އޭގެ ފަހުން ހަފްތާއެއް ފާއިތުވެގެން ހިނގައްޖެއެވެ. މައިދައިތަގެ ބަލިވެސް ރަނގަޅުވެއްޖެއެވެ. ބަދަލު ނުވަނީ އަހަންނަށް އުފުލަން ޖެހިފައިވާ ތަކްލީފްތަކެވެ. މިރޭވެސް ކައިގެން ކޮޓަރިއަށް ވަންގޮތަށް ނިއްކުރިމަތީގައި އަތް ބާއްވާލައިގެން އަހަންނަށް އޮވެވުނީ ފިކުރުބޮޑުވެފައެވެ.
ޕާޓް 3
ދާނިޔާ ކޮޓަރިއަށް އައިކަންވެސް އަހަންނަށް އެނގުނީ ވާހަކަ ދައްކަން ފެށުމުންނެވެ. ކޮންކަމަކަށް ގެއްލިފައި ހެއްޔޭ ސުވާލުކުރުމުން ކަމެއް ނުވެއޭ އަހަރެން ބުނީމެވެ. މިފަހަރު ދިމާވެގެން މި އުޅޭ ކަންތައް ދާނިޔާއާއި ހިއްސާކުރެވެންނެތީއެވެ. އެހެންކަމުން އަހަރެން ބެލީ ދާނިޔާގެ ސުވާލުތަކުން ސަލާމަތްވާނެ ގޮތެކެވެ. އަހަރެންގެ އަތުތެރެއަށް ދާނިޔާ ގެނެސް އެމޫނުގައި ވަރަށް ލޯބިން ބޮސްދިނީމެވެ. އަވަހަށް ނިދަން އުޅޭށޭ ބުނެފައި އަހަރެން ލޯ މަރާލީމެވެ.
*****************
އެހެން ދުވަހެކެވެ. އޮފީހުން ނިމިގެން ގެއަށް އައިސް ވަންއިރު ބޮޑުދައިތަގެ ނަޒީހާއާއި ދާނިޔާއާއި ދެމީހުން ސޯފާގައި ތިއްބެވެ. ދެމީހުން ތިބީ އޮލަ ވާހަކައެއްގައެވެ. އަހަރެންވެސް ސޯފާއާއި ދިމާއަށް ދިޔައިރު ދެމީހުން ދައްކަމުން ދިޔަ ވާހަކަ އަޑު އިވުނެވެ.
“ކިހާ ދެރަ…. ކާކު ބުނާނީ އެހާ ލޯބިން ކައިވެނިކުރި ދެމީހުން އެގޮތަށް ވަކިވެދާނެއޭ…. ޒިޔާދާވެސް ބުނީ ނޭންގެއޭ ވީގޮތެއް…. ކުއްލިއަކަށް ޔޫސުފް ބަދަލުވިކަމަށް ބުނީ…. ގެއަށްވެސް ވަރަށް ނުވަދެއޯ…. ގޭގައި އުޅޭ މަދު ވަގުތުކޮޅުވެސް ވަރަށް މަޑުންނޯ ހުންނަނީ… ފަހުންފަހުން އައިސް ޒިޔާދާއާއި މާބޮޑަށް ވާހަކަވެސް ނުދައްކާކަމަށްވަނީ…. މާފަހުން މި އެނގުނީ އެހެން އަންހެނެއްގެ ފަހަތުން އުޅޭކަން… ޒިޔާދާ ކުރި އާދޭހަށްވެސް ނުބަލާ އެފަކީރު ވަރިކުރީ…. ޒިޔާދާ ވަރަށް ރުއި… ޔޫސުފްވެސް ދޯ… ކީކޭ ބުނާނީ؟؟ ދެން ނޭންގެ…. ބައެއް މީހުން އުޅޭ ގޮތް…” ނަޒީހާ ދައްކަމުން ދިޔަ ވާހަކައަށްވުރެ ބޮޑަށް އަހަންނަށް ފާހަގަވީ ދާނިޔާގެ މޫނަށް އެރި ކުލަވަރެވެ. ދާނިޔާ އެއްޗެކޭ ނުބުނެ އިންނަން ފެށުމުން، ނަޒީހާ ކޮނޑުގައި ޖަހާލާފައި ކިހިނެއްވީތޯ ސުވާލުކުރުމުން ކަމެއް ނުވެއޭ ބުނާ ފަދަ ގޮތަކަށް ބޯ ހޫރާލިއެވެ.
