
ސިއްރެއް ނުވާނޭ 1
އަހަންނަށް ހެދުނީ ގޯހެކެވެ. ނޫނެކެވެ. ކުރެވުނީ ވަރަށް ބޮޑު ކުށެކެވެ. އެކަމުގެ ސަބަބުން އަހަރެންގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. މިހާރު ހިތްހަމަޖެހޭ ގޮތަކަށް އެއްވެސް ކަމެއް ނުކުރެވެއެވެ. މީހަކާ ރަނގަޅަކަށް ވާހަކައެއް ނުދެއްކެއެވެ. ރޭގަނޑުގެ އަރާމު ނިދިން މަހުރޫމްވެފައި އެތައް އިރެއް ވަންދެން އޮވެވެއެވެ.
*****************
މިރޭވެސް މިއީ އެކަހަލަ ރެއެކެވެ. މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. އަދި މިއުޅެނީ ލޮލުފިޔަޖަހާނުލެވިގެންނެވެ. ކައިރީގައި ނިދާފައި އޮތް އަނބިމީހާއަށް ބަލާލެވުނެވެ. އެ މައުސޫމް މޫނު ފެނިފައި އަހަރެންގެ ހިތް ލޯބިން ފުރުނެވެ. ނުތަނަވަސްކަން ކުޑަވިހެންވެސް ހީވިއެވެ. ދާނިޔާގެ ބޮލުގައި ފިރުމާލުމަށްފަހު، އަނެއްކާވެސް ދެލޯ މަރާލީ ނިދޭތޯއެވެ.
*****************
ތައްޔާރުވެނިމިގެން އަހަރެން ނުކުތްއިރު ދާނިޔާ އިނީ ކާމޭޒުދޮށުގައެވެ. އޮފީހަށް ދާންވާއިރަށް އަހަންނަށް ސައި ތައްޔާރުކޮށްގެންނެވެ. ސައިބޮމުން ދިޔައިރުވެސް އަހަންނަށް އިނދެވުނީ ޚިޔާލަކަށް ގެއްލިފައެވެ. ހޭވެރިކަމެއްވީ ދާނިޔާ އަހަރެންގެ ކޮނޑުގައި ހިފާ ތަޅުވާލުމުންނެވެ. އެއްޗެކޭ ނުބުނީ ކީއްވެހޭ އެހުމުން އަހަރެން ދާނިޔާގެ މޫނަށް ބަލަން އިނީ ވާނުވާ ނޭންގިފައެވެ. އެ ހުރިހާއިރު ދާނިޔާ އަހަންނާއި ވާހަކަތަކެއް ދެއްކިކަންވެސް އެނގުނީ ދެނެވެ.
“އާނނ.. ކީކޭ؟” އަހަރެން ސުވާލުކުރީ ދާނިޔާ ދެއްކި އެއްވެސް ވާހަކައެއް އަހަންނަށް ނޭންގޭތީއެވެ. ދާނިޔާ ދެފަރާތަށް ބޯ ހޫރާލިއެވެ. އަޅާނުލާށޭ ބުނެފައި ތެދުވިއެވެ. އަހަރެން އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު، ގަޑި ޖެހޭކަން ހަނދާންކޮށްދިނެވެ. ފޯނު ނަގާ ގަޑި ބަލާލިއިރު ތެދެކެވެ. އަވަސްއަވަހަށް ތެދުވީމެވެ. ދާނިޔާއާއި ވާހަކަ ދައްކަން ބޭނުންވިޔަސް އެ ޚިޔާލު ދޫކޮށްލީ މަޑުކޮށްފިނަމަ، ގަޑި ޖެހިދާނެތީއެވެ. ގެއިން ނުކުތުމުގެ ކުރިން ދާނިޔާ އަހަރެންގެ ގަޔާއި ކައިރިކޮށްލަމުން އަވަހަށް އަންނާނެކަމަށް ބުނީ އޭނާގެ ހިތްހަމަޖައްސައިދޭންވެގެންނެވެ.
