” ހިނގާ ދަމާ.. “ ހަފްލާ ނިމުމަކަށް އައުމުން ދިޔާން ބުނެލިއެވެ. ލިލިއަންވެސް ބޯ ޖަހާލަމުން ދިޔާން އާއެކު ހިނގައިގަތެވެ. ބައެއް މުވައްޒަފުންގެ ސަލާމްތައް ބަލައިގަންނަމުން ހަފްލާއިން ނިކުމެ ކާރަށް އެރުނު އިރު ލިލިއަންގެ ނަފްސަށް ވަރުބަލިކަން އިޙްސާސް ކުރެވެމުން ދިޔައެވެ.
ގެއާ ހިސާބަށް ކާރު އާދެވުމުން ލިލިއަން ބަލައިލީ އޭނާއާ ޖެހިގެން އިން ސީޓުގައި އިން ދިޔާން އަށެވެ. ފޯނާ ކުޅެން އިން ދިޔާން ކާރުން ފައިބަން ގަސްތު ކުރާހެންނެތް ހިޔެއް ނުވެެއެވެ.
” ޔާން.. ގެެއަށް އާދެވިއްޖެ..” ލިލިއަން ހީކުރީ ދިޔާން އަށް ކާރު ހުއްޓުނުކަން ނޭނގުނީ ކަމަށެވެ.
” އަހަރެން އަދި އެބަޖެހޭ ތާކަށްދާން.. ޖެފް މެން ބާއްވާ ނިއު އިޔަރ ޕާޓީ އެބައޮތް.. އެތަނަށް ވަދެނުލާ އެމީހުން ކުރެއް ނުކުރާނެ.. ” ދިޔާން އޭނާގެ ރަޙުމަތްތެރިއެއްގެ ނަން ހާމަކުރަމުން ބުނެލިއެވެ. ލިލިއަން އަށް ބަލައިލެވުނީ ގަޑިއަށެވެ. އޭރު ދަންވަރު އެކެއް ޖަހަން އުޅެނީއެވެ. އެއާއެކު ލިލިއަންގެ ނަޒަރު ދިޔާން އާ އަމާޒުވިއެވެ.
” މިހާ ލަސްވީމަ..؟” ދިޔާން ބުނި އެއްޗެއް ލިލިއަން އަށް ޤަބޫލުކުރަން އުނދަގޫވެފައިވާފަދައެވެ. ބޮޑު ހަފްލާއެއް ނިންމާފައި ދެމީހުންނަށް އަދިކިރިޔާ ގެއަށް އާދެވުނީއެވެ. މިހާރު ރޭގަނޑު މެންދަމުން އަނބުރައިފިއެވެ. އެހެނަސް ދިޔާން އަނެއްކާވެސް އެއުޅެނީ އިތުރު ކަމަކު ބޭރަށް ދާށެވެ. ލިލިއަން އަށް ދިޔާންގެ ރައްޓެހިންގެ ގޮތް ރަނގަޅަށް އެނގެެއެވެ. އޭނާގެ ނަޒަރުގައި އެމީހުންނަކީ ދުނިޔޭގެ އެއްވެސް ކަމަކަށް ޚިޔާލެއް، ފިކުރެއްދޭ ބައެއް ނޫނެވެ. އެއްވެސް ހަރުދަނާކަމެއް ، ޒިންމާދާރުކަމެއް އެމީހުންގެ ކިބައިން ލިލިއަން އަކަށް ނުފެނެއެވެ. އަހިވަކާ ޖެހި އަހިވަކެއް ފާވާނެއޭ ބުނާ އުސޫލުން ދިޔާންގެ އުޅުމަށް އެމީހުންގެ ސަބަބުން ނޭދެވޭ އަސަރެއް ކޮށްފާނެތީ ލިލިއަން ބިރުގަނެއެވެ. އެހެނަސް ދިޔާން އޭނާގެ ރަޙުމަތްތެރިންނާ އޮންނަ ގާތް ގުޅުންފެނި އެމީހުންނާ ދުރުވާށޭ ބުނެ ޚިޔާލު ފާޅުކުރަން ލިލިއަން ނުކުޅެދިފައިވެއެވެ.
