Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރެއް ނުވާނޭ… 2

Mai Naa Level 3100 Login10 Stories100 Comments
December 21, 2021 4 Mins Read
0 Comments

ރަމީޒްއާއެކު ބޭރަށް ނުކުތްއިރު، އިއްތިފާގުން އަހަންނަށް ދެވުނީ ފޯނު ބާއްވާފައެވެ. އެހެންވެ އޭރު މެސެޖްތަކެއް ފޮނުވިކަން ނޭންގުނީއެވެ. ގިނަ މެސެޖްތައް ހުރީ އެ ނަންބަރުންނެވެ. އަހަރެންގެ ޖަވާބެއް ނުލިބިގެން ފޮނުވާފައި ހުރި މެސެޖްތަކާއި ވީހާވެސް އަވަހަކަށް ގުޅުމަށް އެދި ކޮށްފައިވާ މެސެޖްތަކެވެ. ކިތަންމެ ކުރު މެސެޖްތަކެއް ނަމަވެސް އެއިން ކޮންމެ މެސެޖަކުން އަހަރެންގެ ހާސްކަމާއި ކަންބޮޑުވުން އިތުރުވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

ޕާޓް 2

އެހެންކަމުން އެ ނަންބަރުން ކޮށްފައިވާ މެސެޖްތަކަށް ޖަވާބެއް ނުދެމެވެ. އެކަމަކަށް އަހަރެން އަދި ތައްޔާރެއް ނޫނެވެ. އެހެން ބަޔަކު ކޮށްފައިވާ ދެތިންހަތަރު މެސެޖަކަށް ޖަވާބުދިނުމަށްފަހު އަހަރެން ފޯނު އެއްފަރާތެއްގައި ބޭއްވީމެވެ.

ސިކުނޑިތެރޭގައި ހިނގަމުންދިޔަ ހައިޖާނުގެ ސަބަބުން، މަސައްކަތަށް އެކަށީގެންވާ ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. މާގަޔާނުވެ އިނުމުން، ކުރަންއިން މަސައްކަތުގެ ބޮޑުބައެއް ނުވެސް ނިންމުނެވެ. ވަރުބަލިކަން އިހްސާސްކުރެވެން ފެށުމުން، މަސައްކަތް ހުއްޓާލުމަށްފަހު ގޮނޑީގައި ލެނގިލީމެވެ. ކަރުގައި އަޅާފައިވާ ޓައީ ދޫކޮށްލަމުން، ފުންނޭވާއެއް ދޫކޮށްލީމެވެ. ދެލޯމަރާލައިގެން ކުޑަ އިރުކޮޅަކު އެގޮތުގައި އިނީމެވެ. ވަގުތުކޮޅެއް ހޭދަވެގެން ދިޔަފަހުން، ދެލޯ ހުޅުވާލަމުން، މޫނުގައި ދެއަތްތިލަ ހަރަކާތްކޮށްލީމެވެ. ގަޑި ބަލާލިއިރު، ހަތަރެއް ޖަހަނީއެވެ. މާލަސްވެފައި ހުރުމުންނާއި އިތުރަށް މަޑުކުރިޔަސް މަސައްކަތް ކުރިއަށް ނުދާނެތީ އަހަރެން ތެދުވީ ގެއަށް ދާށެވެ.

*****************

ގޭގެ ބެލް ޖަހާލުމުން ދޮރު ހުޅުވާލީ ދާނިޔާއެވެ. އަހަރެން ހިނިތުންވެލަމުން އަތުގައި އޮތް މާ ދިއްކޮށްލީމެވެ. އެއްފަހަރު އަހަރެންގެ މޫނަށް އަނެއްފަހަރު އަތުގައި އޮތް މަލަށް ބަލަން ދާނިޔާ ހުއްޓެވެ. މަލުގައި ހިފީ އަހަރެން ހިފާށޭ ބުނާކަހަލަ އިޝާރާތެއް ބޮލުން ކޮށްލުމުންނެވެ. އެމޫނަށް ވެރިވި ހިނިތުންވުމުން އަހަރެންގެ ހިތަށް ފިނިކަމެއް ގެނުވިއެވެ. ވީހާވެސް އާދައިގެ ގޮތެއްގައި އަހަރެންގެ ހަރަކާތްތައް ބެހެއްޓޭތޯ މަސައްކަތްކުރީމެވެ. ދާނިޔާއަށް ޝައްކެއް ވާން ބޭނުންނުވާތީއެވެ. ބަނޑުގައި އަތް ޖައްސާލަމުން ވަރަށް ހައިވެއްޖެކަމަށް ބުނެފައި، ކާން ހުރި އެއްޗަކާއި ގުޅޭގޮތުން ސުވާލުކުރީމެވެ.

