ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 24
މާލޭގެ ބޮޑެތި ފިހާރަތަކުން ފަހަރަކު ފިހާރައަކަށް ސައުދިއްޔާ ވަދެ އަގުބޮޑު ހެދުމާ ގަހަނާ ގަންނަމުން ދިޔައެވެ. ޖާހަތު ހުރީ ފަސްޖެހިފައެވެ. ނަމަވެސް ސައުދިއްޔާ އާ ދެކޮޅަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.
އީމަންއާ ޔާނާ ތިބީ އީމަންގެ ގޭގެ ކޮޓަރީގައެވެ. ޖެހިގެން އޮތް ދުވަހު ފުރަން ހަމަ ޖެހިފައި އޮތުމުން ދެމީހުންވެސް ދައްކަމުން ދިޔައީ އެވާހަކައެވެ. އިރުކޮޅަކުން އީމަންގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. އީމަން ފޯނަށް ބަލައިލިހިނދު ނިތްކުރިއަށް ރޫތަކެއް އަރައިގެން ދިޔައެވެ. އަދި ޔާނާއަށް ބަލައިލަމުން ފޯނު ކަންފަތުގައި ޖައްސައިލުމާއެކު ހަލޯ އޭ ބުނެލިއެވެ.
އެކޮޅުން ދައްކަމުން ދިޔައީ ކޮންވާހަކައެއް ކަމެއް ޔާނާއަކަށް ނޭނގެއެވެ. އީމަން ދައްކަމުންދާ ކުދިކުދި ވާހަކަ ކޮޅުން އެއީ ކޮންވާހަކައެއް ކަމެއްވެސް ނޭނގުނެވެ.
“ކިހިނެތްވީ؟” “އެހެންތަ؟”
“އެކަމަކު އަދި ނާދެޔޭ. ހަލޯ …. ހަލޯ….” އީމަން އެކިވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން ފޯނު ކެނޑުނެވެ.
އީމަން ޖީބަށް ފޯނުލުމަށްފަހު ފުންނޭވާއެއް ލިއެވެ. ޔާނާގެ ހިތުގައި ސުވާލު އުފެދިދާނެތީ އީމަން ސާފުކޮށްދިނެވެ.
“އެކޮޅުން އެގުޅީ. އަހަރެން އެކޮޅަށްދާއިރު މަރީނާއްތަ ގޮވައިގެން ދާށޯ. އެކަމަކު މަރީނާއްތަ އުމުރާއަށް ގޮސްފައި ރަށަށް ދިޔަ ގޮތަށް އަދި މިކޮޅަކަށް ނާދޭ. އެހެން ބުނަންވެގެން އުޅެނިކޮށް ފޯނު އެކެނޑުނީ.”
“މަރީނާއްތައަކީ ކާކު؟” ޔާނާ ސުވާލުކޮށްލިއެވެ.
“އެއީ މިގޭގައި އަހަރެންގެ ކަންތައް ކޮށްދޭން ހުރިމީހެއް. ގާތްކަމުން ހަމަ ދައްތައެއް ފަދަ. ރަށުގަ މިހާރު ހުންނާނީ. ހިޔެއްނުވޭ ކައިވެނި ކުރިކަން އިނގޭނެ ހެނެއް… މަރީނާއްތަ ފުރަން ދާން އުޅެނިކޮށް އެއްކަލަ ރޭ އަހަންނަށް ޔާނު ގޮވައިގެން އާދެވުނީ. އެކަމަކު ދައްތަ ހަމަ ނުކުންނަނީ އަހަރުމެންގެ ކާރު އައިސް މަޑުކޮށްލަނީ. އެކަމަކު ވަގުތު ކުޑަތަންވެފައި އޮތުމުން މަޑުނުކޮށް ދިޔައީ.” އީމަން ކިޔައިދިނެވެ. ޔާނާ އިތުރަށް ސުވާލެއް ނުކުރިއެވެ. އެރޭގެ ހަނދާންތައް އާކުރަން ބޭނުން ނުވީއެވެ.
އެއާރޕޯރޓްގައި ޖާހަތު ޔާނާ މެންނާއެކު ހުރިއިރު އެންމެ ސިކުންތުކޮޅަކަށްވެސް ޔާނާގެ އަތުން ދޫކޮށްނުލައެވެ. ޔާނާވެސް ހުރީ ޖާހަތު އެކަނި ދޫކޮށްލާފަ ދާން ވުމުން ހިތް ނުތަނަވަސް ވެފައެވެ. ކުރިއަށް އޮތް ތަނުގައި ބައްދަލުވާނޭ ކަމެއް ނޭގުމުގެ އިތުރުން ޖާހަތުގެ ކައިވެންޏާ މެދުވެސް ފިކުރުކުރެވެނީއެވެ. އެއީ ކޮން ބައެއް ކަމެއް ނޭނގޭތީއާ ޚުދު ޔާނާއަށް އެމީހުންނާ ބައްދަލުކޮށް ނުލެވުމުން ފިކުރު ބޮޑުވަނީއެވެ.
އިރުކޮޅަކުން އެހެން އިނދެލުމަށްފަހު ޖާހަތު ކައިރީ އެދުނީ ސައުދިއްޔާއާ ގުޅާލަދިނުމަށެވެ. ޖާހަތު ފޯނު ދިނުމުން ޔާނާ އެކޮޅުން ވާހަކަ ދެއްކި ސައުދިއްޔާ އާ ވާހަކަ ދައްކަންފެށިއެވެ.
