކޮށްލައިގެން ހިނގަމުން ގޮސް އެނދުގައި އިށީނދެލިއެވެ. ދެހިތުގައި އެކަކު އަނެކަކަށް ޓަކައި އުފެދެމުން ދިޔަ ޖަޒުބާތުތައް ބަނޑުންވާން ފެށިއެވެ.
ނިދިފައި އޮތް ޖާހަތުއަށް ހޭލެވުނީ ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. ބޯ ހިއްލާނުލާ އޮތްގޮތަށް އޮވެ ސައިޑްޓޭބަލް މަތީގައި އޮތް ފޯނަށް އަތް ދިއްކޮށްލިއެވެ. އަދި ފޯނަށް ބަލައިލިއެވެ. އެވަގުތު ދެލޯ ބޮޑުވެގެން ދިޔައީ ސްކްރީނުން ފެންނަމުން ދިޔަ ނަންބަރުންނެވެ. އެއީ ސައުދިއްޔާގެ ނަންބަރެވެ. ސޭވްކޮށްފައި ނުވިޔަސް އެނަންބަރު ފާހަގަ ކުރެވުނީ ރީތި ނަންބަރެއް ކަމުންނެވެ.
ކުޑަކޮށް ކަރު ކެހިލުމަށްފަހު ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“އަދި ނުހޭލަންތަ ދަރިފުޅު؟” ޖާހަތު ހަލޯއޭ ބުނުމުން އެކޮޅުން ސައުދިއްޔާ ސުވާލު ކޮށްލިއެވެ.
“ނޫ..ނޫން. ދެންމެ މިހޭލެވުނީ.” ޖާހަތު އަޑު ރީތިކޮށްލަން މަސައްކަތް ކުރަމުން ބުނެލިއެވެ.
“މިހާރު ކައިވެނީގެ ކަންތައް ނިންމަންވެގެން މިއުޅެނީ. ދަރިފުޅުގެ މައްސަލައެއް ނެތްނަމަ މިމަހުގެ 31ވަނަ ދުވަހު ކައިވެނި ކުރާގޮތަށް. އެއީ އެސޮރަށްވެސް އާދެވޭނީ މިމަހު 22 ހިސާބުގަ.” ސައުދިއްޔާ ވާހަކަ ދެއްކުމަށްފަހު ޖާހަތުގެ ޖަވާބަކަށް އިންތިޒާރުކޮށްލިއެވެ.
ޖާހަތުއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިވަގުތުން ވަގުތަށް ޖަވާބު ދޭން ވުމުން އުނދަގޫވީއެވެ.
ޖާހަތުގެ ހަބަރެއް ނުވުމުން ސައުދިއްޔާ ސުވާލުކޮށްލިއެވެ. “ދަރިފުޅު. މަންމަ ވާހަކަ އެއް އަހާލަންތަ؟”
ޖާހަތު މަޑުމަޑުން ހޫމް ލައްވާލުމުން އަނެއްކާ ސައުދިއްޔާ ވާހަކަ ދެއްކިއެވެ.
“ދަރިފުޅު އެއްބަސްތަ މިކައިވެންޏަށް؟ މިބުނީ ހިތުން ރުހުމުން ހެއްޔޭ ކައިވެނިކުރަން ނިންމީ؟ އެނގޭ ދަރިފުޅުގެ ފަރާތުން އަދި ސީދާ ޖަވާބެއް ނުލިބޭ ކަންވެސް. ހަމްދީގެ ފަރާތުން އެނގުނީ ދަރިފުޅު މައްސަލަ ނުޖައްސާކަން. މަންމައަށް އެނގޭ މިގޮތަށް ކައިވެނި ކުރަން ވުމުން އެކޮއިގެ ހިތް ނުތަނަވަސް ވާނެ ކަން ވެސް. އެކަމަކު އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” ސައުދިއްޔާ ހިތުގައިވާ ޝުޢޫރުތައް ބަޔާންކޮށްދިނެވެ.
ޖާހަތު ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ. އަދި ކައިވެންޏަށް ތައްޔާރު ކަމަށް ބުނެލީ ކޮންމެ ގޮތެއްވި ނަމަވެސް ސައުދިއްޔާފަދަ އޯގާތެރި މަންމައެއްގެ ހިޔަލުގައު ހުންނަން ވެއްޖެނަމަ ކޮންމެ ފަދަ އަޑި ގަނޑަކުންވެސް އަރައިގަނެވޭނެކަން އިހުސާސް ވުމުންނެވެ.