*****************

ކައިނިމިގެން އައިސް ސޯފާގައި ޖައްސާލީމެވެ. ޓީވީ ހުޅުވާލައިގެން ފަހަރަކު ޗެނަލަކަށް ބަދަލުކުރަމުންދިޔައީ ކަމުދާ ޕްރޮގްރާމެއް ފެނޭތޯއެވެ. ނަމަވެސް އަހަރެން ޝައުޤުވެރިވާ ކަހަލަ އެއްވެސް ޕްރޮގްރާމެއް ނުފެނުމުން ޓީވީ ނިއްވާލީއެވެ. ރިމޯޓް ބާއްވާފައި ސޯފާ ކުރިމަތީގައި ހުރި ކުޑަ މޭޒު މައްޗަށް ދެފައި ނަގާ، ސޯފާގައި ލެނގިލީމެވެ. ބޮލުގެ އިސްތަށިތަކުގެ ތެރެއަށް އިނގިލިތައް މަހާލަމުން ސީލިންގއަށް ނަޒަރު ހުއްޓާލީމެވެ.

“ހާދަ ފުން ވިސްނުމެއްގައި؟” ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ ދާނިޔާގެ އަޑު ދާދި ގާތުން އިވުމުންނެވެ. އަހަންނަށް ތެޅިގަނެވުނުގޮތުން ދާނިޔާ ފެށީ ހޭށެވެ. ދާނިޔާގެ މޫނުމަތިން ފެނުނު އުފާވެރިކަމުން އަހަރެންގެ ހިތަށްވެސް ހަމަޖެހުމެއް ލިބުނެވެ. ފިކުރުތައް އެއްފަރާތް ކޮށްލަމުން، ލޯބިވާ އަނބިމީހާ އަތުތެރެއަށް ގެނައީމެވެ.

*****************

“އާލިފް… ހިނގާބަލަ މިރޭ އަހަންނާއެކު މަންމަ ކައިރިއަށް ދާން… މަންމަ ބަލިވެ އުޅެނީ…” އިސްތިރިކޮށްފައި ހުރި ގަމީސްތައް އަލަމާރިއަށްލާފައި އައިސް އެނދުގައި އިށީންނަމުން ދާނިޔާ ބުންޏެވެ.

“މަންމައަށް ކިހިނެއްވީ؟ އަހަރެން އިއްޔެ ގުޅިއިރުވެސް ނުބުނެ ބަލި ވާހަކައެއް…” ލެޕްޓޮޕުން ކުރަން އިން މަސައްކަތް މެދުކަނޑާލުމަށްފަހު ދާނިޔާއަށް ބަލާލީމެވެ.

“މިއަދު އަހަރެން ގުޅިން މަންމައަށް… ބުނި ބޮލުގައި ރިއްސާތީއޭ މި އުޅެނީ… މަންމަ އުޅެއެއްނު ދޭތެރެއަކުން ބޮލުގައި ރިއްސާތީ…” ދާނިޔާ ކިޔައިދިނެވެ.

“އަހަންނަށް ފެންނަނީ ޑޮކްޓަރަށް ދައްކަން…” ލެޕްޓޮޕް ލައްޕާލަމުން އަހަރެން ބުނީމެވެ.

“މަންމަ ގާތު ކިހާވަރަކަށް ބުނެވިއްޖެ؟ އެއްބަހެއް ނުވިއޭ… އަނެއްކާ މިރޭވެސް ތިވާހަކަ ދައްކާނީ…” ދާނިޔާ ބުނީ ތެދެކެވެ. މަންމަ ގާތު ޑޮކްޓަރަށް ދައްކަން ދާނިޔާ އެތައް ފަހަރަކު ބުނެފިއެވެ. އެކަމަކު ހަމަހިލާ މަންމަ އެކަމަށް އެއްބަހެއް ނުވިއެވެ.