“ވީނުވީއެއް ނޭންގުމަކީ ހަމަ އަސްލުވެސް ހިތަށް ވަރަށް އުނދަގޫވާނެކަމެއް…” ދާނިޔާ ނިސްބަތްކުރީ އަހަންނަށްކަން އެނގުނީ ވާހަކަ ދެއްކިއިރު އަހަރެންގެ މޫނަށް ބަލަން އިންގޮތުންނެވެ. އެ މޫނުމަތިން ފެނުނު މާޔޫސްކަމުން އަހަރެންވެސް ދެރަވިއެވެ. ނަސީބަކުން ނަޒީހާ އެހެން ވާހަކައެއް ފެށުމުން ދާނިޔާގެ ސަމާލުކަން އެވާހަކައަށް އެނބުރުނެވެ. ނަޒީހާއާއި ވާހަކަ ދައްކަން މަޑުކޮށްލުމަށްފަހު، ލިބުނު ފުރުޞަތުގައި އަވަހަށް ތެދުވެގެން ކޮޓަރިއަށް ދިޔައީމެވެ.
*****************
އަހަރެން ހިތުން، އަހަރެންގެ ހާސްކަމާއި ކަންބޮޑުވުމުގެ ހިލަމެއްވެސް އެހެންމީހަކަށް ނުވެއެވެ. އެއީ ކިހާ ބޮޑު ކުށްހީއެއްކަން އެނގުނީ އެއްދުވަހެއްގެ މެންދުރު ވަގުތު މަންމައާއި ދާނިޔާއާއި ދެމީހުން ދެއްކި ވާހަކަ އަޑު އިވުމުންނެވެ. ބަންދު ދުވަހެއްކަމުން އަހަރެން އުޅުނީ ގޭގައެވެ. އެހެންކަމުން ދެމީހުން ދެއްކި ވާހަކަ އިއްތިފާގުން އަޑު އިވުނީއެވެ.
“ދަރިފުޅާ… މަންމަ ދަރިފުޅާ ވާހަކައެއް އަހާލަންތަ؟” މަންމަ ސުވާލުކުރި އަޑު އިވުނެވެ. މަންމަގެ އަޑުގައިވާ ސީރިއަސްކަމުން ދާނިޔާވެސް މަންމަގެ މޫނަށް އިރުކޮޅެއްވަންދެން ބަލަން ހުރީ ކަމެއް ދެނެގަންނަން މަސައްކަތްކުރާފަދަ ނަޒަރަކުންނެވެ. ދެން މަޑުމަޑުން ބޯޖަހާލަމުން މަންމަގެ މޫނުން ނަޒަރު ވަކި ކޮށްލިއެވެ.
“ދަރިފުޅާ… ދެކުދިން މައްސަލައެއް ޖެހިގެން އުޅެނީތަ؟” މަންމަ ސުވާލުކުރިއެވެ. ހައިރާންވެފައި ދާނިޔާ މަންމަގެ މޫނަށް ބަލަން ހުއްޓެވެ. ދެފަރާތަށް ބޯ ހޫރާލީ، މަންމަ ދެވަނަ ފަހަރަށް ސުވާލުކުރުމުންނެވެ.
“އެހެންވިއްޔާ އާލިފް އުޅެނީ އެއްވެސް ކަމަކާ ހިތްހަމަނުޖެހިގެންތަ؟” މަންމަގެ އިތުރު ސުވާލަކާއި ދާނިޔާއަށް ކުރިމަތިލާން ޖެހުނެވެ.
“ނޭންގެ… މަންމަ ކީއްވެ ތިހެން ތިއެހީ؟” އިރުކޮޅެއްފަހުން ދާނިޔާ ބުނާ އަޑު އިވުނެވެ.