*****************
ކައިވެންޏަށް ތިން އަހަރުވެގެން ދިޔައިރު އަހަރެމެން ދެމެދުގައި އޮތް ލޯތްބަކަށް ބަދަލެއް ނާދެއެވެ. މައްސަލަ ނުޖެހޭ ވާހަކައެއް ނޫނެވެ. އެކަމަކު ދެމީހުން ވާހަކަ ދައްކައިގެން އެމައްސަލަތައް ހައްލު ކުރެވެއެވެ. ދާނިޔާއަކީ ކުދިކުދި ކަންކަމުގައި މާ ކަންތައް ބޮޑުކުރާ މީހެއް ނޫނެވެ. އަދި ދާނިޔާ ޝަކުވާކުރާނެ ފުރުޞަތެއް ނުދީވޭތޯ އަހަރެންވެސް މަސައްކަތްކުރަމެވެ. ޒަވާޖީ ޙަޔާތެއް ކާމިޔާބުކުރެވޭނީ، ދެމީހުންމެ އެއްވަރަކަށް ހިއްސާވެގެންނެވެ. އެކަކު އަނެކަކުގެ އިހްސާސްތައް ދެނެގަނެގެންނެވެ. ދާނިޔާއަކީ އަހަރެންގެ ނަސީބޭ ހިތަށް އަރައެވެ. އެއީ ކޮންމެ ކަމެއްގައިވެސް އަހަންނަށް އެހީތެރިކަންދީ އެއްބާރުލުންދޭ، ވަފާތެރި އަންބެކެވެ. ޙަޔާތުގެ ބައިވެރިއަކަށް ކޮންމެ މީހަކުވެސް ބޭނުންވާނެފަދަ ރަނގަޅު އަޚްލާޤެއް ލިބިފައިވާ ތެދުވެރި، ކެތްތެރި އަންހެނެކެވެ.
ފޮނި އުންމީދުތަކަކާއެކު ދެމީހުން އެކުގައި ފެށި ޙަޔާތުގެ މިހާ ހިސާބުން، ދެމީހުންގެ މެދުގައި ކޫސަނި މައްސަލަ ޖެހޭކަށް އަހަރެން ބޭނުމެއްނޫނެވެ. ފަހަކަށް އައިސް އަހަންނަށް އައިސްފައިވާ ބަދަލުތަކުން ދާނިޔާ ނުތަނަވަސްވެފައިވާކަން އަހަންނަށްވެސް އެނގެއެވެ. އޭނާގެ ހިތުގައި ސުވާލުވެސް އުފެދޭނެއެވެ. ދާނިޔާއާއި ޙަޤީޤަތް ހިއްސާކުރަން ޖެހިލުންވިޔަސް އޭނާ ހިތްހަމަނުޖެހިފައި ހުންނާކަށް އަހަރެން ބޭނުމެއްނޫނެވެ.
އޮފީހަށް ދެވެންދެންވެސް އަހަންނަށް ވިސްނެމުން ދިޔައީ އަހަރެންގެ ދިރިއުޅުމާ ދޭތެރޭގައެވެ. ކުރިއަށްވާނެގޮތެއް ލަފާކޮށްލަންވެސް ނޭންގެއެވެ. ކޮންމެގޮތެއްވިޔަސް މިހާރު ދިމާވެފައިމިވަނީ ދުވަހަކު އަހަރެން ޚިޔާލުވެސް ކުރި ކަމެއް ނޫނެވެ.
އޮފީހަށް ވަދެ އާދައިގެ މަތިން މަސައްކަތްތައް ފެށީމެވެ. ދިހައެއް ޖަހަނިކޮށް ކެބިންގެ ދޮރުގައި ޓަކިޖެހި އަޑު އިވުނެވެ. އެތެރެއަށް ވަންނަން ބުނި ވަގުތު އަހަރެންގެ ފޯނު ރިންގުވާންފެށިއެވެ. ފެނުނު ނަމަކުން ވަގުތުން މޫޑު ގޯސްވިއެވެ.