ދާނިޔާގެ މަންމައަކީ ގޮތެއްގައި ހުންނަ މީހެކެވެ. އަހަންނާއި ދާނިޔާގެ ކައިވެންޏަށްވެސް ފުރަތަމަ ޤަބޫލެއް ނުވިއެވެ. ދާނިޔާގެ ލޯބި ހޯދުމަށްވުރެ، މައިދައިތަގެ ރުހުން ހޯދަން އަހަންނަށް އުނދަގޫވިއެވެ. އެތަކެއް ދުވަސްވަންދެން ކުރެވުނު ގިނަގުނަ މަސައްކަތުން ދާނިޔާ މަންމަގެ އިތުބާރު އަހަންނަށް ހޯދުނެވެ. މައްސަލައެއް ނެތްތާއެވެ. ކުރި މަސައްކަތް ބޭކާރެއް ނުވިއެވެ. އަހަރެމެންގެ ކައިވެނި ކުރެވުނީ ދާނިޔާގެ މަންމަގެ ރުހުން ލިބިގެންނެވެ. އެއީ ދާނިޔާވެސް ބޭނުންވިގޮތެވެ. މަންމަގެ ރުހުން ނެތި ކައިވެނި ކުރަން ދާނިޔާ ޤަބޫލެއްނުވިއެވެ. ދާނިޔާ ބޭނުންވާ ގޮތަށް ކޮންމެ ކަމެއް ކުރަންވެސް އަހަރެން ހުރީ ތައްޔާރަށެވެ.

ދަނބިދަރިއެއްގެ ގޮތުގައި އަހަރެން ބަލައިގެންފަހުން، ކަންކަމުގައި އަހަރެންގެ ޚިޔާލު ވަރަށް ގިނަ ފަހަރު މައިދައިތަ ބަލައިގަނެއެވެ. ނުވިތާކަށް އަހަރެން ކަމަކު ބުނެފިއްޔާ އެކަމަކަށް މައިދައިތަ ދެކޮޅެއް ނުހަދާނެއެވެ. މަންމައަށް ކޮން ފަންޑިތައެއް ހެދީހޭ ކިޔާ ދާނިޔާވެސް އަހަންނާއި ދިމާކުރާނެއެވެ. އެކަމަކު މައިދައިތަ ބުނާ ވާހަކައެއް އަބަދުވެސް އަހަރެން ހަނދާނުގައި ހުރެއެވެ. ދާނިޔާ އަހަންނާއި ހަވާލުކުރީ ވަރަށް އިތުބާރު ކޮށްފައެވެ. އަހަރެންގެ ސަބަބުން އެދަރިފުޅުގެ ލޮލުން ކަރުނަ އައިސްފިނަމަ، ދުވަހަކުވެސް އަހަންނަށް މާފުނުކުރާނެކަމަށްވެސް މައިދައިތަ ބުނެފައިވެއެވެ. އެވާހަކަތައް ހިތަށް އައުމުން އަހަންނަށް އިސްޖަހާލެވުނެވެ.

“އާލިފް… އާލިފް…” ދާނިޔާ އަހަރެންގެ އަތުގައި ހިފާ ކުޑަކޮށް ތަޅުވާލުމުން އަހަންނަށް ކުޑަ ސިހުމެއް ލިބުނެވެ.

“އަނ… ކީކޭ؟…” ދާނިޔާގެ މޫނަށް ބަލާލަމުން އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ.

“އާލިފް ކޮން ޚިޔާލެއްގައި؟….” ދާނިޔާ، އަހަރެންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ކަމަކާ ނުވިސްނަމޭ ބުނާ ކަހަލަގޮތަކަށް ބޮލުން އިޝާރާތެއްކޮށްލީމެވެ. ދާނިޔާގެ އަތުގައި ހިފާލަމުން ކައިރިއަށް ގެނެސް ބޭންދީމެވެ.