“މިހާރަކަށް އައިސް އުޅޭގޮތުން… ނެގިމަޑުވެފައި ހުންނަނީ… މާބޮޑަށް އެއްވެސް މީހަކާ ވާހަކަ ދައްކައެއްވެސް ނުހަދާ… ފިކުރުބޮޑުވެފައި ހުންނަހެން ހީވަނީ…” މަންމަގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު އެކުލެވިގެންވިއެވެ.
“މަންމާ… މަންމަ ތިވާހަކަ ދެއްކީމަ ބުނެފާނަން… އަސްލު އަހަންނަކަށްވެސް ނޭންގެ ވެގެން އުޅޭގޮތެއް… މަންމަ ތިބުނި ކަންތައްތައް އަހަންނަށްވެސް ފާހަގަކުރެވޭ… ވަރަށް ވިސްނޭ އެކަމާ….. އެކަމަކު އާލިފްއަށް ވީގޮތެއް ނޭންގެ…” ދާނިޔާގެ ވާހަކަ ނިމުމުން، އަހަރެން އެނބުރި އައިކޮޅަށް ގޮސް ސޯފާގައި ޖައްސާލީމެވެ. އެމީހުންގެ ވާހަކަތައް އިވުނުކަން އަންގަން ބޭނުންނުވީއެވެ. ލެޕްޓޮޕް ހުޅުވާލައިގެން އަހަރެން ކުރިން ކުރަމުންދިޔަ މަސައްކަތް ފެށީމެވެ.
“ދާނިޔާ…. ދާނިޔާ” ދެފަހަރަކު އަހަރެން ގޮވާލީމެވެ. ދާނިޔާ އައިސް ވީ ކިހިނެއްތޯ ސުވާލުކުރިއެވެ. މިއަދު އަހަރެން ގެންގުޅުނު ނޫކުލައިގެ ފައިލް ދެކުނިންތޯ ސުވާލުކުރީމެވެ. ނޫނެކޭ ބުނުމަށްފަހު ދާނިޔާ ދިޔައީ ކޮޓަރިއާއި ދިމާއަށެވެ. އިރުކޮޅަކުން އައިސް އަހަރެން އަތަށް ފައިލް ދިއްކޮށްލިއެވެ. އެނބުރި ދާން ފެށުމުން ދާނިޔާއަށް ގޮވާލާފައި އަހަރެންގެ ކައިރީގައި އިށީނުމަށް ބުނީމެވެ. ލެޕްޓޮޕް ލައްޕާލުމަށްފަހު ދާނިޔާއަށް ފުރިހަމަ ސަމާލުކަން ދިނީމެވެ. ދާނިޔާގެ ހިތުގައިވާ ޝަކުވާތައް ފިލުވާލަން އަހަރެން ބޭނުންވެއެވެ. އެކަން ކުރެވޭނީ ދާނިޔާއަށް ކުރިން ދެމުން އައި ސަމާލުކަން ދެވިގެންނެވެ. ކުރިއެކޭ އެއްގޮތަށް ދެމީހުން އެކުގައި ވަގުތު ހޭދަކުރެވިގެންނެވެ.
*****************
ޖެހިގެން އައި ދުވަހު އޮފީހުން އައި ގޮތަށް ދާނިޔާ ކައިރީގައި މިރޭ ނުވައެއް ޖަހާއިރު ބޭރަށް ދާން ތައްޔާރުވެގެން ހުރުމަށް ބުނީމެވެ. ދާނިޔާގެ މޫނުމަތިން ހައިރާންކަން ފެނުނެވެ.
“ދާން ބޭނުން ނުވަނީތަ؟” އެއްވެސް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އަހަރެން ބުނީމެވެ. ނޫނެކޭ ބުނިއިރު އެ ތުންފަތަށް ވެރިވި ހިނިތުންވުމުން އަހަންނަށް ހަމަޖެހުން ލިބުނެވެ. ދާނިޔާގެ އަތުގައި ހިފާ ކައިރިއަށް ގެނެސް އެ ތުނި ހަށިގަނޑު އަހަރެންގެ ދެއަތުތެރޭގައި ހައްޔަރުކޮށްލީމެވެ.