” ލިން އަށް އެނގެއެންނު އެމީހުން ޕާޓީ ބާއްވަނީ ވަރަށް ލަސްކޮށްފަކަން.. އަހަރެން އެހާ ލަސްނުވެ އަންނާނަމޭ.. ލިން ދޭ އޮށޯވެލަން..” ދިޔާން ލިލިއަންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އިރުކޮޅަކަށް ލިލިއަން އަށް ދިޔާންގެ ލޮލާ ނަޒަރު އަމާޒުކޮށްގެން އިނދެވުނެވެ. ދިޔާންގެ ވާހަކައިގާ ވަނީ ތެދުތޯ އޭނާގެ މޫނުން ހޯދަން މަސައްކަތް ކުރަމުން ދިޔައެވެ. އެހެނަސް ލިލިއަންގެ ހަވަނަ ހިއްސު ބުނެދެމުން ދިޔައީ ތަފާތު ވާހަކަ ތަކެކެވެ. ދިޔާން މިރެއަކު ގެއަކަށް ނާންނާނެއެވެ. އޭނާ މުޅިރޭ ހޭދަކޮށްލާނީ އެކުވެރިންނާ އެކު މަޖާ ނެގުމުގައެވެ. ނުނިދި އެނދުގައި ދެއަތަށް ފުރޮޅި ފުރޮޅި އޮންނަންޖެހޭނީ އޭނާއެވެ.
ލިލިއަންގެ އެހުރިހާ ހީއެެއް އެރޭ ހަޤީޤަތަކަށް ވެގެން ދިޔައެވެ.
*************
” ކޮން ފިކުރެއްގަ..؟” ލިލިއަން އަށް ހޭވެރިކަންވީ ގޮނޑިއެއް ދަމާލި އަޑަށެވެ. އޭނާގެ ކައިރީ އިށީންނަމުން ރިޝްމީ ލިލިއަން އަށް ނަޒަރެއް ދިނެވެ.
” ކަމެއްނުވެ.. ރޭގަ ރަނގަޅަށް ނުނިދުނީމަ ކަންނޭނގެ.. މިއަދު ކުޑަކޮށް ކަންނެތްވެފަ އިނދެވެނީ..” ލިލިއަން މުޅިއަކުން ދޮގެއް ނަހަދައެވެ.
” ތިކަން އެނގިއްޖެއޭ.. އަހަރެން ކައިރިއަށް އައިސް ހުއްޓުނު އިރުވެސް ނޭނގުންވިއްޔަ.. ތި އިންނަނީ ކޮންމެވެސް އެހެން ކަމަކަށް ގެއްލި ހުސްވެފަ.. މިހާރު ހުރިހާ ގަޑިތައް ނިމުނީތަ..؟” ރިޝްމީ ގޮނޑީގައި ހަމަޖެހިލަމުން އޭނާ ގެނައި ފޮތްތައް މާކު ކުރަން ފެށިއެވެ.
” ނޫން.. އަދި އެބައިން އެއް ގަޑި.. އޭރަށް ނިމުނީ.. ” ލިލިއަންމެން އިށީނދެގެން ތިބި ސުކޫލު އިމާރާތުގެ ތިންވަނަ ފަންގިފިލައިގެ ޓީޗަރުންނަށް ހާއްސަކުރެވިފައިވާ ލޮބީއިން ސުކޫލުގެ ހުސްބިން ރީއްޗަށް ފެންނަމުން ދިޔައެވެ. އޭރު ތަންކޮޅެއް ދޮށީ އުމުރު ފުރައިގެ ކުދިންތަކެއް ކުޅިވަރެއް ކުޅުމަށް ތައްޔާރުވަމުން ދަނީއެވެ. ލިލިއަންގެ ނަޒަރު އެދިމާއަށް އަމާޒުވެފައިވީނަމަވެސް އޭނާގެ ސިކުނޑި ވަނީ މާ ދުރުގައެވެ. ދިޔާން އާއެެކުއެވެ. ދިޔާންގެ ޚަބަރެއް އަދިވެސް ނުވެއެވެ. އޭނާ ސުކޫލަށް ދާން ތެދުވިއިރުވެސް ދިޔާން ގެއަކަށް ނާދެއެވެ. މިއީ މިފަދަ ކަމެއްވީ ފުރަތަމަ ފަހަރު ކަމުން ލިލިއަން އިނީ ނުހަނު ކަންބޮޑުވެފައެވެ. އޮފީހަށް ގުޅީމަވެސް ބުނީ ދިޔާން އަދި އޮފީހަށް ނާންނަ ވާހަކައެވެ. އެކަމާ ހުރެ ލިލިއަން އަށް އޭނާގެ ވަޒީފާވެސް އެންމެ ފުރިހަމައަށް އަދާކުރަން ނުކުޅެދިފައިވެއެވެ.ކައިރީގައި އިނދެގެން ރިޝްމީ ލިލިއަން އާ އެކި ވާހަކަ ދައްކަމުން ދިޔައިރުވެސް އޭނާއަށް އެވާހަކަތަކަށްވެސް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ.