ފޯނު ބޭއްވުމަށްފަހު ތައްޔާރުވެލައިގެން ބޭރަށް ނުކުތީ ޔާނާމެންނަށް ކައިވެނީގެ ހަބަރު ދިނުމަށެވެ.
ސިޓިން ރޫމަށް ނުކުމެވުނު އިރު ޔާނާއާ އީމަން ސޯފާގައި ތިއްބެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަމުންދިޔަ މާޔޫސްކަމުން ޖާހަތަށް ސުވާލު ކޮށްލެވުނެވެ.
“ޖާތު، ރޭގަ އަނެއްކާ މަންމަގެ ހާލު ވަރަށް ސީރިއަސްވި. މިހާރު ފުރުންވެސް އަވަސްކޮށްލައިފިން. މިމަހު 20ގައި ފުރާގޮތަށް. ޑޮކްޓަރުން ވެސް ލަފާދެނީ ވީ އެންމެ އަވަހަކަށް ފުރަން.” ޔާނާ ޖާހަތަށް އޮޅުންފިލުވައިދިނެވެ.
ޖާހަތު ވިސްނާލިއެވެ. ކައިވެނީގެ ވާހަކަ ދައްކަންވީ ހެއްޔެވެ؟ ކަމުގެ ބާވަތުން ހަމަ ގައިމުވެސް ސިއްރު ކުރެވޭކަށް ނެތެވެ. އަނެއްކޮޅުން ޖާހަތުގެ ހުރި ހަމައެކަނި މީހަކީވެސް ޔާނާއެވެ.
“މިމަހު 31ގައި ކައިވެނި ކުރާގޮތަށް ހަމަ ޖެހިއްޖެ” ސިކުނޑީގައި އުފެދުނު ސުވާލު އޮއިވަރުން ސަލާމަތް ވެގަތުމަށް ޖާހަތު އެއްނޭވާއިން ބުނެލިއެވެ.
ޔާނާއަށް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. “މިހާރު ހުރިހާކަމެއް ހަމަ ޖެހުނީތަ؟ ޖާތު އެއްބަސްވީތަ ކައިވެންޏަށް؟” ޔާނާ ސުވާލުކޮށްލިއެވެ.
ޖާހަތު ތަފްސީލު ކޮށްދިނެވެ. އޭނާގެ ދިރިއުޅުމަށް އަންނަން އުޅެނީ ހަމައެކަނި ފިރިއެއް ނޫން ކަމަށާ އޯގާތެރި މަންމައެއްވެސް ލިބެން އުޅޭ ކަމަށެވެ. އަދި ކައިވެނި ކުރާއިރު ލޯބި ނުވިޔަސް އެކުގައި ވަގުތުތައް ހޭދަކުރަން ފެށުމުން ލޯބިވެވިދާނެ ކަމުގައި ބުންޏެވެ.
ޖާހަތުގެ އިހުސާސްތައް ދެނެގަންނަން ޔާނާއަށް އުނދަގޫ ކަމަކަށް ނުވިއެވެ. އެހެންކަމުން ޖާހަތުގެ ނިންމުމަށް އިޚްތިރާމު ކުރުމުގެ ގޮތުން އެއްބަސްވިއެވެ. އަދި ޖާހަތުއަށް ފާގަތި މުސްތަޤްބަލެއް ލިބުމަށް އެދި ދުޢާކުރިއެވެ.
“އެންމެ ދެރަވަނީ ކައިވެނި ކުރާއިރު އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް ބައިވެރި ނުވެވޭނެތީ. ކައިވެނީގެ މާކުރިން ޔާނުމެން ފުރަންޖެހޭ.” ޖާހަތު އިސްޖަހާލައިގެން ހުރެ ވާހަކަ ދެއްކީ ސައުދިއްޔާ އާއެވެ. ދެމީހުން ތިބީ ކާރުގައެވެ. ސައުދިއްޔާ ޖާހަތުއަށް ގުޅާފައި ކައިވެންޏަށް ބޭނުންވާ ތަކެތި ގަންނަން ދާން އެދުމުން ޖާހަތު ދަނީއެވެ.