“ދައްތާ! މިއީ ޔާނާ. އިނގޭ ދެއްތޯ؟” ޔާނާ ސުވާލުކޮށްލިއެވެ.
“އާނ ކީކޭ ޔާނާ؟” ސައުދިއްޔާ އޯގާތެރިކަމާއެކީ ސުވާލުކޮށްލިއެވެ.
“ދައްތާ! އަޅުގަނޑު މިހުރީ ފުރަން އެއާރޕޯރޓަށް އައިސް. ޖާތު އެކަނިކޮށްފަ ދާން ޖެހުމުން މިދަނީ ދާހިތަކުންނެއް ނޫން. މިކައިވެނި ހަމަ ޖެހިފައިނުވާނަމަ އަޅުގަނޑުމެންދާނީ ޖާތު ގޮވައިގެން. ބުނެލަންބޭނުމީ އެންމެ ވާހަކައެއް. ޖާތު ރަނގަޅަށް ބަލައި ދޭތި. އަބަދުވެސް ޖާތުއާ އެއްކޮށް ހުރެދޭތި.” ޔާނާ ހިތުގައި އުފެދެމުން ދިޔަ އުދާސްތައް ލަފްޒު ތަކެއްގެ ސިފައިގައި ބޭރުކޮށްލިއެވެ. ސައުދިއްޔާގެ ކިބައިން އެތަށް ވަޢުދެއް ކުރުވިއެވެ.
ޔާނާ ފޯނު ބޭއްވީ ސައުދިއްޔާގެ ފަރާތުން ހިތްހަމަ ޖެހޭފަދަ ޔަޤީންކަމެއް ލިބުމުންނެވެ. ޖާހަތު އެކަނިކޮށްފައި ދާން ޖެހުމުން ލިބިފައި ހުރި ނުތަނަވަސްކަން ފިލައި މޫނު މައްޗަށް އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ވެރިވިއެވެ. ފުރުމާ ދެމެދު ދެން ހޭދަވެގެން ދިޔަ ވަގުތުތަކަކީ ޔާނާ އާ ޖާހަތުއަށްވެސް ތަފާތު އިހުސާސްތަކެއް ކުރުވި ވަގުތުކޮޅެކެވެ. އެއްކޮށް އުޅުމަށްފަހު ވަކިވެގެން ދާއިރު ދެން ދިމާވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ.
ޔާނާމެންގެ ފުލައިޓް ދިޔަތަން ބަލަން ޖާހަތު ގޭގެ ދޮރުމަތީގައި މައްޗަށް ބަލައިގެން އިނުމަށްފަހު އެތެރެއަށްވަނެވެ. މުޅި ގޭތެރެ ވަނީ ފަޅުވެފައެވެ. “އައި ޖަސްޓް ހޭޓް ދިސް ފީލިންގް!” އެކަނިވެރިކަން އިހުސާސްވިލެއް ބޮޑުކަމުން ޖާހަތު އަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. އަތުގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުން ބަލައިލިއިރު ސައުދިއްޔާއެވެ. ފާއިތުވެދިޔަ މަދު ދުވަސްކޮޅުގައި ސައުދިއްޔާ އާ ޖާހަތުގެ ދެމެދުގެ ގުޅުން ވަނީ ވަރަށް ވަރުގަދަ ވެފައެވެ.
ޖާހަތު އެކަނިވެރިވުމުން ސައުދިއްޔާ އެދުނީ ކައިވެނި ކުރެވެންދެންވެސް އެގެއަށް އުޅުން ބަދަލުކޮށްލުމަށެވެ. ޖާހަތު މިކަމާ އެއްބަސްވީ އެއީ އެންމެ ރަނގަޅުގޮތްކަމުގައި ވިސްނުނީތީއެވެ.
ދިގުދަތުރަކަށްފަހު ޔާނާ އާ އީމަން ތިބީ ގެޔަށް ދިޔުމަށްޓަކައި ކާރުގައެވެ. ހާމިޒާ ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު ހާމިޒާ ބަލަހައްޓަދޭން ހާއްސަ ނަރުހެއް ހަމަ ޖެއްސިއެވެ. ހޮސްޕިޓަލާއި ގޭގެ ދުރުމިނަކީ ގާތްގަނޑަކަށް 25 މިނެޓްގެ ދަތުރެކެވެ. ސީޓުގައި ބޯއަޅާލައިގެން ނިދިފައި އޮތް ޔާނާއަށް އީމަން އިރުއިރުކޮޅާ ބަލައިލައެވެ.
ބޮޑު ގަނޑުވަރެއްފަދަ ގޭގެ ގޭޓުން އެތެރެއަށް ކާރު ވަނުމާއެކު ދެތިން މިނެޓްގެ ދުއްވުމަކަށްފަހު ގޮސް ގޭގެ ދޮރުމައްޗަށް ކާރުމަޑުކޮށްލިއެވެ. ޔާނާއަށް ހޭލެވުމާއެކު ލޯ ހުޅުވައި ބަލައިލިއެވެ. އީމަން ކާރުން ފައިބައިގެން އައިސް ޔާނާ އިންފަޅީގެ ދޮރު ހުޅުވާލަ ދިނުމުން ޔާނާ ހިނިތުން ވުމަކާއެކީ ފޭބިއެވެ. އީމަންގެ އަތުގެ މުލައްދަނޑީގައި ހިފައިގެން ދޮރާ ދިމާއަށް ހިނގައިގަތެވެ. އީމަން ދޮރު ހުޅުވާލުމަށްޓަކައި ތަޅުގައި ހިފައި އަނބުރާލާފައި ބޮޑު ދޮރުފަތް ދެފަރާތަށް ކޮށްޕާލިއެވެ.