ދިޔާންގެ މެސެޖެއް އައީ ކުލާސްތައް ނިމި ގެއަށް ދާން ލިލިއަން ތައްޔާރުވަނިކޮށެވެ. ކުރަންހުރި ހުރިހާ މަސައްކަތެއް ހުއްޓާލަމުން އެ މެސެޖު ކިޔާލިއެވެ. އޭގައިވަނީ ލިލިއަން ނިމޭގަޑި އަހާފައެވެ. ލިލިއަން މިނިމުނީ ކަމުގައި ބުނުމުން ބަލާ މިއަންނަނީ ކަމުގައި ދިޔާން މެސެޖު ކޮށްލިއެވެ.
އަތްދަބަސް ހިފައިގެން ސިޑިން ފައިބައިގެން އައިސް ލިލިއަން ގޭޓުގެ ކުރިމަތީ ހުއްޓުނެވެ. ޓީޗަރު ފާސް ޖައްސާލުމާއެކު ސުކޫލުގެ ގޭޓު ހުޅުވިގެން ދިޔައެވެ. ދުވާރު މައްޗަށް ނިކުމެ ބަލައިލި އިރު ދިޔާންގެ ކާރު އައިސް މަޑު ކުރަނީއެވެ.
ލިލިއަން ކާރާ ދިމާއަށް ހިނގައިގަތެވެ. އެވަޤުތު ދިޔާން ކާރުގެ ދޮރު ހުޅުވާލަމުން ފޭބިއެވެ. ލިލިއަން އަށް ހުއްޓެވުނީ ދިޔާންގެ އަތުގައި އޮތް ބޮޑު މާ ގުލްދަސްތާ ފެނުމުންނެވެ. ހައިރާންކަން އެކުލެވޭ މޫނަކާއެކު ލިލިއަން އައިސް ދިޔާން ކައިރީ ހުއްޓުމާއެކު ދިޔާން އެމާ ބޮނޑި ލިލިއަން އަށް ދިއްކޮށްލިއެވެ.
” އައިމް ސޮރީ..” ފިޔާތޮށި ކުލައިގެ ޕިއަނީ މާތަކުގައި ލިލިއަންއަށް އިނގިލި ކުރި ޖައްސާލެވުނެވެ. އެ މާބޮނޑި ކިތަންމެހާވެސް ރީއްޗެވެ. ފުރިހަމައެވެ.
” އަހަރެން ހިޔެއް ނުކުރަން ޖެފް މެން ގޭގަ ނިދޭނެ ކަމަކަށް.. ސޮރީ.. ފޯނުވެސް ޗާޖު ހުސްވެގެން ނިވުނީ.. ” ދިޔާންގެ އަޑުގައިވަނީ ކުށްވެރިކަމެވެ.
” ޔާން އޮފީހުންތަ ތިއައީ..؟” ދިޔާން ރަސްމީ ހެދުމުގައި ހުރުމުން ލިލިއަން އަށް ސުވާލު ކޮށްލެވުނެވެ.
” އާން.. އޮފީހަށް ދެވުނީވެސް ތަންކޮޅެއް ލަހުން.. އައިމް ސޮރީ.. އަހަންނަށް މަޢާފް ކުރާނަންތަ..؟ ދެން އެކަހަލަ ކަމެއް ނުވާނެ.. އައި ޕްރޮމިސް..” ދިޔާންގެ އާދޭސް އެކުލެވިފައިވާ ބެލުން ލިލިއަންގެ ހިތް ފަތަހަ ކުރުމުގައި ކާމިޔާބު ހޯދިއެވެ. އޮފީހުގައި އެހާ ބުރަކޮށް އުޅެފައިވެސް އޭނާ ބަލާވެސް ދިޔާން އެއައީއެވެ. އެވެސް މަޢާފަށް އެދެން ރީތި މާ ބޮނޑިއަކާ އެކުއެވެ. އޭނާގެ މަޢާފް ހޯދަން ދިޔާން ބޭނުންވެފައިހުރި ވަރު އެހުރިހާ ކަމަކުން ދޭހަވަމުން ދިޔައެވެ.