“އަހަރެންނަކީ އިތުރު އެއްވެސް މީހެއް ހުރި މީހެއްނޫން. ހަޔާތުގަ އަންނަ މިފަދަ ބޮޑު އުފަލެއްގަ ޔާނު ބައިވެރިކުރަން ވަރަށް ބޭނުން. އެކަމަކު ޔާނުގެ މަންމަގެ ހާލު ވަރަށް ސީރިއަސް. ދެން ޔާނުއާ ބައްދަލުވާނެ ކަމެއްވެސް ނޭނގޭ” ވާހަކަ މިހިސާބަށް ދެވުނު އިރު ޖާހަތުގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ސައުދިއްޔާ ތުންފަތުގައި ދަތްއަޅާލިއެވެ. ޖާހަތުގެ އެކަނިވެރިކަން ހިތަށް އެރުމުން ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. އިސްޖަހާލައިގެން އިން ޖާހަތުގެ ބޮލުގައި ފިރުމާލުމަށް އަތް އުފުލާލެވުނެވެ. ނަމަވެސް ހިތުގައި އުފެދުނު ސުވާލުތަކަކުން އަތް ތިރިކޮށްލެވުނީ ހިތާ ދެކޮޅަށެވެ. ހިތަށް ވެރިވެގަތް ބަސްތަކަކުން މުޅި މީހާ މާޔޫސްވެގެން ދިޔައެވެ. ހިތްވަރުކޮށްފައި ވާހަކަ ދައްކަންފެށީ ޖާހަތުއަށް ސައުދިއްޔާގެ މިބަދަލު ފާހަގަ ކުރެވިދާނެތީއެވެ.
“ޔާނާމެން ދަނީ ކޮން ޤައުމަކަށްތަ؟” ސައުދިއްޔާ ސުވާލުކޮށްލިއެވެ.
“މެލޭޝިޔާއަށް.” ޖާހަތު އިން ގޮތަށް އިނދެ ބުނެލިއެވެ.
ސައުދިއްޔާގެ މޫނުމައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެވަގުތަކީ ޖާހަތުވެސް އިސްއުފުލާ ސައުދިއްޔާއަށް ބަލައިލި ވަގުތަށްވުމުން ޖާހަތުއަށް މިމަންޒަރު ވަރަށް ރީއްޗަށް ފެނުނެވެ. އަދި ސުވާލުކޮށްލިއެވެ.
ސައުދިއްޔާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފަވެސް ދެފަރާތަށް ބޯ ހޫރާލީ ކަމެއް ނުވެޔޭ ބުނާ ފާޑަކަށެވެ.
“އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ.” ސައުދިއްޔާ ޖާހަތުގެ ކޮނޑުގައި އަތް ފިރުމާލަމުން ބުނެލިއެވެ.
7 Comments
Comments are closed.
އަނެއްކާވެސް ބޮޑު ރޭވުން ގަޑެއްދޯ!
ވަޓްޓް……ޔަގީން އާއިޒްގެ ކަމެއް ދޯ މި އުޅެނީ……ދެން ވަރަށް ފޫހިވޭ އެ އާއިޒަކާ ހެދި….
އަޅޭ ކޮންމެވެސް ނުބައެއް އެބަ އުޅޭ ދޯ.. ހާދަ ހީވެޔޭ ސައުދިއްޔާމީ އާއިޒްގެ މަންމަ ހެން.. އޭގެ ބަދަލް ހިފަން އުޅެނީ ދޯ.. ވ.ރީތި
ޔަގީން މިއީ އެ އާއިޒްގެ ކަމެއް ދޯ… ވވ ރީތި
ވވވވވވ ރީތި …. ސައުދިއްޔާ މިއީ ހަމަ ބޭރު އޮމާން ކޮށްލައިގެން އުޅޭ އަންހެނެއް …… ކައިވެނި ވީމަ އަދި ކުޅިގަނޑު ފެށޭނީ……………………….
އަވަހަށް އަޕް ކޮށްލަދީބަ
އާއިޒު ގެ ކަމެއްކަން ޔަގީން……. ފޫހި ފޫހި އާއިޒް…..