“ދާނިޔާ ދެން އެހާ ވަރަށް ނުވިސްނާ… މިރޭ މަންމަ ކައިރިއަށް ގޮސް ވާހަކަ ދައްކާނީ ދޯ… އަހަރެންވެސް ބުނާނަމޭ… ދެން އެނގިދާނެތާ ވާ ގޮތެއް…” އަހަރެން ދާނިޔާ ހިތްހަމަޖައްސައިދޭން ބުނެލީމެވެ. އިތުރު އެއްޗެކޭ ނުބުނެ ދާނިޔާ ހަމައެކަނި ބޯ ޖަހާލިއެވެ.

*****************

ދާނިޔާގެ މަންމަމެންގެއަށް ގޮސް ވަދެވުނުއިރު އަށްގަޑި ބައިވަނީއެވެ. ބެލް ޖަހާލުމުން، ދޮރު ހުޅުވާލީ ރަނާއެވެ. ދާނިޔާ ފެނުމާއެކު އޭނާގެ ގައިގައި އޮޅުލައިގަތެވެ.

“ދޮންތާ… ހާދަ ދުވަހެއް ކޮށްލާފައި…” ދުރަށްޖެހިލަމުން ރަނާ ސުވާލުކުރިއެވެ.

“ދޮންތަބޭ… ކިހިނެއްތަ؟” އަހަންނާއި ދިމާއަށް ބަލާލުމަށްފަހު ރަނާ ބުނެލިއެވެ.

“ދޮންތަ ފެނުނީމާ، އެހެންމީހަކު މަތިން ނުހުރެ ހަނދާނެއްދޯ… ދޮންތަބޭ ރަނގަޅޭ… ރަނާ ކިހިނެއްތަ؟” އަހަރެން ރަނާއާއި ދިމާކޮށްލުމުން، އޭނާ އަނގައަށް ގޮތެއް ހަދާލިއެވެ.

“އެހެނެއްނޫނޭ.. ދެން ދޮންތަބޭ މަތިން ހަނދާނެއް ނުނެތޭނެއެއްނު… ރަނާ ހަމަ ވަރަށް ރަނގަޅު…” ރަނާ ހެވިފައި ޖަވާބުދިނެވެ.

“ދެން އަހަރެމެން އެތެރެއަށްވެސް ނުވައްދާނަންތަ؟…” ދާނިޔާ ބުނެލިގޮތުން އަހަރެންވެސް ހިނިއައެވެ.

“އޯހް… ސޮރީ… ގެއަށްވެސް ވަންނަން ނުބުނެދޯ މަ މިހުންނަނީ… އަވަހަށް އާދޭ…”  ރަނާ އެއްފަރާތަކަށް ޖެހިލަމުން އަހަރެމެން ވަންނަން ތަން ދެއްކިއެވެ.

“ކޮބާ މަންމަމެން؟” ދާނިޔާ އެތެރެއަށް ވަންނަމުން ސުވާލުކުރިއެވެ.

“މަންމަ ކޮޓަރީގައި… ބައްޕަ އެބައިން ޚަބަރު ބަލަން…” ދޮރު ލައްޕާލަމުން ރަނާ ބުނެދިނެވެ.

“ބައްޕާ…” ސޯފާގައި ބައްޕަ އިންތަން ފެނުމުން ދާނިޔާ ބައްޕައަށް ގޮވާލިއެވެ. ސޯފާގައި އިށީންނަން ބުނުމަށްފަހު، ހިނިތުންވުމާއެކު ބައްޕަ އަހަރެމެންނާއި ވާހަކަ ދެއްކިއެވެ. އިރުކޮޅަކު ބައްޕައާއި ވާހަކަ ދައްކާލަން ތިބެފައި ދެން ދިޔައީ މަންމައާއި ބައްދަލުކުރާށެވެ.