” އިޓްސް އޯކޭ.. އެކަމަކު ދެން ފަހަރަކުންވެސް ފޯނު ޗާޖުކޮށްފަ ބާއްވައްޗޭ.. އަހަރެން ހާދަ ހާސްވިއޭ ހޭލިއިރު ޔާން ނެތީމަ.. ” ލިލިއަން ބުނެލިއެވެ.
” އައި ޕްރޮމިސް.. ދެން ނުވާނެ މިކަހަލަ ކަމެއް..” ދިޔާން ތަކުރާރުކޮށްލަމުން ލިލިއަންގެ ނިތްކުރީގައި ބޮސްދިނެވެ.
ކާރު ދުއްވަން އިން ދިޔާން އޭނާއާ ޖެހިގެން އިން ސީޓުގައި އިން ލިލިއަންގެ މޫނަށް ބަލައިލިއެވެ. މާތަކުގައި ނޭފަތް ޖައްސާލަމުން ވަސްބަލައިލި ލިލިއަންގެ ތުންފަތުގައިވަނީ ރީތި ހިނިތުންވުމެކެވެ. އޭނާގެ ޠަބީޢަތް ރަނގަޅުވެފައިވާކަން ޔަޤީން ވުމުން ދިޔާން އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
**********
ފްލައިޓުން ފައިބައިގެން އައި ޒުވާނާ އޭނާގެ ކޮނޑުގައި ބޯ އަޅައިގެން އޮތް ތިން އަހަރަށްދާ އަންހެން ކުއްޖާގެ ބޮލުގައި ފިރުމާލިއެވެ. އެރީވަލް އިން ނިކުމެގެން އައި އިރު އޭނާ ދަތުރުކުރާ ކާރު އޮތީ ތައްޔާރަށެވެ. ކާރަށް އަރާ ހަމަޖެހިލަމުން އޭނާގެ އުނގުގައި ކުޑަކުއްޖާ ބާއްވާލިއެވެ. ކުޑަކޮށް ދެލޯ ހުޅުވާލުމަށްފަހު އެކުޑަ ކުއްޖާ އެ ޒުވާނާގެ މޫނަށް ނަޒަރު ހިންގާލިއެވެ. އެއާއެކު ލޯތްބާއި ކުލުނުން ފުރިގެންވާ ނަޒަރެއް އޭނާ އެކުއްޖާއާ ހިއްސާކުރިއެވެ. އޭގެ ބަދަލުގައި އެ އަންހެންކުއްޖާ ޒުވާނާގެ އުނގުގައި ބޮޑަށް މޫނު ފޮރުވާލަމުން ދެލޯ މަރާލިއެވެ.
*******
ކުރިމަތިން ފެންނަން ހުރި ފުޅާ ގޭޓަށް އޭނާގެ ނަޒަރު ހުއްޓުނެވެ. އޭނާ އުޅެބޮޑުވި ގޭގެ ކުރިމައްޗަށް އައިސް އެ މަޑުކުރެވުނީ ހަތަރު ވަރަކަށް އަހަރު ފަހުންނެވެ. ތަފާތު އެތަކެއް ހަނދާންތަކެއް ސިކުނޑީގައި ކުއްލިއަކަށް އާލާވެގެން ދިޔައެވެ. ގޭޓުގެ ދޮރު ކެހިގެން ދިޔައީ އޭނާ އެފަދަ ޚިޔާލުތަކެއްގައި އިންދައެވެ.
ކާރު ގޮސް ޕޯޓިކޯގައި މަޑުކޮށްލުމާއެކު އޭނާ އެކުޑަ އަންހެންކުއްޖާ އުރާލައިގެން ފޭބިއެވެ. އަދިވެސް ނިދާފައި އޮތް އެ އަންހެންކުއްޖާ ހޭލާފާނެ ކަމުގެ ބިރަށް އެޒުވާނާގެ ކޮންމެ ހަރަކާތެއްގައިވީ ފަރުވާތެރިކަމެވެ.
” ޔަންގް މިސް ކޮޓަރިއަށް ގެންދަންވީތޯ..؟” ގޭގެ ޚާދިމާއަކު އެ ޒުވާނާގެ ކޮނޑުގައި ބޯ އަޅައިގެން އޮތް ކުޑަ ކުއްޖާއަށް އިޝާރާތް ކޮށް ސުވާލު ކުރިއެވެ.