“ކިހިނެއްވީ؟” ކެބިންއަށް މީހަކު ވަންކަން އަހަރެން ހަނދާންވީ ވާހަކަ ދެއްކި އަޑު އިވުމުންނެވެ. ރަމީޒްއަށް އަހަންނަށް ވީގޮތް ފެންނާނެއެވެ. ނޭންގޭނީ އަހަންނަށް ގުޅީ ކާކުކަމެވެ. ފޯނު ނުނަގާ ތިއިނީ ކީއްވެތޯ ސުވާލުކުރީ ދެވަނަ ފަހަރުވެސް ރިންގުވާން ފެށީމައެވެ. މުހިންމު ކޯލެއް ނޫނޭ ބުނެފައި ފޯނު ސައިލެންޓަށްލީމެވެ. ކޮފީއަކަށް ދާން ބުނުމުން އަހަރެން އެއްބަސްވީ މިވަގުތު މިތާ އިނަސް މަސައްކަތަށް ސަމާލުކަން ނުދެވޭނެތީއެވެ. އަދި ކޮފީއެއް ބޯލުމުން މޫޑުވެސް ރަނގަޅުވެދާނެއޭ އަހަރެންގެ ހިތަށް އެރުމުންނެވެ. ކެބިންއިން ނުކުތުމުގެ ކުރިން ހަމަ އެނަންބަރުން މެސެޖެއް އައެވެ. އެކަމަކު އެވަގުތު ބަލަން ބޭނުންނުވާތީ އަޅާނުލީއެވެ.
ކޮފީ ބޯން ތިބިއިރު އެކި ވާހަކަތައް ދެކެވުނެވެ. ހުރިހާ ކަމެއް ރަނގަޅުތޯ ރަމީޒް އަހަންނާއި ސުވާލުކުރިއެވެ. ކިހިނެއްވީތޯ އަހަރެން އެހުމުން މިހާރަކަށް އައިސް އަހަންނަށް ކޮންމެވެސް ބަދަލުތަކެއް އައިސްފިހެން އޭނާއަށް ހީވާކަމަށް ބުންޏެވެ. މީހަކަށް އަހަންނަށް ބަދަލުތަކެއް އައިސްފައިވާހެން ހީވެދާނެތީ އަހަރެން ވަރަށް ކަންބޮޑުވެއެވެ. އެކަން ސިއްރުކުރަން އެހެންމީހުންގެ ކުރިމަތީގައި އާދައިގެ ގޮތަކަށް އުޅެވޭތޯ މަސައްކަތްކުރަމެވެ. އެކަމަކު އެކަން ކާމިޔާބުވެފައި ނުވާކަން ރަމީޒްގެ ވާހަކައިން އެނގިގެން ދިޔައެވެ.
ހިނިގަނޑެއް ޖަހާލުމަށްފަހު ތިއީ ރަމީޒަށް ހަމަ ހީވާގޮތޭ ބުނެފައި އާދައިގެ ގޮތަކަށް ވާހަކަތައް ބެހެއްޓޭތޯ މަސައްކަތްކުރީމެވެ. ކޮފީއިން ނިމިގެން އެނބުރި އައިއިރު، އަހަރެން ހުރީ ކުރިއަށްވުރެ ހަމަޖެހިފައެވެ.
“އާލިފް…” އަހަރެންގެ ނަމުން ގޮވާލި އަޑު އިވުމުން، އިސްއުފުލާ ބަލާލިއިރު ކުރިމަތީގައި ހުރީ ރިންޒީއެވެ. އޭނާއާއި ވާހަކަ ދައްކަން ބޭނުންނުވިޔަސް ކުރިމަތީގައި ހުރެފައި ގޮވާލީމާ އަޅާނުލާ ދާން އަހަރެން ބޭނުމެއް ނުވިއެވެ. އެހެންކަމުން ހިނިތުންވެލަމުން އޭނާއަށްވެސް ގޮވާލީމެވެ.
“މިހާރު ހާދަ ދުރުވެއްޖެއޭ… އަހަރެންދެކެ ރުޅިއައިސްފައިތަ؟” ރިންޒީ ސުވާލުކުރީ ދެރަވެފައި ހުރެއެވެ.