މުޅި ތަން ވަނީ އަނދިރިވެފައެވެ. ހުޅުވިފައިވާ ދޮރުން އެތެރެއަށް އެޅިފައިވާ ހުދު އަލި ފިޔަވައި އެހެން އަލިކަމެއް ނުވެއެވެ.މިގޭގައި އީމަން ނެތުމުން ނޯކަރުންވެސް ނޫޅެނީބާއެވެ. އީމަން އަންނަކަން އެނގޭއިރު ކުޑަމިނުން ބޮކިވެސް ދިއްލާ ނުލައެވެ. ޔާނާ ހިނގައިގަންނަން ނޭނގިފައި ހުއްޓާ އީމަން އެތެރެއަށް ވަނެވެ. ޔާނާވެސް ހަލުވި ފިޔަވަޅުތަކެއްގައި އެތެރެއަށް ވަދެގެން ދިޔައެވެ.
15 ވަރަކަށް ފޫޓު އެތެރެއަށް ދެވުމާއެކު ދެމީހުންގެ ހިނގުމަށްވެސް ހުއްޓުން އެރީ ކުއްލިއަކަށް އެ މުޅިތަނަށް ވެރިވެގެން ދިޔަ އަލިކަމެވެ. ގަނޑުވަރެއްފަދަ އެ ބޮޑު ސިޓިން ރޫމު އަލިވެގެން ދިޔުމާއެކު މީހުންގެ އަތްތިލަބަޑިން މުޅިތަން ގުގުމައިގެން ދިޔައެވެ.
“ސަޕްރައިޒް” އެންމެން އެއްކޮށް ބުނެލިއެވެ.
ޔާނާ ހުރީ ހައިރާންވެފައެވެ. މިއީކޮންކަމެއް ބާވައެވެ؟ ޒީނަތްތެރިކޮށްފައިވާ ގޮތުން ހީވަނީ ބޮޑު މުނާސަބާއެއް ހެނެވެ.
“ދިސް އިޒް ޖަސްޓް ފޯރ ޔޫ، މައި ސްވީޓްހާޓް!” އަންހެން ކުއްޖެއްގެ އަޑު މުޅި މާހައުލުގައި ގުގުމާލިއެވެ. އެންމެންގެ ނަޒަރު އެދިމާއަށް ދިޔައެވެ. އެކުއްޖާ އައީ މީހުންގަނޑުގެ ތެރެއިން ނިކުމެގެންނެވެ. ރަތްކުލައިގެ އަތްދިގު ގައުން އެއް ލާފައި ހުރިއިރު ހެދުމުގެ ހަތާ ކަރު ވަނީ ކޮނޑުމަތިން ބޭލިފައެވެ. ހެދުން ހީވަނީ މުޅި މީހާގެ ހަށިގަނޑުގައި ތަތްލާފައި ހުރީހެނެވެ. ވާއަތުފައިގެ ކަކުލަށްވުރެ ދެ އިންޗި މަތިން ހެދުން ފަޅާފައި ވުމުން ހިނގަމުން އައިއިރު އެ ދޮން ދިގު ފައި ދަނީ ހާމަ ވަމުންނެވެ. ބޮލުގެ ރާޅުބާނި އިސްތަށިގަނޑު އެއްކޮޑުމަތިން ކުރިއަށް ވައްޓާލައިފައި ވާއިރު ކަންފަތާ ދިމާއިން ހަރުކޮށްފައިވާ މަލުގެ ރަތްކުލަޔާ އެ ތުންފަތުގައި ހުރި ރަތް ކުލައިގެ އެއްވެސް ތަފާތެއް ނެތެވެ.
ފަރި ހިނގުމެއްގައި ކުރިއަށް ހިނގަމުން އަންނަނީއެވެ. ޔާނާ އަށް ބަލަން އިނދެވުނީ ވާނުވާ ނޭގިފައެވެ. އެކުއްޖާ އައި ގޮތަށް އައިސް ބައްދައިލީ އީމަންގެ ގައިގައެވެ. ޔާނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޔާނާ އިނީ އީމަންއާ ދާދި ގާތުގައި ކަމުން އެ ކުއްޖާ އީމަންގެ ކަނދުރާގައި ވަސް ގަނެލިތަން ވަރަށް ރީއްޗަށް ފެނުނެވެ. “އައި މިސްޑް ޔޫ ސޯ މަޗް.” އީމަންގެ ކަންފަތުގައި ކުޑަކޮށް ދައިގަންނަމުން ބުނެލިއެވެ.
“ރީމް. ސްޓޮޕް އިޓް ނައު. މާން ލަދުގަނެފަ އެހުރީ.” ފަހަތުން އައިސް ވާހަކަ ދެއްކި ދެބައި އުމުރުގެ އަންހެނެއް ބުނެލިއެވެ. ނަމަވެސް ހެދުން އަޅާފައި ހުރި ފެޝަން ކަމުންނާއި މޭކަޕްކޮށްފައި ހުރި ގޮތުން ފެޝަނަށް ލޯބި ކުރާ މީހެއްކަން ހާމަވެއެވެ.