ގަޑި ޖެހެންވާއިރަށް ދާނިޔާ ހުރީ ތައްޔާރުވެގެންނެވެ. އެއީ އަހަންނަށް ވަރަށް ކަމުދާ ސިފައެކެވެ. ދާނިޔާގެ ފަރާތުން އަބަދުވެސް ފާހަގަކުރެވޭ ކަމެކެވެ. އަހަރެން ވަކި ގަޑިއެއް ބުނެފިނަމަ، އަބަދުވެސް ގަޑި ޖެހެންވާއިރަށް ހުންނާނީ ތައްޔާރުވެގެންނެވެ. ދާނިޔާއަށް ތައްޔާރުނުވެވިގެން ދުވަހަކުވެސް ތަނަކަށް ދާން ލަސްވެފައެއް ނެތެވެ.
މިރޭ ދާނިޔާ ލާފައި ހުރި ނޫ ކުލައިގެ ހެދުމާއި ކޮށްފައިވާ ލުއި މޭކަޕުން އޭނާގެ ރީތިކަން އިތުރުވެފައިވީހެން އަހަންނަށް ހީވިއެވެ. ކަޅިޖަހާނުލާ ބަލަން ހުރުމުން ދާނިޔާ ލަދުން އިސްޖަހާލި ގޮތްވެސް އަހަންނަށް ވަރަށް ހިއްގައިމުވިއެވެ. ލުއިގޮތަކަށް ހީލަމުން ދާނިޔާ ކައިރިއަށް ދިޔައީމެވެ. ދަތްދޮޅީގައި ހިފާ އުފުލާލަމުން ހަތަރުކަޅި ހަމަކޮށްލީމެވެ. ހިނިތުންވެލަމުން ދާނިޔާގެ ނިއްކުރީގައި ތުންފަތް ޖައްސާލީމެވެ. ދުރަށް ޖެހިލަމުން އެމޫނަށް އަނެއްކާވެސް ނަޒަރު ހުއްޓާލީމެވެ.
“ހިނގާ ދާން…” ދާނިޔާގެ އަތުގައި ހިފައިގެން ގެއިން ނުކުތީމެވެ.
*****************
ރެސްޓޯރެންޓްގެ މޭޒެއްގައި މަޑުކޮށްލައިގެން ތިބިއިރު، ދެމީހުންވެސް އެކި ވާހަކަ ދައްކަމުން ދިޔައީމެވެ. ދުވަސްތަކަކަށްފަހު ދެމީހުން އެގޮތަށް ބޭރަށް ދިޔަ ރެއެކެވެ. ދާނިޔާގެ މޫނުން ފެނުނު ހިނިތުންވުން އަހަރެންގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. މައްސަލައަކީ އެފަދަ ރެއެއްގެ ހަޤީޤީ އުފާވެރިކަން އަހަރެންގެ ހިތަށް އިހްސާސް ނުކުރެވުމެވެ. މޫނުމަތިން ހިނިތުންވުމެއް ދައްކައިގެން އިނެއް ކަމަކު އަހަރެންގެ ހިތާއި ސިކުނޑީގައި ހިނގަމުންދިޔަ ޚިޔާލުތަކަކަށް ނިމުމެއް ނައެވެ. ހިތުގެ ކަނެއްގައި ބިރުވެރިކަން އުފެދިފައިވަނީ ކޮންމެ އިރަކުވެސް އަހަރެންގެ އުފާވެރިކަމަށް ނިމުން އައިސްފާނެއޭ ހިތަށް އެރުމުންނެވެ.