” ނޫން.. އެކަން އަހަރެން ކޮށްލާނަން.. ކޮބާ މަންމަ..؟” ޒުވާނާގެ އަޑުގައިވެސް ވަނީ މަޑުމައިތިރިކަމެވެ.
” ކޮޓަރީގަހެން ހީވަނީ.. ގޮވާލަ ދެންވީތޯ..؟” އޭނާގެ ސުވާލަށް މިފަހަރު އެ ޒުވާނާ ބޯ ޖަހާލިއެވެ. އެއަށްފަހު އޭނާ ގޭތެރެއަށް ވަދެގެން ދިޔައެވެ.
***********
” މަންމަ ކައިރި އަންނަ ގަޑިއެއް ނުބުނޭވިއްޔަ.. ކޮބާ އެލީ.. ؟” ދިރާޝާ އަށް އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ފެނުމާއެކު ބުނެލިއެވެ. އޭނާ ދޭތެރެ ދޭތެރެއިން މާމަ ދަރިފުޅު ދެކިލުމަށް ރާއްޖޭން ބޭރަށް ދިޔަނަމަވެސް އެގެއަށް ދެބަފައިން އައުމުން ލިބުނީ ތަފާތު އުފާވެރިކަމަކާ ހިތްހަމަޖެހުމެކެވެ.
” ނިދިފަ އޮތީ.. ކޮޓަރީގަ ބާއްވާފަ މިއައީ.. ކޮބާ ދިޔާން..؟” އެ ޒުވާނާ ސުވާލުކޮށްލިއެވެ.
” ވާނީ އޮފީހުގަ.. މަންމަ ދިޔާން ކައިިރި ނުވެސް ބުނަން ދަރިފުޅު މިކޮޅަށް އަންނަ ވާހަކަ.. ފެނުނީމަ ހުންނާނެ ހައިރާންވެފަ..” ދިރާޝާ އުފަލާއެކު ފޯރީގައި ވާހަކަ ދައްކަމުން އޭނާގެ ދަރިފުޅަށް ނަޒަރެއް ދިނެވެ. އޭރު އެމޫނުގައިވަނީ ލުއި ހިނިތުންވުމެކެވެ. ފޮރުވިފައިވާ ހިތާމަވެރިކަމަކާއި އެކަނިވެރިކަން އެ ހިނިތުންވުމުގައިވާކަން އެ މައިވަންތަ ދެލޮލަށް ސިއްރެއް ނުވިއެވެ.
” ދަރިފުޅު މިކޮޅަށް އައީމަ ތި ދެކުދިންގެ ގުޅުންވެސް ވަރުގަދަ ވާނެ..” ކުއްލިއަކަށް ދިމާވި އެކްސިޑެންޓަށްފަހު ދެބެންގެ ދިރިއުޅުމަށްވަނީ އެތަކެއް ބަދަލެއް އައިސްފައެވެ. ދިރިއުޅެނީ އެތަކެއް މޭލު ދުރުގައެވެ. އޭގެ ސަބަބުން ދެބެންގެ ގުޅުން ހީނަރުވެފައިވާކަންވެސް ދިރާޝާއަށް އެނގެއެވެ. ދިރާޝާގެ ވާހަކަތަކަށް އޭނާ އިތުރު އެއްޗެއް ނުބުނެ ހަމައެކަނި ބޯ ޖަހާލަމުން ފުއްދާލިއެވެ. ދިރާޝާވެސް މަޢުޟޫ ބަދަލު ކޮށްލުމުގެ ގޮތުން އެހެން ވާހަކައެއް ފެށިއެވެ.
” ހިނގާ އެއްޗެއް ކާލަން.. ބަނޑުހައިވެފައެންނު ހުންނާނީ.. ” ދިރާޝާ އެދުނެވެ.
” މިހާރަކު ނޫން.. އެލީ ހޭލީމަ އޭނައާ އެކީ ކާނީ.. ދިޔާންވެސް އަންނާނެ އެންނު އިރުކޮޅަކުން..” ދަރިފުޅުގެ ޖަވާބު އަޑުއިވުމުން ދިރާޝާ އެންމެ ރަނގަޅު ކަމުގައި ބުނެލިއެވެެ.