ރީމް އެނބުރިލިއެވެ. އަދި މަޑުމަޑުން އެއަންހެންމީހާ ގާތަށް ގޮސް ހުއްޓި އެނބުރި އީމަންއަށް ބަލައިލިއެވެ.
“ދަރިފުޅު އަންނަކަން ރީމްއަށް އެނގުނީއްސުރެ ސަޕްރައިޒް ޕާރޓީއެއް ތައްޔާރުކުރަން ނިންމައިގެން ހުރީ.” ޝަކީލާ ކުރިއަށް ހިނގަމުން އައިސް އީމަން ކުރިމަތީގައި ހުޓުނެވެ. ރީމްވެސް ފަހަތުން އައިސް ޝަކީލާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން ކަންފަތް ދޮށުގައި ބުނެލި އެއްޗަކުން ޝަކީބާގެ ދަތްތައް ފެންނަ ވަރަށް ހީގަނެވުނެވެ.
ޔާނާ އީމަންގެ މޫނަށް ބަލައިލިއެވެ. އީމަންގެ މޫނުމަތިން ފެންނަމުންދިޔަ ހައިރާންކަމުން މީއީ ޚުދު އޭނާއަށްވެސް ލިބިފައިވާ ހައިރާންކަމެއްކަން އެނގިގެން ދިޔައެވެ.
މީހުން ގިކަމުންނާއި މާހައުލުގެ ގޮތުން ޔާނާއަށް އީމަން ކައިރީގައި އެއްވެސް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުލިބުނެވެ. މީގެ އިތުރުން ރީމް ހީވަނީ އައްޓަމަހެއް ހެނެވެ. އީމަން ކައިރިން އެންމެ ސިކުންތުކޮޅަކަށްވެސް ދުރަށް ޖެހިނުލައެވެ. ޔާނާ މިހުރިހާ ކަމެއް ބަލަން ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން އިންއިރު އެންމެ ސިކުންތުކޮޅަކަށްވެސް އީމަންއާ ނަޒަރުވަކިނުވެއެވެ.
މީހުންތައް ދާންފެށުމުން ހަފްލާ ނިމުމަކަށް އައިކަން އެނގުނެވެ. ދަތުރުގެ ވަރުބަލިކަމުގެ އިތުރުން ގިނައިރު ކޮޅަށް ހުންނަންވުމުން ޔާނާގެ ދެފައިވަނީ ވާޅު ވާ ގޮތްވެފައެވެ. އަރާމުކޮށްލަން ވަރަށް ބޮޑަށް ބޭނުންވެފައި ވުމުން އީމަންގެ ގާތަށް ދިޔުމަށްޓަކައި ހިނގައިގަތެވެ. ހިތުގައި އުފެދިފައިވާ ސުވާލުތަކާއި ޝަކުވާތައް ބޭރުކޮށްލަން ބޭނުންވިއެވެ. އީމަން އެގޮތަށް ޔާނާ އެކަނި ކޮށްލާފައި ހުރުމުންނާއި ރީމް އާ އީމަންއާ އެއީ ކޮން ގުޅުމެއްތޯ އަހަން ބޭނުންވިއެވެ. މާހައުލަށް ވިސްނާލާފައި ވަރަށް ގިނައިރު ވަންދެން އެއްޗެކޭ ނުބުނެ ހިމޭނުން ހުރެވިއްޖެޔޭ ހިތު ތެރެއިން ކިޔަމުން ދިޔައެވެ.
ހިނގާލާފައިގޮސް އީމަންގެ ސަމާލުކަން ހޯދުމަށް ކޮނޑުގައި ޖެހިލުމަށް އުފުލާލި އަތް ހުއްޓުނީ އީމަންގެ ކޮނޑުގައި ވަށައިލެވުނު ރީމްގެ ދެއަތުގެ ސަބަބުންނެވެ. އީމަންގެ ކަރުގައި ދެއަތުން ވަށާލަމުން ކައިރިވެލިހިނދު ޔާނާގެ މުޅި ހަށިގަނޑު ގަނޑުވެ ހުއްޓުން އެރިއެވެ.
“ޖާން، ވަރަށް ވަރުބަލިވެފަ ދޯ؟ ހިނގާ އަރާމުކޮށްލަން!” ރީމްގެ ދުލުން ނުކުތް ލަފްޒުތަށް ޔާނާގެ ކަންފަތަށް އިވިގެން ދިޔައީ ހޮނު ގުގުރީގެ ސިފައިގައެވެ. އީމަން އާ ރީމްއާ މިއީ އާދައިގެ ގުޅުމެއް އޮތް ދެމީހުންނެއް ނޫންކަން ޔަޤީންކުރެވުނެވެ. ވަށައިގެންވާ މީހުންނަކީ ކޮންބައެއްކަން ނޭނގުނަސް އެމީހުންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން މިއީ އެމީހުންނަށް އާ ކަމެއް ނޫންކަން އެނގުނެވެ.
ޔާނާ އީމަންއާ ސުވާލުކުރަން ބޭނުންވިއެވެ. އެންމެ ސިކުންތެއްވެސް ލަސްނުކޮށް މިއީ ކޮން ސަކަރާތެއްތޯ އޮޅުން ފިލުވަން ބޭނުން ވިއެވެ.