އެކި ވާހަކަތަކުގައި ކެއުން ކުރިއަށް ދިޔައެވެ. ދާނިޔާއަށް ލިބިފައިވާ އުފާވެރިކަން އޭނާގެ މޫނުމަތިން ސާފުކޮށް ފެންނަމުން ދިޔައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ދާނިޔާއާއެކު މިގޮތަށް އަހަރެން ބޭރަށް މިއައީ ކިހާ ދުވަހެއް ފަހުން ހެއްޔެވެ؟
“ނޫނޭ… އަދި ދިމާވާނެ ވަރަށް އަވަހަށް… މިދަނީ ވަރަށް އަވަހަށް ދާން ޖެހިގެން…” އަހަންނަށް ލިބުނު ސިހުމުގައި އެއަޑު އައި ދިމާއަށް ބަލާލެވުނީ ދަންނަ އަޑެއްހެން ހީވުމުންނެވެ. އަހަރެމެން ތިބި މޭޒަށްވުރެ ތަންކޮޅެއް އެތެރެއަށް ހުރި މޭޒެއް ކައިރީގައި ހުރި އަންހެންކުއްޖާ ފެނުމާއެކު އަހަންނަށް ހީވީ މުޅިތަންވެސް އެނބުރެންފެށިހެންނެވެ. ކުއްލިއަކަށް ދާނިޔާއަށް ބަލާލެވުނީ، ދާނިޔާއަށް އެ އަންހެންކުއްޖާ ފެންނަން ބޭނުންނުވާތީއެވެ. އަދި އެ ކުއްޖާއަށްވެސް ދާނިޔާ ފެންނާކަށް އަހަރެން ބޭނުމެއްނޫނެވެ.
“އޯކޭ ބާއި…” އަނެއްކާވެސް އިވުނީ އެ އަންހެން ކުއްޖާގެ އަޑެވެ. އެއަންހެންކުއްޖާއާއި ހަތަރުކަޅި ހަމަވިވަގުތު އޭނާވެސް ހުއްޓުންއެރިހެން އަހަންނަށް ހީވިއެވެ. އަވަސް ނަޒަރެއް ދާނިޔާއަށްވެސް ދިނެވެ. ނަމަވެސް ދާނިޔާ އިނީ އޭނާއާއި ފުރަގަސްދީގެންކަމަށްވީތީ، އޭނާއަށް ދާނިޔާގެ މޫނެއް ނުފެންނާނެއެވެ. އެއްފަހަރު ދާނިޔާއަށް އަނެއްފަހަރު އަހަރެންގެ މޫނަށް ބަލާލަމުން އެއްބުމަ އުފުލާލަމުން މޫނަށް ގެނައި ހަރަކާތުން އަހަންނަށް ދިނީ މެސެޖެކެވެ. ޖެއްސުމުގެ ގޮތަކަށް އެއްމިޔަކަނުން ހީލަމުން މޫނުމައްޗަށް އެޅިފައިވާ އިސްތަށިތައް ކަންފަތްދަށަށް ލައްވާލިއެވެ. ދެވަނަ ސިކުންތުގައި މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު ގެންނަމުން އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ބޭރަށް ނުކުމެގެން ދިޔައެވެ. އެހުރިހާއިރު ހަށިގަނޑުތެރޭގައި ހުރި އުދާސްތައް ބޭރުކޮށްލަން ބޭނުންވިފަދައަކުން ފުންނޭވާއެއް ދޫކޮށްލަމުން ކާން އިން ތައްޓަށް ނަޒަރު ހުއްޓާލީމެވެ.
“ކިހިނެއްވީ؟…” ދާނިޔާ ސުވާލުކުރިއެވެ.
“ތިބުނީ؟….” އަހަރެންވެސް ބަދަލުގައި ކުރީ ސުވާލެކެވެ.
“މާ ފުންނޭވާއެއް ދޫކޮށްލީމަ؟…. ކާ އެއްޗެހި ކަމުނުދަނީތަ؟؟… ތަށިން އެއްވެސް އެއްޗެއް މަދުވިހެން ހިއެއްނުވޭ….” ދާނިޔާ ބުނެލިއެވެ.
“ނޫނޭ… ކާ އެއްޗެހި ވަރަށް މީރު….” ގަދަކަމުންކަހަލަގޮތަކަށް ހިނިތުންވެލަމުން އަހަރެން ބުނީމެވެ.