***********
ސަރުކާރު ބަންދު ދުވަހެއް ކަމުން ލިލިއަން އަށް ގޭގައި ހޭދަކުރެވެން ވަޤުތު އޮތެވެ. މާޔޫސްވީ އެފަދަ ބަންދު ދުވަހަކީ ދިޔާން އަށް ޗުއްޓީ ދުވަހަކަށް ނުވާތީއެެވެ. އެހެނަސް ކަމެއްނެތި ފޫހިވެފައި ހުރުމުގެ ބަދަލުގައި އެފަދަ ދުވަސްތަކުގައި އޭނާ އެންމެ ޝައުޤުވެރިވެގެން ކުރާ މަސައްކަތަކީ ގަސް ހެއްދުމެވެ. އޭނާ ހާއްސަކަމެއްދީގެން އިންދާފައިވާ ލިލީ މާގަސްތައް ދޮށުގައި ލިލިއަން ހަރަކާތްތެރިވަމުންދިޔައެވެ. ކުރިން މިލާ މޯޅިވެފައި އިން ލިލީ މާގަސްވެސް މިހާރު ވަރުގަދައަށް ހެދި، މާ އަޅާ ބަރާވެއްޖެއެވެ. އެ މާހައުލުގައި އެކީ އެކައްޗަކަށް މިހާރު އޭނާ އިންދާފައިވަނީ ލިލީ މަލެވެ. ދިރާޝާއަށްވެސް އޭނާގެ އެމަސައްކަތް ނުހަނު ކަމުގޮސް ތަޢުރީފު ކުރިއެވެ. ހުރިހާ ގަހަކަށް ފެންދީ ނިމުމުން ލިލިއަން ހިންދެމިލިއެވެ. ގެއާވީ ފަޅިއަށް އެނބުރުމާއެކު ލިލިއަން ދިޔައީ ސިއްސައިގެންނެވެ. އޭނާއާ ދެތިން ފޫޓު ދުރުގައި މީހެއް ހުއްޓިގެން ހުރިތަން ކުއްލިއަކަށް ފެނުމުންނެވެ. އެހެނަސް ދެވަނަ ސިކުންތުގައި ލިލިއަންގެ މޫނު ފުރާލީ ހައިރާންކަމެވެ.
” ޔާން.؟” ޔަޤީންނުވެފައި ހުރި މީހެއްފަދައިން ލިލިއަން އަށް ކިޔާލެވުނެވެ. އެއާއެކު ދިޔާންގެ ދެލޮލުގެ ތެރޭގައި އުފެދުނު މަޑު ތުރުތުރުލުން ލިލިއަން އަށް ފެނުނެވެ. ދޭހަކުރަން އުނދަގޫ އަސަރުތަކަކާއެކު އޭނާއަށް ބަލަހައްޓައިގެން ހުރި ދިޔާންގެ ހަޤީޤަތް ރެއަކާ ލާން ލިލިއަން އަށް އިރުކޮޅެއް ނެގިއެވެ.
އެއާއެކު ލިލިއަންގެ ދެލޯ ބޮޑުވެ އަނގަ ހުޅުވިގެންދިޔައެވެ. ހައިރާންކަމާއެކު އެެތެރެއަށް ދަމާލެވުނު ނޭވާގެ އަޑު ލިލިއަން އަކަށް ސިއްރެއް ނުކުރެވުނެވެ.
އޭނާގެ ކުރިމަތީ ހުއްޓިގެން އެހުރީ ދިޔާން ނޫންކަމުގައި ބުނެ ސިކުނޑި ހަޅޭއްލަވައިގަތެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.







Heyy sis..
After a long time dhww.. cmnt nukuriyas kuri ekey ehgothah Hama baraabarah stry kiyan ingeyy?Vrhh salhi maashallah mi stry vx dhaa goiyy.. Kail n Rai ah vx baby eh libunyy dhww☺️☺️
Aslu dhiyaan eyy twince eh kanne.. Dhiyaan kanne aslu accident vee.. Lillian aa marry kuree Dhiyaan ge beybe kanne.. Maaya ah vx Dhiyaan thafaathu hn heevee ehnve.. Dhiraashaa ah Dhiyaan beybe ge lolun huss Kan fenunyy Lillian nethyma kanne.. Lillian ah vaudhu veema kanne Dhiyaan ge beybe marry kuree Lillian aa.. Dhiyaan wedding ah nugenaee vx ehnve kanne aslu.. serious Vrhh mi stry kuriah dhaa gothaa dheytherey☺️
Curiously waiting for the nxt part
Stay safe n Tc sis
Lysm❤️