“އީމު!” ޔާނާ ގޮވާލިއެވެ. އީމަން ފަހަތަށް އެނބުރިލިއެވެ. އަދި ކަރުގެ ވަށައިގެންވާ ރީމްގެ ދެއަތް ދުރުކޮށްލިއެވެ.
ޔާނާ ސުވާލުކުރަން އަނގަ ހުޅުވާލިއެވެ. ނަމަވެސް ރީމް މާއަވަހަށް ވާހަކަ ދައްކަން ފެށިއެވެ.
“ހޭއި… އަދި މިއުޅެނީ ވާހަކަވެސް ދައްކާ ނުލެވި ދޯ! މާ ބޮޑަށް ބީރަށްޓެހި ވީ ދޯ. މިއީ ހަމަ އަމިއްލަ އާއިލާ އޭ ހީކޮށްލާ. ސޮރީ އިނގޭ! މާން ފެނުމުން އެހެން ހުރިހާ ކަމެއް ހަނދާން ނެތުނީ. އެހެންވެ ވެލްކަމްވެސް ނުކިޔުނީ.” ރީމްގެ ޖުމުލަތަކުން ޔާނާއަށް އިތުރަށް ހައިރާންކަން ގެނެވުނެވެ.
ހިތަށް އެރިއެވެ. ރީމަށް އޭނާ އެއީ ވަކިމީހެއް އެނގޭ އިރު އޭނާ ކުރިމަތީ އީމަންއާ އެހާ ގައިގޯޅިކޮށް އެއުޅެނީ ކީއްވެހެއްޔެވެ؟ މިއީ ހުޅަނގުގެ ތަރައްޤީއާއި ތަހުޒީބު ހެއްޔެވެ. ނަމަވެސް ކިތަންމެ ފެޝަންވިޔަސް ކޮންމެ ކަމެއްގަވެސް ވަކި ހައްދެއް އޮންނާނެ ނޫންހެއްޔެވެ؟
“އަހަރެން ބޭނުމީ އަރާމުކޮށްލަން.” އީމަން މިހެން ބުނެލަމުން ސިޑި ބަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. ޔާނާވެސް އީމަންގެ ފަހަތުން ހިނގައިގަތެވެ.
“ބަލަ މަރީނާ ތިދަނީ ކޮންތަނަކަށް. މާން އެދަނީ ރޫމަށޭ.!” ޔާނާގެ ފިޔަވަޅުތަކުގައި ތަޅު އެޅިގެން ދިޔައީ ރީމްގެ ޖުމުލަތަކެވެ. އެހެންވެއްޖެނަމަ ރީމް ހީކޮށްގެން އެއުޅެނީ އޭނާ އެއީ މަރީނާކަމަށްތާއެވެ. ސިޑިބަރީގެ މެދާ ހިސާބުގައި ހުރި އީމަންއަށް މިއަޑު އިވުމާއެކު ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ.
ޔާނާ އީމަންއަށް ބަލައިލިއެވެ. އެގެއަށް ވަދެވުނީއްސުރެ އީމަން ޔާނާއާ މެދު ކަންތައްކުރަމުން ދިޔައީ ވަރަށް ދުރުކޮށެވެ. ހީވަނީ ނުދަންނަ މީހެއް ހެނެވެ. މިތަނުގައި ތިބި އެންމެންނަކީ އީމަންގެ މީހުންކަމުގައި ވާނަމަ އޭނާ ތަޢާރަފްކޮށް ނުދިނީ ކީއްވެހެއްޔެވެ؟ އޭނާ ކުރިމަތީގައި ރީމްއާ ގައިގޯޅިކޮށް އުޅުނީ ކީއްވެހެއްޔެވެ؟
ސުވާލުތަކުން ހިތްބަންޑުން ޖެހި ބޮލަށް ބާރުވާ ގޮތްވިއެވެ. އީމަންއަށް ބަލަން ހުރެވުނީ ހިތުގައި ޖެހުނު ބޮޑުކަމުންނެވެ. ކުއްލިއަކަށް ތިހާ ދުރުކޮށްލީ ކީއްވެހެއްޔޭ ބުނަމުންނެވެ. އީމަން އަނެއްކާވެސް ސިޑިތައް ގިރާކުރަމުން ކުރިއަށް ހިނގައިގަތުމުން ޔާނާއަށް ހީވީ މެޔަށް ހޫނު ފެން އެއްޗެއް އޮއްސާލީހެނެވެ.