*****************
އެރެއަށްފަހުވެސް އަހަންނަށް ކުރީގެ އާލިފްއަކަށް ނުވެވުނެވެ. ވީވަރަކުން ދާނިޔާގެ ކުރިމަތީގައި ހުރިހާ ކަމެއް ރަނގަޅުކަން ދައްކަން އުޅުނުނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އަހަރެމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ކުރިއެކޭ އެއްގޮތަށް ކުރިއަށް އެބަދާކަން ދައްކަން އަހަރެން ކުރާ ހުރިހާ މަސައްކަތެއް ބޭކާރުވަމުންދާކަން އަހަންނަށް އެނގުނީ އެއްރެއަކު ދާނިޔާ ދެއްކި ވާހަކައިންނެވެ.
އަހަރެން ސޯފާގައި އޮތީ ފޯނާއި ކުޅޭށެވެ. ދާނިޔާ ކޮޓަރިއަށް ވަނުމުން، އެމޫނަށް ބަލާލިއިރު، ފެނުނު މާޔޫސްކަމަކުން އަހަންނަށް ސޯފާއިން ތެދުވެވުނެވެ. ދާނިޔާ އަހަރެން ކައިރިއަށް އައިސް ހުއްޓުނެވެ.
“އާލިފް….” ދާނިޔާ ގޮވާލިގޮތުން އެއުޅެނީ ކޮންމެވެސް ވާހަކައެއް ދައްކަންކަން އަހަންނަށް އެނގުނެވެ. އަހަރެންގެ ސަމާލުކަން ލޯބިވާ އަނބިމީހާއަށް ހުއްޓާލީމެވެ. މަޑުމަޑުން އަހަރެންގެ އަތުގައި ހިފާލަމުން، ދާނިޔާ އަހަރެންގެ އަތަށް ފިތާލިއެވެ. ދާނިޔާގެ މޫނުން ފެނުނު ސީރިއަސްކަމުން އަހަރެން ކަންބޮޑުވިއެވެ.
“ކީކޭ ދާނިޔާ….” އަހަރެން ދާނިޔާއާއި ކައިރިއަށް ޖެހިލަމުން ބުނީމެވެ.
“އަހަންނަކަށް ކިޔައެއް ނުދޭނަންތަ؟” ދާނިޔާގެ ވާހަކައިން އަހަންނަށް ލިބުނީ ހައިރާންކަމެކެވެ.
“ތިބުނީ؟” ޖަވާބު ދިނުމުގެ ބަދަލުގައި އަހަންނަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ސުވާލު އުފެދިފައި ދާނިޔާގެ މޫނަށް ބަލަން ހުރެވުނެވެ. އަނެއްކާ ދާނިޔާއަށް ކަމެއް އެނގުނީ ހެއްޔެވެ؟ އެކަމަކު ކިހިނެއް ހެއްޔެވެ؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.




Vaahaka vrh reethi ???
Next part kiyaalan lipeyni konirakun ????
Waiting for the next part???
Thank u dear… ??
❤️❤️❤️❤️
In Sha Allah maadhama next part genesdheveytho balaanan…
Mai Naa ge vaahakathah mi balailee adhi alah.. kurin vaahaka vaki husaabakah huhtifa inyma ahaalaa hihvey adhi evaahakaige kuriyah huri baithah fennaanethoa? Mi vaahakaige furathama bai kiyaali thanaa ves vaahaka aa v gayaa vevijje. Masha Allah ..U really do have talent. It’s amazing and im really curious to know what happens in this story. Unmeedhu kuran at least mi story nimendhen kiyaalan libeyne kamah.. keep it up❤️❤️
Mainaage vaahakathah kiyaaleethee shukuriyyaa…
Kureege vaahaka dhen huri parts thah vs hama fenidhaane kuri ah oi thanuga…
Mi Vaahaka Wonder ah kamudhiyaima v. ufaa vejje…
Kuri ah huri part thah kiyaalaane kamah ummeedh kuran..
Thank u for the lovely comment…. ? ? ?
❤️❤️❤️❤️