“މަންމާ…” މަންމަ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ދެލޮލުން ވަރުބަލިކަން ފެންނަމުން ދިޔަނަމަވެސް، ދާނިޔާ ފެނުމާއެކު، އެ މަންމަގެ ތުންފަތަށް ވެރިވި ހިނިތުންވުން އަހަރެން ދުށީމެވެ. ދާނިޔާ ގޮސް މަންމަގެ ކައިރީގައި އިށީނެވެ. އަހަރެން އިށީނީ އެތާ ކައިރީގައި ހުރި ސޯފާގައެވެ. މަންމަގެ ބޮލުގައި ފިރުމާލަމުން، ދާނިޔާ މަންމަގެ ޙާލު އޮޅުންފިލުވިއެވެ. ޑޮކްޓަރަށް ދައްކަން ބުނާއިރަށް ވަގުތުން ދެކޮޅުހަދައިފިއެވެ.

“މިހާރު ކުރިއަށްވުރެ ރަނގަޅޭ… ޑޮކްޓަރަށް ނުދެއްކިއަސް ރަނގަޅުވާނެ…” މަންމަ ދިން ޖަވާބުން ދާނިޔާ އަހަރެންގެ މޫނަށް ބަލާލީ މާޔޫސްވެފައެވެ. އިޝާރާތުން ދާނިޔާގާތު ކަންބޮޑުނުވުމަށް ބުނެފައި، މަންމައަށް ގޮވާލަމުން އަހަރެންގެ ވާހަކަ ފެށީމެވެ. އެއީ ރަނގަޅުގޮތެއް ނޫންކަމަށް ބުނެ އަހަރެން މައިދައިތައާއި އެތައް ވާހަކައެއް ދެއްކީމެވެ. އެންމެފަހުން އެއްބަސްވީ މާދަމާ ރަނގަޅު ނުވެއްޖެއްޔާ ޑޮކްޓަރަށް ދައްކާނީކަމުގައެވެ. ދާނިޔާ ޝުކުރުވެރިކަމާއެކު އަހަންނަށް ބަލާލުމުން އަހަރެން ހިނިތުންވެލީމެވެ.

ކާން ހިނގާށޭ ކިޔާފައި މަންމަ ތެދުވަން އުޅުމުން، އަހަރެމެން އައީ ކައިގެން ކަމުގައި ބުނެފައި އެކަމުން މަނާވެގަތީމެވެ. މަންމަ އަރާމުކުރުމަށް ބުނުމުން، އެންމެފަހުން ރަނާއަށް ގޮވާ ގެނައެވެ. ދާނިޔާ ދެފަރާތަށް ބޯހޫރާލިއެވެ. އެގެއަށް އައިސްފިއްޔާ، ކައިގެން ނޫންގޮތަކަށް އަހަރެމެންނަށް ގެއިން ނުއެއް ނުކުމެވޭނެއެވެ. ރަނާ އައުމުން އަހަރެމެންނަށް ކާން ހަދައިދިނުމަށް ބުންޏެވެ. ކެއުން ހުރީ ތައްޔާރަށްކަމަށާއި، އޭނާއާއެކު އައުމަށް ބުނެފައި ރަނާ ކޮޓަރިން ނުކުތެވެ. އަހަރެމެން ދެމީހުންވެސް ރަނާގެ ފަހަތުން ހިނގައިގަތީމެވެ.

“ކާކު ކެއްކީ؟ ކޮއްކޮތަ؟” ދާނިޔާ އަހާލިއެވެ.

“ނޫން… ޖެހިގެން ހުރިގޭ ހަލީމައްތަ ކެއްކީ؟؟” އުނަގަނޑުގައި ދެއަތް ވިއްދާލައިގެން ހުރެ ރަނާ ބުނެލިގޮތުން އަހަރެން ކައިރިއަށްވެސް ހިނިއައެވެ. އަނގައަށް ގޮތެއް ހަދާލައިގެން ދާނިޔާ ހުއްޓެވެ.

“ދޮންތަ ހީކުރީ އަހަންނަށް ކައްކަން ނޭންގޭ ކަމަށްތަ؟ އަހަރެން ވަރަށް މޮޅުވާނެ ކައްކަން…” ފަޚުރުވެރިވެލާފައި ރަނާ ބުންޏެވެ.