ޝަކީލާ ޔާނާ ގޮވައިގެން ގޮސް ކޮޓަރިއެއް ދެއްކުމުން ޔާނާ ބުދެއްހެން އެތެރެއަށް ވަނެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ހޮސްޕިޓަލުން ނިކުތް އިރުވެސް ދެމީހުން ތިބީ އުފާވެރިކަމާ އެކުގައެވެ. މިއީ ކާރުގައި އޮއްވާ ނިދުނު ގޮތަށް އަދިވެސް ހޭނުލެވި ފެންނަމުން ދާ ހުވަފެނެއް ހެއްޔެވެ؟ ކައިރީގައި ހުރި ފެން ޖަގު ނެގުމާއެކީ މޫނަށް ފެން ގޮށިތަށް ޖަހަން ފެށިއިރު ހީވަނީ ކެތްމަދު ވެފައިވާ މީހެއް ހެނެވެ؟
ފެން ޖަގު ބިންމަތީގައި ބެހެއްޓުމާއެކީ ދެކަކޫ މައްޗަށް ތިރިވެވުނެވެ. ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. ދަންނަ އެކަކުވެސް ނެތް މުޅިން ބީރަށްޓެހި ޖައްވެއްގައި ހުރި ކަމުގެ އިހުސާސެއްކުރެވުމުން ބިންމަތީގައި އިށީނދެ ދެކަކޫ ގެނެސް މެޔާލާ ބޮޑިކޮށްލެވުނެވެ. ރޮވެން ފެށުމުން ތުންފަތުގައި ދަތް އަޅައިލެވުނެވެ.
މެންދަމުގެ ހަމަ ހިމޭން ވަގުތެވެ. މުޅި ގެއަށް ވެރިވެފައިވާ ފަނޑު ފަނޑު ނޫކުލައިގެ އަލިން ކިރިޔާ ތަންތަން ފެންނަ ވަރުވަނީއެވެ. އީމަން ސިޑީގެ ފައްތަރުތައް ގިރާކުރަމުން އައިސް ސިޓިންރޫމުގައި މަޑުކޮށްލިއެވެ. ދެކޮޅު ހޯދާ ބަލާލުމަށްފަހު މިސްރާބު ޖެހީ ޝަކީލާ ޔާނާ ގޮވައިގެން ދިޔަ ކޮޓަރިއާ ދިމާއަށެވެ. ފިޔަވަޅުތައް އަޅަމުންދިޔަ ސިއްރުކަމުން އެއްވެސް އަޑެއް ނީވެއެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމާ އެކީ އެތެރެއަށް ދެމިގަތެވެ. ކޮޓަރީގައި ދިއްލާފައި ހުރި ނިދާ ބޮކީގެ އޮރެންޖު ފަނޑު އަލިން މުޅިކޮޓަރި ތެރެއަށް ވެރިވެފައިވަނީ ފަޅުކަމެކެވެ. އެނދުކައިރީ އިށީނދެލައިގެން އެނދުދާރާގައި ބޯއަޅާލައިގެން ނިދިފައި އޮތް ޔާނާ ފެނުމުން އީމަންގެ ހިތުގައި މަޑުމަޑު ރިހުމެއް އުފެދެލިއެވެ. ޔާނާގެ ހިތަށް ކުރާނެ އަސަރު އީމަންއަށް އިހުސާސްކުރެވޭ ފަދައެވެ. މަޑުމަޑުން ޔާނާ ކައިރިއަށް ތިރިވެލިއެވެ.
‘ޔާނު! އަހަންނަށް މަޢާފުކުރޭ!’ އީމަންގެ އަޑުގައި ރިހުމެއް އެކުލެވިފައިވެއެވެ.
ތުރުތުރު އަޅަމުންދާ އީމަންގެ އަތުން ޔާނާގެ މޫނުގައި ބީހިލުމުން ޔާނާއަށް ސިހުން ލިބި ހޭލެވުނެވެ. ކުރިމަތީގައި ހުރި އީމަންފެނި ޔާނާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ރޮއެ ރޮއެ އެދެލޯ ވަނީ ދުޅަވެފައެވެ. ޔާނާގެ ހާލު ފެނި އީމަންގެ ދެލޮލުން ކަރު ހިލުނެވެ. ޔާނާގެ ދެކޮނޑުގައި ހިފައި ތެދުކޮށްލުމަށްފަހު އެނދުގައި ބެއިންދިއެވެ. އަދި ކަކޫމައްޗަށަ ތިރިވެ ޔާނާގެ އުނގުގައި ބޯއަޅާލިއެވެ.
އީމަންގެ ހިތަށް ކުރެވިފައިވާ އިހުސާސްތައް ޔާނާއަށް ދެނެގަނެވި ހިނދު ސިކުނޑިއަށް ހަމަހިމޭންކަމެއް ވެރިވެގެން ދިޔައެވެ. މިހުރިހައި ކަމެއް ވެގެން މިދަނީ ޚުދު އީމަންގެ އެދުމާ ދެކޮޅަށޭ ހިތްބުނެލިއެވެ. ބޭއިޚްތިޔާރުގައި އީމަންގެ ބޮލުގައި ފިރުމާލެވުނެވެ.
“ޔާނު، އަހަރެން މިއީ ޔާނުގެ ކުށްވެރިއެއް. އަހަންނަށް މާފުކުރޭ.” އީމަންގެ ޖުމުލަތައް ޔާނާއަށް ސިހުން ގެނުވިއެވެ. އީމަން އިސްއުފުލާލާ ބަލައިލިއިރު ޔާނާ ސުވާލުން ފުރިގެންވާ ނަޒަރަކުން އީމަންއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އެދެލޮލުން ފެންނަމުން ދިޔައީ ސުވާލުގެ އޮއިވަރެކެވެ.