“ރިންޒީދެކެ ރުޅި އަންނަންޖެހޭވަރުގެ ކަމެއް ކުރިންތަ؟…” އެއްޗެއް ބުނަން އަނގަ ހުޅުވާލާފައިވެސް ރިންޒީ ހަނުހުރީ ކީއްވެގެންކަން އަހަންނަށް އެނގެއެވެ. އެއްގޮތަކުން ރަނގަޅެވެ. އަހަރެން ބުނަން ބޭނުންވާ ވާހަކަ ކުރިއަށް ގެންދިއުމުގެ ފުރުޞަތު އަހަންނަށް ލިބުނެވެ.
“ތެދެއް ބުނަން…. އަހަރެން ކޮންމެހެން އޮޅުވާލާކަށް ބޭނުމެއް ނޫން އިނގޭ…. ރިންޒީ ތިއުޅޭ ގޮތް އަހަންނަކަށް ކަމަކުނުދޭ… ރިންޒީ ތި ކަންތައް ކުރަނީ ރަނގަޅަކަށް ނޫން…. ދުރުވާންޖެހުނީ ކީއްވެގެންކަން ރިންޒީއަށް ރަނގަޅަށް އެނގޭނެ… ހީކުރަން އަންޑަސްޓޭންޑްވާނެކަމަށް…” އަހަރެން ދެއްކި ވާހަކަ އަޑުއަހާފައި ރިންޒީ އިސްޖަހާލިއެވެ.
ރިންޒީއަށް އިތުރު އެއްޗެއް ނުބުނެވެނީސް އަހަރެން އެތަނުން ދުރަށް ދިޔައީމެވެ. އެކަމާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަން އަހަރެން ބޭނުން ނުވާތީއެވެ. އަދި ހުރިހާ ކަމެއް އެނގުމަށްފަހު، ރިންޒީއާއި ކުރިން ބޭއްވި އެކުވެރިކަމުގެ ގުޅުން ބޭއްވުމަކީވެސް ރަނގަޅު ކަމެއްހެން އަހަންނަށް ހީނުވާތީއެވެ. ރިންޒީ ދެރަވިޔަސް އެކަމުގައި އަހަންނަށް ކުރެވޭނެ ކަމެއް ނެތެވެ. ގޮނޑީގައި ޖައްސާލިއިރުވެސް އަހަންނަށް ވިސްނެމުން ދިޔައީ އެކަމާއެވެ.
މަސައްކަތުގެ ތެރެއަށް ރަނގަޅަށް ވަދެވުނުތަނާހެން، ފޯނަށް އަނެއްކާވެސް މެސެޖެއް އައެވެ. ފޯނު ނަގާ ބަލާލިއިރު، ބައިވަރު މެސެޖްތަކެއް އައިސްފައި ހުއްޓެވެ. ވަގުތުން މޫޑު އޮފްވިއެވެ.
ރަމީޒްއާއެކު ބޭރަށް ނުކުތްއިރު، އިއްތިފާގުން އަހަންނަށް ދެވުނީ ފޯނު ބާއްވާފައެވެ. އެހެންވެ އޭރު މެސެޖްތަކެއް ފޮނުވިކަން ނޭންގުނީއެވެ. ގިނަ މެސެޖްތައް ހުރީ އެ ނަންބަރުންނެވެ. އަހަރެންގެ ޖަވާބެއް ނުލިބިގެން ފޮނުވާފައި ހުރި މެސެޖްތަކާއި ވީހާވެސް އަވަހަކަށް ގުޅުމަށް އެދި ކޮށްފައިވާ މެސެޖްތަކެވެ. ކިތަންމެ ކުރު މެސެޖްތަކެއް ނަމަވެސް އެއިން ކޮންމެ މެސެޖަކުން އަހަރެންގެ ހާސްކަމާއި ކަންބޮޑުވުން އިތުރުވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ.
(ނުނިމޭ)