“ހިނގާބަލަ ދެން ތި މޮޅު ކެއްކުމުގެ ރަހަ ދައްކާލަން އަހަރެމެންނަށް… އޭރުންތާ އެއްޗެކޭ ބުނަން އެނގޭނީ…” ރަނާގެ އަތުގައި ހިފަމުން ދާނިޔާ ބުނެލިއެވެ. ދެމީހުންގެ ފަހަތުން އަހަރެންވެސް ދިޔައީމެވެ.

*****************

“ކޮން އިރަކުން ފުރަނީ؟…” އަހަރެން ރަމީޒް ގާތު އަހާލީމެވެ.

“މިއަންނަ ހަފްތާގައި ފުރޭތޯ މިބަލަނީ… މިފަހަރު ޑޮކްޓަރަށް ދައްކަން ބުނެފައި އިން ދުވަހަށްވުރެ ލަސްވެސްވެއްޖެ…” ކޮފީތަށި މޭޒުމަތީގައި ބަހައްޓަމުން ރަމީޒް ޖަވާބުދިނެވެ. ރަމީޒްގެ ހަގު ދަރިފުޅަކީ ބަލި ކުއްޖެކެވެ. އެކި ފަހަރުމަތިން ރާއްޖޭގެ އެކި ޑޮކްޓަރުންނަށް ދައްކައިގެންވެސް އެދެވޭ ނަތީޖާއެއް ނުފެނުމުން، އެންމެ ފަހުން ރަމީޒް ދަރިފުޅު ގޮވައިގެން ދިޔައީ ރާއްޖެއިން ބޭރަށެވެ. އޭގެފަހުން، އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށް ބޭސްފަރުވާއަށް އަންހެނުންނާއި، ދަރިފުޅު ގޮވައިގެން ދެއެވެ.

ރަމީޒް ދަނީ ތިން ހަފްތާއެއްހާ ދުވަހަށެވެ. ހަޤީޤަތުގައި ބޭސްފަރުވާއެއް ކުރާކަށް މާގިނަ ދުވަހެއްނޫނެވެ. އެކަމަކު އަހަރެން ކަންބޮޑުވަނީ، ރަމީޒްއާއި ހަވާލުކުރެވިފައިވާ މަސައްކަތެއް ނިންމުމަށްޓަކައި އަހަރެން ރިންޒީއާއެކު މަސައްކަތް ކުރަން ޖެހޭނެތީއެވެ. ރިންޒީގެ ޙަޤީޤަތް އެނގުނުފަހުން، އަހަރެން ބަލަނީ ވީހާވެސް އޭނާއާއި ދުރުގައި އުޅެވޭތޯއެވެ. އެއް އޮފީހެއްގައި އުޅޭއިރު އެއްވެސް ވަރަކަށް ވާހަކަ ނުދައްކައެއްވެސް ނޫޅެވޭނެތާއެވެ. އެކަމަކު އަހަރެން ބަލަނީ ކޮންމެހެން ބުނަންޖެހޭ އެއްޗެއް ނޫނީ ނުބުނެވޭތޯއެވެ. މިވީގޮތުން އޭނާއާއި ވާހަކަ ނުދައްކާ ސަލާމަތްވެވޭނެ އެއްގޮތެއްވެސް ނޯންނާނެއެވެ.

*****************

އޭގެ ފަހުން ހަފްތާއެއް ފާއިތުވެގެން ހިނގައްޖެއެވެ. މައިދައިތަގެ ބަލިވެސް ރަނގަޅުވެއްޖެއެވެ. ބަދަލު ނުވަނީ އަހަންނަށް އުފުލަން ޖެހިފައިވާ ތަކްލީފްތަކެވެ. މިރޭވެސް ކައިގެން ކޮޓަރިއަށް ވަންގޮތަށް ނިއްކުރިމަތީގައި އަތް ބާއްވާލައިގެން އަހަންނަށް އޮވެވުނީ ފިކުރުބޮޑުވެފައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mai Naa

Level 3100 Login10 Stories100 Comments

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ އެއްވަނަބައި)

Next

ލޯބީގެ ހިނދުކޮޅު 7

Next
December 22, 2021

ލޯބީގެ ހިނދުކޮޅު 7

Previews
December 21, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ އެއްވަނަބައި)



All Right Reserved!