“ޔާނު އަހަރެންގެ މާޒީ އާ ބެހޭ ގޮތުން އެއްވެސް ސުވާލެއް ނުކުރީ އެއްވެސް ކަމެއް ބަދަލު ނުވެޔޭ ހީކޮށްފައިކަން އެނގޭ. އެކަމަކު ހަޤީޤަތަކީ ހުރިހާ ކަމެއް ބަދަލުވެފައި ވާކަން. އަހަންނަކީ އަހަރެންނެއް ނޫނޭ ބުންޏަސް ދޮގަކަށް ނުވާނެ.” އީމަން ކޮޅަށް ތެދުވަމުން ދެއްކި އެއްވެސް ވާހަކައެއް ޔާނާގެ ސިކުނޑިއަކަށް ނުވިސްނުނެވެ.
” އަހަންނަކީ ” އީމަން ގެ ބަސްތައް ހުއްޓުނީ ބޭރުން އަޑެއް އިވުމުންނެވެ. ކޮޓަރިއާ ދިމާއަށް ފިޔަވަޅުތަކެއް އަންނަ އަޑު އިވުމާއެކު އީމަންގެ ހަރަކާތްތައް އަވަސްވިއެވެ. އޭނާ އެތަނުން ދިޔުމަށް ތެޅިގަތެވެ. ނަމަވެސް އެނބުރި ޔާނާއަށް ބަލައިލާފައި ހަލުވިކަމާއެކު ބުނެލިއެވެ.
“ޔާނު، އައި ކޭން އެކްސްޕްލެއިން އެވްރީތިން. ބަޓް އައި ނީޑް ޓައިމް. ހަޤީޤަތަކީ އަހަރެން ޔާނު ދެކެ ލޯބިވާކަން. ޔާނުއަށް ދުވަހަކުވެސް ދެރައެއް ނުދޭނަން. ޓްރަސްޓް މީ!” އީމަން އިތުރު އެއްޗެއް ނުބުނެ އަވަސް އަވަހަސް ގޮސް ނުކުތެވެ. ޔާނާއަށް ހުރެވުނީ އެވެ. ބުނާނެ އެއްވެސް އެއްޗެއް ނޭނގުނު ތާނގައި ވިސްނުނު އެއްޗެއްވެސް ނެތެވެ.
ޖާހަތާއި ސައުދިއްޔާ ތިބީ ސައުދިއްޔާގެ ކޮޓަރީގައެވެ. ކައިވެންޏަށްޓަކައި ގަނެވިފައިވާ ތަކެތި ބެލުމަށްޓަކައެވެ. ހުރިހާ އެއްޗެއްވެސް ރީތިވެފައި ވަރަށް ފުރިހަމައެވެ.
“މަންމާ” ސިޓިން ރޫމުން ފިރިހެނެއްގެ އަޑުއައެވެ. ސައުދިއްޔާގެ މޫނު މައްޗަށް ވެރިވި ހިނުތުންވުމާއެކީގައި ކޮޅަށް ތެދުވެ ދޮރާ ދިމާއަށް ހިނގައިގަތެވެ. އަދި ބުނެލިއެވެ. “އެސޮރު އެއައީ!”
ސައުދިއްޔާ ބޭރަށް ނިކުތުމުން ޖާހަތު ފުންނޭވާއެއް ލުމަށްފަހު ކޮޅަށް ތެދުވެލިއެވެ. އޭނާ ކައިވެނި ކުރަން އުޅޭ ކުއްޖާ އެއައީއެވެ. ނަމަވެސް ބައްދަލުކޮށްލަންވެސް ނުވަތަ ޖަހާ ސިފައެއް ބަލާހިތްވެސް ނެތިފައި ހުރެވެނީ ކީއްވެބާއޭ ހިތަށް އެރިއެވެ.
“ދަރިފުޅު، ކައިވެނީގެ ކަންތައް މިހާރު ގާތްގަނޑަކަށް މިއޮތީ ނިމިފަ.” ސައުދިއްޔާ ވާހަކަ ދެއްކީ ސޯފާގައި އިށީނދެލައިގެން އިން އޭނާގެ ދަރިފުޅާއެވެ. ވާހަކަ ދައްކަމުން ގޮސް ކައިރީގައި އިށީނދެލިއެވެ. އަދި ފުން ނަޒަރަކުން އެމޫނަށް ބަލައިލިއެވެ.
ކުޑަދޮރުން ބޭރު ބަލައިގެން އިން ޖާހަތުއަށް ކޮޓަރިއާ ގާތްވަމުން އައި ބަރު ފިޔަވަޅުތަކެއްގެ އަޑު އިވުނެވެ. އެއަޑަށް ސަމާލުކަން ދެވުނީ އެއީ ޖާހަތު ކައިވެނިކުރަން އުޅޭ ފިރިހެން ކުއްޖާއޭ ހިތްބުނަން ފެށުމުންނެވެ. އެ މީހެއް ކޮޓަރީގެ ދޮރުމަތީގައި ހުއްޓުނުކަން ޖާހަތުއަށް އެނގުނެވެ. ޖާހަތި އިނީ އެނބުރި ބަލައިލަންވެސް ނުކެރިފައެވެ.
ފަހަތުން ކަރު ކެހިލިއަޑު އިވުމާއެކު ފިޔަވަޅުތައް ކުޑަކޮށް ކައިރިވެލިކަންވެސް އިހުސާސްކުރެވުނެވެ. ޖާހަތު ހަމަ ހުރި ގޮތަށް ހުރީއެވެ.
“އަހަންނަށް އެނގޭ އަހަރެން މިތަނުގައި ހުރިކަން އެނގޭކަން.” ފަހަތުން އެމީހެއް ބުނެލިއެވެ. އެ ފިރިހެންވަންތަ އަޑު ޖެހުމާއެކު ޖާހަތުގެ ހިތުގައި މަޑުމަޑު މިއުޒިކެއް ކުޅެލިފަދައެވެ. ޖާހަތު ކޮނޑާދިމާއަށް މޫނު އަނބުރާލިއެވެ.
“ކައިވެންޏަކީ ވަރަށް މާތް ގުޅުމެއް. އެފަދަ ގުޅުމަކަށް އެއްބަސްވާއިރު ދެމީހުންވެސް ތިބެންޖެހޭނީ ވަރަށް ބޮޑަށް ތައްޔާރުވެގެން. އަހަރެން ގަބޫލުކުރަން އަހަރެމެން ދެމީހުންގެ ދެމެދުގައި ބަޔާންނުކުރެވޭވަރުގެ ދުރުކަމެއް އެބަ އޮތްކަން. ނަމަވެސް މިފަދަ މާތް ގުޅުމެއް ފެށުމުގެ ކުރިން އަހަރެން ދައްކަން ބޭނުންވާ ބައެއް ވާހަކަ ތައް އެބަތިބި.” އިވެމުން ދިޔަ ބަސްތަށް ޖާހަތު އިނީ ސަމާލުކަމާއެކީ އަޑު އަހާށެވެ. އެމީހާ ވާހަކަ ކުރިއަށް ގެންދިޔައެވެ.
“ކޮންމެ މީހެއްގެވެސް މާޒީއެއްވޭ. އަހަރެންގެވެސް މާޒީއެއް އެބަ އޮތް. ކުރިން އަހަރެން އެހެން ކުއްޖެއް ދެކެ ލޯބިވިން. އެކަމަކު ހާސިލް ވުމުގެ ނަސީބެއް ނުލިބުނު. ކިތަންމެ ޤަދަރުވެރިކަމާއެކީ އުޅުނަސް އަހަރެންގެ ނަމަށް މިވަނީ ކޮންމެވެސް ވަރަކަށް ކިލަނބު ކަމެއް ވެރިވެފަ.” ޖާހަތުއަށް ކުޑަކޮށް ސިހުންލިބުނެވެ. ހިތަށް ނޭނގޭ ފަދަ ބިރުވެރިކަމެއް ލިބިގެން ދިޔުމާއެކު ކުއްލިއަކަށް ފަހަތަށް އެނބުރިލެވުނެވެ.
ދައްކަމުން ދިޔަ ވާހަކަ ތަކަށް ހުއްޓުމެއް އައީ ކުރިމަތީގައި ހުރި އާއިޒު ފެނުމުންނެވެ. އާއިޒުއަށް ޖާހަތު ފެނުނު ހިނދު ދެލޯ ބޮޑުވެގެން ދިޔައެވެ. ލިބިގެން ދިޔަ ހައިރާންކަމާއެކީ އެކަކު އަނެކަކަށް ބަލަން ތިބެވުނީ އެސްފިޔަވެސް ޖަހާނުލައެވެ. އާއިޒުގެ މޫނު ބަނަވެގެން ދިޔަ ވަގުތު މުށްކަވައިލެވުނީ އައި ރުޅީގައެވެ. އެނބުރި ބޭރަށް ހިނގައިގަތީ ފަޔަށް ބާރުލަމުންނެވެ.
14 Comments
Comments are closed.
ނައިސް..
ހީ ކުރި ގޮތާ މުޅިން ތަފާތު……ޔާނު އަށް ވީ ގޮތުން ވ ދެރަ އެކަމުވެސް ވާހަކަ ވ.ވ.އޮބި
އީމަން ގޯސް މީހަކައް ނުވަށްޗޭ……….ވ.ސަޅި(:
ވވވވ ރީތި
އޭރުވެސް ހިތަށް އެރި ޖާތުއާއި އާއިޒުއާ ޔޭ ގުޅުވާނީ…..އެކަމް އީމާން އަށް އެހެން ވާނެ ކަމަކަށް ޤަބޫލުވެސް ނުކުރެވޭ…
ވވވވވވވވވވ ރީތި……………………………………..
ވަރަށް ސަޅި. ދެން އެކަމަކު އީމަންގެ ދިރިިއުޅުމަށް މިވަނީ ކިހިނެއްތަ؟
ވަރަށް ސަޅި…އެކަމަކު ކިހިނެއް މިވީ؟؟؟؟އަވަހަށް އަޕް ކޮއްދީބަ ޕްލީޒް……
ވަރަށް ނައިސް އިނގޭ …. އެކަމަކު … ދެން ކިހިނެއް ވީ؟؟؟؟؟؟؟
ކޮބާތަ ނެސްޓް ޕާޓް. ހާދަ ރީތި ހިސާބަކަށް ގޮސްފައޭ މިއޮތީ…..ޔާނާ ދެން ދެރަގޮތެއް ނަހަދައްޗޭ……ވެއިޓިން ފޮ ނެސްޓް ޕާރޓް.
އަވަހަށް އަޕް ކޮއްދީބަ ޕްލީޒް!!!!!
i knew this was gonna happen… nice
Hi…. kiaa 16viyakas vvvvvv baby vaane…. nimuneetha? nufenun annehbai
Hama heekuri gothah mi V! But mi bai V V V reethi. 🙂